ad_banner
އިބްރާހީމް އަލައިހިއްސަލާމްގެ ދަޢުވަތު، ﷲއަށް އެކަނި އަޅުކަންކުރުމަށާއި ރިޒުޤަށް އެދުން

ޑރ. މޫސާ އަންވަރު ޙަސަން

21 ނޮވެންބަރު 2026

އިބްރާހީމް އަލައިހިއްސަލާމް ވަނީ ބުދަށް އަޅުކަންކުރުމުގެ ބާތިލުކަމުގެ މައްޗަށް ޢަޤުލީ އަދި ޝަރުޢީ ޙުއްޖަތް ޤާއިމުކުރައްވައި، މުޝްރިކުން ޙުރުމަތްތެރިކޮށް ހިތައިގެން އުޅުނު ބާތިލު ޢަޤީދާތަކުގެ ޙަޤީޤަތް ހާމަކުރައްވައިފައެވެ. އެކަލޭގެފާނު ވިދާޅުވި ބަސްފުޅު ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވައިފައެވެ. )إِنَّمَا تَعْبُدُونَ مِنْ دُونِ اللَّهِ أَوْثَانًا وَتَخْلُقُونَ إِفْكًا إِنَّ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا فَابْتَغُوا عِنْدَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ إِلَيْهِ تُرْجَعُونَ( (سورة العنكبوت: 17) މާނައީ: "ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ. އަދި ތިޔަބައިމީހުން ހަދަނީ بهتان ދޮގެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެތެވެ. ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ."

އެކަލޭގެފާނުގެ ޙުއްޖަތް ޢަމާޒުކުރެއްވީ، އެ ބުދުތަކަކީ ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫންކަން ހާމަކޮށްދެއްވުމަށެވެ. އެގޮތުން އެ ބުދުތަކަކީ މީސްތަކުންނަށް ރިޒުޤު ދިނުމުގެ ބާރުވެސް ލިބިގެންނުވާ އެއްޗެއްކަން ބަޔާންކޮށްދެއްވިއެވެ. އަދި އެއާއެކު، މަޚުލޫޤުންނަށް ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ ތަޢާލާކަން ކަށަވަރުކޮށްދެއްވިއެވެ. )إِنَّمَا تَعْبُدُونَ مِنْ دُونِ اللَّهِ أَوْثَانًا( މާނައީ: "ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާކަން ކަށަވަރީ، ބުދުތަކަކަށެވެ." )إِنَّمَا( އަކީ ޙަޞްރުކުރާ (އެކަމެއް ވަކި ކަމަކަށް ޚާއްޞަކުރާ) ލަފުޒެކެވެ. މާނައީ: ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ކޮންމެ އެއްޗަކީ ބުދެކެވެ. އަދި ބުދަކީ މަންފާއެއް ނުވަތަ ގެއްލުމެއް ދެވޭނެ އެއްޗެއް ނޫނެވެ. (النابلسي، محمد راتب. تفسير النابلسي "تدبر آيات الله في النفس والكون والحياة"، مؤسسة الفرسان، عمان، الأردن، ط1، 2017م- 1438ه.). ބުދަކީ، އެއީ ކޮންމެ ބާވަތެއްގެ ގަލުން ނުވަތަ މައުދަނަކުން ނުވަތަ ލަކުޑިން ހަދައި، މާތްކޮށް ހިތުމަށް ބަހައްޓާފައިވާ އެއްޗެހިތަކެވެ. އަދި އޭގެތެރެއިން ބައެއް މީހުން ކަދުރުވެސް ބުދު ހަދައި އުޅުނެވެ. އަދި ބަނޑުހައިވުމުން އެ ކައި އުޅުނެވެ. މި ކަން عمر بن الخطاب رضي الله عنه ވަނީ ޢަޖާއިބުވަނިވި ކަމެއްގެ ގޮތުގައި ބަޔާންކުރައްވައިފައެވެ. ފަހެ، ފަރުބަދައަށް ގޮސް ގަލެއް ކަމުގޮސްގެން، އެ ގާ ވަކި ސޫރައަކަށް ކަނޑައިނަގައި، އަމިއްލަ އަތުން ހެދި އެއްޗަކަށް ﷲ ފިޔަވައި އިލާހެއްގެ ގޮތުގައި އަޅުކަންކުރުމަކީ ކޮންފަދަ ބުއްދިއެއް ނުވަތަ މަންޠިޤެއް ހުރި ކަމެއްހެއްޔެވެ؟ ވައިރޯޅިއަކުން ވެއްޓިއްޖެ ނަމަ ކޮޅަށް ނަގައެވެ. ހަލާކުވެއްޖެ ނަމަ މަރާމާތުކޮށް ރަނގަޅުކުރެއެވެ. ފަހެ، މިއީ ކޮން ފަދަ ބުއްދިއަކަށް ޤަބޫލުކުރެވޭނެ ކަމެއްހެއްޔެވެ؟ (الشعراوي، محمد متولي. تفسير الشعراوي، دار أخبار اليوم، القاهرة، 2013م)  

