Advertisement

"ހަދިޔާ"އަކީ އޮޅުވައިލުމެއް. ޔުނިފޯމު ބޭލުމަކީ އެއަށްވުރެ ބޮޑު އޮޅުވައިލުމެއް؟

10 Feb 2024 | 21:19
.

"ފަރަގު"ގެ ޚާއްޞަ މުރާސިލު

ދިވެހިބަހުގެ ރަދީފު ދަންނަ ގޮތުގައި "ހަދިޔާ"އަކީ ގާތްކަމުގެ ގޮތުން، ނުވަތަ އެކުވެރިކަމުގެ ގޮތުން ހަމަ މުޅިން ހިލޭ (ޝަރުޠެއް ނެތި ބަދަލަކަށް ނޭދި) ދޭ އެއްޗަކަށް ކިޔާ ނަމެކެވެ. ހަދިޔާ ދިނުމަށް ފަހު، އެ ދިން ހަދިޔާއެއްގެ ހުރިހާ ހައްގަކާއި މިލްކުވެރިކަމެއް އޮންނާނީ، އެ ހަދިޔާ ދެވުނު ފަރާތަކަށް އެކަންޏެވެ. އެ ދިން މީހަކަށް އެއްވެސް ބާރެއް އޭގެ މައްޗަކަށް ނޯންނާނެއެވެ. އެއަށް ހަދާނެ ގޮތެއް ހަދާނީ އެ ލިބުނު ފަރާތުންނެވެ. އެ ހިސާބުން ހަދިޔާ ދިން މީހާގެ ހުރިހާ މިލްކުވެރިކަމާއި ހައްގެއް އެ ހަދިޔާއަކުން ކެނޑިގެންދިޔައީއެވެ.

ކަން ހުރީ މިހެން ކަމަކަށް ވިޔަސް، މިއަދު ދިވެހި ރާއްޖޭގެ މިތުރަކު ދޭ ހަދިޔާއަކީ މިގޮތަށް ދީފައި ދޫކޮށްލާ އެއްޗަކަށް ނުވެއެވެ. ރާއްޖެއަށް "ހަދިޔާކުރި" ދެ ހެލިކޮޕުޓަރު ހަދިޔާކުރުމަށް ފަހު، އޭގެ ބޭރުގައި MNDF ޖަހައިލުން ފިޔަވައި، އިތުރު އެއްވެސް ހައްގެއް ދިވެހީންނަކަށް އޮންނަހެނެއް ހިޔެއްނުވެއެވެ. ހެލިކޮޕުޓަރު ދުއްވާން، ތިރީހުން ސާޅީހުން އިންޑިއާ ސިފައިން ރާއްޖޭގައި ބަނޑަހަޖެހީއެވެ. ހެލިކޮޕުޓަރު ދުއްވަނީ އިންޑިއާ ސިފައިންނެވެ. ހެލިކޮޕުޓަރު އުދުއްސައިލެވެނީ އިންޑިއާގެ ހައި ކޮމިޝަނަރަރުގެ ހުއްދައާއެކީގައެވެ. ދިވެހި ސިފައިންނަކަށް ދިވެހި ސަރުކާރަކަށް އޭގެ މައްޗަކަށް ބާރެއް ނުފޯރުވެއެވެ. އޮވެޔޭ ވިދާޅުވި ނަމަވެހެވެ.

