ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (30)

އައްޝައިޚު އިބްރާހީމް އަޙުމަދު

5 ނޮވެންބަރު 2026

(2026 އޮކުޓޫބަރު 18ގެ ޢަދަދާ ގުޅޭ)

އުންމަތާއި ދައުލަތާމެދު ޢިލްމުވެރީން އެއީ އެއް ބަޔެއްކަމަށް އެއްބަސްވެއެއްނުލައްވައެވެ. މި ގޮތުން ބަލާ އިރު އުންމަތަކީ ގުޅިފައިވާ އެއް ކަމެއްގެ މައްޗަށް ޖަމާވެފައިވާ އެއް ބަޔަކަށް ކިޔާނަމެކެވެ. އެބައިމީހުންނަކީ  އެބައިމީހުންގެ ހަނދާންތަކާއި އުންމީދުތަކާއި ދިރިއުޅުމުގެ ބޭނުންތައް އެއް ގޮތަކަށް ދިރިއުޅުން ކުރިޔަށް ގެންދާ ބަޔެކެވެ. އެހެންނަމަވެސް ދައުލަތަކީ  ވަޟުޢީ ޤާނޫނުގެ ތެރެއިން އެކުލެވިފައިވާ ސިޔާސީ ޔުނިޓަރީ ކިޔާނަކަށް ކިޔާ ނަމެކެވެ. މީގެ އިތުރަށް ބައެއް ބޭފުޅުން ވިދާޅުވަނީ ދައުލަތަކީ އުންމަތުގެ ޢުންޞުރުތަކުން ޢުންޞުރެކެވެ.[1]

އިސްލާމީ ދައުލަތެއްގައި ރައްޔިތުންގެ ގޮތުގައި ބެލޭ މީހުންގެ އަޞްލަކީ މުސްލިމުންނެވެ. އަދި ހަމަ އެފަދައިން ޣައިރު މުސްލިމުންވެސް ރައްޔިތުންގެ ގޮތުގައި ތިބޭނެއެވެ. މިދެންނެވި ޣައިރު މުސްލިމުންނަކީ ބައެއް ޙާލަތުގައި މުސްތައުމިނުން[2] ކަމުގައި ވެއެވެ. އަނެއްބައި ޙާލަތުގައި އެބައިމީހުންނަކީ ޒިންމީންނެވެ.[3]

އެހެންވީމާ އިސްލާމީ ދައުލަތުގައި  ރައްޔިތުން ދެބަޔަކަށް ބެހެއެވެ.  އެއީ އިސްވެ ދިޔަ ބުނުމުގައިވެސް ބަޔާން ވެފައިވާ ފަދައިން މުސްލިމުންނާއި ޣައިރު މުސްލިމުންނެވެ. މުސްލިމުންނާމެދު ޢިލްމުވެރީން ވާހަކަ ދައްކާއިރު މުސްލިމުންނަށް ލާޒިމު ކުރާ ކަންތައްތަކެއް ވެއެވެ. ޖަމާޢަތް ނުވަތަ އެއްބައިވަންތަކަން ލާޒިމު ވެއެވެ. އެހެންކަމުން އެބައިމީހުންގެ ވެރިޔާގެ އަމުރުތަކަށް ކިޔަމަންވެ މުސްލިމުންނާ ޢަދާވާތްތެރިވާ ބަޔަކާ ދެކޮޅަށް އެއްބަޔެއްގެ ގޮތުގައި އެބައިމީހުން މަސައްކަތް ކުރަމުން ދާނެއެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ޝަރުޢީ ގޮތުން އުފެދިފައިވާ ޙުކޫމަތެއްގެ ފަހަތުގައި އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަ ކަމާއެކު ދެމިތިބުމެވެ. ކީރިތި ޤުރްއާނާ ކައުއިތުރު ރަސޫލާގެ ޙަދީޘްތަކުން މުސްލިމުންގެ މައްޗަށް ލާޒިމު ކުރަނީ އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބުމަށެވެ.

