ad_banner
ފިލާވަޅު ދަސްކުރުމަށާއި އިމްތިޙާނަށް ޓަކައި ކުރެވިދާނެ ދުޢާތައް

އޒ. އިބްރާހީމް ރަޝީދު މޫސާ

9 ނޮވެންބަރު 2026

މިއީ ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. އޯލެވެލާއި އޭ ލެވެލް ފަދަ މުހިންމު އިމްތިޙާނުތައް ހަދާން އުޅޭ އިރު، ދަރިވަރުން ވަރަށް ހާސްވެ ކަންބޮޑުވެއެވެ. އެ ކުދީންގެ ހިތަށް ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ބޭނުންވެއެވެ. ކަންބޮޑުވުން ފިލުވައިދޭނެ ވަސީލަތެއް ބޭނުންވެއެވެ. ރަނގަޅު ނަތީޖާއެއް ގެނެސްދޭނެ އެހީތެރިކަމަކަށް އެދެއެވެ.

އަޅުގަނޑުމެންނަކީ ﷲ ތަޢާލާގެ އަޅުންނެވެ. އަބަދުވެސް އަޅުން ދާންޖެހޭނީ ސާހިބުމީހާގެ އަރިހަށެވެ. ބޭނުންތަކާއި މުހުތާދުތަކުގެ ޙާލަތުގައި މާތް ﷲ އަންގަވަނީ އެކަލާނގެ ޙަޟުރަތުން ވާގި ހޯދުމަށެވެ. އެކަލާނގެއަށް ދެންނެވުމަށެވެ. ﷲ عز وجل ވަޙީކުރެއްވިއެވެ. (وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ[1] - އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ وحىކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.)  

ފިލާވަޅު ދަސްކުރުމާއި އިމްތިޙާނާ ބެހޭ މައުޘޫރު ދުޢާއެއް ވޭތަ؟

ޝަރުޢީ ނައްޞުތަކުގައި ފިލާވަޅު ދަސްކުރުމަށާއި އިމްތިޙާނުތަކަށް ޓަކައި ކުރާން ކަނޑައަޅުއްވައިފައިވާ ޚާއްޞަ ދުޢާއެއް ނެތެވެ. މި ކަމުގެ ސަބަބަކީ ކައު ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައި މި ޒަމާނުގައި މި އޮންނަ ގޮތަށް އިމްތިޙާނުތައް ނުބޭއްވޭތީއެވެ. އެހެނަސް މި ކަމުގައި ދަންނަބޭކަލުން ބައްލަވާ އަޞްލެއްވެއެވެ. އެއީ ބޭނުމާއި މުހުތާދުވެރިކަމެވެ. އެހެންކަމުން ފިލާވަޅު ދަސްކުރުމާއި އިމްތިޙާނުހެދުމާ ބެހޭ ދުޢާތައް ވަންނާނީ ބޭނުންތައް ފުއްދުމަށާއި މުހުތާދުތަކުގެ ދާއިރާގެ ތެރެއަށެވެ. މި ފަދަ ކަންކަމުގައި މި ފަދަ ދުޢާތަކުން ދުޢާކުރުމަކީ އެ ކަމުގައި އެއްވެސް ނުބައެއް އޮތް ކަމެއްނޫންކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ.

ފިލާވަޅު ދަސްކުރުމަށާއި އިމްތިޙާނުތަކަށް ޓަކައި ކުރާ ދުޢާގައި ހުންނާން ޖެހޭ މުހިންމު ޝަރުޠުތައް

1- ﷲ ތަޢާލާއަށް އެކަލާނގެ ރިވެތި މަތިވެރި އިސްމުފުޅުތަކުންނާއި ސިފަފުޅުތަކުން ސަނާއާއި ތާރީފު ދެންނެވުން

2-  ރަޙިމުގެ ގުޅުން ކެނޑުން ފަދަ ދީން މަނާކުރާ އެއްވެސް ކަމެއް ދުޢާގައި ނުހިމެނުން. 

3- އިޖާބަ ދެއްވުމަށް އަވަސްއަރުވައިނުގަތުން. ތިބާގެ ދުޢާއަށް އިޖާބަނުދެއްވިޔޭ ކިޔައިފައި ދުޢާކުރުން ހުއްޓައިލައިގެން ނުވާނެއެވެ.

4-  ސަބަބުތަކުގައި ހިފަހައްޓައިގެން ދުޢާކުރުން. ފިލާވަޅުތައް ދަސްނުކޮށް އިމްތިޙާނުން ފާސްކޮށްދެއްވުމަށް ދެންނެވިޔަސް މާތްﷲ އެ ކަން ހިންމަވައެއްނުދެއްވާނެތެވެ.

