ad_banner
ވެށްޓަކީ އިލާހީ ނިޢުމަތެއް . . . އިންސާނީ މަސްއޫލިއްޔަތެއް (2)

އޒ. އިބްރާހީމް ރަޝީދު މޫސާ

6 ނޮވެންބަރު 2026

(2026 ނޮވެންބަރު 02ވަނަ ދުވަހުގެ އަދަދާ ގުޅޭ)

ވެށި ޙިމާޔަތްކުރުމަކީ ދީނީ ވާޖިބެއް

ކީރިތި ޤުރްއާން މީސްތަކުންނަށް އިޞްލާޙުވުމަށް ގޮވައިލައިފާ ނިންމައެއް ނުލަތެވެ. ޞަރީޙަ ސާފު ބަހުން ފަސާދަކުރުން ނަހީކުރިއެވެ. ޤުދްރަތީ މުއްސަނދިކަމަށާއި ދިރޭ އެއްޗެއްސަށް ގެއްލުންދިނުން މަނާކުރިއެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރެއްވިއެވެ. (وَلَا تُفْسِدُوا۟ فِى ٱلْأَرْضِ بَعْدَ إِصْلَٰحِهَا  - ބިން إصلاح ކުރެއްވުމަށް ފަހު، ތިޔަބައިމީހުން އެ ބިމުގައި ފަސާދަ ނުކުރާށެވެ!) 

އަރަހުށި މާތް ﷲ ގެ އެހެން ބަސްފުޅެއް ބުނާ ގޮތުގައި އެކަލާނގެ ފަސާދަކުރާ މީހުން ދެކެ ލޯބިވެވޮޑިނުގަންނަވަތެވެ. ( وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ  - ފަހެ، فساد ކުރާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.)   

މާތް ﷲ މި ބިން ފަސާދަކުރުމަށް މަސައްކަތްކުރުން ވަނީ ނަހީކުރައްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (وَلَا تَعْثَوْا۟ فِى ٱلْأَرْضِ مُفْسِدِينَ ‎  - އަދި فاسد ން ކަމުގައިވެ ތިބެ، ތިޔަބައިމީހުން ބިމުގައި فساد ނުކުރާށެވެ!)       

އިއްޔެގެ ވެސް އަދި މިއަދުގެ ވެސް ޙާލަތު ބަޔާންކުރައްވައި ޢަލީމުވަންތަ ރަސްކަލާނގެ ވަޙީކުރެއްވިއެވެ. (ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ  - މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް عملގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން ރަނގަޅު ގޮތަށް رجوع ވުމަށް ޓަކައެވެ.)  މާތް ﷲ މި އާޔަތުގައި ފަސާދައާއި ޚަރާބު މި ނިސްބަތްކުރައްވަނީ މީސްތަކުންގެ އަތްތަކަށެވެ. މިއީ މާތްﷲ ދެއްވައިފައިވާ އިންޒާރެކެވެ. އެފަދަ  ޢަމަލުތައް ހުއްޓައިލުމަށް އަންގަވައިފައިވާ ބަސްފުޅެކެވެ. އެއީ ހަމައެކަނި ޢުޤޫބާތެއްނޫނެވެ.

ފަސާދައާއި ޚަރާބުގެ ޒަމާނީ ބައެއް ބާވަތްތައް

މި ޒަމާނުގެ ފަސާދައިގެ ބާވަތްތަކަށް ބަލާއިރު ފެނާއި ވައި ވިސަޑުކުރުން ވެއެވެ. މަގުމައްޗަށާއި ނަރުދަމާ ތެރެއަށް ކުނި އުކައިލުމާއި ،ޖައްވު ނުސާފުވެ ކިލަބުވާ ގޮތަށް ކުނި އެންދުމާއި ، ގަސްގަހާގެއްސާއި ދަނޑުތައް ހަލާކުކުރުމާއި، މަސްހިފުމުގެ މަސައްކަތުގެ ތެރޭގައި ދައުއަޅައިގެން ކަނޑުކެހުމާއި ،ޤުދްރަތީ މުއްސަނދިކަމުގެ ބޭނުން އަނަފާކުރުމާއި ، މީސްތަކުންނަށާއި ޖަނަވާރުންނަށް އުނދަގޫވާގޮތަށް އަޑުގަދަކުރުމާއި ، ޙިމާޔަތްކުރެވިފައިވާ ތަންތަނަށް ގެއްލުން ލިބިދޭ ފަދަ ޢަމަލުތައް ކުރުން ވެއެވެ.

