Advertisement

އަދަބުދީގެން ކުދީން ތަރުބިޔަތުކުރުމުގެ ނަތީޖާ މާ ރަނގަޅެވެ. – ތަޖުރިބާ

16 Apr 2024 | 00:59
ތަރުބިޔަތުކުރުމުގައި ތައުދީބީ ފިޔަވަޅު އަޅާން ޖެހެއެވެ. (ފޮޓޯ: ލިންކްޑްއިން)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ތަފާތު އެކި ލަފުޒުތައް ބައެއް ފަހަރު ބައެއް ސިޔާގުގައި އެއް މާނައެއްގައި ބޭނުންކުރިޔަސް، އެއީ ސައްތައިން ސައްތަ، މާނަ އެއް ގޮތް ލަފުޒުތަކެއް ނޫނެވެ. ހަގީގަތުގައި ލަފުޒުގެ މާނަ ދެނެގަނެވޭނީ އެ ލަފުޒެއް ބޭނުންކޮށްފައި އޮންނަ ސިޔާގުންނެވެ. "ގޯނާ"އާއި "ގަނާ"އަކީ ވެސް ވަރަށް ކައިރި ދެ މާނައެއް އޮންނަ ދެ ލަފުޒެވެ. ހަމަ އެ ފަދައިން  އަދަބާއި އުގޫބާތުގައި ވެސް މާނައިގައި ކައިރިކަމެއް ހުރެއެވެ. ބައެއް ސިޔާގުގައެވެ.

މި ވާހަކަ މިއަދު މި ފާހަގަކޮށްލީ މީޑިއާގެ ސުރުޚީތަކުގައި ދައުކުރާ ބައެއް ޚަބަރުތަކުގައި މި ލަފުޒުތައް ވިރަވެފައިވާތީއެވެ. ޖިނާއީ ޒިންމާ އުފުލާން ވީ ޢުމުރާ ބެހޭ ގޮތުން ދެކެވެމުން ދިޔަ ވާހަކަތަކަށް ވިސްނާ އިރު، އެއީ އެ ކަން އޮންނާން ވީ ރަނގަޅު ގޮތް ނޭނގޭތީ ދެއްކޭ ވާހަކަތަކެއްކަމަށް ގަބޫލުކުރެވެއެވެ. މިސާލަކަށް "އިސްލާމް ދީނުގައި އޮންނަ ގޮތަށް ޅަ ޢުމުރުގެ ކުދީން ކުރާ ކުށްތަކަށް ވެސް އަދަބު ދޭން ޖެހޭ"ކަމަށް ބުނެ ފާޅުކޮށްފައިވާ ޚިޔާލެވެ. ހަގީގަތަކީ ކުޑަކުދީންނަށް އެންމެ އޯގާވެރި ދީނަކީ އިސްލާމްދީންކަމެވެ. ކުޑަކުދީންނަށް ހުރިހައި ހައްގުތަކެއް ދޭން ގޮވައިލީ އިސްލާމް ދީނުގައެވެ. ރަނގަޅު މައިންބަފައިންނާއި ރީތި ނަމެއް ލިބުމަކީ އެ ކުދީންގެ ހައްގެއްކަމަށް އޮތީ އިސްލާމް ދީން ފިޔަވައި ކޮން ފަލްސަފާއެއްގައިތޯއެވެ! އިސްލާމް ދީނުގައި، ކުޑަކުދީންގެ ތަރުބިޔަތުގައި އަބަދުދިނުމުގެ މާނައަކީ ތައުދީބީ ފިޔަވަޅުއެޅުމެވެ. ވީމާ، އަދަބުދީގެން ތަރުބިޔަތުކުރި ޖީލާއި އަދަބު ނުދީ ތަރުބިޔަތުކުރާ ޖީލުގެ ތަރުބިޔަތުން ފެންނަ ތަފާތާ މެދު، ކޮންމެވެސް އެހެން ކަންމިނަކުން ބަލައިލާން އަޅުގަނޑު ގަސްތުކުރަމެވެ.

