Advertisement

ތަޢުލީމީ ޚިދުމަތްތެރީން ބޭކާރުކުރުމުގެ ސިޔާސަތު ބަދަލުކުރުން މުހިންމު

25 Jan 2024 | 12:40
.

ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް

މިހާރަކަށް އައިސް ސަރުކާރުގެ ނޭދެވޭ އެއް ސިޔާސަތަކީ ދައުރު ބަދަލުވުމުން ސިޔާސީ މަގާމުތަކުގައި ތިބޭ ތަޢުލީމީ ޚިދުމަތްތެރީން މުޖުތަމައުން އެކެހެރިކޮށްފައި ބެއިތިއްބުމާއި އަދި އެ ބޭފުޅުންގެ ތައުލީމީ ގާބިލުކަމާއި ތަޖުރިބާއިން މުޖުތަމައަށް އެއްވެސް ބޭނުމެއް ނުހިފޭގޮތަށް މަގުބަންދުކޮށްލުމެވެ. އަދި އެ ފަދަ މަގާމަކަށް ވައްދާނެ އެކަށީގެންވާ ތައުލީމީ މީހަކު ނުލިބިއްޖެ ނަމަ މާރުކޭޓު ސަރަހައްދުން މީހަކު ގެނެސް ވައްދާން ޖެހުނުކަމުގައި ވިޔަސް އެއިން މީހަކަށް ފުރުސަތު ނުދިނުމެވެ. މިއީ މުޖުތަމައަށް ހުރި ނުރައްކާތެރި މައްސަލައެކެވެ. ސަބަބަކީ   މުސްލިމުން ނިކަމެތިމުމަށް މެދުވެރިވި ބައެއް ސަބަބުތަކުގައި ވެސް ހިމެނެނީ މިފަދަ ނޭއްގާނި ސިޔާސަތުތަކެވެ. އޭގެ ތެރޭގައި، ކަމަށް އެކަށީގެންވާ މީހުން މުޖުތަމައުން އެކަހެރިކުރުމާއި ބަދަލުގައި، ތަންތަނަށް އެކަށީގެންނުވާ މީހުން ވެއްދުމާއި ދީނާއި ސިޔާސަތު ވަކިކުރުމާއި ވެރީންގެ މެދުގައި ޖާހިލީ ދެބަސްވުންތައް ގިނަވުމާއި ވެރީންގެ ކިބައިން ހަޑިހުތުރު ސިޔާސަތު ތަމުސީލުވުމާއި ޢިލްމުވެރީންނަށް ފުރަގަސްދިނުމާއި އެބޭފުޅުން ނިކަމެތިކުރުން ހިމެނެއެވެ.

ކަމުގެ ހަގީގަތް ހާމަކޮށްދިނުމުގެ ގޮތުން މި ވަގުތު ހިނގާ ކަމެއްގެ މިސާލެއް ވެސް ދަންނަވައިލާނަމެވެ. ހިތްބުރަނުކުރައްވާށެވެ! މިއީ އިސްލާހަށް ޓަކައި ދަންނަވައިލާ ތެދު ހަގީގަތެވެ. ދާދި ފަހުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީގެ ސިޔާސީ ބައެއް މަގާމުތަކަށް ސަރުކާރުން ބަދަލުގެންނެވިއެވެ. އެއީ މައްސަލައެއްނޫނެވެ. ނަމަވެސް ކަންބޮޑުވާ މައްސަލައަކީ އޭގެ ނަތީޖައެއްގެ ގޮތުން އެ މަގާމުތަކުގައި ކުރީގައި ތިއްބެވި ތަޢުލީމީ ޚިދުމަތްތެރީން ބޭކާރުކުރުމުގެ ސިޔާސަތު ގެންގުޅުއްވާތީއެވެ. ޔަގީނުން ވެސް އެ ގޮތަށް ބޭކާރުކުރެވުނު ތަޢުލީމީ ޚިދުމަތްތެރިންގެ ކިބައިގައި އެ ދައިރާއަަށް ޚިދުމަތްކޮށްދެވޭނެ ކޮންމެވެސް ތަޢުލީމީ ގާބިލުކަމެއް ހުންނާނެކަމާ މެދަކު އެއްވެސް އޮޅުމެއްނެތެވެ. އަދި އެ ބޭފުޅުންނަކީ އެތައް ޒަމާނެއްވަންދެން އެ ދައިރާއަށް ޚިދުމަތްކުރައްވައިފައިވާ ޚިދުމަތްތެރީން ވެސް މެއެވެ. އަދި އެ ބޭފުޅުންގެ ތައުލިމީ އަދި އިޖުތިމާއީ ޚިދުމަތްތަކަށް ބައްލަވައިލެއްވިއަސް އެ ދާއިރާއަށް އެ ބޭފުޅުން އެކަށީގެންވާކަމާ މެދު ދެބަސްވާނެ ހަމަ އެކަކު ވެސް ނުހުންނާނެއެވެ. ސިޔާސީ މަގާމެއްގައި ބަހަށްޓާން ބޭނުންނުވާ ނަމަ ފެކަލްޓީއެއްގެ ޑީނެއްގެ މަގާމު ނުވަތަ އެވަރު ވެސް ބޮޑުކަމުގައި ދެކޭ ނަމަ ޕުރޮފިސަރެއްގެ މަގާމު ނުވަތަ އެވަރުވެސް ބޮޑުކަމުގައިދެކޭ ނަމަ ލެކުޗަރާރެއްގެ މަގާމުގައި ބަހަށްޓައިގެން ވެސް އެ ބޭފުޅުން ބޭކާރުނުކޮށް އެ ބޭފުޅުންގެ ޚިދުމަތް މުޖުތަމައަށް ހޯދާދެވިދާނެ ނޫންތޯއެވެ؟!

އާދޭހެވެ! ވޭތުވެދިޔަ ޔާމީނުގެ ސަރުކާރާއި އަދި އެމް.ޑީ.ޕީ. ސަރުކާރުގައި ތަޢުލީމީ ޚިދުމަތްތެރީން ބޭކާރުނުކުރައްވައި އެ ބޭފުޅުންގެ ޚިދުމަތް ހޯއްވަފައިވާކަން ފާހަގަކުރެވެއެވެ. އެ ކަމަށް ޓަކައި އެ ދެ ސަރުކާރަށް ވެސް ޝުކުރު ހައްގުވެއެވެ. ކުރީގެ ދެ ސަރުކަރާ ޚިލާފަށް މި ފަހަރުގެ ސަރުކާރު އައުމުން ވަރަށް ގިނަ މީހުން ތިބީ ސަލަފީ މިޒާޖުގެ ސަރުކާރެއްކަމަށް ބަލައިގެން ކުރީގެ ދެ ސަރުކާރަށްވުރެ ރަނގަޅުވާނެކަމަށް އުއްމީދުކޮށްގެންނެވެ. ނަމަވެސް ކަން ހިގަމުން މި އަންނަނީ މީހުން ހީކުރި ގޮތަކަށް ނޫނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި ވޭތުވެދިޔަ ސަރުކާރުގެ ވަޒީރެއްގެ މަގާމު ވެސް އަދާކޮށްފައިވާ އަދި ދީނީ ރޮގުން ފުންނާބު އުސް، އަދި ޕީ.އެޗު.ޑީ. އެއްވެސް އޮތް ބޭކަލެއްގެ ޝައުގުވެރިކަން އިސްލާމިކު ޔުނިވަރިސިޓީއަށް ޚިދުމަތްކުރުމަށް އޮތެވެ. ނަމަވެސް ދިމާވި ޓެކުނިކަލް މައްސަލައަކާ ހުރެ އިންޓަވިއުއަށް ޝޯޓުލިސްޓު ވެސް ނުކުރެވި ހިނގައްޖެކަމަށް މައުލޫމާތު ލިބުނެވެ. ހަގީގަތަކީ ގިނަ ކަންކަމުގައި އިންޓަވިއުކުރުމާއި ޝޯޓުލިސްޓުކުރުމުގައި އާންމުކޮށް އިސްކުރަނީ ތެދުވެރިކަމާއި ތަގުވާވެރިކަމަށް ވުރެ ބޮޑަށް އެ ތަނެއްގައި ތިބޭ ބަޔެއްގެ މިޒާޖަށްކަން ފާހަގަކުރެވެއެވެ. ހަމަ މި ފަދައިން މި ސަރުކާރު ގެންނާން އިންތިހާއަށް މަސައްކަތްކުރެއްވި ނުހަނު ތަޢުލީމީ ޤާބިލު، ތަޖުރިބާކާރު އަދި މުޅި ޙަޔާތުގައި ވެސް ސުލޫކީ އަޚުލާޤީ އެއްވެސް މައްސަލައެއް ރެކޯޑުކުރެވިފައިނުވާ ނުހަނު އިޚުލާޞްތެރި މުވާޠިނުންތައްކެއް ވެސް ވަކި ޕާޓީއެއްގެ ރަޖިސްޓަރީގައި ނެތީމާ ބާކީކުރެވިފައި އެބަ ތިއްބެވިއެވެ. މިއީ ޤައުމީ ނަޒަރަކުން ބަލާ ނަމަ، ހިތާމަހުރި ކަންކަމެވެ.

ތަޢުލީމީ ޚިދުމަތްތެރީން ބޭކާރުކުރުމުގެ ސިޔާސަތު ބަދަލުކުން މުހިންމުވާތީއާއި އަދި މިވަގުތުގެ ހާލަތަށް ބަލާއިރު ނޭދެވޭ ބައެއް މިޒާޖުތައް މި ކަމުގެ އަޑީގައިވާކަން ގަބޫލުކުރެވޭތީ، އަޅުގަނޑަށް ފެންނަ ޙައްލެއް ދަންނަވައިލާނަމެވެ. އެއީ:-

(1) ޔުނިވަރުސިޓީގެ ގާނޫނަށް ގެންނަ އިސްލާހެއްގެގޮތުގައި "ޔުނިވަރުސިޓީގެ ސިޔާސީ މަގާމުތައް ބަދަލުކުރަންޖެހިއްޖެ ނަމަ އެ މީހުންނަށް ޔުނިވަރުސިޓީގެ އެހެނިހެން މަގާމުތަކަށް ފުރުސަތު ދިނުމަށް ހަމަޖެއްސުން."

(2) ޔުނިވަރުސިޓީގެ ގާނޫނަށް ގެންނަ އިސްލާހެއްގެގޮތުގައި "ޔުނިވަރުސިޓީގެ ވަޒީފާތަކަށް ކުރެވޭ އިންޓަވިއުތައް އެޕްލިކޭޝަނެއް މެދުވެރިކޮށް ވަގުތުން ފެންނަ ޕޯޓަލަކުން ނެގުމަށް ހަމަޖެއްސުން."

މި ގޮތަށް ޢަމަލުކުރެވިއްޖެ ނަމަ، މަގާމުތަކަށް އެކަށީގެންވާ މީހުން ނެގުމަށް މަގު ފަހިވާނެއެވެ. އަދި އެ މުއައްސަސާއަކަށް ތުހުމަތުކުރުމުގެ  ކުރުމުގެ ފުރުޞަތު ކުޑަވާނެއެވެ. ކޮންމެ ކަމެއް ކޮށްގެން ނަމަވެސް ތަޢުލީމީ ޚިދުމަތްތެރީން ބޭކާރުކުރުމުގެ ސިޔާސަތު ބަދަލުވާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަކީ ޤައުމީ ނަޒަރަކުން ބަލާ އިރު، ވަރަށް މުހިންމު ކަމެއްކަމުގައި ދަންނަވައިލާން ޖެހެއެވެ.

އެޑިޓަރުގެ ނޯޓް
ޑރ. ޢަބްދުﷲ ފާރޫޤު އިބްރާހީމް

Advertisement

ކޮމެންޓް