އޒ. އިބްރާހީމް ރަޝީދު މޫސާ
2 ނޮވެންބަރު 2026
އެ ތަނެއްގައި އަޅުގަނޑުމެން ދިރިއުޅެމުންދާ ވެށްޓަކީ އަޅުގަނޑުމެންގެ ވާސައެވެ. މީގެ އިތުރަށް، އެއީ ﷲ U ގެ ކުޅަދުންވަންތަކަމުގެ އާޔަތްތަކުން ފުރިފައިވާ އިލާހީ ފޮތެއް ވެސްމެއެވެ. އެއީ އިންސާނާ އިމްތިޙާނު ކުރެވޭ މައިދާނެކެވެ. އޭނާ އެ ތަން ކުރީ އާރާސްތު ހެއްޔެވެ؟ ނުވަތަ ކުރީ ޚަރާބު ހެއްޔެވެ؟އިންސާނާ ﷲ ތަޢާލާގެ މި ނިޢުމަތަށް ކުރީ ޝުކުރު ހެއްޔެވެ؟ ނުވަތަ ވީ ހަރާންކޯރު ހެއްޔެވެ؟ މި ގިއުގަނޑުގެ ތެރޭގައި އިސްލާމީ ޝަރީޢަތް ވަނީ ވެށްޓާބެހޭ ފުރިހަމަ ޝާމިލު ނިޒާމެއް ގެނެސްދީފައެވެ. ފަށަނީ ތަޞައްވުރު ރަނގަޅުކޮށްދިނުމުންނެވެ. ނިމެނީ ސުލޫކު ކޮންޓްރޯލު ކުރުމުންނެވެ.އިންސާނާއަށް ވެށި ޚަރާބުކުރުމުގައި، ނުވަތަ އިހްމާލުކުރުމުގައި، ނުވަތަ ހައްދުފަހަނަޅައިދިޔުމުގައި ދެއްކޭނެ ބަހަނާއެއް ޢުޒުރެއް ނުލެއްވުމަށް ޓަކައެވެ.
އިސްލާމީ ތަޞައްވުރުގައި ވެށި : ނިޢުމަތެއް ... އަމާނަތެއް... ޚިލާފަތެއް
އިސްލާމްދީން ވަރަށް ސާފު ބަހުން ކަށަވަރުކޮށްދޭ ގޮތުގައި މި ކައުނު އުފައްދަވައިފައިވަނީ ބޭނުމެއްނެތިއެއް ނޫނެވެ.ބޭކާރު ކަމަކަށް ނޫނެވެ. އެހެނަސް އެކަލާނގެ މި ކައުނު ޚަލްޤުކުރައްވައފައި މި ވަނީ ވަރަށް ހަރުދަނާ ތަވާޒުނެއްގެ މަތީގައެވެ.
- الله ތަޢާލާ ވަޙީކުރެއްވިއެވެ. (ٱلَّذِیۤ أَحۡسَنَ كُلَّ شَیۡءٍ خَلَقَهُۥۖ [1]- އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ.)
- މި ހެއްދެވުން ތަވާޒުނެއްގެ މަތީގައި ވާ ކަން އަންގަވައި ވަޙީކުރެއްވިއެވެ. (وَأَنۢبَتۡنَا فِیهَا مِن كُلِّ شَیۡءࣲ مَّوۡزُونࣲ [2]- އަދި ކަނޑައެޅިގެންވާ ތަވާޒުނެއްގެ މަތީގައި ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ.)
- އަދި ﷲ Y ކޮންމެ އެއްޗެއް ހައްދަވަނީ ވަކި މިންވަރަކަށް ކަން ބަޔާންކުރައްވައި ވަޙީކުރެއްވިއެވެ. (إِنَّا كُلَّ شَیۡءٍ خَلَقۡنَٰهُ بِقَدَرࣲ[3] - ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ، ކަނޑައަޅުއްވާފައިވާ ވަކި މިންވަރަކަށެވެ.)
