ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
3 ނޮވެންބަރު 2026
މިއަދަކީ ނަސްރުގެ ދުވަހެވެ. ނަސްރުގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުއެވެ. މިއަދަކީ އެ ދުވަހެވެ. ނަސްރު ދުވަހާ ބެހޭ ގޮތުން އެއްޗެއް ލިޔުމުގެ ދައުވަތު ލިބުމުން، އެ ކަމަށް އިޖާބަދީ، ދުވަހުގެ މުނަސަބަތާ މެދު ލިޔާނެ އެއްޗަކާ މެދު ވިސްނައިލުމުން، ދެތިން ކަމެއް ހިތަށް އެރައެވެ. މި ދުވަސް، ނޮވެންބަރު ތިނެއްގައި ފާހަގަކުރެވެނީ ކީއްވެގެންކަން ހަނދާންކޮށްލުމެވެ. މި ދުވަސް ޚާއްސަކުރެވެނީ ކާކަށްތޯއާއި އޭގެ މާނައަކީ ކޮބައިތޯ ބަލައިލުމެވެ. ދެން، ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބިގަނެވޭ އިބުރަތަކީ ކޮބައިތޯ ސުއާލުކޮށް އެ ސުއާލުގެ ޖަވާބެއް ވެސް ހޯދުމެވެ. ނޮވެންބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެގެން ކުރެވުނީ ކޮން ކަމެއްތޯ ވެސް އަހައިލައި އެ ސުއާލުގެ ޖަވާބެއް ވެސް ހޯދުމެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާ ހިނގީ 1988ވަނަ އަހަރުއެވެ. އެ އަހަރު ނޮވެންބަރު ތިނެއްގައެވެ. ރާއްޖޭގެ މުވާތިނަކުކަމުގައިވި އަބްދުﷲ ލުތުފީ އިސްނަގައިގެން، އޭނާގެ ބަހަށް، އޭނާގެ ރައްޓެހި ހަތަރު ފަސްމީހަކު އޭނާއާ ބައިވެރިވެ، މިބައިމީހުން، ސިރީލަންކާގައި އެ ދުވަސް ވަރު، އެ ތަނުގެ ސަރުކާރާ ދެކޮޅަށް މަދަނީ ހަނގުރާމައެއް ކުރިއަށް ގެންދަމުން ދިޔަ ޓެމިލް ޓައިގާރސްގެ ޖަމާއަތުގެ ޣައިރުގާނޫނީ ނުރަސްމީ އަސްކަރީ ބަޔަކު، ރާއްޖެ ގެނެސް، އެ މީހުންގެ އަސްކަރީ އެހީގައި، ރާއްޖޭގެ ވެރިކަން ބަދަލުކޮށްލުމުގެ ޣަދަރުވެރި ޢަމަލެއް ހިންގީ މި ތާރީޚުގައެވެ. މި ހާދިސާގައި ރާއްޖޭގެ ރަސްމީ އަސްކަރީ އެތައް ބޭކަލަކާއި އަދި މަދަނީ އެތައް ބަޔަކު ވެސް ޝަހީދުވިއެވެ. މީގެ އިތުރަށް، އިމާރާތްތަކަށާއި މުދަލަށް ވެސް ގެންލުން ލިބުނެވެ. މި ހާދިސާ ހިނގީ 1988ގެ ނޮވެންބަރު ތިނަކަށް ވެފައި އެ ދުވަހުގެ ޣަދަރުވެރި އުދުވާނީ ހަމަލާ ބަލިކޮށް، ދިވެހިންނަށް ނަސްރު ލިބުމުން، އެ ހާދިސާއަށް ފަހު، އެ ދުވަސް، ކޮންމެ އަހަރެއްގެ ނޮވެންބަރު ތިނެއްގައި، ފާހަގަކުރެވެނީއެވެ.
ނޮވެންބަރު ތިނެއްގެ ޣަދަރުވެރި ހާދިސާގައި ޝަހީދުވި އަސްކަރީ ބޭކަލުންނަކީ އެ ދުވަހުގެ ނުރައްކާތެރި ހާދިސާއާ ކެރިގެން ކުރިމަތިލައްވައި، ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން، އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ޝަހީދުވެ ދިޔަ ބޭބޭކަލުންނެވެ. މީގެ ތެރެއިން އަޅުގަނޑުމެން އެންމެންގެ ގައުމީ ވައުޔުގެ، (ކޮންޝަންސްގެ) ހޭލުންތެރިކަމުގެ، ހަނދާނުގައި މިއަދު ހަރުލައިފައި ހުރި އެއް ބޭކަލަކީ މަރުހޫމު ކޯޕުރަލް ޝަހީދު ޙުސައިން އާދަމެވެ. މީގެ އިތުރަށް އެ ދުވަހު ޝަހީދުވެ ދިޔަ ދިވެހި ސިފައިންގެ އެހެން ބޭކަލުންނަކީ ލެފްޓިނެންޓު މޫސާ އަޙުމަދާއި، ސާޖަންޓު ކުޑަ އާދަމް ކުޑަތުއްތުއާއި، ސާޖެންޓު އާދަމް ނަޞީރާއި ކޯޕުރަލް ޙުސައިން މުޙައްމަދާއި ކޯޕުރަލް މުޙައްމަދު އިބުރާހިމާއި ކޯޕުރަލް މުޙައްމަދު ޙަސަނާއި ކޯޕުރަލް ޢަބްދު ﷲ ޒުހައިރެވެ.
އެ ދުވަހުގެ ޣައްދާރުންގެ ރޭވުމަކަށްވީ މާލެ އަރައި ރާއްޖޭގެ ސިފައިންގެ މައިމަރުކަޒު ހިފުމެވެ. މި ކަން ކުރެވުމުން، މުޅި ރާއްޖެ އެ މީހުންގެ ބާރުގެ ދަށަށް ގެނެވި، އެ މީހުންގެ މަގުސަދު ހާސިލުވާނެތީއެވެ. އެ ދުވަހު، މި ކަން ނުވުމަށް މެދުވެރިވި މައިގަނޑު އެއް ސަބަބެއްކަމަށްވީ މަރުހޫމު ކޯޕުރަލް ޝަހީދު ޙުސައިނު އާދަމްކަމަށް ދެންނެވިދާނެއެވެ. ސާބިތުކަމާ އެކު، އޭނާގެ މަގާމު ދޫކޮށްނުލައްވައި، ވަރަށް ކެރިވަޑައިގެން، އޭނާ ޝަހީދުވެގެން ބިން މައްޗަށް ވެއްޓިވަޑައިގަތުމަށް ދާންދެން، ސިފައިންގެ މައިމަރުކަޒު ދިފާއުކުރެއްވުމުގައި އޭނާ ދެމިހުންނެވުމުންނެވެ. މީގެ އިތުރަށް، މި އުދުވާނީ ހަމަލައާ ކުރިމަތިލެއްވި ދިވެހި އެހެން އަސްކަރީންގެ މުހިންމު ދައުރު ވެސް، ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާ ނާކާމިޔާބުކޮށްލުމުގެ ސަބަބުކަމުގައި ވެއެވެ. މި މަސައްކަތުގައި، މަރުހޫމު ޝަހީދު ޙުސައިން އާދަމުގެ އިތުރަށް ވެސް، ޝަހީދުވެވަޑައިގަތް ދިވެހި އަސްކަރީ އެހެން ބޭކަލުންނަކީ ވެސް އެ ބޭކަލުންނާ ހަވާލުވެފައި އޮތް ވާޖިބު އަދާކުރެއްވުމުގެ ޢަމަލީ މަސައްކަތުގައި އުޅުއްވަނިކޮށް ޣަދަރުވެރި އުދުވާނީ ބަޑީގެ ހަމަލާތަކުގެ ޝިކާރައަށްވެ، ޝަހީދުވީ ބޭކަލުންނެވެ. ޚާއްސަ ގޮތެއްގައި، އެ ކަމަކީ އެ ބޭކަލުންގެ ނަފުސު ނުރައްކަލުގެ ތެރެއަށް ހުށަހަޅައިލެވިގެންދާނޭ ކަމެއްކަން އެނގި ތިއްބަވައި، އެ ދުވަހުގެ 'ރެކޯ ޕެޓްރޯލުގައި'، އެހެން ގޮތަކަށް ދަންނަވާ ނަމަ، ކަންތައްތައް ހިނގަމުންދާ ގޮތް ހޯދުމުގެ 'ރެކޮނައިސާންސް'ގެ ފާރަވެރި ބުރުގައި ބައިވެރިވެވަޑައިގެން، ޝަހީދުވި ބޭކަލުންނެވެ. މި އެންމެ ބޭކަލުންނަށް ހެޔޮ ރަހުމަތްލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ!
