ޑރ. މޫސާ އަންވަރު ޙަސަން
24 ނޮވެންބަރު 2026
ކޮންމެ އަހަރަކު ވެސް، އިސްލާމީ ދުނިޔެއަށް ބޮޑެތި ދީނީ މޫސުންތައް ބޯމައްޗަށް އައުމާ އެކު، އިރުމަތީގެ އެންމެ ދުރުން ފެށިގެން ހުޅަނގުގެ އެންމެ ދުރަށް ފެތުރިފައިވާ އުންމަތެއްގެ ޙައިރާންކުރުވަނިވި ރީތި ތަޞްވީރެއް ހާމަވެގެންދެއެވެ. ޤައުމާއި، ބަސްތަކާއި، ނަސްލުތައް ތަފާތުވިކަމުގައިވީ ނަމަވެސް، އެއް ކަލިމައަކަށާއި، އެއް އަޅުކަމަކަށް، އެއް ގޮތް އިޙުސާސްތަކަކަށް އެންމެން އެއްގަލަކަށް އަރައި، މުސްލިމުންނަކީ އެއް ހަށިގަނޑެއް ފަދަ ބަޔެއްގެ ގޮތުގައި ސިފަވެގެންދެއެވެ.
ރަމަޟާން މަހުގައި، ވަގުތުތަކާއި، އެންމެންގެ މޫނުތަކާއި، ކުރާ ދުޢާތައް އެއްގޮތްވެގެންދެއެވެ. އެތައް މިލިއަން މުސްލިމުންނެއް އެއް ވަގުތެއްގައި ރޯދަހިފައި، އެކުގައި ރޯދަވީއްލުމުގެ ސުފުރާތަކަށް ޖަމާވެއެވެ. އަދި މުޅި ބިންމަތީގައި އީމާންކަމުގެ އެއް ވިންދެއް ޖަހަމުންދާ ފަދައިން، އެއް ވަގުތެއްގައިހެން އެންމެންގެ އަތްތައް މައްޗަށް ނަގައި ދުޢާކުރެއެވެ.
ދެން އަންނަނީ ޙައްޖުގެ މޫސުމެވެ. އެއީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން އެންމެ ސާފުކޮށް ފެންނަ މާތް މަންޒަރެވެ. ތަފާތު ބައްރުތަކާއި ނަސްލުތަކަށް ނިސްބަތްވާ މިލިއަން މުސްލިމުން އެއް ގޮވައިލުމަކަށް އިޖާބަދެއެވެ. (لبيك اللهم لبيك) (އަޅަމެން އިޖާބަދެމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލަނކޮ! އިބަރަސްކަލާނގެ ޙަޟުރަތަށް އަޅުގަނޑު އިޖާބަދެމެވެ.) އެންމެން ބޭނުންކުރަނީ އެއްފޭރާމެކެވެ. އެނބުރެނީ އެއް އިލާހެއްގެ ޙަޟުރަތަށެވެ. އަދި އެއް މައިދާނެއްގައި (ޢަރަފާތު ބިމުގައި) އެންމެން އެކުގައި ތިބެއެވެ. މިއީ އިންސާނުންގެ މެދުގައިވާ ތަފާތުތައް ފިލުވައިދީ، އިންސާނީ އަދި އީމާނީ އުޚުއްވަތްތެރިކަމުގެ މާނަ އާކޮށްދޭ މަންޒަރެކެވެ.