އިލާހީ ކައުނީ މި ގެތުންތަކާއި މި ނިޒާމާ އިންސާނާ ކުޅެގެން ނުވާނެތެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާ ވަޙީކުރެއްވިއެވެ. (وَٱلسَّمَاۤءَ رَفَعَهَا وَوَضَعَ ٱلۡمِیزَانَ ٧ أَلَّا تَطۡغَوۡا۟ فِی ٱلۡمِیزَانِ [4]- އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ތަވާޒުނު ލެއްވިއެވެ. މި ތަވާޒުނުގައި ތިޔަބައިމީހުން ހައްދުފަހަނަޅައިނުދިޔުމަށް ޓަކައެވެ.)
ވައި ވިސަޑުކުރާ ކޮންމެ ކަމަކީ ، ފެނުން ކުރެވޭ ކޮންމެ އިސްރާފަކީ، ވެށީގެ ޙަޔަވީ ތަވާޒުނަށް ބަދަލުގެންނަ ކޮންމެ ކަމަކީ މި ތަވާޒުނު ހައްދުފަހަނަޅައި ދިޔުމެވެ.
ﷲ Y މި ބިން އިންސާނާގެ ޚިދްމަތުގައި ލެއްވީ މި ބިމުން ފައިދާލިބިގަތުމަށް ޓަކައެވެ. އެއީ މާތްﷲ މިބިން އޭނާއަށް ކޮށްދެއްވި މިލްކުކޮށްދެއްވުމެއްނޫނެވެ. ބިމުގެ މިލްކުވެރިޔަކީ އެކަލާނގެއެވެ. މި ބިމުން ފައިދާ ޙާޞިލުކުރާން ޖެހޭނީ އެކަލާނގެ އަންގަވައިފައިވާ ނިޒާމުގެ ތެރޭގައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. (وَسَخَّرَ لَكُم مَّا فِی ٱلسَّمَٰوَٰتِ وَمَا فِی ٱلۡأَرۡضِ جَمِیعࣰا مِّنۡهُۚ[5] - އަދި އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކޮށްދެއްވިއެވެ. އެހުރިހާ ތަކެއްޗެއްވަނީ، އެކަލާނގެ حضرة ންނެވެ.) އިތުރު އެހެން ބަސްފުޅެއްގައިވެއެވެ. (وَٱلۡأَرۡضَ وَضَعَهَا لِلۡأَنَامِ[6] - އަދި خلقތަކުންނަށް ޓަކައި އެކަލާނގެ ބިން ލައްވައިފައިވެއެވެ.)
މި ދެ ތަޞައްވުރުގެ ތަފާތު ވަރަށް ބޮޑެވެ. އޭނާއަކީ ބިމުގެ ވެރި ފަރާތް ކަމުގައި ހީކުރާ މީހާ މި ބިމަށް ކޮންމެ ފަދަ އަނިޔާއެއް ވެސް ދީފާނެއެވެ. މި ބިމުގެ ބޭނުން އަނަފާކޮށްފާނެއެވެ. އެހެނަސް މި ބިމަކީ އޭނާއާ ބަލަހައްޓަން ހަވާލުކުރެވިފައިވާ ތަނެއް ކަން ދަންނަ މީހާ މި ގޮތަކަށް ޢަމަލެއް ނުކުރާނެތެވެ. އޭނާއާ ބިން ޙަވާލުކުރި ފަރާތުން ބިމާ ބެހޭގޮތުން ޢަމަލުކުރާންޖެހޭ ގޮތް ކިޔައިދޭނެއެވެ. އޭނާ މި އިރްޝާދުތަކާ ޚިލާފުވެގެން ނުވާނެތެވެ. މާތް ﷲ އިންސާނާއާ ބިން ޙަވާލުކުރެއްވީ ކީއްކުރަންކަން ބަޔާންކުރައްވައި އެންގެވިއެވެ. އެކަލާނގެ އާދަމުގެފާނު ލެއްވީ މި ބިމުގައި ޚަލީފާއެއްގެ ގޮތުގައެވެ. ﷲ ތަޢަލާ ވަޙީކުރެއްވިއެވެ.(إِنِّی جَاعِلࣱ فِی ٱلۡأَرۡضِ خَلِیفَةࣰۖ [7]-ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމެވެ.)