އަނެއްކޮޅުން 2020 ސެޕުޓެންބަރު މަހު 29 ވަނަ ދުވަހު، އިންޑިއާ ސިފައިންގެ މަތީންދާ ބޯޓެއް ރާއްޖެއަށް "ހަދިޔާ"ކުރިޔޯލައެވެ. ރައްޔިތުންނަށް ދައްކާން، MNDF ޖަހައިލައިފައިވާ ބޯޓެކެވެ. މި ބޯޓު ދުއްވާން ދަންނަ ދިވެހި ޕައިލެޓުންގެ އެތައް ޒުވާނުންނެއް ރާއްޖޭގައި ތިބިކަމަށް ވިޔަސް މި "ހަދިޔާ" ގެންގުޅެ ބަލަހައްޓަނީ އިންޑިއާގެ ސިފައިންނެވެ. އެ މީހުން ބޭނުން ކޮންމެ ގަޑިއަކު ދިވެހި، ވެހި ވައިގެ ބަނދަރުތަކުގައި ޖެއްސުމާއި ފުރުމުގެ ހައްގު އެ މީހުންނަށް ވަނީ ލިބިދީފައެވެ. މި "ހަދިޔާ" ދުއްވައި ބަލަހައްޓާން ތިބެނީ އިންޑިއާގެ ސިފައިންނެވެ. މި "ހަދިޔާ" އޮޕަރޭޓުކުރަނީ އިންޑިއާ މިލިޓުރީ ކޮމާންޑްގެ ދަށުންކަމަށް ވިޔަސް މި "ހަދިޔާ" އޮޕަރޭޓުކުރާނީ ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން ކަމަށް ވިދާޅުވިޔަސް މި "ހަދިޔާ"ގައި އަތެއް ނުލެވެއެވެ. މި ކަމުގައި ވެސް އިންޑިއަން ހައިކޮމިޝަނުން މީގެ ކުރީން ދީފައި ހުރި މަޢުލޫމާތާއި އެމްއެންޑީއެފުން ވިދާޅުވެފައި ހުރި އެއްޗަކާ ވެސް ފުށުއަރައެވެ. އެ ބޯޓު ދުއްވާނީ ދިވެހި ޕައިލެޓުންކަމުގައި އެމްއެންޑީއެފުން ކުރީން ވިދާޅުވެފައިވީ ނަމަވެސް ހައިކޮމިޝަނުން ބުނެފައިވަނީ އެ އުޅަނދު ދުއްވާނީ އިންޑިއާ ޕައިލެޓުންނާއި ދިވެހި ޕައިލެޓުންކަމަށެވެ. އަދި އެ އުޅަނދުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާ ސަފީރުގެ އަމުރުގެ ދަށުން ކަމަށް ވިޔަސް ކުރީން ދިވެހި ސަރުކާރުން ބުނެފައި ވަނީ މި ތަކެތި އޮޕަރޭޓުކުރާނީ MNDFގެ "ކޮމާންޑް"ގެ ދަށުންނޯލައެވެ.

މި ކަންކަން ހިނގައިފައިވާ ގޮތަށް ބަލާއިރު، މިއީ ހަދިޔާއެއް ނޫންކަމާއި މިއީ އޮޅުވައިލައިގެން ދިވެހި ރާއްޖޭގައި ގާނޫނާ ޚިލާފަށް އިންޑިއާ ސިފައިން ބާއިތިއްބާން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރު ގުޅިގެން ދިވެހިރައްޔިތުންނަށް އޮޅުވައިލައިގެން ހިންގާ ކަންތައްގަނޑެއްކަން އެނގެއެވެ. އަދި އެމްއެންޑީއެފުން ކުރީން ދައްކަވައިފައިވާ ވާހަކަތަކަށް ބަލާއިރު ވެސް އެ އުޅަނދުތައް ދުއްވާން ދަންނަ ދިވެހި ޕައިލެޓުން ރާއްޖޭގައި ތިބިކަން ވެސް އެނގެއެވެ.

މިއީ އޮޅުވައިލުމެއްކަމަށާއި މިއީ ދިވެހި އިސްތިގުލާލަށް އޮތް ނުރައްކަލެއްކަން ދިވެހި ރައްޔިތުންނަށް ވިސްނައިދެއްވާން އެންމެ ބޮޑަށް މަސައްކަތްކުރެއްވިކަމަށް ފެންނަނީ ގައުމަށް ހެޔޮ އެދޭ މުޙިއްބުލްވަޠަނުންނެވެ. މި ޝުޢޫރު ރައްޔިތުންގެ ހިތުގައި އާލާވެ، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލާން "އިންޑިއާ އައުޓު" ކެންޕޭނެއް ހިންގިއެވެ. މި ދިޔަ އަހަރު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ޕީޕީއެމްގެ ތާއީދާއެކު ޑރ. މުޙަންމަދު މުޢިއްޒަށް ކާމިޔާބުކުރެއްވުމުގެ އެންމެ މުހިންމު އެއް ސަބަބަކަށް ވެސް މި ކަން ވީކަމަށް ބެލިދާނެއެވެ. މިއަދު މި ވާހަކަ ގަބޫލުކުރާން ބޭނުންނުވާ ބަޔަކު ތިބިކަމަށް ވިޔަސް ހަގީގަތަކީ މިއީއެވެ.

