ad_banner
ސަލާމް، ޝަލޯމް، ޝްލާމާ!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

17 ނޮވެންބަރު 2026

ސަހުޔޫނީން ނަސްލުހޭދުގެ އަނިޔާވެރި ޖަރީމާ ހިންގާ ބިމަށް، މިއަދު ވެސް އަޅުގަނޑުމެން މުސްލިމުން މުޚާޠަބުކުރަނީ "بيت المقدّس"ގެ ނަމުންނެވެ. އަދި، އެއީ އެއް ޒަމާނެއްގައި އިބްރާހީމް عليه السّلامގެ، ތިން ޤަބީލާ ނުވަތަ ތިން ދަރިކޮޅު ދިރިއުޅުއްވި ބިމެވެ. އެ ތިން ދަރިކޮޅަށް ސަމާވީ ތިން ފޮތް ވެސް ބާވައިލެއްވުނެވެ.

ކޮންމެ ރަސޫލަކު ވެސް، އެ ބޭކަލަކަށް ތަބާވީ މުއުމިނުންނާއި ބައްދަލުކުރައްވައި ސަލާމްކުރެއްވީ މާނަވީ ގޮތުން އެއް ލަފުޒަކުންނެވެ. ހީބުރޫ ބަހުން އެއީ "ޝަލޯމް" (שָׁלוֹם) އެވެ. އެ ބަހަކުން ޢީސާ عليه السّلام ވާހަކަފުޅު ދެއްކެވި އާރާމީ ނުވަތަ އެރަމައިކް ބަހުން، އެއީ "ޝްލާމާ" (ܫܠܡܐ) އެވެ. މި އުންމަތުގެ ރަސޫލާ މުހައްމަދު ﷺ ޒަމާނުގައި، ޢަރަބި ބަހުން އެކަލޭގެފާނު ބޭނުންފުޅުކުރެއްވީ "ސަލާމް" (سلام) މި ލަފުޒެވެ. އެއީ އެއް ލަފުޒެކެވެ. ތަފާތަކީ ބަހާއި، ބަހުރުވައެވެ. އެ ތިން ލަފުޒުގެ މާނައަކީ ހަމަ އެއް މާނައެކެވެ. އަމާންކަމާއި، ސުލްހަވެރިކަމެވެ. އެއީ ޔަހޫދީން، އެކަކު އަނެކަކާ ބައްދަލުވުމުން ބޭނުންކުރާ ޢާންމު އިބާރާތެކެވެ. އާދޭހެވެ! "ޝަލޮމް އަލޭޚިމް" (שָׁלוֹם עֲלֵיכֶם)، މާނައަކީ ތިބާއަށް އަމާންކަން ހުއްޓެވެ. ޢީސާ عليه السّلامގެ ވާހަކައިގައި، އެކަލޭގެފާނު އާރާމީ ބަހުން އެތައް ފަހަރަކު "ޝްލާމާ އަލޭކުން" (ܫܠܡܐ ܥܡܟܘܢ)‎ ބޭނުންފުޅު ކުރައްވައިފައިވެއެވެ. މުސްލިމުން އެކަކު، އަނެކަކާ ބައްދަލުވާ ހިނދު ބޭނުންކުރަނީ "އައްސަލާމް އަލައިކުމް" (السّلام عليكم)އެވެ. އެ ތިން ޖުމްލައިގެ މާނައަކީ ވެސް އެއް މާނައެކެވެ. އާދޭހެވެ! [ތިބާއަށް އަމާންކަން ހުއްޓެވެ!] ހަމަ އެއް ޢިބާރާތެކެވެ. އަދި، އެ ހުރިހައި ޤަބީލާތަކުން ވެސް މާތްރަސްކަލާނގެއަށް ބޭނުންކުރަނީ ހަމަ އެއް މާނައެއް ދޭހަވާ، އެއް ލަފުޒެކެވެ. އެއީ އުޑުގައިވާކަމަށް، އިންސާނުންގެ އަތުން ކުރަހައި، ކުލަޖައްސައިފައިވާ ބޮޑު ތުނބުޅިއެއްލީ ރޫމީ އަމްބަރާޠޫރުގެ ސިފައިގައި ހަދައިފައިވާ ކަލާނގެއެއްނޫނެވެ. ޙަޤީޤީ ކަލާނގެއަކީ علة الوجودއެވެ. އެއީ ހުރިހައި އެއްޗެއް ވުޖޫދުވުމަށް މެދުވެރިވި ފުރަތަމަ ސަބަބެވެ. ނުވަތަ "ފަސްޓް ކޯޒް"އެވެ. އެއީ ހުރިހައި ޙަޤީޤަތްތަކެއް ޝާމިލުވެގެންވާ އެއްކައުވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ޒާތުފުޅު ވަނީ ހުސް ޠާހިރުވެގެންނެވެ. އެކަލާނގެ ޒާތުފުޅުވަނީ އަނާއާއި، ސޫރައާއި، ސިފައާއި، އަދި އިންސާނީ ޚިޔާލާތާއި، ތަޞައްވުރާތުގެ ދާއިރާއިން ބޭރުގައެވެ.