މި ބިމުގައި އިންސާނާ ލެއްވީ މި ބިން އާރާސްތުކުރާށެވެ. މި ބިން ތަރައްޤީކޮށް ކުރިއަރުވާށެވެ. މި ބިން ހަލާކުކޮށް ބިމުގެ ނިޒާމުތައް ގަޑުބަޑުކުރާކަށް ނޫނެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. (هُوَ أَنشَأَكُم مِّنَ ٱلْأَرْضِ وَٱسْتَعْمَرَكُمْ فِيهَا - އެކަލާނގެ ތިޔަބައިމީހުން ބިމުގެ ތެރެއިން އުފެއްދެވިއެވެ. އަދި އެ ބިމުގައި عمارة ކޮށް، އެ ބިމުގެ ފައިދާ ލިބިގަންނަ ބަޔަކު ކަމުގައި ތިޔަބައިމީހުން ލެއްވިއެވެ. ) އެކަލާނގެ އިންސާނާ ބިމުގައި މި ލެއްވީ ބިމުގައި ޢިމާރާތްކުރާށެވެ. މި ބިން ވީދައި ކައި ހުސްކުރާކަށްނޫނެވެ. ކައުރަސޫލާ ﷺ ޙަދީސްކުރެއްވިއެވެ. (إنَّ الدُّنْيَا حُلْوَةٌ خَضِرَةٌ، وَإِنَّ اللَّهَ مُسْتَخْلِفُكُمْ فِيهَا فَنَاظِرٌ كَيْفَ تَعْمَلُونَ [8]- ހަމަކަށަވަރުން ދުނިޔެއަކީ ފޮނި ފެހި ތަނެކެވެ. އަދި ހަމަކަށަވަރުން މާތް ﷲ ވަނީ ތިޔަބައިމީހުން މި ބިމުގައި ޚަލީފާވެރިކުރައްވައިފައެވެ. އެކަލާނގެ ތިޔަބައިމީހުން ޢަމަލުކުރާ ގޮތް ބައްލަވައިވޮޑިގަންނަވާނެއެވެ. ) މި ބަސްފުޅުގައި މާތް ﷲ މި އަންގަވަނީ މި ބިން ރަނގަޅުގޮތުގައި ބޭނުންކުރުމަށެވެ. އިންސާނުން މި ބިން ބޭނުންކުރަމުންދާ ގޮތް ބައްލަވައި އެކަމަށް ޖަޒާދެއްވާނެއެވެ.
