އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
22 ނޮވެންބަރު 2026
ބައެއް މީހުން ހީކުރާ ގޮތުގައި ދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ ލިސްޓަކަށާއި، ބޭރުފުށުގެ ސިފަތަކަށާއި، އަދި ޢަޤީދާގެ އުސޫލުތަކަކަށް ހަނިކުރެވިފައިވާ އެއްޗެކެވެ. ޝަހާދަތުގެ ދެ ކަލިމަ ދުލުންކިޔައި ހިތުންތެދުކޮށް ގަބޫލުކުރުމާއި، ނަމާދާއި، ރޯދައާއި، ޒަކާތާއި ޙައްޖު ފަދަ އަޅުކަންތަކަކީ އިސްލާމްދީނުގެ އަސާސީ ރުކުންތައްކަމުގައިވީ ނަމަވެސް، އިސްލާމްދީނުގައި އެންމެ ބޮޑު (އަދި ގިނަ ފަހަރަށް އެންމެ އިސް) އަހައްމިއްޔަތެއް ދެވިފައިވަނީ ރިވެތި އަޚުލާޤާއި ސުލޫކާއި އަމިއްލަ ނަފުސު ކޮންޓުރޯލުކުރުމަށެވެ. އަދަބުވެރިކަމާއި މުޖާހަދާގެ މައްޗަށެވެ. އިސްލާމީ ތަޢާލީމާތުގައި، އަޅުކަމަކީ (ޢިބާދާތަކީ) ވަކީން ހުސްކަމެއްގެ ތެރޭގައި ކުރެވޭ ކަންކަމެއް ނޫނެވެ. ހަގީގަތުގައި އިސްލާމް ދީނަކީ ރީތި ސުލޫކާއި މާތް އަޚުލާޤާއި، އަޚުލާޤީ ސާބިތުކަމާ އެކު، އަދި އިންތިޒާމްވެފައިވާ ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަށް ޓަކައި ﷲ ސުބްޙަނަހޫ ވަތަޢާލާ އިންސާނުންނަށް ޓަކައި ފަރުމާކޮށްދެއްވައިފައިވާ ދިރިއުޅުމުގެ މުޅި ނިޒާމެވެ. އިންސާނާ ދުނިޔޭގައި އުޅޭންވީ ގޮތެވެ. އެއީ ރޫޙާނީ ތަމްރީނުގެ މައިދާނެއް ވެސް މެއެވެ.
އިސްލާމްދީނުގައި ރިވެތި އަޚުލާޤަކީ ހަމައެކަނި އީމާންކަމުގެ ސަބަބުން އުފެދޭ ރަނގަޅު ނަތީޖާއެއް ނޫނެވެ. އެއީ ޚުދު ދީނުގެ އެންމެ މަތިވެރި މަގުސަދެވެ. ކީރިތި ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އެކަލޭގެފާނުގެ ރިސާލަތުގެ މައިގަނޑު މަގުސަދު ބަޔާންކޮށްދެއްވާފައިވަނީ އަޚުލާޤީ ރިވެތިކަމުގެ މައްޗަށެވެ.
އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. »إنما بعثت لأتمم مكارم الأخلاق« )ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަމަކޮށްދެއްވުމަށް ޓަކައެވެ.( (رواه أحمد والبيهقي والحاكم والبزار، وصححه الألباني)
މި ބަސްފުޅުން މުޅި އިސްލާމީ ތަސައްވުރު ސިފަކޮށްދެއެވެ. ޢަޤީދާއާއި އަޅުކަންތަކަކީ މާތް ﷲއާއި އެކަލާނގެ އަޅާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދޭ ކަންކަމެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، މަޚްލޫޤުންނަށް އޯގާތެރިވުމާއި، ތެދުވެރިވުމާއި، ކެތްތެރިވުމާއި، އަދި އިންޞާފުވެރިވުން އިންސާނާގެ ކިބައިން ފެންނާންޖެހެއެވެ. މީހެއްގެ އީމާންކަން ސީދާ ވަޒަންކުރެވެނީ އެ މީހަކު އެހެން މީހުންނާމެދު މުޢާމަލާތްކުރާ ގޮތުގެ މައްޗަށެވެ. ރަސޫލާ (صلى الله عليه وسلم) ޙަދީޘްކުރައްވައިފައިވެއެވެ. »أَكْملُ المؤمنينَ إيمانًا أحسنُهُم خلقًا،« )މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ރިވެތި މީހުންނެވެ.( (سنن أبي داود (٤٦٨٢) وجامع الترمذي (١١٦٢، ٢٠٠٢) وصحّحه الألباني)
މީގެ އިތުރަށް، ޙަޤީޤީ ހެޔޮކަން (الْبِرّ) ކީރިތި ޤުރްއާނުގައި ގުޅުވައިލައްވައިފައިވަނީ ހަމައެކަނި ނަމާދުގައި ވަކި ފަރާތަކަށް މޫނު އެނބުރުމަކާ ނޫނެވެ. އޭގެ ބަދަލުގައި، ވަޢުދު ފުއްދުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ކެތްތެރިވުމާއި، ދީލަތިކަމާއި އަދުލުއިންޞާފު ޤާއިމުކުރުމާއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )لَّيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّآئِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُواْ وَالصَّابِرِينَ فِي الْبَأْسَاء والضَّرَّاء وَحِينَ الْبَأْسِ أُولَـئِكَ الَّذِينَ صَدَقُوا وَأُولَـئِكَ هُمُ الْمُتَّقُونَ( (ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއްނޫނެވެ. އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّهއަށާއި آخرةދުވަހަށާއި ملائكةންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمانވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާ އެކު ވެސް، ގާތްތިމާގެ މީހުންނަށާއި يتيمންނަށާއި مسكينންނަށާއި (حالގައި ޖެހިފައިވާ) ދަތުރުވެރީންނަށާއި އެހީއަށް އެދި سؤالކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائمކޮށް، زكاةދީއުޅޭ މީހާއެވެ. އަދި عهدއެއް ކޮށްފި ނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوىވެރީންނަކީ ވެސް ހަމަ އެއުރެންނެވެ.) (سورة البقرة:177)
އަޅުކަމަކީ ނަފުސު ތަރުބިޔަތުކުރާ ވަސީލަތެއް
ނަފުސު ކޮންޓުރޯލުކުރުމަކީ ރަނގަޅު ގޮތް އެނގުމާއި، އެ ގޮތުގެ މަތީގައި ދެމިހުރުމާ ދެމެދު އޮންނަ ފާލަމެވެ. އިސްލާމްދީނުގައި މުއުމިނެއްގެ ދުވަހާއި، ހަފުތާއާއި، އަހަރުގެ ތާވަލުގެ ތެރޭގައި އަމިއްލަ ނަފުސު ހަމަމަގުގައި ހިފެހެއްޓުމުގެ އާދަ އަށަގަންނުވައިފައިވެއެވެ. މީގެ ސަބަބުން އަޅުކަންތައް ވެގެންދަނީ އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވުމުގެ ތަމްރީނުތަކަކަށެވެ.
ފަރުޟު ފަސް ނަމާދު: ދުވާލުގެ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ނަމާދު ޤާއިމުކުރުމުގެ އާދައިގެ ސަބަބުން ގަޑިއަށް ފަރުވާތެރިވުމާއި، ހޭލުންތެރިވުމާއި، އަދި މާތް މަގުސަދަކަށްޓަކައި ދުނިޔަވީ ކަންކަން މެދުކަނޑައިލުމުގެ ރީތި އަޚުލާޤާއި ޤާބިލުކަން އުފެދެއެވެ. ނަމާދުގެ އަޚުލާޤީ ދައުރު ކީރިތި ޤުރްއާނުގައި ވަރަށް ޞަރީޙަކޮށް ވަރަށް ފުރިހަމައަށް ބަޔާންކުރައްވާފައިވެއެވެ. އެ ކަލާނގެ ވަޙީކުރައްވައިފައިވެއެވެ. )اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ( ފޮތުގެ ތެރެއިން ކަލޭގެފާނަށް وحىކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު قائمކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ. (سورة العنكبوت:45).
