ad_banner
ފަތިސްވުމުން ރޭގަނޑުގެ ދަތުރަށް މީހުން ތާރީފުކުރާނެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17 ޖުލައި 2026

ރޯމަނުންގެ ބިޔަ ލަޝްކަރު ޔަރުމޫކަށް އައިސް މުސްލިމުންގެ ފައުޖުތައް ވަށައިލުމުން މާތް ﷲ ރުއްސުންލެއްވި ޞަޙާބީން މުސްލިމުންގެ ޚަލީފާ އަބޫބަކުރުއްޞިއްދީޤުގެ އަރިހުން އަވަސް މަދަދަށް އެދިވަޑައިގަތެވެ. ޢިރާޤުގައި އެ ވަގުތު އޮތް އިސްލާމީ ލަޝްކަރުގެ ވެރިޔާ ޚާލިދު ބުނުލްވަލީދަށް އަވަހަށް ޔަރުމޫކަށް (އުރުދުނަށް) ވަޑައިގަތުމަށް އަބޫބަކުރުގެފާނު އެންގެވިއެވެ. ޢިރާޤުގައި އޮތް އިސްލާމީ ލަޝްކަރުގެ ވެރިކަން އަލްމުޘަންނާ ބުނު ޙާރިޘަތުގެފާނާ ޙަވާލުކުރައްވައިފައި ޚަލީފާގެ އަމުރުފުޅަށް ޚާލިދުގެފާނު ޔަރުމޫކަށް ވަޑައިގަތުމުގެ ދަތުރުފުޅު ފެށްޓެވީ އެންމެ 9500 ސިފައިންގެ ފައުޖަކާއިގެންނެވެ. ޚާލިދުގެފާނު އަވަހަށް ވަޑައިގެންނެވުމަށް ޓަކައި ލަޝްކަރައިގެން ދަތުރުކުރެއްވީ އެކަލޭގެފާނުގެ ކުރީން އެއްވެސް މީހަކު ދަތުރުކޮށްފައިނުވާ މަގަކުންނެވެ. ހަނަފަސް ސަހަރާތަކާއި ނުރައްކާތެރި ވާދީތަކާއި އަރައި ފައިބާން އުނދަގޫ ފަރުބަދަތައް ހުރަސްކުރާން ޖެހޭ މަގަކުންނެވެ. ޚާލިދުގެފާނު ބެއްލެވީ ޔަރުމޫކުގައި ތަފާތު އަމީރުންގެ ވެރިކަމުގެ ދަށުގައި ހަނގުރަމަކުރަމުންދާ އިސްލާމީ ފައުޖުތަކަށް އަވަހަށް މަދަދު ފޯރުކޮށްދެއްވޭތޯއެވެ.

މީސްތަކުން ޚާލިދުގެފާނަށް އިންޒާރުދިނެވެ. މަގުގެ ނުރައްކާތެރިކަމާ ހެދިއެވެ. އެ މީހުން ދެންނެވިއެވެ. ކަލޭގެފާނަށް މިވެނި ނަމެއް ކިޔާ ގަހަކާ ހަމައަށް ވަޑައިގެންނެވިއްޖެ ނަމަ ސަލާމަތްވެވަޑައިގެންނެވުނީއެވެ. އެ ގަހާ ހަމައަށް ވަޑައިނުގެންނެވިއްޖެ ނަމަ، ކަލޭގެފާނާއި ކަލޭގެފާނާ އެކުގައިވާ ބަޔަކު ހަލާކުވެގެންދާނެއެވެ. ޚާލިދުގެފާނާއި އެކަލޭގެފާނާ އެކުގައިވާ މީހުން ރޭގަނޑުގެ ދިގު ދަތުރުފުޅުތަކެއް ކުރައްވައިފައި އެ މީހުން އެ ބުނި ގަހާ ހަމައަށް ވަޑައިގެންނެވުނީ ފަތިހުއެވެ. އެ ހިނދު ޚާލިދުގެފާނު ވިދާޅުވިއެވެ. ((عِنْدَ الْصَبَاح يَحْمَدُ الْقوْمُ الْسُّرَى[1] -ފަތިސްވުމުން ރޭގަނޑުގެ ދަތުރަށް މީހުން ތާރީފުކުރާނެއެވެ.))

