Advertisement

އެ ހިތާމަވެރި ހަނދާން، އެ ހިތި މާޒީ ތާއަބަދަށް!

04 Feb 2024 | 12:25
.

މުޙަންމަދު ޝާޠިރު

(ނޯޓު: މިއި އަމިއްލަ ޖަޒުބާތީ ވާހަކައެއް ކަމުގައި ބެލެވުނަސް މިއީ މީގެ ބައިގަރުނު ކުރީން ރާއްޖޭގެ ހާލާތުގެ ތަންކޮޅެއް ހިއްސާކޮށްލުމެއްކަމުގައި ބެލެވެއެވެ. މި ފަދަ ހިތްދަތި ހާލަތުތައް މިއަދު މި ވަނީ ބަދަލުވެފައެވެ.

"ޒަމާނުގެ އަތުން އެއްލި ސަފުހާތަކުން އަމާންވެ އޮމާންވެ ކުރިއަރައިފައިކަމުން" [މި ތަޖުރިބާ ބެލެވޭނީ] މާޒީގެ ހިތި ހަނދާންތަކެއް އާކޮށްލުމެއް ވެސް ކަމުގައެވެ. ދެކެ ދެނެ ތިބީންނަށް ވުރެ ނުދެކެ ނުދެނެ ތިބީން މި ޒަމާނުގައި މާ، މާ، ގިނަކަމުން ވެސް މެއެވެ.)

ދަންނައެ، ދުވަސްވަރަކީ 1970ގެ އަހަރުތަކުގެ މެދުތެރެއެވެ! ދައުރަކީ ރިޔާސީ ނާސިރީ ދައުރެވެ! އަތޮޅަކީ ކޮޅުމަޑުލެވެ! ރަށަކީ އެ ބޮޑު އަތޮޅުގެ ވައިމަތީ ރަށެކެވެ! ތަނަކީ އެހާރުގެ ގެއެއްގެ އެތެރެގޭތެރެއެވެ! ފުރާއުމުރުގެ ވިއްސަކަށް އަހަރުވެސް ނުވާ މާބަނޑު ޅަޒުވާން އަންހެންކުއްޖަކުވިހަން ތަނަށް އަރާ ނުވިހި މަރާ ހަނގުރާމަކުރަނީއެވެ! ފޫޅުމައިން މައިންމާމައިން މައިދައިތައިން ބޮޑުދައިތައިން ކެނޑިނޭޅި ހޭހަންކުރެއެވެ!! އެހެނަސް، ދޭބޭހަކުން ކުރާފަރުވާއަކުން ކުރާ ރާހަތެއް ލިބޭލުއިކަމެއް ނުމެނެތި ގިލަންތައްވެރިވުން ރިހުންތައްގަދަވުން ހައްތާހައްތަހާ ވީއިތުރެވެ! އަދި ކިއެއްތަ، ރިހުން އެންމެ ގަދަވީ ގިލަން އެންމެ އިތުރުވީ ވޭން އެންމެ ބޮޑުވެގެންވީ  ވަގުތުތަކުގެ ވަގުތެއް ހިމެނުނީ ދެތިން އަހަރުވެސްނުވާ ހޭނުޖެހޭ ތުއްތުދަރިފުޅު މަންމަ އޮތް އެނދުގެ ކައިރިޔަސް ގޮސް މަންމަ ގާތު  އެއްޗެއް ބުނި ވަގުތެއް ވެސް ކަމުގައެވެ!

"މަންމާ މީލު ކައްޓާ އެބަ ހުލި. " (މަންމާ މީރު ކައްޓަލަ ކައްކާފައި އެބަހުރި!)

މަންމަ ބުންޏެވެ! " ދަރިފުޅު ކައިލާ! މަންމައަށް ނުކެވޭނެ."

އެ ބައްދަލުވުނ ވީ ދަރިފުޅާއި މަންމަގެ އެންމެ ފަހު ބައްދަލުވުން ކަމުގައެވެ! ތަގުދީރުގައި ލިޔުއްވިފައި ވަނީ ޢެފަދައިން ކަމުގައެވެ! ތަޤުދީރުގެ މައްޗަށް ތަދުބީރުން ކުރެވޭނެ ކަމެއް ނެތުން ކަމުގައެވެ. (މި ހެން މި ލިޔުނު ވަގުތުކޮޅު މާޒީގެ ހިތި ހަނދާން އާވެ ފިކުރުހުސްވިއެވެ.)

ދެންފަހެ، އެ ހިނދުކޮޅަށް ފަހު (ތުއްތު ދެ ދަރީން ޔަތީމުވަނީ ކަމުގެ އިހުސާސް ވެސް ކުރެވުނު ކަމުގައިވެ) މަންމަގެ ހާލު މާ ބޮޑުވިއެވެ! ކެނޑިނޭޅި ލެއި ފައިބަނީއެވެ. ކައްކާން ގެންގުޅޭ ދެތިން ތެލި މަންމަގެ ލެއިން ފުރިފައި ވަނިކޮށް ދުށް ހަނދާން އެބަހުއްޓެވެ!!