ރިޔާސީ ކެންޕޭނުގައި ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ ރިޔާސަތުގައި އެންމެ އަވަހަށް ކުރައްވާނެ ދެ ކަމުން ކުރެ، އެއް ކަމަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލެއްވުންކަމަށެވެ. އޭގެ މާނައަކީ ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓުކުރާ އަސްކަރީ އުޅަނދުތައް އެއީ ހަދިޔާކަމުގައިވާ ނަމަ، އެ ތަކެތި ރާއްޖޭގެ ސަރުކާރަށް ދޫކޮށްލުމަށް ފަހު އެ ބެލެހެއްޓުމުގެ ނަމުގައި ތިބި ސިފައިންގެ އެންމެން ރާއްޖެ ދޫކޮށް ފުރައިގެން ދާން އެންގުމެވެ. އެއީ ހަދިޔާކަމުގައި ނުވާ ނަމަ އެ ތަކެތި ވެސް އިންޑިއާ ސިފައިންނާއެކު ގެންދިޔުމެވެ.

ނަމަވެސް މިހާރު އިވެމުންދާ އަޑުތަކަށް ބަލާއިރު އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމުގެ ނުވަތަ ބޭލުމުގެ ނިޔަތެއް، އެއްވެސް ސަރުކާރެއްގައެއް ނެތެވެ. އޭގެ ބަދަލުގައި ރާއްޖެއިން ބާލަނީ އިންޑިއާގެ ޢަސްކަރީ ޔުނިފޯމެވެ. ނަން ބަދަލުކޮށްލަނީއެވެ. އެހެނީ މި މަހު އަށްވަނަ ދުވަހު ދިވެހި ސަރުކާރުން އިޢުލާނުކޮށްފައި ވަނީ "ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމްވެ ތިބި އިންޑިއާގެ ސިފައިން ދެ ސަރުކާރުން އެއްބަސްވި ތާރީޚަށް ފައިބައި، އިންޑިއާގެ ތިން އުޅަނދު ދުއްވާން އޭގެ ފަހުން ތިބޭނީ އެ ގައުމުގެ މަދަނީން"ކަމަށެވެ. މި ތަނުގައި ވިދާޅުވެފައި މި ވަނީ އިންޑިއާގެ ތިން އުޅަނދުކަމަށެވެ. ކުރީން ކިޔައި އުޅުނީ އިންޑިއާއިން ހަދިޔާކުރި އުޅަނދުކަމަށެވެ.

ސަރުކާރުގެ އިސް އެހެން އޮފިޝަލަކު "މިހާރު" ނޫހަށް މަޢުލޫމާތުދެއްވިކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވަނީ "އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕުޓަރާއި ޑޯނިއާ ފްލައިޓު ދުއްވާން އިންޑިއާގެ މަދަނީން ބައިތިއްބާން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ." އެއީ އިންޑިއާގެ ސިފައިންގެ ބަދަލުގަޔޯލައެވެ.

އޮފިޝަލާ ޙަވާލާދީ ނޫހުގައި ބަޔާންކޮށްފައިވާ ގޮތުގައި އިންޑިއާ އިން "ހަދިޔާ ކޮށްފައިވާ" ތިން އުޅަނދު ވެސް ފޮނުވައިނުލައި ރާއްޖޭގައި ބޭނުންކުރާނެޔޯލައެވެ.

"އެ ކަން ކުރާނީ ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން"ކަމަށާއި "މައްސަލައަކަށްވެގެން މި އުޅެނީ ރާއްޖޭގައި ބޭރުގެ މިލިޓަރީ މީހުން ގާއިމުވެ ތިބުން"ކަމަށާއި " ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭ ގޮތަށް ހަމަޖެހުމުގައި ދިވެހި ސަރުކާރުގެ މައްސަލައެއް އެއްވެސް އިރަކު ނެތް"ކަމަށް ސަރުކާރުގެ އިސް އޮފިޝަލް ވިދާޅުވިކަމަށް ވެސް ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ. އޭގެ މާނައަކީ ދިވެހިރާއްޖެއިން ކަންބޮޑުވަނީ ހަމައެކަނި ޢަސްކަރީ ޔުނިފޯމުތައް ދެކެކަމަށް އެއްބަސްވުމެވެ. މިލިޓްރީ އެންމެ މަތީ ތަމްރީނުތައް ހަދައިފައިތިބޭ މީހުން ޖާސޫސުންގެ ގޮތުގައި ވެސް އަސްކަރީ ޔުނިފޯމާ ނުލައި ތިބުމަކީ މައްސަލައަކަށް ނުވަނީތާއެވެ. 

