އޒ. އިބްރާހީމް ރަޝީދު މޫސާ
20 ނޮވެންބަރު 2026
(2026 ނޮވެންބަރު 16އަދަދާ ގުޅޭ)
ލޮބުވެތި ރަސޫލާ ﷺގެ ބަސްފުޅުން މި އެނގޭ ޙަޤީޤަތަކީ އީމާންކަމަކީ ހަމައެކަނި ހިތުގައި އޮންނަ ޔަޤީންކަމެއް ނޫންކަމެވެ. ޝުޢޫރެއް ނޫންކަމެވެ. ހިތުގައި ޤަރާރުވެފައިވާ އީމާންކަން ﷲ ރުހިވޮޑިގަންނަވާ ޢަމަލުތައް ކުރުމަށް ހަށިގަނޑަށް ގޮވައިލާނެއެވެ. އޭނާ އެ ކަމަށް ޙަރަކާތްތެރިކުރުވާނެއެވެ. އޭނާ މީސްތަކުންނަށް ފައިދާހުރި މީހަކަށް ވާނެއެވެ. އޭނާގެ ފުށުން އަނެކުންނަށް ގޯނާއެއް ނުލިބޭނެތެވެ. އޭނާ ބިން އާރާސްތުކުރާނެއެވެ. ވެށި ފަސާދައެއް ނުކުރާނެއެވެ.
ރަސޫލާ ﷺ އަބޫޛައްރަށް ނަޖާވުމަށް ޓަކައި އެރިދާނެ އެތައް އޮޑިތަކެއް ދެއްކެވިއެވެ. ނަރަކައިގެ ޢަޒާބުން މިންޖުވެ ސުވަރުގޭގެ އައްސޭރިއަށް ލެފުމަށް ޓަކައި މިއިން ކޮންމެ އޮޑިއަކަށް ވެސް އެރިދާނެއެވެ. ހުރިހައި އޮޑިތަކަކަށް ފައި ލެވިދާނެއެވެ.
ނަބިއްޔާ ﷺ މި ވަނީ ޞާލިހު އެތައް ޢަމަލުތަކަކަށް އިރުޝާދުދެއްވައިފައެވެ. އީމާންކަމުގެ ޙިއްސާ ގިނަވި ވަރަކަށް މި ހެޔޮ ޢަމަލުތަކުގެ ޙިއްސާ އިތުރުވާނެއެވެ.
ދެވަނަ އޮޑި: ﷲގެ މަގުގައި ހޭދަކުރުން
މުސްލިމުން މުދަލާމެދު ބަލަންވާނީ އެއީ ﷲގެ އެއްޗެއް ކަމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِىٓ ءَاتَىٰكُمْ ۚ[1] - އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ اللَّه ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށްދޭށެވެ!)) ﷲގެ މަގުގައި ހޭދަކުރުމުގެ ސަބަބުން ނަރަކައިން ނަޖާވެވޭ ފަދައިން ސަލާންޖެހުމާ ދުރުހެލިވެ ނަފުސުގެ ޢިއްޒަތްތެރިކަން ދެމެހެއްޓުމަކީ ވެސް ނަރަކައިން މިންޖުވެވޭނެ ވަސީލަތެކެވެ. މަޖުބޫރީ ޙާލަތުގައި މެނުވީ ސަލާންޖަހައިގެން ނުވާނެއެވެ. އެންމެ ރަނގަޅު ޞަދަޤާތަކީ ތިމާއަށް ފުދުންތެރިކަން ލިބިފައިވާ ޙާލުގައި ޞަދަޤާތްކުރުމެވެ.ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. (( أفضلُ الصدقةِ ما كان عن ظهرِ غِنًى[2] – އެންމެ ރަނގަޅު ޞަދަޤާތަކީ ތިމާގެ އަމިއްލަ ނަފުސަށް ފުދި އިތުރުވެފައިވާ އެއްޗަކުން ކުރާ ޞަދަޤާތެވެ. )) އިޤްތިޞާދީ ދަތި ވަގުތުތަކުގައި ގިނަ ބަޔަކު އަތުގައި ތަނަވަސްކަމެއް ނޯންނާނެތެވެ. ދުނިޔޭގެ މާއްދީ ޙާލަތަށް ބަލާއިރު އެތާނގައި މުއްސަނދީންނާއި ތަނަވަސްކަން ނެތް މީހުން އުޅޭނެއެވެ. ހޭދަކުރާ މީހުންގެ އޮޑިއަށް ނޭރުނު މީހުންނަށް އަތްމަތި ދަތިމީހުންގެ އޮޑިއަށް އެރިދާނެއެވެ. ސަލާންޖެހުމާ ދުރުހެލިވެގެންނެވެ.
