ad_banner
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައިގެ ސޫރައާއި މިހާރު ޙާލަތު - ސަރަޙައްދީ ނުރައްކާ

އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

3 އޮކްޓޯބަރު 2026

އީރާނާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމާއި ސިޔާސީ އަދި އަސްކަރީ ނުރުހުންތެރިކަމަކީ މެދުއިރުމަތީގެ ސުލްޙައާއި ހަމަޖެހުމަށް މި ވަގުތު އޮތް އެންމެ ބޮޑު އެއް ނުރައްކަލެވެ. މި ދެ ގައުމުގެ ދެމެދުގައި ސީދާ އަދި ނުސީދާކޮށް ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން މުޅި ސަރަޙައްދުގެ މަސްރަޙު ވަނީ ނުހަނު ނާޒުކު ޙަލަތެއްގައި އެހައިމެ ފުޅާ ދާއިރާއެއްގައިފެތުރިފައެވެ. އެކި ގައުމުތައް މެދުވެރިކޮށް ކުރެވޭ ނުސީދާ ބައްދަލުވުންތަކުން އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

ނިޔުޔޯކަށް ޢައްބާސް އަރާޣުޗީ ކުރެއްވި ދަތުރުފުޅުގެ ނަތީޖާ

އދ.ގެ އާންމު މަޖިލީހަށް ވަޑައިގެން އުޅުއްވި އިރާނުގެ ޚާރިޖީ ވަޒީރާއި އެ މަނިކުފާނުގެ ވަފުދު، ކުރީން ހަމަޖެހިފައިވާ ވަގުތަށް ވުރެ އަވަހަށް ނިއުޔޯކުން ފުރައިގެން ދިއުމަށް އެމެރިކާގެ ޚަރިޖީ ވަޒީރު މާކޯ ރޫބިއޯ އަންގައިފައިވާކަމަށް އެމެރިކާގެ ދެ މަސްއޫލުވެރިއަކު ބުދަ ދުވަހު ވަނީ ބުނެފައެވެ.

ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާ އެކު ވެސް، އެމެރިކާއިން ވަނީ، ދުނިޔެއަށް ލަދުން، ދުނިޔޭގެ ވެރީންގެ އަހަރީ ބައްދަލުވުން (އދ.ގެ އާންމު ޖަލްސާ)ގައި ބައިވެރިވެވަޑައިގަތުމަށް އިރާނުގެ ރައީސަށާއި ޚާރިޖީ ވަޒީރުގެ އިތުރަށް އެ ބޭފުޅުންގެ ވަފުދަށް ވަކި ޚާއްސަ ދަތިތަކަކާ އެކު ވިސާއަރުވައިފައެވެ.

އިރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން މިދިޔަ ހަފުތާގައި އދ.ގައި ތަގުރީރުކުރެއްވުމަށް ފަހު އަނެއް ދުވަހު ނިއުޔޯކުން ފުރާވަޑައިގަތް ނަމަވެސް، ޚާރިޖީ ވަޒީރު ޢައްބާސް އަރާޣުޗީ ނިއުޔޯކުގައި މަޑުކުރެއްވީ ހުރުމުޒު ކޮއްލަވާނި ހުޅުވައިލުމަށާއި، ހަނގުރާމަ ހުއްޓައިލުމަށާއި އިރާނުގެ ނިއުކްލިއަރު ޕުރޮގްރާމާ ބެހޭ ގޮތުން އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާއާ އެކު، ނުސީދާ ގޮތެއްގައި ބޭއްވޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ޢައްބާސް ރާއްވަވައިފައި އޮތީ ބުދަ ދުވަހާ ހަމައަށް ނިއުޔޯކުގައި މަޑުކުރައްވާށެވެ.

ނަމަވެސް، ބަންދު ދުވަސްވަރު އިރާނާއި ގަތަރުގެ މަންދޫބުންގެ މެދުގައި ބޭއްވުނު ބައްދަލުވުންތަކުން މާބޮޑު ކުރިއެރުމެއް ލިބިފައިނުވާތީ، ރޫބިއޯގެ ކެތްތެރިކަން ކޮޅުންލައި، ޢައްބާސް އަރާޣުޗީއާއި އޭނާގެ ވަފުދު ވަގުތުން ނިއުޔޯކުން ފުރައިވަޑައިގަތުމަށް ހޯމަ ދުވަހު އެންގެވި ކަމަށް އެ ނިންމުމުގެ މައުލޫމާތު އެނގޭކަމަށް ބުނާ، އަދި ނަން ހާމަނުކުރާން ޝަރުތުކޮށް ވާހަކަދެއްކި ދެ މަސްއޫލުވެރިއަކު ބުނެފައިވެއެވެ.

