ad_banner
ސުވިޑަންގެ ތަޢުލީމީ ދާއިރާއިން އިސްކިރީނުތައް އެއްފަރާތްކުރަނީ!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

2 ނޮވެންބަރު 2026

ދުނިޔޭގައި ތަޢުލީމީ ގޮތުން އެންމެ ކުރިއަރައިފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ސުވިޑަންގެ އިސްކޫލުތަކުގެ ކުލާސްރޫމުތަކުން އިސްކިރީނުތައް ނަގައި، އެ ގައުމުގެ އިސްކޫލުތަކުގެ ކުލާސްރޫމުތަކުގައި ފޮތާއި، ގަލަމާއި އަދި އަތުން ލިޔެފައިވާ ނޯޓްތަކަށް އެނބުރި އައުމަށް ނިންމައިފިއެވެ. އަހަރުތަކެއް ވަންދެން އިސްކޫލުތަކުގައި ލެޕުޓޮޕާއި، ޓެބުލެޓާއި، އަދި ސުމެކީ އުނގެނުން ބޭނުންކުރުމަށް ފަހު، ތައުލީމު ފޯރުކޮށްދިނުމުގައި ބޭނުންކުރާ ސިޔާސަތު ބަދަލުކުރާން ސުވިޑަންއިން ވަނީ ނިންމައިފައެވެ. އެއް ޒަމާނެއްގައި ސުމޭކު ކްލާސްރޫމްތަކުގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުން، މިހާރު މި ވަނީ ޗާޕުކޮށްފައިވާ ޓެކުސްޓު ފޮތްތަކާއި، އަތުލިޔުމާއި، ކިޔެވުމާއި، ކިޔަވައިދިނުމުގައި ކުރީން ބޭނުންކުރި ސަޤާފީ އުސޫލުތަކަށް ބޮޑު އަހަންމިއްޔަތެއް ދޭން ނިންމައިފައެވެ.

މިއީ ހަމައެކަނި ކުރީގެ މާޒީ ހަނދާންކޮށް އެނބުރި އައި އައުމެއް ނޫނެވެ. މިއީ ކުދިންގެ ކިޔެވުމުގެ ހުނަރާއި، ސަމާލުކަންދިނުމާއި، މާ ގިނައިން އިސްކިރީން ބޭނުންކުރުމުގެ ސަބަބުން އުނގެނުމަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާ ދިއުމަށް ސްވިޑެން ސަރުކާރުން ދިން ޖަވާބެކެވެ.

ޗާޕުކޮށްފައިވާ ޓެކްސްޓު ފޮތްތައް އަލުން އިސްކޫލުތަކަށް ތަޢާރަފުކުރުމަށް ސްވިޑެން ސަރުކާރުން އެތައް މިލިއަން ޑޮލަރެއް ވުނަކުރުމަށް ނިންމައިފައިވާ އިރު، 2026 ވަނަ އަހަރުން ފެށިގެން އަހަރަކު 555 މިލިއަން ސްވިޑެން ކްރޯން ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. ޚާއްސަކޮށް ކުޑަކުދީންގެ ތެރޭގައި ކޮންމެހެން ބޭނުން ނުވާ ގޮތްގޮތަށް އިސްކިރީނު ބޭނުންކުރާކުރުން މަދުކުރުމަށް ވެސް، އެ ޤައުމުން ވަނީ ފިޔަވަޅުތައް އަޅާން ފަށައިފައެވެ. 2026 ވަނަ އަހަރުގެ ހޫނު މޫސުމުން ފެށިގެން ސްވިޑެންގެ އިސްކޫލްތަކުގައި، އިސްކޫލް ދަންފަޅީގައި މޯބައިލު ފޯނު ބޭނުންކުރުން މަނާކުރުމަށް ވެސް، އެ ޤައުމުން ވަނީ ނިންމައިފައެވެ.

މުދައްރިސުން ވަނީ ވަރަށް މުހިންމު ކަމެއްގެ މައްޗަށް އިތުރަށް އަލިއަޅުވައިލައިފައެވެ. އެ ގޮތުން، ޗާޕުކޮށްފައިވާ ފޮތްތައް ކިޔުމާއި، އަތުން ލިޔުމާއި، ސަމާލުކަންދިނުމަށް ކުދީންނަށް ވަގުތު ބޭނުންވެއެވެ. އަދި އިސްކްރީނާއި، ނޮޓިފިކޭޝަނާއި، އަދި ސުމޭކީ ސަމާލުކަން ނަގައިލާ ފަދަ ކަންކަމުގެ (ޑިޖިޓަލް ޑިސްޓްރެކްޝަން)ގެ މެދުގައި، އެކަތީން އަނެކައްޗަށް މެދުނުކެނޑި ދިއުމުގެ ބަދަލުގައި، ކުދީންނަށް ފަހުމުވާ ފަހުމުވުން ތަރައްޤީކުރާން ބޭނުންވެއެވެ. އެކަމަކު، ސްވިޑެންއިން ފަންނިއްޔާތު އެއްކޮށް ދޫކޮށްލަނީއެއް ނޫނެވެ. އެ ޤައުމުގެ އަމާޒަކީ ކްލާސްރޫމްގައި އިސްކިރީނަށް ވެރިކަންކުރުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި، ސުމޭކީ އާލަތުގެ ބޭނުންކޮށްގެން ތައުލީމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިއީ ފަހަރެއްގައި، ދުނިޔޭގެ އެހެން ޤައުމުތަކަށް ވަރަށް މުހިންމު ފިލާވަޅަކަށް ވެދާނެއެވެ. އަހަރުތަކެއް ވަންދެން އަހުރެމެންނަށް ބުނެދެވުނީ، ތަޢުލީމީ ދާއިރާގައި ފަންނިއްޔާތުގެ ދައުރު ބޮޑުވުމަކީ ތަޢުލީމީ ފެންވަރު އޮޓޮމެޓިކުން ރަނގަޅުވާނެ ކަމެއްކަމަށެވެ. ސުމޭކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ އެއް ޤައުމުން މިހާރު މަސައްކަތްކުރަމުން ދަނީ ކުރީން އެ ޤައުމުން ހީކުރި ހީކުރުމާ މެދު ދެވަނަ ވިސްނަމުކަށް ދިއުމަށެވެ.

ކޮންމެ ކުއްޖެއްގެ ކުރިމަތީގައި އިސްކިރީނެއް ބެހެއްޓުމަކީ ތަޢުލީމުގެ ކުރިމަގެއް ނޫނެވެ. ތަޢުލީމުގެ ކުރިމަގު ގުޅިފައިވަނީ އިސްކިރީނު އެއްފަރާތް ކުރަންވީ ކޮން އިރަކުކަން އެނގި، ކުދީންގެ އަތަށް ފޮތާއި، ގަލަމާއި އަދި އެ ކުދީން ދަސްކުރާ އެއްޗިއްސާ މެދު ވިސްނާނެ ޖާގަދިނުމެވެ.

ކޮމެންޓު