ad_banner
ހުރުމުޒު ކޮއްލަވާނީން އުޅަނދުފަހަރު ދަތުރުކުރަނީ އީރާނަށް ފީދައްކައިގެންތަ؟

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

7 އޮކްޓޯބަރު 2026

ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީން މެދުއިރުމަތީން ތެޔޮ އެކްސްޕޯޓްކުރި މިންވަރަށް ވުރެ، މިހާރު ވަނީ އަލުން އިތުރުވާން ފަށައިފައިކަމަށް ދުނިޔޭގެ ބައެއް މީޑީއާތަކުން އެބަ ބުނެއެވެ. ހުރުމުޒު ކޮއްލަވާނި ބަންދުކޮށް އުޅަނދުފަހަރަށް ހަމަލާދިނުމަށް ތެހެރާނުން ކުރި މަސައްކަތްތަކާ އެކުގައި ވެސް މެއެވެ.

ކަނޑު އުޅަނދުފަހަރުގެ ޙަރަކާތްތައް މުރާގިބުކުރާ ކުންފުންޏެއް (މެރިން ޓްރެކިންގ ފާމެއް)ކަމަށްވާ ކެޕްލަރގެ ވަގުތީ މައުލޫމާތަށް ބަލާ އިރު، ސެޕްޓެންބަރު މަހުގެ ފަހު ހަފުތާގެ ހަތަރު ދުވަހެއްގައި މި ސަރަހައްދުން ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) ބޭރުކުރި މިންވަރު ވަނީ ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ އިތުރުވެ، ދުވާލަކު 19.5މިލިއަނާއި 22.5 މިލިއަން ފީފާއާ ދެމެދުގެ އަދަދަކަށް އަރައިފައެވެ. ހަނގުރާމައިގެ ކުރީން އެކްސްޕޯޓްކުރާ ތެލުގެ އެވްރެޖް މިންވަރަކީ ދުވާލަކު 18 މިލިއަން ފީފާއެވެ. 

އެ ސަރަހައްދުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު މިހައި ބޮޑަށް އިތުރުވެފައިވަނީ، ހުރުމުޒު ކަނޑުއޮޅީން ތެޔޮ އުފުލާ އުޅަނދުފަހަރަށް އެމެރިކާގެ އަސްކަރީ އުޅަނދުފަހަރުން ހިމާޔަތްދީގެން ނެރެދިނުމާއި، އީރާނުގެ މިސައިލާއި ޑުރޯނު ހަމަލާތަކުގެ ނުރައްކާ ކުޑަކުރުމަށް ޓަކައި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުން އިތުރުވެފައިވުމުންކަމަށް ބައެއް ފަރާތްތަކުން މަޢުލޫމާތުދެއެވެ. އަނެއްކޮޅުން، ތެލުގެ އަގު މަތީގައި ހުރި ސަބަބެއްކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނަނީ، އީރާނުން ދީފާނެ ހަމަލާއަކަށް ބިރުން އިންޝުއަރެންސް އަގުތައް އަދިވެސް މަތީގައި ހުރުމާއި، އަލުން ނުރައްކާތެރި ހަނގުރާމައަކަށް ހިނގައިދާނެކަމުގެ ފުރުސަތު އޮތްކަމަށް ތެލުގެ ބާޒާރުން އަންދާޒާކުރަމުންދާތީކަމަށެވެ.

ނަމަވެސް، ކެޕްލަރގެ އިސް މުޙައްލިލުން ނިމުނު ހަފުތާގައި ވަނީ، މަތީ އަގުތަކެއްގައި ތެޔޮ އެކުސްޕޯޓުކުރާ މިންވަރު އިތުރުވަމުންދާ ސަބަބާ މެދު ތަފާތު ރައުޔެއް ނެރެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އަރަބި ގަލްފުގެ ގައުމުތަކުން އީރާނަށް ފައިސާ ދައްކައިގެން އެ މީހުންގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ހޯދަނީކަމަށް ވެދާނެއެވެ. މިއީ ތެލުގެ ރައުސްމާލުގެ ބޮޑު ބައެއް ތެހެރާނަށް ލިބޭނެކަމެކެވެ.