ތިންވަނަ އޮޑި: ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން
މުޖްތަމަޢުގައި އަމާންކަން އޮންނާނީ މުޖްތަމަޢުގެ އެންމެތަކުން އެކަކު އަނެކަކަށް ހެޔޮ ނަސޭހަތްދޭ ބަޔަކަށް ވެގެންނެވެ. މި ނަސޭހަތް ޤަބޫލުކޮށް ކުށް އިސްލާޙުކުކޮށްގެންނެވެ. ޙައްޤު ބާޠިލަށް ހަދައި ، ބާޠިލު ޙައްޤަށް ހަދާ މުޖްތަމަޢު ހެޔޮ ރަނގަޅު މުޖްތަމަޢަކަށް ނުވާނެއެވެ. އިސްލާމީ މުޖްތަމަޢުގެ އެންމެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން ވެއެވެ.
ހަތަރުވަނަ އޮޑި: އަމިއްލަ ނަފުސަށް އެހީތެރިވުމަށް ނުކުޅިދިފައިވާ މީހުންނަށް އެހީތެރިވުން
މާތް ﷲ އެއްބައި މީހުންނަށް ވިސްނުން ތޫނުކަން ދެއްވިއެވެ. އަނެއް ބަޔަކު ޙިކްމަތްތެރި ކުރެއްވިއެވެ. ޢިލްމާއި ވިސްނުމާއި ޙިކްމަތް ދެއްވި މީހުން މި އަދާތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ކޮށްގެން އެހެން މީހުންނަށް އެހީވާން ޖެހޭނެއެވެ. އެހެން މީހުންނަށް މި ކަމުގައި އެހީވުމަށް ނުކުޅެދޭ މީހުންނަށް ކައު ރަސޫލާ ވަނީ އެހެން އޮޑިއެއް ދައްކަވައިފައެވެ.
ފަސްވަނަ އޮޑި: މަޒުލޫމުންނަށް ނަޞްރުދިނުން
އަނިޔާވެރިކަމަކީ ޤިޔާމަތްދުވަހުގައި އަނދިރިތަކެކެވެ. ދުނިޔެ މަތީގައި މަޒްލޫމު މީހާއަށް ފިއްތުމުގެ އަނދިރިކަމާއި ނުކުޅެދުންތެރިކަމުގެ އަނދިރިކަން އިޙްސާސް ކުރެވޭނެއެވެ. މަޒްލޫމު މީހާ މި އަނދިރިތަކުން ސަލާމަތްކުރުމަށް ޓަކައި އަތްދިއްކޮށްލި މީހާއަށް އެ ވަނީ މި އޮޑިއަށް އެރުމަށް ޓިކެޓެއް ލިބިފައެވެ.
ހަވަނަ އޮޑި: އުނދަގޫކުރުމާ ދުރުހެލިވުން
އިސްވެ ބަޔާންކުރެވުނު ކަންތައްތަކުން ކަމެއް ކުރުމުގެ މަގު ބަންދުވެފައިވާ މީހާއަށް ވެސް ކައު ރަސޫލާ ﷺ މި ވަނީ ސުވަރުގެ ވަދެވޭނެ ދޮރެއް ހުޅުއްވައިދެއްވައިފައެވެ. އެއީ އެހެން މީހުންނަށް ގޯނާކުރުމާ ދުރުހެލިވުމެވެ. އެހެން މީހުންނަށް ދުއްތުރާނުކުރުމެވެ. އެއީ ޙަސަދަވެރިކަމުން ވިޔަސް ދުލުން ވިޔަސް އަތުން ވިޔަސް ހިތުން ވިޔަސް އަނެކުންނަށް ގޯނާނުކުރުމެވެ. މީސްމީޑިއާގެ ޒަމާނުގައި މި ކަމަށް ވަރަށް ސަމާލުވާންޖެހޭނެއެވެ. މީހުންގެ ވާހަކަތައް ފަތުރައި އެ މީހުންގެ އަބުރު ކަތިލުމަކީ ގޯނާކުރުމެކެވެ.