ޙައްޖަކީ ހަމައެކަނި ފަރުދީ އަޅުކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އުންމަތުގެ އެއްބައިވަންތަކަމާއި އެއްގަލަކަށްއެރުމުގެ ރަމްޒެކެވެ. އެހެންކަމުން އެކަމުގެ އުފާވެރިކަން ޙައްޖުނުވާ މީހުންނާ އެކު މުޅި އިސްލާމީ އުންމަތަށް ފެތުރިގެންދެއެވެ. އެއަށް ފަހު އަންނަ އަޟުޙާ ޢީދަކީ މުސްލިމުންގެ އެއްބައިވަންތަކަން ފާހަގަކުރާ ދުނިޔެވީ އުފާ އެއް ފަދަ ކަމެކެވެ. ޢީދު ދުވަހުގެ އިރުއަރައިގެން އަންނަ އިރަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މައިދާންތަކާއި، މިސްކިތްތަކާއި، މަގުތައް ސަފުތައް އަތުރައިލައިގެން ތިބެ މިސްކިތްތަކާއި މައިދާންތަކާއި މަގުތައް، ނަމާދުކުރާ މީހުންނާ އެކު ފުރި ބާރުވެއެވެ. އެންމެން ވެސް ކިޔަނީ އެއް ތަކުބީރެކެވެ. ތަކުރާރުކުރަނީ އެއް ކަލިމަތަކެކެވެ. އަދި ޙިއްޞާކުރަނީ އެއް އިޙުސާސްތަކެކެވެ. އިސްލާމީ ދުނިޔޭގައި ޢީދު ނަމާދުގެ މަންޒަރަކީ ފުން މާނައެއް އެކުލެވިގެންވާ ކަމެކެވެ. ޖަކާޓާއިން ފެށިގެން އިސްތަންބޫލަށް، އަދި ޤާހިރާއިން ފެށިގެން ރަބާޠަށް، ކުދި އަވަށްތަކުން ފެށިގެން ބޮޑެތި ވެރިރަށްތަކަށް ޢީދުގެ ތަކުބީރުގެ އަޑު އުފުލިގެންދާ ވަގުތު، މުސްލިމާއަށް އިޙުސާސްވަނީ އޭނާއަކީ ދިރިހުރި، އެއް އުންމަތަކަށް ނިސްބަތްވާ މީހެއްގެ ގޮތުގައެވެ. އެއީ ބަހުގެ ކުރީން އީމާންކަމުން، އަދި އިންތަކުގެ ކުރީން ޢަޤީދާއިން ގުޅުވައިދީފައިވާ އުންމަތެކެވެ.
މި މަންޒަރުތަކަކީ ހަމައެކަނި ތަކުރާރުވާ ރަސްމިއްޔާތުތަކެއްނޫނެވެ. އަދި ކީއްހެއްޔެވެ؟ މިއީ އިސްލާމީ އުންމަތުގައި އަދިވެސް އެއްބައިވަންތަކަމުގެ އުންސުރުތައް އެބަހުރިކަމާއި، އެ ކަމުގެ ސަބަބުން އެ އުންމަތުގެ ބަދަހިކަމާއި އިޖުތިމާޢީ އިޙުސާސްތައް ތަފާތުވެގެންވާކަން ސާބިތުކޮށްދޭ ޙަޟާރީ އަދި ރޫޙާނީ މެސެޖުތަކެކެވެ. މިއަދުގެ ދުނިޔޭގައި އަމިއްލަ މާޒީއާއި ސަޤާފީ ޚާއްޞަކަންތައްތައް ބަދަލުވެގެންދާއިރު ވެސް، މުސްލިމުން ދެމިތިބީ އެ މީހުންގެ ހިތްތަކާއި، މޫސުންތަކާއި، އިޙުސާސްތައް އެއްކޮށްދޭ ޖަމާޢަތީ އަޅުކަންތައް ރައްކާތެރިކުރުމުމަތީގައެވެ.
ކީރިތި ޤުރްއާނުގައި މާތްﷲ ވަނީ މި ބޮޑު ޙަޤީޤަތް ބަޔާންކުރައްވައިފައެވެ. ﴿إِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاعْبُدُونِ﴾ (سورة الأنبياء: 92) މާނައީ: "ހަމަކަށަވަރުން، މިއީ، އެއް أمّةއެއްކަމުގައިވާ ތިޔަބައިމީހުންގެ أمّةއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކުރާށެވެ!"
