އޒ. އަޙުމަދު މާޖިދު
8 އޯގަސްޓް 2026
ދިވެހި ދައުލަތުގައި ހިނގަމުން ދާތާ އެތައް ޒަމާނެއް ވީ އެންމެ ބޮޑު އެއް ޚިޔާނާތާއި ފަސާދަ (corruption)އަކީ، ދައުލަތުގެ ޚަރަދުގައި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމުގައި ހިނގަމުން ދާ ޚިޔާނާތާއި ފަސާދައެވެ. މި ކަމުގައި ހިނގާ މައިގަނޑު ބައެއް ގޯސް/ޖަރީމާތަކަކީ:
1. ދައުލަތުގެ ޚަރަދުގައި ރާއްޖެއިން ބޭރުގެ ޔުނިވަރުސިޓީތަކުން ކިޔެވުމަށް "ސްކޮލަރޝިޕް" ދޭ އިރު، ދައުލަތުގެ ޙާޖަތްތަކާއި ޤައުމަށް މީހުން ބޭނުންވާ ޢިލްމީ އަދި ފަންނީ ދާއިރާތަކަށް ބަލާން ޖެހޭ މިންވަރަށް އަދި ބަލާން ޖެހޭ ގޮތަށް ބެލުމެއް ނެތި، ސްކޮލަރޝިޕް ދެވޭ ދަރިވަރު ބޭނުން ދާއިރާއަކުން ކިޔެވުމަށް ފުރުޞަތު ދޭ އުޞޫލުން އެ ކަން ކުރުން؛
2. ދައުލަތުގެ ޚަރަދުގައި ރާއްޖެއިން ބޭރުގެ ޔުނިވަރުސިޓީތަކުން ކިޔެވުމަށް "ސްކޮލަރޝިޕް"ދޭ އިރު، ދައުލަތުގެ މަޞްލަހަތުތަކާއި ދައުލަތުން ޙާޞިލުކުރާން ޖެހޭ ލަނޑުދަނޑިތަކަށް ބަލައިގެން ދައުލަތުން ކަނޑައަޅާ ޤައުމަކަށް/ޔުނިވަރުސިޓީއަކަށް ފޮނުވުމުގެ ބަދަލުގައި، ދަރިވަރު ހިތުހުރި ތަނަކުން ކިޔެވުމަށް ފުރުޞަތުދިނުން؛
3. ދައުލަތުގެ "ސްކޮލަރޝިޕް"ގައި ކިޔެވުމަށް ފަހު، އެނބުރި ރާއްޖެއަށް އައިސް ޤައުމަށް ޚިދުމަތް ކުރުމުގެ ބަދަލުގައި، އެ ކިޔެވި ތަނަކުން ވަޒީފާ ހޯދައިގެން އެ ތަނަކަށް، ނުވަތަ ރާއްޖެއިން ބޭރު އެހެން ޤައުމަކަށް ވިޔަސް، ޚިދުމަތް ކޮށް އެ ތަނެއްގައި ދިރިއުޅޭ އުޅުމާ މެދު ފިޔަވަޅެއް ނޭޅުން؛ (މިއީ ދިވެހި ދައުލަތުން ބަޔަކު ކުރަމުން އަންނަ އެންމެ މުޑުރާދު، އެންމެ ހުތުރު، އެންމެ ނުބައި، އެންމެ ބޮޑު އެއް ވައްކަމެވެ. ރައްޔިތުންގެ ފައިސާއިން ކިޔަވައިގެން، ރައްޔިތުންނަށް ޚިދުމަތްނުކޮށް ފިލާ ފިލުމަކީ ހުރިހައި ގޮތަކުން ބެލިޔަސް، ބޮޑު ވެގެންވާ ޖަރީމާއެކެވެ.)