މި މަގާމުގައި އަޅުގަނޑު ފުރަތަމަ ފާހަގަކޮށްލާން ބޭނުންވަނީ އަދަބުދިނުމަކީ ކޮބައިތޯއެވެ. އަދަބަކީ ކޯއްޗެއްތޯއެވެ. ހަގީގަތުގައި އަދަބުގެ މާނައަކީ "އިޙުތިރާމްކުރުމާއި ކިޔަމަންތެރިވާ ކިޔަމަންތެރިވުމެވެ." ނުވަތަ "އަޚުލާޤު ރަނގަޅުކަމެވެ." ހަގީގަތުގައި އަދަބުގެ ހަގީގީ މާނައަކީ މިއީއެވެ. ނަމަވެސް ބަހުގެ ޢިލްމަށް ވެސް އަދަބޭ ކިޔައެވެ. އަދި ޢުޤޫބާތަށް ވެސް މަޖާޒީ ގޮތެއްގައި އަދަބޭ ކިޔައެވެ. އެއީ ކުރީން ދެންނެވި މާނައިގައި މީހުން އަދަބުވެރިކުރުވުމަށް ޓަކައި މީހުންނަށް ބައެއް ފިޔަވަޅުއަޅާތީއެވެ. އެއީ "އުޤޫބާތް"ކަމަށް ބަލަނީއެވެ. އަނެއްކޮޅުން "ޢުޤޫބާތު" ނުވަތަ "ޢުޤޫބާތް"ކަމަށް ޢާންމު މާނައިގައި ބަލަނީ އެއީ "ކުށްކުރާ މީހުންނަށް ލިބޭ ސަޒާ"ކަމަށެވެ. ނުވަތަ އެއީ "الله އަށް އުރެދޭ މީހުންނަށް ދެއްވާ ޢަޛާބު"ކަމުގައި ވެސް ބެލެއެވެ. އެންމު ޢާންމު މާނައަކީ "އެކި ކުށްކުށަށް ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން ދޭ އަދަބު"ކަމަށް ބެލިދާނެއެވެ. މި މާނަތަކަށް ބަލާއިރު ޢުޤޫބާތަށް އަދަބޭ ވެސް ކިޔައެވެ. ނަމަވެސް "އަދަބޭ" ބުނާ ކޮންމެ ތަނެއްގައި އެއީ "ޢުޤޫބާތް"ކަމަކަށް ނުބެލެވޭނެއެވެ. އެހެން ނުވެސް ބަލައެވެ. ވީމާ ކުޑަކުދީން ތަރުބިއްޔަތުކުރުމުގައި ކުދީންނަށް އަދަބުދިނުމުގެ މަފުހޫމަކީ އެއްވެސް ޙާލެއްގައި ކުދީންނަށް ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން (ވިޔަސް) އަނިޔާދިނުމެއް ނޫންކަން ހަނދާންކުރާންވާނެއެވެ.

އަޅުގަނޑުގެ ނަޒަރުގައި ކުދީންނަށް އަދަބުދިނުމުގެ މާނައަކީ އެ ކުދީން އަދަބުވެރިކުރުވުމަށްޓަކައި، އަޚުލާޤު ރަނގަޅުކުރުމަށް ޓަކައި، އިޙުތިރާމްކުރުމާއި ކިޔަމަންތެރިވާން ދަސްކޮށްދިނުމަށް ޓަކައި، ތައުދީބީ ފިޔަވަޅުއެޅުމެވެ. އަޅުގަނޑުމެންނަކީ އަދަބުދީގެން ކުރީން ތަރުބިއްޔަތުކުރި ޖީލުގެ މީހުންނެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު އަޅުގަނޑު ބޮޑުވީ އަދަބުދީގެންނެވެ. ނަމަވެސް އަޅުގަނޑަކަށް އެއްވެސް ޙާލެއްގައި ޖިސްމާނީ އަދި ނަފުސާނީ އަނިޔާއެއް ނުލިބެއެވެ. އެފަދަ އަނިޔާއެއް ނުވެސްދެއެވެ. އެއީ އަޅުގަނޑުމެން ހެޔޮ ގޮތުގައި ތަރުބިޔަތުކުރާން ބޭނުންވާތީ ލޯބީން ދެއްވި އަދަބެކެވެ. ކުރުވި އަދަބުވެރިކުރުވުމެކެވެ. ކަނު ލޯބީގެ ބަދަލުގައި ހަގީގީ ލޯބިދިނުމެވެ. މި ކަމަށް ޓަކައި އަޅުގަނޑުގެ ފުރަތަމަ މުދައްރިސް އަދި އަޅުގަނޑުގެ ލޮބުވެރި މަންމައާއި އަދި ލޮބުވެތި ބައްޕައަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ. އެ ދެކަނބަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އަބަދާއި އަބަދު ދުޢާކުރަމެވެ. رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑަށް އަދަބުދިނީ އަދަބުވެރިކުރުވީ އަޅުގަނޑުގެ ނަމުން ގޮވައިލުމާއި، އިލޮށި ދެއްކުމާއި ގޯނިގަނޑެއް ދައްކައިގެންނެވެ. ކާން ނުދީ ބަހައްޓައިގެންނެވެ. މިއީ އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު ތަރުބިޔަތުކުރުމުގައި ބޭނުންކުރެއްވި މާގައާއި ތަރީގާއެވެ. މި މާގައާއި ތަރީގާ ބޭނުންކުރެއްވި ގޮތުގެ ތަފުޞީލު ދަންނަވައިލާނަމެވެ.