އެމެރިކާގެ އެއް މަސްއޫލުވެރިއަކު ބުނެފައިވާ ގޮތުގައި ރޫބިއޯ ނިންމީ އިރާނުގެ ވަފުދުން އެ ގައުމުގައި [މަޑުކުރާންޖެހޭ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފައިވާ]ކަމަށާއި، އދ.ގެ ބައްދަލުވުންތައް ނިމިފައިވާތީ އެބޭފުޅުން އެނބުރި ވަޑައިގަންނަވާން ޖެހޭނެކަމަށެވެ. އެމެރިކާގެ މަސްއޫލުވެރީން ބުނެފައިވާ ގޮތުގައި ޢައްބާސް އަރާޣުޗީއާއި އޭނާގެ ޓީމު ނިއުޔޯކުން ފުރާވަޑައިގަތީ އަންގާރަ ދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

ނަމަވެސް އދ.ގައި ހުންނަ އިރާނުގެ މިޝަނުން އަންގާރަ ދުވަހު ވަނީ އެ ބޭފުޅުން ފުރައިވަޑައިގަންނަވާން ރޫބިއޯ އެންގިކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފައެވެ. [އިރާނުގެ ވަފުދު ނިއުޔޯކުން ފުރައިފައިވަނީ ހޯމަ ދުވަހު އިރުއޮއްސުނު ވަގުތު، އެމެރިކާގެ ޚާރިޖީ ވުޒާރާއަށް ކުރީން ހިއްސާކޮށްފައިވާ ތާވަލާ އެއް ގޮތަށް، ސެޕުޓެމްބަރު 17 ގައެވެ.] އިރާނުގެ މިޝަނުން އެ އިދާރާގެ ރަސްމީ 'އެކްސް' އެކައުންޓުގައި ލިޔެފައިވެއެވެ. [އެއްވެސް ކާމިޔާބީއެއް ހާސިލުނުވުމުން، [އެމެރިކާގެ] ޚާރިޖީ ވުޒާރާއިން މިހާރު މި ވަނީ އަސާސެއް ނެތް، ބޭކާރު ޚަބަރުތައް ފަތުރާން ފަށައިފައެވެ.]

ޢައްބާސް އަރާޣުޗީ ވެސް ވިދާޅުވެފައިވަނީ އެ މަނިކުފާނު ނިއުޔޯކުން އެނބުނި ވަޑައިގަތީ [ހުސްއަތާ]ކަމަށެވެ.

އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ [ހަނގުރާމައިގެ] މިހާރުގެ ޙާލަތު:

އެމެރިކާއާއި އީރާނާ ދެމެދު އޮތް ދުޝަމަނުކަމާއި އިތުބާރު މުޅީން ގެއްލިފައިވުމުގެ ސަބަބުން ހަނގުރާމައިގެ މަސްރަޙު މިހާރު ވަނީ އެކި ސިފަސިފައަށް ފުޅާވެފައެވެ.

ލުބުނާނާއި، ޔަމަނާއި ސޫރިއާ ފަދަ ގައުމުތަކުގައި ގަޢިމުވެފައިވާ އީރާނަށް ތާއީދުކުރާ ޖަމާއަތްތަކާއި އިޒުރޭލާއި އެމެރިކާގެ މަސްލަހަތުތަކާ ދެމެދު ހިނގާ ކުރިމަތިލުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެމެރިކާއިން އީރާނުގެ އިގުތިސާދު އެކީއެކަށް ހަލާކުކޮށްލާނެކަމަށް ބުނެ ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ އިރު، ރަތް ކަނޑާއި ހުރުމުޒު ކޮއްލަވާނީގައި އުޅަނދުފަހަރަށް ދެވޭ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މި ހަނގުރާމައިގެ މާ ކުރީން އެމެރިކާއިން އީރާނުގެ ނިޔުކުލިއަރު އެއްބަސްވުމުން ވަކިވުމާއި އޭގެ ފަހުން އެއްވެސް ހައްގަކާނުލައި އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވާތީ އީރާނުގެ ނިއުކުލިއަރު ޕުރޮގްރާމް ކުރިއަށްދާ ގޮތެއް މިހާރަކު އެކެރިކާއަކަށް އަދި ވިލާތުގެ އެއްވެސް ގައުމަކަށް ނޭނގެއެވެ. އީރާނުގެ ނިއުކުލިއަރު ގާބިލުކަން އެކީއެކަށް ނައްތައިލެވިއްޖެކަމަށް ޓުރަންޕު ދޭތެރެދޭތެރެއިން އިޢުލާނުކޮށްފައިވީ ނަމަ ވެސް އީރާނުގައި ނިއުކުލިއަރު ޕުރޮގްރާމު ކުރިއަށްދާ މިންވަރާ މެދު އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ކަންބޮޑުވާ ކަންބޮޑުވުންތައް ދަނީ އިތުރުވަމުންނެވެ.

މި ހަނގުރާމަ ނިމިގެންދާނީ ކިހިނެއް؟

މި ފަދަ ނާޒުކު އަދި ސިޔާސީ ގޮތުން އޮޅުންބޮޅުން ބޮޑު ހަނގުރާމައެއް ނިމުމަކަށް އަންނާނެ ގޮތެއް ނިމުތުކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، މަސްރަޙު ދިރާސާކުރާ ފަރާތްތަކުގެ ނަޒަރުގައި މި ކަން ނިމިގެން ހިނގައިދާނެ މައިގަނޑު ތިންހަތަރު ގޮތެއް ފާހަގަކުރެވެއެވެ.

1.     ދުނިޔެ އެދޭ އަދި އެންމެ އެދެވޭ ސުލްހަވެރި މަގަކީ ގަތަރާއި ޢުމާން ނުވަތަ ޗައިނާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ނަމަވެސް ދެގައުމުގެ ދެމެދުގައި ސީދާ ނުވަތަ ނުސީދާ މަޝްވަރާތައް ބާއްވައި، މި ހަނގުރާމަ ނިމުމަކަށް އަންނާނޭ އެއްބަސްވުމަކަށް އައުމެވެ. އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމާއި، ސަރަހައްދީ ރައްކާތެރިކަމުގެ ކަށަވަރުކަންދިނުމަކީ މަސްރަޙު ފިނިވެގެންދާނެ ކަމެކެވެ.

2.     ދެވަނަ ގޮތަކީ ނުސީދާ ހަމަލާއަކުން ނުވަތަ އޮޅުމަކުން ދެވޭ ބޮޑު ހަމަލާއެއްގެ ސަބަބުން، ދެ ގައުމުގެ ދެމެދުގައި ސީދާ އަސްކަރީ ކުރިމަތިލުމެއް ފެށުމެވެ. މިއީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ މުޅި މެދުއިރުމަތި ހަނގުރާމައިގެ އަލިފާންގަނޑުގެ ތެރެއަށް ވައްޓައިލައި، ތެލުގެ އަގު އުފުލި، ދުނިޔޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަންނާނެ ކަމެކެވެ. މި ގޮތް މިންވަރު ނުކުރެއްވުމަކީ މުޅި ދުނިޔޭގެ އުންމީދެވެ.

3.     އެންމެ ބޮޑަށް ލަފާކުރެވޭ ގޮތަކީ ސީދާ ބޮޑު ހަނގުރާމައަކަށް ނުގޮސް، ސައިބަރު ހަމަލާތަކާއި، އިގްތިސާދީ ފިއްތުންތަކާއި، އަދި އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކުގެ ހަނގުރާމައިގެ ތެރެއިން ދެގައުމުގެ ނުފޫޒު ދެއްކުން ދިގު މުއްދަތަކަށް ދެމިގެން ދިއުމެވެ. މިއީ ދެގައުމުން ވެސް ބޮޑު ހަނގުރާމައަކަށް ދާން ބޭނުންނުވާ ނަމަ، ޙާލަތު ދެމިއޮންނާނެ ގޮތްކަމަށް ލަފާކުރެވެއެވެ. އެމެރިކާ ބަލިވީކަމަށް ބަލައި ހަނގުރާމަ ނިންމައިލުމަކީ އެމެރިކާ، ޚާއްޞަކޮށް ޓުރަންޕު، ގަބޫލުކުރާނެ ގޮތެއް ނޫނެވެ. އަނެއްކޮޅުން އީރާނު ވެސް އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

4.     ހަތަރުވަނަ ގޮތަކީ މިހާރު ވެސް މި ކަން ދެމިގެންދާ ގޮތަށް، އެމެރިކާގެ ރިޔާސަތަށް އާ އިސްވާރަކު އަންނަންދެން މި ހަމަނުޖެހުން ދެމި އޮވެ، އާ އިދާރިއްޔަތުގައި ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމެއްގެ ދަށުން ދެ ފަރާތް ގަބޫލުކުރާ ގޮތެއްގެ މަތީން ހަނގުރާމަ ނިމުމަކަށް ގެނައުމެވެ. މިއީ ޓުރަންޕުގެ ޒަޢާމަތުގައި ވާނޭ ކަމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ސަރަޙައްދީ ގައުމުތަކުގެ މަސްލަހަތު ހިމެނޭ ގޮތަށް، ސިޔާސީ މަޝްވަރާގެ މަގު އިޚްތިޔާރުކޮށްގެންނެވެ. ހަނގުރާމައަކީ މުޅި އިންސާނިއްޔަތަށާއި ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއްކަމުގައިވާތީ، ޑިޕުލޮމެޓިކު ހައްލަކީ އެންމެ ސަލާމަތްތެރި މަގެވެ.

(ގިނަ މައުލޫމާތު: ދި އެސޯސިއޭޓެޑް ޕުރެސްގައި މެތިއު ލީ ލިއުއްވައިފައިވާ ލިޔުމަކުން)

ހަވާލާ:  www.ctvnews.ca/world

 

ބައެއް ލަފުޒުގެ މާނަ:

ނިމުތު      ނ.     (1) ކުރާ ލަފާ ނުވަތަ އަންދާޒާ. (2) ވާން ހުންނަ ކަންކަން. Forecast

އިދާރިއްޔަތު       ނ.     (1) އިސްވެ ހުންނަ މީހާ. (2) ވެރިޔާ. leader

ކޮމެންޓު