ad_banner
ޤުރްއާނުގައި އިސްތިބުދާދު!

ޑރ. މޫސާ އަންވަރު ޙަސަން

17 ނޮވެންބަރު 2026

މިއީ ސިޔާސަތުގެ ދާއިރާއިން ބޭރަށް ގޮސް، އިންސާނާއާއި ތާރީޚާ މެދު ޤުރްއާނުގައިވާ ފުން ނަޒަރިއްޔާތާ ދިމާއަށް ވާސިލުވުމަށް ކުރެވޭ މަސައްކަތެކެވެ. ސަބަބަކީ، ޤުރްއާނުގައި އަނިޔާވެރި މުސްތަބިއްދީ ވެރިކަމަކީ ހަމައެކަނި ވެރިކަންކުރާ ނިޒާމެއްގެ ގޮތުގައި ބަލަވައިގެންފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ؟ އެއީ ވިސްނުމުގެ ނިޒާމަށް އަންނަ އުނިކަމެއްގެ ގޮތުގައްޔާއި، ޙައްޤާ މެދުގައްޔާއި، އަމިއްލަ ނަފްސާ މެދުގައްޔާއި، އަދި އެހެން މީހުންނާ މެދު އިންސާނާގެ މެދުގައި އޮންނަ ގުޅުމަށް އަރާ ބުރުލެއްގެ ގޮތުގައެވެ. މިއިން އެނގެނީ ޤުރްއާނުގައި ބަޔާންކުރައްވައިފައިވާ އަނިޔާވެރިކަމުގެ ތަފާތު ސޫރަތަކީ އެކުލެވިގެންވާ މުރައްކަބު ކަމެއްކަމެވެ. އެ ކަން ފެށެނީ އަމިއްލަ ނަފުސުންނެވެ. އެއަށް ފަހު ބާރާއި ވެރިކަމުގެ ތެރެއިން ސިފަވެދެއެވެ. އަދި އެއަށްފަހު މުޖުތަމަޢުގެ ތެރޭގައި އެ ކަން އާލާވެދެއެވެ.

ޤުރްއާނުގައި އަނިޔާވެރި މުސްތަބިއްދީ ވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ދައްކުވައިދީފައިވަނީ ފިރުޢައުނުގެ ޝަޚްޞިއްޔަތެވެ. އެއީ ހަމައެކަނި އަނިޔާވެރި ވެރިއެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް، މުތުލަޤު ކިބުރުވެރިކަމާއި ކަންކަމުގެ މައްޗަށް ބޮޑާވެގަތުމުގެ އުޞޫލުގެ ތަޞްވީރެއްގެ ގޮތުގައެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا﴾ (سورة القصص: 4) މާނައީ: [ހަމަކަށަވަރުން، فرعون، ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ أهل ވެރީން ބައިތަކަކަށް ބަހައިލިއެވެ.]

އެހެންކަމުން، މި ތަނުގައި އަނިޔާވެރިކަން ފެށެނީ [ބޮޑާވެގަތުމުން] ނުވަތަ [ޢުލޫއްވުން]ނެވެ. އެއީ ވެރިޔާއަކީ މުޖުތަމަޢަށް ވުރެ މަތީގައިވާ މީހެއްކަމަށް އަމިއްލައަށް ދެކޭ ދުށުމުންނެވެ. އެއަށް ފަހު، މުޖުތަމަޢު އެކަކު އަނެކަކާ ތަޅައިފޮޅާ ގުރޫޕުތަކަކަށް ބައިބައިކޮށްލުމުގެ ސިޔާސަތަކަށް އެ ކަން ބަދަލުވެގެންދެއެވެ. އެއީ އެ މުޖުތަމަޢެއް ކޮންޓުރޯލުކުރުން ފަސޭހަކުރުމަށް ޓަކައެވެ. މިއިން އެނގެނީ އަނިޔާވެރިކަން ދެމިއޮންނަނީ ހަމައެކަނި ބާރުގެ ބޭނުންކޮށްގެން ނޫންކަމާއި، ބައިބައިވުންތައް އުފައްދައިގެންކަމެވެ.

ނަމަވެސް، ފިރުޢައުނުގެ ނަމޫނާއިން ފެންނަ އެންމެ ނުރައްކާތެރިކަމަކީ އަނިޔާވެރިކަމެއް ނޫނެވެ. ނަމަވެސް، ހަމައެކަނި އަމިއްލަ މިލްކަކަށް ޙައްޤު ހަދައިލުމެވެ. މާތްﷲ، ފިރުޢައުނުގެ ދުލުން ބުނި ބަސް ވަޙީކުރައްވާފައިވެއެވެ. ﴿مَا أُرِيكُمْ إِلَّا مَا أَرَى﴾ (سورة غافر: 29)  މާނައީ: [فرعون ބުންޏެވެ. ތިމަންނާއަށް ފެންނައެއްޗެއް މެނުވީ، ތިޔަބައިމީހުންނަކަށް ތިމަން ނުދައްކަމެވެ.]