އަޅުގަނޑުގެ މަންމަ ވެސް ބައްޕަ ވެސް އާންމުކޮށް އަޅުގަނޑަށް ގޮވައިލައްވަނީ ނުވަތަ މުޚާޠަބުކުރައްވާނީ "މަފުތު" ނުވަތަ "މަފުތާ" މި ގޮތަށެވެ. (ރަށު ބަހުން އެއީ "މަގޭ ދަރިފުޅު"އެވެ.) ނަމަވެސް ކޮންމެވެސް ކަމަކާ ހިތްހަމަޖެހިނުލައްވައިގެން ނުވަތަ ރުޅިދުރުވެގެން ގޮވައިލައްވާ ނަމަ، ގޮވައިލައްވާނީ އަޅުގަނޑުގެ ނަމުންނެވެ. ގޮވައިލައްވާނީ "ޢަބްދުލްޢަޒީޒު" މި ގޮތަށެވެ. މަންމަ ވެސް ނުވަތަ ބައްޕަ ވެސް އަޅުގަނޑުގެ ނަމުން ގޮވައިލައްވައިފި ނަމަ، ވަރަށް ދެރަވެއެވެ. އެއީ ކަމެއް ގޯސްވީކަން ދެނެގަނެވެއެވެ. ވީމާ، އަޅުގަނޑަށް އިސްލާޙުވުމުގެ ފުރުޞަތު ލިބެއެވެ. ދެން އެ ފަދަ ގޮތަކަށް ގޮވައިނުލައްވާނެ ގޮތަކަށް ޢަމަލުތައް ބައްޓަންކުރާން ސަމާލުކަންދެވެއެވެ.

ކުރާން ނުވާ ކަމެއް ކުރެވިއްޖެ ނަމަ، އިލޮއްޓަކުން ފައިކުރީގައި ޖައްސަވާނެއެވެ. އެ ވަގުތު ދިލަ ތަދެއް ވިޔަސް ހިނދުކޮޅެއްގެ ތެރޭގައި އެ ތަދު ހިނގައިދެއެވެ. ނަމަވެސް އެ ޖެއްސެވި ޖެއްސެވުން އަޅުގަނޑަށް ވަރަށް ބޮޑުކަމަކަށް ވެއެވެ. އިތުރަށް އެ ކަން ތަކުރާރުނުވާ ގޮތަކަށް އުޅުން ބައްޓަންކުރާން ހަނދާންވެއެވެ.

މަންމަގެ ހުއްދަ ނެތި ގޯތީން ބޭރަށް ހިނގައްޖެ ނަމަ، ކުރިމަތިވަނީ ގޯނިގަނޑެވެ. އަނދެގެން ހުންނަ މުންޑާއި ލައިގެން ހުންނަ ގަމީސް ބޭލުމަށް ފަހު ގޯނިގަނޑު އަންދަވާނެއެވެ. ދެން ބުނުއްވާނީ "ތިޔަ ދާ ތާކަށް ދާށެވެ! އަހަރެމެން ހޯދައިދޭ އަންނައުނު ލައި އަނދެ ހަދައިގެން ދާން ވާނީ އަހަރެމެން ހުއްދަ ދޭ ތާކަށެވެ." ދެން އަޅުގަނޑަށް ޖެހެނީ ބަދިގޭ ބިއްދޮށަށް ވަދެ ފިލައި ހުންނާށެވެ. ގިނަ ފަހަރަށް ހުންނާނީ ރޮއިރޮއެވެ. އިރުގަނޑެއް ވީމާ، "ދެން ބުނާ ބަސް އަހައިގެން އުޅެވޭނެހޭ" ސުވާލުކުރެއްވުމުން އަޅުގަނޑު އާނއެކޭ ނަންގަތީމާ، ހެދުން ލާން ފުރުޞަތު ލިބެއެވެ. ދެން ފެންވަރައިގެން ހެދުންއަޅައިގެން ކިޔަވާން އިށީންނަނީއެވެ.