5- މާތް ﷲ އަށް ތަޤްވާވެރިވެ ކިޔަންންތެރިކަމާ އެކު ދުޢާކުރުން. ރިޒްޤުދެއްވުމާއި ޢިލްމުދެއްވުމާއި މުޞީބާތުން ސަލާމަތްކޮށްދެއްވުމުގެ ތަޅުދަނޑިއަކީ ތަޤްވާވެރިކަމެވެ. ﷲ Y ވަޙީކުރެއްވިއެވެ. (‌وَاتَّقُوا ‌اللَّهَ ‌وَيُعَلِّمُكُمُ اللَّهُ [2] - ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ.)

ފިލާވަޅު ދަސްކުރާން ފެށުމުގެ ކުރީން ކިޔާ ދުޢާ

ފިލާވަޅު ދަސްކުރާން ފެށުމުގެ ކުރީން ﷲއަށް އަޅުކަން ކުރުމަށް ހިތަށް އަރުވާށެވެ! ފައިދާހުރި ޢިލްމު ދެއްވުމަށް ދަންނަވާށެވެ! މާތް ﷲ ރުއްސުންލެއވި ޖާބިރު ބުނު ޢަބްދުﷲގެ އަރިހުން ރިވާވެގެންވެއވެ. ( اللهُمَّ ‌إِنِّي ‌أَسْأَلُكَ ‌عِلْمًا ‌نَافِعًا، وَأَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ[3] - މާނައީ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނކޯއެވެ! މި އަޅާއަށް ފައިދާހުރި ޢިލްމެއް ދެއްވުމަށް މި އަޅާ އިބަރަސްކަލާނގެއަށް ދަންނަވަމެވެ. އަދި ފައިދާއެއް ނެތް ޢިލްމުން މި އަޅާ ރައްކައުތެރިކޮށްދެއްވުމަށް އިބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ.)

ބައެއް ބޭކަލުން ވިދާޅުވާ ގޮތުގައި ބިސްމި ކިޔައިގެން އަލްޙަމްދު ކިޔާށެވެ. އެއަށް ފަހު ފިލާވަޅު ދަސްކުރާން ފަށާށެވެ. މި އަންނަ ދުޢާއިން  ދުޢާކުރުމުގައި އެއްވެސް ނުބައިކަމެއް ނެތްކަމަށް ދަންނަބޭކަލުން ވިދާޅުވެއެވެ. މި ދުޢާއަކީ (اللهُمَّ إِنِّي أَسْأًلُكَ فَهْمَ النَبِيِّيْنَ وَحِفْظَ المُرْسَلِيْنَ وَالْمَلَائِكَةِ الْمُقَرَّبِيْنَ، اللَّهُمَّ اِجْعَلْ أَلْسِنَتَنَا عَامِرَةً بِذِكْرِكَ، وَقُلُوْبَنَا بِخَشْيًتِكَ، وَأَسْرَارَنَا بِطَاعَتِكَ، إنَّكَ عَلَى كُلِّ شَيْءٍ قَدِيْرٌ، وَحَسْبُنَا ٱللَّهُ وَنِعْمَ ٱلْوَكِيلُ)އެވެ.

ފިލާވަޅު ދަސްކުރުމަށް ފަހު ކިޔާ ދުޢާ

ފިލާވަޅު ދަސްކޮށް ނިމުމުން މާތް ﷲއަށް ޙަމްދުކުރާށެވެ! އެއަށް ފަހު، މި ދުޢާ ކިޔުން ރަނގަޅުވާނެއެވެ. (اللَّهُمَّ إنِّي اِسْتًوَْدَعْتُكَ ‌مَا ‌قَرَأْتُ ‌وَمَا ‌حَفِظْتُ وَمَا تَعَلَّمْتُ، فَرُدّْهُ لِي عِنْدَ حَاجَتِي، إنَّكَ عَلًى كُلِّ شَيْءٍ قَدِيْرٌ) މިއީ ކައު ރަސޫލާގެ އަރިހުން ނުވަތަ ޞަޙާބީންގެ އަރިހުން ވާރިދުވެފައިވާ މައުޘޫރު ދުޢާތަކެއް ނޫނެވެ. އެހެނަސް މި ދުޢާތަކުން ދުޢާކުރުމުގައި މަސްއަލައެއް ނެތްކަމަށް ދަންނަބޭކަލުން ފަތުވާދެއްވައިފައިވެއެވެ. ބޭނުމެއް ޖެހިއްޖެ ނަމަ މާތް ﷲއަށް  ދުޢަކޮށް އެ ބޭނުމެއް ފުއްދަވައި ދެއްވުމަށް ދެންނެވުމަށް މާތް ﷲއާއި ކައު ރަސޫލާ ވަނީ އަންގަވައިފައެވެ.  

އިމްތީޙާނު ހަދާން ވަންނަމުން ކިޔާ ދުޢާ

ކަމެއް ބޭނުންވެއްޖެ ނަމަ، މި ދުޢާއިން ދުޢާކުރުމަށް ކައު ރަސޫލާ  صَلَّى اللَّهُ عَلَيْهِ وَسَلَّمَ ވަނީ އަންގަވައިފައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (مَنْ كَانَتْ لَهُ إِلَى اللَّهِ حَاجَةٌ، أَوْ إِلَى أَحَدٍ مِنْ بَنِي آدَمَ فَلْيَتَوَضَّأْ وَلْيُحْسِنِ الْوُضُوءَ، ثُمَّ لِيُصَلِّ رَكْعَتَيْنِ، ثُمَّ لِيُثْنِ عَلَى اللَّهِ، وَلْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، ثُمَّ لِيَقُلْ: لَا إِلَهَ إِلَّا اللَّهُ الحَلِيمُ الكَرِيمُ، ‌سُبْحَانَ ‌اللَّهِ ‌رَبِّ ‌العَرْشِ ‌العَظِيمِ، الحَمْدُ لِلَّهِ رَبِّ العَالَمِينَ، أَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَالغَنِيمَةَ مِنْ كُلِّ بِرٍّ، وَالسَّلَامَةَ مِنْ كُلِّ إِثْمٍ، لَا تَدَعْ لِي ذَنْبًا إِلَّا غَفَرْتَهُ، وَلَا هَمًّا إِلَّا فَرَّجْتَهُ، وَلَا حَاجَةً هِيَ لَكَ رِضًا إِلَّا قَضَيْتَهَا يَا أَرْحَمَ الرَّاحِمِينَ [4] - ﷲގެ ޙަޟުރަތުން ނުވަތަ އަޑަމުގެދަރިއެއްގެ ކިބައިން ކަމަކަށް ބޭނުންވެފައިވާ މީހާ ފަހެ ވުޟޫކޮށް ވުޟޫ ފުރިހަމަކުރުމަށް ފަހު ދެ ރަކުޢަތްކުރާހުށިކަމެވެ! އެއަށް ފަހު ﷲއަށް ސަނާދަންނަވައި ނަބިއްޔާ r މައްޗަށް ޞަލަވާތް ކިޔަވާށެވެ! އެއަށްފަހު މި ދުޢާ ކިޔާށެވެ! އެއީ : لَا إِلَهَ إِلَّا اللَّهُ الحَلِيمُ الكَرِيمُ، ‌سُبْحَانَ ‌اللَّهِ ‌رَبِّ ‌العَرْشِ ‌العَظِيمِ، الحَمْدُ لِلَّهِ رَبِّ العَالَمِينَ، أَسْأَلُكَ مُوجِبَاتِ رَحْمَتِكَ، وَعَزَائِمَ مَغْفِرَتِكَ، وَالغَنِيمَةَ مِنْ كُلِّ بِرٍّ، وَالسَّلَامَةَ مِنْ كُلِّ إِثْمٍ، لَا تَدَعْ لِي ذَنْبًا إِلَّا غَفَرْتَهُ، وَلَا هَمًّا إِلَّا فَرَّجْتَهُ، وَلَا حَاجَةً هِيَ لَكَ رِضًا إِلَّا قَضَيْتَهَا يَا أَرْحَمَ الرَّاحِمِينَ)

އިމްތިޙާނު ހަދަމުންދާއިރު ކިޔާ ދުޢާ

ތަނަކަށް ވަންނަ އިރު މި އަންނަ ދުޢާ ކިޔުން ސުންނަތްވެގެންވެއެވެ. ((‌رَبِّ ‌أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا[5]  - މާނައީ: އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަންއަޅާ ވައްދަވާނދޭވެ! އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވާނދޭވެ! އަދި نصر ދެނިވި ބާރެއް އިބަރަސްކަލާނގެ حضرةން މި އަޅާއަށް ލައްވާނދޭވެ!)