މިދެންނެވި ޣައިރު މުސްލިމުން ދެބަޔަކަށް ބެހެއެވެ. އެއީ:

1-   ޒިންމީން:

2-   މުސްތައުމަނުން

ފުރަތަމަ ބައި: ޒިންމީން

މިއީ އިސްލާމީ ދައުލަތުގައި ދާއިމީ ގޮތެއްގައި ޤާއިމުވެ ތިބޭ އަހުލު ކިތާބީންނެވެ.  މިބައިމީހުންނާއި  ދައުލަތާއި ދެމެދުގައިވާ ގުޅުން ބިނާވެފައި އޮންނާނީ އެއްބަސްވެވޭ އެއްބަސްވުމުގެ ޒިންމާގެ މައްޗަށެވެ.  މިބައިމީހުންނާމެދު ޢަމަލު ކުރުމުގައި ގެންގުޅޭ ޤަވާޢިދަކީ އަހަރެމެންނަށް އޮތް ކޮންމެ ކަމަކީ އެބައިމީހުންނަށް އޮތް ކަމެކެވެ. އަދި އަހަރެމެންނަށް ވާ ކޮންމެ ކަމަކީ އެބައިމީހުންނަށްވެސް އޮތް ކަންކަމެވެ. ( لَهًمْ ماَ لَنَا وَعَلَيْهِمِ مَا عَلَيْنَا) ފަހެ އެބައިމީހުންނަށް އަހަރެމެންނަށްވާ ހުރިހައި ޙައްޤެއް ވެއެވެ. އަދި އަހަރެމެންނަށްވާ ހުރިހައި ކަމެއް ނުވަތަ ވާޖިބެއް އެބައިމީހުންނަށް ވެއެވެ.  އަދި އެބައިމީހުން ބައެއް އިސްތިޘްނާ ތަކާއެކު އިސްލާމީ ޝަރީޢަތަށް ކިޔަމަން ވާންޖެހެއެވެ.  މިދެންނެވި އިސްތިޘްނާ ތަކަށް ބަލާއިރު އެބައިމީހުންނަށް ލިބިފައިވާ ޙައްޤުތަކަކީ:

1- އެބައިމީހުންނަށް މިނިވަންކަމާއި އެކު  އަޙްވާލުއްޝަޚުޞިއްޔާގައި ހިމެނޭ އަޅުކަމާއި ޢަޤީދާއާއި ވަރި ކާވެންޏާއި ތަރިކަމުދަލާ ބެހޭ އެންމެހާ ކަންކަން އެބައިމީހުންގެ ޝަރީޢަތާ އެއްގޮތްވާ ގޮތަށް ކުރުމުގެ ފުރިހަމަ ޙައްޤެއް ލިބިފައި ވެއެވެ.

2- މުސްލިމުންނާއެކު ހަނގުރާމައަށް ނުކުތުމަށް އެމީހުންނަށް މަޖުބޫރު ކުރެވިފައެއް ނުވެއެވެ. އެއީ އެބައިމީހުން އިސްލާމީ ދައުލަތުގެ އެންމެހާ ކަންކަން ޤަބޫލު ނުކުރާތީއެވެ. އަދި ހަމަ އެޔާއެކު އެބައިމީހުންނަށް މަދަނީ ގޮތުން ލިބެންޖެހޭ ހުރިހައި ޙައްޤެއް ލިބިގެންވެއެވެ. އަދި އާންމު ހުރިހައި ބޭނުންތަކެއް ކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ.[4] ހަމަ އެފަދައިން އެބައިމީހުންނާ އެކު އެއްބަސްވެފައިވާ އެއްބަސްވުމަށް ވަފާތެރިވުމާ އިސްލާމްދީނަށް ވަނުމަށް މަޖުބޫރު ނުކުރުމާއި އެބައިމީހުންނަށް އަމާންކަމާ ޙިމާޔަތް ލިބުމާ އެހީތެރިވެ އިޙްސާންތެރި ވުމާ އެމީހުންގެ ލެޔާ މުދާ ޙުރުމަތްވެގެންވުމާ  އެމީހުންގެ ފައްޅިތައް ތަޅާ ނުހެދުމާ  ރަލާ އޫރުމަސް މުޖުތަމަޢުގެ ތެރެއަށް އެބައިމީހުން އާންމު ނުކުރާނަމަ އެބައިމީހުން އެބޭނުން ކުރުން މަނާނުކުރުމާ އެބައިމީހުންނަށް އަނިޔާވެރި ނުވުމާ އެކަށީގެންވާ ވަރަށްވުރެ ބޮޑެތި ތަކުލީފުތައް ނުޖެއްސުން ހިމެނެއެވެ.