އާންމުކޮށް މީހުން ދަތުރުކޮށް އުޅޭ މަގުން ނަމަ ޢިރާޤުން ޝާމަށް ދެވޭނީ އެއް މަސްދުވަހުގެ ދިގު ދަތުރަކަށް ފަހުގައެވެ. އެހެނަސް ޚާލިދުގެފާނު މި ބިރުވެރި މަގު ކަޑައްތުކުރައްވައިފައި ތިން ދުވަހުގެ ތެރޭގައި ޝާމަށް ވަޑައިގަތެވެ. އެކަލޭގެފާނު ވިދާޅުވި މި ބަސްފުޅު އަރަބިބަހުގައި ވަނީ މިސާލުބަހަކަށް އަދި ހަރުބަހަކަށް ވެފައެވެ.  މި ބަސް ބުނަނީ ހިންމަތް މަތިވެރިކޮށް ގަދައަޅައި މަސައްކަތްކުރާ މީހުންނަށެވެ. ޢަޒުމު ވަރުގަދަ މީހުންނަށެވެ. ކެތްތެރިކަމާ އެކު ފަސްނުޖެހި މަސައްކަތްކުރާ މީހުންނަށެވެ. މީހުން އިސްލާޙުކުރުމަށް ޓަކައި ހުއްޓައިނުލައި މަސައްކަތްކުރާ މީހުންނަށެވެ. ޢިލްމާއި ޢަމަލު އެއްކޮށް އެހެން ހުރިހައި ކަމެއްގެ މައްޗަށް މި ދެ ކަން އިސްކުރާ މީހުންނަށެވެ. ޖާހިލުކަމާއި ކަންނެތްކަން ދޫކޮށްލައިގެން އުޅޭ މީހުންނަށެވެ.

މާތް ﷲ ރަޙުމަތްލެއްވި އިބްނުލްޤައްޔިމު ވިދާޅުވިއެވެ. [ޢިލްމާއި ޢަމަލަކީ އެއްމާބަނޑު ދޭއްޗެވެ. އެ ދޭތީގެ މަންމައަކީ ހިންމަތް މަތިވުމެވެ. ޖާހިލުކަމާއި ކަންނެތްކަމަކީ އެއްމާބަނޑު ދޭއްޗެވެ. މި ދޭތީގެ މަންމައަކީ ކަންނެތްކަން އީސާރުކުރުމެވެ.][2] އެއީ ދަމުނަމާދުކޮށް ރުކޫޢުކުރާ މީހުންނަށެވެ. އެއީ ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ﷲއަށް ތައުބާވެ ސަޖިދަކުރާ މީހުނަށެވެ. އެއީ ރޭ އަޅުކަމުގައި ކޮޅަށް ހުރުމުގެ ސަބަބުން ދެ ފައި ދުޅަވެގެންދާ މީހުންނަށެވެ. މި ބަސްފުޅުތަކުގެ ފޮނިމީރުކަން ﷲގެ ޙަޟުރަތުން ލިބޭނީ ޢަމަލުންނާއި ގަދައަޅައި މަސައްކަތްކުރުމުންނެވެ. ﷲގެ ވަޖުހުފުޅަށް ޓަކައި ނަފުސު ޤުރުބާންކޮށްގެންނެވެ. ﷲގެ މަގުގައި ހޭދަކޮށްގެންނެވެ. އަޅުކަމުގެ އޮޅިގަނޑު މަތީގައި އޮވެ ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. އުލޫހިއްޔަތުގެ މިޙުރާބު ތެރޭގައި އަޅުކަމުގައި އޮވެ ނަފުސު ބިންދައިލައިގެންނެވެ. އިންސާނުންގެ ވެރިރަސްކަލާނގެއަށް ޓަކައި ނަފުސު ވަރުބަލިކޮށްގެންނެވެ.