މި ހިސާބުން ވެރިޔާ ބަދަލުވެގެންދަނީ ޢިލްމާއި މަޢުލޫމާތުގެ އެކަކު އަނެކަކަށް ބަރޯސާވާ ހަމައެކަނި މަޞްދަރަށެވެ. ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ ވިސްނުން ނައްތައިލެވި، މުޅި މުޖުތަމަޢުގެ ހޭލުންތެރިކަން އެކަކުގެ ފިކުރަށް ކުރުކޮށްލެވެއެވެ. މިއީ އަނިޔާވެރިކަމުގެ ނިޒާމުގެ އެންމެ އުސް ފުރާޅެވެ. އެއީ ހަމައެކަނި ޢަމަލުކުރުމުގެ ޙައްޤު ފޭރެނީއެއް ނޫނެވެ. ނަމަވެސް ފިކުރުކުރުމުގެ ޙައްޤުވެސް ނިގުޅައިގަންނަ ހިނދެވެ. އަދި އެހެން ތަނެއްގައި، ސިޔާސަތުގެ ދާއިރާއިން ބޭރުވެ، ރަމްޒީ ގޮތުން ކުޅަދުންވަންތަކަމާއި ކަނޑައެޅިގެން އިލާހީވަންތަކަމަށް ދަޢުވާކުރުމުގެ ހިސާބަށް އަނިޔާވެރިކަން ދާ އިރު، އެ ކަން ނިހާޔަތަށް ފޯރައެވެ. ﴿فَقَالَ أَنَا رَبُّكُمُ الْأَعْلَىٰ ﴾‏ (سورة النازعات: 24)  މާނައީ: "ފަހެ، އޭނާ ބުންޏެވެ. ތިމަންނާއީ، ތިޔަބައިމީހުންގެ އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ" މި ތަނުގައި މައްސަލައަކީ ދީނީ ދަޢުވާއަކަށް ވުރެ ބޮޑަށް، ސުވާލުނުކުރެވޭނެ މުތުލަޤު ބާރެއް އޮތްކަން އިޢުލާނުކުރުމެވެ. އަނިޔާވެރިކަމުގެ އަޞްލަކީ، ސަރީޙަކޮށް އެ ކަން އިޢުލާނު ނުކުރި ނަމަވެސް، ބާރާއި ސަލްޠަނަތު (ރަސްކަން) ކުޅަދުންވަންތަކޮށް މާތްކުރުމެވެ.

ނަމަވެސް، ޤުރްއާނުގައި އަނިޔާވެރިކަން ހަމައެކަނި ފިރުޢައުނުގެ ނަމޫނާއަށް ކުރުކޮށްލައިފައެއް ނުވެއެވެ. އަދިކީއްހެއްޔެވެ؟ ތަފާތު ސޫރަތައް ހުށަހަޅުއްވައިފައިވެއެވެ. ޢާދު ބާގައިގެ މީހުންގެ ވާހަކައިގައި، އަނިޔާވެރިކަން ފެންނަނީ ބޮޑާވެގަނެފައިވާ ބާރުގެ ގޮތުގައެވެ. ﴿أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ﴾ (سورة الشعراء: 128)  މާނައީ: [ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސް ތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟] މި ތަނުގައި ބާރު ބަދަލުވެގެންދަނީ ބޭކާރު ކަމަކަށެވެ. އަދި އިމާރާތްކުރުން ބަދަލުވަނީ އާރާސްތުކުރުމުގެ ބަދަލުގައި، ވެރިވެގަތުމުގެ ވަސީލަތަކަށެވެ. އަދި ޘަމޫދު ބާގައިގެ މީހުންގެ ވާހަކައިގައި، އަނިޔާވެރިކަން ފެންނަނީ ފާސިދު ނުފޫޒުގަދަ ވަކި ގުރޫޕަކުން ނިންމުންތައް ކޮންޓުރޯލުކުރުމުގެ ތެރެއިންނެވެ: ﴿وَكَانَ فِي الْمَدِينَةِ تِسْعَةُ رَهْطٍ يُفْسِدُونَ فِي الْأَرْضِ﴾ (سورة النمل: 48) މާނައީ: [އަދި އެ ރަށުގައި ނުވަ މީހަކު އުޅުނެވެ. އެއުރެން ބިމުގައި فساد އުފައްދަމުން ގެންދެތެވެ. އަދި އެއުރެން (އެއްވެސް ކަމެއް) إصلاحއެއް ނުކުރެތެވެ.] މި ތަނުން ފަރުދީ އަނިޔާވެރިކަމުން، ވަކި ޖަމާޢަތެއްގެ ނުވަތަ ނުފޫޒުގަދަ ބަޔެއްގެ އަނިޔާވެރިކަމަށް ބަދަލުވެގެންދެއެވެ. އެއީ މަދު ބަޔަކު ގުޅިގެން ފަސާދަ ހިންގުމެވެ.