އެ ދުވަހު، އަޅުގަނޑުމެންނާ ވަކިވެ ދިޔަ، މަދަނީ ބޭފުޅުން، ވަކިވެދާން ޖެހުނީ، އެކިއެކި ސަބަބުތަކާ ހުރެއެވެ. ބައެއް ބޭފުޅުން، އަވަހާރަވީ، އެ ބޭފުޅުންގެ ވަޒީފާގެ ވާޖިބު އަދާކުރުމުގެ ގޮތުން، ހެނދުނުހެނދުނާ ވަޑައިގަންނަވާން ޖެހޭ ސަރުކާރުގެ އޮފީސްތަކަށް ވަޑައިގަތުމުގެ މަގުމަތީ އުޅުއްވާން ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. ނިއުޅެމުން ދިޔަ ދުވަހުގެ ހާދިސާތަކުގެ ފީތާގެ ނުރައްކާތެރިކަން، ކުޑަކޮށް ވެސް އިހުސާސުވެ، އެނގިވަޑައިގެންފައި ނެތީމައެވެ. އަނެއް ބައި ބޭފުޅުންނަކީ، އެ ބޭފުޅުންގެ ދުވަހުގެ އާދައިގެ މަތީން ކަންތައްތައް ކުރައްވާން އުޅުއްވުމުގެ ތެރޭގައި، ނޭނގި ތިއްބަވައި، ނުރައްކަލުގެ ތެރެއަށް ނަފުސު ހުށަހަޅައިލެއްވުނު ބޭފުޅުންނެވެ. އަދި، މީގެ އިތުރަށް، އަނެއް ބައި ބޭފުޅުންނަކީ އެ ދުވަހު، ޣަދަރުވެރި ޚާއިނުން، ނުހައްގުން ހިފައި ހައްޔަރުކޮށްގެން ގެންދިޔަ މަދަނީ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުންނެވެ. ޣަދަރުވެރި ޚާއިނުންގެ މި ބައިގަނޑު، ދިވެހި އާގުބޯޓެއް ކަނޑުފޭރިގަނެގެނެ، މި ދެންނެވި މަދަނީ ބޭފުޅުން ރަހީނުންގެ ގޮތުގައި ހައްޔަރުކޮށް ގެންގޮސް، ޣަދަރުވެރި ޚާއިނުންގެ ބައިގަނޑު މާޔޫސީ ހާލަތަކަށް ގޮސް، ސަލާމަތްވުމަށް ޓަކައި، އެއްވެސް ރަހުމެއްނެތި، އަދި ގާނޫނާއި އަޚުލާގުގެ ކުޑަވެސް ހަމައަކަށް ބެލުމެއް ނެތި، މެއްސާއި މަދިރި މަރާ ހެން، ދިވެހީންގެ ބަޔަކު ބަޑިޖަހައި މަރައިލީއެވެ. މި ދެންނެވި މަދަނީ ބޭފުޅުންނަކީ ފަހަރެއްގައި ވެސް ޣައްދާރުންގެ ޣަދަރުވެރި އަމަލާ ކުރިމަތިލައްވައި ޣަދަރުވެރި ބައިގަނޑަށް އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިކުރެއްވި ބޭފުޅުންނެއް ނޫނެވެ. އެހެންވެ، ޣަދަރުވެރީންގެ މި އަމަލު ހިމެނޭނީ 'ހަނގުރާމައިގެ ޖަރީމާ'އެއްގެ ގޮތުގައެވެ. މިއީ ހަމަ އެކަނި މި ޢަމަލުން ވެސް، އެ ފަދަ މުޖުރިމުންނަށް މަރުގެ އަދަބު ހައްގުވާ ޖަރީމާއެކެވެ. ޝަހީދުވި، މި ދެންނެވި މަދަނީ ބޭފުޅުންގެ ތެރޭގައި، އިސްލާމީ މަރުކަޒުގެ އެ ދުވަސްވަރުގެ އިމާމު ހިމެނިވަޑައިގަންނަވައެވެ. މަޑުމައިތިރި، ބަސްމަދު، ވަރަށް ވެސް ޚުލްގު ހެޔޮ، ޞާލިހު ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެ، އާންމުންގެ މަގުބޫލުކަން ހޯއްދަވައިފައިވާ ބޭފުޅެކެވެ. މި ފަދަ ބޭފުޅެއްގެއާއި، އެ ދުވަހު، ބޭރަހުމީ ސިފައެއްގައި ގަތުލުކޮށްލެވުނު މަދަނީ އެހެން ބޭފުޅުން ގަތުކޮށްލާން ޖެހޭން އޮންނާނީ އަޅެ ފަހެ، ކޮން ސަބަބެއްތޯވެ!
އެ ދުވަހު، އަޅުގަނޑުމެންނާ ވަކިވެ ދިޔަ ހުރިހައި ބޭފުޅުންގެ މަތީން މިއަދާއި އަދި، އެހެން ދުވަސްތަކުގައި ވެސް، އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. އެ ބޭފުޅުންގެ މައްޗަށް ހެޔޮ ދުއާކޮށް، އެ ބޭފުޅުންގެ ކުށްފާފަތައް ފުއްސަވައި، ސުވަރުގެ ލެއްވުން އަދައިގެންނެވެ. އަދި، ގައުމީ ވައުޔުގައި ހަރުކުރުވައި، މި ކަން ދެމެހެއްޓުމަށް ޓަކައި، ކޮންމެވެސް ކަހަލަ ހަނދާނީ ބިނާއެއް ވެސް ތައްޔާރުކުރާން ޖެހެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި، ބައެއް އާންމު އިމާރަތްތަކާއި މަގުތަކަށް އެ ބޭބޭފުޅުންގެ ނަންފުޅުން ނަންދެވޭން ޖެހެއެވެ. އެ ބޭބޭފުޅުންގެ ގުރުބާނީ ހަނދާކޮށް، ޣަދަރުވެރިކަމާއި ޣަދަރުވެރީންގެ ކިބައިން ގައުމުގެ ސަލާމަތްކުރުމުގެ ހޭލުންތެރިކަން، މީސްތަކުންގެ ހިތްތަކުގައި އުފައްދައި އެ ކަން ދެމެހެއްޓުމަށް ޓަކައެވެ.