އަލްޤާސިމު ބުނު ރާޝިދުއްޝައިބާނީ ވިދާޅުވިއެވެ. [ޒަމްޢަތުގެފާނު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި ބޭފުޅުންނާއިގެން ރޭކުރައްވާން ވާދީއަކަށް ފައިބައިވަޑައިގަތެވެ. އެކަލޭގެފާނު މުޅި ރޭ ހޭދަކުރެއްވީ އަޅުކަމުގައެވެ. ހާރުދަންވުމުން ހަރު އަޑުފުޅުން ގޮވައިލެއްވިއެވެ. އަރާމުގައި ނިދައިފައި ތިބި މީހުންނޭވެ! ތިޔަބައިމީހުން މުޅި ރޭގަނޑު ނިދަނީހެއްޔެވެ؟ ނިދީން ހޭލައި ދަތުރަކަށް ނުފަށާނަންހެއްޔެވެ؟ އެ ހިނދު އާފުރޭ އަޑުތައް އިވޭން ފެށިއެވެ. ރޯ އަޑުތައް އިވޭން ފެށިއެވެ. އެ ހިސާބުން ދުޢާކުރާ އަޑުތައް އިވުނެވެ. އެ ތާނގައި ކިޔަވާ މީހުންނެވެ. އެތާނގައި ވުޟޫކުރާ މީހުންނެވެ. ފަތިސްވުމުން އެކަލޭގެފާނު ހަރުއަޑުފުޅުން ގޮވައިލެއްވިއެވެ. ގެ ރުއްސެވުމާއި ފުއްސެވުން ހޯދުމަށް ޓަކައި އެ މީހުންގެ ވަގުތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފި މީހުންނަށެވެ. އެ މީހުންގެ ޢުމުރުގެ ދުވަސްތައް ހެޔޮ ގޮތުގައި ބޭނުންކުރި މީހުންނަށެވެ. ޢިލްމު ހޯދުމަށް ޓަކައި ފިލާވަޅު ދަސްކުރާން ހޭލައި އުޅުނު މީހުންނަށެވެ. އަރާމު ދާންތަކާއި ސޯފާތަކާއި ބާލީސްތައް ދޫކޮށްލައިގެން ގެ ވަޖުހުފުޅަށް ޓަކައި ޠާޢަތު އަދާކުރި މީހުންނަށެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. [ކަންނެތްކަމުގެ ދާންމަތީގައި ނިދައިފައި އޮންނަ މީހާ ފަތިސްވާ އިރު އޮންނަނީ ހިތާމައިގެ ވާދީ ތެރެއަށް އެއްލައިލެވިފައެވެ.] [3]

((عِنْدَ الْصَبَاح يَحْمَدُ الْقُوْمُ الْسُّرَى))ގެ އަހުލުވެރިއަކަށް ވެވޭނީ ދުނިޔޭގެ ޤަދަރު އެނގުނު މީހާއަށެވެ. އެއީ ކުނިގަނޑެއްކަން އެނގި އާޚިރަތަށް ތައްޔާރުވި މީހާއަށެވެ. ތަޤުވާވެރީންނާއި ރަނގަޅު ޞާލިޙު މީހުން ދުނިޔޭގައި ﷲގެ ފަރުޟުތައް އަދާކުރާނެއެވެ. ސުންނަތްތަކަށް ފަރުވާ ބަހައްޓާނެއެވެ. އޭނާގެ ވެރި ރަސްކަލާނގެ ޙަޟުރަތުގައި އުސްމިންތައް ޙާސިލުކުރާން އަތުކުރި އޮޅައިލާނެއެވެ.  

ޝާމުކަރައިގެ އަޅުވެރިއެއްކަމުގައިވާ އަބޫ ކަރީމާ އަލްކަލްބި ވިދާޅުވިއެވެ. [އާދަމުގެ ދަރިއާއެވެ! މި ދުނިޔޭގައި ތިބާގެ ޢުމުރުން ބާކީ އޮތް ދުވަސްކޮޅަކީ އަގެއް ހުރި އެއްޗެއްނޫނެވެ. ފަތިސްވުމުން ރޭގަނޑުގެ ދަތުރަށް މީހުން ތާރީފުކުރާނެއެވެ. މަރުވުމުން ތަޤުވާވެރިކަމަށް މީހުން ތާރީފުކުރާނެއެވެ.] ފަތިސްވުމުން ރޭގަނޑުގެ ދަތުރަށް ތާރީފު ލިބެނީ އެ މީހުންގެ އަތްތިލަމަތީގައި ފުރާނަ ބާއްވައިގެން އުޅުނު މީހުންނަށެވެ. އެ މީހުންގެ ނަފުސު އެ މީހުންގެ ވެރި ރަސްކަލާނގެއަށް ހޭދަކުރި މީހުންނަށެވެ. ދުނިޔެ ވިއްކައިލައިފައި އާޚިރަތް ގަތް މީހުންނަށެވެ. ފަތިސްވުމުން ރޭގަނޑުގެ ދަތުރަށް ތާރީފު ލިބެނީ ﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރި މީހުންނަށެވެ. [4]