4. ދައުލަތުގެ "ސްކޮލަރޝިޕް" ދިނުމުގައި، ޢިލްމީ އަދި ފަންނީ ޤާބިލިއްޔަތާ އެކު ދަރިވަރުގެ މާލީ ޙާލަތަށް ރިޢާޔަތްކުރާންޖެހޭ ކުރުން ނުކޮށް، ފުދުންތެރި ދަރިވަރެއް ފަޤީރު ދަރިވަރެއް ނުބަލައި ފުރުޞަތުދިނުމުން، އަމިއްލަޔަށް ކިޔެވުމުގެ މާލީ ޤާބިލުކަން ހުރި މިލިއަނަރުންނަށް ވެސް ދައުލަތުން ބޮޑު ޚަރަދުތަކެއްކުރެވޭ އިރު، އެޔަށް ވުރެ ޤާބިލު، އެކަމަކު އަމިއްލަޔަށް ކިޔެވުމަށް ޚަރަދުކުރެވޭހައި މާލީ ޤާބިލުކަން ނެތް އެތައް ދަރިވަރަކަށް މަތީ ތަޢުލީމުގެ ފުރުޞަތު ގެއްލޭ ގެއްލުން؛
5. ދައުލަތުގެ "ސްކޮލަރޝިޕް" ދިނުމުގައި، ދަރިވަރުގެ ޢިލްމީ ޤާބިލިއްޔަތު ބެލުމަށް ބޭނުން ކުރާ ހަމައެކަނި މިންގަނޑަކީ އޭލެވެލް އިމްތިޙާނުގެ ނަތީޖާ ކަމަށް ހެދުމުން، ޙަޤީޤަތުގައި ޤާބިލު އެތައް ކުދީންނެއް ނިޒާމުން ބޭރު ވެގެން ދާދިޔުން.
6. ދިވެހި ދަރިވަރުން ރާއްޖެއިން ބޭރަށް ސްކޮލަރޝިޕްތަކުގައި ކިޔަވާން ފޮނުވުމަކީ، ރާއްޖޭގައި ޔުނިވަރުސިޓިތަކާއި ކޮލެޖުތައް ތަރައްޤީ ކޮށް، ޢިލްމާއި ތަޢުލީމުގައި އަމިއްލަ ފައިމައްޗަށް ޤައުމު ތެދު ވުމުގެ މަސައްކަތުގެ ބަޔަކަށް ހަދައި، ރާއްޖޭގެ ޔުނިވަރުސިޓީތަކާއި ކޮލެޖުތައް އެކަށީގެންވާ މިންވަރަކަށް ތަރައްޤީ ވުމުން އެކަން ހުއްޓައިލާން ޖެހޭ ކަމަށް ބެލުމުގެ ބަދަލުގައި، އެއީ ދާއިމީ ސިފައެއްގައި ކަން އޮންނާން ޖެހޭ ގޮތް ކަމަށް ދެކެގެން އެކަން ކުރާކުރުން.
މި ކަންކަން މިހެން ހިނގަމުން ދަނީ ދިވެހި ދައުލަތުން ސްކޮލަރޝިޕް ދީގެން ރާއްޖޭގެ ދަރިވަރުން ރާއްޖެއިން ބޭރަށް ފޮނުވާން ފެށީއްސުރެއެވެ. އެންމެ ކުރީއްސުރެންނެވެ. ހުރިހައި ސަރުކާރަކުން ވެސް ކަން ކުރަނީ އެއް ގޮތަކަށެވެ. ސަބަބަކީ ކޮބައިބާވައެވެ! ފެންނަ ގޮތުގައި، އޭގެ ސަބަބަކީ، ކޮންމެ ސަރުކާރެއްގައި ވެސް އެ އިރަކު ތިބޭ ބާރުވެރީންނާއި އެ ސަރުކާރެއްގެ ގާތް މީހުންގެ ދަރީންނަށް ވެސް، އެ މީހުން ހިތް އެދޭ ގޮތަކަށް ރައްޔިތުންގެ ޓެކުސް ފައިސާ ޚަރަދުކޮށްގެން ބޭނުން ތަނަކުން ފަސޭހަކަމާ އެކު ކިޔެވުމުގެ ދޮރު ހުޅުވައިފައި ބެހެއްޓުމެވެ. އަދި، ކިޔަވައިގެން އެނބުރި ޤައުމަށް ނައިސް ހިތުހުރި ތާކު ވަޒީފާ އަދާ ކޮށްގެން، އެ ތަނަކުން ރައްޔިތުކަން ވެސް ހޯދައިގެން، ދިރިއުޅުމުގެ ފުރުޞަތު ހޯދުމެވެ.
މި ކަމާ މެދު ފިޔަވަޅު އަޅާން ޖެހެއެވެ. ރާއްޖޭގައި ޢަދުލު އިންޞާފު ޤާއިމުކޮށް، [ކޮރަޕްޝަން] (ފަސާދަ) ހުއްޓުވައި، ޤައުމާއި ޤައުމީ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ގޮތުން ކުރާން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ މިއީކަމަށް އަޅުގަނޑު ދެކެމެވެ.