އެ ދުވަހު، ޝަހީދުވެ، އަޅުގަނޑުމެންނާ ވަކިވެ ދިޔަ ބޭބޭފުޅުންގެ އިތުރަށް، ހަނދާނުގައި ބަހައްޓާން ޖެހޭ އެހެން ބައެއް ވެސް ވެއެވެ. އެ ބޭފުޅުންގެ ސިފައިންގެ ހުވަޔަށް ތެދުވެރިވެ ތިއްބަވައި، ގައުމުގެ ދިފާއުގައި، އެއްވެސް ބިރެއް ޖެހެލުމުއް ނެތި، އެ ބޭބޭފުޅުންގެ ނަފުސުތައް ނުރައްކަލުގެ ތެރެއަށް ހުށަހަޅައިލެއްވި އަސްކަރީ ބޭކަލުންނެވެ. ކުރީން ވެސް ދެންނެވި ފަދައިން އެ ދުވަހުގެ 'ރެކޯ ޕެޓްރޯލުގައި' ނިކުންނަވައި ހަރަކާތްތެރިވި ބޭކަލުންނެވެ. މީގެ އިތުރަށް، ޚާއްސަ ގޮތެއްގައި ހަނދާނަށް ގެންނާން ޖެހެނީ އެ ދުވަހު، އެކި ސިފަސިފައިގައި، އެކިއެކި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އާންމު ރައްޔިތުންގެ އަގު ބޮޑު ޚިދުމަތެވެ. މީގެ ތެރޭގައި، އެ ދުވަހުގެ އުދުވާނީ ބަޑިތަކުގެ ހަމަލާގެ އަމާޒަކަށްވެ، ޒަޚަމްވީ ބޭބޭފުޅުން ހަސްފަތާލަށް ގެންގޮސް، އެ ބޭބޭފުޅުންނަށް ފޯރުކޮށްދޭން ޖެހޭ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އާންމުން ހިމެނެއެވެ. އަދިވެސް، އާންމުންގެ ހަނދާނުގައި އަދު ނުހުރެދާނެ، އެހެންނަމަވެސް، ވަރަށް މުހިންމު އަގުހުރި ބައެއް ކަންކަން ހަނދާނަށް ގެންނާން ޖެހެއެވެ. މި ފަދަ އަގުހުރި އެއް ޚިދުމަތެއްގެ ވާހަކަ ލިޔެލާނަމެވެ. ޣަދަރުވެރި ޚާއިނުން މާލޭތެރޭ ހަރަކާތްތެރިވަމުން، މާލޭގެ މުހިންމު ބައެއް ތަންތަން އެ މީހުންގެ ބާރުގެ ދަށަށް ގެނައުމުގެ ބޭނުމުގައި، ނޫނީ އެ ފަދަ ތަންތަނުގެ ބޭނުން، ސަރުކާރުގެ އިދާރާތަކަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށްޓަކައި، އެކި ކަންކަންކުރާން ގަސްދުކުރިއެވެ. މީގެ ތެރޭގައި ރާއްޖޭގެ މުވާސަލީ މަރުކަޒާއި އަދި މާލެއަށް ކަރަންޓުދޭ މައި އިންޖީނުގެ ހަލާކުކޮށްލާން ނިންމުން ހިމެނެއެވެ. މި ގޮތުން، އޭރުގެ ބޮޑު އިންޖީނުގެ ހަލާކުކޮށްލާން ގަސްދުކޮށް ޣައްދާރުންގެ އިސް މީހަކު އިންޖީނުގެއަށް ދިޔައެވެ. ނަމަވެސް، އިންޖީނުގޭގައި އެ ދުވަސްވަރު މަސައްކަތްކުރެއްވި އިންޖިނޭރަކު، މި ކަންކުރާން އުޅުނު ޣައްދާރުންގެ އިސް މީހާއަށް ވިސްނައިދިނީ އެ ކަންކޮށްފި ނަމަ، ގެއްލުންވާނީ ސަރުކާރަކަށް ނޫންކަމެވެ. އެ ކަމުގެ ގެއްލުން އެންމެން ވެސް އިހުސާސުކުރާން ޖެހޭނޭކަމެވެ. އަދި، ސަރުކާރު ބަދަލުވެއްޖެ ނަމަ، ޚުދު އަލަށް ސަރުކާރަށް އަންނަ ބަޔަކަށް ވެސް، އިންޖީނުގެ މުހިންމުވާނޭކަމެވެ. މި ފަދަ، ހިކުމަތްތެރި ގޮތެއްގައި، އޭނާގެ ހާޒިރު ބުއްދި ބޭނުންކުރައްވައި، ޣަދަރުވެރިންނާ، މި ދެންނެވި އިންޖިނޭރު ވާހަކަދައްކަވައި، އިންޖީނުގެ ހަލާކޮށްލުން ހުއްޓުވިއެވެ.
ކޮންމެ އަކަސް، ނަސްރުގެ ދުވަހުގެ ވާހަކަދައްކާ އިރު، މިއީ ހަނދާންކޮށްލާން ޖެހޭ ކަންކަމެވެ. އިންސާނުންގެ ރަނގަޅު ސިފަތައް އެންމެ ރީތިކޮށް ފާޅުވެ، ހާމަވެގެން ދަނީ ނުރައްކަލާ ކުރިމަތިވާ ވަގުތުތަކުގައެވެ. ނޮވެންބަރު ތިނެއްގައި، އަޅުގަނޑުމެންގެ ތެރެއިން ވެސް މި ކަން ފާޅުވެގެން ދިޔައެވެ. އެއްވެސް، އަނާނިއްޔަތު، އާދެ، އަނާއަނާކަމެއް (މަވެތިކަމެއް) ނެތި، އެހެން މީހުންގެ ލާބައާއި ހެވަށް ޓަކައި މަސައްކަތްކުރުމުގެ ސިފައެވެ. މި ފަދަ އެތައް ބަޔަކު އެ ދުވަހު އަޅުގަނޑުމެންގެ މުޖުތަމައުން ފެނުނެވެ. މިއިން އެނގި ސާފުވަނީ، އިންސާނީ ނަފްސުގެ އެންމެ ބާރުގަދަ އުންސުރަކީ ހެވާއި ރަނގަޅުކަން ކަމެވެ. އެކިއެކި ސަބަބުތަކާ ހުރެ، މި އަސްލަށް، ފަސްއެޅި، ވަޅުޖެހި ފޮރުވިފައި އޮތަސް، ވަގުތު ޖެހުމުން، އެ ކަން ފެންމަތިވެ، ފާޅުވެ، އެ ކަމުގެ ރީތި އަސަރު ފެންނަކަމެވެ. އެހެންވެ، މިއަދު ވެސް، އަދި، އަބަދު ވެސް، މިއީ ޝުކުރުވެރިކަމާ އެކު ފާހަގަކުރަން ޖެހޭ ކަމެކެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއާ ގުޅޭ، ނަންގަނެވި ދިޔަ ފިދާއީ ވާހަކަތަކަކީ އަޅުގަނޑުމެންގެ ގައުމީ ވައުޔުގެ ހަނދާނުގައި ބިންވަޅު ނެގޭން ޖެހޭނޭ ކަންކަމެވެ. މި ކަންކަން، އާދެ، ނޮވެންބަރު ތިނެއްގެ ހާދިސާއާއި އިހާއި އަދި ފަހުގެ މި ފަދަ އެހެން ވެސް ތާރީޚީ ހާދިސާތައް ތަފުސީލުކޮށް ލިޔެވި، އަޅުގަނޑުމެންގެ މަދުރަސީ މަންހަޖުގައި ހިމެނި، އިސްކޫލުތަކުގައި ކިޔަވައިދެވޭން ޖެހެއެވެ. ޕޯޗުގީޒުންނާއި ހޮޅީންގެ، އިހުގެ، ވާހަކަތަކެވެ. ރާއްޖޭގެ ދެކުނުގެ ބައެއް ވަކިވެގަތުމުގެ މައްސަލައިގެ، ފަހުގެ، ވާހަކަތަކެވެ. ގައުމު ބައިބައިވެ، މިނިވަންކަން ގެއްލުމުގެ ބިރު އުފެދުނު ހާދިސާތަކެވެ. 'ނަސްރުގެ ދުވަހެއް' ފާހަގަކުރުމުގެ މާނައިގެ ތެރޭގައި މި ކަން ހިމެނެއެވެ. އެ ދުވަހުގެ ބަތަލުން، އާދެ، އެ ދުވަހު އަޅުގަނޑުމެންނާއި ވަކިވެ ދިޔަ ބަތަލުންނާއި އަދި އެ ނޫން ވެސް އެ ދުވަހުގެ ބަތަލުންގެ މަތީން ހަނދާންކޮށް، އެ ބަތަލުންގެ ޚިދުމަތުގެ އަގު ވަޒަންކޮށް އެ ބަތަލުންނަށް ޝުކުރުއަދާކުރުމެވެ. މި ކަން، ގައުމީ ހަނދާނުގައި ހަރުލައްވައި، ދަމަހައްޓައި، މި ފަދަ ހާދިސާތައް ތަކުރާރުވެ ދިޔުން ހުއްޓުމަށް ޓަކައި މި ވާހަކަތައް ތަފުސީލުކޮށް ލިޔެވި، މަދުރަސީ މަންހަޖު މެދުވެރިކޮށް ކިޔަވައި ދެވެން ޖެހެއެވެ.