)وَتَخْلُقُونَ إِفْكًا( ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ކޮންމެ އެއްޗަކީ ނަފާއެއް ނުވަތަ ގެއްލުމެއް ނުދެވޭނެ ބުދުތަކެކެވެ. އަދި އެކަމަށް ދައްކާ އުޒުރުތަކާއި، މާނަކުރުންތަކާއި، ޝަރަޙަތަކީ ހަމައެކަނި ދޮގާއި މަކަރެވެ. "އިފުކު" އަކީ ޙަޤީޤަތް އޮޅުވާލުމުގެ ގޮތުން ޤަޞްދުގައި ހަދާ ބޮޑު ދޮގެކެވެ. (الشعراوي، محمد متولي. تفسير الشعراوي، دار أخبار اليوم، القاهرة، 2013م)

އިބްރާހީމް އަލައިހިއްސަލާމް ވިދާޅުވެއެވެ. ތިޔަބައިމީހުން އެ ބުދުތަކާ ބެހޭގޮތުން ވާހަކަދައްކަނީ އެއީ ކަންކަން ކުރުމުގެ ބާރުލިބި، ދީ އަދި ހުރަސްއަޅައި، ރުޅިއައިސް އަދި ރުހޭ އެއްޗެއްގެ ގޮތުގައެވެ. އަދި އެ ބުދުތަކުގައި ޤުދުރަތީ މާތްކަމެއް ވާކަމަށް ހީކުރުވައި، މީސްތަކުންނަށް އޮޅުވާލައި، ﷲ އަށް އިފްތިރާ އަދި ދޮގު ހަދައެވެ. މިއީ އެއްވެސް އަޞްލެއް ނެތް، މާނައެއް ނެތް އަމިއްލަ ހެދުންތަކެކެވެ. ޙަޤީޤަތުން އެކަމަށް ތާއީދެއް ނުކުރެއެވެ. ސަބަބަކީ ތިޔަބައިމީހުން އަޅުކަންކުރާ ބުދަކީ މަންފާއެއް ނުވަތަ ގެއްލުމެއް ދެވޭނެ އެއްޗެއް ނޫނެވެ. އަދި ތިޔަބައިމީހުން ދައްކާ ވާހަކައަކީ ދޮގު ވާހަކަތަކެކެވެ. އޭގެ ދަލީލަކީ އެ ބުދުތަކަށް )لَا يَمْلِكُونَ لَكُمْ رِزْقًا( މާނައީ:"ތިޔަބައިމީހުންނަށް ރިޒުޤު ދިނުމުގެ ބާރެއް ނުވެއެވެ. (النابلسي، محمد راتب. تفسير النابلسي "تدبر آيات الله في النفس والكون والحياة"، مؤسسة الفرسان، عمان، الأردن، ط1، 2017م- 1438ه.) 

