ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
8 ނޮވެންބަރު 2026
މި މަގާލުގައިވާ ތަސްވީރުން އެ ފެންނަނީ ބިން މުހައިދީއެވެ. އޭނާއަކީ ފަރަންސޭސީންގެ އަތް ދަށުން އަލްޖީރިޔާއަށް މިނިވަންކަން ހޯދައިދިނުމުގެ ހަނގުރާމައިގެ އެންމެ އިސް އެއް ބަތަލެވެ. ފަރަންސޭސީން އޭނާ ހައްޔަރުކޮށް އޭނާއަށް އަނިޔާދީ، އޭނާގެ އުމުރުން 34 އަހަރުގައި، 1957 ވަނަ އަހަރު، އޭނާ ޝަހިދުކޮށްލިއެވެ. ތިރީގައި އެ ވަނީ އޭނާއަށް ނިސްބަތް ކުރެވޭ ބަސްކޮޅެކެވެ.
1. އޭނާ ހައްޔަރުކޮށްގެން ޖަލަށް ގެންދިޔަ މަގުމަތީގައި ފަރަންސޭސީންގެ ރިޕޯޓަރަކު، އޭނާއަށް މަލާމާތްކޮށް އޭނާ ދެރަކޮށްލުމުގެ ގޮތުން ބުންޏެވެ: [ބާޒާރުކުރަން ގެންގުޅޭ ވަށިތަކުގައި ބޮން ފޮރުވައިގެން އަންހެނުން ލައްވައި އާންމުންގެ ތެރޭގައި ގޮއްވުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟] މި ސުއާލުގެ ޖަވާބުގައި ބިން މުހައިދީ ވިދާޅުވިއެވެ: [ކަލޭމެން އަތުގައި ހުރި ކަނޑިޔާއި ބަޑިޔާއި މަތިންދާ ބޯޓާއި އަދި އެހެނިހެން ވެސް ހަތިޔާރު އަހަރުމެންނަށް ދޭށެވެ. އޭރުން އަހަރުމެންގެ ބޮން ވަށިތައް ކަލޭމެންނަށް ދޭނަމެވެ.]
2. މުހައިދީގެ މަންމައާ މުޚާތަބުކޮށް އޭނާ ވިދާޅުވިއެވެ: [މަންމާއެވެ! "އަލްޖީރިޔާ" މިނިވަންވުމަށް ފަހު، އަޅުގަނޑު ދިރި ހުރެއްޖެ ނަމަ، އެތައް ކުދީންނެއް އަޅުގަނޑު އުފަންކުރުވާނަމެވެ. ނަމަވެސް، އޭގެ ކުރީން އަޅުގަނޑު މަރުވެއްޖެ ނަމަ، އަލްޖީރިޔާގެ ހުރިހައި ދަރީންނަކީ ވެސް މަންމަގެ ކުދީންނެވެ.]
3. [އަހަރެންގެ ނިކަމެތި ހަށިގަނޑު އަހަންނަށް ޚިޔާނަތްތެރިވޭތޯ ބަލައިލުމަށް ޓަކައި ވެސް އަހަރެންގެ ހަށިގަނޑަށް އަނިޔާލިބޭން އަހަރެން ބޭނުމެވެ.]
4. އަދި، ފަރަންސޭސިންނާ މުޚާތަބުކޮށް އިތުރަށް އޭނާ ވިދާޅުވިއެވެ: [ކަލޭމެން ބަލިވާނެއެވެ. އެހެނީ ކަލޭމެން ބޭނުންވަނީ، އެ ތާރީޚުގެ ފުރޮޅުގެ ދަށުގައި ކަލޭމެން ޗިސްވެ، ކަލޭމެން ނެތިކޮށްލާނޭ ތާރީޚުގެ ފުރޮޅު ހުއްޓައިލުމަށެވެ. އަދި، ކަލޭމެން ބޭނުންވަނީ، މުޅަވެ ކުނިވެފައިވާ އެ ތާރީޚަކަށް ނިމުން އަންނާނޭކަމަށް ޒަމާން ކަނޑައަޅައިފައިވާ ތާރީޚެއްގެ ފަސްބައިގައި އެލިގަނެގެން އޮތުމަށެވެ. އަހަރެން މަރުވެއްޖެ ނަމަ، އަހަރެންގެ ފަހުން މި ހަނގުރާމަ ކުރިއަށް ގެންދާނޭ އަލްޖީރިޔާގެ އެތައްއެތައް ބަޔަކު އަންނާނެއެވެ. އެހެންވެ، އާޚިރުގައި ކާމިޔާބުލިބޭނީ އަހަރުމެންނަށެވެ. އެހެނީ އަހަރުމެން ތަމްސީލުކުރަނީ ފަހި މުސްތަގުބަލެވެ.]
އާދޭހެވެ! މަތީގައި ލިޔެވި ދިޔައީ ގައުމު ދެކެ ލޯބިވާ، ގައުމަށް އިޚުލާސްތެރި ބަތަލުންގެ ވާހަކަ ހުންނަ ގޮތުގެ މިސާލެކެވެ. އިޒުރޭލުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ އޭރިއަލް ޝަރޯނު ބުނާ ފަދައިން ފައިސާ ފޮއްޗަކަށް ގައުމު ވިއްކައިލާ ފަދަ މީހެއްގެ ވާހަކައެއް ނޫނެވެ. ނޫނީ ފުލެޓަކަށް ނުވަތަ އެހެން ކޮންމެ ވެސް އަމިއްލަ މަސްލަހަތެއް ހާސިލުކުރުމުގެ ގޮތުން މައިން ބަފައިންނާއި އަމިއްލަ ތުއްތު ދަރީންގެ ހަށި ވެސް ވިއްކައިލައި ގުރުބާންކޮށްލާ ކަހަލަ މީހުންގެ ވާހަކަތައް ހުންނަ ގޮތާ މުޅީން ޚިލާފު ވާހަކަކޮޅެކެވެ.