އެހެން ނަމޫނާއެއްގައި، ޤުރްއާނުގައި [އިޤްތިޞާދީ އަނިޔާވެރިކަން] ހާމަކުރައްވަނީ ޤާރޫނުގެ ޝަޚުޞިއްޔަތުގެ ތެރެއިންނެވެ. އޭނާއަކީ ސިޔާސީ ވެރިއެއް ނޫނެވެ. ނަމަވެސް އޭނާ މުދަލާއި ތަނަވަސްކަމުގެ ބޭނުންކޮށްގެން ނުފޫޒު ފޯރުވިއެވެ. ﴿إِنَّمَا أُوتِيتُهُ عَلَىٰ عِلْمٍ عِندِي﴾ (سورة القصص: 78)  މާނައީ: [އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ.] އޭނާ ހުރިހައި ހެޔޮކަމެއް އަމިއްލަ ނަފްސަށް ނިސްބަތްކޮށް، ތަނަވަސްކަމުގެ އަޚުލާޤީ އަދި އިޖުތިމާޢީ މާނަ ނައްތައިލައެވެ. ނަތީޖާއެއްގެ ގޮތުން ފައިސާއަކީ އާރާސްތުކުރުމުގެ ވަސީލަތަކަށްވުމުގެ ބަދަލުގައި، ބޮޑާވެގަތުމުގެ ވަސީލަތަކަށް ބަދަލުވެއެވެ.

ނަމަވެސް ޤުރްއާނުން ހާމަކޮށްދޭ އެންމެ ނުރައްކާތެރި ކަމަކީ، އަނިޔާވެރިކަން ދެމިއޮންނަނީ ހަމައެކަނި ވެރިޔާގެ ކިބައިގައި ނޫންކަމާއި، މުޖުތަމަޢުގައި އެ ކަން ގަބޫލުކުރުމުގެ ޤާބިލުކަން އޮތުމުންކަމެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ﴿فَاسْتَخَفَّ قَوْمَهُ فَأَطَاعُوهُ﴾ (سورة الزخرف: 54)  މާނައީ: [ފަހެ، އޭނާ (އެބަހީ: فرعون) އޭނާގެ  قومގެ މީހުން ހައްލައިލިއެވެ. ދެން އެއުރެން އޭނާޔަށް ކިޔަމަންވޫއެވެ.]

އަނިޔާވެރިކަން ފުރިހަމަވަނީ އެ ކަން ގަބޫލުކުރާ، ނުވަތަ އެ ކަމަށް ޢުޒުރުދައްކާ، ނުވަތަ އެ ކަމަށް ދީލައިލާނެ ބަޔަކު ފެނުމުންނެވެ. މި ހިސާބުން މައްސަލަ، ވެރިކަމުގެ ބާރަށް ފާޑުކިޔުމުން، އެ އަނިޔާވެރިކަން ދެމިއޮތުމަށް ފުރުޞަތުދޭ އިޖުތިމާޢީ ޢާންމު ހޭލުންތެރިކަމަށް ފާޑުކިޔުމަށް ބަދަލުވެއެވެ. އަދި މިއަށް ވުރެ ފުން ނަޒަރަކުން ބަލާ އިރު، ޤުރްއާނުގައި އަނިޔާވެރިކަމާއި އާންމު ފަސާދައާ ގުޅުވައިލައްވައިފައިވެއެވެ. ﴿وَإِذَا أَرَدْنَا أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا﴾ (سورة الإسراء: 16) މާނައީ: [އަދި ރަށެއް ހަލާކު ކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފި ނަމަ، އެ ރަށެއްގެ ތަނަވަސްކަމުގެ أهلވެރީންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) أمرކުރައްވަމެވެ. ދެން އެއުރެން އެ ރަށުގައި فاسد عملކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ.]