މީހަކު ކުރާ ނަމާދުގެ ސަބަބުން، އެހެން މީހުންނަށް ގެއްލުންދިނުމާއި މަކަރުހެދުމުން އެމީހަކު ދުރުހެލި ނުވާ ނަމަ، އަދި އެ ނަމާދުގެ ސަބަބުން ރީތި އަޚުލާޤު އެ މީހަކަށް ޙާޞިލުނުވާ ނަމަ، އެ ނަމާދުން ޙާޞިލުވާންޖެހޭ އެތެރެފުށުގެ ތަރުބިއްޔަތު ޙާޞިލު ނުވަނީއެވެ. އެހެން ގޮތަކަށް ދަންނަވާ ނަމަ، އޭނާއަށް އެ ކުރެވެނީ ފުރިހަމަ ނަމާދެއްނޫނެވެ.
ރޯދަ: ރަމަޟާން މަހު މުއުމިނުން ފަޖުރުލީއްސުރެ އިރުއޮއްސެންދެން ކެއުމާއި ބުއިމާއި، ނަފުސުގެ އެދުންތަކުން ދުރުހެލިވެ ތިބެއެވެ. ކީރިތި ޤުރްއާނުގައިވާ ގޮތުން ރޯދައިގެ މަގުސަދަކީ ތަގުވާވެރިކަން (އެބަހީ މާތްﷲ އަށް ބިރުވެތިވުމާއި ނަފުސު ކޮންޓުރޯލުކުރުން) ޙާޞިލުކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ( (އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرضކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرضކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوىވެރި ވުމަށްޓަކައެވެ.) (سورة البقرة:183).
އަޚުލާޤީ ހިފެހެއްޓުމެއް ނެތި ހަމައެކަނި ބަނޑުހައިހޫނުކަން ތަޙައްމަލުކުރުމުގެ އެއްވެސް މާނައެއް ނެތްކަން ރަސޫލާ (صلى الله عليه وسلم) ބަޔާންކޮށްދެއްވާފައިވެއެވެ: އެކަލޭގެފާނު ހަދީޘްކުރައްވައިފައިވެއެވެ. »مَن لَم يَدَعْ قَولَ الزُّورِ والعَمَلَ به، فليسَ للهِ حاجةٌ في أن يَدَعَ طَعامَه وشَرابَه«. (ދޮގު ވާހަކަ ދެއްކުމާއި، ނުބައި ޢަމަލުތައް ކުރުން ހުއްޓާނުލާ މީހާ، އޭނާގެ ކެއުމާއި ބުއިން ދޫކޮށްލުމަކަށް ﷲ ބޭނުންވެވޮޑިގެން ނުވެއެވެ.) (صحيح البخاري الصفحة أو الرقم: 1903)، (التخريج : أخرجه أبو داود (2362)، والترمذي (707)،وابن خزيمة (1995))
ޒަކާތާއި ޙައްޖު: ފަރުޟު ޒަކާތުން އިންސާނާގެ ނަފުސު ދަހިވެތިކަމާއި މުދަލަށް ހުންނަ ދީވާނާކަމުން ސަލާމަތްކޮށް ތަރުބިއްޔަތުކޮށްދެއެވެ. ހަމަ އެ ފަދައިން، ޙައްޖުގެ އަޅުކަމުގައި ޖިސްމާނީ ގޮތުން ވަރަށް ބޮޑު ކެތްތެރިކަމަކާއި، މަޑުމައިތިރިކަމެއްގައި އުޅުމާ އެކު، ޒުވާބުކުރުމުންނާއި ވިޔާނުދާ ވާހަކަތަކުން ދުރުހެލިވާންޖެހެއެވެ. އަދި އެއްވެސް ދިރޭ އެއްޗަކަށް ގޯނާއެއްކުރުމުން ދުރުހެލިވުން ލާޒިމުކުރެއެވެ. ޙައްޖުގެ ސަބަބުން ލިބޭ މަތިވެރި އަޚުލާޤީ ތަރުބިޔަތު އަންނަނިވި ދެ އާޔަތުން ވަރަށް ރީތިކޮށް ހާމަވެއެވެ. )وَأَتِمُّواْ الْحَجَّ وَالْعُمْرَةَ لِلّهِ فَإِنْ أُحْصِرْتُمْ فَمَا اسْتَيْسَرَ مِنَ الْهَدْيِ وَلاَ تَحْلِقُواْ رُؤُوسَكُمْ حَتَّى يَبْلُغَ الْهَدْيُ مَحِلَّهُ فَمَن كَانَ مِنكُم مَّرِيضاً أَوْ بِهِ أَذًى مِّن رَّأْسِهِ فَفِدْيَةٌ مِّن صِيَامٍ أَوْ صَدَقَةٍ أَوْ نُسُكٍ فَإِذَا أَمِنتُمْ فَمَن تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ فَمَن لَّمْ يَجِدْ فَصِيَامُ ثَلاثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ ذَلِكَ لِمَن لَّمْ يَكُنْ أَهْلُهُ حَاضِرِي الْمَسْجِدِ الْحَرَامِ وَاتَّقُواْ اللّهَ وَاعْلَمُواْ أَنَّ اللّهَ شَدِيدُ الْعِقَابِ& الْحَجُّ أَشْهُرٌ مَّعْلُومَاتٌ فَمَن فَرَضَ فِيهِنَّ الْحَجَّ فَلاَ رَفَثَ وَلاَ فُسُوقَ وَلاَ جِدَالَ فِي الْحَجِّ وَمَا تَفْعَلُواْ مِنْ خَيْرٍ يَعْلَمْهُ اللّهُ وَتَزَوَّدُواْ فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُوْلِي الأَلْبَابِ( (ތިޔަބައިމީހުން اللَّهއަށްޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ! ފަހެ، އެކަމުގައި ތިޔަބައިމީހުން إحصارވެއްޖެނަމަ، (އެބަހީ: ދެކޮޅުވެރި ބަޔެއްގެ ސަބަބުން، ނުވަތަ އެނޫން ކަމެއްގެ ސަބަބުން ނަމަވެސް، حجވުމަށް ނުވަތަ عمرةވުމަށް ދިޔުމުގެ މަގު ބަންދުވެއްޖެނަމަ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. އަދި هَدْى، އެ ކަތިލުމުގެ محلއަށް ފޯރައްޖައުމަށް ދާނދެން ތިޔަބައިމީހުން ބޯ ނުބާލާށެވެ! ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއްޖެ މީހާ ނުވަތަ ބޮލުގައި ބައްޔެއް ހުރެއްޖެމީހާ (އެ ކަންކަމުގެ ސަބަބުން ބޯ ބާލައިފި ނަމަ) ފަހެ، ރޯދައިން، ނުވަތަ صدقاتއެއް ދިނުމުން ނުވަތަ ކަތިލުމަކުން فديةއެއް ދިނުން ހުށްޓެވެ. ފަހެ، ތިޔަބައިމީހުންނަށް أمانކަން ލިބިއްޖެނަމަ عمرةއަށްފަހު، حجއާ ހަމަޔަށް ދާނދެން އަރާމު ލިބިގެންފިމީހާ (އެބަހީ: حجގެ ދުވަސްވަރުގައި عمرةގެ އަޅުކަން ނިމި، إحرام ކަނޑައިފުމުން، إحرامގެ ސަބަބުން حرامވާ ކަންތައްތައް ހުއްދަވުމަށްފަހު، مكةގައި ހުރެ އަލުން حجއަށް إحرامބަނދެފި މީހާ) هَدْىގެތެރެއިން ތަނަވަސްވެ ލިބުނު އެއްޗެއް ކަތިލުން ހުށްޓެވެ. ފަހެ، އެފަދަ އެއްޗެއް ނުލިބިއްޖެމީހާ حجގެތެރޭގައި ތިން ދުވަހު، އަދި حجން އެބުރި އައުމަށްފަހު ހަތް ދުވަހު ރޯދަހިފުން