ad_banner
ކޮން މީހެއް؟ (2)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 މާރިޗް 2025

ކޮން މީހެއް؟ (2)

(2025 ފެބުރުވަރީ 26ވަނަ ދުވަހުގެ އަދަދާ ގުޅޭ)

ވިއްސަކަށް އަހަރަށްވުރެ ދޮށި ނުވާ ދެ އަންހެން ކުއްޖަކު ގޮވައިގެން ހަވީރު ހަތަރެއް ޖެހިތަނާ މޫސާފުޅުބެ ދާއޫދުގެ ކަންމަތީ ފިހާރައަށް އަތުވެއްޖެއެވެ. ދާއޫދު، ފިހާރައިގެ ނަންޖަހައިފައި ހުއްޓަސް އަދި ރަސްމީކޮށް ހުޅުވައި ވިޔަފާރި ނުކުރާތީ ފަހަރަކު ކުއްޖަކު ފިހާރައަށް ވައްދައިގެން ފާޑެއްގެ ބަސްދީގަތުމެއް ފިހާރައިގެ ތެރޭގައި ބާއްވައިފިއެވެ. ހުރިހައި ގޮތަކުން ބެލި އިރު ވެސް ދާއޫދަށް ކަމުދިޔައީ ނީނާ ކިޔާ ކުއްޖެކެވެ. ކަން ދިމާވި ގޮތުން ނީނާއަކީ މޫސާފުޅުބެއާ އެއް ބަނޑު އަންހެނެއްގެ ކުއްޖެކެވެ. ބޮޑު މުސާރައެއް ދޭ ނަމަ، ކަންމަތީ ފިހާރައިގައި އުޅެފާނެ ކަމަށް ދެ ކުދީން ވެސް އެއްބަސްވިއެވެ. މޫސާފުޅުބެ ހީކުރީ ނީނާއަށް ވަޒީފާ ހަމަޖައްސައިދޭން ދާއޫދު ނިންމީ، މޫސާފުޅުބެއާ ދާއޫދު ބާއްވާ ގާތްކަމުގެ ސަބަބުން ކަމުގައެވެ. ނަމަވެސް އެ ކަމުގެ ސަބަބަކީ ނީނާގެ އަޖާއިބެއްފަދަ ރީތިކަމާއި ބިޒިނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޭނާ ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމެވެ.

ކޮންމެއަކަސް އަދި ފިހާރަ ނުހުޅުވުނަސް ފިހާރަ ރަޖިސްޓަރީކުރުމާއި އެ ކަމާ ބެހޭ މަސައްކަތްތައް ވެސް ކުރާންޖެހިފައިވާތީ، ޖެހިގެން އައި ދުވަހުން ފެށިގެން ވަޒީފާއަށް ނުކުންނަން ނީނާއަށް އަންގައިފިއެވެ. ނުވަޔަކުން ހަތަރަކަށް މަސައްކަތްކުރާ ގޮތަށެވެ. މެންދުރު އެއް ގަޑިއިރުގެ ހުސްވަގުތުކޮޅެއް ވެސް ލިބޭ ގޮތަށެވެ. މަހަކު ފަންސަވީސް ހާސް ރުފިޔާއާއި އަހަރީ ބޯނަހުގެ އިތުރަށް ފިހާރައިގެ ވިހި އިންސައްތަ ހިއްސާ ވެސް ނީނާއަށް ދޭ ގޮތަށް އެއްބަސްވިއެވެ. ނަމަވެސް ފިހާރައިގެ ހިއްސާގެ ވާހަކަ އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާން އެއްބަސްވެއެވެ. އަދި ޙިއްޞާ ދިނުމުގެ ކަންތައް ހަމަޖައްސާނީ ނީނާގެ މަސައްކަތް ހުންނަ ގޮތް ވަޒަންކޮށް،  ދާއޫދު ހިތް ހަމަޖެހޭ ގޮތަށް މަސައްކަތް ކުރާ ނަމަކަމަށް ވެސް ނީނާއަށް ވަނީ އަންގައިފައެވެ.

