އިސްމާޢީލު މުބާރަކު
6 އޮކްޓޯބަރު 2026
(2026 އޮކްޓޫބަރު 04ވަނަ ދުވަހާ ގުޅޭ)
ކަރުގައިވާ ޗަކްރާގެ މަސައްކަތަކީ ތެދުވެރިކަމާ އެކު މުއާމަލާތް ކުރުމެވެ. މިއީ ބްލޮކްވެއްޖެ ނަމަ، އަމިއްލަ ހަގީގަތް ފޮރުވައި، އެހެން މީހުން ބޭނުންވާ ގޮތަށް އުޅޭން މަސައްކަތް ކުރެވޭނެއެވެ. މި ކަމުގެ ސަބަބުން އަމިއްލަ އަޑު މަޑުވެ، ޝަހުސިއްޔަތު ގެއްލިގެންދެއެވެ. ހާސްވުމާ ތައިރޮއިޑް ބަލިތައްޖެހެއެވެ.
ބުމައިގެ ދެމެދުގައިވާ "ތާޑް އައި ޗަކްރާ"އަކީ ދުރުވިސްނުމާއި، ކަންކަމުގެ ހަގީގަތް ދެނެގަތުމުގެ ބާރުދޭ ތަނެވެ. މިއީ ހަމަހަމަކޮށް ހުންނަ އިރު، ކަންކަމުގެ ފުންމިނާއި ގުޅުންތައް ދެނެގަނެވޭނެއެވެ. ނަމަވެސް، މި ތަން ބްލޮކްވެއްޖެ ނަމަ، ކަންކަމުގެ ހަގީގަތް ނޭނގި، އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އުޅޭން ޖެހިދާނެއެވެ.
ބޮލުގެ މަތީގައިވާ "ކްރައުން ޗަކްރާ"އަކީ ހެވެން ފޯސް އެންމެ ވަރުގަދައަށް ވަންނަ ތަނެވެ. މިއީ ތިމާގެ ދިރިއުޅުމުގެ މާނައާއި، މުޅި ކައުނާ އޮންނަ ގުޅުން ރަމްޒުކޮށްދޭ ތަނެވެ. މިއީ ބްލޮކްވެއްޖެ ނަމަ، ދިރިއުޅުމަކީ ހަމައެކަނި ދިރިހުރުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށް ފެނި، މާޔޫސްކަން އިހުސާސް ކުރެވޭނެ ތަނެކެވެ.
މިއީ ތިމާގެ ހަށިގަނޑުގެ ތެރޭގައި ހެވެން އާއި އާތު ފޯސް ބައްދަލުވާ ހަތް މަރުކަޒުގެ މަގުޗާޓެވެ.
ގިނަ މީހުން ދިރިއުޅެމުންދަނީ އެ މީހުންގެ އަސްލު ގާބިލިއްޔަތާއި ހަކަތައިގެ ވަރަށް ކުޑަ މިންވަރަކާ އެކުގައެވެ. އެއީ މޫތަކާއި ގޮފިތައް ނެތް ގަހެއް ފަދައިންނެވެ. ހަށިގަނޑުގެ ހަކަތައިގެ ގުޅުންތައް ހުންނަނީ ނިދައިފައި ނުވަތަ ބެދިފައެވެ. ނަތީޖާއެއްގެ ގޮތުން، ތިމާގެ ހޭލުންތެރިކަމާއި، ކުޅެދުންތެރިކަމާއި، ތިމާއަކީ އަސްލު ކާކުކަން ދެނެގަނެވޭނީ ވަރަށް ކުޑަ މިންވަރަކަށެވެ.
މީގެ އެންމެ ހިތާމަވެރި ކަމަކީ، ތިމާއަށް އުނިވަނީ ކޮން އެއްޗެއްކަން ނޭނގުމެވެ. ސަބަބަކީ ދުވަހަކު ވެސް ތަޖުރިބާނުކުރާ ކަމެއްގެ އުނިކަން އިހުސާސެއް ނުކުރެވޭނެއެވެ. މިހާރު ތިމާ ދިރިއުޅެމުންދާ ހަނި ދާއިރާއަކީ ދިރިއުޅުމުގެ އަސްލު ސިފަކަމަށް ހީކުރެވެއެވެ. ނަފްސާނީ ގޮތުން ހުންނަ ނުތަނަވަސްކަމާއި، ވަކިވެފައިވާ އިހުސާސާއި، ކުރިމަތިވާ ހުރަސްތަކަކީ އާދައިގެ ކަންކަން ކަމަށް ބެލެވެއެވެ. ނަމަވެސް އެއީ އާދައިގެ ކަމެއް ނޫނެވެ. އެއީ ހަށިގަނޑުގެ ހަކަތައިގެ ނިޒާމު ބަލިކަށިވުމުން ދިމާވާ ކަންކަމެވެ.