މާތް ﷲ މި ބިން ޚަލްޤުކުރެއްވި ފުރިހަމަ ގޮތާމެދު ވިސްނާށެވެ! މި ބިމުގައި ލައްވައިފައިވާ ކާއިނަތުތަކުގެ ސިންދަފާތުކަމަށް ބަލާށެވެ! ވެށީގެ ނިޒާމުގެ ތެރޭގައި ، ފަހާއި ، ގަސް ، ގަހާއި ދިރޭ ސޫފިތައް ، ދޫނިސޫފިތަކާއި މަންމަލުތަކުގެ ގުޅުންތަކާމެދު ވިސްނާށެވެ!މިއީ ޚާލިޤުގެ މަތިވެރިކަން ދައްކުވައިދޭ ހެކިތަކެކެވެ. މި ކަމަށް ޓަކައި ޚާލިޤަށް ޝުކުރުވެރިވާށެވެ! ޚާލިޤުގެ އަމުރުފުޅުތައް ތަންފީޒުކުރާށެވެ! ޚާލިޤު ދެނެގަންނާށެވެ!މާތް ﷲ ވަޙީކުރެއްވިއެވެ.( وَفِى ٱلْأَرْضِ ءَايَٰتٌ لِّلْمُوقِنِينَ ﴿٢٠﴾ وَفِىٓ أَنفُسِكُمْ ۚ أَفَلَا تُبْصِرُونَ [9]- يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟)
ޠަބީޢީ މުއްސަނދިކަމުންނާއި ޚައިރާތުން ފައިދާލިބިގަނެވޭނީ ޢިލްމުން
ކައުނާމެދު ވިސްނައި ދިރާސާކުރުމަށް އިސްލާމްދީނަށް ވުރެ ބޮޑަށް ގޮވައިލާ އެހެން ދީނެއް ނުވެތެވެ. ކީރިތި ޤުރްއާން އިންސާނާއަށް ބިމުގެ ދޮރުތައް ހުޅަވައިލައިފައިވަނީ ތަންމިނަށެވެ. ގަދަ ކީރިތިވަންތަ މާތް ﷲ ވަޙީކުރެއްވިއެވެ. (قُلْ سِيرُوا۟ فِى ٱلْأَرْضِ فَٱنظُرُوا۟ كَيْفَ بَدَأَ ٱلْخَلْقَ [10]- ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! އަދި اللَّه، خلق ތަކުން ފުރަތަމަ އުފެއްދެވި ގޮތް، ތިޔަބައިމީހުން ވިސްނައިބަލާށެވެ! )
އެހެން ބަސްފުޅެއްގައި މާތްﷲ ވަނީ އިންސާނާ ވިސްނައި ބަލާންވީ ކަންތައްތަކެއް ބަޔާންކުރައްވައިފައެވެ. އެއީ އޭނާގެ މާހައުލުން ކޮންމެ ދުވަހަކު އޭނާއަށް ފެންނަ މަލަތަކެކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (أَفَلَا يَنظُرُونَ إِلَى ٱلْإِبِلِ كَيْفَ خُلِقَتْ ﴿١٧﴾ وَإِلَى ٱلسَّمَآءِ كَيْفَ رُفِعَتْ ﴿١٨﴾ وَإِلَى ٱلْجِبَالِ كَيْفَ نُصِبَتْ ﴿١٩﴾ وَإِلَى ٱلْأَرْضِ كَيْفَ سُطِحَتْ [11] - ފަހެ، ޖަމަލު ހައްދަވައިފައިވަނީ، ކޮން ފަދައަކުންކަމާ މެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވ؟. އަދި އުޑު އުފުއްލަވައިފައިވަނީ، ކޮންފަދައަކުންކަމާ މެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ އަދި ފަރުބަދަތައް ކޮޅަށް ނަންގަވައިފައިވަނީ، ކޮން ފަދައަކުންކަމާ މެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެވެ؟ އަދި ބިން ފަތުރުއްވައިފައިވަނީ، ކޮންފަދައަކުން ކަމާ މެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟)
ކީރިތި ޤުރްއާން އޭނާގެ ސުވަޔާ މި ސުވާގެ ދިގު ދަތުރާ މެދު ވިސްނުމަށް ވެސް އިންސާނާއަށް ގޮވައިލައެވެ. އަރަހުށި މާތް ﷲ ވަޙީކުރެއްވިއެވެ. (فَلْيَنظُرِ ٱلْإِنسَٰنُ إِلَىٰ طَعَامِهِۦٓ ﴿٢٤﴾ أَنَّا صَبَبْنَا ٱلْمَآءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا ٱلْأَرْضَ شَقًّا ﴿٢٦﴾ فَأَنۢبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَآئِقَ غُلْبًا ﴿٣٠﴾ وَفَٰكِهَةً وَأَبًّا ﴿٣١﴾ [12]- ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ! ބޯކޮށް އޮހިގެން އަންނަ ގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ. ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ. އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ. އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ. އަދި ގަސްތައްގިނަ ބަގީޗާތަކެވެ. އަދި މޭވާގެ ބާވަތްތަކާއި ހުއިތަކެވެ.)