(3)

މުނިސިޕަލް ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރި ޖަލްސާ

ހައްދުންމަތީ "ގަންފޮނަދޫ ސިޓީ"ގެ ދަށުގައި އޮންނަ މުންޑޫ މުނިސިޕަލް ކައުންސިލްގެ އާންމު ބައްދަލުވުމެއް މަދުވެގެން ކޮންމެ ތިން މަހަކުން އެއް ފަހަރު ބޭއްވުމަކީ ލޯކަލް ކައުންސިލްސް އޮތޯރިޓީގެ ޤާނޫނު ލާޒިމުކުރާ ކަމެކެވެ. މި ބައްދަލުވުމަކީ ކޮންމެހެން ރަށުގެ ރައްޔިތުންނަށް އޮންނަ ބައްދަލުވުމެއް ނޫނެވެ. ރަށުގައި ދިރިއުޅޭ ކޮންމެ މީހަކީ ވެސް މި ބައްދަލުމުގައި ބައިވެރިވާން ޖެހޭ މީހެކެވެ. އަދި މުނިސިޕަލް ކައުސިލަށް މެންބަރުން ހޮވާ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ވެސް އޮންނަނީ އެ ރަށެއްގައި ދިރިއުޅޭ މީހުންނަށެވެ. ރަށުގެ ރަޖިސްޓަރީގައި އޮތަސް ރަށުގައި ދިރި ނޫޅޭތާ އެއް އަހަރު ވެފައިވާ މީހުންނަކަށް އެ ރަށެއްގައި ވޯޓު ދިނުމުގެ ޙައްގެއް ނޯވެއެވެ. މި އުސޫލަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އެ ރަށެއްގައި އޮންނަ މުނިސިޕަލް ކައުންސިލަކުން ޚިދުމަތް ދޭނީ އެ ރަށެއްގައި އޭރަކު ދިރިއުޅޭ ބަޔަކަށެވެ. އެހެންވީމާ، އެ ބަޔަކަށް ޚިދުމަތްކުރާ ބަޔަކަށް ހޮވާން ޖެހޭނީ، އެ ބަޔަކު ބޭނުންވާ ބަޔެކެވެ. ރަށުގައި ދިރިއުޅޭ މީހުންނަށް ޚިދުމަތްކުރާނެ ބަޔަކު މާ ދުރުގައި ތިބޭ ބަޔެއްގެ ވޯޓުން ހޮވުމަކީ މި ފަދަ މީހުންގެ ނަޒަރުގައި ވަރަށް ބޮޑު ބޭއިންސާފެކެވެ. ނަމަވެސް މި އުޞޫލާ ދެކޮޅަށް ވާހަކަދައްކާ ބަޔަކު ވެސް އުޅެއެވެ. އެ މީހުންގެ ނަޒަރުގައި ކޮންމެ ތާކު ކިތަންމެ ދިގު މުއްދަތަކަށް އުޅުނަސް ރަށު މީހުންނަށް ރަށު ކައުންސިލް ހޮވާ އިންތިޚާބުގައި ވޯޓުދެވޭންވާނެއެވެ.

ކޮންމެއަކަސް އިސްވެ ދެންނެވުނު ގޮތުގެ މަތީން މުންޑޫ މުނިސިޕަލް ކައުންސިލުން މި އަހަރުގެ ފުރަތަމަ ކާލު[1]ގައި ބާއްވާ އާންމު ޖަލްސާ އޮތީ ހުކުރު ދުވަހު ހަވީރު ހަތަރެއް ޖެހި އިރުއެވެ. ޖަލްސާއަށް ފަހު ވަރުގަދަ ސައެއް ވެސް އޮންނަ ގޮތަށް އޮތީ ހަމަޖެހިފައެވެ.

ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފެއްޓުމަށްފަހު، ސެކްރެޓަރީ-ޖެނެރަލްގެ ކުރު ތަޢާރުފެއް އޮތެވެ. ތަޢާރުފަށް ފަހު ރައްޔިތުންނާ މުޚާޠަބުކުރައްވައި ޗީފްކައުންސިލާރ އަލްފާޟިލް އިބްރާހީމް ނަޢީމް ވާހަކަ ފައްޓަވައިފިއެވެ.

"ބިސްމިﷲ، ވައްޞަލާތު ވައްސަލާމް ޢަލާ ރަސޫލިﷲ!

މުންޑޫގެ ލޮބުވެތި ރައްޔިތުންނާއި މުންޑޫގައި ދިރިއުޅޭ އެންމެހައި ބޭފުޅުން!

އައްސަލާމު ޢަލައިކުމް!