އިމްތިހާނުގެ ސުވާލުތައް ބުރަވެއްޖެ ނަމަ އިސްތިޣުފާރުކުރާށެވެ! އިސްތިޣުފާރަކީ މުޞީބާތްތަކުން ބޭރަށް ނުކުތުމަށް ހުޅުވިގެންވާ ދޮރެކެވެ. ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. (‌مَنْ ‌لَزِمَ ‌الِاسْتِغْفَارَ، جَعَلَ اللَّهُ لَهُ مِنْ كُلِّ ضِيقٍ مَخْرَجًا، وَمِنْ كُلِّ هَمٍّ فَرَجًا، وَرَزَقَهُ مِنْ حَيْثُ لَا يَحْتَسِبُ[6]  - އިސްތިޣުފާރުކުރުމަށް ކަށަވެތިވެފައިވާ މީހާއަށް ކޮންމެ ދަތި ކަމަކުން ބޭރަށް ނުކުމެވޭނެ މަގެއް ލައްވާނެއެވެ. އަދި ކޮންމެ ކަންބޮޑުވުމެއް ފިއްލަވައިދެއްވާނެއެވެ. އަދި އޭނާ ހީނުކުރާ ގޮތްގޮތުން ރިޒްޤު ދެއްވާނެއެވެ.)

ދަތިކަމެއް ކުރިމަތިވެއްޖެ ނަމަ، ކައު ރަސޫލާ صلى الله عليه وسلم ކުރެއްވި ދުޢާއަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ އަދާތެކެވެ. ލޮބުވެތި ރަސޫލާ صَلى الله عَلَيه وسَلم ދުޢާފުޅުކުރައްވައި ވިދާޅުވިއެވެ. (اللهُمَّ ‌لَا ‌سَهْلَ ‌إِلَاّ ‌مَا ‌جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزْنَ  سَهْلاً إِذَا شِئْتَ – ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ލުއިކޮށް ދެއްވި ކަމެއް މެނުވީ ލުއިވެގެން ނުވެތެވެ. އަދި އިބަރަސްކަލާނގެއީ އިބަރަސްކަލާނގެ އިރާދަކުރައްވައިފި ނަމަ ބުރަ ކަންކަން ލުއިކޮށްދެއްވާ ރަސްކަލާނގެއެވެ.)

އިމްތިޙާނު ހަދަމުންދަނިކޮށް ތަންކޮޅެއް ހަނދާން ނެތިއްޖެ ނަމަ، މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ މި ދުޢާކިޔާށެވެ. އިބްނު ޢުމަރުގެފާނު މީހަކަށް ވިދާޅުވިއެވެ. ތިބާގެ އެއްޗެއް ގެއްލިއްޖެ ނަމަ، މި ފަދައިން ކިޔާ ދުޢާކުރާށެވެ. (اللَّهُمَّ رَبَّ الضَّالَّةِ، هَادِيَ الضَّالَّةِ، تَهْدِي مِنَ الضَّلَالَةِ، رُدَّ عَلَيَّ ضَالَّتِي بِقُدْرَتِكَ وَسُلْطَانِكَ مِنْ عَطَائِكَ وَفَضْلِكَ [7]- ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބްރަސްކަލާނގެއީ ގެއްލިފައިވާ އެތީގެ ވެރި ރަސްކަލާނގެއެވެ. ގެއްލިފައިވާ އެތި ހޯއްދަވައިދެއްވާ ރަސްކަލާނގެއެވެ. އިބަރަސްކަލާނގެ މަގުފުރެދުމުން ތެދުމަގު ދައްކަވަމުއެވެ. އިބަރަސްކަލާނގެއީ ދެއްވުމަށް ކުޅަދުންވަންތަ ބާރުވެރިވަންތަ ރަސްކަލާނގެއެވެ. މި އަޅާއަށް ގެއްލިފައިވާ އެތި އަނބުރައި ލިބޭނެ ގޮތް ހައްދަވައިދެއްވާނދޭވެ!)

 

ލަފުޒެއްގެ މާނަ:

އަދާތު      ނ.     (1) އާލަތް. tool (2) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލަތް.  Tools

 

މަރުޖާ:

[1]  - غافر: 60

[2]  - البقرة: 282

[3]  - أخرجه ابن حبان (٨٢)، والنسائي في ((السنن الكبرى)) (٧٨١٨)، والطبراني في (٩٠٥٠) وابن ماجه (٣٨٤٣)

[4]  - أخرجه الترمذي (٤٧٩) واللفظ له، وابن ماجه (١٣٨٤)، والحاكم (١١٩٩)

[5]  - الإسراء: 80

[6]  - أخرجه أبو داود (١٥١٨) والنسائي في ((السنن الكبرى)) (١٠٢٩٠)، وابن ماجه (٣٨١٩) އިސްތިޣްފާރުކުރުމަށް ކަށަވެތވެތިވި މީހާއަށް وأحمد (٢٢٣٤) ، والطبراني (١٠/ ٢٨١) (١٠٦٦٥) 

[7]  - رواه الطبراني في "المعجم الكبير" (12 / 340)، وفي "الأوسط" (5 / 43)، وفي "الصغير" (1 / 394)

ކޮމެންޓު