ad_banner
ނަމާދުކުރާން މިސްކިތަށް ޖަމާޢަތަށް ހާޒިރުނުވާ މުވައްޒަފުންނަށް ފިޔަވަޅުއަޅަނީ!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

10 ނޮވެންބަރު 2026

މިސްކިތްތަކުގައި ޖަމާޢަތުގައި ކުރާ ނަމާދުތަކަށް ސަރުކާރުގެ މުވައްޒަފުން ހާޒިރުވެ ނަމާދުކުރުމަކީ މަޖުބޫރުކަމެއްކަމަށް، އަފުޣާނިސްތާނުގެ ޠާލިބާނު ސަރުކާރުން ކަނޑައަޅައިފިއެވެ. އެ ގޮތުން ސަރުކާރު މުވައްޒަފުން ކޮންމެ ދުވަހެއްގެ ފަސް ނަމާދު ވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ޖަމާޢަތަށް ހާޒިރުވެ ކުރާން ޖެހޭނެއެވެ. އެ އަމުރު ނެރުއްވައިފައިވަނީ 2024ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުންގެ ސުޕްރީމް ލީޑަރު ހިބަތު الله އަޚުންޒާދާއެވެ. އެ އަމުރުގައިވާ ގޮތުން މަޤުބޫލު އުޒުރެއް ނެތި ނަމާދު ދޫކޮށްލާ މުވައްޒަފުންނަށް އިންޒާރުދެވޭނެއެވެ. އަދި ތަކުރާރުކޮށް އެ އަމުރާ ޚިލާފުވާ ބަޔެއްގެ މައްޗަށް ތައުދީބީ ފިޔަވަޅު އެޅޭނެއެވެ.

‎ރިޕޯޓުތައް ބުނާ ގޮތުގައި، 2024ވަނަ އަހަރުގެ އޮގަސްޓް މަހު ޠާލިބާނުންގެ ތަރުޖަމާނު ޒަބީހު الله މުޖާހިދު ވަނީ، ނަމާދަށް ތަކުރާރުކޮށް ހާޒިރުނުވާ މުވައްޒަފުންނަށް އެޅިދާނެ ތައުދީބީ އަދަބުތައް ވެސް ބަޔާންކޮށްދެއްވައިފައެވެ. މި ފަދަ ފިޔަވަޅުތަކުގެ ތެރޭގައި އިންޒާރުދިނުމާއި، ވަޒީފާގެ މާހައުލު ބަދަލުކުރުމާއި، މަޤާމު ދަށްކުރުމާއި، މުސާރައިން އުނިކުރުން ހިމެނެއެވެ. އެކަމަކު، މުސާރަ ކެނޑުމާއި، އެ ނޫން ވެސް ވަކިވަކި އަދަބުތަކަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް ބުނާ ބުނުން، އޭނާ ވަނީ ފަހުން ދޮގުކުރައްވައިފައެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، ނަމާދުނުކުރާ މުވައްޒަފުންނަށް، ދީނީ ވާޖިބުތަކަށް ފަރުވާކުޑަނުކުރުމަށް ނަސޭހަތްދީ، އިންޒާރުދެވޭނެއެވެ. މާނައަކީ ޖަމާޢަތުގައި ކުރާ ނަމާދުތަކަށް ހާޒިރުނުވާ މުވައްޒަފުންގެ މުސާރައިން އުނިކުރުމާ މެދު ޠާލިބާން ސަރުކާރުގެ ތެރޭގައި ވެސް ވަނީ ދެބަސްވުން އުފެދިފައިވުމެވެ.

‎ދާދިފަހުން، 2024 ސެޕްޓެންބަރު މަހުގެ ތެރޭގައި، [އަފްޣާނިސްތާން އިންޓަނޭޝަނަލް] އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަޚުލާޤީ މިންގަނޑުތަކާއި އިޖުތިމާޢީ ގިޔަމުތަކާއި ޚިލާފުވާ މުވައްޒަފުންނާ މެދު ތައުދީބީ ފިޔަވަޅު އަޅާން، އަޚުންޒާދާގެ އޮފީހުން ވަނީ އައު އަމުރެއް ނެރުއްވައި، އެ އަމުރު ތަންފީޒުކުރާން ސަރުކާރުގެ މުއައްސަސާތަކަށް އަންގަވައިފައެވެ. އަޅާން ނިންމައިފައިވާ ތައުދީބީ ފިޔަވަޅުތަކުގެ ތެރޭގައި މުސާރައިން އުނިކުރުމާއި، މަޤާމު ދަށްކުރުމާއި، ސަސްޕެންޑްކުރުމާއި، ވަޒީފާއިން ވަކިކުރުން ހިމެނޭކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ އިތުރަށް ސަރުކާރު މުވައްޒަފުން ޖަމާޢަތުގެ ނަމާދަށް ހާޒިރުވާންޖެހޭނެކަމަށް ވެސް، އެ އަމުރުގައި ވަނީ ތަކުރާރުކުރައްވައިފައެވެ. ނަމަވެސް ޖަމާޢަތަށް ހާޒިރުނުވާ ކޮންމެ ނަމާދަކަށް، ވަކިން ޚާއްޞަކޮށް މުސާރައިން ވަކިވަރެއް އުނިކުރެވިދާނެކަން، އެ ރިޕޯޓުގައި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ކަންތައްތަކުން ދައްކުވައިދެނީ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި ދީނީ އަދި އަޚުލާޤީ މިނަގަނޑުތަކާއި ގިޔަމުތަކާ ގުޅުން ހުރި އުސޫލުތައް ޠާލިބާނު ސަރުކާރުން ތަންފީޒުކުރަމުންދާކަމެވެ.

(މި ރިޕޯޓަކީ 2024 އޮގަސްޓު 09ގައި އޭއެފްޕީގެ ކަވަރޭޖެއްގެ މައްޗަށް ބިނާކޮށް "ޑޯން" ކިޔާ ނޫހެއްގައި ޝާއިޢުކޮށްފައިވާ ރިޕޯޓެކެވެ.)

ކޮމެންޓު