އާދަކާދައިގެ މަތީން އަދި ޤާނޫނުގައި ވާ ގޮތުގެ މަތީން މިއީ ރައްޔިތުންނާ ބައްދަލުކުރުމުގެ ގޮތުން މި އަހަރު ބާއްވާ ފުރަތަމަ ޖަލްސާ. މި އަހަރުގެ ފުރަތަމަ ކާލުގެ ރަސްމީ ޖަލްސާ. މި ޖަލްސާއަށް ވަޑައިގެންދެއްވި ކަމަށްޓަކައި ތިޔަ ހުރިހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އެނގިވަޑައިގަންނަވާނޭ ފަދައިން އަދި ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން މި ޖަލްސާއަކީ ރަށުގައި ދެވޭ މުނިސިޕަލް ޚިދުމަތްތަކާ ބެހޭ ގޮތުންނާއި ރަށުގެ ކުރިމަގާ ބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޖަލްސާ. މި ދިޔަ އަހަރަކީ ﷲގެ ވާގިފުޅާއެކު ގިނަ ކަންތައްތަކެއް ކުރެވުނު ފާގަތި، އަރުތަވެރި އަހަރެއް. ތިޔަ ލޮބުވެތި ރައްޔިތުންނާއި، ދީލަތި ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއެކު މި ރީތި މާލަން ބިނާކުރެވުނީ ވެސް މި ދިޔަ އަހަރު". ޖަލްސާ ކުރާން ތިބި މާލަމުގެ ވަށައިގެންނާއި މައްޗަށް ކަޅި ހިންގަވައިލެއްވުމަށް ފަހު ނައީމްގެ ވާހަކަ ކުރިޔަށް ގެންދެވިއެވެ. "އަޅުގަނޑުގެ ވާހަކަ ދިގު ނުކޮށް ތިޔަ ބޭފުޅުންގެ ޚިޔާލުފުޅުތަކަށް ތަންދިނުމުގެ ގޮތުން އަޅުގަނޑު ކުރުކޮށްލާނަން. ކޮންމެ ބޭފުޅަކު ވެސް ވާހަކަފުޅު ދައްކަވާން ބޭނުންފުޅުވީމާ އަތްޕުޅު އުފުއްލަވައިލައްވާ! އޭރުން އެ ބޭފުޅެއްގެ މައިކް މި ކޮޅުން އެސްޖީ އޮންކޮށްލައިދެއްވާނެ. ކޮންމެ ބޭފުޅަކަށް ވެސް ލިބިވަޑައިގަންނަވާނީ ގިނަވެގެން ތިން މިނިޓް.  ޝުކުރިއްޔާ!"

އެންމެ ފުރަތަމަ ވާހަކަދައްކާން ފުރުޞަތު ހޯދީ ޢަލީ އާދަމެވެ. ރަށުގެ ގިނަ މީހުން ދަންނަ ގޮތުން "ވޯޓަރޓޭންކް" އަލިފުޅުބެއެވެ.

"ޝުކުރިއްޔާ، ޗީފް ކައުންސިލާރ! ނަޢީމްގެ ޒައާމަތުގައި މުންޑޫއަށް ގެނެސްދެއްވާ ގިނަގުނަ ތަރައްޤީއަށްޓަކައި ޝުކުރުދަންނަވަން. އެކަމަކު މަކަށް ނެއިގޭޅަ މާ ރީތިކޮށް މާލޭ ބަހުން ވާހަކަދައްކާކަށް. އެހެންވޫމާ ދެން މަ ވާހަކަދައްކާނޫ ރަށު ބަހުން. "އަލިފުޅުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ވަރަށް ބޮޑަ މައްސަލައެއް މަ އެބޮތް އަދު ހުރަހަޅާން. މަ މިޔޯ މި ރަށު ފިހާރައެއް ހަދައިގެން އޮޅުނު މީހެއްކަން ނައީމަށް ވެސް އެނގޭޅަ. އެކަމަކު އެޔޯ މި ރަށު މީހުންގެ ތަރުހީބު އޮތް ކަމެއް ނޯން. އަހަގުންނަށް މާ ރަނގަޅަ ގަންފޮނަދޫ ސިޓީއިން ނޯނުއްވާ މާބައިދޫން އެއްޗެއް ގަނެލުއްވާ! މި ރަށު މި އޮންނަ އަމާންކަމަށް ބުރޫއަރަން ކަމަކަށް ވާނޫ އަނެއްކާ މި ރަށު ފިހާރައެއް ހޮޅުވައިފުއްވާ!  އެހެންވޫމާ މި ރަށު އެއްވެސް ފިހާރައެއް ހޮޅުވާން ހުއްދަދޭކަށް މަކަށް ނުފެނެއި. އެހެންވެގެން އެ ވާހަކަ ބޮނެލޫ. ޝުކުރިއްޔާ!"

އެހެން މީހަކު ވެސް ވާހަކަދައްކާން ފުރުޞަތު ހޯދައި ރަށުބަހުން ފަށައިގަތެވެ. "އަލިފުޅުގެ ވާހަކައަށް ތާއީދަކެރަން. މި ރަށަށް އައި ބޭރު މީހަކު ކައުންސިލުން ހުއްދަ ވެސް ނުހޯދައި މިހާރު މިރަށު ފިހާރައެއް ހޮޅުވައިފި. އެކަން ހުއްޓުވާންޖެހޭޅަ." 