މަންމަ މި ދުނިޔެއިން ވަކިވެ ދިޔައީ ޖިސްމާނީ އެންމެ އުނދަގޫ އެންމެ ހިތްދަތި ވޭންތައް ތަހައްމަލުކުރާ ހާލުގައެވެ![ބެލެވޭނީ އެއީ] ޝަހީދުމަރެއް ކަމުގައެވެ! ނަމަކީ ޚައިރުއްނިސާއެވެ! މާނައަކީ ހެޔޮވެގެންވީ ކަނބަލެކެވެ. إِنَّا لِله وَإِنَّـا إِلَيْهِ رَاجِعون. رب اغفر لأمى وارحمها.

ދެތިން އަހަރުގެ ތުއްތުކުއްޖަކާއި އެއް އަހަރުގެ ތުއްތު ކުއްޖަކު އެ ވަގުތުން ފެށިގެން ތާއަބަދަށަ މަންމަގެ ލޯބީން މަޙުރޫމު ވީއެވެ. އެ ހިނދުކޮޅު ވީ މަންމަ ނެތިދިއުން ކަމުގައެވެ!

ދެން ފެނުނީ އެތާ ތިބި ކުދިބޮޑު އެންމެން ގިސްލައި ރޯތަނެވެ. އަޑުންއަޑު ނަގައި ރުއިން މަޑުން މަޑުމޮޅި ވޭނީ ގިސްލުން ފާހަގަވިއެވެ.

އިސާހިތަކު ރަށުގެ ކުދިބޮޑު އެންމެން އެ ތަނަށް ޖަމާވެ އެ އެންމެން ވެސް ރޯން ފަށައިފިއެވެ. މުޅި ތަނަށް ވެރިވެފައި ވަނީ ހިތާމައާއި ހިތްދަތިކަމެވެ. ވޭނާއި އުދާހެވެ. އެ ހުރިހާ އެންމެންގެ މޫނުތައް ވަނީ މިލައި މޯޅިވެފައެވެ. އެހެނަސް، އެންމެ ހިތާމަވެރިކަން އެންމެ ހިތްދަތިކަން ތާއަބަދަށް އިހުސާސްކުރާން ޖެހޭ ދެބެއިންނެއް (މަންމަގެ އެންމެ ފަހުގެ ނިޝާން) ނުރޮއެވެ. ހިތާމައެއް ވެސްނުކުރެއެވެ. ސަބަބަކީ އެކަމުގެ އިހުސާސް އެއިރު ލިބިގެންނުވާ އެންމެ ތުއްތު ކުދިން ކަމުގައިވުމެވެ.)

އެ ތުއްތު ދެ ކުދިންގެ ރުއިމާއި ގިސްލުން ވޭނާއި އުދާސް ހިތާމައާއި ހިތްދަތިކަން ވަނީ އަބަދުގެ އަބަދަށެވެ. ފިލުމެއް ފިލުވައިލުމެއް ނުވެއެވެ. ގެއްލުމެއް ގެއްލުވައިލުމެއް ނެތެވެ. ދިއުމެއް ދާ ދިއުމެއް ނޯވެއެވެ. މުޅި ހަޔާތުގައެވެ. މުޅި އުމުރުގައެވެ.

ދިޔަމިގިލީ ބޮޑުބަންޑާރައިންގެ، އިބުރާހީމް ރަސްގެފާނުންގެ، ރަނި ކިލެގެފާނުންގެ، އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން (އުއްތަމަ ފަނޑިޔާރު މަނިކުފާނު)ގެ، މަޑިފުށީ ޢަލީ ދީދީގެ، ގާދިއްފުށީ އިބްރާހީމް ދީދީގެ، ހިރިލަންދޫ ވެލިގޭ ކަމަނަގެ، މަރްޔަމްގެ، ޙައްވާގެ، ޚައިރުއްނިސާއެވެ.

އަނެއް ކޮޅުން ލ. ގަމު އަލްޤާޟީ ޙަސަން ތާޖުއްދީނު (އުއްތަމަ ފަނޑިޔާރު ތަކުރުފާނުން)ގެ، އަލްޚަޠީބު (ފުރަމާލެ ޚަޠީބު)  އަޙްމަދު މުޙުޔިއްދީނުގެ، އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން (އުއްތަމަ ފަނޑިޔާރު މަނިކުފާނު)ގެ،  މަޑިފުށީ ޢަލީ ދީދީގެ، ގާދިއްފުށީ އިބްރާހީމް ދީދީގެ، ހިރިލަންދޫ ވެލިގޭ ކަމަނަގެ، މަރްޔަމްގެ، ޙައްވާގެ، ޚައިރުއްނިސާއެވެ. މާތް ﷲ ރަޙުމަތްލައްވާށިއެވެ!

__________________________________

އެޑިޓަރުގެ ނޯޓް
މުޙަންމަދު ޝާޠިރަކީ ދިވެހި ނޫސްވެރިކަމުގެ ތަޖުރިބާކާރެކެވެ. އޭގެ އިތުރަށް ދިވެހި ތާރީޚާއި ސަގާފަތާ ބެހޭ މަޢުލޫމާތުގެ ޚަޒާނާއެކެވެ. ޝާޠިރު އިޖުތިމާޢީ ދާއިރާއިން ލިޔުއްވިޔަސް އެންމެ ގިނައިން ލިޔުއްވަނީ ތާރީޚާއި ސަގާފަތުގެ ދައިރާއިންނެވެ. އޭނާ މަޝްހޫރުވެފައި ވަނީ ވެސް ތާރީޚު ދިރާސާކުރައްވާ ލިޔުންތެރިއެއްގެ ގޮތުގައެވެ.

Advertisement

ކޮމެންޓް