ޑރ. މޫސާ އަންވަރު ޙަސަން
19 ނޮވެންބަރު 2026
އިންސާނާގެ އަޞްލަކީ ތައުޙީދެވެ. އަދި އެއީ އިންސާނިއްޔަތަށް އެންމެ ފުރަތަމަ އެނގުނު ދީނެވެ. އެއަށް ފަހު، އިންސާނުން އެކި މިންވަރަށް ނުބައި މަގުން ގޮސް، ޝިރުކުގެ ތެރެއަށް ވެއްޓެންދެން އެ ކަން ފެތުރެމުން ދިޔައީއެވެ. މިއީ އެއްވެސް ޝައްކެއްނެތް ޙައްޤު ތެދެކެވެ. ކީރިތި ޤުރްއާނާއި، ސުންނަތާއި، އިންސާނީ ފިޠުރަތާއި، އަދި ޞަޙީޙު ނައްޞުތަކާ އެއްގޮތްވާ ސާފު ބުއްދިއަށް ތާއީދުކުރާ މި ބުނުމަށް، ހުޅަނގުގެ އަދި އެ ނޫން ވެސް ބައެއް އާސާރީ ޢިލްމުވެރީންނާއި ދީންތަކާ ބެހޭ ދިރާސާކުރައްވާ ބޭފުޅުން ވަނީ ވާޞިލުވެވަޑައިގެންފައެވެ. އެ ބޭފުޅުންގެ ބަސްފުޅުތަކުގެ ބައެއް މިސާލުތައް ތިރީގައި މި ވަނީއެވެ.
އެންމެ ފުރަތަމަ ބިދާއީ ކަންކަން ދިރާސާކުރެއްވުމުގެ ޚާއްޞަ މާހިރެއްކަމަށްވާ އާދަމްސަން ހިއުބެލް ވިދާޅުވެފައިވެއެވެ. [ޤަދީމީ އިންސާނާއަކީ މާތްރަސްކަލާނގެއާ މެދު ނުވަތަ މާތް ﷲއާ މެދު، ވިސްނުމުގެ ޤާބިލުކަން ލިބިގެންވާ މީހެއް ނޫންކަމަށް ތުހުމަތުކުރެވުނު ޒަމާން މިހާރު ވަނީ މާޒީވެ ގޮސްފައެވެ. އަދި [ޓޭލަރ]އަށް ވަނީ ކުށްހީއެއްކުރެވިފައެވެ. އެއީ އެއްކައުވަންތަކަމުގެ ދީނީ ވިސްނުމަކީ ތަހުޒީބީ ތަރައްޤީއާއި ޢިލްމީ ކުރިއެރުމުގެ ނަތީޖާއެއްކަމަށްހެދުމާއި، އެއީ ފުރާނަތަކަށާއި އަވާމެންދުރުތަކަށް އަޅުކަންކުރުމުން ފެށިގެން، ކުޅަދުންވަންތަ ގިނަ ފަރާތްތަކަކަށް އަޅުކަންކުރުމަށް ފަހު، އެންމެ ފަހުން ތައުޙީދުގެ ފިކުރާ ހަމައަށް ވާޞިލްވީ ތަރައްޤީގެ ނަތީޖާއެއް ކަމަށް ނިންމުމެވެ.] (ޒަކަރިއްޔާ، ޞ. 1/199)
ވޭތުވެ ދިޔަ ޤަރުނުގެ ޢިލްމުވެރިއެއްކަމަށްވާ އެންޑްރޫ ލޭންގް ވިދާޅުވެފައިވެއެވެ. [އޮސްޓްރޭލިޔާއާއި، އެފްރިކާއާއި، އިންޑިޔާގެ މީހުންގެ ހިތްތަކުގައި މާތް ﷲއަށް އޮތް ޢަޤީދާއަކީ ނަޞާރާ ދީނުގެ އަޞްލުގެ މައްޗަށް އުފަންވި އެއްޗެއް ނޫނެވެ.] އަދި އޮސްޓްރޭލިޔާގެ ޢިލްމުވެރިއެއް ކަމަށްވާ ވިލިއަމް ސުމިތު އޭނާގެ ފޮތް [އެސެންސް އޮފް ދި އައިޑިއާ އޮފް ގޯޑް]ގައި އެކި ސަރަޙައްދުތަކުން އެއްކުރައްވައިފައިވާ ހެކިތަކާއި ދަލީލުތަކުން ކަށަވަރުކޮށްދެއްވާ ގޮތުގައި، އިންސާނާ އެންމެ ފުރަތަމަ ކުރި އަޅުކަމަކީ އެއްކައުވަންތަ މާތް ﷲއަށް ކުރެވުނު އަޅުކަމެވެ. (ޒަކަރިއްޔާ، 1/199)