ކާން ނުދިނުމަކީ ވެސް ވަރަށް ޝައުޤުވެރިކޮށް ހިނގާ ކަމެކެވެ. ހެނދުނު ކިތަންމެ ބަނޑުހައި ވިޔަސް ކާ އެއްއް ލިބޭނީ ލިޔެފައިވާ ފިލާ ހިތުދަސްކޮށް މަންމައަށް ކިޔައިދީ ފިލާ ދޮވެ ހިއްކާން ބެހެއްޓި އިރަކުންނެވެ. ބަނޑުހައިވެއްޖެ ވާހަކަ ނަންގަންނަ އިރަށް، މަންމަ ބުނުއްވާނީ ކާން ބޭނުމިއްޔާ އަވަހަށް ފިލާ ހިތުދަސްކޮށްގެން ހިތުން ކިޔައިދޭށެވެ. އެހެންކަމުން ފަތިހު ފަތިސްނަމާދުކޮށްގެން އެންމެ އިސްކަމަކަށް އަޅުގަނޑު ހަދަނީ، ފިލާގައި ލިޔެފައިވާ އެއްޗެއް ހިތުދަސްކޮށް މަންމައަށް ކިޔައިދޭށެވެ. މިއީ އާދައެއްކަމަށް ވިއެވެ. ފަހުން ފިލާ ހިތުދަސްކުރުމުގެ ކުރީން ކެއުމުގެ ޚިޔާލެއް ވެސް ނާދެއެވެ.

ހެނދުނު، ނާސްތާކޮށް ނިމިގެން، ޗާޕުކުރި ފޮތެއް ބަލައިގެން އާދައިގެ އިސްކޫލު ފޮތެއްގައި އެއް ސަފުހާ ލިޔެފައި ނޫނީ ކުޅޭން ގޯތިތެރެއަކަށް ވެސް ނުއެއްނުކުމެވޭނެއެވެ. އެއީ އަޅުގަނޑުގެ އަތުލިޔުން ރީތިކުރައްވާން މަންމަ އެޅުއްވި ފިޔަވަޅެކެވެ. ނަމަވެސް އޭގެ އިތުރަށް ތަފާތު މަޢުލޫމާތާއި ޢިބާރާތްކުރުމުގެ ހުނަރު އަޅުގަނޑުމެންނަށް ލިބުނެވެ. ހަމަގައިމުވެސް އަޅުގަނޑަށް ލިބުނެވެ.

ރަމަޟާން މަހުގައި ވެސް ހެނދުނު ބޭރަށް ކުޅޭން ދާން ހުއްދަ ލިބޭ ގޮތެއް އޮވެއެވެ. އެއީ ޚަތިމުން (މުޞްޙަފުން) ފޮތެއް ކިޔައި ނިންމައިލުމެވެ. ވީމާ، އަޅުގަނޑުގެ އާދައަކީ ހެނދުނު ހެނދުނާ ފޮތެއް ކިޔައި ނިންމައިލުމެވެ. މިއީ މީހަކު ނުބުންޏަސް އާދައެއްކަމުގައި ވިއެވެ. އެހާ ހިސާބުން މެންދުރު ނަމާދު ވަގުތު ވަންދެން އެއީ ކުޅޭން ދާން ހުއްދަ ލިބުނީއެވެ.

ހުކުރު ދުވަހެއް އަތުވެއްޖެ ނަމަ، ކަހްފު ސޫރަތް ކިޔާން މަޖުބޫރުކުރައްވައެވެ. އަދި އެއީ ކުދި ފާފަތައް ފޮހެވޭނެ ކަމެއްކަމަށް ބުނެދެއްވައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ ހުކުރު ދުވަހަކު އެ ސޫރަތް ކިޔަކިޔައި ހިތު ދަސްވިއެވެ.

ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ފަތިސް ނަމާދުކޮށްގެން ފިލާވަޅު ހިތުން ދަސްކޮށް މަންމައަށް ކިޔައިދިނީމާ ނޫނީ ކާއެއްޗެއް ނުލިބެއެވެ. މެންދުރު ނަމާދުކޮށްގެން މަދުވެގެން ތިން ފަހަރު ފިލާވަޅު (ފިލާ) ކިޔެވީމާ ނޫނީ މެންދުރު ކާކަށް ނުލިބޭނެއެވެ. މަޣުރިބު ނަމާދުކޮށްގެން ޢިޝާވަގުތު ޖެހެންދެން ޔާސީން ސޫރަތާއި މުލްކު ސޫރަތާއި ވާޤިޢާ ސޫރަތް ކިޔަވާން ޖެހެއެވެ. މި ސޫރަތްތައް ކިޔަވައި ނިމޭ އިރު، ހުންނާނީ ޢިޝާ ނަމާދު ވަގުތު ކައިރިވެފައެވެ. ދެން ޢިޝާ ނަމާދަށް ގޮސް ނަމާދުކޮށްގެން އައީމާ ނޫނީ ރޭގަނޑު ކާކަށް ނުލިބޭނެއެވެ. މި ކަންކަމަކީ ދުވަހީ އާދައަކަށް އޮންނަނީ ވެފައެވެ.