މި ރާއްޖެއަށް ހަދިޔާކޮށްފައިވާ އެއްޗެއް ބަލަހައްޓާން ކޮންމެ ގޮތެއް ހަދައިފައި ވެސް އިންޑިއާގެ ބަޔަކު ތިބޭންޖެހިގެން މި އުޅެނީ ކީއްވެގެންބާވައެވެ؟ ޔުނިފޯމާ ނުލައި ސިފައިން ތިބުމަށް ވުރެ ޔުނިފޯމާއެކީ ސިފައިން އުޅުމުގެ ރައްކާތެރިކަން މާ ބޮޑުވާނެތާއެވެ. އޭރުން އެންމެ ކުޑަމިނުން ވެސް އެއީ ސިފައިންގެ މީހެއްކަން އެނގޭނެތާއެވެ. އަސްކަރީ އުޅަނދުތަކެއް ބަލަހައްޓާން މަދަނީންގެ ނަމުގައި ސިފައިން ތިބުމުން އޭގެ ނުރައްކާ އިތުރުވީއެވެ.

ރާއްޖެއާއި އިންޑިއާގެ މަތީ ފެންވަރުގެ މަޝްވަރާތަކުގައި އެންމެ ފަހުން އެއްބަސްވެފައި ވަނީ ރާއްޖޭގެ އެއް ސަރަހައްގައި (އެއީ އައްޑުވެ.) ގާއިމުވެ ތިބި އިންޑިއާގެ ސިފައިން އަންނަ މަހުގެ 10 ގެ ނިޔަލަށް ބޭލުމަށެވެ. އަނެއް ދެސަރަހައްދުގައި (ހައްދުންމައްޗާއި ތިލަދުންމަތީގައި) ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދާން އެއްބަސްވީ މި އަހަރުގެ މޭ 10ގެ ނިޔަލަށެވެ.

ދިވެހި ސަރުކާރުން މިހެން ވިދާޅުވެފައިވާ އިރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްމިނިސްޓުރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލު އިހަށް ދުވަހަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބުނެފައިވަނީ ސިފައިންގެ ބަދަލުގައި ރާއްޖެ ފޮނުވާނީ އިންޑިއާގެ ގާބިލު ޓެކްނިކަލް (ފަންނީ) މީހުންކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގަތް ގޮތަށް އުފައްދަވައިފައިވާ މަތީ ފެންވަރުގެ"ކޯ ގްރޫޕު"ގެ ދެވަނަ ބައްދަލުވުމަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓުރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޑިއާގެ އުޅަނދުތަކުގެ އޮޕަރޭޝަންތައް ހުއްޓައިނުލައި (މިތާންގައި ބުނަނީ އިންޑިއާގެ އުޅަނދުތަކެއްގެ ވާހަކައެވެ. ހަދިޔާގެ ވާހަކައެއް ނޫނެވެ.) ކުރިއަށް ގެންދެވޭނެ ގޮތަށް ވާހަކަދެކެވޭނެ ޙައްލުތަކެއް ހޯދިފައިވާކަމަށެވެ. ކޯ ގުރޫޕުގެ ފުރަތަމަ ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގެ އިސް ވެރިއެއްކަމަށްވާ ޢަބްދުﷲ ނާޒިމް އިބްރާހީމް އޭރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އުޅަނދުތައް އޮޕަރޭޓުކުރާން މަދަނީ މީހުން ތިބުމުގެ މައްސަލައެއް ނެތް ކަމަށް ދިވެހި ސަރުކާރުން އެއްބަސްވެފައިވާނެ ކަމަށެވެ. ރާއްޖޭގައި ގާބިލު މީހުން ތބި އިރު، އިންޑިއާގެ "މަދަނީ" މީހުން ބައިތިއްބަނީ ކީއްކުރާންތޯއެވެ؟ އަނެއް ސުވާލަކީ އިންޑިއާގެ ނުވަތަ ދިވެހި ސިފައިންގެ އުޅަނދުތަކެއް ދުއްވާން އިންޑިއާގެ މަދަނީން ތިބުމަކީ މީހަކު ބުއްދި ގަބޫލުކުރާނެ ކަމެއްތޯއެވެ؟ ނުކުރާނެއެވެ. ވީމާ، މި ކަމުން އެނގެނީ ކޮންމެވެސް ޑީލެއްގެ ދަށުން، ޔުނިފޯމު ބަދަލުކޮށްގެން ރާއްޖޭގައި އިންޑިއާ ސިފައިންގެ ވުޖޫދު އޮންނަ ގޮތަށް އެއްބަސްވެވިފައިވާ ކަމަށެވެ. ޔުނިފޯމު ބަދަލުކުރުމަކީ ރައްޔިތުންގެ އަޣުލަބިއްޔަތު އެދޭ ގޮތަށް "ސިފައިން" ފޮނުވައިލެވިއްޖެކަމަށް ރައްޔިތުންގެ ލޮލުގައި އަޅާ އަނދުނެއްކަމުގައި ނޫނީ ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުޙަންމަދު މުޢިއްޒު ވިދާޅުވެފައިވަނީ އިންޑިއާއިން "ހަދިޔާކުރި" އުޅަނދުތައް އޮޕަރޭޓު ކުރާން ދިވެހީން ތަމްރީނު ކުރައްވާނެކަމަށާއި އެ ކަމަށް ގާބިލު ދިވެހީން އެބަ ތިބިކަމަށެވެ. އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވައިލުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެކެވެ. މިހާރު އެ އުޅަނދުތައް ބަލަހައްޓާން (ޔުނިފޯމު ނުލައި ތިބޭ) އިންޑިއާ މީހުން ގެންނަ އިރު، ދިވެހީން ތަމްރީނުކުރުމުގެ ވާހަކައެއް ނުވެސް ދައްކައެވެ. އެ މީހުން ގަބޫލުކުރާ ގޮތުން އެ ތަކެތި ދުއްވާން ދަންނަ މީހުން ނެތްކަމަށް ވާ ނަމަ، އެ ފަދަ ދިވެހީން ތަމްރީނުކުރާނީ ކޮން ދުވަހަކުންކަން ވެސް ރައްޔިތުންނަށް އެނގޭން ޖެހެއެވެ. އަށްނުވަ އަހަރު ފާއިތުވެގެން ދާއިރު ބަޔަކު ތަމްރީނުކުރެވިފައި ތިބޭން ވެސްވާނެއެވެ.