ހަނގުރާމައިގެ ކުރީން، ދުނިޔޭގެ ތެލާއި ގުދުރަތީ ގޭސް އެކްސްޕޯޓުގެ ފަސްބައިކުޅަ އެއްބައި ދަތުރުކޮށްފައިވަނީ ހުރުމުޒު ކަނޑުއޮޅި މެދުވެރިކޮށެވެ.

މި ތަފުސީލަކީ ގަބޫލުކުރެވިދާނެ މައުލޫމާތެއްހެއްޔެވެ؟ އަދި މީގެ ސަބަބުން ހަނގުރާމައަށާއި ތެލުގެ އަގުތަކަށް ކުރާނީ ކޮން އަސަރެއްހެއްޔެވެ؟

ކެޕްލަރގެ މުޙައްލިލު ވިދާޅުވަނީ ކީކޭ؟

ކެޕްލަރގެ ހެޑް އޮފު ޕޮލިސީ އެންޑް ޖިއޯޕޮލިޓިކަލް ރިސްކް، މިޝެލް ބްރޯހާޑް އެންމެ ފަހުން ވިދާޅުވީ، ބައެއް ގައުމުތަކުން ހުރުމުޒު ކަނޑުއޮޅީން ދަތުރުކުރުމުގެ ހުއްދަ ހޯދާން އީރާނަށް ފައިސާ ދައްކަމުންދާކަމަށް ވެދާނެކަމަށެވެ.

[އަޅުގަނޑަށް ޝައްކުކުރެވެނީ މި އުޅަނދުފަހަރަށް ރައްކާތެރިކަމާ އެކު ދަތުރުކުރެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ.] ހަކަތައާ ބެހޭ ތަހުލީލުކުރާ މުޙައްލިލެއްކަމަށްވާ ރޯރީ ޖޯންސްޓަނަށް ނިމުނު ހަފުތާގައި ދެއްވި ބަސްދީގަތުމެއްގައި މިޝެލް ބްރޯހާޑް ވިދާޅުވިއެވެ.

"އަދިވެސް އަޅުގަނޑަށް ޝައްކުކުރެވެނީ، އެމެރިކާއިން [އުޅަނދުފަހަރަށް] ހިމާޔަތްދީގެން ދަތުރުކުރުމަކީ ވެސް، އަދި އީރާނަށް އެ މީހުންގެ މުދަލުގެ 10 އިންސައްތަ ނުވަތަ 20 އިންސައްތަ ފައިސާގެ ގޮތުގައި ދެއްކުމަކީ ވެސް ދެމެހެއްޓޭނެ ކަމެއް ނޫންކަން މި ގައުމުތަކަށް އެނގޭނެކަމަށެވެ.] އޭނާ އިތުރަށް ވިދާޅުވިއެވެ.

[އެހެންކަމުން އަލުން ހަނގުރާމަ ފެށުމުގެ ކުރީން، ވީހައި ވެސް އަވަހަކަށް އަދި ވީހައި ވެސް ގިނައިން ތެޔޮ ބޭރުކުރުމަށް ޓަކައި ވާދަވެރި ރޭހެއް ފެށިގެން އުޅޭ ތަން ތިޔަބޭފުޅުންނަށް މިހާރު ފެނިވަޑައިގަންނަވާނެއެވެ.]

މި ވާހަކައަކީ މިނިވަން މީޑިއާއަކުން ނުވަތަ މުއައްސަސާއަކުން ކަށަވަރުކޮށްދީފައިވާ ވާހަކައެއް ނޫނެވެ. އަދި ބްރޯހާޑް ވެސް މި ވާހަކަ ހުށަހެޅުއްވީ ހެކީގެ މައްޗަށް ބިނާވެފައިވާ ހޯދުމެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އެއީ އޭނާގެ އަމިއްލަ ލަފާކުރުމެއްގެ މައްޗަށް ބިނާކޮށެވެ.

އެހެންނަމަވެސް، މާޗް މަހުގެ ކުރީކޮޅުވެސް ކަނޑުދަތުރުފަތުރާ ބެހޭ މަޖައްލާއެއް ކަމަށްވާ [ލޮއިޑްސް ލިސްޓު]ން ވަނީ، ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރު ކޮންޓުރޯލުކުރުމަށް ޓަކައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން "ޓޯ ބޫތު" (ފީ ނަގާ) ނިޒާމެއް ގާއިމުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ހަނގުރާމައިގެ ތެރޭގައި ތަކުރާރުކޮށް ބުނެފައިވަނީ، ވޮޝިންގޓަނާ އެކު ވެވޭ އެއްވެސް އެއްބަސްވުމެއްގެ ދަށުން އީރާނަށް ޓޯ (ފީ) ނެގުމުގެ ހުއްދައެއްނުދެވޭނެކަމަށެވެ.

ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ އަގުތައް ވަރަށް ބޮޑަށް އުފުލި، މުޅި ދުނިޔޭގެ ދަނޑުވެރިކަމުގެ ދާއިރާތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައެވެ.

ހުރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރުގެ ހާލަތަކީ ކޮބައިހެއްޔެވެ؟

މެރިން ޓްރެކަރުން ރިޕޯޓްކުރާ ގޮތުގައި، މެދުއިރުމަތިން ތެޔޮ ބޭރުކުރެވޭ މިންވަރު ދަނީ އިތުރުވަމުންނެވެ.

ސެޕްޓެންބަރު މަހުގެ ފަހު ހަފުތާގައި، ހަތް ދުވަހުގެ އެވްރެޖް ވަނީ، ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރީން ރެކޯޑްކުރެވުނު ދުވާލަކު 18 މިލިއަން ފީފާއަށްވުރެ، މަތިވެފައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން މި އަދަދަށް ތެޔޮ އެކްސްޕޯޓްކުރެވުނު ފުރަތަމަ ފަހަރެވެ.

ކެޕްލަރއިން ބުނި ގޮތުގައި، އީރާން ނުހިމެނޭހެން ސާފުނުކުރާ ތެޔޮ (ކްރޫޑް އޮއިލް) އެކްސްޕޯޓްކުރި މިންވަރު ވެސް ވަނީ ސެޕްޓެމްބަރު މަހުގެ އެވްރެޖެއްގެ ގޮތުގައި މަދުވެގެން ދުވާލަކު 16.5 މިލިއަން ފީފާއަށް އަލުން އިތުރުވެފައެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައިވެސް ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އިތުރުވުމުގެ މި މިސްރާބު ވަނީ ކުރިއަށް ގޮސްފައެވެ. އިރާގުގެ ދައުލަތުގެ ހިއްސާވާ އޮއިލް ޓޭންކަރ ކޮމްޕެނީއިން ހޮނިހިރު ދުވަހު އިއުލާނުކުރި ގޮތުގައި، އެ ކުންފުނީގެ ވަރަށް ބޮޑު ތެޔޮ އުފުލާ އުޅަނދެއް (ވީއެލްސީސީ) މެދުވެރިކޮށް ހުރުމުޒު ކޮއްލަވާނީން ދެ މިލިއަން ފީފާގެ ސާފުނުކުރާ ތެޔޮ ވަނީ އުފުލައިފައެވެ. އެ ކުންފުނީގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވި ގޮތުގައި މިއީ ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެ ކުންފުނީން ހިންގި މި ފަދަ ފުރަތަމަ ޙަރަކާތެވެ.

ކެޕްލަރއިން ބުނާ ގޮތުގައި، [މިހާރު 40 އިންސައްތަ ތެޔޮ ދަތުރުކުރަނީ ހުރުމުޒު ކަނޑުއޮޅި ނުހިމެނޭ ގޮތަށް (ބައިޕާސްކޮށް) އެހެން މަގުތަކުންނެވެ. އަދި ކަނޑުއޮޅި ހުރަސްކުރާ ގިނަ ތެޔޮ، ކަނޑުގެ ބޭރުން އެހެން ޓޭންކަރުތަކަށް ބަދަލުކުރެވެއެވެ.] މީގެ ބޮޑު ބައެއް ދަތުރުކުރަނީ ސައޫދީ އަރަބިއްޔާ އާއި އެކުވެރި އަރަބި އިމާރާތުގެ (ޔޫއޭއީ)ގެ ތެޔޮހޮޅިތައް މެދުވެރިކޮށެވެ.

އަދި އެކްސްޕޯޓްކުރި އަދަދުތަކުގެ ތެރޭގައި ރަތްކަނޑު މެދުވެރިކޮށް އުފުލި ތެޔޮ ވެސް ހިމެނެއެވެ. މިއީ ހުރުމުޒު ކޮއްލަވާނީގެ ބަދަލުގައި ބޭނުންކުރާ ވަރަށް މުހިންމު އިތުރު މަގަކަށް މިހާރު ވަނީ ވެފައެވެ.

މީގެ އިތުރަށް، ކެޕްލަރގެ މައުލޫމާތުތަކުގައި، އެ މީހުންގެ އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (އޭއައިއެސް) ޓްރާންސްޕޮންޑަރުތައް ނިއްވައިލައިގެން މި މުހިންމު ކަނޑުއޮޅި ހުރަސްކޮށްފައިވާ އުޅަނދުފަހަރެއް ނުހިމެނެއެވެ.

ނަމަވެސް، މި ކަނޑުގެ ކޮންޓުރޯލު އީރާނަށް ގެއްލިފައިވާކަމަށް ދެކެވޭ ވާހަކަތައް އީރާނުން ދޮގުކުރެއެވެ.

އައިއާރްޖީސީގެ ސީނިއަރ ކޮމާންޑަރ އަލީ ފަދަވީ އާދީއްތަ ދުވަހު ވިދާޅުވީ، އެމެރިކާގެ ބެލުމުގެ ދަށުން ދަތުރުކުރާ މަގުން ދުވާލަކު ދަތުރުކުރަނީ އެންމެ ތިން މިލިއަނާއި ހަތަރު މިލިއަން ފީފާއާ ދެމެދުގެ ތެޔޮ ކަމަށެވެ. އަދި ހަނގުރާމައިގެ ކުރީގެ ދަތުރުފަތުރާ އަޅައި ބަލާއިރު އެއީ "އާދައިގެ" ވަރަށް މަދު އަދަދެއްކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ ހަތް މަސްދުވަހު ކުރީން ފެށި މި ހަނގުރާމަ ފެށުމުގެ ކުރީން، މި ކަނޑުއޮޅީން ދުވާލަކު އާންމުކޮށް 125 ވަރަކަށް ބޮޑެތި ވިޔަފާރި އުޅަނދު ދަތުރުކުރެއެވެ. މީގެ ތެރޭގައި ތެޔޮ އުފުލާ ޓޭންކަރުތަކާއި، ގޭސް އުފުލާ އުޅަނދުފަހަރާއި، ގަނޑުކޮށް މުދާ އުފުލާ އާގުބޯޓުފަހަރުގެ އިތުރަށް ކޮންޓޭނަރު އުފުލާ ބޯޓުފަހަރު ހިމެނެއެވެ.

މިހާރު ތެލުގެ އަގުތައް ހުރީ ކޮން ހިސާބެއްގައި؟

މެދުއިރުމަތިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އަލުން ރަނގަޅުވާން ފެށުމާ އެކު ތެލުގެ އަގުތައް ވަނީ ހިސާބަކަށް ދަށަށްދާން ފަށައިފައެވެ. ނިމުނު ހަފުތާގައި، ޖީ7ގެ ގައުމުތަކުން ވެސް ވަނީ ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް ޓަކައި ރައްކާކޮށްފައިވާ ތެލުގެ ރިޒާވުން 100 މިލިއަން ފީފާގެ ތެޔޮ ބާޒާރަށް ނެރޭން ނިންމައިފައިވާކަން އިއުލާނުކޮށްފައެވެ.

ނަމަވެސް ސާފުނުކުރާ ތެލުގެ އަގުތައް އަދިވެސް ހުރީ ހަނގުރާމައިގެ ކުރީގެ މިންވަރަށް ވުރެ ނިސްބަތުން މަތީގައެވެ. ހޯމަ ދުވަހު ފީފާއެއްގެ އަގު ހުރީ 0.71 އިންސައްތައިގެ ދަށްވުމަކާ އެކު ގާތްގަނޑަކަށް 101.59 އެމެރިކާ ޑޮލަރަށެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއޭޓްގެ އަގު ވަނީ 1.2 އިންސައްތަ ދަށްވެ، ގާތްގަނޑަކަށް 90.05 ޑޮލަރަށް ވެއްޓިފައެވެ.

[މި ސަރަހައްދުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އަލުން އިތުރުވަމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ބޮޑަށް ބަރޯސާވާނީ ހަކަތަ ފޯރުކޮށްދިނުމުގެ ރައްކާތެރިކަމުގެ މައްޗަށް]ކަމަށް ވެލްތު ކްލަބްގެ ޗީފު އިންވެސްޓްމަންޓް ސްޓްރެޓެޖިސްޓް ސުޒާނާ ސްޓްރީޓަރ، [މަސްރަހު އަދިވެސް އޮތީ ނުވަތަނަވަސްކޮށް]ކަން ފާހަގަކުރައްވަމުން ވިދާޅުވިއެވެ.

[ހުރުމުޒު ކޮއްލަވާނި އަދިވެސް އޮތީ ނުރައްކާތެރި ހާލަތެއްގައެވެ. އާދީއްތަ ދުވަހު އެހެން ޓޭންކަރަކަށް ދިން ހަމަލާއާ އެކު، ތެޔޮ ފޯރުކޮށްދިނުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ. ޚާއްޞަކޮށް، މި މުހިންމު ކަނޑުއޮޅީން އުޅަނދުފަހަރު ފޮނުވުމުގެ ނުރައްކަލާ ކުރިމަތިލާން ބޯޓުފަހަރު ދުއްވާ ކުންފުނިތަކުން ފަސްޖެހޭ މިންވަރު އިތުރުވަމުންދާ ނަމަ މި ކަން އިތުރަށް ނުރައްކާވާނެއެވެ.]

އާދީއްތަ ދުވަހު ހުރުމުޒު ކޮއްލަވާނި ހުރަސްކުރި ތެޔޮ ޓޭންކަރަކަށް، އަނބުރައި ދިއުމަށް ނުވަތަ ހަމަލާއެއްގެ ނުރައްކަލާ ކުރިމަތިލުމަށް އައިއާރްޖީސީން އެންގިކަމަށް ކަނޑުދަތުރުފަތުރުގެ ހަރަކާތްތައް ބަލަހައްޓާ ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) ގްރޫޕުން ބުނެފައި ވެއެވެ.

ކެޕްލަރގެ މުޙައްލިލުގެ ރައުޔަށް ބާރުލިބޭހެއްޔެވެ؟

ޢިލްމީ ދިރާސާކުރައްވާ ބޭފުޅެއްކަމަށްވާ ޢަބްދުލްޚާލިޤް ވިދާޅުވި ގޮތުގައި، ދަތުރުކުރުމުގެ ފީއެއްނެގުމުގެ އިންތިޒާމެއް ގާއިމުކޮށްފައިވާކަމަށް ކެޕްލަރގެ މުޙައްލިލު ބްރޯހާޑްކުރެއްވި ލަފާކުރެއްވުމަކީ 'ގަބޫލުކުރެވިދާނެ'ކަމަކަށް ވީނަމަވެސް، މިއީ [ރަސްމީ ކަނޑުގެ ފީއަކަށް ވުރެ ބޮޑަށް ނުރަސްމީ ސަލާމަތީ އިންތިޒާމެއްގެ]ގޮތުގައި ސިފަކުރުން މާ ރަނގަޅުވާނެއެވެ.

[އީރާނުން ޚާއްސަ އިންތިޒާމެއްގެ ދަށުން، ދައުލަތުން ހިންގާ ފީ ނަގާ ނިޒާމެއް އޮތްކަން ކަށަވަރުކޮށްދޭ ސާފު ހެކިތަކެއް ނެތެވެ.] ލިވަޕޫލް ޖޯން މޫރެސް ޔުނިވަރސިޓީ މެރިޓައިމް ސެންޓަރުގެ ވެރިޔާ ޚާލިޤް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ  (UNCLOS) އިން ބައިނަލްއަގުވާމީ ކަނޑުއޮޅިތަކުން ދަތުރުކުރުމުގެ ހައްގު ރައްކާތެރިކޮށްދޭތީ، [ރަސްމީކޮށް ފީ ނެގުމަކީ ގާނޫނީ ގޮތުން ސުވާލުއުފެދޭ ކަމެކެވެ.]

އައިޖީ ގްރޫޕްގެ ޗީފު މާކެޓް އެނަލިސްޓް ކްރިސް ބީޗަމް އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބްރޯހާޑް ލަފާކުރެއްވި ހާލަތަކީ ވަކި ނަޒަރަކުން ބަލާ އިރު ވަރަށް އެކަށީގެންވާ ކަމެއްކަމަށެވެ.

[އެމެރިކާއިން އުޅަނދުފަހަރަށް ހިމާޔަތްދިނުމުން ބޭރުވެ، އީރާނުން ސިއްރުން ފީ ނެގުމާ ހަމައަށް، މެދުއިރުމަތީގައި ހުރިހައި ކަމެއްވެސް ހިނގަމުންދަނީ ވަރަށް ސިއްރިއްޔާތުގައި ކަހަލަ ގޮތަކަށެވެ. އޭނާ އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ސެޕްޓެންބަރު މަހު، އެމެރިކާ ސަރުކާރުން ވަނީ ބިޓް ބޭންކް ނަމަކަށް މާލީ ޑިޖިޓަލް އެސެޓްސް ކުންފުންޏަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އެމެރިކާއިން ބުނި ގޮތުގައި އެ ކުންފުންޏަކީ ކަނޑުއޮޅީން އުޅަނދުފަހަރު ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ހުއްދައަށް ފީ ނެގުމަށް ޓަކައި އީރާނު ސަރުކާރުން އުފައްދައިފައިވާ [ހުރުމުޒު ސޭފު މެރިން ސަރވިސަސް އޮތޯރިޓީ]އިން ތެހެރާނަށް ފައިސާ ފޮނުވުމަށް ބޭނުންކުރި ކުންފުންޏެކެވެ.

ނަމަވެސް ބީޗަމް ވިދާޅުވި ގޮތުގައި، ތެޔޮ އެކްސްޕޯޓްކުރުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ އޭނާ ސިފަކުރެއްވި ގޮތުގައި [ދަތުރުފަތުރުގެ މައްސަލަ]އެވެ.

[ގަލްފުގައި ބޭނުންކުރާ ޝަޓްލް ނިޒާމުގެ ސަބަބުން ތެޔޮ ބޭރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދެއެވެ. ނަމަވެސް އެ ކަމަށް ގިނަ އަދަދެއްގެ ބޯޓުފަހަރު ބޭނުންވެއެވެ. އަދި މީގެ ސަބަބުން ދަތުރުފަތުރުގެ އަގުތައް މަތިވެ، މި ސަރަހައްދުން ބޭރަށް ތެޔޮ ފޯރުކޮށްދޭ މިންވަރު ވަނީ ދަށްވެފައެވެ.] އޭނާ އިތުރަށް ވިދާޅުވިއެވެ.

ބީޗަމް ވިދާޅުވި ގޮތުގައި، އޭޝިއާއިން ތެޔޮ ގަންނަ ފަރާތްތަކަށް ވެސް މިހާރު މާ ދުރު ހިސާބުތަކުން ސާފުނުކުރާތެޔޮ ހޯދާންޖެހިފައިވާތީ [ދަތުރަށް ހޭދަވާ ވަގުތު ވަނީ އިތުރުވެފައެވެ.]

[ކުރީން މިއީ ތެޔޮ ފޯރުކޮށްދިނުމުގެ ވާހަކައެކެވެ. ނަމަވެސް މިހާރު މިއީ ދަތުރުފަތުރުގެ އަސާސީ ނިޒާމުގެ ވާހަކައެކެވެ. މިއީ މާ ޝައުގުވެރި ވާހަކައަކަށް ނުވިނަމަވެސް، މިއީ މާ މުހިންމު އަދި ހައްލުކުރަން މާ އުނދަގޫ މައްސަލައެކެވެ.] އޭނާ ވިދާޅުވިއެވެ. [ބޯޓުފަހަރަކީ ރޭވެ އަލިވާ އިރަށް ބަނދެވޭނެ އެއްޗެއް ނޫނެވެ.]

ކޮމެންޓު