ދަތުރު ކިތަންމެ ދިގުވިޔަސް ދަތުރު ކިތަންމެ ބުރަވިޔަސް އަމާންކަމަށް ވާޞިލުވުމުން މި ބުރައިގެ އަސަރު ފިލައިގެން ނެތިގެން ދެއެވެ. ހިތަށް ލިބޭ އުފަލުން އޮހުރުނު ދައުތައް ފިލައިގެންދެއެވެ. އެ ހިނދު މި އުފުއްލި ބުރައަށް މީސްތަކުންގެ ތާރީފު ލިބޭނެއެވެ. ފަތިސްވުމުން ލިބޭ ރާޙަތުން ރޭގަނޑު ދަތުރުގައި އުފުއްލާންޖެހުނު ބުރަތައް ފިލައިގެންދާނެއެވެ.

އަމާޒުފަތްގަނޑަށް ވާޞިލިވެވޭނެކަމަށް އީމާންވާ މީހާއަށް ބުރައަކީ ދުޝްމަނެއްނޫނެވެ. އެހެނަސް ޙަޤީޤީ ދުޝްމަނަކީ ދެއަތަށްކިރުމެވެ. ހިނގާން އޮތް މަގާ މެދު ޝައްކު އުފެދޭން ފެށުމާ އެކު، ގައުކޮޅުކޮޅުގައި އިނގިލި ޖެހޭހެން ހީވާނެއެވެ. ފައިތިލައިގައި ރިއްސާން ފަށާނެއެވެ. އަރުތަ ޙާޞިލުވުމުގެ އަރާމަކީ ވަގުތީ އަރާމެއްނޫނެވެ. އެއީ ދުރު ރާސްތާ ހިތްހަމަޖެހުމެކެވެ. އޭގެ މާނަ ތިބާއަށް ވިސްނޭނީ ތިބާގެ ނަފުސުގައި ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައުމުންނެވެ. ތިބާގެ ވާޖިބުތައް އަދާކުރުން ލަސްނުކުރާކަން ތިބާގެ ނަފުސަށް ޔަޤީންވާ ހާލުގައި ތިބާ ބާލީހުގައި އަރާމުކޮށްލާން ބޯއެޅުމުންނެވެ. އޭރުން ތިބާގެ ގާތަށް ނިދި އަންނާނެއެވެ. ތިބާއަށް އަރާމު ނިންޖެއް ލިބޭނެއެވެ.

ގަދައަޅައި މަސައްކަތްކުރާ މީހުންގެ ރޭގަނޑުގެ ދަތުރަށް ފަތިސްވުމުން ސަނާކިޔާނެއެވެ. އޭނާގެ ނަފުސަށް ކަންނެތްވުމަށާއި އަރާމުކުރުމަށާއި މަޖާކުރުމަށް ގޮވާ ގޮވުންތައް ވަޅުލީތީއެވެ.

ތިބާގެ ކާމިޔާބީން ދުނިޔެ ބަދަލުނުވެ ހިނގައިދާނެއެވެ. ތިބާގެ މުޖުތަމަޢު ވެސް ބަދަލުނުވެ ހިގައިދާނެއެވެ. އެހެނަސް ތިބާގެ ނަފުސަށް ބަދަލު އަންނާނެއެވެ. ތިބާގެ ޒާތަށް އިޙުތިރާމު ބޮޑުވެގެން ދާނެއެވެ. ކުރިމަގަށް ޓަކައި ތިބާގެ ވިސްނުން އިތުރަށް ތޫނުވާނެއެވެ. މަގު ކިތަންމެ ދިގަސް އެންމެ ފަހު ފިޔަވަޅުން އަރާމާއި ރާޙަތު ލިބުމުން ތިބާ އުފުލި ބުރަ މަތީން ހަނދާންނެތޭނެއެވެ. އެ ހިނދު ތިބާއަށް ބުރައަކީ ބޭކާރު ކަމެއްނޫންކަން އެނގޭނެއެވެ. އެއީ ފާލަމެއްކަން ވިސްނޭނެއެވެ.

