ad_banner
ރާއްޖޭގެ ކޮންމެ ރަށެއްގައި ޤުރުއާނުގެ މަރުކަޒެއް: މާވަށު ގޮފި ހުޅުވުން.

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

7 ނޮވެންބަރު 2026

ކީރިތި ޤުރުއާނަކީ ދިވެހިރާއްޖޭގެ ދީނީ ވަޙުދަތާއި، އިސްލާމީ އަސްލުތަކުގެ އެންމެ މުހިންމު ބިންގަލެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ހުރިހައި ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށް، ޤުރުއާނުގެ ޢިލްމު ރާއްޖޭގެ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަކީ ރައްޔިތުންގެ ދީނީ އަދި ރޫޙާނީ ތަރުބަވީ ކުރިއެރުމަށް ޓަކައި ސަރުކާރުން ގެންގުޅުއްވާ އެންމެ މުހިންމު އެއް ސިޔާސަތެވެ. މި ވައުދު ފުއްދުމަށާއި، މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފުޅާކުރުމަށް ޓަކައި މުހިންމު މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އަދި އަންނަނީ ކުރަމުންނެވެ. މިއީ ދިވެހިރާއްޖޭގެއިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް އިސްލާމީ ހަރުދަނާ ޖީލެއް ބިނާކުރުމަށް ޓަކައި ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަން ކަށަވަރެވެ.

1. ރަށްރަށުގައި މަރުކަޒުގެ ގޮފިތަކާއި ކުލާސްތައް ގާއިމުކުރުން

ޤުރުއާނުގެ ޢިލްމު ހޯދުމަށް މާލެއަށް ހިޖުރަކުރަންޖެހޭޖެހުން ކުޑަކޮށް، ރަށްރަށުގައި ތިބެގެން ރަނގަޅު ފެންވަރެއްގައި ޤުރުއާން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އަތޮޅުތަކުގެ ހުރިހައި ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ބާރު އިސްޕީޑެއްގައި ކުރިއަށް ގެންދެވެއެވެ. މި ގޮފިތައް މެދުވެރިކޮށް ރީތިކޮށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ކޯސްތަކާއި، ތަޖުވީދުގެ ހަމަތަކާއެކު ޤުރުއާން އުނގަންނައިދޭ ކޯސްތައް ހިންގަމުން ގެންދެއެވެ.

މި ޚާއްޞަ ޕްރޮގްރާމުގެ ދަށުން ހައްދުންމަތީ މާވަށުގައި ވެސް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް (ލ. މާވަށު ގޮފި)ގެ ނަމުގައި ވަނީ ހުޅުއްވައިދެއްވައިފައެވެ. ވެހެމެނުންދިޔަ ތުނި ވާރޭތެރޭގައި އިއްޔެ ހަވީރު 4:00ގައި މި މަރުކަޒު ހުޅުއްވައިދެއްވުމުގެ ގޮތުން ކީރިތިޤުރުއާނާ ބެހޭ މަރުކަޒުގެ ދިދަ ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނާއިބު އަލްއުސްތާޒު ޢަބްދުލްޤަފޫރު އަޙުމެދެވެ. ޤައުމީ ދިދަ ނަންގަވައިދެއްވީ މާވަށު ކައުންސިލުގެ ރައީސް އަލްފާޟިލް އަޙުމަދު މޫސާއެވެ. ނަންބޯޑުގެ ފީތާފަށް ކަނޑުއްވައިދެއްވީ ވެސް މި ދެ ބޭފުޅުންނެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިސް ބައެއް ބޭފުޅުންނާއި މާވަށު ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިސް ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ. 

 

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މާވަށު ގޮފި ހުޅުވުމަށް ޓަކައި މާވަށު ކައުންސިލުން ވަނީ ވަރަށް ބޮޑު ވުނައެއް ކޮށްފައެވެ. އަދި ޤުރުއާނާ ބެހޭ މަރުކަޒާގުޅިގެން ކައުންސިލުން ކުރެއްވި މަސައްކަތްކަތުގައި ކިރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވެސް ވަރަށް ގިނަ ދީލަތި އެހީތަކެއްވަނީ ދެއްވައިފައެވެ.