އަޅުގަނޑުމެން ތަރުބިއްޔަތުކުރެއްވުމުގައި އަޅުގަނޑުގެ މައިންބަފައިން ގެންގުޅުއްވީ އަދަބުދީ، އަދަބުވެރިކުރެއްވުމުގެ ތަރީގާއެކެވެ. އެ ފަދަ މާގައެކެވެ. މި ތަރުބިޔަތުގެ ސަބަބުން އަޅުގަނޑަކަށް ނަފުސާނީ އަދި ޖިސްމާނީ ގެއްލުމެއް ނުލިބެއެވެ. ހިތު ދަސްކުރުމުގެ ބާރު ދަށެއް ނުވެއެވެ. އެ ބާރު ގަދަވީކަމަށް ވިސްނެއެވެ.

ދެން ނަސޭހަތްދެއްވުމުގައި ވެސް ނުބައި ކަންތައް ކުރާ މީހުންނަށް ޤިޔާމަތްދުވަހުން ހުންނާނެ ޢުޤޫބާތާއި ކަށްވަޅުގެ ނާމަންކަން އަބަދު ވެސް ހަނދާންކޮށްދެއްވައެވެ. ދޮގުހެދުމާއި ވައްކަންކުރުން ފަދަ ނުބައި ކަންތައް ކުރުމަކީ ނަރަކައަށް ވައްދަވާނެ ކަމެއްކަން ހަނދާންކޮށްދެއްވައެވެ. ނަތީޖާއެއްގެ ގޮތުން އެ ކަމަށް ބިރުން، ނުބައި ކަންތައް ކުރުމާ ދުރުހެލިވުމުގެ އާދަ އަޅުގަނޑުގެ ކިބައިގައި ހަރުލިއެވެ.

މިއީ އަޅުގަނޑުމެން ތަރުބިއްޔަތުކުރުމަށް ޓަކައި އަޅުގަނޑުމެންގެ މައިންބަފައިން ގެންގުޅުއްވި މައިގަނޑު ތަރީގާއެވެ. ބޭނުންކުރެއްވި މާގައެވެ. އަދަބުދީގެން އަދަބުވެރިކުރުވައިގެން ތަރުބިޔަތުކުރެއްވުމުގެ އުސްލޫބެވެ. މި ތަރީގާއާއި މި މާގައާއި މި އުސްލޫބަކީ ދަރީން ދެކެ ލޯބީން ގެންގުޅުއްވި އުޞޫލެއްކަމަށް ގަބޫލުކުރެވުނެވެ. އަޅުގަނޑުމެންނަކީ ހެޔޮ ލަފާ، ބަސްއަހާ ކުދީންނަށް ހަދާން، މައިން ބަފައިން ދެއްވި ސަމާލުކަން ހިތްމައްޗަށް މިހާރު ވެސް އާދެއެވެ.

އަދަބު ދީގެން އަދަބުވެރިކުރުވައިގެން ދަރީން ތަރުބިޔަތުކުރައްވާން މަންމައާއި ބައްޕަ، ޚާއްޞަކޮށް މަންމަ، ގެންގުޅުއްވި ތަރީގާގެ ސަބަބުން އަޅުގަނޑުގެ މައިންބަފައިން ތަރުބިއްޔަތުކުރެއްވި ހުރިހައި ދަރީންނަކީ އެ ކުދީން އުޅެ ބޮޑުވި މުޖުތަމަޢުގައި އެހެން ކުދީން ނަމޫނާއަކަށް ބެލި ކުދީންނެވެ. އެ ދަރީންގެ ސަބަބުން މުޖުތަމަޢަށް އެއްވެސް އުނދަގުލެއް ނުފޯރާ، އަދި އެ ދަރީންގެ ސަބަބުން ރީތި އަޚުލާޤެއް ފެނުނު ދަރީންތަކެކެވެ. 