ކައު ރަސޫލާ ﷺ ވަނީ މި ކަންކަމާ ބެހޭ އާންމު އުޞޫލެއް ބަޔާންކުރައްވައިފައެވެ. އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (لاَ ضَرَرَ وَلَا ضِرَارَ  - ގެއްލުން ލިބުމެއް އަދި ގެއްލުން ދިނުމެއް ނެތެވެ.) މި ބަސްފުޅުގައި އެކަލޭގެފާނު ކަނޑައަޅުއްވާ މި އަންގަވާ އުޞޫލަކީ ފިޤްހީ ގާއިދާއެކެވެ. އެއްވެސް މީހަކު އޭނާގެ ނަފުސަށް ނުވަތަ އެހެން މީހަކަށް ނުވަތަ އާންމު މަޞްލަޙަތަކަށް ގެއްލުން ލިބިދާނެ އެއްވެސް ކަމެއް ނުކުރުމަށް މި ވަނީ އަންގަވައިފައެވެ. ޢަމަލީ ގޮތުން މިއީ މި ޒަމާނުގެ ޤާނޫނުތަކަށް ވުރެ މާ ފުރިހަމަ ޤާނޫނެކެވެ. ކުރު ޢިބާރާތަކުން ޙަދީސްކުރެއްވި ބަސްފުޅެކެވެ.

އާންމު ތަންތަން ހަޑިމުޑުދާރުކުރުން މަނާކުރައްވައި ޙަދީސްކުރެއްވިއެވެ. (اتَّقُوا اللَّاعِنَيْنِ قَالُوا: وَمَا اللَّاعِنَانِ يَا رَسُولَ اللَّهِ؟ قَالَ:  الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ –  ލަޢުނަތްލެވޭ ދެ ކަންތަކާ ތިޔަބައިމީހުން ދުރުހެލިވާށެވެ! އެބައިމީހުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ލައުނަތްލެވޭ ދެ ކަމަކީ ކޮބައިތޯއެވެ ޙަދީސްކުރެއްވިއެވެ. އެއީ މީހުން ހިނގާބިނގާވެ އުޅޭ މަގުތައް މައްޗަށް ނުވަތަ މީސްތަކުން ހިޔާވުމަށް ވަންނަ ތަންތަނަށް ޤަޟާޙާޖަތްކުރުމެވެ.)

ނުހިނގާ ފެންގަނޑުގަނޑަށް ކުޑަމުދިޔުން ރަސޫލުﷲގެފާނު މަނާކުރެއްވިއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. (لا يَبولَنَّ أحَدُكُم في الماءِ الدَّائِمِ الذي لا يَجري، ثُمَّ يَغتَسِلُ فيه   -ތިޔަބައިމީހުންކުރެ މީހަކު ނުހިނގާ ފެންގަނޑުގަނޑަށް ކުޑަކަމުނުދާހުށިކަމެވެ. އަދި ކުޑަކަމު ދިޔުމަށް ފަހު އެ ފެންގަނޑުން ފެންނުވަރާ ހުށިކަމެވެ.) މިއީ ވެޔޮތަކާއި  ކުޅިތައް ފަދަ ފެންގަނޑުތައް ވިސަޑުވިޔަނުދިނުމަށް ޓަކައި އަދި އެފަދަ ފެންގަނޑުތަކުގެ ބޭނުން ހެޔޮގޮތުގައި ކުރެވޭނެ މަގުތަނަވަސްކޮށްދެއްވުމަށް ޓަކައި މަނާކުރައްވައިފައިވާ ކަމެކެވެ.