ޝައްކެއް ނެތް ގޮތުގައި ނަސްރުގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ މި ދެންނެވި ފަދަ، ނަސްރުގެ ދުވަހާ ގުޅޭ ވާހަކަތަކުގެ ހަނދާން އާކޮށް، ނޮވެންބަރު ތިނެއްގެ ހާދިސާއާއި އަދިވެސް، އިހުގައި، ހިނގައިފައި ހުރި މި ފަދަ ކަންކަން، ގައުމީ ވައުޔުގެ ތެރޭގައި، ގައުމީ ހޭލުންތެރިކަމުގެ ތެރޭގައި، ބިންވަޅުނަގައި ހަރުކޮށްލުމެވެ. މި ފަދަ ހާދިސާތައް، ގައުމީ ވައުޔުގެ ތެރޭގައި ހަރުކޮށްލާ އިރު، ނޮވެބަރު ތިނެއް ފަދަ ހާދިސާތައް މެދުވެރިވާން ދިމާވާ ސަބަބުތައް ވެސް ފާހަގަކޮށްލާން ޖެހެއެވެ. އަދި، އެ ފަދަ ހާދިސާތަކަށް ތައްޔާރުވެފައި ތިބީ ކިހައި ވަރަކަށްތޯއާއި އެ ފަދަ ހާދިސާތައް ދިމާވުމުން، ކަންތައް ކުރެވުނު ގޮތުގެ މައްޗަށް، ފަސް އެނބުރި ބަލައި، ގޯހެއް ހެދިފައިވާ ނަމަ، އިސްލާހުކުރަން ޖެހޭ ކަންކަން ދެނެގަނެ، ފާހަގަކުރާން ޖެހެއެވެ. އެ ކަންކަން އިސްލާހުކުރުމަށް ޓަކައެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއަށް ބަލައިލާ އިރު، މި ހާދިސާ ދިމާވާން މެދުވެރިވި މައިގަނޑު ސަބަބެއް އޮތެވެ. ގައުމުގެ ސިޔާސީ ހަޔާތަށް ވެރިވެފައި އޮންނަ ވަރުގަދަ އިސްތިބްދާދީ (ޑިކްޓޭޓަރޝިޕްގެ) ސިފައެވެ. ވެރިކަމަކީ އިސްތިބްދާދީ ކުލަޖެހިފައި އޮތުން ނިޔާކުރަނީ ގައުމުގެ ޖަމާއީ ހަޔާތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނުމުގެ ފުރުސަތު، އެއްވެސް މީހަކަށް ނެތުމެވެ. ގައުމުގެ ހުރިހައި ކަމެއް، އެންމެ މީހެއްގެ މުށު ތެރަށް ލެވިފައި އޮތުމެވެ. އަދި، މުސްތަބިއްދު ވެރިޔަކު ކޮންމެ ފަދަ ގޮތަކަށް ކަންތައް ކުރަމުން ގެންދިޔަޔަސް، ފާޑުކިމުގެ ގޮތުން އެއްޗެއް ބުނެވޭނޭ ގޮތް ނެތުމެވެ. އެ ފަދަ ކަމެއް ކޮށްފި ނަމަ، ނުވަތަ އެ ފަދަ ކަމަކަށް ތުހުމަތު ކުރެވުނަސް ބޮޑެތި އަދަބު ލިބި، އެ ކަން ކުރި މީހަކަށް ނުވަތަ އެ ކަމަށް ތުހުމަތުކުރެވުނު މީހުންގެ މުޅި ދިރިއުޅުން ހަލާކުކޮށްލައި، ބައެއް ފަހަރު، އެ މީސް މީހުންގެ ފުރާނަ ވެސް ދުއްވައިލެވެއެވެ. މިފަދަ ގޮތަކަށް ކަންތައް އޮތުމުން، ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔޭން އޮންނަނީ ސިއްރުންނެވެ. 'ބިމުއަޑީގައި' ޝާއިއުކުރެވޭ ނޫސްތަކާއި މަގުމައްޗަށް އުކޭ ކަރުދާސްތަކުގައެވެ. އިމާރާތް އިމާރާތްތަކުގައްޔާއި ފާރުފާރުތަކުގައި، ކުރެހޭ ކުރެހުންތަކާއި ލިޔެވޭ ލިޔުންތަކުންނެވެ. މި ފަދަ ގޮތެއްގައި، ކަންތައްވެ، މަދަނީ ސިފައެއްގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ އެއްވެސް ގޮތެއް ނެތުމުން، ބަޣާވަތަށާއި އަދި ޣަދަރުވެރި ހަރަކާތްތަކަށް ވެސް މަގު ފަހިވެގެންދަނީއެވެ. މިއީ ފަހަރެއްގައި ވެސް، ބަޣާވަތާއި ޣަދަރުވެރި ހަރަކާތްތައް ތަބުރީރުކޮށް (ޖަސްޓިފައިކޮށް) އެ ކަންކަން ރަނގަޅުކޮށް، ހުއްދަކުރުމެއްނޫނެވެ. ނަމަވެސް، މިހެން ބުނުމުގެ ބޭނުމަކީ، ނޮވެންބަރު ތިނެއްގެ ހާދިސާއާއި އެ ފަދަ ބަޣާވަތްތަކުގެ ހާދިސާތައް މެދުވެރިވާން ޖެހެނީ ވަކި ކަހަލަ ސިޔާސީ އަދި އިޖުތިމާއީ އޮނިގަނޑެއްގެ ތެރޭގައިކަން ބަޔާންކުރުމެވެ. އާންމު ރައްޔިތުންގެ ތަސައްވުރުގައި، ވެރިކަމަކީ އިސްތިބްދާދީ އަނިޔާވެރި ވެރިކަމަކަށްވެ، ގާނޫނީ ސިފައެއްގައި އެ ކަމާ ފާޑުކިޔައި އެއްވެސް އެއްޗެއް އެއްވެސް މީހަކަށް ބުނެވެން ނެތުމަކީ ޣަދަރުވެރި އަމަލުތަކާއި ބަޣާވަތްތައް މެދުވެރިކުރުވާ ސިޔާސީ އަދި އިޖުތިމާއީ އޮނިގަނޑުކަން ފާހަގަކުރުމެވެ.
މި ކަމުން ހަނދާންކޮށްލާންޖެހޭ ވަރަށް ވެސް މުހިންމު ކަމެއް އެބަ އޮތެވެ. ވެރިކަމުގައި އިސްތިބްދާދީ ކުލަ ޖެހިއްޖެ ނަމަ، ގައުމީ ހަޔާތަށް ހީނަރުކަން އަންނާނޭކަމެވެ. ގައުމަކީ، ވެރިމީހާގެ ނަޒަރުގައި އޭނާގެ އަމިއްލަ މިލްކަކަށްވެ، ވެރިކަމަކީ ހަމައެކަނި އޭނާގެ ހައްގެއްކަމަށް، އޭނާ ދެކޭ ގޮތް ވެއެވެ. މަރުހޫމު ޝިހާބު ވިދާޅުވެފައިވާ ފަދައިން، 'މުޅި އުއްމަތަކީ ވެރިޔާކަމުގައި ވެދެއެވެ.' ދެން، އާންމުގެ ތެރެއިން، ވެރިކަމަށް ފާޑުކިޔައި، ވެރިކަމާ އިދިކޮޅަށް ނިކުންނަ މީހަކަށް ނުވަތަ ބަޔަކަށް، މުސްތަބިއްދު ވެރިޔާއާއި ދައުލަތާ އެކައްޗަކަށްވެ، ވެރިޔާ ވެރިކަމުން ދުރުކުރުމުގެ އެދުމުގައި ބަޣާވަތާއި އަދި ގައުމަށް ޣަދަރުވެރިވުން ވެސް ތަފާތުނުކުރެވި، އެ ބަޔެއްގެ ނަޒަރުގައި އެ ފަދަ ހުރިހައި ކަމެއް ވެސް ހުއްދަކުރެވިގެންދަނީއެވެ. އާޚިރު ނަތީޖާއަކީ މުޅިގައުމު ބައިބައިވެ، އަމިއްލަ ވަތަން ހަލާކުވެ، ފުނޑުފުނޑުވެ، އެންމެން ވެސް ގެއްލުމާ ކުރިމަތިލާން ޖެހުމެވެ. މީގެ މިސާލުތައް ދުނިޔޭގެ ކަންކޮޅުތަކުން މިއަދު ވެސް ފެންނަމުން އެބަދެއެވެ. އިރާގާއި ސީރާޔާއިންނެވެ. ސޯމާލިޔާއާއި ލީބިޔާއިންނެވެ.