އިންޑޮނޭޝިޔާގެ މެލޭ ދަރިކޮޅުގެ ޢިލްމުވެރިއެއްކަމަށްވާ ޑރ. ޙާޖީ އޯރަންގް ކައި ވިދާޅުވެފައިވެއެވެ. [އަޅުގަނޑުމެންގެ މެލޭ ޖަޒީރާތަކުގައި އިސްލާމްދީން ވަނުމުގެ ކުރީން އަދި ނަޞާރާދީން ވަނުމުގެ ކުރީންވެސް، މި ބިމުގެ އަހުލުވެރީން އަޅުކަންކުރީ އެއްކައުވަންތަ އިލާހަށްކަން ސާބިތުވާ ސަރީޙަ ދަލީލުތައް އެބަ ހުއްޓެވެ. އިންޑޮނޭޝިޔާގެ 'ކަލިމަންތަން' ޖަޒީރާގެ ޢަޤީދާގައި ހިންދޫދީނުގެ އަސަރާއި އިސްލާމްދީނުގެ ވަސް އެކުވެފައިވީ ނަމަވެސް، ހިންދޫދީން ނުވަތަ އިސްލާމްދީން އައުމުގެ ކުރީން ވެސް މި ބިމުގެ އަހުލުވެރީންގެ އަޞްލު އަޅުކަމަކީ ތައުޙީދެވެ. ސަންސްކިރިތު ބަސް ބޭނުންކުރުމުގެ ކުރީން، ނުވަތަ ހިންދޫންގެ ހިޖުރައިގެ ކުރީން، ނުވަތަ އިސްލާމްދީން ވަނުމުގެ ކުރީން މި ސަރަޙައްދުގެ މީހުން ބޭނުންކުރި އާންމު ބަހަށް ބަލައިފި ނަމަ، ވާރުތަވެފައިވާ ބަސްތަކާއި އިބާރާތްތަކުން އަޅުގަނޑުމެންގެ ކާބަފާތުންގެ ޢަޤީދާ ސާފުކޮށް އެނގެއެވެ. އެއީ އެބައިމީހުންގެ ޢަޤީދާގައި މާތް ﷲއީ އެއްކައުވަންތަ، ބައިވެރިއަކު ނުވާ އިލާހުކަމެވެ.] (ޒަކަރިއްޔާ، 1/200) (އިބުނު ދާނޫ، ޞ. 28-30)
މި ޢިލްމުވެރީންނާއި، އަދި އެ ނޫން ވެސް ލޭންގް، ފްރޭޒަރ، ޝްމިޑްޓް، ޕިޓާޒޯނީ، ފޯކާޓް ފަދަ ބޭފުޅުން ކުރެއްވި ދިރާސާތަކުން ނެރުއްވި ނަތީޖާއަކީ، އަޞްލަކީ ތައުޙީދު ކަމާއި ޝިރުކު ނޫންކަމެވެ. އަދި އެ ބޭފުޅުންގެ މި ނަޒަރިއްޔާއަށް "ތައުޙީދުގެ ފިޠުރީ އަދި އަޞްލު ނަޒަރިއްޔާ"ގެ ނަމުން ނަންދެއްވިއެވެ.
ގިނަ އަދަދެއްގެ ޢިލްމުވެރީން ވަނީ މި ނަޒަރިއްޔާއަށް ތާއީދުކުރައްވައިފައެވެ. އެ ބޭފުޅުން ހޯއްދެވި ހޯދުންތަކާއި ޤަދީމީ އާސާރީ ކޮނުންތަކުން ސާބިތުވާ ގޮތުގައި، ގިނަ އިލާހުންތަކެއްވާކަމަށް ޤަބޫލުނުކުރާ، އެއްކައުވަންތަ އިލާހަށް އީމާންވި ވަރަށް ޤަދީމީ އުންމަތްތައް އުޅުނެވެ. މީގެ މައްޗަށް ބިނާކޮށް އެ ބޭފުޅުން ނިންމެވީ އެއްކައުވަންތަކަމުގެ ޢަޤީދާއަކީ އިންސާނުންނަށް އެނގުނު އެންމެ ޤަދީމީ ދީންކަމަށާއި، ގިނަ އިލާހުންތަކަށް އަޅުކަންކުރުމާއި ބުދު ފުރޭތައަށް އަޅުކަންކުރުމަކީ ތައުޙީދުގެ ޢަޤީދާގެ ތެރެއަށް ފަހުން ވަދެގެންއުޅޭ ބޭރުގެ ކަންކަންކަމެވެ. (ޒަކަރިއްޔާ، 1/196)
