އަބާ މުޙަންމަދު
4 މާރިޗް 2025
ޔޫކުރޭނުގެ ރައީސްގެ މަގާމުގައި ހުރި ވޮލޮޑީމީރް ޒެލެންސްކީ، ހާސްކަމާއި ކަންބޮޑުވުމުގެ ތިން ދުވަހަށް ފަހު، އެނބުރި މިހާރު ކިޔީވަށް އަތުވެއްޖެއެވެ. މި ކަންބޮޑުވުން ފެށުނީ ހުކުރުދުވަހު ވައިޓުހައުސްގައި އެމެރިކާގެ ރައީސްޑޮނަލްޑް ޓުރަންޕާއި، ޖޭޑީ ވޭންސާ އެކު ބޭއްވި ބައްދަލުވުން ހޫނުވެ ޒެލެންސްކީއަށް ވައިޓުހައުސް ދޫކޮށް ނުކުންނާން އަމުރުކުރުމާ ގުޅިގެންނެވެ.
އެކަމަކު މި ދިޔަ ހަފުތާ ބަންދުގައި ލަންޑަނުން އޭނާއަށް ހޫނު މަރުހަބާއެއް ކީކަމަށް ވެއެވެ. ލަންޑަނުގެ ޑައުންސްޓްރީޓްގެ ބޭރުން އިނގިރޭސި ބޮޑުވަޒީރު އޭނާއަށް މަރުހަބާކިޔެވެ. އަދި އިނގިރޭސި ރަސްގެފާނާ ވެސް ބައްދަލުކުރިއެވެ. އަދި އާދީއްތަ ދުވަހު އޮތް ވިލާތުގެ އިސްވާރުންގެ ސަމިޓުގައި ވަރުގަދަ ތާއީދެއް ޒެލެންސްކީއަށް އޮތްކަމަށް އަނަގަބަހުން ދެއްކިއެވެ.
ލަންޑަން ސަމިޓަށް ފަހު ސަރ ކެއަރ ސްޓާމާރ އިރުޝާދުދީފައިވަނީ ވިލާތުގެ އިސްވާރުން ޔޫކުރޭނުގެ ދިފާޢުގައި "އުންމީދީ އިއްތިޙާދެއް" އެކުލަވައިލުމަށެވެ. ނަމަވެސް މި އިއްތިހާދުގައި ބައިވެރިވާނެ ބަޔަކާއި ޚަރަދުކުރާނެ ބަޔެއްގެ އެއްވެސް ތަފުސީލެއް އޭނާ ހާމައެއް ނުކުރެއެވެ.
ޓުރަންޕާ އެކު ގެރިޒުވާބުކުރުމަށް ފަހު ހޮނިއިރު ދުވަހު ސިލްސިލާކޮށް މީސްމީޑިއާގައި ޒެލެންސްކީ ފުލުފުލުގައި ކުރި މެސެޖުތަކެއްގައި ބުނެފައިވަނީ "ޔުކުރޭނާއި އެމެރިކާއަށް ބޭނުންވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ތެދުވެރިކަމާ އެކު ސީދާސީދަލަށް ދެ ގައުމުގެ އަމާޒު ދެނެގަނެވުން"ކަމަށެވެ. އަދި ޔުކުރޭނު ފަޅީގައި އެމެރިކާ އޮވެދިނުމަށް ވަރަށް ބޮޑަށް އެދޭ ވަހަކަ ވެސް ބުންޏެވެ.
ހަފުތާ ބަންދުގައި ޒެލެންސްކީއާ އެކު، ބޭއްވި ގެރިޒުވާބަށް ފަހު، ރިޕަބްލިކަން ޕާޓީގެ މަޝްހޫރު ލީޑަރުން ޓުރަންޕަށް ތާއިދުކުރާކަން ހާމަކުރަމުން ގެންދިޔަ ނަމަވެސް މި ކަމާ ގުޅޭ ގޮތުން އަދި ޓުރަންޕު ކޮމެންޓެއް ނުކުރެއެވެ. އެހެންނަމަވެސް މި ކަމާ ކޮމެންޓުކުރި އެމެރިކާގެ ތަޖުރިބާކާރަކު، އެ ޒުވާބު ސިފަކުރީ އެ ދުވަސް އެއީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ކަޅުދުވަހެއްކަމުގައެވެ.
ހުކުރުދުވަހު ވައިޓުހައުސްގައި ހިނގި އަނގަބަހުގެ ކުރިމަތިލުމަށް ފަހު މީސްމީޑިއާގައި ޒެލެންސްކީއަށް ތާއީދުކުރާކަމަށް ވިލާތުގެ ގިނަ ލީޑަރުން ހާމަކޮށް މެސެޖުތައްކުރިއެވެ. ނަމަވެސް މި ތާއީދުން އިސްތިސްނާވާ އިސްވާރުންގެ ތެރޭގައި އިޓަލީގެ ބޮޑުވަޒީރު މިސް. ޖޯޖާ މެލޯނީ ހިމެނެއެވެ. އޭނާ ބޭނުންވަނީ ޓުރަންޕުގެ އިދާރިއްޔަތާ އެކު އޮތް ގާތް ގުޅުން އެ ގޮތުގައި ދަމަހައްޓާށެވެ. އަދި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓޯރ އުރުބާން "ސުލްޙައަށް ޓަކައި ކެރިވަޑައިގަތުމާއެކު ސާބިތުވެ ހުންނެވީތީ" ޓުރަންޕަށް ޝުކުރުއަދާކުރިއެވެ.
އާދީއްތަ ދުވަހު އޮތް ލަންޑަން ސަމިޓުގައި ވިލާތުގެ އިސްވާރުން ޒެލެންސްކީއަށް ބަހުން ތާއިދުކުރިއަސް އެ މީހުން ޢަމަލީ ގޮތުން އެ ކަން ކުރާނެ ގޮތުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ. އޭގެ ބަދަލުގައި ގިނަ އިސްވާރުން ހާމަކުރީ އަދިވެސް އެމެރިކާގެ ބައިވެރިވުމާއި ތާއީދަކީ އެ މީހުންނަށް ޒަރޫރަތެއްކަމަށެވެ. އެހެންކަމުން ޒެލެންސްކީ އެމެރިކާއަށާއި އިނގިރޭސިވިލާތަށް ކުރި ދަތުރަށް ފަހު، ގައުމަށް އެނބުރި އައީ ހުސްއަތާކަމަށް ދެންނެވިދާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
އިސްވާރު ނ. (1) އިސްކޮށް ހުންނަ މީހާ (2) ވެރިޔާ.
ތާއީދު ނ. އެހެން މީހަކު ބުނާ ބުނުމަކާ ނުވަތަ ކުރާކަމަކާ އެއްބައިވާ އެއްބައިވުން.
ގެރިޒުވާބު ނ. އެކަކު އަނެކަކަށް ދޫނުކޮށް، އެކަކުއަނެކަކު ރުޅިއެރުވުމަށް ކޮށްއުޅޭ ޒުވާބު.
ޒަރޫރަތް ނ. (1) ކޮންމެހެން ބޭނުންޖެހިފައިވާ ނުވަތަ ލާޒިމު ކަންކަން. (2) އެންމެ އަސާސީ ކަންކަން.