•ޙަރަމްފުޅުގެ ގަސްތައް ކެނޑުމާއި މި ސަރަހައްދުގައި އުޅޭ ޙައިވާނުންނާއި ދޫނިސޫފާސޫފި ފެއްސުން މަނާކުރެއްވިއެވެ. ކީރިތި ރަސޫލާ ވަނީ މަދީނާގައި ވެސް ގަސްކެނޑުން މަނާކުރައްވައިފައެވެ. މިއީ "ޙިމާޔަތްކުރެވިފައިވާ ސަރަޙައްދު"ގެ މަފްހޫމެވެ. ކައު ރަސޫލާ ﷺ މި ވަނީ މި މަފުހޫމު މީގެ ފަނަރަ ސައްތަ އަހަރުކުރިން މުސްލިމުންނަށް ތަޢާރުފުކޮށްދެއްވައިފައެވެ.  ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (مَنْ قَطَعَ سِدْرَةً صَوَّبَ اللهُ رَأْسَه فِي النَّارِ   - ބޭނުމެއްނެތި ކުންނާރު ގަހެއް ކަނޑައިލި މީހާގެ ބޯ ، މާތް ﷲ ނަރަކައަށް މިސްރާބުކުރައްވާނެއެވެ.) ކީރިތި ރަސޫލާގެ މާތް ޚަލީފާއިން ހިންގަވައިފައިވަނި މި މަންހަޖުގެ މަތީގައެވެ. އަބޫބަކްރުގެފާނު އިސްލާމީ ލަޝްކަރަށް ވަޞިއްޔަތްކުރައްވަމުން ވިދާޅުވިއެވެ. (لَا تَقْطَعُوا شَجَرَةً مُثْمِرَةً، وَلَا تُخَرِّبُوا عَامِراً، وَلَا تَعْقِرُوا شَاةً وَلَا بَعِيراً إِلَّا لِمَأْكَلَةٍ – ތިޔަބައިމީހުން މޭވާ ގަންނަ ގަހެއް ނުކަނޑާށެވެ! އަދި ބިނާތައް ހަލާކުނުކުރާށެވެ! އަދި ކެއުމަށް މެނުވީ ކަންބަޅިއެއް އަދި ޖަމަލެއް ކަތިނުލާށެވެ! ) ހަނގުރާމައިގެ ވަގުތުގައި ވެސް ކައު ރަސޫލާއާއި އެކަލޭގެފާނުގެ ޚަލީފާއިން މި ވަނީ މި ކަންކަން މަނާކުރައްވައިފައެވެ. ވީމާ ސުލްޙަމަލަސްކަމާއި އަމާންކަމުގެ ވަގުތުގައި  މިފަދަ ކަންކަން ކުރުމާ މަާބޮޑަށް ދުރުހެލިވާން ޖެހޭނެއެވެ.

