ad_banner
މަލާއިކަތުންގެ އަތްޕުޅުގައި ގަލަންކޮޅެއް އޮންނާނެ

އޒ. އިބްރާހީމް ރަޝީދު މޫސާ

23 ނޮވެންބަރު 2026

ﷲ ސުބްހާނަހޫ ވަ ތަޢާލާ އަޅުންގެ ހުރިހައި ޢަމަލުތަކަކަށް ބައްލަވައިވޮޑިގަންނަވާނެކަން ދަންނަ މީހާގެ ޟަމީރު ނުނިދައި ހުންނަ ފާރަވެރިއަކަށް ވާނެއެވެ. އޭނާގެ އަމާނާތްތެރިކަން ޢުޤޫބާތަށް ބިރުގަތުމުގެ ބަދަލުގައި މަސްއޫލިއްޔަތުގެ ޝަރަފުވެރިކަމަކަށް ބަދަލުވެގެންދާނެއެވެ.

ސުޢޫދީ މުފައްކިރެއްކަމުގައިވާ ޑރ. ޣާޒިލް ޤުޞައިބީ ވިދާޅުވިއެވެ. [މަޝްހޫރު ބަހެއްކަމުގައި ވާ 'ފާރުތަކަށް ކަންފަތްތަކެއް ވެއެވެ.' މި ބަސް އަހުރެމެން: 'މަލާއިކަތްބޭކަލުންނަށް ގަލަންކޮޅުތަކެއް ވެއެވެ.'އަށް ބަދަލުކޮށްލައިފި ނަމަ ﷲ ޢައްޒަ ވަ ޖައްލަގެ ބައްލަވައިވޮޑިގަތުމަށް ބަލާ ޖީލެއް ނެރެވޭނެއެވެ. މީސްތަކުން ފާރަލައިފާނެތީ މި ޖީލު ބިރެއް ނުގަންނާނެތެވެ.]

ލަފުޒުކޮޅު މަދު ޢިބާރާތެކެވެ. އެހެނަސް އޭގެ މާނަ ވަރަށް ފުނެވެ. މި ބަސްފުޅުގައި ތަރުބަވީ މުހިންމު ފަލްސަފާއެއްގެ ޚުލާޞާ ވެއެވެ. ސަރުކާރުގެ ކަޅިއެޅުމާއި ފާރަލުމުގެ ބިރުގެ މަތީގައި ދެމި އޮންނަ މުޖްތަމަޢަކާއި، ޟަމީރުގެ ހޭލުންތެރިކަމުގެ ފާރަވެރިކަމުގެ ދަށުގައި އޮންނަ މުޖުތަމަޢުގެ ތަފާތު އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނާނެއެވެ.

މީގެ ބައިސައްތައެއްހައި އަހަރު ކުރީން އިވޭން ފެށި އަޑަކީ [ފާރުތަކަށް ކަންފަތްތަކެއް ލިބިގެން ވެއެވެ.] މި ޢިބާރާތުން އެނގެނީ މީހުން ގޭތެރޭގައި ދައްކާ ވާހަކަތައް ވަގަށް އަހާ ބަޔަކު ވެއެވެ. މި ވާހަކަތައް ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ރިޕޯޓުކުރާ ބަޔަކު ވެއެވެ. މި ރިޕޯޓުތަކާ އެއް ގޮތަށް މީހުންނަށް ފާރަލައެވެ. އެ މީހުން ހިފައި ހައްޔަރުކޮށް އަދަބުދެއެވެ. ފަހަރެއްގައި މި ޢިބާރާތުގައި އެހެން ރަނގަޅު މާނައެއް ވެސް އޮވެދާނެއެވެ. އެއީ ގޭތެރޭގެ ސިއްރުތައް ދެމެހެއްޓުމަށް ދެވޭ ސަމާލުކަމެކެވެ. އެހެނަސް މުޞީބާތަކީ ޒަމާނާ އެކު މި ބަސް ތަރުބަވީ މަންހަޖަކަށް ބަދަލުވުމެވެ. ދަރިވަރުންގެ ހިތްތަކުގައި އިންސާނާ ދެކެ ބިރުގަތުމުގެ ގަސް އިންދޭތީއެވެ. މި ކަމުގެ ސަބަބުން އިންސާނާ އޭނާގެ ކުށްތައް ރަނގަޅުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި މި ކުށްތައް ވަންހަނާކުރާން މަސައްކަތްކުރާތީއެވެ. އެތެރެފުށް ރީތިކުރުމުގެ ބަދަލުގައި ބޭރުފުށް ރީތިކުރާން މަސައްކަތްކުރާތީއެވެ. ފާޚާނާއަށް ގޮސް ރަނގަޅަށް ތާހިރުނުވެ އޮޑިކްލޯން ކޮޅަކުން މީރުވަސް ދުއްވައިލެވޭތީއެވެ.