މި ތަނުގައި އަރާމާއި އުފަލުގައި އުޅުން ބަދަލުވެގެންދަނީ ސުލޫކާއި އަޚުލާޤު ފާސިދުކުރާ ވަސީލަތަކަށެވެ. އަދި ފަސާދައަކީ ހަމައެކަނި ފަރުދީ ކުށަކަށްވުމުގެ ބަދަލުގައި، ދިރިއުޅުމުގެ އާންމު އުޞޫލަކަށް ބަދަލުވެއެވެ. މި ތަނުން އަޅުގަނޑުމެންނަށް ފެންނަނީ ސިޔާސީ އަނިޔާވެރިކަމާއި، އަޚުލާޤީ އަދި އިޖުތިމާޢީ ފަސާދަ އެކުވެގެންދާ ގޮތެވެ. ނަމަވެސް މި ސޫރަތަކުގެ އިދިކޮޅަށް، ޤުރްއާން ހަމައެކަނި ބަލި ދެނެގަތުމުން ފުއްދައިލަނީއެއް ނޫނެވެ. އަދިކީއްހެއްޔެވެ؟ އަނިޔާވެރިކަމުގެ އިދިކޮޅު ނަމޫނާއެއްގެ ގޮތުގައި [ޝޫރާ] (މަޝްވަރާކުރުން) ހުށަހަޅުއްވައެވެ: ﴿وَأَمْرُهُمْ شُورَىٰ بَيْنَهُمْ﴾ (سورة الشورى: 38)  މާނައީ: "އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورةގެ މަތީންނެވެ."

ޝޫރާއަކީ ހަމައެކަނި ސިޔާސީ ނިޒާމެއް ނޫނެވެ. ނަމަވެސް އެއީ އިންސާނާއަކީ ތަބާވާ މީހެއްގެ ބަދަލުގައި، ނިންމުންތަކުގައި ބައިވެރިއެއްގެ ގޮތުގައި ދެކޭ ދުށުމުގެ އިޢުލާނެކެވެ. އެއާ އެކު، ޤުރްއާނުގައި ފަރުދީ މަސްއޫލިއްޔަތުގެ އުޞޫލު ސާބިތުކޮށްދެއްވައެވެ. އަދި ޖަމާޢަތުގެ ތެރެއަށް ނުވަތަ ވެރިކަމުގެ ތެރެއަށް އިންސާނާ ގެއްލިގެންދިޔުން އިންކާރުކުރައްވައެވެ. ﴿وَلَا تَزِرُ وَازِرَةٌ وِزْرَ أُخْرَى﴾ (سورة الأنعام: 164) މާނައީ: "އަދި ފާފަވެރި އެއްވެސް نفس އެއް، އެހެން نفس އެއްގެ ފާފައެއް ނުއުފުލާނެތެވެ."

މި ނަމޫނާތައް އަޅުގަނޑުމެންގެ މި ޒަމާނުގެ ޙާލަތާ އަޅައިކިޔައިގެން ކިޔައިލާން މަސައްކަތްކޮށްފި ނަމަ، އަނިޔާވެރިކަމުގެ އަޞްލު ބަދަލުނުވާކަން އެނގޭނެއެވެ. ބަދަލުވީ އެ ކަމަށް ބޭނުންކުރާ ވަސީލަތްތަކެވެ. މިހާރަކު ވެރިޔާ [ތިޔަބައިމީހުންގެ އެންމެ މާތް ރަސްކަލަކީ ތިމަންނާއޭ]އެކޭ ނުބުނެއެވެ. ނަމަވެސް ސުވާލުނުކުރެވޭ ބާރެއް ބޭނުންކޮށްފާނެއެވެ. އަދި [ތިމަންނާއަށް ފެންނަ ގޮތް ނޫން ގޮތެއް ތިޔަބައިމީހުންނަކަށް ނުދައްކަމޭ] ވެސް ނުބުނެއެވެ. ނަމަވެސް މީޑިއާއާއި މަޢުލޫމާތު އަމިއްލަ ނުފޫޒުގެ ދަށަށް ގެނެސްފާނެއެވެ. އަދި މުޖުތަމަޢު ބައިބައިކޮށް [ބައިބަޔަށް] ހަދަނީ ހަމައެކަނި ކަނޑިއަކުންނޫނެވެ. ނަމަވެސް ވާހަކަތަކާއި، އަމިއްލަ ހުވިއްޔަތާއި، އިޤްތިޞާދުގެ ތެރެއިން ވެސް އެ ކަން ކޮށްފާނެއެވެ.

