އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
11 ނޮވެންބަރު 2026
ޑިމޮކްރެސީއާއި ޖުމްހޫރިއްޔަތާއި ޑިމޮކްރަސީއާއި ޖުމްހޫރިއްޔާއަކީ ސިޔާސީ ފަލްސަފާއާއި ވެރިކަން ހިންގުމުގެ ނިޒާމުތަކުގެ އެންމެ އަސާސީ ދެ މަފުހޫމެވެ. ޒަމާނީ ސިޔާސީ ވާހަކަތަކުގައި މި ދެ މަފުހޫމު އާންމުކޮށް އެއް މާނައެއްގައި ބޭނުންކުރަމުން ދިޔަ ނަމަވެސް، މިއީ ތާރީޚީ ގޮތުން އުފެދިފައިވާ ގޮތާއި، އޭގެ އޮނިގަނޑުގެ ސިފަތަކާއި، އަދި ހިންގުމުގެ އުސޫލުތަކުގެ ގޮތުން ތަފާތު ދެ މަފުހޫމެކެވެ.
[ޑިމޮކްރަސީ]އަކީ ގްރީކް ބަހުގެ [ޑީ މޮކްރޭޝިއާ] އިން ނަގައިފައިވާ ލަފުޒެއްކަމަށް ބުނެވެއެވެ. މާނައަކީ [ރައްޔިތުން ހިންގާ ވެރިކަން]އެވެ. އެހެންކަމުން ތިއަރީއަށް ބަލާ އިރު، ޑިމޮކްރެސީއަކީ ސީދާ ރައްޔިތުން ނުވަތަ މިނިވަންކަމާ އެކު އެ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން މެދުވެރިކޮށް ވެރިކަމުގެ ބާރުތައް ރައްޔިތުންނަށް ލިބިދީފައިވާ ވެރިކަމުގެ ނިޒާމެކެވެ.
1.1 މާނައާއި މައިގަނޑު އުސޫލުތައް:
(ހ) ރައްޔިތުންގެ ބާރުވެރިކަން (Popular Sovereignty): ސިޔާސީ އެންމެހާ ބާރުތަކެއްގެ އަސްލު ބިނާވެގެންވަނީ ރައްޔިތުންގެ މައްޗަށެވެ.
(ށ) ސިޔާސީ ހަމަހަމަކަން: ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ވެސް ސިޔާސީ ކަންކަމުގައި ހަމަހަމަ ގޮތެއްގައި، ތަފާތެއް ނެތި، ބަސް ބުނުމާއި އަދުއިއްވުމާއި ހަމަހަމަ ޙައްޤުތަކެއް ލިބިގެންވެ އެވެ.
(ނ) އަޣުލަބިއްޔަތުގެ ނިންމުން، އަގުލިއްޔާތުގެ ޙައްޤުތަކާއެކު ނިންމުންތައް އާންމުކޮށް ނިންމަނީ އަޣުލަބިއްޔަތުގެ ވޯޓުންނެވެ. ނަމަވެސް އަގުލިއްޔާތު (ނުވަތަ މައިނޯރިޓީ)ގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށްދޭ ޤާނޫނީ ހިމާޔަތްތަކުގެ ތެރެއިންނެވެ. ނަމަވެސް ކަންކަން ނިންމާނީ ގިނަ ބަޔަކަށް ފެންނަ ގޮތަކަށެވެ. ގިނަ ފަހަރަށް ބައިމަދު ރައްޔިތުންގެ ހައްގުތަކަކަށް ނުބެލެއެވެ.
1.2 ޑިމޮކްރަސީގެ ވައްތަރުތައް:
(ހ) ސީދާ ޑިމޮކްރަސީ (Direct Democracy): ޤާނޫނު ހެދުމާއި ނިންމުންތައް ނިންމުމުގައި ރައްޔިތުން ސީދާ ބައިވެރިވުން (ޤަދީމީ އެތެންސްގައި އޮތް ގޮތާއި، ޒަމާނީ [ފެންނަ/ނުފެންނަ] ވޯޓު ފަދަ ކަންކަން ހިމެނިފައިވެއެވެ.)