ހުށްޓެވެ. އެއީ ފުރިހަމަ ދިހަ ދުވަހެވެ. އެކަންއޮތީ، އެމީހެއްގެ أهلވެރިން حرمةތެރި ވެގެންވާ މިސްކިތް ހުރި ރަށުގެ ވަޒަންވެރިން ކަމުގައި ނުވާ މީހަކަށެވެ. އަދި ތިޔަބައިމީހުން اللَّهއަށް تقوىވެރިވާށެވެ! އަދި ހަމަކަށަވަރުން، اللَّهއީ عقوبات ގަދަފަދަވެގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދަންނާށެވެ! & حجގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرضކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرامބަނދެފި މީހާ، ދަންނާށެވެ!) ފަހެ حجވުމުގެ ތެރޭގައި جماعވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّهއީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوىއެވެ. އޭ ބުއްދީގެ أهلވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ!) (سورة البقرة:196~197).
ހަމަ އެފަދައިން، މަޑުމައިތިރިކަމާ އެކު ވާހަކަދެއްކުމަށާއި، ނުބައިކަންތައް އެއަށް ވުރެ ރަނގަޅު ގޮތުގައި ދުރުކުރުމަށާއި ކެތްތެރީންނަށް ނޫނީ އެ ކަން ނުކުރެވޭނެކަމަށް ވެސް އަންގަވައިފައިވެއެވެ. އަދި އެ ސިފަ ލިބިގެންފި މީހަކީ ނަސީބުވެރިއެއްކަމަށް ވެސް އަންގަވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ & وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ ( (ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوةތެރިކަމެއްވާ މީހާ، ގާތް رحمةތެރިޔަކު ފަދައިން ވެދާނެތެވެ. & އަދި ކެތްތެރިވި މީހުންނަށްމެނުވީ، އެ މާތް ސިފަ ލިބިއެއް ނުގަނެވޭނެތެވެ. އަދި ބޮޑުވެގެންވާ ނަސީބުވެރިޔަކަށްމެނުވީ، އެ މާތްސިފަ ލިބިއެއް ނުގަނެވޭނެތެވެ. (سورة فصلت: :34~34)
މީގެ އިތުރަށް ބިންމަތީގައި މަޑުމައިތިރިކަމާއި ޤަދަރުވެރިކަމާއެކު ހިނގުމަށާއި ޖާހިލުންނާ ޒުވާބުނުކުރުމަށް ވެސް އަންގަވައި ރީތި އަޚުލާގުން ސިފަލިބިގަތުމަށް ބާރުއަޅުއްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. )وَعِبَادُ الرَّحْمَنِ الَّذِينَ يَمْشُونَ عَلَى الْأَرْضِ هَوْنًا وَإِذَا خَاطَبَهُمُ الْجَاهِلُونَ قَالُوا سَلَامًا( (رحمنވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން مخاطبކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން سلام އޭ ބުނެތެވެ.) (سورة الفرقان:63) އޭގެ މާނައަކީ ޖާހިލުންނަށް ރައްދުނުދީ ދުރަށް ދިޔުމެވެ.