ރޫހާނީ ގިނަ ފިލާވަޅުތަކުން ބުނެނުދޭ ހަގީގަތަކީ، ހަށިގަނޑުގައިވާ ހަކަތައިގެ މަރުކަޒުތައް ނުވަތަ 'ޗަކްރާ'ތަކަކީ ހަމައެކަނި އެތެރެހަށީގެ އިހުސާސްތައް ކޮންޓުރޯލުކުރާ އެއްޗެއް ނޫން ކަމެވެ. އެއީ ތިމާގެ ހަށިގަނޑުގެ ވަށައިގެންވާ އިލެކްޓްރޯމެގުނެޓިކް ފީލްޑް (ދާ އިލެކްޓްރިކް ދާއިރާ) ކޮންޓުރޯލުކުރާ ވަސީލަތެވެ. މި ފީލްޑަކީ ހަށިގަނޑުގެ ވަށައިގެންވާ ފެންނާން ނެތް ހަކަތައިގެ ފަށަލައެކެވެ. މިއީ މުޅި ކައުނުގެ އަސްލުތަކާ ގުޅިފައިވާ، ހަކަތައިގެ ރާޅުބާނިތަކަށް އިޖާބަދޭ ދާއިރާއެކެވެ.
ހަށިގަނޑުގެ ހަކަތަ ހަމަހަމަވެ، އުޑާއި ބިމުގެ ބާރުތައް ސާފުކޮށް ދައުރުވާ ނަމަ، ތިމާގެ ވަށައިގެންވާ ހަކަތައިގެ ދާއިރާ ވަރުގަދަވެ، ސާފު ސިގުނަލެއް ފޮނުވައިދޭނެއެވެ. އަދި ކައުނުގެ ނިޒާމުން އެ ސިގުނަލަށް އިޖާބަދީ، ތިމާގެ ހަކަތައާ އެއް ގޮތަށް ކަންކަން ތަރުތީބުކޮށްދެއެވެ.
އުންމީދުކުރާ ކަންކަން ހަގީގަތަކަށް ވަނީ މި ގޮތަށެވެ. އެއީ ހަމައެކަނި ޚިޔާލުކުރުމަކުން ނުވަތަ ދުލުން ބުނާ ބަސްތަކަކުން ވާކަމެއް ނޫނެވެ.
އެއީ ހަށިގަނޑުގެ ހަކަތައިގެ ދާއިރާ އެއް ގޮތްވުމުން (Coherence)ވާ ކަމެކެވެ. ހަކަތައިގެ ނިޒާމު ބެދި، ބަލިކަށިވެފައިވާ ނަމަ، ފޮނުވައިދޭ ސިގުނަލް ހުންނާނީ އޮޅުންބޮޅުންވެފައެވެ. އޭރުން ބޭނުންވާ ނަތީޖާއެއް ނުލިބޭނެއެވެ. 'ލޯ އޮފް އެޓްރެކްޝަން' މަސައްކަތްނުކުރަނީ މި ސަބަބާ ހުރެއެވެ. ސިގުނަލް ފޮނުވައިދޭ މެޝިން ހަލާކުވެފައި ހުއްޓައި، ކިތަންމެ ވަރަކަށް ޚިޔާލުކުރިޔަސް ކަންކަން ބަދަލެއް ނުވާނެއެވެ. ދާއިމީ ބަދަލެއް ގެނެވޭނީ ހަށިގަނޑުގެ ހަކަތައިގެ ނިޒާމު ރަނގަޅުކޮށްގެންނެވެ.
އިންސާނާގެ ހޭލުންތެރިކަމާއި ހަށިގަނޑުގެ ބަޔޮލޮޖީއަކީ ވަކި ދެ އެއްޗެއް ނޫނެވެ. ހަކަތައިގެ ދައުރުވުން ހަމަހަމަ ނަމަ، ވިސްނުން ސާފުވެ ބާރުގަދަވާނެއެވެ. ނަމަވެސް އެ ދައުރުވުން ހުއްޓިއްޖެ ނަމަ، ވިސްނުން އޮޅުންބޮޅުންވެ ބަލިކަށިވާނެއެވެ. މީގެ މާނައަކީ ތިމާއަކީ އުނި މީހެއް ނޫނެވެ. ތިމާގެ ހަށިގަނޑުގެ ހަކަތައިގެ ނިޒާމު ހަމައަކަށް އަޅުވާން ޖެހެނީއެވެ. އެއީ އުނިކަމެއް އިސްލާހުކުރުމެއް ނޫނެވެ. އެއީ ތިމާގެ އަސްލު ގާބިލިއްޔަތަށް ހުރަސްއަޅާ ކަންކަން ނައްތައިލުމެވެ.
މިސާލަކަށް، ތިމާއަކީ ރޭޑިއޯއެއްކަމަށް ބަލަމާ ހިނގާށެވެ. ރޭޑިއޯގެ އެންޓަނާ ގޯސްވެ، އެތެރޭގެ ނަރުތައް ހަލާކުވެފައި ހުރި ނަމަ، ސިގުނަލް ލިބުނަސް އަޑު ސާފެއް ނުވާނެއެވެ. މިއީ ރޭޑިއޯ ހަލާކުވުމެއް ނޫނެވެ. އެއީ ހަމައަކަށް އަޅުވާންޖެހުމެވެ. ގިނަ މީހުންނަށް ހެދޭ ގޯހަކީ، ރޭޑިއޯގެ އަޑު ސާފުނުވުމުން އަޑުގަދަކުރާން އުޅުމެވެ.
މާނައަކީ، ހަކަތައިގެ ނިޒާމު އިސްލާހުނުކޮށް، ވިސްނުމާއި އުޅުން ބަދަލުކުރާން ގަދަކަމުން މަސައްކަތްކުރުމެވެ. އޭގެ ބަދަލުގައި ހަށިގަނޑުގެ ހަކަތައިގެ ނިޒާމު ސާފުކޮށް، ހަމައަކަށް އެޅުވުމުން، ހުރިހާ ކަމެއް އަމިއްލައަށް ރަނގަޅުވާން ފަށާނެއެވެ. އާ ވިސްނުންތަކާއި ރަނގަޅު އުޅުންތައް ގަދަކަމުން ނޫނަސް، އަމިއްލަ ގޮތުން އުފެދިގެން އަންނާނެއެވެ. ސަބަބަކީ އޭރުން ހަކަތަ ދައުރުވަނީ އެއްވެސް ހުރަހެއް ނެތިކަމަށްވާތީއެވެ.
ކަމެއް ނުބައޭ ބުނެފިއްޔާ ރަނގަޅު ގޮތް ބުނެދޭން އެނގެންޖެހޭނެއެވެ. މި ކަން އަމަލީ ގޮތުން ކުރާނެ ގޮތާއި، ތިބާގެ ހަކަތައިގެ ނިޒާމު (energy body) އަލުން ތަރުތީބުކުރާނެ ގޮތް ކިޔައިދިނުމުގެ ކުރީން، މި ނިޒާމު ބަލިކަށިވާން މެދުވެރިވާ ސަބަބުތައް ތަފްސީލުކޮށްދޭން ޖެހެއެވެ. ސަބަބަކީ، މި ބަލިކަށިކަން އުފެދެން މެދުވެރިވާ އަސްލު ދެނެނުގަނެވޭ ނަމަ، އަމިއްލައަށް ނޭނގި ނަމަވެސް ތަކުރާރުކޮށް އެއް ގޯސްތަކެއް ހެދޭނެތީއެވެ. އޭރުން ކިތަންމެ މަސައްކަތެއް ކުރިޔަސް، ވަގުތީ ހިތްހަމަޖެހުމަކަށް ފަހު އަނެއްކާ ވެސް ކުރީގެ ހާލަތަށް ރުޖޫޢަވެ، ކަންތައްތައް ގޯސްވީ ކީއްވެގެންކަމާ މެދު ސުވާލު އުފެދޭނެއެވެ.
ވީމާ، ހަކަތައިގެ ނިޒާމު ބަލިކަށިވާ މައިގަނޑު ސަބަބުތަކާ ބެހޭ ގޮތުން ވާހަކަދައްކަމާ ހިނގާށެވެ. ފުރަތަމަ ސަބަބަކީ ދާއިމީ ނުތަނަވަސްކަން (chronic stress) އެވެ. ތިބާގެ ނާރުގެ ނިޒާމު އަބަދު ނުރައްކަލަކަށް ތައްޔާރުވެގެން ހުންނަ ހާލަތެއްގައި ނަމަ، މައިގަނޑު ގޮތެއްގައި ބާރު ފޯރުވަނީ 'ހެވަން ފޯސް' (heaven force) އެވެ. މި ހާލަތުގައި، ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުމަށް ޓަކައި ހަށިގަނޑުން ހުރިހައި ހަކަތައެއް ސިކުނޑިއަށް ޖަމާކުރެއެވެ. މިއީ ސަލާމަތްތެރިކަން ހޯދުމަށް ޓަކައި އިންސާނާގެ ހަށިގަނޑުގައި ލައްވައިފައިވާ ގުދުރަތީ ނިޒާމެކެވެ. ނުރައްކަލެއް ކުރިމަތިވާ ވަގުތު، އަވަހަށް ވިސްނައި، ހާލަތު ވަޒަންކޮށް، އަވަސް ނިންމުންތައް ނިންމާން ޖެހެއެވެ.
މި ކަމުގެ ސަބަބުން، ހަށިގަނޑުގެ ތިރީބައިގެ ހަކަތައިގެ މަރުކަޒުތަކުން (lower chakras) ހަކަތަ ދަމައިގަނެ، މުޅި ހަށިގަނޑާއި، އިހުސާސްތަކާއި، ފިތުރީ ސިފަތަކާ ދުރަށް ހަކަތަ ފޮނުވައިލައެވެ. އޭގެ ބަދަލުގައި މަތީގެ މަރުކަޒުތަކަށް ހާސްކަމުން ފުރިގެންވާ ނަފްސާނީ ހަކަތަ ފޮނުވައެވެ. މިއީ ކުރު މުއްދަތުގެ ނުރައްކާތަކަށް ރަނގަޅު ގޮތެއް ނަމަވެސް، މިއަދުގެ ދިރިއުޅުމުގައި ގިނަ ވަގުތު ހޭދަކުރާން މި ޖެހެނީ ދާއިމީ ނުތަނަވަސްކަމެއްގައެވެ. ތިބާ މިހާރު ދުވަނީ ވަލުޖަނަވާރަކުން ސަލާމަތްވާކަށް ނޫނެވެ.
އޭގެ ބަދަލުގައި ތިބާ ކަންބޮޑުވަނީ ފައިސާއާ މެދުގައެވެ. ވަޒީފާއާ މެދުގައެވެ. ގުޅުންތަކާ މެދުގައެވެ. ނުވަތަ މުސްތަގުބަލާ މެދުގައެވެ. ތިބާގެ ނާރުގެ ނިޒާމަށް ހަގީގީ ނުރައްކަލަކާއި ހިތަށް އަރާ ވަހުމެއްގެ ތަފާތެއް ނޭނގެއެވެ. އެހެންކަމުން، އެ ނިޒާމުން ތިބާ އަބަދުވެސް ބަހައްޓަނީ ނުރައްކަލަކަށް ތައްޔާރުވެގެން ހުންނަ ހާލަތެއްގައެވެ. ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް، މި ކަމުގެ ސަބަބުން ތިރީބައިގެ ހަކަތައިގެ މަރުކަޒުތައް ބަލިކަށިވެއެވެ. ހަށިގަނޑާއި، އިހުސާސްތަކާއި، ފިތުރީ ސިފަތަކާ އޮންނަ ގުޅުން ކެނޑިގެންދެއެވެ. ތިބާގެ ދިރިއުޅުން ހަމައެކަނި ސިކުނޑީގެ ތެރޭގައި ތަޅުލެވި، ދިރުން ހުރިކަމުގެ އިހުސާސްކޮށްދޭ ހުރިހާ ކަމަކާ ގުޅުން ކެނޑިގެންދެއެވެ.
މީގެ އެންމެ ހިތާމަވެރި ކަމަކީ، ތިބާގެ ގުޅުންތައް ކެނޑެމުންދާ ވަރަކަށް ހާސްކަން އިތުރުވުމެވެ. ސަބަބަކީ ހާސްކަމަކީ ހަމައެކަނި ނަފްސާނީ ހާލަތެއް ނޫނެވެ. އެއީ ހަށިގަނޑުގެ ހިކުމަތާއި، 'އާތު ފޯސް' (earth force) ނުވަތަ ބިމުގެ ހަކަތައިން ލިބިދޭ ސާބިތުކަމާ ދުރުވުމުން ކުރިމަތިވާ ކަމެކެވެ.
(ނުނިމޭ)