ވެށި ރައްކައުތެރިކުރުމަކީ މުޖްތަމަޢުގެ މަސްއޫލިއްޔަތެއް

އިސްވެ ދިޔަ ވާހަކަތަކުން އެނގެނީ ވެށި ރައްކައުތެރިކުރުމަކީ ހަމަ އެކަނި ފަރްދީ ޒިންމާއެއްނޫން ކަމެވެ. ބަދިގެތަކުގެ ދުންހޮޅިތަކުން އަރާ ދުންތަކާއި ގެނދަބުޅިތަކުން ޚަރާބުވެ ނުސާފުވާނީ އެންމެ މީހެއްގެ ގެއެއް ނޫނެވެ. އެންމެ މީހެއްގެ ފުއްޕާމެއެއްނޫނެވެ. އަވަށެއްގެ ކުނިބުނިތަކުން ވިސަޑުވަނީ އެންމެ ގެއެއްގެ ބޯފެންވަޅެއް ނޫނެވެ. އެންމެ ރަށެއްގެ ވެޔޮތަކެއްނޫނެވެ. އެންމެ ރަށެއްގެ ކޯރެއްނޫނެވެ. މިއަދު އަޅުގަނޑުމެން ބޭކާރަށް ހުސްކޮށްލާ ފެންވަޅުގެ ނުބައި އަސަރު ކުރިމަގުގެ މުޅި ޖީލަށް ކުރާނެއެވެ. އެހެންކަމުން ވެށި ރައްކައުތެރިކުރެވޭނީ އެ ކަމަށް ޓަކައި އެންމެން އަތުގުޅައިލައިގެންނެވެ. މާތް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَتَعَاوَنُوا۟ عَلَى ٱلْبِرِّ وَٱلتَّقْوَىٰ ۖ وَلَا تَعَاوَنُوا۟ عَلَى ٱلْإِثْمِ وَٱلْعُدْوَٰنِ  - އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! )ކައު ރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. (كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ  – ތިޔަބައިމީހުންކުރެ ކޮންމެ  މީހަކީ  ބަލައިބެލެހެއްޓުންތެރިއެކެވެ.އަދި ބަލައިބަލަހައްޓާ ކޮންމެ މީހަކު އޭނާ ބަލައިބެލެހެއްޓި އެއްޗަކަށް މަސްއޫލުވާންޖެހޭނެއެވެ.)  މި ބަސްފުޅުތަކުން އެނގޭ ގޮތުގައި މަސްއޫލިއްޔަތު މި  އޮތީ ދާއިރާތަކަށް ބައްސަވައިފައެވެ. ގައުމުގެ އިސްވެރިޔާ ގައުމުގެ ރައްޔިތުން ބަލައިބަލަހައްޓަން  ޖެހޭނެއެވެ. އޭނާ  މި ރައްޔިތުން ބެލެހެއްޓި ގޮތާބެހޭގޮތުން ޤިޔާމަތްދުވަހުން ސުވާލުކުރައްވާނެއެވެ. ފިރިމީހާ އޭނާގެ އަނބިމީހާއާއި ދަރީންނަށް އަޅައިލި ގޮތާބެހޭ ގޮތުން ސުވާލު ކުރެވޭނެއެވެ. އަނބިމީހާ އޭނާގެ ފިރިމީހާގެ ދަރީންނާއި މުދާތައް ބެލެހެއްޓިގޮތާ މެދު ސުވާލުކުރެވޭނެއެވެ. ޚާދިމުމީހާ އޭނާގެ ސާހިބު މީހާގެ މުދާ ބެލެހެއްޓި ގޮތާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ. މަދުރަސާގެ ވެރިންނާއި މުދައްރިސުން އެމީހުންގެ ޒިންމާތައް އަދާކުރިތޯ ބައްލަވާނެއެވެ. ވެށްޓަކީ އެ ތަނާމެދު އެންމެން މަސްއޫލުވާން ޖެހޭ ތަނެކެވެ. އެތަނުގެ ބޭނުން އެންމެން ކުރާތީއެވެ.

ވެށްޓާ ބެހޭ ފައްސި ކުޑަކުޑަ ޢަމަލަކީ ވެސް  އީމާންކަމުގެ ގޮފިތަކުގެ ތެރޭގައި ލައްވައިފައިވާ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީސް ކުރެއްވިއެވެ. (الإيمانُ بِضعٌ وسبعونَ شُعبةً أعلاها شَهادةُ أنْ لا إلهَ إلّا اللهُ وأدناها إماطةُ الأذى عن الطَّريقِ  – އީމާންކަން ހަތްދިހަ އެތައް ގޮތްޕަކަށް ބެހިގެންވެއެވެ. އެންމެ މަތީ ގޮތްޕަކީ لا إلهَ إلّا اللهُ - ﷲ ފިޔަވާ އެހެން އިލާހަކުނުވާ ކަން - ޤަބޫލުކުރުމެވެ. އެންމެ ތިރި ގޮފިގަނޑަކީ މަގުމަތީގައި އުނދަގޫވާ ގޮތަށް އޮންނަ އެތިކޮޅު އެއްފަރާތް ކުރުމެވެ.) އަދި ކިއެއްތޯއެވެ؟ މަގުމަތީގައި ހިނގާ މީހުންނަށް އުދަނގޫވާ ގޮތަށް އެލިފައި އޮންނަ ގޮފިގަނޑު ކަނޑައިލާ މީސްތަކުން މި އުނދަނގުލުން ސަލާމަތްކޮށްދިން މީހާ ސުވަރުގެ ވައްދަވާނެ ކަމުގެ ހެޔޮޚަބަރު ވަނީ ދެއްވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (لقَدْ رَأَيْتُ رَجُلًا يَتَقَلَّبُ في الجَنَّةِ، في شَجَرَةٍ قَطَعَها مِن ظَهْرِ الطَّرِيقِ، كانَتْ تُؤْذِي النّاسَ  - މަގުމަތީގައި މީސްތަކުންނަށް އުދަނގޫވާ ގޮތަށް ހުރި ގަހެއް ކަނޑައިލި މީހާ ސުވަރުގޭގައި ޙަރަކާތްތެރިވަމުން ދިޔަ ތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ) ކުޑަކުޑަ މަސައްކަތަކެވެ. ދިހަވަރަކަށް މިނެޓުވެސް ހޭދަ ނުވާނެތެވެ. އެހެނަސް އޭނާއަށް މި ކަމުގެ ސަބަބުން ސުވަރުގެ ވަދެވުނީއެވެ. އެއީ ކީއްވެގެންތޯއެވެ؟ އެހެން މީހުންނަށް ޓަކައި ކޮށްދިން ކަމަކަށް ވީތީއެވެ. އޭނާގެ ނަފުސަށް ކޮށްދިން ކަމަކަށް ނުވީތީއެވެ.

މިއާ ޚިލާފަށް މީހުންނަށް ދުއްތުރާކޮށް ވެށި ހަލާކުކުރާ މީހާއަށް ވަނީ ލަޢުނަތް ލައްވައިފައެވެ. އިސްވެ ބަޔާންކުރި ޙަދީސެއްގައި އައިސްފައިވާ ފަދައިންނެވެ. އެކަލޭގެފާނު މި ޙަދީސްފުޅުގައި  މި އަންގަވަނީ މީސްތަކުން ލަޢުނަތްދޭ ދެ ކަމަކާ ތިޔަބައިމީހުން ދުރުހެލިވާށެވެ. ތަކުރާރުކޮށްލާނަމެވެ.ރަސޫލުﷲގެފާނު ޙަދީސް ކުރެއްވިއެވެ.( اتَّقُوا اللَّاعِنَيْنِ قَالُوا: وَمَا اللَّاعِنَانِ يَا رَسُولَ اللَّهِ؟ قَالَ:  الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ –  ލަޢުނަތްލެވޭ ދެ ކަމަކާ ތިޔަބައިމީހުން ދުރުހެލިވާށެވެ! އެބައިމީހުން ދެންނެވޫއެވެ. އޭ ﷲގެ ރަސޫލާއެވެ! ލައުނަތްލެވޭ ދެ ކަމަކީ ކޮބައިތޯއެވެ ޙަދީސްކުރެއްވިއެވެ. އެއީ މީހުން ހިނގާބިނގާވެ އުޅޭ މަގުތައް މައްޗަށް ނުވަތަ މީސްތަކުން ހިޔާވުމަށް ވަންނަ ތަންތަނަށް ޤަޟާޙާޖަތްކުރުމެވެ.)

މުއައްސަސާތަކުގެ ދައުރު މުހިންމު ވަނީ މިހެންވެގެންނެވެ. ޢާއިލާއަކީ ފުރަތަމަ ވެށްޓެވެ. ކުޑަކުއްޖާއަށް މަގުމައްޗަށް ކަރުދާސްކޮޅު  އެއްލައިނުލަން ދަސްކޮށްދެނީ  މި މަދުރަސާއިންނެވެ. ފެން ނަގައިފާ ވަގުތުން އިސްކުރު ބަންދުކުރާން ދަސްކޮށްދެނީ މި މަދުރަސާއެވެ. ކާތަކެތި އިސްރާފުނުކުރާން ދަސްކޮށްދެނީ މި މަދުރަސާއެވެ.