އާދޭހެވެ! އަޅުގަނޑު މި ދަންނަވައިލީ އަޚުލާޤާއި ސުލޫކަށް އިސްލާމް ދީނުގައި ދެއްވައިފައިވާ އަހަންމިއްޔަތުގެ ވަރަށް ކުޑަކުޑަ މިންވަރެކެވެ. މިއީ އެތައް ގިނަ ވޮލިއުމްތަކެއްގައި ނޫނީ ބަޔާންނުކުރެވޭހައި ގިނަ ވާހަކަތަކެވެ. މަޑުމައިތިރިކަމާ އެކު މީސްތަކުންނާ ރީތިކޮށް ވާހަކަދައްކާން ކީރިތި ޤުރުއާނުގެ އެތައް ތަނެއްގައި މާތް ﷲ އަމުރުކުރައްވައިފައިވެއެވެ. ނުބއިވެގެންވާ ފިރުޢައުނުގެ ގާތަށް މޫސާގެފާނާއި ހާރޫނުގެފާނު ވަޑައިގެން އެކަލޭގެއާ ވާހަކަފުޅުދައްކަވާން މާތް ﷲ އެ ދެ ރަސޫލުބޭކަލުންނަށް އަންގަވައިފައިވަނީ މަޑުމައިތިކަމާއެކުގައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )اذْهَبَا إِلَى فِرْعَوْنَ إِنَّهُ طَغَى فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَى( (فرعونގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ. ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސްވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެ ކަމުގެ އުންމީދުގައެވެ.) (سورة طه:43~44)
ވިސްނައި ފިކުރުކުރުން ހުއްޓެވެ! މި ފަދަ ނުބައި ނުލަފާ މީހަކާ މަޑުމައިތިރިކޮށް ރީތިކޮށް ވާހަކަދައްކާންޖެހޭ އިރު، ހަޑިހުތުރުކޮށް އަޅުގަނޑުމެންނަށް އެއްވެސް މީހަކާ މުޚާޠަބުކުރުމުގެ ޙައްގު ލިބޭނީ ކޮން ފަދައަކުންތޯއެވެ؟ ވީމާ މުއާޞަލާތާއި މުޢާމަލާތުގައި ވެސް ރީތި އަޚުލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް އިސްލާމްދީން މި ވަނީ އަންގަވައިފައެވެ.
އިސްލާމްދީނުގައި އީމާންކަމާއި އިސްލާމްކަން ދެކެނީ ޢަޤީދާއާއި، އަޅުކަމާއި، އަދި ސުލޫކު އެކަތި އަނެކައްޗަށް ބާރުދޭ، ދިރިއުޅުމުގެ ފުރިހަމަ ނިޒާމެއްގެ ގޮތުގައެވެ. އަޅުކަންތަކުން ހަށިގަނޑަށް ޖިސްމާނީ މާއްދީ އަދި ރޫޙާނީ ހަކަތަ ފޯރުކޮށްދޭ އިރު، އަމިއްލަ ނަފުސު ކޮންޓުރޯލުކުރުމުގައި ދެމިހުރުން ގެނެސްދެއެވެ. މި ހުރިހައި ޢަމަލުތަކެއްގެ އެންމެ ފަހުގެ މޭވާއަކީ ރިވެތި އަޚުލާޤެވެ. މާތް އަޚުލާޤާއި ސުލޫކާއި ރުޅިމަޑުކަމާއި ނަފުސު ކޮންޓުރޯލުކުރުމެއް ނެތް ނަމަ، ބޭރުފުށުގެ ދީންވެރިކަމަކީ ހުސް އެއްޗަކަށް ވެދެއެވެ. ނަމަވެސް މި ދެންނެވި ރީތި ސިފަތަކާ އެކު، ﷲގެ މަގުގައި ދިރިއުޅުން ވޭތުކުރާ ކޮންމެ މީހެއްގެ ކޮންމެ ޢަމަލަކީ އަޅުކަމަކަށް ބަދަލުވެގެންދެއެވެ. ވީމާ، އިސްލާމް ދީނުގައި ރީތި ސުލޫކާއި މަތިވެރި އަޚުލާޤަށް ވުރެ މުހިންމު އެއްޗެއް ކޮބައިތޯއެވެ!