ޒިންމީންގެ ވާޖިބުގެ ގޮތުގައި ޢިލްމުވެރީންނާއި ފަޤީހުން ބަޔާން ކުރައްވާ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި  ޖިޒުޔަ ދެއްކުމާއި ކީރިތި ޤުރްއާނާއި ﷲގެ ރަސޫލާއަށް އިޙްތިރާމު ކުރުމާއި  މުސްލިމު އަންހެނުންނަށް އެއްވެސް ކަހަލަ ގޯނާއެއް ނުކުރުމާއި ދީނީ ގޮތުން މުސްލިމުން ފިތުނަވެރި ނުކުރުމާއި ފާޅުގައި ރާބޮއި ހެދުމުން މަނާވެގަތުމާއި ފާޅުގައި ޞަލީބު އަޅައިގެން އުޅުމުން މަނާވެގަތުމާއި މުސްލިމުންނަށް ޖާސޫސް ނުކުރުން  ހިމެނެއެވެ.

ދެވަނަ ބައި: މުސްތައުމިނުން

މުސްތައުމިނުންނަކީ މުސްލިމުންގެ ކިބައިން އަމާންކަމަށް އެދިގެން އުޅޭ މީހުންނެވެ. މިއީ ޣައިރު މުސްލިމުންކުރެ އިސްލާމީ ޤައުމުތަކުގައި  ވަގުތީ ގޮތުން ދިރިއުޅެމުން ދާ މީހުންނެވެ. މިބައިމީހުންނަށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށް އުޅުމުގެ ޙައްޤު ވެއެވެ.  އަދި ވިޔަފާރިކޮށް އުޅުމުގެ ޙައްޤު އޮވެއެވެ. އަދި  މުސްލިމު ޤައުމުތަކުގެ އާންމު މަގުތަކާއި ތަންތަން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ. އަދި އެބައިމީހުންގެ މުދާ ޙިމާޔަތް ކުރެވިގެން ވެއެވެ.  އެބައިމީހުންނާ މުސްލިމުންނާ އޮންނަ ގުޅުން ކެނޑިގެން ދާނީ އިސްލާމީ ޤައުމު ދޫކޮށް އެބައިމީހުން ނުކުތުމުންނެވެ. [5]

ތިންވަނަ ރުކުން:  ސަރަޙައްދު

ރައްޔިތުންގެ ބަޔަކު  ކިތަންމެ ކުޑަޔަސް ނުވަތަ ބޮޑަސް ވަކި ބިމެއްގައި ވަޒަންވެރިވެ އެބިމަކީ ދައުލަތެއްގެ ވަކި ޢުންޞުރެއްކަމުގައިވެއްޖެ ނަމަ އެ ބިމަކަށް ނަންދެވެނީ ސަރަޙައްދުގެ ނަމުންނެވެ. އޭގައި ހަމައެކަނި ބިމުގެ ގޮތުން އޮތް ހިކިފަސްތަން އެކަންޏެއް ނުބެލެވޭނެއެވެ. އެހެންނަމަވެސް  އެ ހިކިފަސްތަނާ ގުޅިފައިވާ ފެނުގެ ސަޠަޙަ ވެސް ހިމެނޭނެއެވެ. އަދި ހަމަ އެ ފަދައިން އެ ސަރަޙައްދާއި ގުޅިފައިވާ ފަޒާ ވެސް ހިމެނޭނެއެވެ. މިއީ މި ޒަމާނުގެ އިންޓަރނޭޝަނަލް ލޯގެ އުޞޫލުތަކެވެ.[6] ދައުލަތަށް ސަރަޙައްދުގެ މައްޗަށް ލިބިފައި އޮންނަ ޙައްޤަކީ ޢައިނީ ޙައްޤެކެވެ. އެޙައްޤުގެ ދަށުން އެދަޢުލަތެއްގެ ސިޔާދަތު އެސަރަޙައްދަކަށް ފޯރުވިފައި އޮންނާނެއެވެ. އެހެންކަމުން އެސަރަޙައްދު ބެލެހެއްޓުމާއި އާންމު ފައިދާ އެސަރަޙައްދަކުން ލިބިގަތުމާއި މިއީވެސް މިބައިގެ ތެރެއިން ލިބިގެންދާނެ ކަންކަމެވެ. މިގޮތަށް އޮންނަ ސަރަޙައްދުތަކަށް އިސްލާމީ ފިޤްހީ މުޞްޠަލަޙާތުގައި އައްދާރު ނުވަތަ އަލްއިޤްލީމުވެސް ކިޔާ އުޅެއެވެ.

ސަރަޙައްދު ބެހިފައިވާ ބައިތައް

ދައުލަތެއްގެ ސަރަޙައްދު ނުވަތަ އިޤްލީމު ބެހިފައިވަނީ  މައިގަޑު ދެބަޔަކަށެވެ. އެއީ  ދާރު އިސްލާމް އަދި ދާރު ޙަރުބެވެ. އެހެންނަމަވެސް ފިޤްހު ޢިލްމުވެރީންކުރެ ބައެއް ބޭކަލުން ސަރަޙައްދު ހަތަރު ބަޔަކަށް ބައްސަވައެވެ. އެއީ ދާރު އިސްލާމާއި ދާރު ކުފުރު ނުވަތަ ޙަރުބާއި ދާރު ޢަހްދާއި ދާރު ބަޣުޔުއެވެ.

 ދާރު އިސްލާމް: މިއީ  އެ ތަނެއްގައި އިސްލާމުންގެ ވެރިކަމެއް ފާޅުވެފައިވާ ކޮންމެ ސަރަޙައްދެކެވެ.  އާންމު ފިޤްހު ޢިލްމުވެރީން ދާރުލްއިސްލާމް ތިންބަޔަކަށް ބައްސަވައެވެ. އެއީ  މައްކާއާއި މަދީނާގެ ޙަރަމާއި ޙިޖާޒު ކަރައާއި ދެން އެ ނޫން އިސްލާމުންގެ ވެރިކަން އޮންނަ ރަށްތަކެވެ.

ދާރުލްކުފުރަކީ އެ ތަނެއްގައި ކާފަރުންގެ ވެރިކަން ފާޅުވެފައިވާ ކޮންމެ ތަނެކެވެ. ނުވަތަ އެ ތަނެއްގެ އަޣުލަބިއްޔަތު  ކާފަރުންގެ އަތްމަތީގައިވާ ކޮންމެ ތަނެކެވެ. މީގައި ވެސް މައިގަނޑު ދެ ބަޔެއް ވެއެވެ. އެއީ ދާރުލްޙަރުބާއި ދާރުލްޢަހްދެވެ.[7] އެހެންނަމަވެސް ބައެއް ޢިލްމުވެރީން ވިދާޅުވަނީ މިދެންނެވި ދެބައިގެ އިތުރަށް ދާރުލް ބަޣުޔެއް ވާކަމުގައެވެ.

ހަތަރުވަނަ ރުކުން: ވެރީން ( އުލުލްއަމުރު)

 އުލުލްއަމުރަކީ މުޖުތަމަޢުގައި މަތިވެރި ދަރަޖައެއް ދެވިފައިވާ މަތިވެރި މަޤާމު ލިބިފައިވާ ފަރާތެކެވެ. ޝަރުޢުކުރައްވާ ފަރާތުން އުލުލްއަމުރާ ގުޅޭ ގޮތުން ލިބިފައިވާ ދަރަޖައާއި މަޤާމުގެ މަތިވެރިކަމާއި  މަސްއޫލިއްޔަތުގެ ބޮޑުކަމަށް ރިޢާޔަތްކުރައްވާ ދަރަޖަ އުފުއްލެވިއެވެ.  ފަހެ އޭނާގެ މަޤާމަކީ އިމާމު ކަމުގެ މަޤާމެވެ.  މިމަޤާމަކީ ދީނާއި ދުނިޔޭގެ ކަންކަން ބަލަހައްޓައި ހިންގުމަށް ނަބިއްޔާގެ ފަހުން އިސްވުމެވެ. ﷲ ތަޢާލާ މިމަތިވެރި މަޤާމު ވުލާތުލްއަމުރަށް ދެއްވެވީ  އޭނާގެ ތަޞައްރުފާތު ތަކަށް ބެއްލެވުމާއެކު އޭނާގެ ފަރާތުން ރައްކާތެރި ކުރައްވާނެ މަޞްލަޙަތަށް ބައްލަވައިފައެވެ.

މީސްތަކުންގެ ކަންކަން  ރާވައި ހިންގައި ބެލެހެއްޓޭނީ އިމާމެއްގެ ނުވަތަ ވެރިއެއްގެ ބާރުގެ ތެރެއިންނެވެ.  މިދެންނެވި އިމާމަށް ﷲ ތަޢާލާ އޭނާގެ މަސައްކަތާ ގުޅޭގޮތުން މާތްކަމާއި މަތިވެރިކަމާއި އިޙްތިރާމު ނުލެއްވިނަމަ މީސްތަކުން އޭނާއަށް އިހާނެތިކޮށް ހިތައިފީހެވެ. އަދި އެކަމުގެ ސަބަބުން މުޞީބާތާ އުދަގޫ ކުރިމަތިވީހެވެ.  އަދި ޤައުމުގައި ހަމަނުޖެހުން އާންމު ވީހެވެ.  އަދި މަޞްލަޙަތު ގެއްލިގެން ދިޔައީހެވެ. އަދި އެކަމުގެ ސަބަބުން ދުނިޔެ  ފަސާދަވެ ދީން ގެއްލިގެން ދިޔައީހެވެ.[8]

(ނުނިމޭ)

 

ލަފުޒެއްގެ މާނަ:

އުންސުރު     ނ.     އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. element

 

މަރުޖާ:

[1] http://forum.ylaa.com/t316115.html (ބެލީ 5/2/2014 ގެ 14:30 ގައި

[2]  މުސްތައުމިނުންނަކީ މުސްލިމުންގެ ކިބައިން އަމާންކަމަށް އެދިގެން އުޅޭ މީހުންނެވެ. މިއީ ޣައިރު މުސްލިމުންކުރެ އިސްލާމީ ޤައުމުތަކުގައި  ވަގުތީ ގޮތުން ދިރިއުޅެމުން ދާ މީހުންނެވެ.

 [3] http://www.ansarsunna.com/vb/showthread.php?t=37733 (ބެލީ 5/2/2014 ގެ 17:36 ގައި)

ޒިންމީންނަކީ  އިސްލާމީ ދައުލަތުގެ ވެރިކަމުގެ ދަށަށް ގޮސް އެވެރިކަމުގެ ބާރުގައި އަމާންކަން ހޯދައިގެން އުޅުމެވެ.

[4] ނުޢުމާނު ޢަބްދުއްރައްޒާޤު އައްސާމުއްރާއީ، ނިޡާމުއްސިޔާސީ ފިލްއިސްލާމް، ޞ85-86

[5] ނުޢުމާނު ޢަބްދުއްރައްޒާޤު އައްސާމުއްރާއީ، ނިޡާމުއްސިޔާސީ ފިލްއިސްލާމް، ޞ-86

[6]http://forum.ylaa.com/t316115.html   (ބެލީ 6/2/2014 ގެ 9:27 ގައި)

 [7]  ޚާލިދު ބުނު ޢަލިއްޔު ބުނު މުޙައްމަދު، ފިޤްހުއްސިޔާސަތުއްޝަރުޢިއްޔާ،( އަލްޤާހިރާ، ދާރުލްމިންހާޖު،2004) ޞ235

[8]  ޢަބްދުއްސަލާމް ބިން އިރުޖިސް، މުޢާމަލަތިލްޙުއްކާމި، ޞ 47

ކޮމެންޓު