މޫސާފުޅުބެ ވާހަކަދައްކާން ފެށިއެވެ. "މިޔޯ ކޮސްވަން ކަހަލަ ވާހަކަދައްކަން ބަޔެއް. މީހަކު މި ރަށު ފިހާރައެއް ހޮޅުވޫމާ އެ ކަން ހުއްޓުވާންވޫ ކިޔެއް ވެގެން؟ އެޔޯ ރަށަށް ލިބެން ކުރުއެރުމެއް ނޯންތެ؟ އެކަމުން އުފެދޭންވޫ ކޮން ހަމަނުޖެހުމެއް! މި ދައްކަން ވާހަކަޔަކުން މަ ހަމަ ކޮސް ވެއްޖެ."

"އެޔޯ ތެދެއް." އެހެން މީހަކު ފުރުޞަތު ހޯދައިގެން މޫސާފުޅުބެއަށް ތާއީދުކޮށްފިއެވެ. "މަށް ފެނެނޫ މި ރަށު ފިހާރައެއް ހޮޅުވުމަކޫ ވަރަށް ފައިދާހުރިކަމެއްހެން."

މިހާ ހިސާބުން ރިޔާސަތުން ޗީފު ކައުންސިލާރ ނަޢީމް ވާހަކަދައްކާން ފެއްޓެވިއެވެ. "އަޅުގަނޑަށް ހީވަނީ މި ރަށު ފިހާރަ ހުޅުވާން އުޅުއްވާ ބޭފުޅާ ވެސް މި ޖަލްސާގައި އެބަ އިންނެވިހެން. އޭނާ ފިހާރަހުޅުއްވާން ގަސްތުކުރައްވާ ގޮތާއި އެ ކަމުން ރަށަށް ލިބޭނެ ފައިދާއަކާއި އޭނާގެ މަޤުޞަދާ ބެހޭ ގޮތުން އެއްޗެކޭ ވިދާޅުވާން ފުރުޞަތު އަރުވައިފައި ދެން އޭގެ ފަހުން އެހެން ބޭފުޅުން ވާހަކަފުޅު ކުރިޔަށް ގެންދެވިއްޔާ ޖަލްސާ ތަންކޮޅެއް ކުރުވެދާނެކަމަށް ފެނޭ. އެންމެ ރަނގަޅުތޯ؟" ޗީފް ކައުންސިލާރ ނައީމް ވިދާޅުވިއެވެ.

އެކި ދިމަދިމާއިން "ތާއީދު ތާއީދޭ" ގޮވައިލި އަޑު އިވުނެވެ.

"ކޮބައިތޯ ފިހާރަ ހުޅުއްވަން އުޅުއްވާ ބޭފުޅަކީ؟" ޗީފް ކައުންސިލާރ ސުވާލުކުރެއްވިއެވެ؟ "އެ ބޭފުޅަކު ކޮއްޅަށް ތެދުވެވަޑައިގެން ދެއްވައިފާނަންތޯ؟"

ނަޢީމްގެ ވާހަފުޅާ ގުޅިގެން ދާއޫދު ކޮޅަށް ތެދުވެ އަތް ހިއްލައިލިއެވެ.

"ކީކޭތޯ ރައްޔިތުންގެ ކަންބޮޑުވުމާ މެދު ވިދާޅުވާނީ؟" ނައީމް ސުއާލުކުރެއްވިއެވެ."ފައްޓަވާން ތިޔަ އުޅުއްވާ ވިޔަފާރިއާ ބެހޭ ތަފްޞީލެއް ދެއްވައިފާނަންތޯ؟" މިހެން ވިދާޅުވެފައި ދާއޫދު އިން މޭޒުގެ މައިކް އޮންކޮށްލާން އެސްޖީއަށް ނައީމް އިޝާރާތް ކޮށްލެއްވިއެވެ.