މިއާޚިލާފަށް [މަލާއިކަތުންނަށް ގަލަންކޮޅުތަކެއް ވެއެވެ.] ބުނާ ޢިބާރަތަށް ބަލައިފި ނަމަ އިންސާނާ ގެންގޮސްދޭނީ  އީމާންކަމުގެ މިޙުރާބު ތެރެއަށެވެ. މީސްތަކުންގެ ވަގު ލޯތަކުގެ  ދާއިރާއިން ބޭރަށް ނެރެ އޭނާ ގެންދާނީ ﷲ އިންސާނާގެ ޢަމަލުތައް ބައްލައިވައިވޮޑިގަންނަވާނެކަމުގެ ފަށަލަތެރެއަށެވެ. މި ކަމުގައި އޭނާގެ ޟަމީރު ތެދުވެރިވާނެއެވެ. އޭނާ އުޅޭނީ ﷲ ތަޢާލާގެ މި ބަސްފުޅުތަކާ އެކުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿مَا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ - [1] (ކުރާ عملތައް) ބަލަހައްޓަވާން އޭނާގެ ކައިރީގައި حاضرވެ ملائكةއަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.﴾ އެހެން ބަސްފުޅެއްގައި ވެއެވެ. ﴿وَإِنَّ عَلَيْكُمْ لَحَافِظِينَ كِرَامًا كَاتِبِينَ[2] - އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ ملائكة ންވެއެވެ. (އެއީ) މާތްވެގެންވާ، ލިޔުއްވާ ملائكة ންނެވެ.﴾

މި ބަސްފުޅުގެ ޢަބްޤަރިއްޔަތަށް ނިކަން ބަލައިބަލާށެވެ! މީސްތަކުންގެ ލޯތައް ދެކެ ބިރުގަންނަ މީހާ ތެދުވެރިވާނީ އެ މީހުންގެ ކުރިމަތީގައެވެ. އެމީހުން ވަންހަނާވުމާ އެކު އެ އިން ފަހަނަޅައިދާނެއެވެ. އެހެނަސް ﷲ ޖައްލަ ޖަލާލުހޫ ދެކެ ބިރުގަންނަ މީހާ، އެކަލާނގެ އޭނާގެ ޢަމަލުތަކަށް ބައްލަވައިވޮޑިގަންނަވާނެކަން ދަންނަ މީހާ، ކޮންމެ ތަނެއްގައި ހުއްޓަސް ކޮންމެ ވަގުތެއްގައި ވިޔަސް  އަޚުލާޤީ ތިލަފަތުގައި ހިފަހައްޓާނެއެވެ. އޭނާގެ ގޭތެރޭގައްޔާއި ޢަމަލުތަކުގައެވެ. އޭނާގެ މުޢާމަލާތުތަކާއި ގުޅުންތަކުގައެވެ.

މިއަދު އަޅުގަނޑުމެން މި ވަނީ މި މާނައަށް ބޭނުންވެފައެވެ. ކެމެރާއާއި މޯބައިލްފޯނާއި މީސްމީޑިއާގެ މަންސަތަކުގެ ދާއިރާތައް ފުޅައުވެފައިވާ މި ޒަމާނުގައި ވެސް އަމާނަތްތެރިކަމާއި ތެދުވެރިކަމުގެ ދާއިރާއަށް ބޭނުންވާލެއް ކުޑައެއްނޫނެވެ. މީހުންގެ އުޅުމަށާއި ސުލޫކަށް ފާރަލެވުނަސް މި ފަދަ އަދާތުތަކުން ތެދުވެރި ޟަމީރެއް ނޫފެއްދޭނެއެވެ.