މި ވަގުތު މި ގޮފީގައި ހުރީ، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ދެއްވައިފައިވާ މުދައްރިސެކެވެ. އެއީ ޕާކިސްތާނުގެ ރައްޔިތެއްކަމުގައިވާ ޙާފިޡެކެވެ.

މި ޕްރޮގްރާމުގެ ދަށުން ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ހައްދުންމަތީގައި ގާއިމުކުރާ އިތުރު ގޮތްޕެއް މިއަދު މެންދުރުކުރީގެ ވަގުތެއްގައި ހައްދުންމަތީ ގަމުގައި ހުޅުވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

2. ތަޢުލީމީ ފެންވަރު މަތިކުރުމާއި މުދައްރިބުން ތަމްރީނުކުރުން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤުރުއާން ކިޔަވައިދޭ މުދައްރިބުންގެ ފެންވަރު މަތިކުރުމަކީ ޤުރުއާނުގެ ޢިލްމު ފެތުރުމަށް އެޅޭނެ އެންމެ މުހިންމު ބިންގަލެވެ. މިގޮތުން ޤުރުއާނުގެ ޢިލްމުގެ އެކި ފެންވަރުގެ ސެޓްފިކެޓް، ޑިޕްލޮމާ އަދި ޑިގްރީ ފެންވަރުގެ ކޯސްތައް އޮންލައިންކޮށާއި ރަށްރަށުގައި ތިބެގެން ފުރިހަމަކުރެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިދެއްވައިފައެވެ. މީގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ޤާބިލު އަދި ފަންނީ މުދައްރިބުން އުފެދި، ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ޤުރުއާން އުނގެނުމުގެ މަގު ފަހިވެގެންދެއެވެ.

3. ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުން

ޤުރުއެނަށް ޝައުޤުވެރިކަން އުފެއްދުމާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކާއި ރީތިކޮށް ކިޔަވާ ކުދިން އުފެއްދުމަށްޓަކައި ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި ޤުރުއާން މުބާރާތްތައް ބޭއްވުން އިތުރުކުރެވިފައިވެއެވެ. މިއީ ޒުވާނުންނާއި ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އަންނަ ލޯތްބާއި އެ ޢިލްމު ހޯދުމަށް އޮންނަ ޝައުޤުވެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދާ ކަމެކެވެ.

ޤުރުއާނުގެ ޢިލްމު ކުރިއަރުވައި ތަރައްގީކުރުމުގެ ގޮތުން ޤައުމީ ޤުރުއާން މުބާރާތަކީ ދިވެހިރާއްޖޭގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތްކަމުގައިވަނީ ހަމަޖައްސަވައިފައެވެ. އަދި ޤުރުއަން މުބާރާތުން އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ބޭނުން ގައުމެއްގައި ބޭނުން ރޮނގަކުން ބޭނުން ފެންވަރަކަށް ކިޔެވުމުގެ ހިލޭ އިސްކޯލާޝިޕް ވަނީ ތަޢާރަފުކުރައްވައިފައެވެ.

މީގެ އިތުރަށް ޙާފިޒުން އިތުރުކުރުމުގެ ގޮތުން ޙާފިޒުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ސަރުކާރުން ހިންގެވުމާއި ޙާފިޒުންނަށް ދެއްވާ އެލަވަންސް ބޮޑުކުރެއްވުމަކީ ވެސް ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަން ހާމަވާ ކަންކަމެވެ.

ޚުލާސާގޮތުން ދަންނަވާނަމަ، ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމުކޮށް، ޤުރުއާނުގެ ޢިލްމު މުޅި ރާއްޖެއަށް ފެތުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކަކީ ދިވެހި މުޖުތަމައު ދީނީ، އަޚުލާޤީ އަދި ރޫޙާނީ ގޮތުން ބިނާކުރުމަށް އެޅޭ އެންމެ ހަރުދަނާ އެއް ބިންގަލެވެ. މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ޤުރުއާނަށް ލޯބިކުރާ ޖީލުތަކަކަށް ވަރަށް ފަހި ފުރުސަތުތަކެއް ހުޅުވޭނެއެވެ.

 

ލަފުޒެއްގެ މާނަ:

ވުނަ   ނ.    ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ. investment

ކޮމެންޓު