މިއަދު އަދަބުގެ ވާހަކަ ދައްކާ އިރު، ކުޑަކުދީންގެ ހައްގުގެ ވާހަކަ ދައްކައި ހަދާއިރު، ކުޑަކުދީންނަށް ރަނގަޅު ތަރުބިޔަތެއް ލިބުމަކީ އެ ކުދީންގެ ހައްގަކަށް ނުވަނީހެއްޔެވެ؟ ބަންދު ދުވަހެއް އަތުވެއްޖެ ނަމަ، ނަމާދަށް ކުދީން ނުނަގައި ނިދާން ބާއިތިއްބައި، ހޭލެވޭ އިރަށް ބުއްތަށި ދިއްކޮށްލަނީ، ނަމާދުކުރުވާން އާދަކުރުވުމަކީ އެ ކުދީންނަށް އަދާކޮށްދޭން ޖެހޭ ޙައްގަކަށް ނުވަނީހެއްޔެވެ؟

އިންސާފެއް ޢަދުލުވެރިކަމެއް ނެތް، އަދި އިންސާނީ ހައްގަށް ކުޑަ ވެސް އިޙުތިރާމެއް ނުކުރާކަން މިހާރު މުޅި ދުނިޔެއަށް ސާބިތުވެފައިވާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން، ކުދި ގައުމުތައް ހަލާކުކުރުމަށް ޓަކައި ފަތުރައިފައިވާ "ހައްގު"ތަކާއި "މިނިވަންކަމުގެ" ސަބަބުން ލިބުނު ފައިދާއެއް މި އަދުގެ ޖީލުން ފެނޭހެއްޔެވެ؟ ތަރުބިޔަތު ލިބިފައިވާ، އަދި ސުލޫކު ރަނގަޅު ދަރީންތަކެއް މުޖުތަމަޢަށް ނުކުމޭހެއްޔެވެ؟

މިއަދު ގިނަ ގޭގޭގައި މައިންބަފައިންގެ ބަހެއް ނުވިކެއެވެ. ކުދީންގެ މައްޗަކަށް މައިންބަފައިންގެ އަމުރެއް ނިހިނގައެވެ. ދަރިއަކަށް އަދަބުދީ އަދަބުވެރިކުރުވުމަކީ ކުށަކަށް ހަދައިފިއެވެ. އިސްކޫލުތަކުގައި ނާޒިރެއްގެ، މުދައްރިސެއްގެ އަގެއް، ބާރެއް، ނެތެވެ. އިސްކޫލުތަކުގައި، ދަރިވަރުން އުޅޭނެ ގޮތަކަށް އުޅުނަސް ފިޔަވަޅެއް އަޅައި އަދަބެއް ދެވޭކަށް ނޯވެއެވެ. އިސްކޫލުން ކަނޑައެއް ނުލެވެއެވެ. ނަތީޖާ ފެންނަނީ ފަހިކޮށްހެއްޔެވެ؟ އަދަބު ދީގެން އިލޮށިފައްޗާއި ގޯނިބުރީގެ ބިރު ދައްކައިގެން ތަރުބިޔަތުކުރި ޖީލާއި މިއަދު އަދަބު ނުދީ އުޅޭނެ ގޮތަކަށް އުޅުމުގެ "މިނިވަންކަން" ދީގެން، ކަނު ލޯބި ދީގެން، ތަރުބިޔަތުކުރާ ޖީލުގެ ތަފާތާ މެދު ވިސްނާކަށް ނުވޭހެއްޔެވެ؟

އާދޭހެވެ! އަޅުގަނޑުމެންނަކީ އިލޮށިފައްޗާއި ގޯނިގަނޑުގެ ބިރުދައްކައިގެން، އަދަބު ދީގެން އަދި ނަރަކައިގެ ވާހަކައިން ބިރުގަންނަވައިގެން ތަރުބިޔަތުކުރެވުނު ޖީލުގެ މީހުންނެވެ. މި ތަރުބިޔަތުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބުނު ނަމަ، ލިބުނު "ގެއްލުމަކީ" މިހުންނަށް އަނިޔާވެރިނުވުމާއި، ހަޑިހުތުރު ބަސްތައް ދުލުން ކިޔާން ނުކެރުމުގެ "ފިނޑިކަން" ލިބުމެވެ. ނަމާދުނުކޮށް ހުރުމުގެ "ކުޅަދާނަކަން" ނުލިބުނުކަމެވެ. ވައްކަންކޮށް ދޮގުހަދައި، މީހުންނަށް މަކަރާއި ޙީލަތް ހަދާން ނުކެރުމުގެ ނާގާބިލުކަން ލިބުމެވެ.