(ށ) މަންދޫބީ ޑިމޮކްރަސީ (Representative Democracy): ރައްޔިތުންގެ ނަމުގައި ޤާނޫނު ހަދައި ވެރިކަންކުރުމަށް ރައްޔިތުން އިންތިޚާބުކުރާ މީހުން މެދުވެރިކޮށް ހިންގާ ވެރިކަން. (މިއީ މިއަދު ދުނިޔޭގައި އެންމެ އާންމު ނިޒާމެވެ.) ނަމަވެސް ޢަދުލުވެރިކަމާއި އިނސާފާ އެކު ހިނގާ ޑިމޮކްރެސީއެއް މިއަދު ދުނިޔެއިން ފެންނަ ކަމަކަށް ނުދެންނެވޭނެއެވެ. ނުފޫޒާއި ބާރާއި މަކަރާއި ހީލަތުގެ ސަބަބުން ހަގީގީ މާނައިގައި ތަންފީޒުވާ ޑިމޮކުރެސީއެއް ދުނިޔޭގެ އެއްވެސް ތާކުން ފެންނަކަމަށް ދަންނަވާން ދައްޗެވެ. ހުޅަނގުގެ ގައުމުތަކާއި އެމެރިކާ ފަދަ ގައުމުތަކުގައި ކަން ހިނގާ ގޮތަށް ބަލާ އިރު، މި ކަން ސާފުވެއެވެ.
[ޖުމްހޫރިއްޔާ]އަކީ ލެޓިން ބަހުގެ [ރެސް ޕަބްލިކާ] އިން ނަގާފައިވާ މަފުހޫމެއްކަމަށް ބުނެވެއެވެ. މާނައަކީ "ރައްޔިތުންގެ ކަންތައް" ނުވަތަ "ރައްޔިތުންގެ މިލްކިއްޔާތު"އެވެ. ޢަރަބި ބަހަށް މި ލަފުޒު ބަދަލުވުމުން [ޖުމްހޫރިއްޔަތު] މި މަފުހޫމު އައިސްފައި މި ވަނީ [ޖުމްހޫރު] (ގިނަ މީހުން) މި ލަފުޒުންކަމަށް ބުނެވެއެވެ. އެހެންކަމުން [ޖުމުހޫރިއްޔަތު]ގެ މާނައަކީ ނުވަތަ [ޖުމްހޫރިއްޔަތަކީ]، ދައުލަތަކީ ނުވަތަ ޤައުމަކީ އެއްވެސް ވެރިއެއްގެ އަމިއްލަ މުދަލެއް ނުވަތަ އަމިއްލަ މިލްކެއްގެ ގޮތުގައި ނުބަލައި، މުޅި ޤައުމަކީ ޢާންމު ރައްޔިތުންގެ އެއްޗެއްގެ ގޮތުގައި ބަލައިގަންނަ ވެރިކަމުގެ ނިޒާމެކެވެ. މި ނިޒާމުގައި ބާރު އޮންނަނީ ރައްޔިތުންނާއި އިންތިޚާބުކުރެވޭ މަންދޫބުންގެ އަތުގައެވެ. އަދި ވެރިކަމުގެ އެންމެ މަތީ ވެރިޔާ (ރައީސް)އަކީ ވާރުތަވާނެ މަގާމެއްނޫނެވެ. އެއީ ރަސްކަލަކަށްނުވާ ވެރިއެކެވެ.
2.1 މާނައާއި މައިގަނޑު އުސޫލުތައް:
(ހ) ޤާނޫނުގެ ބާރުހިނގުން (Rule of Law) ނުވަތަ ވެރިކަން ހިންގުން ބިނާވެފައި އޮންނަނީ ވަކި ހަމަތަކެއްގެ މައްޗަށާއި، ވެރިކަމުގައި ތިބޭ ފަރާތްތައް ހިމެނޭ ގޮތަށް އެންމެހައި ރައްޔިތުންގެ މައްޗަށް ހަމަހަމަކަމާ އެކު ތަޢުބީރުކުރެވޭ ޤާނޫނުއަސާސީއެއްގެ މައްޗަށެވެ. މިއީ ވަކި ފަރުދެއްގެ އަމިއްލަ އެދުމަށް ވެރިކަންކުރުން ހުއްޓުވާކަމެކެވެ.
(ށ) ރަސްކަމުގެ ނިޒާމާ ޚިލާފަށް ޖުމްހޫރިއްޔާގެ ތަރަހައިގައި، ވާރުތަކޮށްގެން ވެރިކަމަށް އަންނަ ރަސްކަލަކު ނުހުންނާނެއެވެ. ވެރިކަމަށް މީހަކު ހޮވަނީ ރައްޔިތުންގެ އިޚުތިޔާރުންނެވެ.
(ނ) ޤާނޫނީ ހިމާޔަތަށް ބަލާ އިރު، ޖުމްހޫރިއްޔާއެއްގައި ވެރިކަމުގެ ބާރުތަކަށް ހަރުދަނާ ހުރަސްތަކާއި (Checks and balances) ޤާނޫނީ ރައްކާތެރިކަން ޤާއިމުކޮށްފައި އޮންނަނީ، ރަސްކަލެއްގެ ޚުދުމުޚުތާރު ކަމުންނާއި އަދި އަޣުލަބިއްޔަތުގެ ނުހައްގު ބާރުވެރިކަމުން މުޖުތަމަޢު ސަލާމަތްކުރުމަށެވެ.