އިސްލާމްދީންވަނީ މުސްލިމުންގެ މެދުގައިވާ އެއް ގޮތް ކަންތައްތައް، އެ މީހުންގެ މެދުގައިވާ ޚިލާފުތަކަށް ވުރެ މާ ބޮޑުކުރައްވައިފައެވެ. އެ މީހުންގެ ޤިބުލައަކީ އެއް ޤިބުލައެކެވެ. އެ މީހުންގެ ފޮތަކީ އެއް ފޮތެކެވެ. އެ މީހުންގެ ނަބިއްޔާއަކީ އެއް ނަބިއްޔެކެވެ. އެ މީހުންގެ ޢީދުތަކަކީ އެއް ޢީދުތަކެކެވެ. އަދި އެ މީހުންގެ ބޮޑެތި އަޅުކަންތަކަކީ އެއް އަޅުކަންތަކެކެވެ. އެހެންކަމުން، ޤަރުނުތައް ބަދަލުވެ، ސަޤާފަތްތަކާއި ސިޔާސީ އިންތައް ތަފާތުވިކަމުގައިވީ ނަމަވެސް، އިސްލާމީ އުންމަތުގެ ގުޅުން ދެމިއޮތެވެ.
ދުނިޔެ މި ބަދަހިކަމަށް ބަލައިލުމުން، އެއިން ފެންނަނީ ނާދިރު މާނަވީ އަދި ޙަޟާރީ ބާރެކެވެ. އެއީ އެ އުންމަތެއްގެ ސިފަތަކާއި އަޅުކަންތަކުގެ ވަށައިގެންވާ އެއް ގޮތް އިޙުސާސްތަކަކާ އެކު ޙަރަކާތްތެރިވެ، ބައިބައިކޮށްލުމަށް ކުރެވޭ އެ މީހުންގެ އަމިއްލަ ވަންތަކަން ރައްކާތެރިކުރާ އުންމަތެކެވެ.
އަނެއް ކޮޅުން، މި މޫސުންތަކުން މުސްލިމުންނަށް ސާފު މެސެޖެއް ފޯރުކޮށްދެއެވެ. އެއީ އެއް ބަންގިއަކަށް، އެއް ޤުރްއާނަކަށް، އެއް ޙައްޖަކަށް އަދި ޢީދުގެ އެއް ތަކުބީރުތަކަކަށް އެއްވާ އުންމަތަކީ އެމީހުންގެ އެއްބައިވަންތަކަން ހެޔޮ ގޮތުގައި ބޭނުންކޮށްފި ނަމަ، އެ މީހުންގެ ޙަޟާރީ މަޤާމު އަލުން ހޯދައި، ދުނިޔެއަށް ބޮޑު ނުފޫޒެއް ފޯރުވުމުގެ ޤާބިލުކަން ލިބިގެންވާ އުންމަތެއްކަމެވެ.
އިސްލާމީ އުންމަތް، ތަފާތު ގޮންޖެހުންތަކާއި ޚިލާފުތަކުގެ ތެރެއިން ހިނގަމުންދިޔަކަމުގައިވީ ނަމަވެސް، ބައިބައިވުމުގެ ސަބަބުތަކަށް ވުރެ މާ ގިނަ އެއްބައިވަންތަކަމުގެ ޢުންޞުރުތައް އެ އުންމަތުގައި އަދިވެސް އެބަހުއްޓެވެ. އަދި އެ އުންމަތުގެ ބޮޑެތި އަޅުކަންތަކަކީ އީމާނީ ގުޅުންތަކަކީ އެންމެހައި އިންތަކާއި ބައިބައިވުންތަކަށް ވުރެ ފުން ގުޅުމެއްކަމުގެ ހެކިތަކެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا﴾ (سورة آل عمران: 103) މާނައީ: "ތިޔަބައިމީހުން އެންމެން اللَّهގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ!"
ލަފުޒެއްގެ މާނަ:
އުންސުރު ނ. (1) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (2) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. element (3) ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާއްމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލު ކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ.