ad_banner
ޒަމާނީ ފަންނިއްޔާތަކީ އެއްވެސް މީހަކަށް އޮތް ޢުޒުރެއް ނޫން!

ޑރ. މޫސާ އަންވަރު ޙަސަން

29 އޮކްޓޯބަރު 2026

ޒަމާނީ ފަންނިއްޔާތަކީ އެއްވެސް މީހަކަށް އޮތް ޢުޒުރެއްނޫނެވެ. ދުނިޔޭގެ ޙާދިސާތައް މި ވަނީ އަޅުގަނޑުމެންގެ އަތްމައްޗަށް ތިލަވެފައެވެ. ސާފުކަން ބޮޑުކޮށް، މީސްމީޑިއާގެ ވަސީލަތްތަކުން އަޅުގަނޑުމެންގެ ސްމާޓްފޯނުތަކުން އެ މަންޒަރުތައް ބަލަމުންދަމުއެވެ. ކާރިސާތަކާއި ހަނގުރާމަތައް، ޖަރީމާތަކާއި ނައްތައިލުންތައް، އަދި އަނިޔާވެރިކަމާއި ނިކަމެތިކޮށްލުމެވެ. ބައެއް ފަހަރު ކަރުނުން ފުރިގެންވާ ދެލޮލުން، އަދި އަނެއްބައި ފަހަރު އިޙުސާސެއް ނެތް، އެއްވެސް ދިރުމެއް ނެތް ބަލައިލުމަކުންނެވެ.

ނިކަމެތިކަމާއި ނުކުޅެދުންތެރިކަން ފެނިދާނެތީ އެ ކަމުން ރެކޭން އުޅޭ ފަދައަކުން، ސުންނާފަތިވަމުންދާ މަންޒަރުތައް އަވަސްއަވަހަށް (ސްކްރޯލްކޮށް) ފަހަނައަޅައިދާން މަސައްކަތްކުރަމުއެވެ. އެ މަންޒަރުތަކުން ރެކޭން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް، އެ ކަމުގެ އަސަރުތައް އަޅުގަނޑުމެންގެ ހިތްތަކުގައި ބިއްލޫރި ފަދައިން ބިނާވެފައި ހުންނާނެއެވެ. ސަބަބަކީ، އަނިޔާލިބިފައިވާ ކުޑަކުއްޖަކު، ނުވަތަ ދަރިފުޅު ގެއްލިގެން ރޯ މަންމައަކު، ނުވަތަ ނިކަމެތިކަމާއި މާޔޫސްކަމުން ގޮތްހުސްވެގެން ރޯ ފިރިހެނެއްގެ ކުރު މަންޒަރެއް ފެނުމުން ވެސް ފުދޭތީއެވެ. އެންމެ މަންޒަރެއް ވެސް ފުދެއެވެ. އަޅުގަނޑުމެންގެ ލޮލުގައިވާ ފަރުދާ އެއްކޮށް ކަޝްފުކޮށްލައި، އަމިއްލަ ނަފްސު ވަސީލަތެއް ނެތް ނިކަމެތިންކަމުގައި ދައްކައިގެން ހަދާން އުޅުނު ފާރުތައް ސުންނާފަތިކޮށްލުމަށެވެ! އަދި އަޅުގަނޑުމެން އިސްނަގައި، ނިކަމެތިކަމުގެ ދާއިރާއިން ނުކުމެ، އުފެދުމާއި ކުރިއެރުމުގެ ދާއިރާއަށް ނުދާހައި ހިނދަކު، ސަހަރޯއާއި ނިކަމެތިކަމުގެ އިޙުސާސް އަޅުގަނޑުމެންގެ ފަހަތުން ވަކިނުވާނެއެވެ.

މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އަސަރު ތިބާއަށް ކުރި ނަމަ، ﷲއަށް ޙަމްދުކުރާށެވެ. އަދި ދަންނާށެވެ! ތިބާގެ ހިތުގައި އިޙުސާސްތަކެއް އަދިވެސް އެބަ ހުއްޓެވެ. ސަލާމަތްވުމަށް އެދޭ ނަފުސެއް ތިބާގެ ކިބައިގައި އެބަ އޮތެވެ. ތިބާގެ ކިބައިން ހެޔޮކަން ކެނޑިގެން ނުދެއެވެ. ނަމަވެސް، އަޅުގަނޑުމެން މި އުޅެނީ މަގުގެ ދާދި ފެށުމުގައިކަން ދަންނާށެވެ. ގުޑުމެއް ނެތި، ބަންދުވެ، ހެޔޮކަންކަމަށް އަމުރުނުކޮށް، މުންކަރާތްތައް ނަހީނުކޮށް، ޢަމަލަކާ ނުލައި ހަމައެކަނި އުންމީދުތަކެއްގައި ތިބެ، ފަނާވަނިވި ދުނިޔެ، ދެމިއޮންނަނިވި އާޚިރަތުގެ މައްޗަށް އިސްކުރާ ނަމަ، އަޅުގަނޑުމެންނަކަށް މަޤްޞަދަކަށް ވާޞިލެއްނުވެވޭނެއެވެ.

ނަމަވެސް، އެ މަންޒަރުތަކަށް ތިބާ އާދަވެ، ޤަތުލުޢާއްމުތަކުގެ ބިރުވެރިކަމުން ތިބާގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ނަމަ، ދަންނާށެވެ! ތިބާގެ ހިތް ވަނީ ހިލަވެފައެވެ. އެ ހިތުގައި ޝައިޠާނާ ވަނީ އަސްކަރީ ސަފުތައް އަތުރައިފައެވެ. އެ ކަމުން ސަލާމަތްވުން ވަނީ ތެދުވެރި ތައުބާއަކުން، އަދި ﷲގެ ޙަޟުރަތަށް އަވަހަށް ރުޖޫޢަވުމުންނެވެ. މަރު އަޅުގަނޑުމެންނާ ހަމައަށް އައިސް، ފުރުޞަތު ގެއްލުމުގެ މައްޗަށް ހިތާމަކުރުމުގެ ކުރީންނެވެ.

މަގުގެ ފެށުން . . . ހޭލުންތެރިކަމުން ބަދަލަކަށް:

މަޤްޞަދަށް ވާޞިލުވުމަށް ސީދާވެގެންވާ މީހާ އަމިއްލަ ނަފްސާ ސުވާލުކުރާނެއެވެ: މަގަކީ ކޮބައިހެއްޔެވެ؟ އަދި ފެށުމަކީ ކޮބައިހެއްޔެވެ؟ ތިބާގެ ފައި މަގުމަތީގައި ބަހައްޓައި، ވަރުގަދަ ޢަޒުމާއެކު ދަތުރުކުރަން ފަށައިފި ނަމަ، ދަންނާށެވެ! އެއީ ނުރައްކާތަކާއި ނުކުޅެދުންތެރިކަމުން ފުރިގެންވާ މަގެކެވެ. ނަމަވެސް އެ ކަމުގެ ނަތީޖާއަކީ ހެޔޮކަމާއި އުފާވެރިޚަބަރެވެ. އަދި އެއީ ކާމިޔާބީގެ އެކަނި ވެސް މަގެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. (وَأَنَّ هَـذَا صِرَاطِي مُسْتَقِيماً فَاتَّبِعُوهُ وَلاَ تَتَّبِعُواْ السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ) (سورة الأنعام 153)  މާނައީ: "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ."

އެ މަގުގައި ސާބިތުވި މީހާ ތެދުމަގު ލިބި ސަލާމަތްވިއެވެ. އަދި އެ މަގުން އެއްކިބާވި މީހާ މަގުއޮޅި ހަލާކުވެއްޖެއެވެ. އަދި ތިބާ ސުވާލުކޮށްފާނެއެވެ: ތިމަން ބަދަލުވާން ފަށާނީ ކިހިނެއްހެއްޔެވެ؟ އެ ކަމުގެ ޖަވާބު ގުގުރީގެ އަޑުފަދައިން ސާފުކޮށް އަންނާނެއެވެ. ﷲ ތަޢާލާ ވަނީ ބަދަލުވުން، އަޅުންގެ ޢަމަލުތަކާއި އިޚުތިޔާރުތަކާ ގުޅުއްވައިފައެވެ. ސޫރަތުއްރަޢުދިގައި ﷲ ތަޢާލާ ވަޙީކުރައްވައިފައިވެއެވެ. (إِنَّ اللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا مَا بِأَنفُسِهِمْ) (سورة الرعد 11) މާނައީ: "ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة  އެ ބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާނދެން، اللَّه، އެ حالة  ބަދަލެއްނުކުރައްވާނެތެވެ."