3. ޚުލާޞާ:
އިސްވެ މި ބަޔާންކުރި ތަޢުރީފުތައް ޚުލާޞާކޮށްލާ ނަމަ، ޑިމޮކްރެސީއިން ކަނޑައަޅަނީ ބާރު ލިބިގެންވަނީ ކާކަށްކަމާއި، ވެރީން އިންތިޚާބުކުރަނީ ކިހިނެއްކަމެވެ. (ރައްޔިތުންގެ ފަރާތުން، އާންމު ވޯޓަކުންނެވެ.) [ޖުމްހޫރިއްޔާ]އިން ކަނޑައަޅަނީ، ވެރިކަން ހިންގުމުގެ އޮނިގަނޑު އެކުލެވިގެންވަނީ ކިހިނެއްކަމެވެ. (ރަސްކަމެއް ނެތި، ޤާނޫނާއި ޤާނޫނުއަސާސީގެ މައްޗަށް ބިނާވެ، ބާރުތައް ވަކިކުރެވިގެން ހިންގޭ ނިޒާމެކެވެ.)
ޒަމާނީ ސިޔާސީ ނިޒާމުތަކުގައި މި ދެ މަފުހޫމު ވަރަށް ބޮޑަށް ގުޅިފައިވެއެވެ. މިއަދު ދުނިޔޭގެ ހުޅަނގުގެ ގިނަ ޤައުމުތަކަކީ ޤާނޫނީ މަންދޫބީ ޖުމްހޫރިއްޔާތަކެކެވެ. (Constitutional representative republics). މާނައަކީ، އެ ޤައުމުތައް ބިނާވެފައިވަނީ ޖުމްހޫރިއްޔާގެ އޮނިގަނޑެއްގެ މައްޗަށް ކަމަށްވާއިރު، ވެރިން އިންތިޚާބުކުރުމަށް ބޭނުންކުރަނީ މިނިވަން އަދި އިންސާފުވެރި ޑިމޮކްރަސީގެ އުސޫލުތަކެވެ.
ދިވެހިރާއްޖެއަކީ "ޑިމޮކްރެޓިކް ޖުމްހޫރިއްޔާ"އެކެވެ. މާނައަކީ ރާއްޖޭގައި މި ދެބައި އެކުލެވިގެންވެއެވެ. ވެރިންނާއި މަޖިލިސް މެންބަރުން ހޮވަނީ ޑިމޮކްރެޓިކް (އަޣުލަބިއްޔަތު ވޯޓުން) އުސޫލުންނެވެ. ނަމަވެސް ވެރިކަން ހިންގަނީ ޖުމްހޫރީ އުސޫލުން، ޤާނޫނުއަސާސީގެ އިމުގެ ތެރެއިންނެވެ. މެލޭޝިއާއަކީ ޑިމޮކްރެޓިކް ރަސްކަމެކެވެ. އެއީ ޑިމޮކްރެސީއެއް ނަމަވެސް އެއީ ޖުމްހޫރިއްޔަތެއްނޫނެވެ. އެންމެ އިސް ވެރިޔާއަކީ ރަސްކަލެކެވެ. ނަމަވެސް ވެރިކަން ހިންގަނީ ގާނޫނީ އިމުގެ ތެރެއިން ޑިމޮކްރެޓިކް އުސޫލުންނެވެ.
ކުރުކޮށް ދަންނަވާ ނަމަ، ޑިމޮކްރަސީގެ އަސްލަކީ އަޣުލަބިއްޔަތުގެ ބާރު] (Majority Rule)އެވެ. މި ނިޒާމުގައި ކަންކަން ނިންމަނީ ގިނަ މީހުން (އަޣުލަބިއްޔަތު) އެއްބަސްވާ ގޮތަކަށެވެ.
ސީދާ (Direct) ޑިމޮކްރަސީއެއްގައި ނަމަ، ކޮންމެ ޤާނޫނަކަށް ނުވަތަ ނިންމުމަކަށް ހުރިހައި ރައްޔިތުން ސީދާ ވޯޓުލައެވެ. މި ނިޒާމުގެ ނުރައްކަލަކީ ގިނަ މީހުން ބޭނުންވެއްޖެ ނަމަ، މަދު މީހުންގެ (އަޤުލިއްޔާތުގެ) ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ.