އޮފީހުގެ ވެރިޔާ ބައްލަވާން ނެތަސް ކިތައްކިތައް މުވައްޒަފުން އެ މީހުންގެ މަސައްކަތްތައް ތެދުވެރިކަމާއެކު ކުރޭތޯއެވެ؟ ކިތައްކިތައް ވިޔަފާރިވެރީން މަކަރާއި ޙީލަތް ހެދޭން އޮންނަ އިރުގައި ވެސް މަކަރާއި ޙީލަތް ނަހަދައި، ވިޔަފާރީގެ މުޢާމަލާތުތައް ކުރޭތޯއެވެ؟ ދަރިވަރުންނަށް އިމްތިޙާނު ކަރުދާހުގައި ހިމެނޭ ސުވާލުތައް ކިޔައިނުދީ އިޚުލާޞްތެރިކަމާއެކު ކިޔަވާދޭ ކިތައްތައް މުދައްރިސުންނަކާއި މުދައްރިސާއިންނެއް އުޅޭތޯއެވެ. ނަޒާހަތްތެރިކަމާ ބެހޭ ގޮތުން ސުވާލުނުކުރެވޭ ކިތައް މީހުން އާންމު މުދަލުގައި ނުޖެހި އުޅޭތޯއެވެ؟ ސަބަބަކީ އެ މީހުންނަށް އެއީ ހަމައެކަނި ވަޒީފާއެއްނޫންކަން ގަބޫލުކުރެވޭތީއެވެ. އެއީ ހަމައެކަނި ވަޒީފާއަށް ޓަކައި ކަށަވެތިވާން ޖެހޭ ކަމެއްކަމަށް ނުދެކޭތީއެވެ. އަޅުކަމެއްކަން އެނގޭތީއެވެ. އެއީ ﷲގެ ޙަޟުރަތުގައި އެ މީހުން މަސްއޫލުވާންޖެހޭ ކަމަކަށް ވާތީއެވެ.

ކީރިތި ނަބިއްޔާ ﷺ ވަނީ މި މާނަ އިޙްސާންތެރިކަމުގެ މަޤާމުގައި ބަޔާންކޮށްދެއްވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((أنْ تَعْبُدَ اللَّهَ كَأنَّكَ تَراهُ، فإنْ لَمْ تَكُنْ تَراهُ فإنَّه يَراكَ [3] -  އިޙްސާންކަމަކީ ތިބާއަށް އެކަލާނގެ ފެންނަ ފަދައިން  ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައި ވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.))

މި މަތިވެރި މާނައިގެ މަތީގައި އަޅުގަނޑުމެންގެ ދަރީން ތަރުބިޔަތުކުރުން ކިހައި މުހިންމުތޯއެވެ؟ ފާރަވެރީން ގިނަކޮށްގެން މުޖްތަމަޢެއް ބިނާއެއްނުކުރެވޭނެއެވެ. އެހެނަސް މުޖުތަމަޢު ބިނާކުރެވޭނީ ޟަމީރުގެ ތެދުވެރިކަމުންނެވެ. ނަފުސުތަކުގެ ނަޒާހަތްތެރިކަމުންނެވެ. ސުލޫކުގެ ތެދުމަގުތަކުންނެވެ.

ޟަމީރު ހޭލައިފި ނަމަ އިންސާނާއަށް ވަގަށް އަޑުއަހާނެ ފާރެއް ބޭނުމެއް ނުވާނެތެވެ. ކަޅިއަޅާނެ ލޮލަކަށް ބޭނުމެއް ނުވާނެތެވެ. ﷲ ދެނެވޮޑިގެންވާކަން އެނގުން ފުދެއެވެ. އޭނާގެ ބަސްތަކާއި ޢަމަލުތައް މަލާއިކަތްބޭކަލުން ލިޔުއްވާނެކަން އެނގުން ފުދެއެވެ.

 

މަރުޖާ

[1]  - ق: 18

[2]  - الانفطار : 10 - 11

[3]  - أخرجه البخاري (٥٠) ومسلم (٩) 

ކޮމެންޓު