މިއިން ލިބިގަނެވޭ އެންމެ މުހިންމު ފިލާވަޅަކީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމުގެ ފުރުސަތު ހުޅުވިފައި އޮންނާން ޖެހޭކަމެވެ. ސަރުކާރާ މެދު އުފެދޭ ނުރުހުންތައް، އެއީ ހައްގުކަމުގައި ވިޔަސް ނުވަތަ ނުވިޔަސް، އެ ކަން ފާޅުކުރެވޭނޭ މަގު ހުޅުވިފައި އޮންނާންޖެހޭކަމެވެ. އަދި، މި ފަދަ ފާޑުކިޔުންތަކާއި ނުރުހުންތައް، ހިއްސީ ގޮތެއްގައި، މަދަނީ ސިފައެއްގައި، ގާނޫނާއި ގަވާއިދުގެ އިމުގެ ތެރޭގައި ފާޅުކުރަނީ ކިހިނެއްކަން ރައްޔިތުންނަށް ދަސްކޮށްދޭން ވެސް ޖެހެއެވެ. އަދި، ރައްޔިތުން ވެސް މި ކަން ކުރާން ޖެހޭނީ އެ މީހުންގެ ވެސް އަދާކުރާން ޖެހޭ މަސްއޫލިއްޔަތެއް އޮންނަކަން އެނގި ތިބެ، އެކަން އަދާކުރަމުންނެވެ. އެއީ ދެންމެ މިދެންނެވި ހެން، ގާނޫނުތަކާއި ގަވާއިދުތަކުގެ އިމުގެ ތެރޭގައި، ފާޑުކިޔުމާއި ނުރުހުން ފާޅުކުރުމެވެ. އަދި، މިކަމަކީ ބަޣާވަތްކުރުމާއި ޣަދަރުވެރިވުމަށް އޮންނަ ވަސީލަތެއް ކަމުގައި، ނުދެކުމެވެ. ނުނީ އެއީ ޒާތީ ގޮތެއްގައި ތިމާ ބޭނުން މީހަކާ ދިމާކޮށް، އެ މީހަކު ފަޟީހަތްކުރުމަށް ލިބޭ ހުއްދައަކަށް ވެސް ނުހެދުމެވެ.
ނޮވެންބަރު ތިނެއްގެ ހާދިސާއިން ލިބޭ އިބުރަތުގެ ވާހަކަދައްކާ އިރު، ދެން ހަނދާންކޮށްލާން ޖެހެނީ، ކަމާ ބެހޭ ފަރާތްތަކުން، މި ފަދަ ކަމަކަށް ތައްޔާރުވެފައި އޮތް މިންވަރުގެ މައްޗަށެވެ. ނޮވެންބަރު ތިނަކާ ބެހޭ ގޮތުން، ލިޔެވިފައވާ ލިޔުންތަކަށް ބަލައިލާ އިރު، އެނގެނީ، އެ ހާދިސާގެ ވާހަކަ ސަރުކާރުގެ އިސް ފަރާތްތަކަށް، ކޮންމެވެސް ވަރަކަށް ނަމަވެސް، ކުރީން އެނގިފައިވާކަމެވެ. ނަމަވެސް، އެ ހާދިސާ ހިނގައި ނިމިދިޔަ ގޮތުގެ މައްޗަށް ނަޒަރު ހިންގައިލުމުން ފާޅުވެ، ހާމަވެގެންދަނީ، ކުރީން އެނގިފައި އޮތް ކަމަކާ ކުރިމަތިލާން ޖެހޭ ވަރާ ގާތަށް ވެސް، ކަމާ ބެހޭ ފަރާތްތަކުން، ތައްޔާރުވެފައިނުވާކަމެވެ. މި ކަން ސާފުކޮށްލައިދިނުމުގެ ގޮތުން ދެތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ.
ރާއްޖެއަށް ބޭރުގެ ބައަކު ހަމަލާދޭން އަންނާން އޮންނާނީ ދެ ގޮތެއްކަން ވިސްނައިލި ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ކަނޑު މަގުންނާއި ވައިގެ މަގުންނެވެ. މި ކަން ދެނެގަންނާން އަސްކަރީ ތަޖުރިބާކާރަކަށް ވާކަށް ނުޖެހޭނެއެވެ. ހަމަލާދޭން އަންނާން އުޅެނީ ޣައިރު ގާނޫނީ ނުރަސްމީ ބާޣީން ޖަމާއަތަކުންކަމަށް އެނގިފައި އޮތް އިރު، އެ ފަދަ ކުޑަ ޖަމާއަތެއް ހުއްޓުވުމުގެ ގާބިލުކަން، ތަމްރީނު ލިބިގެން ތިބި ސިފައިންގެ ކިބައިގައި ހުންނާންޖެހޭނެއެވެ. ބާޣީންގެ ބަޔަކަށް ވައިގެ ބަދަރު ބޭނުން ނުކުރެވޭ ގޮތް ހަދައިލުމަށް މާ ބޮޑު ކަމެއް ކުރާކަށްނުޖެހޭނެއެވެ. ރަންވޭ މަތީ ދެތިން ރުއްގުޅި ބޭއްވިޔަސް މި ކަން ވެދާނެއެވެ! އަދި، ކަނޑު މަގުން މާލެއަށް ވަންނާން އޮންނަ ދެ މަގު ވެސް ފޯރިމަރައި، ހަމަލާދޭން އަންނަ ބާޣީންގެ ބަޔަކު މާލެ އެރުމުރުގެ ކުރީން ހިފެހެއްޓޭންޖެހޭނޭ ގޮތެއް ރޭވިފައި އޮންނާން ޖެހޭނެއެވެ. ނަމަވެސް، މިއިން އެއްވެސް ކަމަކަށް ތައްޔާރުވެފައެއް ނެތެވެ. އެންމެ ކުޑަވެގެން، ސިފައިންގެ މައި މަރުކަޒު ފޯރިމަރާން ތިބި ފޯރީންނަށް، ސަލާމަތްކަންމަތީ ސިފައިންގެ ތެރެއަށް ވަދެ ނުކުމެ އުޅެވޭނޭ ގޮތެއް ވެސް ހެދިފައެއްނެތެވެ. (ނޮވެންބަރު ތިނެއްގެ ހާދިސާގެ ފަހުން މި ކަން ކުރެވުނެވެ. ފޯރިމަރާން ތިބޭ ގޮޅީން ދޮރުކަނޑައި ސިފައިންގެއަށް ވަދެވޭ ގޮތް ހަދައިގެންނެވެ.)