މި އާދައާމެދު ދަރިވަރުން ހޭލުންތެރިކުރުވަނީ މަދުރަސާއިންނެވެ. އެކަމުގެ ނުބައި ނަތީޖާ އާ މެދު ދަރިވަރުން ހޭލުންތެރިކުރުވަނީ ތަޢުލީމުދޭ ތަންތަނުންނެވެ.

އާންމު ޒައުގާމެދު މީހުން ހޭލުންތެރިކުރުވަނީ މީޑިއާއިންނެވެ. މިއަދު މީޑިއާއަކީ އެންމެ ވަރުގަދަ ބާރެވެ. ނުބައި ކަންތައް ރަނގަޅު ކަންތަކަށް އަދި ރަނގަޅު ކަންތައް ނުބައި ކަންތައް ބަދަލުކޮށްލަނީ މީޑިއާއެވެ.މީހުން ވައުވެއްދުމާއި މީހުން ހެޔޮ މަގަށް ނެރެދެނީ މީޑިއާއިންނެވެ.

ވެށްޓާބެހޭ ގަވާއިދުތަކާއި ޤާނޫނުތައް ހަދާ ފަރާތްތަކާއި މި ގަވާއިދުތައް ތަންފީޒުކުރާ ފަރާތްތަކަކީ ވެށި ރައްކައުތެރިކުރުމަށް ޓަކައި އެންމެ އިސް މަސްއޫލިއްޔަތު އަދާކުރާން ޖެހޭ ފަރާތެވެ. ކީރިތި ރަސޫލާއާއި އެކަލޭގެފާނުގެ ޚަލީފާއިން ކަމުގައިވާ ޢުމަރުގެފާނާއި ޢުޘްމާނުގެފާނު އަރިހުން ރިވާވެގެންވެއެވެ. ( اللهَ ليَزَعُ بِالسُّلْطَانِ مَا لَا يَزَعُ بِالْقُرْآنِ  - މާތް ﷲ ޤުރްއާން މެދުވެރިކުރައްވާ  ހުރަސްނާޅުއްވާ ކަންތައްތައް ވެރިކަމުގެ ބާރު މެދުވެރިކުރައްވާ ހުރަސްއަޅުއްވަތެވެ. ) ވެރިކަމުގެ ބާރުގެ ސަބަބުން ވެށި ރައްކައުތެރިކުރުމާ ބެހޭ ނަސޭހަތުގެ ބަސްތައް ހަރުދަނާ ސަޤާފަތަކަށް ބަދަލުވެއެވެ. އަދި އެންމެހާ ރައްޔިތުން އެއަށް ބޯލަބައި ތަބާވާ އަމުރުތަކަކަށް ބަދަލުވެއެވެ.

ވެށި: ނިޢުމަތަށް ޝުކުރުކުރުމާއި ޖީލުތަކުގެ ޙައްޤު ރައްކައުތެރިކުރުމުގެ މައިދާން

އިސްވެ ބަޔާންކުރެވުނު ވާހަކަތަކުން ދޭހަވާ ގޮތުގައި ވެށި ރައްކައުތެރިކުރުމަކީ ދީނީ އަޚްލާޤީ އިޖްތިމާޢީ އިލްތިޒާމެކެވެ.އިންސާނާއަކީ ބިމުގައި ލައްވައިފައިވާ ﷲގެ ޚަލިފާއެކެވެ. އޭނާއަށް އަމުރުކުރެއްވިގެންވަނީ މި ބިން ޢިމާރާތްކުރުމަށެވެ. އޭނާއަށް މި ބިން ފަސާދަކޮށް ޚަރާބުކުރުން ނަހީކުރެއްވިގެންވެއެވެ. އޭނާ މި ބިމުގައި ކުރާ ކޮންމެ ޢަމަލަކާމެދު ﷲގެ ޙަޟްރަތުގައި ޤިޔާމަތްދުވަހުން ޖަވާބުދާރީވަންޖެހޭނެއެވެ.