މިއަދު އަދަބު ނުދީ "ލޯބީން"، ތަރުބިޔަތު ކުރާ ޖީލުން ފެންނަ ނަތީޖާއަކީ ކޮބައިތޯ ވިސްނައިލާކަށް ނުވޭތޯއެވެ! އަދި ވެސް ހުޅަނގުގެ މަޅީގައި ޖެހިގެން ޖީލުތައް ހަލާކުކުރާން މަޑުކުރާންވީތޯއެވެ؟

ނޫނެކެވެ! މައިންބަފައިންނާއި މުޖުތަމަޢު، އަދި ސިޔާސަތު ރާވާ ފަރާތްކުން ވެސް ހޭއަރާން ވެއްޖެއެވެ. ދަރީން އަދަބުވެރިކުރެވޭނީ، ހަރުދަނާ ޖީލެއް ބިނާކުރެވޭނީ، ދަރީންނަށް އަދަބު ދީގެންނެވެ. އެއީ ދަރީންނަށް ބޮޑެތި އުގޫބާތްދިނުމެއް ނޫނެވެ. ޖިސްމާނީ އަނިޔާތައް ދިނުމެއް ނޫނެވެ. އެއީ ހެޔޮ ލަފާ ޖީލެއް ބިނާކުރުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްކަން ތަޖުރިބާއިން މިހިރަ ސާބިތުވަނީއެވެ. އަދަބޭ ބުނާ އިރަށް، އެއީ ހާނީއްކަކުރުންކަމަށް މާނަކޮށްގެން ނުވާނެއެވެ. އަދަބުގެ މާނައަކީ ހާނީއްކަކުރުމެއް ނޫނެވެ. އެއީ އިޙުތިރާމްކުރުމަށާއި ކިޔަމަންތެރިވާން ދަސްކޮށްދިނުމެމެވެ. ނުވަތަ  އަޚުލާޤު ރަނގަޅުކުރުމެވެ. އެއީ ހަރުދަނާ އުސޫލެއްގެ މަތީން ދަރީން ހެޔޮ މަގަށް ބައްޓަންކުރުމެވެ. ވީމާ ތަޖުރިބައަށް ބަލާ އިރު، އިލޮށިފައްޗާއި ގޯނިގަނޑުން ނަމަވެސް، އަދަބުދީގެން ދަރީން ތަރުބިއްތުކުރުމުގެ ތަރީގާ، މާ ކާމިޔާބުކަމުގައި ދަންނަވާން ޖެހެއެވެ. އެމެރިކާއާއި ހުޅަނގުގެ "ތިއަރީ"އަށް ބަލާއިރު މިއީ ގޯސްކަމެއްކަމަށް ތިޔަ ބޭފުޅުން ވަކާލާތު ކުރެއްވިޔަސް ވެސް މެއެވެ.

އަޅުގަނޑުގެ މައިންބަފައިން ދަރީން ތަރުބިޔަތު ކުރެއްވުމުގައި ބޭނުންކުރެއްވި ތަރީގާއާއި މަގައިން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ މުހިންމު އެއް ކަމަކީ ދަރީން ތަރުބިޔަތުކުރުމަށް ޓަކައި ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުން މުހިންމުކަމެވެ. އަދި އެ އުޞޫލުތައް ކޮންމެހެން ވެސް ތަންފީޒުކުރާންޖެހޭނެކަމެވެ. އެއީ ދަރިފުޅު ހާކާ ބޮޑާހޭކުމެއްގެ ސަބަބުން ބަދަލުގެނެސްގެންވާނެ އުޞޫލުތަކެއް ނޫންކަމެވެ. މި ފަދަ އުސޫލެއް ކަނޑައެޅުނުކަމުގައި ވިޔަސް ދަރިފުޅު ބޮޑާ ހާކައިގަންނަ އިރަށް ބަދަލުކޮށްފި ނަމަ، ތަރުބިޔަތުގެ މުޅި ނިޒާމު ބޮއްސުންލާނެކަމެވެ. އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި އަދި އަޅުގަނޑުގެ ތަޖުރިބާއިން އެނގުނު ގޮތުގައި އަޅުގަނޑުގެ މަންމައާއި ބައްޕައަކީ ވަރަށް ހަރުދަނާ މުރައްބީންކަން އަޅުގަނޑަށް ސާބިތުވިއެވެ. އަދި ދަރީން ތަރުބިޔަކުކުރުމުގައި އަދަބުވެރިކުރުވާނެ ނިޒާމެއް ކަނޑައަޅައި ތަނފީޒުކުރުމުގެ މުހިންމުކަން ވެސް އަޅުގަނޑަށް ފާހަގަވިއެވެ.

