ޝާއިޢުކުރީ: އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 ފެބްރުވަރީ 2025
ބަނދި ހެއްދެވީ: ސާދުނާ ޢަބްދުލްކަރީމް
_______________________________________________________________________________________________
ނޯޓު: މިއީ ސާދުނާ ޢަބްދުލްކަރީމް ހައްދަވައިފައިވާ ބަންޖެކެވެ. ބަނދި ބައެކެވެ. ކޮންމެ ބަންޖެއްގައި ހަތަރު މިސްރާ އޮތް ނަމަ ވެސް ޖާގަ ސަލާމަތްކުރުމަށް ޓަކައި މި ބަނދި ބައި ލިޔެފައި މި ވަނީ ކޮންމެ ދެ މިސްރާއެއް އެއް ފޮޅުވަތުގައެވެ. މިކަމަށް ޓަކައި ސާދުނާއާއި ކިޔުންތެރީންގެ އަރިހުން މާފަށް އެދެމެވެ.
______________________________________________________________________________________________
ކުއްޅަވަކާ ފަލުން ކަނޑޫ، އިރުކޮއްތަށް ގެންނާނޭ
ގަރުދިޔަޔާ ކާށި ހުނި، ލައި މޮޑެގެން ކައިލާނޭ
ހިއްތަލައާ ކައްޓަލައާ، ވިހަލަގޮނޑި، އަރާރޫޓާ
މާ ކަމުދާ މި ދަނޑިއަލުވި، ބިންކޮނެގެން ނަގައި ކަޔޭ
އޮޅުއަލަޔާ މާއަލަޔާ، ބަނބުކޭލާ ކަށިލޭލާ
ހަނޑޫ ނެތަސް މާ ކަމުދާ، މީރު ކެއުން ކައި އުޅުނޭ
ބިންބި، ދޮނޮޅަ، ޒުވާރިޔާ، ދަނޑުބިމުގައި ހެއްދިޔޭ
ވަނުން ކަނޑައި ތޮށި ނައްޓައި، ކާއެއްޗެހި އުފެއްދިޔޭ
ބޯށިފަތާ ފަނިދިރިފަތު، މަސްހުނި މޮޑެ އިހު އުޅުނޭ
މާބުޅަލާ ޅޮސްފަތުގައި ، ރިހަ ކައްކައި ކައި އުޅުނޭ
މަސްކާއްޓާ ކުއްޅަފިލާ، ދިޔާހަކުރު ޅަގަބުޅިޔާ
ރިހާކުރާ ކިހަވައް ވެސް، މީރުވެގެން ކައި އުޅުނޭ
އޮޅުއަލަޔާ ބަނބުކޭލާ، ކައްޓަލަ ވެސް ކައްކާނޭ
ފިހެލައިގެން ތެލުލައިގެން، ކެއުމުން އަދި މާ މީރޭ
ތެލުލީމާ ގިނަ ދުވަހަށް، ހަލާކު ނުވެ ހުންނާނޭ
ބަނބުކެޔޮ ނަމަ ހިއްކައިގެން، ނުމޫސުމަށް ފޮރުވާނޭ
ފާ ބަނބުކެޔޮ މާ މީރޭ، ފާކުރުމަށް ވަޅުލާނޭ
ފާކުރުމަށް ދުންއެޅުމުން، މާ އަވަހަށް ފާވާނޭ
ޅަ ގަބުޅިޔާ ކާށީ ހުނި، ރުކު ހަކުރާ ރާހުތުގައި
ސުފުރާގައި އަތުރާނޭ، ބާވަތްތައް އުފެއްދިޔޭ
ފިހުނުމަނާ ދޮންކޭލާ، ކިރު ހަކުރާ ބަތާ ވަރެއް
ރޯދަމަހުގެ ހާރު ދަމަކު، ނުލިބޭނޭކަމަށް ބުނޭ
ހުތް މަސްކާށި މަސްކުރޮޅި، އަޅައިލުމުން ބަތްފެންފޮދު
މީރުކަމުން އިފުޠާރަށް، މާ ކަމުދާކަމަށް ވެޔޭ
އީދެއް ނަމަ ކުނބުސް އަޅައި، ބޯކިބަލާ ފޮޅި ފިހެލައި
ބޮނޑިބަތް ތާސް ކައްކައިލައި، ކުކުޅުގެ ރިހައި ކުޅުހިލުވައި
ބަލިވީމާ އިހު މީހުން، ރުކުރާ ވެސް ކުރުނބާ ފެން
ކިރުހަކުރާ ލުނބޯ ފަނީން، ވަރުޖައްސާން ބޯންދޭނޭ
ކަށިކޭލާ އަރާރޫޓު ފަނި ކައްކައި ބޯންދޭނޭ
ފުފުލުގެ ކަނދި، ކަށިހެޔޮ ކަނދި، ބަތްޕެން ވެސް ބޯންދޭނޭ