"އައްސަލާމް ޢަލައިކުމް. ވަރަށް ބޮޑަށް ޝުކުރިއްޔާ!" ދާއޫދު ވާހަކަދެއްކާން ފެށިއެވެ. "އަޅުގަނޑު މި ރަށުގައި ދިރިއުޅޭން ގަސްތުކުރީ މި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި ރަށުގެ ހަމަހިމޭންކަމާއި ރަށުގައި ކުށްކުރާ މީހުން ނޫޅޭ ކަމުގެ ޚަބަރު އިވިގެން. ހަމަ ހަމަޖެހޭ އަރާމު ދިރިއުޅުމެއް ވޭތުކޮށްލާން ކަމަށް. އަޅުގަނޑު ކުރާން ގަސްތުކުރަނީ ހަމަ ޖެނެރަލް ގުޑްސްގެ ވިޔަފާރިއެއް. މާނައަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހައި އެއްޗެއް ވެސް ވިއްކާށޭ އަޅުގަނޑު ގަސްތުކުރަނީ. ރައްޔިތުންނަށް ލިބޭނެ ފައިދާ އަކީ ސިޓީއިން ނުވާތަ މާލެއިން ގަންނާން ލިބޭ އަގަށް ވުރެ ހުރިހައި އެއްޗެއް ވެސް އަގު ހެޔޮކޮށް ލިބޭން ހުރުން. އަޅުގަނޑު މުދާ ގެންނާނީ ސީދާ ރާއްޖެއިން ބޭރުން މި އަތޮޅަށް. ބަލްކްކޮށް ގެންނާނީ. މި ދެންނެވީ ގަނޑުކޮށް ގިނަ އަދަދަކަށް ގެނެސްގެން ގަނޑުކޮށް އެހެން ވިޔަފާރިވެރީންނަށް ވިއްކާނަމޭ. ގާދޫ ބަނދަރުގައި މިހާރު ވެސް އޮންނާނެ އަޅުގަނޑުގެ މުދާ ހިފައިގެން އައި ބޯޓެއް. އަޅުގަނޑުގެ އަމާޒަކީ މި އަތޮޅު އެކަކު ވެސް ވިޔަފާރިކުރާން މާލެ ދާން ނުޖެހޭ ގޮތް ހެދުން. ރައްޔިތުންނަށް ލިބޭނެ އަނެއް ފައިދާއަކީ ރަށުގެ އުފެއްދުންތައް އަޅުގަނޑު ގަނެފައި ކުޑަ ފައިދާއެއް ލުމަށްފަހު ފަތުރުވެރީންނަށް ވިއްކައިދޭނަން. އޭރުން އާމްދަނި ލިބޭނެ ދޮރެއް ރައްޔިތުންނަށް ހުޅުވައިލެވުނީ. އަދި އިޖުތިމާޢީ ޒިންމާގެ ދަށުން ކުޅިވަޅުކުޅޭނެ އެކުވެންޏެއް ވެސް އަޅުގަނޑު ޤާއިމުކުރުމުގެ ވިސްނުމެއް އެބަހުރި."

މިހާ ހިސާބުން ރިޔާސަތުން ސުވާލެއް އުފައްދަވައިފިއެވެ. "މި ރަށުގައި ވަރަށް މީސްކޮޅު މަދު. ކިހިނެއްތޯ ތިޔަހާ ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރެއްވޭނީ. މި ރަށު މި އިންނެވި އަލިފުޅު ވެސް ވިޔަފާރި ހުއްޓައިލެއްވީ މުދާތައް ނުވިކި ފިހާރަ ބަނގުރޫޓުވެގެން."

"އަޅުގަނޑު މި ކަން މި ކުރަނީ ފީސިބިލިޓީ ސްޓަޑީއެއް ވެސް ހަދައިފައި. ހުރިހައި ދިރާސާއެއް ހަދައިގެން. ހުރިހައި ތަދުބީރެއް ވެސް ކޮށްގެން. މި ރަށުގައި މީހުން މަދަސް، އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި އަތޮޅުގައި ތިރީހަކަށް ހާސް މީހުން އެބައުޅޭ. އަޅުގަނޑުގެ އަމާޒަކީ ހުރިހައި އެންމެން ވެސް މާލެ ދިޔުމުގެ ބަދަލުގައި މި ރަށަށް އައުމުގެ މަގު ފަހިކުރުން. އޭރުން ވިޔަފާރީގެ އިތުރު ދޮރުތަކެއް މި ރަށުގައި ހުޅެވޭނެ. ރެސްޓޮރަންޓް، ކެފޭ، ހޮޓާ ފަދަ ތަންތަން ހިންގޭނެ. ރަށުން ބޭރަށް ގޮސް ތިބި އެތައް ޒުވާނުންނެއް އެނބުރި މި ރަށަށް އަންނާނެ. މި ރަށުގެ ކުރިމަގު އަޅުގަނޑަށް ފެންނަނީ ވަރަށް އުޖާލާކޮށް.