ކަމެއްކުރާން ފަށާ އިރު ހުވަފެން އޮންނާނީ ވަރަށް ނިކަމެތި ޙާލަތެއްގައެވެ. މިހުވަފެނުގައި ވަކިއަޅައި ކަލިމައެއްގެ ސަބަބުން އަނބުރައިލާން ގަސްތުކޮށްފާނެއެވެ. އެހެނަސް ދަތުރު ފެށޭނީ ގޮންޖެހުންތަކާ އެކުގައެވެ. ގޮންޖެހުމުގެ ރޫޙު އަށަގެންފައިވާ ނަމަ، ކުރިއަށް ދިޔުމަށް ހިތްވަރު ލިބޭނެއެވެ. ބުރައިގެ މަތީން ހަނދާން ނެތެމުންދާނެއެވެ.

ދަތުރުމަތީގައި މަގުމައްޗަށް ވެއްޓުނަސް ފައިކައްސައިލިޔަސް އާނދޮނގޭއޭ ކިޔައިފައި އަލުން ތެދުވާނެއެވެ. ނިމޭ ހިސާބަށް ދިޔުމަށް ޓަކައި އަޅާ ކޮންމެ ފިޔަވަޅަކުން އީޖާބީ ކަންކަން ފެންނަމުންދާނެއެވެ. ހިތްވަރު އައުވަމުންދާނެއެވެ. ދިގު ރެއަކަށް ފަހު، ވޭނާއި ކެކުޅުންތަކުގެ ރޭގަނޑުގެ ދަތުރަކަށް ފަހު އޭނާއަށް ޚާލިދުގެފާނުގެ ބަސްފުޅު (عِنْدَ الْصَبَاح يَحْمَدُ الْقُوْمُ الْسُّرَى)ގެ ތެދުކަން އެނގޭނެއެވެ. އޭނާއަށް ބުރަތައް ޖެއްސި ބިމުގެ ފަސްގަނޑު އޭނާއަށް ސަނާކިޔާނެއެވެ. އޭނާއަށް ތާރީފުކުރާނެއެވެ. އެ ފަސްގަނޑަކީ ކާމިޔާބުވެރި ވަނަވެރިންތަކެއް އުފެއްދި ތަނެއްކަން އެނގޭނެއެވެ. މިދަތުރުގެ މަގު ވަނީ އޭނާއަށް ސާބިތުކަން އުނގަންނާދީފައެވެ.އާ މެދު ރަނގަޅަށް ހީކުރާނެ ގޮތް ދަސްކޮށްދީފައެވެ. އެ މީހުން މަގަށް ވެސް ސަނާކިޔާނެއެވެ.

ރޭގަނޑުގެ ބުރަ ދަތުރުން ތިބާއަށް ތިބާގެ ކުރީގެ ޒާތަށް ވުރެ ހަރުދަނާ ޒާތެއް ލިބޭނެއެވެ. ކުރީގެ ޒާތަށް ވުރެ އޮފުދާރު ޒާތެއް ލިބޭނެއެވެ. ޙަޤީޤަތާ އެކު، ޞުލްޙަ ޤާއިމުކޮށްފައިވާ ޒާތެއް ލިބޭނެއެވެ. މި ދަތުރު ނިމުމުން ތިބާއަށް ލިބޭނެ އެންމެ މުހިންމު ދަރުސަކީ [މަތިވެރި އެއްޗެހި އުފަންވާނީ ބުރަ ތަޙައްމުލުކުރުމުގެ ރަޙިމުން]ނެވެ.

 
މަރުޖާ:

[1]  - البداية والنهاية [7/4-6]. ، - شعب الإيمان للبيهقي [3/169].

[2]  - بدائع الفوائد [2/238] مكتبة المؤيد

[3]  - بدائع الفوائد [2/234].
[4]  - حلية الأولياء [10/15].

ކޮމެންޓު