ނިއުޅެމުންދާ ޚަބަރުތަކަށް ވިސްނައި އެ ވާހަކަތައް ދިރާސާކޮށްލުމުން ދޭހަވަނީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ އަސްކަރީ އުޅަނދުތަކަކީ އެއްވެސް ޙާލެއްގައި ހަދިޔާއެއް ނޫންކަމަށާއި އެއީ އިންޑިއާގެ ސިފައިންގެ ޖާސޫސީ ވުޖޫދު ދިވެހިރާއްޖޭގައި ބޭއްވުމަށް ޓަކައި ހަދައިފައިވާ މަކަރެއްކަމަށެވެ. 

ރާއްޖޭގައި ބަނޑަހަޖަހައިގެން މި ތިބަ އިންޑިއާ ސިފައިން އެ ޤައުމުގެ މަޞްލަޙަތަށް ޓަކައި ބޭނުންކުރާ ވައިގެ އުޅަނދުތައް އެއީ "ހަދިޔާ"ކަމަށް ވާނީ، އެ ތަކެތި ރާއްޖޭގައި ބަހައްޓައިފައި ދިވެހި ސަރުކާރާ ޙަވާލުކުރުމަށް ފަހު އިންޑިއާ ސިފައިން އެ ތަކެއްޗާ ނުބެހި ބަދަލަކަށް ނޭދި، މި ރާއްޖެ ދޫކޮށް ފުރައިގެން ދިޔުމުންނެވެ. އޭރުން އެއީ އިންޑިއާއިން ދިން ހަދިޔާއަކަށް ވާނެއެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުނުކަމަށް ވާނީ އެ އުޅަނދުތަކާ ބެހޭން އިންޑިއާގެ އެއްވެސް ބަޔަކު ރާއްޖޭގައި ނުބާއިތިއްބާނަމައެވެ. މަދަނީންގެ ނަމުގައި ޔުނިފޯމު ނުލައި ސިފައިންގެ ޖާސޫސުން މި ރާއްޖޭގައި ތިބުމަކީ ސިފައިންގެ ވުޖޫދު ނެތްކަމަކަށް ނުވާނެއެވެ. މިއީ އަނެއް އޮޅުވައިލުމެވެ. ރާއްޖޭގައި އިންޑިއާއިން ގެންގުޅޭ އަސްކަރީ އުޅަނދުތަކަކީ އެއްވެސް ޙާލެއްގައި ހަދިޔާއެއްނޫންކަމަށާއި އެއީ މި ސަރަހައްދުގައި އިންޑިއާގެ ޙަރަކާތްތައް ހިންގާން މި ރާއްޖޭގައި ބާއްވާ އަސްކަރީ އުޅަނދުތަކެއްކަން ދިވެހި ރައްޔިތުންނެކޭ އެއް ފަދައިން ދިވެހި ސަރުކާރަށް ވެސް ހަމަ ރަނގަޅަށް އެނގޭނެއެވެ. 