ޖުމްހޫރިއްޔާއެއްގެ އަސްލަކީ ޤާނޫނުގެ ވެރިކަން (Rule of Law)ހިންގުމެވެ. ރައްޔިތުން ސީދާ ވެރިކަންކުރުމުގެ ބަދަލުގައި، އެ މީހުންގެ ފަރާތުން ވާހަކަދައްކާނެ މަންދޫބުން ((Representatives އިންތިޚާބުކުރެއެވެ.
ޖުމްހޫރިއްޔަތުގެ އެންމެ މުހިންމު ސިފައަކީ ވެރިކަން ހިންގާންވާނީ ލިޔެވިފައިވާ ޤާނޫނުއަސާސީއަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށްވުމެވެ. އަޣުލަބިއްޔަތުން ބޭނުންވިކަމުގައި ވިޔަސް، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އިންސާނީ ޙައްޤުތަކެއް ނިގުޅައެއްނުގަނެވޭނެއެވެ.
ހަގީގަތުގައި ޢަދުލުވެރި ވެރިކަމެއް ހިންގުމަށް ޓަކައި ބޭނުންވަނީ ވަކި ނިޒާމެއް ނޫނެވެ. ހުރިހައި ރައްޔިތުންގެ އިޚުލާޞްތެރިކަމާއި ނަޒާހަތްތެރިކަމާއި ޢަދުވެރިކަމާ ލައިގެން ނޫނީ، ވަކި ނިޒާމެއް އޮވެގެން ޤައުމަށް ލިބޭނެ ފައިދާއެއް ނޯންނާނެއެވެ. ވެރީން ހޮވަނީ ރައްޔިތުންގެ ތެރެއިން ރައްޔިތުންކަމަށްވާތީ، އަޣުލަބިއްޔަތު ރައްޔިތުންނަކީ އިންސާފުވެރި، އަދުލުވެރި، ތެދުވެރި، ނަޒާހަތްތެރި ބަޔަކަށް ވެގެންނޫނީ ޢަދުލުވެރި އިންސާފުވެރި ވެރިކަމެއް ގާއިމެއްނުކުރެވޭނެއެވެ. މި ކަން މި މަގަށް ހިނގައިގެން ނޫނީ، ލިޔެވިފައި އޮންނަ ވެރިކަމުގެ ނިޒާމަކުން ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނޯންނާނެއެވެ.
މި އަދަކީ ދިވެހިރާއްޖޭގެ [ޖުމްހޫރީ ދުވަހެވެ.] ދިވެހިރާއްޖެއަށް [ގެނެވުނު] ޑިމޮކްރެސީގެ ސަބަބުން މުޖުތަމައަށް އައި ބަދަލާއި ލިބުނު ފައިދާއާއި ގެއްލުމާ މެދު، ކޮންމެ މީހަކު ވެސް ވިސްނައި ފިކުރުކޮށްލާން މިއަދަކީ ވަރަށް އެކަށީގެންވާ ދުވެހެކެވެ. ދޭދޭ ގުޅުންތަކާއި އެއްބައިވަންތަކަމާއި އިޖުތިމާޢީ ގިޔަމުތައް މިއަދު އޮތް ހިސާބާ މެދުގައެވެ. ރައްޔިތުންގެ މުރާލިކަމާއި ކަންނެތްކަމާއި ދޭސީންނާއި ބިދޭސީންނަށް ލިބިފައިވާ ބާރެވެ. މަސްވެރކަމާއި ދަނޑުވެރިކަމުގައި ޙަރަކާތްތެރިވާ މިންވަރެވެ. [ޚުދުމުޚުތާރު] ވެރިކަމެއް އޮވެގެން ކަމުނުގޮސްގެން [ޑިމޮކްރެސީ] ގެނައި ގައުމުތަކުގެ އިހާއި މިހާރުގެ ޙާލަތަށެވެ. އިސްލާމީ ތާރީޚުގެ އެކި ދައުރުތަކަށެވެ. ދުނިޔޭގައި ކުރިއަރައިފައިވާ ގައުމުތަކާއި އެ ގައުމުތަކުގައި ކަން ހިނގައިފައިވާ އަދި ކަން ހިނގަމުންދާ ގޮތުގެ މައްޗަށެވެ. މި ކަންކަމާ މެދު، ފުންކޮށް ވިސްނައި އަމިއްލައަށް ގޮތް ނިންމަވާށެވެ! އަޅުގަނޑު ތަފުސީލުކޮށް މި ވާހަކަދައްކާކަށް ނެތީމެވެ.
ބައެއް ލަފުޒުގެ މާނަ
ވާރުތަވުން ނ. ތަރިކަ މުދަލެއް ލިބޭ ގޮތްވުން.
މަފުހޫމު ނ. (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.
މީޔާރު ނ. އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު.
މީޔާރު ނއ. އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު.
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.