މި ބެލުމުން ދެ މޭވާއެއް ޙާޞިލުކުރެވެއެވެ. އެއީ:
· އީމާނީ މޭވާ: ކައުނާ ބެހޭ ޢިލްމު ﷲގެ އަޅާއަށް ލިބެމުންދިޔަ ވަރަކަށް އޭނާގެ އީމާންކަން ހަރުދަނާވެ ﷲދެކެ ގަންނަ ބިރު އިތުރުވަމުންދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. (إِنَّمَا یَخۡشَى ٱللَّهَ مِنۡ عِبَادِهِ ٱلۡعُلَمَٰۤؤُا۟ۗ [13] - اللَّه އަށް ބިރުވެތިވާކަން ކަށަވަރީ، އެކަލާނގެ އަޅުންގެތެރެއިން علم ވެރިންނެވެ. )
· ޢަމަލީ މޭވާ: ޤުދްރަތީ މުއްސަދިކަމުގެ ޠަބީޢަތު ނޭނގޭ މީހާ އެއާއެކު މުޢާމަލާތު ކުރާނީ ނޭދެވޭ ގޮތަކަށެވެ. މި ބިމުގައި ހުރި ފެނުގެ ތެރެއިން މީރު ފެންފޮދުގެ މިންވަރަކީ ވަރަށް ކުޑަ އެތިފޮދެއްކަން އެނގޭ މީހާ މި ފެން އިސްރާފެއް ނުކުރާނެތެވެ. މި ފެން ވިސަޑުވެދާނެ ފަދަ އެއްވެސް ޢަމަލެއް ނުކުރާނެތެވެ. މުޅި ޙަޔާތުގެ ދެމިއޮތުން ބިނާވެފައިވަނީ މި ކުޑަ ފެންފޮދުގެ މަތީގައި ކަން ދަންނަ މީހާ މި ފެން ރަނގަޅު ގޮތުގައި މެނުވީ އިސްތިއުމާލެއްނުކުރާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ( وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَىْءٍ حَىٍّ [14]- އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ) މި ޙަޤީޤަތް ދަންނަ މީހާ ފެނަށް އިޙްތިރާމުކުރާނެއެވެ.
· މި ބިމުގައިވާ ފެހި ތަންކޮޅަކީ މި ބިމުގެ ފުއްޕާމޭކަން ދަންނަ މީހާ މި ފެހި ބިންކޮޅު ހަލާކެއް ނުކުރާނެތެވެ. ގަސްތައް ކަނޑައި ބިން ހަނަފަހެއް ނުކުރާނެތެވެ.
· މި ބިމުގައި ދިރިއުޅޭ އެންމެ ހައިވާނެއް ވެސް ހަލާކުވެ އިންދިރާސްވުމަކީ ކައުނީ ނިޒާމު ގަޑުބަޑުކުރާނެ ކަމެއްކަން ދަންނަ މީހާ ބޭނުމެއްނެތި އެއްވެސް ދިރޭ އެއްޗެއް ނުމަރާނެތެވެ.
ފެނާއި ހަކަތައާއި ކާބޯތަކެއްޗާއި ޙަޔަވީ ސިންދަފާތުކަމާއި މޫސުމަށް އަންނަމުންދާ ބަދަލުތަކާ ކުރިމަތިލުމަށް ޓަކައި ޢިލްމަށާއި ދިރާސާކުރުމަށް ބޭނުންވަނީ މިހެންވެގެންނެވެ. މި ކަންކަން ހޯދައި ދުރާލައި ފިޔަވަޅުއެޅުމަށް ޓަކައެވެ. ރަނގަޅު ނިޔަތް، ކާމިޔާބު ޙައްލަކަށް އަދި ޝިޢާރުތައް މަޝްރޫޢުތަކަކަށް ހަދައިދެނީ ޢިލްމާއި މަޢުރިފާއެވެ.