މި ފަދަ ގޮތަކަށް ކަންތައް ރޭވި، ކުރެވިފައި ނެތުމުގެ އަސްލު ސަބަބަކީ ސިފައިންގެ ނާގާބިލުކަމެއް ނޫނެވެ. މި މައްސަލަ ވެސް ގުޅެނީ ތަނަށް ވެރިވެފައި އޮންނަ ސިޔާސީ އިސްތިބްދާދާއެވެ. ވެރިކަމުގައި ހުންނަ ވެރިޔާގެ އެންމެ އިސް މަގުސަދަކަށް، ވަޒީފާއަކަށް، ވެފައި އޮންނަނީ އޭނާގެ ވެރިކަން، މުޅި އުމުރަށް ދެމެހެއްޓުމެވެ. އެހެންވެ، ތިމާ ހަދާ ގާނޫނުތަކާއި އަދި ގަވާއިދުތަކަށް އިތުބާރެއްނުކުރެވެއެވެ. ނަތީޖާއަކީ، އެއްވެސް އެހެން މީހަކަށް ވެސް އިތުބާރުނުކުރެވުމެވެ. ގާނޫނުތަކާއި ގަވާއިދުތަކަށް އެ މީހުން ތަބާވުމުގެ ޝައްކު، ވެރިމީހާގެ ހިތުގައި އުފެދިފައި އޮތުމެވެ. ހުރިހައި ބާރެއް ތިމާގެ އަތަށްލައި، ތިމާއަކީ ގައުމު ހިންގާ އިދާރީ އަމުރުވެރިޔާގެ އިތުރަށް، ގާނޫނުތައް ހަދާ އަމުރުވެރިޔާއާއި އަދި އަސްކަރީ އަމުރުވެރިޔާވެސްމެއެވެ. ޚާއްސަ ގޮތެއްގައި އަސްކަރީ އިސްފަރާތްތަކަށް އޮންނާން ޖެހޭ އިތުބާރު ކުޑައެވެ. ނަތީޖާއަކަށްވަނީ، މުހިންމު މަގާމުތަކަށް ދުރުވިސްނޭ، ތެދުވެރި އިޚުލާސްތެރީން، ހެޔޮ ގޮތުގައި ތަމްރީނުކޮށް، އެބަހީ، ގައުމަށް އިޚުލާސްތެރިވެ، ގާނޫނީ އިމުގެ ތެރޭގައި ތިބެ، އެ މީހުންގެ ވަޒީފާއަދާކުރޭނޭ ފަދަ ބަޔަކު ތައްޔާރުކޮށް، އެ ފަދަ ބަޔަކު މުހިންމު މަގާމުތަކަށް އިސްކުރެވި، މަސްއޫލުވެރިނުކުރެވުމެވެ. މި ކަމުގެ ހެތްކަކީ ކޮބައިހެއްޔެވެ؟ ނޮވެންބަރު ތިނެއްގެ ހާދިސާ ކުރިމަތިވެ، ހަތިޔާރު ބޭނުން ޖެހުނު ހިނދު، ހަތިޔާރު ގުދަނުގެ ތަޅު ދަނޑި އޮތީ އެންމެ ފަސޭހައިން ލިބޭ ގޮތެއްގައި ނޫންކަން އެންމެނަށް އެނގުމެވެ! އާދޭހެވެ! ވެރީންނާއި އަސްކަރިއްޔާއާ ދެމެދު އޮތް އިތުބާރު މި ކަމުން ފެނިގެން ދެއެވެ. މިހެން ކަންތައް އޮތުމުން، ކަންކަމުގައި އެންމެ އެކަށީގެންވާ ގޮތުގައި މަޝްވަރާކުރެވޭ ގޮތެއް ނުވެއެވެ. އަދި، މަޝްވަރާ ކުރެވުނަސް، އަމާޒަކަށް ވެފައި އޮންނަނީ ވެރިމީހާ ރުހޭ ވާހަކަތައް އޭނާއަށް އިއްވުމެވެ. އިޚުލާސްތެރިކަމާ އެކު މައްސަލައެއްގެ ހަގީގަތް ބަޔާންކޮށް ރަނގަޅު މަޝްވަރާއެއް ދެވޭތޯ ބެލުމެއްނޫނެވެ.
ކުރީން ހިނގާނެކަމުގެ ޚަބަރު ލިބިފައި އޮތް ކަމަކަށް، އެކަށީގެންވާ ގާތަށް ވެސް ތައްޔާރުވެފައި ނެތުމުން، އުދުވާނީ ހަރަކާތުގެ މީހުންނަށް މާލެ އަރާން ފަސޭހަވިއެވެ. އަދި، ސިފައިންގެ ފޯރިމަރާން ތިބި ބޭކަލުންގެ ފުރާނައަށް ނުރައްކާވެ، ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވުމުގެ ހިތާމަވެރި ހާދިސާ ދިމާވިއެވެ. އަދި އެންމެ އެކަށީގެންވާ ގޮތެއްގައި ދިވެހި ސިފައިންނަށް ހަރަކާތްތެރިވުމަށް ހުރަސްތަކެއް ވެސް އެޅުނެވެ. ކުރިން ދެންނެވިހެން، ހަތިޔާރު ގުދަނުގެ ތަޅުދަނޑީގެ މައްސަލަވެސް ޖެހި، ހަތިޔާރު ބޭނުންވި ވަގުތު، ގުދަނުގެ ތަޅު ދަނޑި ފަސޭހައިން ލިބޭ ގޮތް ވެސް ނުވުމުންނެވެ. އަމަލުކުރާންވާނޭ ގޮތުގެ އެކަށީގެންވާ ޕުލޭނެއް، ކުރިއްސުރެން ހަމަ ޖެހިފައި ނެތްކަން، ކަންތައްވެ ދިޔަ ގޮތުގެ މައްޗަށް ބަލައިލުމުން ހީވެއެވެ. އާދޭހެވެ! އަނެއްކާ ވެސް، ތަކުރާރުކޮށް ދަންނަވާން ޖެހެނީ، ހަމަލާއެއް ކުރިމަތިވެދާނެކަމުގެ ޚަބަރު ލިބިފައި އޮތުމާ އެކު ވެސް، އެކަށީގެންވާ މިންވަރާ ގާތަށް ވެސް އެ ކަމަށް ތައްޔާރުނުވެ އޮތްކަމެވެ. ނަތީޖާއަކަށްވީ އެތައް ބަޔަކު، ބޭކާރު ގޮތުގައި، ޝަހީދުވެ ދިޔުމެވެ. މި ކަމުގެ މަސްއޫލިއްޔަތު އުފުލި އެއްވެސް ބަޔަކު އުޅުނުހެއްޔެވެ؟ ތައްޔާރީތައް ވާންވީ ވަރަށް ނުވިކަމުގެ މަސްއޫލިއްޔަތެވެ. މިއަދު، ނޮވެންބަރު ތިނެއްގެ ވާހަކަދައްކާ އިރު، އަޅުގަނޑު ދެކޭ ގޮތުގައި، މިއީ ވެސް ދައްކާންޖެހޭނޭ ވާހަކައެކެވެ. ދެންމެ ދެންނެވި ދިޔަ މައްސަލަ – އާދެ، ކުރީން އެ ކަމުގެ ޚަބަރު ލިބި، އެނގިފައި އޮތް ކަމަކަށް އެކަށީގެންވާ ގޮތުގައި ތައްޔާރުނުވެ އޮތުމުގެ މައްސަލަ – މިއީ ވެސް އެ ކަމުގެ ހަގީގަތް ހޯދައި، އެ ކަމުން އިބުރަތް ލިބޭން ޖެހޭނޭ ކަމެކެވެ.
