ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
14 ނޮވެންބަރު 2026
1. ރަބީއު މޫސުމަކީ، ތަބީއަތް އޭގެ ހިބަކުރުންތަކުގެ ކުރީން، ހިނިތުންވެލާ ހިނިތުން ވެލުމެކެވެ. އެހެނީ، އެއްވެސް، އެއްޗެއް ހިބަކޮށް، ދިނުމާ އެކުގައި ރުހުމުގެ ހިނިތުންވެލުމެއް ނުވާ ނަމަ، އެ ދިނުމުގައި އޮންނާނީ ކޮން އަގެއްހެއްޔެވެ؟
2. އެހެންވެ، ތަބީއަތުގެ މި ސިފައިން ފިލާވަޅު ލިބިގަނެ، ރުހުމުގެ ހިނިތުންވުމަކުން ހިނިތުން ވެލައި، ސަދަގާތް ކުރާށެވެ!
3. ތިން ކަމަކާ މެދު ސަމާލުވެ، ރައްކާތެރިކަން ހޯދައިގެން އެ ކަންކަމާ ދުރުގައި ހުރުން ބުއްދިވެރިއެވެ. ނައަމްސޫފިތަކުގެ ދަޅުންނާއި އަހުގެ މޮށްގަޑުންނާއި ސިޔާސީ މުނާފިގުންގެ ހިނިތުންވުމުންނެވެ.
4. ހިނިތުންވެލުން ގަނޑުފެންގަޑު ވެސް ވިރުވައިލައެވެ. ހިތްހަމަޖެހުން ގެނެސް ފަތުރައިލައެވެ. ޒަޚަމްތައް ފަސޭހަކޮށްލައެވެ. އިންސާނީ ސާފު ތެދުވެރި ގުޅުންތައް ހުޅުވައިލަދޭ ރަން ތަޅުދަނޑިއަކީ ހިނިތުންވެލުމެވެ.
5. ބައެއް ފަހަރުފަހަރު، ހިނިތުންވެލުމުގެ ސަބަބަކަށް ވަނީ އުފާވުމެވެ. ނަމަވެސް، އަނެއް ބައި ފަހަރު ހިނިތުންވެލުމަކީ އުފާވުމުގެ ސަބަބަކަށް ވެސް ވެދެއެވެ.
6. ކޮންމެ މީހަކާ ބައްދަލުވާ ބައްދަލުވުން ހިނިތުންވުމަކުން ފެށުން ރިވެތި އަޚުލާގުގެ ތެރެއިން ހިމެނެއެވެ. ހަމަ އެހެންމެ، ބައްދަލުވުން ނިމި، ވަކިވެލާ އިރު، ހިނިތުންވެލުން، އެ ބައްދަލުވުމުގެ އެންމެ ފަހުގެ ހަނދާނަށްވެ، އެ ބައްދަލުވުމަށް އިތުރު ފުރިހަމަކަން ގެނެއެވެ.
7. ހަޔާތަކީ ލޯނގަޑެއް ފަދަ އެއްޗެކެވެ. ލޯގަނޑެއްގެ ކުރިމަތީ ހުއްޓި ހުރެ ހިނިތުންވެލުމުން، އިނބަގެ އެންމެ ހިތްގައިމު ސޫރަ ފެންނަ ފަދައިން، ހަޔާތް މެދުވެރިކުރުވާ ކަންކަމާ، ހިނިތުންވެ ކުރިމަތިލުމުން، އެންމެ އެކަށީގެންވާ ހެޔޮ ނަތީޖާ ފެންނަ ގޮތްވެއެވެ.
8. ހިނިތުންވާން ނޭނގޭ ނަމަ، ފިހާރައެއް ހުޅުވާން ގަސްދުނުކުރާށެވެ.
9. އިނބަގެ ނުރައިގެ ވިދުމާ މެދު ކަންބޮޑުނުވާށެވެ. އެހެނީ އެ ވިދާ ވިދުމަކީ އިނބައަށް ހެޔޮ ރައުޔާއި އަދަބުވެރިކަމުގެ ރީތި ސިފަތައް ލިބިގެންވާކަމުގެ ނިޝާނެކެވެ.
10. އިނބަގެ ތުންފަތް ހިނިތުންވެލާ އިރު، އިނބަގެ ހިތް ވެސް ހިނިތުންވެލިޔަ ދޭށެވެ.
11. ދުނިޔެއަކީ ކެމެރާއެކެވެ. އެ ކެމެރާ ކުރިމަތީގައި ހިނިތުންވެލައިގެން ހުންނާށެވެ.
12. ދެރަވެ، ހިތާމަކުރާ ވަގުތުގައި ވެސް ހިނިތުންވެލާން ހަނދާންކުރާށެވެ. އެހެނީ، އެ ހިނިތުންވެލުން އެހެން މީހަކަށް ފެނި، އޭނާގެ ހިތަށް ހަމަޖެހުން އެ ކަމުން ލިބިދިނުމަށެވެ.
13. ނަބަވީ އިރުޝާދެއްގެ މާނައިގައި އޮވެއެވެ. [އެއްވެސް ހެޔޮ އަމަލަކީ ކުޑަ ކަމެއް ކަމުގައި ނުދެކޭށެވެ. އެހެން މީހަކާ ބައްދަލުވާ ހިނދު ހިނިތުންވެލުމަކީ ވެސް ސަދަގާތެކެވެ.]