ޤުރްއާނުގައި އަނިޔާވެރިކަން ތަޙުލީލުކުރައްވައިފައިވަނީ ހަމައެކަނި ސިޔާސީ ފާޑުކިޔުމެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އޭގައިވަނީ ފުރިހަމަ އަޚުލާޤީ ނަޒަރިއްޔާތެކެވެ. އެއީ، އަނިޔާވެރިކަން ފެށެނީ އިންސާނާގެ ކިބައިގައިވާ ކެތްތެރިކަން ގެއްލި، ބާރަކީ ނިހާއީ މަޤުޞަދަކަށްވެ، އަދި ޙައްޤުގެ ބަދަލުގައި އަމިއްލަ މަޞްލަޙަތު އިސްކުރުމުންނެވެ. އެހެންކަމުން، އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތް ފެށެނީ ހަމައެކަނި ވެރިޔާ ބަދަލުކުރުމަކުން ނޫނެވެ. ނަމަވެސް ހޭލުންތެރިކަން އަލުން ބިނާކޮށް، ޢަދާލަތުގެ ޤަދަރު ސާބިތުކޮށް، ބިރުވެރިކަމާއި ކަހަނބު ޚިޔާލުތަކުން އިންސާނާ މިނިވަންކުރުމުންނެވެ. 

ނިންމައިލަމުން ދަންނަވާ ނަމަ، ޤުރްއާނަކީ ތައްޔާރީ ސިޔާސީ ތިއަރީއެއް ހުށަހަޅާ ފޮތެއް ނޫންކަމާއި، އެއީ ވިސްނުމުގެ ފުޅާ ފުރުޞަތެއް ހުޅުވައިދޭ ފޮތެއްކަން ދެނެގަނެވިއްޖެ ނަމަ [އުނދަގޫ ކަމެއްގެ ގޮތުގައި ފެންނަ މި ލިޔުން] ޙަޤީޤަތަކަށް ހެދިދާނެއެވެ. އެއީ ކޮންމެ އަނިޔާވެރިކަމަކީ ޢަދާލަތުގެ މީޒާނުން އެއްކިބާވުންކަމާއި، އަނިޔާވެރިކަން ގަބޫލުކުރާ ކޮންމެ މުޖުތަމަޢަކީ - ކޮންމެވެސް މިންވަރަކަށް - އެ އަނިޔާވެރިކަން އުފެއްދުމުގައި ބައިވެރިވާ ބަޔެއް ކަމެވެ. އަދި ޙަޤީޤީ މިނިވަންކަމަކީ ހަމައެކަނި އަނިޔާވެރިކަން ވައްޓައިލުމެއް ނޫނެވެ. ނަމަވެސް އަމިއްލަ ނަފުސާއި، ބުއްދިއާއި، ތާރީޚުގައިވާ އެކަމުގެ މޫތައް ނައްތައިލުމެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހުވިއްޔަތު    ނ.     (1) ވަންތުކަން. (2) މީހެއް ނުވަތަ އެއްޗެއް ނުވަތަ ތަނެއް ދެނެގަނެވޭނެ ޚާއްސަ ސިފައެއް ލިބިގެންވާކަން.

ނިހާއީ      ނއ.    ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final    

ނުފޫޒު      ނ.     މުދަލުގެ ގޮތުންނާއި ބަހުގެ ގޮތުންނާއި މަގާމާއި ދަރަޖައާއި ހައިސިއްޔަތުގެ ގޮތުން އެހެން މީހުންގެ މައްޗަށް ފޯރުވާ ބާރު. influence

އާރާސްތު    ނ.     (1) ޒީނަތް. (2) ތައްޔާރު. (3) ބިނާ.

ވަސީލަތް    ނ.     ކަމެއް ކުރަން ބޭނުންކުރާ މީހާ ނުވަތަ އެތި ނުވަތަ ކަންތައް. resource

މުތުލަގު     ނ.     (1) އެހެން އެއްޗަކާ ނުވަތަ ކަމަކާ ނާޅުވާ. (2) އެހެން އެއްޗަކާ ނުގުޅި ހުރި.

ފަސާދަ      ނ.     (1) ފިތުނަ. (2) ބަޣާވާތް. (3) ގަޑުބަޑު. (4) ހުއްދަނޫން ގޮތެއްގައި ހޯދާ އަމިއްލަ މަންފާ.

ފާސިދު      ނ.     (1) ނުބައި. (2) ދެކޮޅުވެރި. (3) ފިތުނަވެރި.

ތިއަރީ      ނ.     ނަޒަރިއްޔާ.  theory

ކޮމެންޓު