ދެން އޮތް ސުއާލަކީ ނޮވެންބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެގެން ކުރެވުނީ ކޮން ކަމެއްހެއްޔެވެ؟ ނޮވެންބަރު ތިނެއްގެ ހާދިސާ ދިމާވާން މެދުވަރިވާ މައިގަނޑު ސަބަބުތަކަށް ކުރީން އިޝާރަތްކޮށްލެވުނެވެ. ގައުމުގެ ސިޔާސީ ހަޔާތުގައި އިސްތިބްދާދީ ސިފަ ޖެހި އަށަގަތުމެވެ. ގައުމުގެ ހުރިހައި ބާރުތަކެއް އެކެއްގެ އަތް ދަށަށް ގެނެސްފައި އޮތުމެވެ. ވެރިކަމަކީ ވަކި މީހެއްގެ ހައްގަކަށްވެ، މުޅި ދައުލަތަކީ ވެސް އެމީހެއްގެ 'ވިޔަފާރި ކަޑަ'އަކަށް ވެފައި އޮތުމެވެ. ވަކި މީހެއްގެ ވެރިކަން ދެމެހެއްޓުމަކީ ވެރިކަމުގެ މައި އަމާޒަށްވެ، އެ އަމާޒަށް ވާސިލުވުމަށް ޓަކައި ސަރުކާރުގެ ހުރިހައި ސިޔާސަތުތަކެއް ބައްޓަންކުރެވުމެވެ. އެހެންވެ، އިސް ވަޒީފާތަކަށް، އެ ވަޒީފާތަކަށް ގާބިލު ނޫން މީހުން އިސްކުރުމެވެ. އެ މީހުން ކޮންޓުރޯލުކުރުން ފަސޭހަވާނެތީއެވެ. ކަމަކާ ބެހޭ ގޮތުން ހެޔޮ އެއްޗެއް ބުނާން ވެސް އެ ފަދަ މީސްމީހުންނަށް ނޭނގޭނެތީއެވެ. ވެރީންނަށް ދޮގު ތައުރީފުތައްކޮށް ޚުޝާމަދުކުރުމުގައި އެ ފަދަ މީހުން ތިބޭނެތީއެވެ. އެ މީހުންގެ ވަޒީފާ ރައްކާކުރުމުގެ ގޮތުން، 'ލީޑަރު ތަސްބީހަ'ކިޔުމަކީ ގައުމީ ޚިދުމަތްކަމުގައި ހަދައިގެން، ރޯމާ ދުވާލަށް އެއީ ރޭގަނޑޭ ވެރިޔާ ބުނެފި ނަމަ، އާނއެކޭ، އަނދިރިކަން ވެސް ގަދައޭ ބުނެ، ބޯޖަހައިލަޖަހައިލައި ތިބޭނެތީއެވެ. މިހެން ކަންތައް އޮތުމުން ކަންކަމުގައި، ގައުމީ މަސްލަހަތު އިސްކޮށްގެން، މަޝްވަރާއެއްކުރުމުގެ ފުރުސަތެއް އޮންނާނެހެއްޔެވެ؟ ނޮވެންބަރު ތިނެއްގެ ހާދިސާ ދިމާވާން މެދުވެރިވި ސަބަބުތަކަށް ބަލައި، މި ފަދަ ސަބަބުތައް ނެތިކޮށްލުމަށް، ނޮވެންބަރު ތިނެއްގެ ހާދިސާއަށް ފަހު، އެތައް ދަހަރެއް ފާއިތުވީ އިރު ކުރެވުނީ ކޮން ކަމެއްހެއްޔެވެ؟
ހިތާމައާ އެކު ދަންނަވާންޖެހެނީ މާ ހަރުދަނާ ފިޔަވަޅުތަކެއް އަދިވެސް ނޭޅޭކަމަށެވެ. ސިޔާސީ ހާލަތު އަދިވެސް އޮތީ މުސްތަބިއްދު ސިފައެއްގައެވެ. ވެރިކަމުގައި ތިބޭ ބަޔެއްގެ އަމާޒަކަށްވެފައި އޮތީ، ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ވެރިކަމުގައި ތިބެވޭނޭ ގޮތް ހެދުމެވެ. އަމިއްލަ ފައި މައްޗަށް ތެދުވެ، ގައުމު ބިނާކޮށް، ގައުމާއިގެން ކުރިއަށް ހިނގާން އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެއެވެ. ހެތްކަކީތޯއެވެ؟ އާންމުންގެ ހާލަތަށް ބައްލަވާށެވެ. އާންމުންގެ ގިނަ ބަޔަކު، ހަމަޖެހިގެން، ދިރި އުޅެވޭނޭ ގެދޮރު ނެތުމެވެ. އެތައް ބަޔަކު ކުލީގެ އަޅުވެތިކަމުގައި ޖެހިފައިވުމެވެ. އާންމު ބޭނުންތައް ފުއްދައިލެވޭނޭ ގޮތެއް ނެތި، މައްސަލައެއް ދިމާވެއްޖެ ނަމަ، އާންމުން ސަލާންޖަހާން ޖެހިފައި ވުމެވެ. މީގެ ހެކި ހޯދާން ބޭނުން ވެއްޖެ ނަމަ މީސްމީޑިޔާގެ ސަފުހާތަކަށް ބަލައްލަވާށެވެ! ހާލުގައި ޖެހިފައިވާ މީހުން ސަލާންޖަހަމުން ގެންދާތަން ފެނިވަޑައިގަންނަވާނެއެވެ. މަސައްކަތްނުކުރުމުގެ ސަގާފަތް އުފެދި، މަސައްކަތާ ދުރަށް ޖެހިފައިވާ ތަނެވެ. އާންމު އަޚުލާގީ ފެންވަރު ދަށަށް ގޮސް، ވައްކަމާއި ފޭރުމާއި، ބަދުއަޚުލާގީ އަމަލުތަކާއި މީހުން މެރުން ވެސް އާންމުވެފައިވުމެވެ. އަދުލު އިންސާފުގެ ނިޒާމުގައި ކުޅޭކުޅޭ ސިފަ ޖެހި، ބޮޑެތިބޮޑެތި ކުށްވެރީން، ގޭގައި ނުވަތަ މަގުމައްޗަށް ދޫކޮށްލައި އެ ކަން ތަބުރީރުކުރުމުގެ ގޮތުން، ތާކުންތާކުނުޖެހޭ ވާހަކަ، ކަމާ ބެހޭ އިދާރާތަކުގެ އިސް ވެރީން ދެއްކުމެވެ. މިހެން ކަންތައްތައް ވަނީ ތަނަށް ވަންނަ އާމްދަނީ މަދުވެގެންނެއް ނޫނެވެ. ތަނަށް ވަންނަ އާމްދަނީ ހަމަހަމަ ގޮތެއްގައި ބެހިގެންދާނޭ ނިޒާމެއް ގާއިމުކުރެވިފައި ނެތި ވެރިކަމުގެ ސަފުގައި ތިބި މީހުންނާއި އެ މީހުންނާ ގުޅޭ ގާތް މީހުންގެ ހައްގަކަށް އެ އާމްދަނީ ވުމުންނެވެ.
ބަޣާވާތްތަކާއި ޣަދަރުވެރި އަމަލުތައް ހުއްޓުވާން ކުރާންޖެހޭ ކަންކަމުގެ ބަދަލުގައި އަޅުގަނޑުމެންނަން ފެންނަނީ ކޮން ކަހަލަ މަންޒަރެއްތޯއެވެ؟ ނޮވެންބަރު ތިނެއްގެ ޣަދަރުވެރި އަމަލުގެ މޭސްތިރި ޢަބްދު ﷲ ލުތުފީ ފަދަ މީސްމީހުން ވެރިކަމުގައި ތިބި ތަނެވެ. އަބްދު ﷲ ލުތުފީ ޓެމިލް ޓައިގަރުން ގެނައި ގޮތަށް، އިންޑިޔާ ސިފައިން ރާއްޖެ އައިސް ރާއްޖެ ހިފާން ގޮވައިލި މީހުން، މިނިވަންކަމާ އެކު އާރާއި ބާރުގައި ތބިކަމެވެ. އަދި، އެ މީހުންގެ ވެރިކަން ދެމެހެއްޓުމުގެ ދަހިވެތިކަމުގެ އެދުމުގައި އިންޑިޔާގެ އަސްކަރީ ބާރުތައް ރާއްޖޭގައި ގާއިމުވެ ތިބުމަށް މަގު ފަހިކޮށްދެމުން ގެންދިޔަކަމެވެ.
މި މަގާމުގައި، ނޮވެންބަރު ތިނެއްގައި، އިންޑިޔާގެ އަސްކަރިއްޔާއިން ވެދިން އެހީ، ޝުކުރުވެރިކަމާ އެކު ފާހަގަކުރާން ޖެހެއެވެ. އެ މީހުންގެ އެހީ އަމާޒުވަނީ ފަހަރެއްގައި ވެސް ޢަބްދުﷲ ލުތުފީއާއި ޓައިގަރުން ރާއްޖެއިން ފައްސައިލުމެއް ނޫނެވެ. އެ ދުވަހު، އެ މީހުންގެ މަސައްކަތް އަމާޒުވީ ޢަބްދުﷲ ލުތުފީއާއި އޭނާގެ ބައިވެރީންގެ ޣަދަރުގެ ނުބައި އަމަލު ކާމިޔާބުނުވެ ފިލައިގެން ދާން އުޅުމުން، އެ މީހުން ހިފައި ހައްޔަރުކޮށްގެން ގެނައުމެވެ. ކުރީން ވެސް، ދެންނެވިހެން، އެކަށީގެންވާ ގޮތެއްގައި ތައްޔާރީ ހާލަތެއްގައި ރާއްޖެ އޮތް ނަމަ، އިންޑިޔާގެ މީހުންގެ ނޫނީ އެހެން ބަޔެއްގެ ވެސް އަސްކަރީ އެހީއަކަށް، ރާއްޖެއިން އެދޭކަށް، އެ ދުވަހަކު، ނުޖެހުނީހެވެ. މީގެ އިތުރަށް، އިންޑިޔާގެ ނިޔަތަކަށްވެފައި އޭރު ވެސް އޮތީ، ރާއްޖޭގައި އެ މީހުންގެ ބާރު ފެތުރުމެވެ. އެހެންވެ، ނޮވެންބަރު ތިނެއްގެ ހާދިސާވީ އެ ކަން ކުރާން އެ މީހުންނަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. މީގެ ހެތްކަކީ، އެ ހާދިސާއަށް ފަހު، އެ މީހުން ބޭލުން އެހައި ފަސޭހަ ކަމަށް ނުވުމެވެ. ކޮންމެހެނެއް ކަންތައް ނިމިގެން ދިޔަކަމުގައި ވިޔަސް، އެ މީހުންގެ އެ ދުވަހުގެ ޚިދުމަތަށް ޝުކުރުއަދާކުރާން ޖެހެއެވެ. އަދި، ބައެއް ޚަބަރުތައް ބުނާ ގޮތުން އެ މީހުންގެ ޚިދުމަތުގެ އަގު ދައްކައި، އިންޑިޔާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހުނެވެ. މި ކަމުގެ ހައްގު ޝުކުރު އޭރުގެ ދިވެހި ސަރުކާރަށް ލިބޭން ޖެހެއެވެ. ކޮންމެ ނިޔަތެއްގައި ވިޔަސް، އެ ދުވަހު، އިންޑިޔާއިން ރާއްޖެއަށް އެހީވެދިނުމަކީ ޝުކުރުއަދާކުރާންޖެހޭ ކަމެކެވެ. ނަމަވެސް މީގެ މާނައަކީ ރާއްޖޭގައި އެ މީހުން ގާއިމުވެ ތިބުމަށް އޮތް ބަހަނާއަކަށް ހެދުމެއްނޫނެވެ. މީހަކަށް މީހަކު އެހީވުން އެއީ އެހީ ލިބޭ މީހާގެ ގެއާއި އޭނާގެ އަނބިދަރީންގެ އިއްފަތާއި ހުރުމަތް ކަނޑައިލާން، އެ އެހީދޭ މީހާއަށް ދެވޭ ހުއްދައަކަށްނުވާ ފަދައިންނެވެ.