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ޙަރަކާތްތެރިކުރާ އަސްކަރީ އުޅަނދުތަކަކީ "ހަދިޔާ"އޭ ކިޔަނީ އެއީ އޮޅުވައިލުމަށް ޓަކައެވެ. އަދި ސިފައިންގެ ޔުނިފޯމުތައް ފޮނުވައިލައި ޔުނިފޯމު ނުލައި މަދަނީންގެ ނަމުގައި އެ މީހުން ތިބުމަކީ އަދި އެއަށް ވުރެ ބޮޑު އޮޅުވައިލުމެކެވެ. އެއީ އަސްކަރީ ޖާސޫސުން ރާއްޖެއިން ފޮނުވައިލެވުނުކަމަކަށް ނުވާނެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން އޮޕަރޭޓުކުރާ އުޅަނދުތަކަކީ އެއްވެސް ޙާލެއްގައި ރާއްޖެއަށް ދީފައިވާ ހަދިޔާއެއް ނޫންކަން އެނގެނީ ކޮންމެ ގޮތެއް ހަދައިގެން ވެސް އެ ތަކެތި ބަލަހައްޓާން އިންޑިއާ ސިފައިން ޔުނީފޯމު ނުލައި ވެސް ތިބޭން ބޭނުންވާތީއެވެ. އެއީ ހަދިޔާކަމަށް ވާނަމަ، ހަދިޔާކުރުމަށް ފަހު، އެއަށް ހަދާނެ ގޮތަކާއި އެ ތަކެތި ބަލަހައްޓާނެ ބަޔަކު ނިންމާނީ އެ ހަދިޔާއެއް ލިބުނު ބަޔެކެވެ. ކޮންމެހެން ހަދިޔާއެއް ދީފައި އެ ހަދިޔާއަކަށް ވާ ގޮތް ބަލާކަށް ހަދިޔާ ދިން މީހާ އޭގެ ފަހަތުގައި ހުންނާކަށް ނުޖެހޭނެއެވެ.

މީގެ ކުރީން ދިވެހިރާއްޖެއަށް ރައްޔިތުންގެ މަޖިލީސް ކުރާ ގެއެއް ޕާކިސްތާނުން ހާދިޔާކޮށްފައިވެއެވެ. އެކަމަކު އެ ތަން ބަލަހައްޓާން ތިބެނީ ދިވެހީންނެވެ. ފަހުން އެ ޤައުމުން އެތަން މަރާމާތު ވެސް ކޮށްދިނެވެ. ޕާކިސްތާނުގެ ބަޔަކު އެތަން ކުނިކަހާން ނަމަވެސް ނުއެއް ތިބެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިން އަކީ ޕާކިސްތާނުގެ މާލީ އަދި ފަންނީ އެހީގައި ޤާއިމުކުރި މުއައްސަސާއެކެވެ. އެ ތަން، "ޤާއިދޭ އަޢުޒަމް މުޙައްމަދު ޢަލީ ޖިނާޙު"ގެ ނަމަށް ނިސްބަތްކުރާން އޭރު ޕާކިސްތާނުން ބޭނުން ވިޔަސް ދިވެހި ސަރުކާރުން އޭރު އެކަމާ އިޢުތިރާޒުކުރެއްވުމުން ޕާކިސްތާނުން ފަހުން އެ ވާހަކައެއް ނުދައްކައެވެ. ހަމަ ހިތުން ރުހުމުން ހަދިޔާކުރީއެވެ. އެ ތަން ބަލަހައްޓާކަށް ޕާކިސްތާނު ސިފައިންނެއް ނުބާއިތިއްބައެވެ.

ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޢިމާރާތަކީ (މިހާރު ފަތުޙުﷲ ޖަމީލު ބިލްޑިންގް) ޗައިނާ ސަރުކާރުގެ ފައިސާއާއި ތަކެތީގެ އެހީގައި ޗައިނާ މީހުން އައިސް ޢިމާރާތްކުރުމަށް ފަހު ދިވެހި ސަރުކާރަށް ދިން ހަދިޔާއެކެވެ. ސުނާމީއާ ގުޅިގެން އެތަން މަރާމާތު ކޮށްދިނީ ވެސް ޗައިނާއިންނެވެ. އަދި ކުރީން ބިނާކޮށްފައިވާ ސިނަ-މާލެ (ފްލެޓުތައް)އަކީ ޗައިނާއިން ދިން ހަދިޔާއެވެ. ހުޅުލެއާއި މާލެއާ ދެމެދުގައި އަޅައިފައި މި އޮތް ބޮޑު ބުރިޖަކީ ވެސް ޗައިނާގެ މަސައްކަތެކެވެ. އެ ތަންތަން ބަލަހައްޓާކަށް ޗައިނާ މީހުންނެއް ނުބާއިތިއްބައެވެ. މުޅި މާލެ ވަށައި ގެރިގަލުގެ ބޮޑު ތޮށިގަނޑެއްލުމާއި މާލޭގެ އެއްގަމު ތޮށި އެއީ ޖަޕާނުން ދިން ހަދިޔާއެކެވެ. އަދި ދެ އަތޮޅެއް ފިޔަވައި ކޮންމެ އަތޮޅެއްގައި އެހެރަ އަތޮޅު މަދަރުސާތަކުގެ ޢިމާރާތްތަކާއި މާލޭގައި އެހެރަ ކަލާފާނު ސްކޫލްގެ ޢިމާރާތަކީ ޖަޕާނު ސަރުކާރުގެ ހަދިޔާއެވެ. އެ ތަންތަން ބަލަހައްޓާކަށް ޖަޕާނު މީހުންނެއް ނެތެވެ. ނުބާއިތިއްބައެވެ. ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ ކުތުބުޚާނާގެ ޢިމާރާތަކީ ލަންކާ ސަރުކާރުން ދިން ހަދިޔާއެކެވެ. އެ ތަން ބަލަހައްޓާކަށް ވެސް އޮޅުދޫކަރައިގެ މީހުންނެއް ނުތިބެއެވެ. އައިޖީއެމް ހޮސްޕިޓަލަކީ އިންޑިއާ ސަރުކާރުގެ އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކުރި ތަނެކެވެ. އެ ތަނަށް ނަން ކިޔުމުގެ ހައްގު ދިވެހީންނަށް ނުލިބުނު ނަމަވެސް، އަދި 30 އަހަރު ވީ އިރު ވެސް އެ ތަނަށް އީއެމްއާރު މެޝިނެއް ނުގެނެވުނަސް އިންޑިއާ ޑޮކްޓަރުންނާއި ނަރުހުން ބޮޑު އިންސައްތައަކަށް ގެންގުޅޭން ޝަރުޠުކުރެވުނެވެ. ޤައުމީ ޔުނިވަރސިޓީގެ އެފްއެޗްޓީއެސް އިމާރާތަކީ އިންޑިއާ ސަރުކާރުން ދިން ހަދިޔާއެކެވެ. އެ ތަން ބަލަހައްޓާކަށް އިންޑިއާ މީހުންނެއް ނެތެވެ. ބަސްފޮތުގައި "ހަދިޔާ"ގެ މާނަ އޮންނަ ގޮތުން މި ދެންނެވި ތަންތާގެ ތެރެއިން އައިޖީއެމްއެޗް ފިޔަވައި އެހެން ހުރިހާ ޢިމާރާތްތަކަކީ ވެސް ހަދިޔާކަމުގައި ބެލެވޭނެއެވެ. އައިޖީއެމްއެޗަކީ އިންޑިއާގެ އެހީ ލިބިގެން ޢިމާރާތްކުރެވުނު ތަނެކެވެ. ހަދިޔާއެއް ނޫނެވެ.