(ނުނިމޭ)
ބައެއް ލަފުޒުގެ މާނަ:
ޙަޔަވީ ނ. ދިރޭ ތަކެއްޗާ ގުޅުން ހުރި. biological
ނިޒާމު ނ. (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ވަކި ތަރުތީބަކުން ނުވަތަ ގަވާއިދަކުން ކަންކަން ހިންގުމަށް އެކުލަވައިލެވިފައިވާ އޮނިގަނޑު (މިސާލަކަށް: ވެރިކަމުގެ ނިޒާމު، ތައުލީމީ ނިޒާމު، ނުވަތަ ހަށިގަނޑުގެ ނިޒާމުތައް). systerm
ގަޑުބަޑުކުރުން މ. (1) ތަޣައްޔަރުކުރުން. (2) އަސްލާއި އެހެން އެއްޗަކާ އެއްކުރުން. (3) ބައެއްގެ ތެރޭގައި ހަމަނުޖެހުން އުފެއްދުން.
އިންދިރާސް ނ. (1) ބައުވެގެންވާ ހަލާކު. (2) ނެތިދާދިޔުން. (3) ވީރާނާ.
ވެށި ނ. (1) ވަށައިގެންވާ ތަން. (2) މާހައުލު
ވިސަޑުވުން މ. އިތުރު މާއްދާއެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލުން ނުވަތަ ތަޣައްޔަރުވުން. pollute
މަލަ ނ. ދުރުން ފެންނަ ރަށެއްގެ ގަސްކަރަ.
މަޝްރޫޢު ނ. ވަކި މުއްދަތެއްގެ ތެރޭގައި ވަކި މަގުސަދުތަކެއް ޙާސިލުކުރުމަށް ރާވާ ރޭވުން.
މާހައުލު ނ. ވެށި
ފުއްޕާމޭ ނ. މޭގައި ހަރުވެފައިވާ ގުނަވަނެއް. މި ގުނަވަން އޮންނަނީ ދެ ބަޔަކަށެވެ. މިއީ، ކަނާތްފަރާތު ފުއްޕާމެޔާއި ވާތްފަރާތު ފުއްޕާމެއެވެ. ނޭވާގެ ޙަރަކާތާ އެކު މި ގުނަވަނަށް ވައިވަދެ ނިކުތުމުން ފުފި، އޭގެ ސައިޒު ބޮޑުވާ ކުޑަވާ ގޮތްވެއެވެ. lung
ދިރާސާ ނ. މައުލޫމާތު އެއްކުރުމަށް ޓަކައި ނިޒާމީ ގޮތެއްގައި ހޯދާ ހޯދުން. research
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
ސިންދަފާތު ނ. އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. diversity
ޝިޢާރު ނ. މޮޓޯ، ނުވަތަ ހިފަހައްޓާ އުސޫލު ހާމަކޮށްދޭ ބަހެއް ނުވަތަ އިބާރާތެއް. theme
މަރުޖާ:
[1] - السجدة: 7
[2] -الحجر: 19
[3] - القمر: 49
[4] - الرحمن: 7 - 8
[5] - الجاثية: 13
[6] - الرحمن: 10
[7] - البقرة: 30
[8] - أخرجه مسلم (٢٧٤٢)، والترمذي (٢١٩١)، وابن ماجه (٤٠٠٠) و الطبراني (١٧٨٠٧) والطيالسي (٢٢٧٠)
[9] - الذاريات: 20 - 21
[10] - العنكبوت: 20
[11] - الغاشية: 17 - 20
[12] - عبس: 24 - 31
[13] - فاطر: 28
[14] -الأنبياء : 30