)إِنَّ الَّذِينَ تَعْبُدُونَ مِنْ دُونِ اللَّهِ لَا يَمْلِكُونَ لَكُمْ رِزْقًا( މާނައީ: "ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް ތިޔަބައިމީހުންނަށް رزق ދިނުމެއް މިލްކުވެގެނެއްނުވެތެވެ." އެހެން އާޔަތެއްގައި އިބްރާހީމް އަލައިހިއްސަލާމް އެބައިމީހުންނަށް ބަޔާންކޮށްދެއްވީ، އެމީހުން އަޅުކަންކުރަނީ ގެއްލުމެއް ނުވަތަ ނަފާއެއް ނުދެވޭ އިލާހުންތަކަކަށް ކަމެވެ. އަދި މިތަނުގައި، އިންސާނާގެ ދިރިއުޅުން ދެމެހެއްޓުމަށް ބޭނުންވާ 'ރިޒުޤު' ގެ މުހިންމު މައްސަލަ ހަނދާންކޮށްދެއްވައެވެ. ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ މާތަކަށް ތިޔަބައިމީހުންނަށް ރިޒުޤު ދިނުމުގެ ބާރެއް ނުވެއެވެ. ވާރޭ ނުވެހި، ބިންގަނޑު ހަނަފަސްވެއްޖެނަމަ، ތިޔަބައިމީހުން ބަނޑަށްޖެހި މަރުވާނެއެވެ. ވީމާ، ތިޔަބައިމީހުން ވިސްނާންޖެހެއެވެ. ތިޔަބައިމީހުންގެ ދިރިއުޅުމުގެ ވަސީލަތްތައް އަންނަނީ ކޮންތާކުންހެއްޔެވެ؟ އެކަމުގެ ފަޟުލުވަންތަކަން ލިބިގެންވަނީ ކާކަށްހެއްޔެވެ؟ އަދި އަޅުކަމާއި ކިޔަމަންތެރިކަމާއެކު ކުރިމަތިލާންވީ އެކަލާނގެއަށެވެ.  (الشعراوي، محمد متولي. تفسير الشعراوي، دار أخبار اليوم، القاهرة، 2013م)

)فَابْتَغُوا عِنْدَ اللَّهِ الرَّ الرِّزْقَ( މާނައީ: "ފަހެ، ތިޔަބައިމީހުން اللَّه ގެ حضرةން رزق އަށް އެދޭށެވެ!  ރިޒުޤަކީ ނަފުސުތައް އެކަމާ މަޝްޣޫލުވާ ކަމެކެވެ. ޚާއްޞަކޮށް އީމާންކަން ފުރިހަމައަށް ވަދެފައިނުވާ ނަފުސުތަކެވެ. ނަމަވެސް، ހަމައެކަނި ﷲ ގެ ޙަޟުރަތުން ރިޒުޤަށް އެދުމަކީ ޙަޤީޤަތެކެވެ. އެއީ ނަފުސުގައިވާ އެދުންތައް ހޭލެއްވުމެއް އެކަންޏެއް ނޫނެވެ. (سيد قطب. في ظلال القرآن، دار الشروق للطباعة، القاهرة، ط 32، 2003 م.) އިބްރާހީމް އަލައިހިއްސަލާމް އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ބަޔާންކޮށްދެއްވީ، އެމީހުންގެ ބުދުތަކުގެ ކިބައިން ނޫންގޮތަށް، ﷲ ގެ ޙަޟުރަތުން ރިޒުޤަށް އެދުމަށެވެ. އޭރުން އެމީހުންނަށް ޙަޤީޤަތަށް ވާސިލުވެވޭނެއެވެ. އަދި ދުންޔަވީ އަދި އާޚިރަތުގެ މަންފާ ހުރި ގޮތް އެކަލޭގެފާނު ދެއްކެވިއެވެ. ރިޒުޤުވަނީ ﷲ ތަޢާލާގެ އަތްޕުޅުގައެވެ. އެކަލާނގެއީ އެއަށް މިލްކުވެވޮޑިގެންވާ، އެ މިންވަރުކުރައްވާ، އަދި ސަބަބުތައް ފަހިކޮށްދެއްވާ ރަސްކަލާނގެއެވެ. ޚަލްޤުތަކުންނަށް ﷲ ގެ ކުޅަދުންވަންތަކަމާ ނުލައި އެއިން އެއްވެސް ކަމެއްގެ ބާރެއް ލިބިގެނެއްވެއެވެ. އިރާދަކުރެއްވި ގޮތަކަށް ރިޒުޤު ތަނަވަސްކޮށްދެއްވައި ބެއްސެވުމުގެ ބާރު ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އެހެން އެއްވެސް މަޚްލޫޤަކަށް އެ ބާރެއް ނުވެއެވެ. އެހެންކަމުން ރިޒުޤަށް އެދެންވާނީ ހަމައެކަނި ﷲ ގެ ޙަޟުރަތުންނެވެ. ސަބަބަކީ އެކަމަށް ކުޅަދުންވަންތަ އެކަލާނގެ ކަމުގައިވާތީއެވެ. އަދި އަޅުކަމާއި ޝުކުރު ޙައްޤުވަނީ އެކަލާނގެއަށެވެ. އަދި އެނބުރި ދިއުންވަނީ އެކަލާނގެ ޙަޟުރަތަށެވެ.