އަޅުގަނޑުމެން ﷲއަށް ކިޔަމަންވެ ސީދާވެގެން ތިބެއްޖެ ނަމަ، އަޅުގަނޑުމެންގެ ނަތީޖާ ހެޔޮވާނެއެވެ. އަދި އުރެދި ނުބައިމަގުން ހިނގައްޖެ ނަމަ، ނަތީޖާ ނުބައިވާނެއެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ ނިކަމެތިކަމާއި، ބައިބައިވުމުގެ އަޞްލަކީ އަޅުގަނޑުމެންގެ ނުބައި ޢަމަލުތަކާއި ނުބައި ނިންމުންތަކުގެ ނަތީޖާއެވެ. އަޅުގަނޑުމެން ޢިއްޒަތާއި ކަރާމާތް، އަދި އެއްބައިވަންތަކަން އެދޭ ނަމަ، ފުރަތަމަ އަމިއްލަ ނަފްސު ބަދަލުކުރާން ފަށަމާތޯއެވެ! މިއީ ބަދަލުކުރުމުގައި ﷲގެ ސުންނަތެވެ. (فَهَلْ يَنظُرُونَ إِلَّا سُنَّتَ الْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ اللَّهِ تَبْدِيلًا ۖ وَلَن تَجِدَ لِسُنَّتِ اللَّهِ تَحْوِيلًا) (سورة فاطر 43) މާނައީ: "ފަހެ، އިސްވެދިޔަ މީހުންނާ މެދު، اللَّه ކަން ހިންގެވި ގޮތަށް މެނުވީ އެއުރެން انتظارކުރޭހެއްޔެވެ؟ ފަހެ، اللَّه، ކަން ހިންގަވާ ގޮތަށް ބަދަލެއް އަންނާތީ ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ. އަދި اللَّه، ކަންހިންގަވާ ގޮތް އެހެން ފަރާތަކަށް އަނބުރައިލެވޭތީ ވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ."

މާތް ﷲ ގެ ޤާނޫނަކީ ސާބިތު، ބަދަލުވުމެއް ނެތް ޤާނޫނެކެވެ.

އަދި އަމިއްލަ ނަފްސު ޠާހިރުކޮށް (އަޅުކަންތައް ކޮށްގެން) ކާމިޔާބުލިބޭނެކަމުގެ އުފާވެރި ޚަބަރު ﷲ ދެއްވައިފައިވެއެވެ. (قَدْ أَفْلَحَ مَن زَكَّاهَا) (سورة الشمس 9) މާނައީ: "އެ ނަފްސު ޠާހިރުކޮށްފި މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ." އަދި ވަޙީކުރެއްވިއެވެ. (قَدْ أَفْلَحَ مَن تَزَكَّى) (سورة الأعلى 14) މާނައީ: "އަމިއްލަ ނަފްސު ޠާހިރުކޮށްފި މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ." އަދި ނަފްސު ފާފަތަކުގެ ތެރެއަށް ޣަރަޤުކޮށްލި މީހާ ނާކާމިޔާބުވެއްޖެކަމަށް ވަޙީކުރެއްވިއެވެ. (وَقَدْ خَابَ مَن دَسَّاهَا) (سورة الشمس 10) މާނައީ: "އަދި އެ ނަފްސު ނިކަމެތިކޮށްފި މީހާ ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ." އިޞްލާޙުކުރައްވާ ބޭފުޅުން މި ޙަޤީޤަތް ދެނެވަޑައިގަތެވެ. އިމާމް ޙަސަނުލްބައްނާ އެކަލޭގެފާނުގެ ޚުޠުބާއެއްގައި ވިދާޅުވެފައިވާކަމަށް ނަޤުލުވެފައިވެއެވެ: "ތިޔަބައިމީހުންގެ ނަފުސުތަކަކީ ފުރަތަމަ މައިދާނެވެ. އެ ނަފުސުތަކުގެ މައްޗަށް ތިޔަބައިމީހުންނަށް ކުޅަދާނަވެވިއްޖެ ނަމަ، އެ ނޫން ކަންކަމުގެ މައްޗަށް ތިޔަބައިމީހުން ވަރަށް ކުޅަދާނަވާނެއެވެ."

ޢަމަލަށް މަގުދައްކައިދޭ ނަފްސު ޠާހިރުކުރުން:

އަދި ތިބާ ސުވާލުކޮށްފާނެއެވެ: ދެވަނަ ފިޔަވަޅަކީ ކޮބައިހެއްޔެވެ؟ މަގުހިނގާ މީހުންގެ ފުރަތަމަ މައިދާނަކީ އަމިއްލަ ނަފްސުކަން ތިބާއަށް އެނގިއްޖެ ނަމަ، ދަންނާށެވެ! އެއީ ތިބާއަށް ކުރިއެރުމުގެ ސަބަބުތަކާއި، ސާބިތުކަމާއި ބަދަލުވުމުގެ ވަސީލަތްތައް ފޯރުކޮށްދޭ މަގެކެވެ. އެއިން ތިބާގެ އީމާނީ ކާނާ ލިބިގަނެވޭނެއެވެ. އަދި އެ ކާނާ ލިބުނު މިންވަރަކުން ތިބާގެ ދަތުރުގެ ބާރުގަދަވާނެއެވެ.

ފުރަތަމަ ފިޔަވަޅު، ނަފްސު ޠާހިރުކުރުން އެއީ ހަމައެކަނި ފެށުމަކުން ނިމޭކަމެއްނޫނެވެ. އަދި ކީއްތޯއެވެ! މަޤްޞަދަށް ވާޞިލުވަންދެން އެ ކަން ތިބާއާ އެކު ދެމިއޮންނާނެއެވެ. އެ މަޤްޞަދަށް ޓަކައި ކޮންމެ ޤުރްބާނީއަކާއި ވަރުބަލިކަމެއް، އަދި ކޮންމެ މަސައްކަތެއް ތަޙައްމަލުކުރާން ފަސޭހަވާނެއެވެ. އެ މަޤްޞަދަކީ ސުވަރުގެއާއި ﷲގެ ރުއްސެވުމެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «من خاف أدْلج ومن أدْلج بلغ المنزلَ إلّا أن يُبلِّغَه اللهُ غالبَه إلّا أن يُبلِّغَه الجنةَ» (أخرجه الترمذي (٢٤٥٠)، وعبد بن حميد في ((المسند)) (١٤٥٨)، وابن أبي الدنيا في ((قصر الأمل)) (١١٥) باختلاف يسير) މާނައީ: " (ނުރައްކަލުން ސަލާމަތްވުމަށް ޓަކައި) ބިރުވެތިވާ މީހާ ރޭގަނޑުގެ ހާރު ވަގުތު ދަތުރު ފަށައެވެ. އަދި ހާރު ވަގުތު ދަތުރު ފަށާ މީހާ (ސަލާމަތްކަމާ އެކު) އޭނާގެ މަންޒިލަށް ފޯރައެވެ. ދަންނާށެވެ! ﷲ ތަޢާލާ އިޙްސާންތެރިވެވޮޑިގަންނަވާ އަޅަކަށް ދެއްވާ އެންމެ އަގުބޮޑު (ނިޢުމަތަކީ) ސުވަރުގެއެވެ." އެންމެ ބޮޑު ނިޢުމަތަކީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ރުއްސެވުން ލިބުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (وَرِضْوَانٌ مِّنَ اللَّهِ أَكْبَرُ ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ) (سورة التوبة 72)  މާނައީ: "އަދި اللَّه ގެ حضرة ން ލިބޭ ރުއްސެވުން މާބޮޑެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ ހަމަ އެއީއެވެ.

ޙަދީޘްގައިވެއެވެ. «إن الله عز وجل يقول لأهل الجنة: يا أهل الجنة، فيقولون: لبيك يا ربنا وسعديك، والخير في يدك. فيقول: هل رضيتم؟ فيقولون: وما لنا لا نرضى يا رب، وقد أعطيتنا ما لم تعط أحدا من خلقك. فيقول: ألا أعطيكم أفضل من ذلك؟ فيقولون: يا رب، وأي شيء أفضل من ذلك؟ فيقول: أحل عليكم رضواني فلا أسخط عليكم بعده أبداً» (رواه مالك).  މާނައީ: "ﷲ ޢައްޒަވަޖައްލަ ސުވަރުގޭގެ އަހުލުވެރީންނަށް ވަޙީކުރައްވާނެތެވެ: އޭ ސުވަރުގޭގެ އަހުލުވެރީންނޭވެ! ފަހެ އެބައިމީހުން ދަންނަވާނެތެވެ: އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިޖާބަދީފީމުއެވެ. އަދި ހުރިހައި ހެޔޮކަމެއް ވަނީ އިބަރަސްކަލާނގެ ޙަޟުރަތުގައެވެ. ފަހެ އެކަލާނގެ ވަޙީކުރައްވާނެތެވެ: ތިޔަބައިމީހުން ރުހިއްޖެއިންހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެތެވެ: އަޅަމެން ނުރުހޭންވީ ކީއްވެގެންތޯއެވެ؟ އިބަރަސްކަލާނގެ މަޚުލޫޤުންގެ ތެރެއިން އެކަކަށް ވެސް ދެއްވައިފައިނުވާ ފަދަ ނިޢުމަތްތައް އަޅަމެންނަށް ދެއްވީމުއެވެ. ފަހެ އެކަލާނގެ ވަޙީކުރައްވާނެތެވެ. ތިޔަބައިމީހުންނަށް އެއަށް ވުރެ މާ ހެޔޮކަން ބޮޑު އެއްޗެއް ދެއްވަންހެއްޔެވެ؟ ފަހެ އެބައިމީހުން ދަންނަވާނެތެވެ: އޭ އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އެއަށް ވުރެ މާ ހެޔޮކަން ބޮޑީ ކޮންއެއްޗެއްތޯއެވެ؟ ފަހެ އެކަލާނގެ ވަޙީކުރައްވާނެތެވެ: ތިމަންރަސްކަލާނގެ ރުއްސެވުން ތިޔަބައިމީހުންގެ މައްޗަށް ލައްވަމެވެ. ފަހެ އެއަށް ފަހު އެއްވެސް އިރަކު ތިޔަބައިމީހުންގެ މައްޗަށް ކޯފާވެވޮޑިއެއްނުގަންނަވާނަމެވެ."

ނަފްސު ޠާހިރުކުރުން ފުރިހަމަވަނީ ދެވަނަ ފިޔަވަޅާ އެކުގައެވެ. އެއީ އެ ކަމުގެ ޢަމަލީ ނަތީޖާއެވެ. (قُمْ فَأَنذِرْ) (سورة المدثر 2) މާނައީ: "ކަލޭގެފާނު ތެދުވެވަޑައިގެން إنذارކުރައްވާށެވެ!" އެއީ ދީން ފޯރުކޮށްދިނުމަށާއި، ޢާލަމްތަކަށް އިންޒާރުކުރުމަށް ތެދުވެ ހަރަކާތްތެރިވުމަށް ކުރެވޭ އަމުރެކެވެ. އިންޒާރުކުރުމަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުމާ އެކު، ދެ ކަމުގެ ނަތީޖާ ބަޔާންކޮށްދިނުމެވެ. އަޅުގަނޑުމެން އެ ކަން ޙައްޤު ގޮތުގައި ކޮށްފި ނަމަ، އަލިކަން ފެތުރި އަނދިރިކަން ފިލައިދާނެއެވެ.

ދަރީން ގެއްލިފައިވާ މައިންގެ ރޯއަޑާއި، ޔަތީމުންގެ އާހުތަކާއި، އަސީރުންގެ ކަރުނަތަކަށް ބޭނުންވަނީ އެ މީހުންނަށް ތަސައްލީދީ، އެ މީހުންގެ ކިބައިން އަނިޔާވެރިކަން ކަނޑުވައިދޭނެ މީހެކެވެ. ނަފްސު ޠާހިރުކުރި މީހުން އެ މީހުންނަށް ނަޞްރުދިނުމަށާއި އަނިޔާވެރިކަން ކަނޑުވުމަށް ނުނުކުމެއްޖެ ނަމަ، ދަންނާށެވެ! މައްސަލައަކީ އަޅުގަނޑުމެންގެ ކިބައިގައިވާ އުނިކަމެވެ. އަޅުގަނޑުމެންގެ ތެރޭގައި އެ ފަދަ އެތައް ބަޔަކު އެބަ ތިއްބެވެ! (قَالَتِ الْأَعْرَابُ آمَنَّا ۖ قُل لَّمْ تُؤْمِنُوا وَلَٰكِـن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُمْ) (سورة الحجرات 14) މާނައީ: " أعرابى ން ބުނޫއެވެ. ތިމަންމެން إيمان ވެއްޖައީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إيمان އެއްނުވަމުއެވެ. އެހެނެއްކަމަކު، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނާށެވެ!"

ހެޔޮކަންކަމަށް އަމުރުނުކޮށް، މުންކަރާތްތައް ނަހީނުކުރާ މީހާއަކީ އަޅުގަނޑުމެންގެ ތެރެއިންވާ މީހެއް ނޫނެވެ. (وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ) (سورة التوبة 71)  މާނައީ: "އަދި މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަކީ، އެއް ބަޔަކު އަނެއް ބަޔެއްގެ އެހީތެރީންނެވެ. އެބައިމީހުން ހެޔޮކަންކަމަށް އަމުރުކުރެތެވެ. އަދި މުންކަރާތްތައް ނަހީކުރެތެވެ." އެބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ނަޞްރުދީ އެހީތެރިވެއެވެ. ނިކަމެތިވެފައިވާ މީހުންނަށް ނަޞްރުނުދީ ދޫކޮށްލުމާއި، ޤާތިލުން އަނިޔާވެރީންގެ އަތުގައި ނުހިފުމަށް ވުރެ ބޮޑު މުންކަރާތެއް ކޮބައިހެއްޔެވެ؟

އަދި ކީރިތި ރަސޫލާ صلى الله عليه وسلم ގެ އިންޒާރަށް އަޅުގަނޑުމެން ބިރުވެތިވާންޖެހެއެވެ: «والَّذي نفسي بيدِه لتأمُرُنَّ بالمعروفِ ولتَنهوُنَّ عنِ المنكرِ أو ليوشِكنَّ اللَّهُ أن يبعثَ عليكم عذابًا مِن عندِه ثمَّ لتدْعُنَّهُ فلا يستجابُ لكم» (رواه الترمذي) މާނައީ: "ތިމަންކަލޭގެފާނުގެ ނަފްސު އެކަލާނގެ ކުޅަދުންވަންތަކަމުގެ ދަށުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހެޔޮކަންކަމަށް އަމުރުކުރާންވާނެއެވެ. އަދި މުންކަރާތްތައް ނަހީކުރާންވާނެއެވެ. ނޫން ނަމަ، ﷲ ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަޟުރަތުން ޢަޛާބެއް ފޮނުއްވުން ގާތްވެގެންވެއެވެ. އެއަށް ފަހު ތިޔަބައިމީހުން ދުޢާކުރިޔަސް އިޖާބައެއް ނުކުރައްވާނެތެވެ." 

މީހަކު ބުނެފާނެއެވެ. މަގުވަނީ ނުރައްކަލުން ފުރިގެންނެވެ. އަދި ﷲގެ ދުޝްމަނުން އެ މަގުން ހިނގާ މީހުންނަށް ރަޙުމެއް ނުކުރެއެވެ. ފަހެ ދަންނާށެވެ! ސުވަރުގެ ވަށައިލެވިފައިވަނީ ނުރުހޭ ކަންކަމުންނެވެ. އަދި ނަރަކަ ވަށައިލެވިފައިވަނީ އެދުންވެރިކަމުންނެވެ. (وَمَا عِندَ اللَّهِ خَيْرٌ وَأَبْقَى لِلَّذِينَ آمَنُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ) (سورة الشوري 36)

މާނައީ: "އަދި إيمانވެ، އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުންނަށް، اللَّهގެ حضرة ގައިވާ ثواب ހެޔޮކަން ބޮޑެވެ. އަދި ދެމިހުރުން ބޮޑުމެއެވެ." ހިތުގައި ނަފްސު ޠާހިރުކުރުން ވަރުގަދަވި ވަރަކަށް، ޤުރްބާންވުން ފަސޭހަވާނެއެވެ. އަދި ﷲގެ މަގުގައި ޤުރްބާންވި މީހާ ކާމިޔާބުވާނެއެވެ. އަދި އެ ކަމުން އެއްކިބާވި މީހާ، ނަރަކައިގެ ޢަޛާބުގެ ތެރެއަށް ވެއްޓިގެންދާނެއެވެ.

ބަދަލުގެނުވާ މީހުންނީ، ހިތް މަޑުމޮޅިކޮށްދޭ ޚާލިޞް އަޅުކަމާއި، ޚަލްޤުތަކުންނަށް އިންޞާފު ޤާއިމުކޮށްދޭ ވަރުގަދަ ބާރު އެއްކޮށްލާ މީހުންނެވެ. އަޅުގަނޑުމެންގެ ކިބައިގައި އެ ޝަރުޠު ފުރިހަމަ ނުވެއްޖެ ނަމަ، ﷲ އަޅުގަނޑުމެންގެ ބަދަލުގައި އެހެން ބަޔަކު ގެންނަވާނެއެވެ. އެކަލާނގެ ވަޙީ ކުރައްވައިފައިވެއެވެ. 

(يَا أَيُّهَا الَّذِينَ آمَنُوا مَن يَرْتَدَّ مِنكُمْ عَن دِينِهِ فَسَوْفَ يَأْتِي اللَّهُ بِقَوْمٍ يُحِبُّهُمْ وَيُحِبُّونَهُ أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلَا يَخَافُونَ لَوْمَةَ لَائِمٍ ۚ ذَٰلِكَ فَضْلُ اللَّهِ يُؤْتِيهِ مَن يَشَاءُ ۚ وَاللَّهُ وَاسِعٌ عَلِيمٌ) (سورة المائدة 54)  މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން އެ މީހެއްގެ دين ދޫކޮށް مرتدވާ މީހާ (ދަންނާށެވެ!) ފަހެ، (އެއުރެންގެ ބަދަލުގައި) އެ ބަޔަކަށް އެކަލާނގެ ލޯބިވެވޮޑިގެންވާ، އަދި އެ ބަޔަކު އެކަލާނގެދެކެ ލޯބިވާ ބަޔަކު اللَّه ގެންނަވާނެތެވެ. އެއީ مؤمن ންގެ މައްޗަށް އޯގާވެރި، މަޑުމައިތިރި ބަޔެކެވެ. كافرންގެ މައްޗަށް ގަދަފަދަ عزّة ތެރި ބަޔެކެވެ. اللَّهގެ މަގުގައި އެއުރެން جهاد ކުރާނެތެވެ. އަދި މަލާމާތްކުރާ މީހެއްގެ މަލާމާތަކަށް އެއުރެން ބިރެއްނުގަންނާނެތެވެ. އެއީ اللَّهގެ فضل ވަންތަކަމެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އެ ކަން ދެއްވަތެވެ. اللَّهއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

އަދި ﷲ ޙައްޤު ބަސްފުޅު ވަޙީކުރައްވައެވެ. އަދި އެކަލާނގެ ސީދާވެގެންވާ މަގަށް މަގުދައްކަވައެވެ. 

(މި މަގާލު ލިޔުއްވީ: ޑރ. އިބްރާހީމް އަޙްމަދު މުހަންނާ،  ތަރުޖަމާކުރެއްވީ: ޑރ. މޫސާ އަންވަރު ޙަސަން) 

 

ލަފުޒެއްގެ މާނަ:

ފަންނިއްޔާތު    ނ.    ސައެންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި ޢިލްމު  technology

ކޮމެންޓު