"އަޅުގަނޑަށް ހީވަނީ ދާއޫދު، ދާއޫދުތޯ ކިޔަނީ." ނައީމް ކުރެއްވި ސުވާލަށް ދާއޫދު ބޯޖަހައިލިއެވެ. "އަޅުގަނޑަށް ހީވަނީ ދާއޫދު މި ރަށުން ކާވެންޏެއް ކުރައްވަން ގަސްތުކުރައްވަނީހެން. މީ ސަމާސާ. އަޅުގަނޑު އެބަ އޮތް އަދި އެންމެ ސުވާލެއް. މި ރަށުގެ އުފެއްދުންތަކުގެ ވާހަކަ ވިދާޅުވިހެން ހީވި. އެއީ ކޮން ވާހަކަފުޅެއްތޯ؟ ތަފުސީލެއް ދެއްވައިފާނަންތޯ؟"

"އާދެ! ރަނގަޅު ސުވާލެއް. އަޅުގަނޑު މި ދެންނެވީ މިސާލަކަށް މި ރަށު މީހުން ވަރަށް ފަރުމަސް ބާނައި. އަޅުގަނޑަށް ހީވަނީ ހުޅުނބުޖަހައި ކަށިނަގައި ސާފުކޮށް ޕެކެޓްކޮށް ފްރިޖްކޮށްގެން މާލެއަށް އަދި މި އަތޮޅުގެ ރަށްރަށަށް ސަޕްލައިކުރެވޭނެހެން. އަދި މި ރަށު މޫސާފުޅުބެ ވަރަށް ރީތި އެއްޗިހި ފަނުން ވިޔެހަދާކަން އެނގޭ. އެ ފަދަ ތަކެތި ފަތުރުވެރީންނަށް ވިއްކޭނެ. އަޅުގަނޑު އެ ހުރިހައި އެއްޗެއް ގަންނާނަން. އިހި ހުއިފިލަނޑާ. މި ފަދަ އެއްޗިހި ވެސް ގަނެ ބޭރުކުރެވިދާނެ. އެކަމަކު ކަޅުބިލަމަސް ގަންނާކަށް އަދި އަޅުގަނޑު ގަސްތެއް ނުކުރަން އަދިއެއް."

"ސާފުވެއްޖެ. ޕްލޭން ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ފެންނަނީ. އަދި ހުރިހައި ކައުންސިލަރުން ވެސް ތިޔަ ޕްލޭނަށް ތާއީދުކުރައްވާކަމަށް އެބަ ވިދާޅުވޭ." ދާއޫދުގެ ވާހަކަތަކާ މެދު ވަރަށް ހިތްޕުޅު ހަމަޖެހިގެން ނައީމު ތާއީދުކުރެއްވިއެވެ. "އެހެން ބޭފުޅަކު އެއްޗެއް ވިދާޅުވާން އެބަ އޮތްތޯ؟"

މާލަމުގެ އެކި ދިމަދިމާއިން "ތާއީދު ތާއީދު"ގެ އަޑު ގުގުމައިގެންދިޔައެވެ. ކުރީން އެކަމާ ދެކޮޅުހެދި އަލިފުޅު ވެސް އިތުރު އެއްޗެއް ނުބުނެއެވެ. ހިމޭނުން އިނީއެވެ.

ދެން ޖަލްސާގައި ވާހަކަދެކެވުނީ ކައުންސިލުން މި ދިޔަ އަހަރުގެ ފަހު ހަ މަސް ދުވަހު ކުރިކަންތަކާއި މި އަހަރު ފުރަތަމަ ހަ މަސް ދުވަހަށް ރޭވިފައި ހުރި ކަންތައްތަކާ ބެހޭ ގޮތުންނެވެ. ދާއޫދުގެ ފިހާރަޔާ މެދު މީހުން ޝައުޤުވެރިވެފައި ތިބިވަރުން އިތުރު ސުވާލުގެ ވަގުތުގައި ވެސް ހަމަ އެކަކު ވެސް ސުވާލެއް ނުކުރިއެވެ. ލާނެތް މީހަކު "ދެން އަވަހަށް ޖަލްސާ ނިންމައިލައިފައި ސައިބޯން ދާންވޫއެއް ނޯންހޭ" ބުނެލިއެވެ.

"އަޅުގަނޑަށް ހީވަނީ މި ޖަލްސާ ދެން ނިންމައިލާންވީހެން. ވަރަށް ކާމިޔާބު ބައްދަލުވުމަކަށް ވީކަމަށް އުންމީދުކުރަން. ހުރިހައި ބޭފުޅުންނަށް ވެސް ބާއްޖަވެރި ދުވަސްތަކަކަށް އެދެން." ނައީމް ޖަލްސާ ނިންމައިލައްވާން ވާހަކަފުޅު ދެއްކެވިއެވެ. "ހުރިހައި ބޭފުޅުން ވެސް ބޭރުގައި ތައްޔާރުކުރެވިފައިވާ ސައިފޮދަށް އިންސާފުކޮށްދެއްވުން އެދެން. ޖަލްސާ ނިމުނީ. ވައްސަލާމް ޢަލައިކުމް."