އަޅުގަނޑުމެން އިސްކޫލުތައް ހިންގި އިރު ވެސް މި ތަރީގާއާއި އުސްލޫބު ބޭނުންކުރީމެވެ. ކުދީންނަށް ތަފާތު އަދަބު ދިނީމެވެ. އިތުރު ސަފުހާތަކެއް ލިޔާން ހަވާލުކޮށްގެންނެވެ. އިތުރު މަސައްކަތްތަކެއް ކުރާން ޖައްސައިގެންނެވެ. ކޮށްޅަށް ބަހައްޓައިގެންނެވެ. ނަމަވެސް ހާނީއްކައެއް ނުކުރަމެވެ. އިސްކޫލުގައި ގެންގުޅެވޭން ނެތް ދެ ކުއްޖަކު އިސްކޫލުން ކަނޑައިވެސްލީމެވެ. އޭގެ ނަތީޖާ ފެނުނީ ފައްސިކޮށެވެ. އެ ކުދީންނަކީ ރަނގަޅު ކުދީންނަށް ފަހުން ވިއެވެ. އަދަބު ދިނުމުގެ، ދަރިވަރުން އަދަބުވެރިކުރުވުމުގެ، ނިޒާމެއް ނެތް ނަމަ، ދަރީން ހެޔޮ ގޮތުގައި ބައްޓަމެއް ނުކުރެވޭނެއެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު އަދަބުދީގެން ކުދީން ތަރުބިޔަތުކުރުމުގެ ނަތީޖާ މާ ރަނގަޅެވެ. މި ވާހަކަ ދެންނެވީމާ ތިޔަ ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން މަލާމާތްކުރެއްވިޔަސް މިއީ އަޅުގަނޑު ތަޖުރިބާކޮށްފައިވާ ހަގީގަތެވެ.

______________________________________

މި ލިޔުމުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުގެ މާނަ:

ސިޔާގު    ނ.   ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު.

ވިރަވުން    މ.    ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.

ޖާލު      ނ.    ސާވަރުތަކަކުން ކޮންޕިއުޓަރުތައް ގުޅުވައިދޭ ވިއުގަ.

ވިއުގަ     ނ.    މީހުން ނުވަތަ ތަންތަން ނުވަތަ ތަކެތީގެ ޖަމާއީ ގުޅުންތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމު ނުވަތަ ވިއުންގަނޑު.

ގޯނާ      ނ.    (1) އުނދަގޫ. (2) ކުރާ ޖެއްސުން. (2) ރުޅި އަންނާނެ ފަދަ ކަންތައްތައް.

ގަނާ      ނ.    (1) ކުރާ އުނދަގޫ، ތޮޅޭ ތޮޅުން ނުވަތަ ހާރުވާ ހޭރުވުން. (2) ދިމާކުރާ ކުރުން. (3) ކުރާ ގޯނާ ނުވަތަ ކުރާ ބުލީ.

މާގަ     ނ.    މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް.  

ތަރީގާ    ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް. (2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު.

ދުވަހީ.   ނއ.   (1) ދުވަހުގެ  (2) ދުވަހާ ގުޅޭ.

ފައްސި   ނއ.   (1) އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދައްކާ. (2) ގަބޫލުވެވޭ ނުވަތަ ރުހެވޭ.

ކަންމިން   ނ.   ވަޑިފަތިގަނޑަށް ހުންނަ ކޮންމެ ކަނެއްގައިވާ ސާޅީސްފަސް ދަރަޖައިގެ މިންގަނޑު.

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ ބަހުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައެވެ. މީގެ އިތުރަށް އޭނާ ވަނީ ކިޔަވައިދެއްވުމާއި އިސްކޫލުތައް ހިންގުމުގެ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައި ތަޖުރިބާ ޙާޞިލުކުރައްވައިފައެވެ. އޭނާއަށް ވަނީ ދިވެހިބަހަށް ޚިދުމަތްކުރުމާއި ދިވެހިބަހާއި އަދބިއްޔާތުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް
ޝަހުޒާ
ހަގީގަތުގައި މި ލިޔުމަށް އެއްބަސްވާކަށް ބޭނުމެއް ނުވެއެވެ. ކުދީން ތަރުބިޔަތުކުރުމުގެ ތަޖުރިބާ ހުރި ލިޔުންތެރިއަކު، އަމިއްލަ ތަޖުރިބާގެ މައްޗަށް ލިޔެފައިވާ ލިޔުމަކަށް ވާތީ، ރައްދުދޭކަށް ވެސް ބޭނުމެއް ނުވެއެވެ.
16 Apr 2024
Niuma
އަޅުގަނޑުވެސް ބޮޑުވީ މިފަދަ އަދަބީ ތަރުބިއްޔަތެއްގެ ތެރެއިން. ނަތީޖާއަކަށްވީ ނޭނގި ނަމަވެސް ހެޔޮ އެތައް ކަމެއް ކުރެވި އެ އާދަ އަދާ ހަމައަށްވެސް ހަރުލައި ހުރުން. ކަމާ އެކަށީގެންވާ އަދަބު ދިނުމަކީ ހަމަ ރަނގަޅު ކަމެއް.
28 Apr 2024