އޒ. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)
29 ސެޕްޓެންބަރު 2026
އެމެރިކާއަކީ ދުނިޔޭގައި މިހާރު ހިނގާ ހުރިހައި ނުބައިކަމަކަށް ހިތްވަރުދޭ ޝައިޠާނީ ގައުމެއްކަމަށް ދެންނެވުމަކީ ކުށަކަށް ވާނެހެނެއް ހިޔެއް ނުވެއެވެ. އެއްވެސް ހަމައެއް އިންސާފެން ގެންގުޅޭ ގައުމެއް ނޫނެވެ. އެ މީހުން ތަބާވަނީ އިހުޒަމާނުގައި އޮންނަ ޖަންގަލީގެ ގާނޫނުތަކަށެވެ. ބާރު ގަދަ ބަޔަކު ނިކަމެތި ގައުމުތައް ކޮންމެވެސް ގޮތަކުން އަޅުވެތިކުރުމުގެ ސިޔާސަތެވެ.
އެމެރިކާއިން ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން، އިޒުރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ހައްޔަރުކުރުމުގެ އަމުރެއް ނެރުމާ އެކު އެ ކޯޓަށް ފާޑުކިޔައި އެކޯޓަށް ދޭ އެހީތެރިކަމާއި މެންބަރުކަން ދޫކޮށްލައިފައެވެ. އަދި އެހެން ގައުމުތަކުން ވެސް އެމެރިކާގެ އެ ނާތަހުޒީބު ނިންމުމާ އިގުތިދާވާން ދުނިޔޭގެ ގައުމުތަކަށް ވެސް އަންނަނީ ގޮވައިލަމުންނެވެ. އެމެރިކާގެ މި ގޮވައިލުމާ ގުޅިގެން ނައުރޫއިން މި ވަނީ އެމެރިކާއާ އިގުތިދާވެފައެވެ. [އަމިއްލަ ސިޔާދަތީ ބާރު ދިފާއުކުރާ ގައުމުތަކުގެ ސަފާ ގުޅުނީ]ކަމަށް ބުނެ މި ދިޔަ ހަފުތާގައި ނައުރޫއިން މި ވަނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓާ ވަކިވާން ނިންމިކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ. މި އިޢުލާނާ ގުޅިގެން ނައުރޫއިން މި ނިންމި ނިންމުމަށް އެމެރިކާއިން ވަނީ ވަގުތުން ސަނާކިޔައި ތަޢުރީފުކޮށް މަރުހަބާކިޔައިފައެވެ.
ފާއިތުވި ހަފުތާގައި އދ.ގެ އާންމު މަޖިލީހުގައި ވާހަކަދައްކަމުން ރިޕަބްލިކް އޮފް ނައޯއެރޯ (ކުރީގެ: ނައުރޫ)ގެ ރައީސް ޑޭވިޑް އަޑިއެންގް ވަނީ އައި.ސީ.ސީ.އަކީ މިހާރު އެއްވެސް ބޭނުމެއް ނެތް، ތާކުންތާކުނުޖެހޭ މުއައްސަސާއެއްގެ ގޮތުގައި ސިފަކޮށް، އެ ކޯޓުގެ މެންބަރުކަން އުވައިލުމުގެ ގަސްތު އިއުލާނުކޮށްފައެވެ.
[އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ނައުރޫއަށް އެއްވެސް ބޭނުންތެރިކަމެއް ނެތްކަމަށް އަޅުގަނޑުމެންނަށް ފެންނަ ބައިނަލްއަގުވާމީ އިދާރާއެކެވެ. އެ ކޯޓުގައި ނައުރޫއިން ބައިވެރިވުން ނިމުމަކަށް ގެނެސް، މެންބަރުކަން ބާތިލުކުރާން ވަނީ ގޮވައިލެވިފައެވެ.] އދ.ގައި ވާހަކަދައްކަމުން ޑޭވިޑް ބުނެފައިވެއެވެ. [އަޅުގަނޑު ނިއުޔޯކުން ފުރުމުގެ ކުރީން، ނައުރޫއިން އެ ކޯޓާ ވަކިވުމުގެ ލިޔެކިޔުންތައް ރޯމް ސްޓެޗިއު ރިޕޮސިޓަރީއަށް ހުށަހަޅާނެއެވެ.]
ނައުރޫގެ މި ނިންމުން އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު އދ.ގައި ދިން ތަގުރީރުގައި އައިސީސީއަށް ވަރަށް ބޮޑަށް ފާޑުކިޔައިފައިވަނިކޮށެވެ. އަދި އޭގެ އިތުރަށް، ހޭގްގައި ހުންނަ މި ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާން އެމެރިކާ ސަރުކާރުން ނިންމަމުންދާކަމަށް ވެސް ތަފާތު ރިޕޯޓުތައް ލިބިފައިވެއެވެ.
އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް މައިކަލް ޖޯޖް ޑިސޮމްބްރޭ މިހާރު ވަނީ ޕެސިފިކްގެ މި ކުޑަކުޑަ ގައުމު ނައުރޫގެ ޚާރިޖީ ވަޒީރުގެ ނާއިބު ރަސް ކުންއާ ބައްދަލުކޮށް މަރުހަބާކިޔައިފައެވެ.

ނައުރޫގެ ވެރިރަށް ސުވާގައި ހުންނަ އެމެރިކާ ސަފާރާއިން މި ބައްދަލުވުމާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ [އައިސީސީގެ އުސޫލުތަކާ ޚިލާފު ނުފޫޒާ ދެކޮޅަށް އަމިއްލަ ސިޔާދަތީ ބާރު ދިފާއުކުރާ ގައުމުތަކުގެ ސަފާ ނައުރޫ މި ވަނީ ގުޅިފައި]ކަމަށެވެ.
ޓުރަންޕުގެ ސަރުކާރާއި އައިސީސީއާ ދެމެދު އޮތް ނުވަތަނަވަސްކަން ބޮޑުވީ، ޣައްޒާގައި އިޒުރޭލުން ހިންގާ އަނިޔާވެރި ޢަމަލުތަކާ ގުޅިގެން ހިންގި ހަނގުރާމައިގެ ޖަރީމާތަކެއްގެ ތުހުމަތުގައި އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫއާއި އޭނާގެ ކެބިނެޓުގެ ބައެއް މެންބަރުން ހައްޔަރުކުރުމުގެ އަމުރެއް 2024ގެ ފަހުކޮޅު، އެ ކޯޓުން ނެރުމާ ގުޅިގެންނެވެ.
ނައުރޫގެ ސަރުކާރުން ދާދިފަހުން ވަނީ އިސްރާއީލާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކޮށްފައެވެ. އަދި އެ ގައުމަކީ އިސްރާއީލާއެކު ޚާރިޖީ ގުޅުން ގާއިމުކޮށް، ތައްލުއަބީބުގެ ބަދަލުގައި ގުދުސްގައި ސަފާރާ ހުޅުވި މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ.
ނައޯއެރޯ (ކުރީގެ ނައުރޫ)އަކީ ޕެސިފިކް ކަނޑުގައި އޮންނަ، ދުނިޔޭގެ އެންމެ ކުދި މިނިވަން ޖުމްހޫރިއްޔާތަކުގެ ތެރޭގައި ހިމެނޭ ޖަޒީރާ ޤައުމެކެވެ. އާދޭހެވެ! ނައުރޫއަކީ އެކަހެރި އެއް ރަށުގެ މައްޗަށް އެކުލެވިގެންވާ ކުޑަކުޑަ ޤައުމެކެވެ. އެ ޤައުމުގެ މުޅި ބޮޑުމިނަކީ އެންމެ 21 އަކަކިލޯމީޓަރެވެ. މިއީ ދުނިޔޭގެ ތިންވަނައަށް އެންމެ ކުޑަ ޤައުމެވެ. މި ގައުމުގެ އާބާދީއަކީ 12،000 އާއި 13،000 ދެމެދުގެ އަދަދެކެވެ.
ވިހިވަނަ ޤަރުނުގެ މެދުތެރޭގައި ނައުރޫއަކީ ފޮސްފޭޓް މައިނުކޮށްގެން ދުނިޔޭގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ މަތިވި އެއް ޤައުމެވެ. ނަމަވެސް، މިއަދު އެ ޤައުމުގެ މައިގަނޑު ފޮސްފޭޓް ރިޒާވްތައް ވަނީ މުޅީން ކަހަލަ ގޮތަކަށް ހުސްވެފައެވެ. ގިނަ އަހަރުތަކެއް ވަންދެން ފޮސްފޭޓް ނަގައި ވިއްކުމުގެ ސަބަބުން ރަށުގެ އެތެރޭގެ ބިމުގެ 80 އިންސައްތައަށް ވުރެ ބޮޑު ބައެއް ވަނީ ބޭނުންނުކުރެވޭ ވަރަށް ދިރުން ކެނޑި (ވީރާނާވެ) ހަލާކުވެފައެވެ. މިއަދު އެ ތަނުން ނަގަނީ ވަރަށް މަދު އަދަދެއްގެ ދެވަނަ ފަންތީގެ ފޮސްފޭޓްކަމަށްވުމުން، އެއީ މިހާރު އެ ޤައުމުގެ މައިގަނޑު އާމްދަނީ ލިބޭ ވަސީލަތެއް ނޫނެވެ.
ގިނަ ޢަދަދަކަށް ފޮސްފޭޓު ނަގައި ވިއްކި އިރު ރައްޔިތުންނަށް ލިބުނު އާމްދަނީ ގިނަވުމުގެ ސަބަބުން އެ މީހުންއޭރުވަނީ މަގުއޮޅިފައެވެ. އަގުބޮޑެތި ކާރުތައް ގަނެ، ވަރަށް މަތީ ފެންވަރުގައި ދިރިއުޅޭން ފެށީއެވެ. އާމްދަނީ މެނޭޖުކޮށް ފައިސާ ވުނަކުރާކަށް ސަރުކާރަކަށް ވެސް ނޭނގުނެވެ. އެހެންކަމުން . . . މިއަދު އެއީ ފަގީރު ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ތުވަލޫއާއި ކިރިބަތީ ފަދަ ގައުމުތަކަށް އެ ގައުމުގެ ރައްޔިތުން ވަނީ ހިޖުރަކުރާން ވެސް ފަށައިފައެވެ.
ނައޯއެރޯގެ ރަސްމީ ދީނަކީ ކްރިސްޓިއަން ދީނެވެ. އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތައަކީ ކްރިސްޓިއަން ދީނުގެ ތަފާތު މަޒުހަބުތަކަށް (ޚާއްޞަކޮށް ޕްރޮޓެސްޓަންޓާއި ރޯމަން ކެތޮލިކް މަޒުހަބަށް) ތަބާވާ މީހުންނެވެ. ނަމަވެސް ހިސާބަކަށް މުސްލިމުން ވެސް އެ ގައުމުގައި އުޅޭތީ އެ ރަށުގައި މިސްކިތް ވެސް ހުންނަކަމަށް ވެއެވެ.
ލަފުޒެއްގެ މާނަ:
ސަނާކިއުން މ. (1) ތާރީފުކުރުން. (2) ހެޔޮބަސްބުނުން. praise