ކޮންމެ މަޚްލޫޤެއްގެ ރިޒުޤު ވަނީ މިންވަރުކުރެވި، ﷲ ގެ ޙަޟުރަތުގައި ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ޚަލްޤުތަކުންނަށް ރިޒުޤު ލިބޭނެ ސަބަބުތައް ފަހިކޮށްދެއްވައެވެ. އެ ސަބަބުތަކުގައި ހިފުމާއި ހޯދުމަކީ އެކަލާނގެއަށް ކުރެވޭ އަޅުކަމެކެވެ. އަދި އެކަލާނގެ އިރާދަކުރައްވައިފިނަމަ، ވަކި މުޙިއްމު ޙިކުމަތަކަށްޓަކައި ބައެއް މަޚްލޫޤުންގެ ޙައްޤުގައި މި ސަބަބުތައް އުވާލެވިދާނެއެވެ. ނަމަވެސް އެއީ ޢާންމު ޤާއިދާއެއް ނޫނެވެ. އެއީ އިސްތިސްނާއެކެވެ. ޢާންމު ޤާއިދާއަކީ ސަބަބުތަކުގައި ހިފުމެވެ.

ﷲ ތަޢާލާ ރިޒުޤު ހިފަހައްޓަވައިފި ނަމަ، މީސްތަކުންނަށް ރިޒުޤު ގެނެސްދެވޭނެ އެއްވެސް ފަރާތެއް ނުވެއެވެ. މިއީ ކޮންމެ މުސްލިމަކުވެސް ދަންނަންޖެހޭ ޙަޤީޤަތެކެވެ. ސަބަބަކީ މިކަމާ ދެކޮޅުހެދުމަކީ ނުވަތަ އެއަށް ފުރަގަސްދިނުމަކީ ޖާހިލުކަމާއި ޙަޤީޤަތުން އެއްކިބާވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: )أَمَّنْ هَذَا الَّذِي يَرْزُقُكُمْ إِنْ أَمْسَكَ رِزْقَهُ بَلْ لَجُّوا فِي عُتُوٍّ وَنُفُورٍ( (سورة الملك: 21)  މާނައީ: "ނުވަތަ އެކަލާނގެ رزق ދެއްވުން ހުއްޓަވައިފިނަމަ، ތިޔަބައިމީހުންނަށް رزق ދޭނޭ މީހަކީ އެއީކާކުހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންވަނީ كبر ވެރިކަމާއި حق ން އެއްކިބާވުމެއްގައެވެ."