އިންސާނާގެ އަޞްލަކީ ތައުޙީދެވެ. މިއީ ދީންވެރިކަމަކީ އިންސާނާ އަމިއްލައަށް އުފެއްދި އެއްޗެއްކަމަށާއި، އިންސާނާގެ އެންމެ ފުރަތަމަ އަޅުކަމަކީ ގިނަ އިލާހުންތަކަކަށް ކުރެވުނު އަޅުކަންކަމަށާއި، އެއަށްފަހު އަލިކަމުގެ އިލާހާއި އަނދިރިކަމުގެ އިލާހު، ނުވަތަ ހެޔޮކަމުގެ އިލާހާއި ނުބައިކަމުގެ އިލާހު ފަދަ ދެ އިލާހަކަށް އަޅުކަންކުރުމަށް ބަދަލުވެ، އެއަށް ފަހު އެއް އިލާހަކަށް އަޅުކަންކުރުމަށް ތަރައްޤީވީ ކަމަށް ބުނާ މީހުންގެ ދޮގު ބުނުންތައް ބާޠިލުކޮށްދޭކަމެކެވެ. (އަބޫ ފާރިސް، ޞ. 28)
ތައުޙީދަކީ އަޞްލެވެ. އެއީ ފިޠުރަތުގައި ލެއްވިފައިވާ، ސާފު ބުއްދިތަކުން ކަށަވަރުކުރާ، އަދި އެބައިމީހުންގެ ވެރީންނަކީ އިންސާނުންގެ ސާހިބުންކަމުގައިވި ނަބިއްޔުންނާއި ރަސޫލުންކަމުގައިވި ތާރީޚީ ތެދު ތަޖުރިބާތަކުން ސާބިތުވާ ހަޤީޤަތެކެވެ. މިއިން އެނގެނީ އިންސާނިއްޔަތު ފެށުނީ ތައުޙީދުންކަމާއި، އެއަށް ފަހު މަޑުމަޑުން ޝިރުކާއި ގިނަ އިލާހުންތަކެއް ޤަބޫލުކުރުމަށް މިސްރާބުޖެހިކަމެވެ. މިއީ ބުއްދީގެ ދަލީލާއި، ނައްޞާއި، މަންޠިޤާއި، އަދި ޢިލްމީ ދިރާސާތަކުން ތާއީދުކުރެވޭ ޢިލްމީ ހަޤީޤަތެކެވެ. މި ސާބިތު ހަޤީޤަތްތަކުގެ ސަބަބުން އޮގަސްޓް ކޮމްޓްގެ ނަޒަރިއްޔާ މުޅީން ފުނޑުފުނޑުވެގެން ދެއެވެ. އޮގަސްޓް ކޮމްޓް ދެކެވަޑައިގަތީ އިންސާނިއްޔަތު ފެށުނީ ޝިރުކާއި ގިނަ އިލާހުންތަކަށް އަޅުކަންކުރުމުންކަމަށާއި، ތައުޙީދަކީ އޭގެ އެންމެ ފަހު މަރުޙަލާކަމަށެވެ. ނަމަވެސް، ޒަމާނީ ދިރާސާތަކުގެ ކުރިމަތީގައި މި ނަޒަރިއްޔާއަށް ހިފަހައްޓައެއްނުލެވުނެވެ. އޭނާއަށް އޮތް މަޤާމު ގެއްލި، މިއަދު އެއީ ހަމައެކަނި ތާރީޚީ އާސާރެއްގެ ގޮތުގައި ކިޔަވައިދެވޭ މައުޟޫޢަކަށް ވަނީ ބަދަލުވެފައެވެ. ކަން މިހެން ހުރި ނަމަވެސް، އިންސާނިއްޔަތު އޭގެ ޢަޤީދާއިން އެއްކިބާވެގެން ދިޔަ ހިނދު، މާތް ﷲގެ ރަޙްމަތްފުޅުން ނޫޙުގެފާނު (ޢަލައިހިއްސަލާމް) ފޮނުއްވިއެވެ. އެއީ ޢަޤީދާގެ މައިދާނުގައި ޙައްޤު ގޮތާއި، އަޚްލާޤީ މައިދާނުގައި ހެޔޮކަމާއި، އަދި ޝަރީޢަތުގެ މައިދާނުގައި ޢަދާލަތުގެ އުފާވެރި ޚަބަރު ދެއްވުމަށް ޓަކައެވެ. (މަޙްމޫދު، ޞ. 64)
(ލިޔުނީ: ޑރ. ޢަލީ މުޙައްމަދު އަލްޞައްލާބީ، ތަރުޖަމާ: ޑރ. މޫސާ އަންވަރު ޙަސަން)