***

ރައްޔިތުންނާ ބައްދަލުކުރި ޖަލްސާއަށް ފަހު މުންޑޫ ރައްޔިތުންނާއި މުނިސިޕަލް ކައުންސިލްގެ މެންބަރުން ވެސް ދާއޫދަށް ކުރާ އިޙުތިރާމް އިތުރުވެއްޖެއެވެ. މި ކަން ދާއޫދަށް ވެސް އިޙުސާސްކުރެވެއެވެ. ނަތީޖާއެއްގެ ގޮތުން ފިހާރަ ރަޖިސްޓަރީކުރުމުގެ ކަންކަން އަވަހަށް ނިންމާން ނީނާއާ ޙަވާލުކޮށްފިއެވެ. އަދި ފަޅު ގޯއްޗެއް ފަހުން ގަންނަ ގޮތަށް ކުއްޔަށް ހިފައި ބޮޑު ގުދަނެއް ހެދުމުގެ މަސައްކަތް ވެސް މޫސާފުޅުބެއާ ގުޅިގެން ކުރިޔަށް ގެންދާން ނީނާއާ ޙަވާލުކޮށްފިއެވެ. 

ނީނާ މަސައްކަތްކުރާންޖެހެނީ ޖެނެރަލް މެނޭޖަރުގެ ހައިސިއްޔަތުންނެވެ. ނަމަވެސް ނީނާގެ މަޤާމަކީ ސޭލްސް ސުޕަރވައިޒަރެވެ. ކުރީން ގަންފޮނަދޫ ސިޓީގައި ނީނާ މަސައްކަތްކުރީ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައެވެ. އެހެންކަމުން މަޤާމުގެ ކުރިއެރުމާއެކު ބޮޑު މުސާރައިގައި ރަށުގައި މައިންބަފައިންގެ ގާތުގައި މަސައްކަތްކުރެވޭތީ ނީނާގެ އިތުރަށް އެ ޢާއިލާގެ އެންމެން ވެސް ތިބެނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ނީނާގެ ހިންގުންތެރިކަމުގެ ސަބަބުން އޭނާއަކީ އެ ދާއިރާއަށް ލޯހުޅުވިފައި ހުރި ކުޅަދާނަ ކުއްޖެއްކަން ދާއޫދަށް ފާހަގަކުރެވެމުން އައި ވަރަކަށް އޭނާގެ ހިތުގައި ނީނާއަށް ކުރެވޭ އިތުބާރު ބޮޑުވަމުން އެބަ އާދެއެވެ. ނީނާ ވެސް މަސައްކަތްކުރަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދައްކައިގެން އޭނާގެ މަސައްކަތް ދާއޫދު ބަލައިގަންނަ ފެންވަރަށް ގެންދެވޭތޯއެވެ. ނީނާގެ މަސައްކަތު ގަޑި ހަވީރު ހަތަރެއްޖަހާ އިރު ނިމުނު ކަމުގައި ވިޔަސް ކޮންމެ ރެޔަކު ވެސް ނުވައެއް ޖަހާއިރު، މަސައްކަތުގެ ޚުލާޞާ ޙިއްޞާކުރާން ފިހާރައަށް އަންނާން އޮންނަނީ ހަމަޖެހިފައެވެ. ބޭނުމަކީ އެ ދުވަހެއްގެ މަސައްކަތް ހިނގި ގޮތާއި މާދަމާގެ މަސައްކަތާ ބެހޭ ގޮތުން ދާއޫދަށް މައުލޫމާތު ދިނުމެވެ. މި ގޮތަށް މަސައްކަތްކުރަމުން އައި އައިހެން ނީނާގެ ހިތުގައި ވެސް ދާއޫދަށް ޚާއްޞަ ގަދަރެއް ދެވެން ފަށައިފިއެވެ. ދާއޫދުގެ ފެޝަނާއި ދާއޫދު ޖަހާ ސެންޓްގެ ވަހަކީ ނީނާއަށް ވަރަށް ގަޔާވާ އެއްޗިއްސަށް ވާހެން ޚުދު ނީނާއަށް ވެސް އިޙުސާސްކުރެވެން ފަށައިފިއެވެ.