ކޮންމެ އަކަސް، މި ކަންކަމަށް ބަލައިލުމުން، ހިތާމައާ އެކު ފާހަގަކޮށްލާން މަޖުބޫރުކުރުވަނީ ނޮވެންބަރު ތިނެއްގެ ހާދިސާއިން އެއްވެސް އިބުރަތެއް ނުލިބޭކަމެވެ. އެއް ކޮޅުން، ބަޔަކު، އެ މީހުންގެ ވެރިކަން ދެމެހެއްޓުމަށް ޓަކައި، ގައުމު ވިއްކައިލާން ވެސް ފަސް ނުޖެހި ތިބި ބަޔަކު ވެރިކަމުގައި (ދައުރު ހަމަވަންދެން) ތިބެފައިވާތީއެވެ. އަނެއް ކޮޅުން، ނޮވެންބަރު ތިނެއްގައި އާންމު ލޯތަކަށް އަބްދުﷲ ލުތުފީ ފަދަ ޣަދަރުވެރި ޣާއިނުން ފާހަގަކުރެވުނު އިރު، ރާއްޖެ ހިފާން އަޑު ހަރުކޮށް، ވަރަށް ވެސް ފާޅުގައި ގޮވި، ހަމަ އަބްދުﷲ ލުތުފީއާ އެއް ފަދަ ޣަދަރުވެރި ޚާއިނުން، މިއަދުގެ އާންމުންގެ ލޯތަކަށް ނުފެންނާތީއެވެ. އެ ކަން ހަނދާން ވެސް ނެތީތީއެވެ. މިއީ ހަގީގަތްކަމަށްވާ އިރު، ނޮވެންބަރު ތިނެއްގެ ހާދިސާއަށް ފަހު، ފާއިތުވެ ދިޔަ އެތައް ދަހަރެއްގެ ތެރޭގައި ގައުމީ ހޭލުންތެރިކަން ހެޔޮ ގޮތުގައި އިތުރުވެއްޖެއޭ ބުނެވޭނޭ ޖާގައެއް އެބަ އޮތްތޯއެވެ؟
ނޮވެންބަރު ތިނެއްގެ ހާދިސާއިން އިބުރަތް ލިބިގަނެ، އެ ކަން މެދުވެރިކުރުވި ސަބަބުތަކާ ކުރިމަތިލައި، އެ ހިތާމަވެރި ހާދިސާއަށް ފަހު، ފާއިތުވެ ދިޔަ އަށުތިރީސް އަހަރު ދުވަހުގެ ތެރޭގައި މި ކަންކަން އިސްލާހުކުރުމަށް ޓަކައި އުޅުނު ނަމަ، ޝައްކެއް ނެތް ގޮތުގައި، އެ ކަންކަން އިސްލާހުވީހެވެ. އެ ކަންކުރުމަށް ބޭނުންވަނީ ރަނގަޅު ގައުމީ ހޭލުންތެރިކަމެކެވެ. ކަން ކުރާނޭ ގޮތުގެ ރަނގަޅު ތަދުބީރެކެވެ. އެއަށް ފަހު، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހިތްވަރާއި ކެރުމާ އެކު، ނުގުޑާ ފަދަ އަޒުމަކާއިގެން، މަސައްކަތްކުރާނޭ ދުރުވިސްނޭ މިސާލީ ލީޑަރުންނެވެ.
މި ފަދަ އިސްލާހީ މަސައްކަތްތަކީ، އެ ކަމާއިގެން އުޅުވިއްޖެ ނަމަ، 23 އަހަރުގެ ތެރޭގައި ކުރެވިދާނޭ ކަމެއްކަން ތާރީޚު ބުނެދެއެވެ. އިހުގެއާއި މިހާރުގެ ވެސް ތާރީޚު މި ކަމަށް ހެކިވެއެވެ. އިހުގެ އިސްލާމީ ތާރީޚެވެ. ދުނިޔޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ، އިސްލާހީ އިންގިލާބު ކާމިޔާބީ ގޮތެއްގައި ފުރިހަމަވާން ހޭދަވީ ތޭވީސް އަހަރު ދުވަހެވެ. އަދުގެ ބައެއް ގައުމުތައް، ނިކަމަތި ދެރަ ހާލަތެއްގެ ތެރެއިން، ތިންވަނަ ދުނިޔޭގެ ހާލަތުން އެއް ވަނަ ދުނިޔޭގެ ދަރަޖައަށް ގެންނާން – ހޭދަވީ ފަންސަވީހަކަށް އަހަރެވެ. މި ކަންވެ ދިޔަ ގޮތާއި، އަދި، އަޅުގަނޑުމެންނަށް ވެސް މި ކަން ކުރެވިދާނޭކަމުގެ ހިތްވަރާއި ދުރުވިސްނުން ބޭނުން ނަމަ، މި ފަދަ މައްސަލަތަކާ ބެހޭ ލިޔުންތައް ބަލައި އެ ކަމުން އިލްހާމު ލިބިގަނެ އެ މަސައްކަތް ކުރާނޭ ގޮތް ހޯދާންވީއެވެ. ނޮވެންބަރު ތިނެއްގެ ހާދިސާ ހަނދާންކޮށް، ނަސްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ނޮވެންބަރު ތިނެއް ފަދަ ހާދިސާތައް ތަކުރާރުވެ ނުދިޔުމަށްޓަކައި، އަދި، ސިޔާސީ މަސްރަހުން، އަބްދުﷲ ލުތުފީން ފަދަ ޣަދަރުވެރީން ފާޅުވެ ނުދިޔުމަށް ޓަކައި، ލިބިގަންނާން ޖެހޭ އެންމެ މުހިންމު އެއް އިބުރަތަކަށް ވާން ޖެހޭނީ މި ކަމެވެ. މަތީގައި ބަޔާންކުރެވި ދިޔަ، ނޮވެންބަރު ތިނެއްގެ ހާދިސާ މެދުވެރިވާން ދިމާވި ސަބަބުތައް ނައްތައިލައި، ގައުމުގެ އެންމެންނަށް އަމާޒުކުރެވިގެން، ގައުމަށް ހެޔޮ އިސްލާހީ ބަދަލުތަކެއް ގެނެސް، ހަމަޖެހިގެން، އެންމެނަށް ވެސް، މިނިވަންކަމާ އެކު، ދިރި އުޅެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމެވެ. (ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
އިލްހާމު ނ. (1) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން. (2) ކަމަކާމެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. inspiration
ދަހަރު ނ. ދިހަ އަހަރުގެ މުއްދަތު decade
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan