ad_banner
ސާބިތުކަމާއި މެދުމިންކަމުގެ ގުޅުން

ޑރ. މޫސާ އަންވަރު ޙަސަން

5 ނޮވެންބަރު 2026

އިސްތިޤާމަތުގެ މާނަ:

އިސްތިޤާމަތަކީ ގޯސްވުމާއި، އެއްކިބާވުމާއި، ނުވަތަ ކަސިޔާރުވުމުގެ އިދިކޮޅެވެ. ފަހެ، "މުސްތަޤީމު" (އިސްތިޤާމަތްތެރި) އެއްޗަކީ އެއްވެސް ގޯސްކަމެއް، ނުވަތަ ކަސިޔާރުކަމެއް ނެތް ސީދާ އެއްޗެކެވެ. މިއީ މާއްދީ (ފެންނާން ހުންނަ) ކަންކަމުގައިވެސް ބޭނުންކުރެވޭ ބަހެކެވެ. މިސާލަކަށް: "މިއީ ސީދާ މަގެކެވެ. އަދި މިއީ ކަސިޔާރު (ގޯސް) މަގެކެވެ. (التعريفات للجرجاني: 37) 

އިސްތިޤާމަތަކީ އިލާހީ މަންހަޖުގައި ހިފެހެއްޓުމާއި، މާތް ﷲގެ އަމުރުފުޅުތަކުގެ މަތީގައި ދެމިހުރުމަށް ދަލާލަތުކޮށްދޭ ޖާމިޢު (ސާމިލު) ބަހެކެވެ. އެއީ ޢަމަލުތަކުގައި ދެމިހުރުމާއި، އެ ކަމަށް ޞަބަރުވެރިވުމާއި، ކަންކަން ފުރިހަމައަށް ކުރުމާއި، އަދި އެކަމުގައި ސާބިތުވެ ހުރުމުގެ ޒަރީޢާއިންނެވެ. މިއީ ރޫޙުތަކަށް ދިރުންފޯރުކޮށްދޭ ރޫޙެކެވެ. އަދި ޢަމަލުތައް އިތުރުވެ، އިޞްލާޙުވާ ޒަކާތެކެވެ. ފަހެ، އިސްތިޤާމަތާ ނުލައި ޢަމަލެއްގައި ބަރަކާތެއް އަދި ޙާލަތުގެ ޞައްޙަކަމެއް ނުވެއެވެ. އިސްތިޤާމަތަކީ އެންމެހައި ވާޖިބުތައް އަދާކުރުމާއި، ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. 

އިންސާނާގެ އިސްތިޤާމަތަކީ އޭނާ ސީދާ މަންހަޖުގައި ހިފެހެއްޓުމެވެ. އިސްލާމްދީނަކީ އިސްތިޤާމަތުގެ ދީނެވެ. އެއީ އޭގެ އަހުލުވެރީންނަށް މަތިވެރި އުޞޫލުތަކަށް ގޮވާލާ، އަދި ޢަމަލީ، ޙަޤީޤީ ސޫރައެއްގައި އެ އުޞޫލުތަކުގެ ޒިންމާ އުފުލުމަށް ޙަވާލުކުރާ ދީނެވެ. އެކަން ހުއްޓޭނީ އުނދަގޫވުމަކުން ނުވަތަ ނުކުޅެދުމަކުންނެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް އެދިވޮޑިގަންނަވަނީ ފަސޭހަކަމެވެ، އުނދަގޫކަމެއް ނޫނެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސަކަށް ކުޅަދާނަވީ މިންވަރަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ.

މި އުންމަތުގެ ތެދުވެރިޔާ أبو بكر الصديق رضى الله عنه ކުރެން އިސްތިޤާމަތާ ބެހޭގޮތުން ސުވާލުކުރެވުމުން ވިދާޅުވިއެވެ. "އިސްތިޤާމާ އަކީ މާތްﷲއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރުމެވެ." އެކަލޭގެފާނު މިބަހުން މުރާދު ކުރެއްވީ ޚާލިޞް ތައުޙީދުގެ މަތީގައި ސާބިތުވެ ހުރުމެވެ. عمر بن الخطاب رضى الله عنه  ވިދާޅުވިއެވެ. "އިސްތިޤާމާ އަކީ އަމުރުތަކާއި ނަހީތަކުގެ މަތީގައި ސީދާވެ ހުރުމެވެ. އަދި މިނިކާވަގު ފަދައިން މަކަރުހަދައިގެން އެކި ފަރާތްފަރާތަށް ނޭނބުރުމެވެ." ފަހެ، އިސްތިޤާމާ އަކީ ތަކުލީފުބޮޑު ކަމެކެވެ. އެކަމުގައި ނަފްސަށް ރައްކާތެރިވުމާއި، ބެލެހެއްޓުން ބޭނުންވެއެވެ. އެއީ އަމިއްލަ އެދުންތަކުން އަސަރުނުކުރާ، ޢަދާލަތާއި ތައުޙީދު ޙާޞިލުކޮށްދޭ، އަދި ޙައްދުފަހަނައެޅުމާ ދުރުވެގެންވާ އިސްތިޤާމަތެކެވެ. عثمان بن عفان رضى الله عنه ވިދާޅުވިއެވެ. "އެބޭކަލުން އިސްތިޤާމާވީ މާތްﷲއަށް ޓަކައި ޢަމަލުތައް އިޚުލާޞްތެރިކޮށްގެންނެވެ." على بن أبي طالب رضى الله عنه ވިދާޅުވިއެވެ. "އެބޭކަލުން އިސްތިޤާމަތްތެރިވީ ފަރުޟުތައް އަދާކޮށްގެންނެވެ." الحسن البصري رحمه الله ވިދާޅުވިއެވެ. "އެބޭކަލުން މާތްﷲގެ އަމުރުފުޅުގެ މަތީގައި އިސްތިޤާމާވިއެވެ. ފަހެ، އެކަލާނގެއަށް ކިޔަމަންތެރިވުމުގެ ޢަމަލުތައް ކުރިއެވެ. އަދި އެކަލާނގެއަށް އުރެދުމުން ދުރުހެލިވިއެވެ." (تهذيب مدارج السالكين: 2/528)

ابن القيم رحمه الله ވިދާޅުވިއެވެ. "އިސްތިޤާމަތަކީ ދީނުގެ އެންމެހައި ކަންކަން އެކުލެވިގެންވާ ޖާމިޢު ބަހެކެވެ. އެއީ ތެދުވެރިކަމުގެ ޙަޤީޤަތުގެ މަތީގައި، އަދި ޢަހުދަށް ވަފާތެރިވުމުގައި މާތްﷲގެ ޙަޟުރަތުގައި ޤާއިމުވެ ހުރުމެވެ. އިސްތިޤާމަތު ގުޅިފައިވަނީ ބަސްތަކާއި، ޢަމަލުތަކާއި، ޙާލަތްތަކާއި، އަދި ނިޔަތްތަކާއެވެ. ފަހެ، މިއިން ކޮންމެ ކަމެއްގައި އިސްތިޤާމަތްތެރިވުމަކީ އެކަމެއް މާތްﷲއަށްޓަކައި، މާތްﷲގެ ވާގިފުޅާއެކު، އަދި މާތްﷲގެ އަމުރުފުޅާ އެއްގޮތަށް ވުމެވެ." ((تهذيب مدارج السالكين: 2/528)

ابن رجب الجنبلى رحمه الله ވިދާޅުވިއެވެ: "އިސްތިޤާމަތަކީ ސީދާވެގެންވާ ތެދުމަގުގައި (ޞިރާޠުލް މުސްތަޤީމުގައި) ހިންގުމެވެ. އެއީ ކަނާތްފަރާތަށް ނުވަތަ ވާތްފަރާތަށް އެކިކޮޅުކޮޅަށް ނުއެނބުރި، ޤާއިމުވެގެންވާ ދީނުގައި ހިފެހެއްޓުމެވެ. މީގެ ތެރޭގައި ފާޅުގައާއި ވަންހަނާގައިވާ އެންމެހައި ކިޔަމަންތެރިކަމުގެ ޢަމަލުތައް ކުރުމާއި، ނަހީކުރެއްވި އެންމެހައި ކަންކަން ދޫކޮށްލުން ހިމެނެއެވެ. ފަހެ، މި ވަޞިއްޔަތް ދީނުގެ އެންމެހައި ހެޔޮ ސިފަތައް އެކުލެވޭ ޖާމިޢު ވަޞިއްޔަތަކަށް ވެގެންދިޔައެވެ."

القشيري ވިދާޅުވިއެވެ: "އިސްތިޤާމަތަކީ ކަންކަމުގެ ފުރިހަމަކަމާއި ތަމާމުކަން ލިބޭ ދަރަޖައެކެވެ. އަދި އެކަން އޮތުމުން އެންމެހައި ހެޔޮކަންކަމާއި އޭގެ ނިޒާމު ޙާޞިލުވެއެވެ." އަދި ބުނެވިފައިވެއެވެ. "އިސްތިޤާމަތަކީ ބޮޑެތި މީހުންނަށް މެނުވީ ކުޅަދާނަވެގެންވާ ކަމެއް ނޫނެވެ. ސަބަބަކީ އެއީ އާދަވެފައިވާ ކަންކަމުންނާއި، ބޭރުފުށުގެ ރަސްމިއްޔާތުތަކުންނާއި، އާދަކާދަތަކުން ނުކުމެ، ތެދުވެރިކަމުގެ ޙަޤީޤަތުގެ މަތީގައި މާތް ﷲގެ ޙަޟުރަތުގައި ޤާއިމުވެ ހުރުމެވެ." އަދި ބައެއް ޢާރިފުން ވިދާޅުވިއެވެ. "ކަރާމާތްތަކަށް އެދޭ މީހަކަށް ނުވެ، އިސްތިޤާމަތުގެ އަހުލުވެރިޔަކަށްވާށެވެ. އެހެނީ، ތިބާގެ ނަފްސު ޙަރަކާތްތެރިވަނީ ކަރާމާތަށް އެދިއެވެ. ނަމަވެސް، ތިބާގެ ވެރިރަސްކާލާނގެ ތިބާގެ ކިބައިން އެދިވޮޑިގަންނަވަނީ އިސްތިޤާމަތެވެ."

ވަސަޠިއްޔަތަކީ (މެދުމިންކަމަކީ) މާތްﷲގެ ސީދާވެގެންވާ ތެދުމަގުގައި ހިފެހެއްޓުމެވެ މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿يَهْدِي مَن يَشَاءُ إِلَىٰ صِرَاطٍ مُّسْتَقِيمٍ ‎* وَكَذَٰلِكَ جَعَلْنَاكُمْ أُمَّةً وَسَطًا﴾ (سورةالبقرة: ١٤٢ – ١٤٣) މާނައީ: "އެކަލާނގެ އިރާދަކުރައްވާ މީހަކަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވަތެވެ. އަދި ހަމަ އެފަދައިން، މެދުމިން أمّة އެއް ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ."

أبو سعود މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ. "މިތަނުގައި ވަރަށް ފުރިހަމަ ނުކުތާއަކަށް ރިޢާޔަތްކުރެވިފައިވެއެވެ. އެއީ އިޝާރާތްކުރެވުނު 'ލެއްވުން' (الجعل) އަކީ މާތްﷲ ޙައްޤު މަގަށް ހިދާޔަތް ދެއްވި ދެއްވުމެވެ. އެއީ ސީދާ މަގުގެ (الصراط المستقيم) ގޮތުގައި ސިފަކުރެވިފައިވާ، އެކި ކޮޅުކޮޅަށް ކަސިޔާރުވެފައިވާ މަގުތަކުގެ މެދުގައިވާ ސީދާ މަގެކެވެ. ފަހެ، އަޅުގަނޑުމެން ކުރިމަތިވެގެންވާ ދެ ނުކުތާއެއް ގުޅުވައިދޭ ގިނަ ރޮނގުތަކެއް ހުރިކަމަށް ފަރުޟުކޮށްފިނަމަ، ސީދާ ރޮނގަކީ އެ އެކި ކޮޅުކޮޅަށް ލެނބިފައިވާ ރޮނގުތަކުގެ މެދުގައިވާ ރޮނގެވެ. އަދި އެއީ އެކި ކޮޅުކޮޅަށް ކަސިޔާރުވެފައިވާ މަގުތަކުގެ މެދުގައިވާ މަގަކަށް ވީތީ، އެ މަގަށް ހިދާޔަތްލިބުނު އުންމަތަކީ އެހެން އުންމަތްތަކުގެ މެދުގައިވާ 'މެދުމިނުގެ' (وسط) އުންމަތަކަށް ވުން މާޒީގެ ތެރެއިން ލާޒިމުވެއެވެ. މާނައަކީ، ތަޢުރީފުލިބިގެންވާ މާތް ސިފަތަކުން ސިފައްސިފަވެގެންވާ، ޢިލްމާއި ޢަމަލުން ޠާހިރުވެފައިވާ، ހެޔޮލަފާ، ޢަދުލުވެރި ބަޔަކަށް ވުމެވެ." (إرشاد العقل السليم إلى مزايا الكتاب الكريم: 1/134)

މި ވަސަޠިއްޔަތަކީ (މެދުމިންކަމަކީ) ސޫރަތުލް ފާތިޙާގައި ﴿الصِّرَاطَ الْمُسْتَقِيمَ﴾ [الفاتحة: ٦] (ސީދާވެގެންވާ ތެދުމަގު) ގެ ނަމުން އައިސްފައިވާ މަގެވެ. އެ ސޫރަތަކީ އުންމުލް ކިތާބު (ޤުރްއާނުގެ މައި ސޫރަތް) ކަމުގައިވާތީ، މާތްﷲ ވަނީ ކޮންމެ ނަމާދެއްގައި އެ ސޫރަތުން އަޅުކަންކުރުން އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރައްވާފައެވެ. ފަހެ، މި ސޫރަތުގައި ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ (އަޅަމެންނަށް ސީދާވެގެންވާ ތެދުމަގަށް ހިދާޔަތް ދެއްވާނދޭވެ!) ވަޙީކުރެއްވުމަށްފަހު، އެ މަގު ތަޢުރީފުކުރައްވަމުން ވަޙީކުރެއްވިއެވެ: ﴿صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ﴾ (އެއީ އެއުރެންނަށް އިނާމު ދެއްވި މީހުންގެ މަގެވެ). ދެން އެ މަގު ޙައްދުކަނޑައަޅުއްވަމުން ވަޙީކުރެއްވިއެވެ: ﴿غَيْرِ الْمَغْضُوبِ عَلَيْهِمْ وَلا الضَّالِّينَ﴾ (އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނޫނެވެ). ފަހެ، ސީދާވެގެންވާ ތެދުމަގަކީ ހެޔޮލަފާ މީހުންގެ މަގުކަމުގައި ލެއްވިއެވެ. އެއީ މާތްﷲ އެބޭކަލުންނަށް އިނާމު ދެއްވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، އަދި ޞާލިޙުންގެ މަގެވެ. އެއީ ކޯފާލެއްވިގެންވާ މީހުންނާއި މަގުފުރެދިފައިވާ މީހުންގެ ދެ މަގުގެ މެދުގައިވާ މަގެވެ. މި ސީދާ މަގުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި، އެއީ މަތިވެރި މަޤްޞަދަށް ފޯރުކޮށްދޭ ހަމައެކަނި މަގުކަމުގައިވުން ހިމެނެއެވެ. އެހެން އެކި ކޮޅުކޮޅަށް އެނބުރިފައިވާ، ގޯސް މަގުތަކާ ޚިލާފަށް، މާތްﷲގެ ޙަޟުރަތަށް ދަތުރުކުރާ، އިނާމު ދެއްވިގެންވާ މީހުންނަށް އެ މަގު ފެނި، އެއަށް އާދަވެއެވެ. އެއީ ޙައްޤު އެނގިތިބެ އެއާ ޚިލާފުވި (ކޯފާލެއްވިގެންވާ) މީހުންގެ މަގެއް ނޫނެވެ. އަދި ޙައްޤު ނުދެނެތި، އެމީހުންގެ ޖާހިލުކަމުގައި ގަދައަޅައި، މަގުފުރެދުމުގައި ޙައްދުފަހަނައެޅި (މަގުފުރެދިފައިވާ) މީހުންގެ މަގެއްވެސް ނޫނެވެ. ފަހެ، މެދުމިނުގެ އުންމަތަކީ ޙައްޤުން އެކި ކޮޅުކޮޅަށް ކަސިޔާރުވެފައިވާ މި ދެ ފަރާތުގެ މެދުގައިވާ އުންމަތެވެ.

އަބޫ ޙައްޔާން މި އާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ. "އެކަލާނގެ އެއުރެން ސީދާ މަގަށް ހިދާޔަތް ދެއްވައިގެން، އެއުރެން މެދުމިނުގެ އުންމަތެއް ކަމުގައި ލެއްވިއެވެ. މާނައީ: ތިމަންރަސްކަލާނގެ ތިޔަބައިމީހުން މެދުމިނުގެ އުންމަތެއް ކަމުގައި ލައްވައި އިނާމު ދެއްވީ، ކުރީން ސީދާ މަގަށް ހިދާޔަތް ދެއްވައި އިނާމު ދެއްވި ފަދައިންނެވެ. ފަހެ، 'يهدي' (ހިދާޔަތް ދެއްވައެވެ) މީގެން ދަލާލަތުކުރަނީ: ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެޔޮލަފާ އުންމަތެއް ކަމުގައި ލެއްވީ، މުޙައްމަދު صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށާއި އެކަލޭގެފާނު ގެންނެވި ޙައްޤު ދީނަށް ތަބާވުމުގެ ހިދާޔަތް ދެއްވި ފަދައިންނެވެ." (تفسير البحر المحيط: 1/421)

އެއީ އެންމެ މަގެކެވެ. މާތް ﷲގެ މަގެކެވެ. އަދި މާތް ﷲގެ ޙަޟުރަތަށް ފޯރުކޮށްދޭ އެކަނިވާ މަގެކެވެ. އެއީ އިންސާނުން މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަނި ރުބޫބިއްޔަތު ޚާއްޞަކުރުމާއި، އެކަލާނގެއަށް އަޅުކަންކުރުމުގައި ދެމިތިބުމާއި، ޙާކިމިއްޔަތުވަނީ އެކަލާނގެއަށް އެކަނިކަން ދެނެގަތުމާއި، އަދި އެމީހުންގެ ޢަމަލީ ދިރިއުޅުމުގައި މި ޙާކިމިއްޔަތަށް ކިޔަމަންވުމެވެ. މިއީ މާތް ﷲގެ ސީދާ މަގެވެ. އަދި އެކަލާނގެ މަގެވެ. މީގެ ފަހަތުގައިވަނީ އެ މަގުގައި ހިންގާ މީހުން އެކަލާނގެ މަގުން ވަކިކޮށްލާ އެހެން މަގުތަކެވެ." (في ظلال القرآن: 3/1234)

ފަހެ، އިސްތިޤާމަތަކީ: މެދުމިންކަމާއި، އެއްކިބާވުމެއް ނެތި މަންހަޖުގެ މަތީގައި ކުރިއަށް ދިއުމެވެ. އެކަމަށްޓަކައި ދާއިމީ ހޭވެރިކަމާއި، ދާއިމީ ވިސްނުމާއި، މަގުގެ އިމުގެ މައްޗަށް ދާއިމީ ހޯދުންތައް ބޭނުންވެއެވެ. އަދި މިސްރާބު ކުޑަކޮށް ނުވަތަ ބޮޑުކޮށް ލެނބިގެންދާ އިންސާނީ ޖަޒުބާތުތައް ކޮންޓްރޯލްކުރުން ބޭނުންވެއެވެ. އެހެންކަމުން، އެއީ ދިރިއުޅުމުގެ ކޮންމެ ޙަރަކާތެއްގައި ދާއިމީގޮތެއްގައި ކުރާންޖެހޭ މަސައްކަތެކެވެ. އަދި މިތަނުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަމަކީ، އިސްތިޤާމަތަށް އަމުރުކުރެއްވުމަށްފަހު އައި ނަހީއަކީ، އުނިކުރުމާއި އިހުމާލުވުމުން ނަހީކުރެއްވުމެއް ނޫނެވެ. ނަމަވެސް އެއީ ޙައްދުފަހަނައެޅުމާއި (الطغيان) މާބޮޑަށް ގޮސްގަތުމުން ނަހީކުރެއްވުމެވެ. އެއީ އިސްތިޤާމަތަށް އަމުރުކުރެއްވުމާއި، އޭގެ ސަބަބުން ހިތުގައި އުފެދޭ ހޭވެރިކަމާއި ބިރުވެތިކަމުގެ ސަބަބުން، މި ދީން ފަސޭހަކަމުން އުނދަގޫކަމަކަށް ބަދަލުކޮށްލާފަދަ ޙައްދުފަހަނައެޅުމަކަށް ކަންކަން ގޮސްދާނެތީއެވެ. މާތް ﷲ އިރާދަކުރައްވަނީ އެކަލާނގެ ބާވައިލެއްވި ގޮތަށް ދީން އޮތުމަށެވެ. އަދި އިސްރާފާއި ޙައްދުފަހަނައެޅުމެއް ނެތި އަމުރުކުރެއްވި ގޮތަށް އިސްތިޤާމާވުމަށެވެ. ފަހެ، އިހުމާލުވުމާއި އިހުމާލުކޮށްލުން ފަދައިން، ޙައްދުފަހަނައެޅުމުން މި ދީން އޭގެ ޠަބީޢަތުން ބޭރުކޮށްލައެވެ. މިއީ ނަފްސުތައް ސީދާ މަގުގައި ހިފެހެއްޓުމަށާއި، ޙައްދުފަހަނައެޅުމަށް ނުވަތަ އިހުމާލުވުމަށް ކަސިޔާރުނުވެ ތިބުމަށްޓަކައި ވަރަށް ބޮޑު ޤަދަރެއް ދެވިގެންވާ ސަމާލުކަމެކެވެ." (في ظلال القران: 4/271)

އެންމެ މަތިވެރި ކަރާމާތަކީ އިސްތިޤާމަތު މަތީގައި ދެމިހުރުމެވެ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ﴾ (سورة الأنعام: ١٥٣)  މާނައީ: "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوىވެރިވުމަށް ޓަކައެވެ."

ފަހެ، މާތް ﷲ سبحانه وتعالى ވަނީ އެކަލާނގެ އަޅުތަކުންނަށް އެއްވެސް ގޯސްކަމެއް އަދި ކަސިޔާރުކަމެއް ނެތް، ސާފު ސީދާ މަންހަޖެއް ކަނޑައަޅުއްވައިފައެވެ. އަދި އޭގެ ޞައްޙަކަމާއި ތެދުވެރިކަމުގެ މައްޗަށް ދަލީލުތައް ޤާއިމުކުރެއްވިއެވެ. އަދި ޔަޤީންކަމާއި އިޤްތިނާޢުވުމާއެކު އީމާންވުމަށްޓަކައި އެކަމާމެދު ވިސްނައި ފިކުރުކުރުމަށް ގޮވާލެއްވިއެވެ. ފަހެ، އެކަމަށް އީމާންވެއްޖެނަމަ، އެކަލާނގެއަށް ކިޔަމަންގަތުމާއި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ. ނޫންނަމަ، އެމީހުންގެ މައްޗަށް ޢަޛާބު ޙައްޤުވާނެއެވެ. އެހެނީ، ޙައްޤަށްފަހު މަގުފުރެދުން މެނުވީ ނުވެއެވެ. އަދި އަލިކަން ދޫކޮށްލައިފި މީހެއްގެ ކުރިމަތީގައި އަނދިރިކަން މެނުވީ ނުވެއެވެ.

ކީރިތި ޤުރްއާނުގައި ކަނޑައަޅުއްވާފައިވާ މި މަގުން އެއްކިބާވެއްޖެ މީހާ، ހިނގާނީ އެކި އެކި ކަސިޔާރު މަގުތަކުގައެވެ. އެ މާހައުލުތަކުގެ ނިމުމަކީ ނަރަކައެވެ. عبد الله بن مسعود رضى الله عنه ކުރެއްވި ރިވާޔަތެއްގައިވެއެވެ: ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުން (ބިމުގައި) ރޮނގެއް ކުރެއްވިއެވެ. ދެން ވިދާޅުވިއެވެ: "މިއީ މާތް ﷲގެ ސީދާ މަގެވެ." ދެން އެ ރޮނގުގެ ކަނާތްފަރާތުންނާއި ވާތްފަރާތުން އެކި ރޮނގުތައް ކުރެއްވިއެވެ. ދެން ވިދާޅުވިއެވެ: "މިއީ (އެހެން) މަގުތަކެވެ. މިއިން ކޮންމެ މަގެއްގެ މަތީގައި އެއަށް ގޮވައިލާ ޝައިޠާނަކުވެއެވެ." ދެން މި އާޔަތް ތިލާވަތު ކުރެއްވިއެވެ. ﴿وَأَنَّ هَذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِيلِهِ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَتَّقُونَ﴾ (رواه أحمد: 1/435، والنسائي في التفسير، والحاكم: 2/318، وقال: صحيح الإسناد، ووافقه الذهبي).

الإمام القرطبي رحمه الله ވިދާޅުވިއެވެ. "މި މަގުތަކުގެ ތެރޭގައި ޔަހޫދީ ދީނާއި، ނަޞާރާ ދީނާއި، މަންޖޫސީ ދީނާއި، އެހެނިހެން ދީންތަކުގެ އަހުލުވެރީންނާއި، ބިދޭޢަތަކާއި މަގުފުރެދުންތަކުގެ އަހުލުވެރީންނާއި، އަމިއްލަ އެދުންތަކަށް ތަބާވާ މީހުންނާއި، ފުރޫޢީ ކަންކަމުގައި ޝާޛުވާ (އާދަޔާޚިލާފު) މީހުންނާއި، އަދި ބަޙުޘްތަކާއި ކަލާމް ޢިލްމުގައި ފުންކޮށް ވަދެގަންނަ މީހުން ހިމެނެއެވެ. މިއެންމެންނީވެސް އެކަމުގެ ނުރައްކަލަށް ހުރަސްއެޅޭ، އަދި ނުބައި ޢަޤީދާއެއްގެ ތެރެއަށް ވެއްޓުމުގެ ފުރުޞަތު އޮތް މީހުންނެވެ." (الجامع لأحكام القرآن: 7/9)

އިސްލާމްދީނުގެ ސީދާ މަގަކީ ސީދާ ރޮނގެއް ފަދައެވެ. އަދި ސީދާ ރޮނގަކީ އެންމެ ޢަދުލުވެރި، މަޤްޞަދަށް ފޯރުކޮށްދިނުމުގައި އެންމެ ކައިރި ރޮނގެވެ. މި ޢަދުލުވެރި މަންހަޖުގެ އުޞޫލަކީ، އޭގެ އަހުލުވެރީންގެ މައްޗަށް ޙައްދުފަހަނައެޅުމެއް، އިސްރާފުކުރުމެއް، ނުވަތަ ނަފްސަށް އުނދަގޫކުރުމެއް ނޫނެވެ. ނަމަވެސް، އެއީ އިސްތިއުޤާމަތާއި، ދެމިހުރުމާއި، އަދި މެދުމިންކަމާއެކު އަމިއްލަ ވާޖިބު އަދާކުރުމަށް ގޮވާލާ ދީނެކެވެ.

މާތް ﷲ ވަނީ އާޔަތް ނިންމަވާލައްވަމުން ﴿لَعَلَّكُمْ تَتَّقُونَ﴾ (ތިޔަބައިމީހުން ތަޤްވާވެރިވުމަށް ޓަކައެވެ.) ވަޙީކުރައްވާފައެވެ. މާނައީ: "އަމުރުކުރެއްވި ކަންކަން އަދާކޮށް، ނަހީކުރެއްވި ކަންކަމުން ދުރުހެލިވުމަށެވެ. މިއީ ސީދާ މަގަކީ އެންމެހައި ތަކުލީފުތައް އެކުލެވިގެންވާ މަގަކަށް ވާތީ، އެއަށް ތަބާވުމަށް އަމުރުކުރައްވައި، ކަސިޔާރު މަގުތަކުން ނަހީކުރެއްވުމުން ތަޤްވާވެރިކަން ޒިކުރުކުރެއްވުން މުނާސަބުވިއެވެ." (11)

ابن عباس رضى الله عنهما ވިދާޅުވިއެވެ: "މި މުޙްކަމް (ސާފު) އާޔަތްތަކަކީ އެއްވެސް ފޮތަކުން މަންސޫޚުވެފައިވާ (ބާޠިލުވެފައިވާ) އާޔަތްތަކެއް ނޫނެވެ. އެއަށް ޢަމަލުކޮށްފި މީހަކު ސުވަރުގެއަށް ވަންނާނެއެވެ. އަދި ދޫކޮށްލައިފި މީހަކު ނަރަކައަށް ވަންނާނެއެވެ." އެހެންކަމުން، މާތްﷲ ވަނީ އެކަލާނގެ އަޅުތަކުން ކޮންމެ ދުވަހަކު އެތައް ފަހަރަކު އެކަލާނގެ ޙަޟުރަތުގައި ދަންނަވާ ދުޢާއެއްގެ ގޮތުގައި ﴿اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ (الفاتحة: ٦) ލައްވައިފައެވެ.

މި އަސާސުގެ މައްޗަށް ބިނާކޮށް، އިސްތިޤާމަތުގެ މަގަކީ މެދުމިނުގެ އުންމަތުގެ މަގުކަން ކަށަވަރުވުމަށްފަހު، އިސްތިޤާމަތާ ބެހޭގޮތުން އައިސްފައިވާ ކޮންމެ އާޔަތަކީ ވަސަޠިއްޔަތު (މެދުމިންކަން) ޙާޞިލުކުރުމަށާއި، އެއަށް ގޮވާލުމަށް އައިސްފައިވާ އާޔަތެކެވެ. އަދި މިއީ މި މަންހަޖު ބަޔާންކޮށްދޭ ދަލީލެކެވެ.

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަށާއި، އެކަލޭގެފާނާއެކު އީމާންވި މީހުންނަށް މި އިސްތިޤާމަތަށް ގޮވާލައްވަމުން ވަޙީކުރައްވައެވެ. ﴿فَاسْتَقِمْ كَمَا أُمِرْتَ وَمَنْ تَابَ مَعَكَ وَلَا تَطْغَوْا إِنَّهُ بِمَا تَعْمَلُونَ بَصِيرٌ﴾ (سورة هود: ١١٢)  މާނައީ: "ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمانވެ،  توبة ވެގެން ތިބި މީހުންނާ އެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."

މާނައީ: އެއްވެސް ގޯސްކަމެއް އަދި ކަސިޔާރުކަމެއް ނެތް، ސީދާ މެދުމިނުގެ މަގުގައި ހިފަހައްޓާށެވެ! އެ މަގުގެ މަތީގައި ސާބިތުވެ، ޚިލާފުވުންތަކުންނާއި ކަސިޔާރުވުމުން ދުރުހެލިވާށެވެ! އަދި ޝިރުކުން ތައުބާވެ، މާތް ﷲއަށް އެކަނި އީމާންވި ކޮންމެ މީހަކު ކަލޭގެފާނާއެކު އިސްތިޤާމަތްތެރިވާށެވެ! އަދި މާތް ﷲގެ ޙައްދުތަކުން ބޭރުވެ ޙައްދުފަހަނައަޅައި ނުދާށެވެ! މިއާ ޚިލާފަށް، ޙައްދުފަހަނައެޅުމެއް ނެތް މެދުމިނުގެ މަންހަޖުގައި ހިފަހައްޓާށެވެ! އެއީ ދީނުގައި ޙައްދުފަހަނައެޅުން ކަމުގައި ވީނަމަވެސްމެއެވެ. އެހެނީ، ދީނުގައި ޙައްދުފަހަނައެޅުމަކީ (އިސްރާފުކުރުން) އިހުމާލުވުން ފަދައިން، ސީދާ މެދުމިނުގެ މަގުން ކަސިޔާރުވުމެކެވެ.

ابن عباس رضى الله عنهما ވިދާޅުވިއެވެ: "މާތްﷲ އެކަލާނގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް މި އާޔަތަށްވުރެ ނުރައްކާތެރި، އަދި ތަކުލީފުބޮޑު އާޔަތެއް ބާވައެއް ނުލައްވައެވެ." އެހެންކަމުން، ޞަޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ: "ކަލޭގެފާނުގެ އިސްތަށިފުޅު އަވަހަށް ނަރޯވެއްޖެއެވެ." އެކަލޭގެފާނު ވިދާޅުވިއެވެ: "ތިމަންކަލޭގެފާނުގެ އިސްތަށިފުޅު ނަރޯކޮށްލީ ހޫދު ސޫރަތާއި، އޭގެ އުޚުތުންނެވެ. އަދި ތިމަންކަލޭގެފާނުގެ އިސްތަށިފުޅު ނަރޯކޮށްލި ކަމަކީ އޭގައިވާ: ﴿فَاسْتَقِمْ كَمَا أُمِرْتَ﴾ (ކަލޭގެފާނަށް އަމުރުކުރެއްވި ފަދައިން އިސްތިޤާމަތްތެރިވާށެވެ) މިއާޔަތެވެ."

سفيان بن عبد الله الثقفي رضى الله عنه ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "އޭ މާތްﷲގެ ރަސޫލާއެވެ! އިސްލާމްދީނުގައި ތިމަންކަލޭގެފާނަށް އެއްޗެއް ވިދާޅުވެދެއްވާށެވެ! ކަލޭގެފާނު ފިޔަވައި އެހެން އެއްވެސް މީހަކާ ތިމަންކަލޭގެފާނު އެ ކަމާ މެދު ސުވާލެއްނުކުރާނަމެވެ." އެކަލޭގެފާނު ޖަވާބުގައި ވިދާޅުވިއެވެ: "ވިދާޅުވާށެވެ: ތިމަންކަލޭގެފާނު މާތްﷲއަށް އީމާންވެއްޖައީމެވެ. ދެން ސީދާވެގަންނާށެވެ."

ފަހެ، ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  މި ޖާމިޢު ވަޞިއްޔަތުން ބަޔާންކޮށްދެއްވީ، އަޅާ ބޭރުފުށުންނާއި އެތެރެފުށުން އީމާންކަމަށް އިޢުތިރާފުވެ، ދެން ބަހުންނާއި، ޢަމަލުންނާއި، ކަންކަން ކުރުމުންނާއި ދޫކޮށްލުމުން އެކަމުގެ މަތީގައި އިސްތިޤާމަތްތެރިވެއްޖެނަމަ، އޭނާގެ ކަންކަން ފުރިހަމަވެ، ސީދާ މަގުގެ މަތީގައި އިސްތިޤާމަތްތެރިވެއްޖެކަމެވެ. އަދި ދެ ދުނިޔޭގެ ކާމިޔާބީއަށް އުއްމީދުކުރެވޭނެކަމެވެ.

ޤުރްއާނުގައި އައިސްފައިވާ އީމާންކަމުގެ މާނައާއި، ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ ޙަދީޘްތަކުން ބަޔާންކޮށްދެއްވާފައިވާ މާނަ ޚުލާޞާކޮށް ހުށަހެޅުމަށްފަހު، އަޅުގަނޑުމެންނަށް އީމާންކަމުގެ މާނަ ސާފުވެގެންދެއެވެ. އެއީ އިލްޙާދީން ފަދައިން އީމާންކަން އެކީއެކަށް އިންކާރުކުރި މީހުންނާއި، ފަލްސަފާވެރީން ފަދައިން އޭގެ ޙަޤީޤަތް ދެނެގަތުމުގައި ކަސިޔާރުވި މީހުންނާއި، ޔަހޫދީން ފަދައިން އޭގެ އަޞްލުން އޮޅުވާލި މީހުންނާއި، ނަޞާރާއިން ފަދައިން އޭގެ މާނަތަކާއި ޙަޤީޤަތް ދެނެގަތުމުގައި މަގުފުރެދުނު މީހުންނާ ދުރުވެގެންވާ މާނައެކެވެ. މީގެއިން އަޅުގަނޑުމެންނަށް އީމާންކަމުގެ މާނައާއި، ޤުރްއާނުގައި އެކަން ހުށަހެޅުމުގައިވާ ވަސަޠިއްޔަތާއި، އިސްތިޤާމަތާއި، މެދުމިންކަން ސާފުވެގެންދެއެވެ.

އަދި އަޅުގަނޑު ވަނީ މުޢުތަޒިލާ، ޚަވާރިޖު، މުރްޖިއާ، އަދި ޖަހްމިއްޔާ ފަދަ މި ބައިގައި ބިދޭޢަތަކަށް ވެއްޓުނު މީހުންގެ ބަސްތަކުން ދުރުހެލިވެފައެވެ. އަދި އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ބަސްފުޅުތަކާއި ޢަޤީދާއިން ފުއްދާލީމެވެ. އެއީ ޞަޙާބީންނާއި، އެބޭކަލުންގެ މަގުގައި ހިންގެވި ތާބިޢީންގެ ތެރެއިން ހެޔޮލަފާ ބޭކަލުންނާއި، ދެން ޙަދީޘްގެ އަހުލުވެރީންނާއި، މިއަދާ ހަމައަށް އެ ބޭކަލުންނަށް ތަބާވި ފުޤަހާއިންނާއި، އަދި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގައިވާ އެ ބޭކަލުންނަށް ތަބާވި އާންމު މީހުންގެ ޢަޤީދާއެވެ."

ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَގެ މި ކުރު، ފަޞާޙަތްތެރި ޢިބާރާތަކީ ފުރިހަމަ މުސްލިމެއްގެ ޝިޢާރެވެ. ސަބަބަކީ އެއީ ޢަޤީދާ އިޞްލާޙުކުރުމާއި، އީމާންކަން ވަރުގަދަކުރުމާއި، ނަފްސު ސީދާކުރުމާއި، ޙައްޤުގައި ހިފެހެއްޓުމާއި، ސީދާ މަގުގައި އިސްތިޤާމަތްތެރިވުމާއި، މެދުމިނުގެ މަންހަޖުގައި ހިފެހެއްޓުމާއި، އަދި އެއްކިބާވުމެއް ނެތި ޢަމަލުތަކުގައި ސާބިތުވެ ހުރުމަށް ބޭނުންވާ ކަމެކެވެ.

ފަހެ، އިސްތިޤާމަތަށް އަމުރުކުރެއްވުމަށްފަހު މާތްﷲ ވަނީ ﴿وَلَا تَطْغَوْا﴾ "އަދި ތިޔަބައިމީހުން ޙައްދުފަހަނައަޅައި ނުދާށެވެ" ވަޙީކުރައްވައިފައެވެ. ޙައްދުފަހަނައެޅުމަކީ (الطغيان) އިމުން ބޭރުވުމެވެ. އަދި އެއީ މެދުމިނުގެ މަންހަޖުން ނުކުމެ، މަގުން ކަސިޔާރުވެގެން ދިއުމެވެ.

ދެވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ: ﴿وَلَا تَتَّبِعْ أَهْوَاءَهُمْ﴾ (އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް ތަބާނުވާށެވެ). އަމިއްލަ އެދުންތަކަށް ތަބާވުމަކީ އިސްތިޤާމަތުން ބޭރުވުމެކެވެ. އަދި މެދުމިނުގެ މަންހަޖުން ކަސިޔާރުވުމެކެވެ.

މި ގޮތުން ބަޔާންވެގެންދަނީ، އިސްލާމީ އުންމަތަކީ އެކި ކޮޅުކޮޅަށް ކަސިޔާރުވެފައިވާ މަގުތަކުގެ މެދުގައިވާ ސީދާ މަގު ތަމްޘީލުކުރާ މެދުމިނުގެ އުންމަތްކަމެވެ. އެއީ އުޑުތަކާއި ބިމުގައިވާ އެންމެހައި ތަކެތި މިލްކުވެވޮޑިގެންވާ މާތް ﷲގެ މަގެވެ. އަދި މާތް ﷲ އެ ބޭކަލުންނަށް އިނާމު ދެއްވި ނަބިއްޔުންނާއި، ޞިއްދީޤުންނާއި، ޝަހީދުންނާއި، ޞާލިޙުންގެ މަގެވެ. ކޯފާލެއްވިގެންވާ މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއް ވެސް ނޫނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކަސިޔާރު    ނއ.    (1) އެކަތި އަނެކެއްޗާ ދިމާވާންޖެހޭ ދޭއްޗެއް ދިމާނުވާ ދިމާނުވުން. (2) ސީދާނުވާ ނުވުން.

އިސްތިޤާމަތު  ނ.     ގޯސްވުމާއި، އެއްކިބާވުމާއި، ނުވަތަ ކަސިޔާރުވުމުގެ އިދިކޮޅު

މަންހަޖު     ނ.     (1) ކަންކުރާން އޮންނަ މަގު. (2) އިސްކޫލާއި ކޮލެޖު ފަދަ ކިޔަވައިދޭ ތަނެއްގައި ކިޔަވައިދޭން ބޭނުންކުރާ ތަރުބަވީ އުސޫލުތަކާއި މުގައްރަރުތަކާއި މާއްދާތައް.

ކޮމެންޓު