ވީމާ، ރާއްޖޭގައި ދުއްވާ އިންޑިއާގެ އަސްކަރީ ހެލިކޮޕުޓަރުތަކާއި އަސްކަރީ މަތީންދާބޯޓަކީ ދިވެހީންނަށް ދިން ހަދިޔާއެއް ކަމުގައި ވާ ނަމަ، އެ ތަކެތި ބަހައްޓައިފައި ދިވެހީންނާ ޙަވާލުކޮށްފައި، އިންޑިއާ ސިފައި ރާއްޖެ ދޫކޮށްފައި ދާންވީއެވެ. އެއްވެސް އަގެއް ބަދަލެއް ނޭދިއެވެ. އަދި އެއްވެސް ޝަރުޠެއް ނުކޮށެވެ. ސިފައިން ޔުނިފޯމު ބާލައި މަދަނީންނޭ ކިޔައިގެން އުޅުނަސް އެއީ ހަދިޔާކަމަކަށް ވެސް އަދި ސިފައިން ބޭލުނީކަމަކަށް ވެސް ނުވާނެއެވެ. ހިލަގަނޑަކަށް ރަންގަނޑެކޭ ބަޔަކު ކީމާ، އެއީ ރަންގަނޑަކަށް ނުވާނެ ފަދައިންނެވެ. އެހެން މީހެއްގެ މުދަލެއްގައި އަޅުގަނޑުގެ ނަންޖަހައިލިޔަސް އެއީ އަޅުގަނޑުގެ މިލްކަކަށް ނުވާނޭ ފަދައިންނެވެ. އަދި ސިފައިންގެ މީހަކު ޔުނިފޯމު ބަލަދުކޮށްގެން ޖާސޫސުކުރާން އުޅުނަސް އެއީ މަދަނީންނަށް ނުވާނެ ފަދައިންނެވެ. 

ވީމާ، ރާއްޖޭގައި އިންޑިއާގެ ޢަސްކަރީ ވުޖޫދު ބޭއްވުމަށް ޓަކައި ރާއްޖޭގައި ގެންގުޅޭ އަސްކަރީ އުޅަނދުތަކަށް "ހަދިޔާ"އޭ ކިޔުމަކީ ވަރަށް ބޮޑަށް ރާވައިގެން އޮޅުވައިލައިފައިވާ އޮޅުވައިލުމެކެވެ. އަދި ސިފައިން ޔުނިފޯމު ބާލައި އަލުން މަދަނީންގެ ނަމުގައި އެ ތަކެތި އޮޕަރޭޓުކުރާން ފެށުމަކީ އެއަށް ވުރެ ބޮޑު އޮޅުވައިލުމެކެވެ.

ދިވެހިރާއްޖެއިން އިންޑިއާ ސިފައިން ފޭބިކަމަށް ވާނީ، އެ މީހުންގެ އުޅަނދުތައް އެއީ ހަދިޔާކަމަށް ވާ ނަމަ، އެ ތަކެތި ދިވެހި ސަރުކާރުން ހަދާނެ ގޮތެއް ހަދާން ދޫކޮށްލައިފައި ގޮސްގެންނެވެ. ނުވަތަ އެއީ (ހަގީގަތް ފަދައިން) އަސްކަރީ އުޅަނދުތައްކަމަށް ވާނަމަ އެ ތަކެތި ހިފައިގެން އިންޑިއާ ސިފައިން މި ރާއްޖެ ދޫކޮށް ގޮސްގެންނެވެ. ދިވެހީންނަކަށް ނޯޅެއެވެ. އޮޅުވައެއް ވެސް ނުލެވެއެވެ.

_______________________________

ބައެއް ލަފުޒުގެ މާނަ:

ހަދިޔާ    ނ.    އެކުވެރިކަމުގެ ގޮތުން، ނުވަތަ ގާތްކަމުގެ ގޮތުން މީހުންނަށް ހަމަ ހިލޭ ދޭ ތަކެތި.

މަކަރު    ނ.   (1) ހީލަތް (2) ކެހި (3) ހިންތާ (4) އިޔަހޫދި

ކެހި     ނ.   (1) އަނެކާއަށް އޮޅުވައިލައިގެން ދޭ ދެރަ. (2) ވިސްނުމުގެ އުނިކަމުން ތިމާއަށް ލިބޭ ދެރަ.

ޑީލު      ނ.   ދޭދޭ ފަރުދުންގެ މެދުގައި ނުވަތަ ދެ ފަރާތެއްގެ ދެމެދުގައި ހިންގޭ ނާޖާއިޒު މުޢާމަލާތު. މި މުޢާމަލާތުގައި ދެ ފަރާތުގެ ވެސް މަޞްލަޙަތުތަކެއް ހިމެނޭނެއެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ހިންޏަށް ހަކުރު އޮޅުވާލުމެކެވެ.
11 Feb 2024