ދާއޫދަކީ ނީނާއަށް ވުރެ 15 އަހަރު ދޮށި މީހެއް ނަމަވެސް ބަލައިލާން އެއީ ހަމަ ވަރަށް ހިތްގައިމު ޒުވާނެކެވެ. އަދި ނީނާއަށް ކުރާ ގަދަރާއި ބުނާ ބަހުގެ އިތުބާރާއި ގަޑިއަށް ކަމޭހިތުމާއި ސާފުތާހިރުކަމާއި، ބަސް މަދުކަމާއި މި ހުރިހައި ސިފަތަކަކީ ނީނާގެ ހިތް ދާއޫދުގެ މައްޗަށް ލެނބޭން މެދުވެރިވި ސަބަބުތައްކަމުގައި ވެއްޖެއެވެ.

***

ދާއޫދު ހީކުރި ވަރަށް ވުރެ މާ އަވަހަށް ނީނާގެ މަސައްކަތް ނިންމައި ދާއޫދަށް ރިޕޯޓްކޮށްފިއެވެ. ކުއްޔަށް ހިފި ގޯތީގައި ތައްޔާރުކުރި ބޮޑު ގުދަނުގެ މަސައްކަތް މުޅީން ނިމިއްޖެއެވެ. ދެތިން މީހަކަށް ތިބެވޭ ވަރުގެ ކުޑަ އޮފީހަކާއެކު ތައްޔާރުކުރި މި ގުދަން ވަރަށް ފުރިހަމައެވެ. ތަރުކާރީއާއި މޭވާއަށް ޚާއްޞަކޮށްފައިވާ ބައެއް ވަކީން ހުރެއެވެ. އަދި ވަރަށް ބޮޑެތި ދިހަ ޑީފްރީޒަރ ބަހައްޓާން ތައްޔާރުކުރި ބަޔާއި ކާޑުގެ ބާވަތްތައް ރައްކާކުރާ ބަޔާއި ލަކުޑިއާއި ހާޑްވެއަރގެ ބާވަތްތަކަށް ޚާއްޞަކުރިބައި ވެސް ހުރީ ވަރަށް ފުރިހަމައަށެވެ. އެއަރކޯން ކުރަންޖެހޭ ބައިތައް ވަނީ އޭސީ ހަރުކޮށް ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ. މި ހުރިހައި މަސައްކަތެއް ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައިލެވިއްޖެއެވެ.

ގުދަން ބަލައިލުމަށްފަހު ދާއޫދު އިތުރު މަސައްކަތެއް ނީނާއާ ހަވާލުކުރިއެވެ. ފަސް އެޓެންޑެންޓުންނާއި  ސޭލްސް އެސިސްޓެންޓުންނާއި މެސެންޖަރަކު ހޯދާށެވެ. އަދި މުސާރައިގެ ގޮތުގައި ކަނޑައަޅާނެ މިންވަރެއް ނީނާ ނިންމުމަށްފަހު، މިރޭ ބްރީފިންގ ގަޑީގައި ހިއްސާ ކުރާން ހަވާލުކުރުމަށްފަހު ހަމަ މާދަމައިން މާދަމައަށް މީހުން ހޯދުމުގެ ކަންތައް ހަމަޖައްސާން ވެސް އެންގިއެވެ.

(4)

މިނިސްޓަރެއް

ދާއޫދު އޭނާގެ ވަޢުދު ފުއްދައިފިއެވެ. އަތޮޅުން ނުލިބޭހާ އަގުހެޔޮކޮށް މިހާރު ކަންމަތީ ފިހާރައިން މުދާ ގަންނާން ލިބެއެވެ. ރަށު މީހުން ވެސް ތަފާތު ތަކެތި އުފައްދައި ދާއޫދަށް ވިއްކާން ފަށައިފިއެވެ. އެ ތަކެއްޗަށް ރަނގަޅު އަގު ލިބޭތީ މުންޑޫގެ ތަނަވަސްކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ނަތީޖާއެއްގެ ގޮތުން ރަށު އެންމެން ވެސް ދާއޫދަށް ވަރަށް ބޮޑަށް ގަދަރުކުރެއެވެ. ނަމަވެސް އެއްވެސް މީހަކު ދާއޫދު ދިރިއުޅޭ ގެޔަށް ގޮހެއް ނޫޅެއެވެ. ދައުވަތު ވެސް ނުދޭތީއެވެ. އަދި ދާއޫދު ވެސް ގޭގެއަށް ގޮހެއް ނޫޅެއެވެ. މީހަކު ދަޢުވަތު ދިނަސް ވަރަށް ޝުކުރު އަދާކޮށްފައި ބިޒީކަމުގެ ބަހަނާގައި އެ ގެޔަކަށް ނުދެއެވެ. (ނުނިމޭ)


ލަފުޒެއްގެ މާނަ:


[1]  ހަތަރު ބައިކުޅަ އެއް ބައި

ކޮމެންޓު