އެހެންކަމުން މި ބިމުގައި ﷲ ލައްވައިފައިވާ ސިއްރުތައް ދެނެގަތުމަކީ ، މި މުއްސަނދިކަމާއި ޚައިރާތުތަކުން ފައިދާލިބިގަތުމަކީ، އެ ތަކެތީގެ ބޭނުން ހެޔޮގޮތުގައި ބޭނުންކުރުމަކީ އަދި މި ބިމުގައި ލައްވައިފައިވާ ކާއިނަތުތައް ޙިމަޔަތްކުރުމަކީ އަދި މި ތަކެތި ޙިމާޔަތްކުރުމަށް ޓަކައި އެއްބާރުލުމަކީ މި ބިން ޢިމާރާތްކުރުމުގެ ތަފާތު ސޫރަތްތަކުގެ ތެރޭގައި ހިމެނޭ ސޫރަތްތަކެކެވެ. މި ކަންކަމަކީ މި ނިއުމަތްތަކަށް އަދާކުރެވޭ  ޢަމަލީ ޝުކުރެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ( لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِى لَشَدِيدٌ   - ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.)

(ނިމުނީ)

 

މަރުޖާ:

1.       الأعراف:56

2.       المائدة: 64

3.       البقرة:  60

4.       الروم:  41

5.       أخرجه الشافعي في ((الأم)) (٨/٦٣٩)، ومالك في ((الموطأ)) (٢/٧٤٥) وابن ماجه (٢٣٤١)، وأحمد (٢٨٦٥)  ، والبيهقي (١١٧١٨) والدارقطني (٣/٧٧)، والحاكم (٢٣٤٥)

6.       أخرجه مسلم (٢٦٩)، وأبو داود (٢٥)، وأحمد (٨٨٥٣)، وابن حبان (١٩٩٠)

7.       أخرجه  البخاري  ( 239  239| )  و مسلم (282)   والطبراني في ((المعجم الأوسط)) (3069)

8.       المائدة: 2

9.       أخرجه البخاري (٢٥٥٤)، ومسلم (١٨٢٩)، وأبو داود (٢٩٢٨)، والترمذي (١٧٠٥)، والنسائي في ((السنن الكبرى)) (٩١٧٣)، وأحمد (٥٩٠١)  والطبراني في ((الأوسط)) (٣٥٧٦)، وأبو نعيم في ((فضيلة العادلين)) (٦)

10.    أخرجه البخاري (٢٥٥٤)، ومسلم (١٨٢٩)، وأبو داود (٢٩٢٨)، والترمذي (١٧٠٥)، والنسائي في ((السنن الكبرى)) (٩١٧٣)، وأحمد (٥٩٠١)  والطبراني في ((الأوسط)) (٣٥٧٦)، وأبو نعيم في ((فضيلة العادلين)) (٦

11.    أخرجه البخاري (٩)، ومسلم (٣٥). وأبو داود (٤٦٧٦)، والترمذي (٢٦١٤)، والنسائي (٥٠٠٥) وابن ماجه (٥٧) وابن حبان (١٩١)  وأحمد (٩٣٦١)  و الطبراني في ((المعجم الأوسط)) (٦٩٦٢)

12.    أخرجه مسلم (١٩١٤)

13.    أخرجه مسلم (٢٦٩)، وأبو داود (٢٥)، وأحمد (٨٨٥٣)، وابن حبان (١٩٩٠)

14.    الماورديُّ (ت ٤٥٠ هـ) في «أدب الدنيا والدين» (ص ١٣٥) وابن السكيت (ت ٢٤٤ هـ) في «إصلاح المنطق» (ص ١٨٥)  وابن قتيبة (ت ٢٧٦ هـ) في «أدب الكاتب» (ص ٣٤٦).والهروي (ت ٤٠١ هـ) في «الغريبين» (٦/ ١٩٩٥). والطرطوشي (ت ٥٢٠ هـ) في «سراج الملوك» (ص ٦١). وابن كثير (ت ٧٧٤ هـ) في «تفسيره» (٥/ ١١١)

وابن الأزرق الأصبحي الأندلسي (ت ٨٩٦ هـ) في «بدائع السلك في طبائع الملك» (١/ ١٠٧)

15.    إبراهيم : 7

ކޮމެންޓު