ހީބުރޫ ބަހުން، ކަލާނގެއަށް ބޭނުންކުރާ ލަފުޒަކީ "އެލޯއާ ނުވަތަ އެލޯހިމް" (אֱלוֹהַּ)އެވެ. އާރާމީ ބަހުން އެއީ "އަލާހާ" (ܐܠܗܐ)އެވެ. ޢަރަބި ބަހުން އެއީ اللهއެވެ. ބަހާއި، ބަހުރުވަ ތަފާތުވިޔަސް ލަފުޒަކީ ހަމަ އެއް ލަފުޒެކެވެ. އަދި، މާނައަކީ ހަމަ އެއް މާނައެކެވެ.

އިބުރާހީމް عليه السّلامގެ މި ތިން ދަރިކޮޅު، ނުވަތަ ތިން ޤަބީލާއާއި، އަދި އެ ޤަބީލާތަކުގެ ހުރިހައި ގޮފިތަކަކީ ކޮންމެވެސް ސިފައެއްގައި ބައިބައިވެފައިވާ އަދި އެކުގައި ޞުލްޙަވެރިކަމާ އެކު ނުއުޅެވޭނޭ ގޮފިތަކެއްކަމަށް ތިބާއަށް ހީވަނީހެއްޔެވެ؟ އެއީ ތިބާގެ ރައުޔެއް ނޫނެވެ. އެއީ މެދު ޒަމާނުން ފެށިގެން ކުރިއަށްދާ ޤަދީމީ ކެންޕޭނެއްގެ ނަތީޖާއެވެ. އެ ވަބާ ވަނީ ހުޅަނގުގެ ދުނިޔޭގެ އާންމު ދިރިއުޅުމުގެ ހުރިހައި ހިސާބަކަށް ފެތުރި ފުޅާވެފައެވެ. އެއީ [ޑިވައިޑް އެޓް އިމްޕެރާ] (ޑިވައިޑް އެންޑް ރޫލް)އޭ ކިޔޭ ނުބައި ވަބާއެވެ. އާދޭހެވެ! ބައިބައިކޮށްގެން ފަތަޙަކުރާށެވެ. ބައިބައިކޮށްގެން ވެރިކަންކުރާށެވެ.

ޒަމާނީ ޑިމޮކްރެސީއަކީ ވެސް އެ ވަބާގެ ފަލްސަފާގެ މައްޗަށް ބިނާކޮށްފައިވާ ވެރިކަންކުރުމުގެ ނިޒާމެކެވެ. ސިޔާސީ ޕާޓީތައް އުފައްދައި، ރައްޔިތުން ބައިބައިކޮށްގެން ވެރިކަންކުރާން ހަދައިފައިވާ ނިޒާމެކެވެ. އެ ނިޒާމުގެ ދަށުން ދޮގު ހެދުމަކީ ސިޔާސީ އިސްތިރާޖެވެ. ކޮރަޕްޝަނަކީ އާންމު އާދައިގެ ވިޔަފާރި މުޢާމަލާތެކެވެ. މަކަރާއި، ޙީލަތަކީ ސިޔާސީ މަގާމުތަކަށް ކުފޫހަމަވާ ހަމައެކަނި ޝަރުޠެވެ. ސިޔާސީ މަޤާމުތަކުގެ މަސްއޫލިއްޔަތަކީ ކުރީން ވެރިކަން ކުރި ޤަބީލާގެ މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމާއި، ތުހުމަތުއެޅުވުމެވެ. އެ ނިޒާމުގެ ދަށުން، ތެދަށް ވަފާތެރިވުމަށް ވުރެ، ސިޔާސީ ޕާޓީތަކަށް ވަފާތެރިވުން މާ މުހިންމު ކަމަކަށްވަނީ ހަދައިފައެވެ.

 

ލަފުޒެއްގެ މާނަ:

އިސްތިރާޖު   ނ.     ލަނޑުދަނޑިއެއް ހާސިލުކުރުމަށް ރާވާ ރޭވުން ނުވަތަ ބޭނުންކުރާ ހިކުމަތް. strategy

ކޮމެންޓު