ރިޒުޤުގެ މައްސަލައަކީ އިންސާނާގެ ދިރިއުޅުމުގައި ނުހަނު ނުރައްކާތެރި އަދި ބާރުގަދަ މައްސަލައެކެވެ. މާޒީގެ އަދި ހާޒިރުގެ ޙާދިސާތަކުން އެނގޭގޮތުގައި، ބަނޑުފުރާނަމުއްތިކުރުމުގެ މައްސަލައިގައި އިންސާނާ އެހެން އިންސާނުންގެ އަޅަކަށް ވެގެންދެއެވެ. އެހެންކަމުން، ކީރިތި ޤުރްއާން ވަނީ މި މައްސަލައިގައި ސާފު ބަޔާނެއް ދެއްވައި، އިންސާނާ އެހެން އިންސާނުންގެ އަޅުވެތިކަމުން މިނިވަންކޮށްދީފައެވެ. އިންސާނާއަކީ އެކަލާނގެ ހެއްދެވި، އަދި ރިޒުޤުދެއްވާ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތެއްގެ އަޅެއް ނޫނެވެ. ޤުރުއާން ބަޔާންކުރި ގޮތުގައި އަޅުކަންކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ﷲ އަށެވެ. ސަބަބަކީ އެކަލާނގެއީ ޚަލްޤުތަކުން ހައްދަވައި ރިޒުޤުގެ މިލްކުވެރިޔާއެވެ. އެހެންކަމުން ރިޒުޤަށް އެދެންވާނީ އެކަލާނގެ ޙަޟުރަތުންނެވެ. އަދި ޙައްޤުގޮތުގައި އަޅުކަމާއި ޝުކުރު އަދާކުރަންޖެހެނީ އެކަލާނގެއަށެވެ. ފެށުމާއި ނިމުންވަނީ އެކަލާނގެ ޙަޟުރަތަށެވެ. (البيرة، سليمان الصادق. الرزق في القرآن الكريم، مكتبة الملك فهد الوطنية، المملكة العربية السعودية، ط1، ١٤٢٦ هـ، ٢٠٠٥م.).

އަދި ކީރިތި ޤުރުއާނުގައި ރިޒުޤާއި އަޅުކަން ވަނީ ގުޅުވާލައްވާފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: )فَابْتَغُوا عِنْدَ اللَّهِ الرِّزْقَ وَاعْبُدُوهُ وَاشْكُرُوا لَهُ إِلَيْهِ تُرْجَعُونَ( މާނައީ: " ފަހެ، ތިޔަބައިމީހުން اللَّه ގެ حضرة ން رزق އަށް އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން شكر ކުރާށެވެ! ތިޔަބައިމީހުން رجوع ކުރައްވާހުށީ ހަމައެކަލާނގެ حضرة އަށެވެ." މިއީ ރިޒުޤުގެ ނުރައްކާތެރިކަމާއި، އިންސާނާގެ ދިރިއުޅުމަށް އޭގެ އަސަރު ހުރިމިންވަރު އަންގައިދޭ ދަލީލެކެވެ. އަދި ޖިންނީންނާއި އިންސީންގެ ރިޒުޤުގެ މިލްކުވެރިޔާއަކީ އަޅުކަންކުރުން ޙައްޤުވެގެންވާ ފަރާތްކަން ބަޔާންކޮށްދެއެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރާ މީހުންނާ ބެހޭގޮތުން، އެ ތަކެއްޗަށް ރިޒުޤު ދިނުމުގެ އެއްވެސް ބާރެއް ނުވާކަން ޤުރްއާނުގައި ނައްޞުން ބަޔާންކުރައްވައިފައިވެއެވެ. )وَيَعْبُدُونَ مِنْ دُونِ اللَّهِ مَا لَا يَمْلِكُ لَهُمْ رِزْقًا مِنَ السَّمَاوَاتِ وَالْأَرْضِ شَيْئًا وَلَا يَسْتَطِيعُونَ( (سورة النحل: 73) މާނައީ: "اللَّه ފިޔަވައި، އެހެންފަރާތަކަށް، އެއުރެން އަޅުކަންކުރެތެވެ. (އެއީ) އުޑުތަކާއި، ބިމުން، އެއްވެސް އެއްޗަކުން އެއުރެންނަށް رزق ދިނުން މިލްކުވެގެން ނުވާ ތަކެއްޗެވެ. އަދި އެ ތަކެއްޗަށް، އެކަމަކަށް ކުޅަދާނަވެގެނެއް ނުމެވޭމެއެވެ." (البيرة، سليمان الصادق. الرزق في القرآن الكريم، مكتبة الملك فهد الوطنية، المملكة العربية السعودية، ط1، ١٤٢٦ هـ، ٢٠٠٥م.).

(ލިޔުނީ: ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ،   ތަރުޖަމާ: ޑރ. މޫސާ އަންވަރު ޙަސަން)

ކޮމެންޓު