ކީރިތި ރަސޫލާގެ ޙަދީސްފުޅު
ކީރިތި ރަސޫލާގެ މި ބަސްފުޅަށް ދަމާތޯއެވެ! މާތް ﷲ ރުއްސުންލެއްވި އަބޫ ޛައްރިލްޣިފާރީގެ އަރިހުން ރިވާކުރެއްވިގެން ވެއެވެ. ((سألتُ رسولَ اللهِ صلَّى اللهُ عليهِ وسلَّمَ، ماذا يُنجي العبدَ من النارِ؟ قال: الإيمانُ باللهِ قال: قلتُ: يا نبيَّ اللهِ، إنَّ مع الإيمانِ عملًا؟ قال: ترضخ مما رزقَك اللهُ - أو يرضخُ مما رزقهُ اللهُ - قال: قلتُ: يا نبيَّ اللهِ، أرأيتَ إنْ كان فقيرًا لا يجدُ ما يرضخُ ؟ قال: يأمرُ بالمعروفِ وينهى عن المنكرِ قال: قلتُ: يا رسولَ اللهِ، أرأيتَ إن كان عييًّا، لا يستطيعُ أن يأمرَ بالمعروفِ، ولا ينهى عن المنكرِ؟ قال: فليصنعْ لِأخرقَ قال: قلتُ: يا نبيَّ اللهِ، أرأيتَ إن كان أخرقَ لا يحسنُ يصنعُ ؟ قال: يعينُ مغلوبًا قال: قلتُ: يا رسولَ اللهِ، أرأيتَ إن كان ضعيفًا لا يستطيعُ أن يعينَ مغلوبًا؟ قال: ما تريدُ أن تدعَ لصاحبِك من خيرٍ، قال: فليمسكْ أذاه عن الناسِ قال: قلتُ: يا رسولَ اللهِ، أرأيتَ إن فعلَ هذا أيدخلُ الجنَّةَ ؟ قال: ما من مؤمنٍ يصنعُ خصلةً من هذه الخصالِ إلا أخذتْ بيدِه، حتى تدخلَه الجنَّةَ[3] - ރަސޫލުﷲ rއާ ސުވާލުކޮށް ދެންނެވީމެވެ. އަޅާ ނަރަކައިން ނަޖާކޮށްދޭނީ ކޮން ކަމެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ﷲއަށް އީމާންވުމެވެ. އަބޫޛައްރު ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. އޭ ﷲގެ ނަބިއްޔާއެވެ! އީމަންކަމާ އެކު ކުރާންޖެހޭ ކަމެއްވޭތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިބާއަށް މާތް ﷲ ދެއްވި ރިޒުޤުން ކުޑަ މިންވަރެއް ވިޔަސް ހޭދަކުރާށެވެ! ނުވަތަ ﷲ އޭނާއަށް ދެއްވި ރިޒުޤުން ކުޑަ އެތިކޮޅެއް ވިޔަސް ހޭދަކުރާށެވެ! ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. ﷲގެ ނަބިއްޔާއެވެ! އޭނާ އަތުގައި ހޭދަކުރާނެ ކުޑަ މިންވަރެއް ވެސް ނެތް ފަޤީރަކުކަމުގައިވާ ނަމަ ހަދާނީ ކިހހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. އޭނާ ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާނީއެވެ. ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. ހެޔޮ ކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރުމުގެ ޤާބިލުކަން ލިބިފައިނުވާ ނަމަ، ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. މަސައްކަތެއް ކުރާން ނޭނގޭ މީހަކަށް ކުރާނެ މަސައްކަތެއް ދަސްކޮށްދޭށޭވެ! އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. ﷲގެ ނަބިއްޔާއެވެ! އެއީ މަސައްކަތެއްކުރާން ނުދަންނަ، މަސައްކަތެއްކުރާން ނޭނގޭ މީހެއްކަމުގައިވާ ނަމަ، ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ބަލިކޮށް ނިކަމެތިކޮށްލައިފައިވާ މީހާއަށް ވާގިވެރިވާށެވެ! ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. ނިކަމެތިކޮށްލައިފައިވާ މީހާއަށް އެހީވުމުގެ ކުޅަދާނަކަން ލިބިގެންނުވާ ނަމަ ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިބާ ތިބާގެ އެކުވެރިޔާ ހެޔޮ ކަމެއްކުރުމަށް ޓަކައި ދޫކޮށްލާން ބޭނުންނުވަނީހެއްޔެވެ؟ ޙަދީސްކުރެއްވިއެވެ. ފަހެ އޭނާ މީސްތަކުންނަށް ގޯނާކުރުން ހުއްޓުވާށެވެ! ވިދާޅުވިއެވެ. އަހުރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! މިއިން ކަމެއް ކުރި މީހާ ސުވަރުގެ ވަންނާނެތޯއެވެ؟ ޙަދީސްކުރެއްވިއެވެ. މި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރި މުސްލިމު މީހާ ސުވަރުގެ ވަދެއްޖައުމަށް ދާންދެން، ތިމަންކަލޭގެފާނު އޭނާގެ އަތުގައި ހިއްޕަވައިގެން ހުންނަވާނަމެވެ.))
މި ބަސްފުޅުތަކާ މެދު ރަނގަޅަށް ވިސްނަވާށެވެ! މި ހުރިހައި ކަންކަމަކީ ވެސް އިޖުތިމާޢީ އަޅުކަންތަކެކެވެ. މުސްލިމު އަޅާ އޭނާގެ ވަށައިގެން އުޅޭ މީހުންނަށް ޓަކައި ކޮށްދޭން ޖެހޭ ކަންތައްތަކެކެވެ. އިސްލާމްދީނަކީ އީސާރުގެ ދީނެވެ. އެއީ އަނާގާ ދެކޮޅު ދީނެކެވެ. އަމިއްލަ އެދުމާ ދުރުހެލިވުމަށް ގޮވައިލާ ދީނެކެވެ. އެހެން މީހުންނަށް ފައިދާ ހުރި މީހަކަށް ތިމާ ވުމަށް ގޮވައިލާ ދީނެކެވެ. އެކަހެރިވެގެން ނޫޅުމަށް ބާރުއަޅާ ދީނެކެވެ. މި ބަސްފުޅުތަކުގައި ނަބިއްޔާ ﷺ މި ވަނީ އީޖާބިއްޔަތުގެ ދޮރުތައް ހުޅުއްވައިދެއްވައިފައެވެ. އެއް ދޮރުން ނުވަދެވުނު މީހާއަށް އެހެން ދޮރެކެވެ. މީސްތަކުންނަށް އެހީވެ ﷲގެ ރުއްސެވުން ހޯދުމަށް ޓަކައެވެ.
(ނިމުނީ)
ބައެއް ލަފުޒުގެ މާނަ:
އަނާގު ނ. ތިމާގެ އަމިއްލަ ނަފުސަށް ތިމާ ދޭ އަހަންމިއްޔަތު. ego
އީސާރު ނ. ތިމާގެ ނަފުސަށްވުރެ އަނެކާއަށް އިސްކަން ދިނުމުގެ ސިފަ. selflessness
ފަސާދަ ނ. ފިތުނަ. ބަޣާވާތް. ގަޑުބަޑު. ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ. corruption
ޤަރާރު ނ. ކަމެއް ވަކި ގޮތަކަށް ހަމަޖައްސާ ހަމަޖެއްސުން ނުވަތަ ކަނޑައެޅުން.
ޝުޢޫރު ނ. ހިތުގައި އުފެދިފައިވާ ޚިޔާލުތައް، ނުވަތަ އިޙުސާސް. ingightperception,
މަރުޖާ: