ޑރ. މޫސާ އަންވަރު ޙަސަން
26 ޖުލައި 2026
މުޤައްދިމާ:
އިންސާނީ ތަރައްޤީއާއި ބިނާކުރުމުގައި ޤުރްއާނީ ނަޒަރިއްޔާއަކަށް އަޅުގަނޑުމެން ބޭނުންވަނީ ކީއްވެގެންހެއްޔެވެ؟
ޙަޟާރާތްތައް (Civilizations) އުފެދި ކުރިއަރައިދިއުމާއި އަދި އެ ޙަޟާރާތްތައް ފުނޑުފުނޑުވެ ނެތިދިއުމުގެ ސަބަބުތަކާ މެދު އިންސާނާ ވިސްނާ ފިކުރުކުރަން ފެށީއްސުރެ، ބިނާކުރުމާއި ތަރައްޤީއާ ބެހޭ ސުވާލަކީ އިންސާނީ ބުއްދި އެންމެ ބޮޑަށް މަސްޣޫލުކުރުވި އެއް ސުވާލެވެ. އުންމަތެއް ކުރިއަރައި ފާގަތިވުމަށްފަހު ނެތިދަނީ ކީއްވެގެންހެއްޔެވެ؟ އަދި އިންސާނުންގެ އެއް ބަޔަކަށް ޤަރުނުތަކަކަށް ދެމިގެންދާ ފަދަ ބޮޑު ޙަޟާރާތެއް ބިނާކުރެވިފައި، އަނެއް ބަޔަކަށް އެމީހުންގެ ކާބަފައިންގެ ފަރާތުން ވާރުތަވި ކާމިޔާބީތައްވެސް ރައްކާތެރި ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ބިނާކުރުމުގެ ސިއްރަކީ މުއްސަނދިކަންހެއްޔެވެ؟ ނުވަތަ ބާރުހެއްޔެވެ؟ ނުވަތަ ޢިލްމުހެއްޔެވެ؟ ނުވަތަ ސިޔާސީ ނިޒާމުތައްހެއްޔެވެ؟ ނުވަތަ މި ހުރިހާ ކަމެއްގެ ފަހަތުގައި، ބިނާކުރުމާއި ދެމިހުރުމުގެ ކުޅަދާނަކަން ގެނެސްދޭ މިއަށްވުރެ ފުން ޙަޤީޤަތެއް ވޭހެއްޔެވެ؟
ޤަދީމީ ޒަމާނުގައްޔާއި ފަހުގެ ޒަމާންތަކުގައިވެސް، އިންސާނީ ފަލްސަފާތަކުން ވަނީ ތަފާތު ދާއިރާތަކުން މި ސުވާލުތަކަށް ޖަވާބުދޭން މަސައްކަތްކޮށްފައެވެ. ބައެއް ފިކުރުތަކުން ދެކޭގޮތުގައި އިޤްތިޞާދަކީ ތާރީޚުގެ އެންމެ ފުރަތަމަ ހިންގާ ބާރެވެ. އަދި ބިނާކުރުމަކީ އުފެއްދުންތެރިކަމުގެ ގުޅުންތަކާއި މުދާ ބެހިގެންދާ ގޮތުގެ މައްޗަށް ބިނާވެފައިވާ ހިލާލެކެވެ. އެހެން ފިކުރުތަކެއް ގަބޫލުކުރާ ގޮތުގައި ޙަޟާރާތް އުފައްދަނީ ދައުލަތުންނެވެ. އެއީ ޤާނޫނާއި މުއައްސަސާތަކުގެ ބާރުންނެވެ. އަދި ތިންވަނަ ފިކުރެއްގެ މީހުން ދެކޭގޮތުގައި ޢިލްމާއި ޓެކްނޮލޮޖީއަކީ އިންސާނީ ކުރިއެރުމުގެ އަސާސެވެ. އަދި އެއީ އުންމަތްތަކުގެ ކުރިއެރުމާއި ފަހަތަށްޖެހުން މާނަކޮށްދޭ ތަޅުދަނޑިއެވެ. ނަމަވެސް އިބްނު ޚަލްދޫން އޭނާގެ "މުޤައްދިމާ" ގައި ވަނީ މިއަށްވުރެ ފުން އަދި ފުޅާ ނަޒަރިއްޔާއެއް ހުށަހަޅުއްވައިފައެވެ. އޭނާ ވަނީ އިންސާނީ ބިނާކުރުން (العمران البشري) އަކީ ތާރީޚު ދެނެގަތުމުގެ މައިގަނޑު އަސާސް ކަމުގައި ހައްދަވާފައެވެ. އަދި ދައުލަތްތަކުގެ ކުރިއެރުމާއި ނެތިދިއުން، އަޚުލާޤާއި، ޢަޞަބިއްޔަތާއި (ޖަމާޢަތުގެ ބާރު)، ސިޔާސަތާއި، އިޤްތިޞާދާއި އަދި އިޖްތިމާޢީ އާދަކާދަތަކުގެ ލާމެހިފައިވާ ނިޒާމަކާ ގުޅުއްވައިފައެވެ. އޭނާ ކަށަވަރުކޮށްދެއްވި ގޮތުގައި ޙަޟާރާތަކީ އިއްތިފާގުން ހިނގާ ކަމެއް ނޫނެވެ، އަދި ކިއެއްތަ! އެއީ ވަކި ޤާނޫނުތަކާއި ސުންނަތްތަކަކަށް ތަބާވާ ދިރޭ މަޚުލޫޤެއް ފަދަ އެއްޗެކެވެ.
އެހެންނަމަވެސް، އެންމެ މުހިންމު އަސާސީ ސުވާލު އަދިވެސް އޮތީ ކުރިމަތީގައެވެ: ބިނާކުރުމުގެ ކުޅަދާނަކަން ލިބިގެންވާ އިންސާނާ އުފައްދަނީ ކާކު ހެއްޔެވެ؟ އިޤްތިޞާދު، ސިޔާސަތު ނުވަތަ ޤާނޫނަކީ ފެށޭ ހިސާބު ކަމުގައި ހެދުމަކީ ކުށެކެވެ. ސަބަބަކީ މި ހުރިހާ އެއްޗަކީ އިންސާނާ އުފެއްދި އެއްޗެއްސެވެ، އެ އެއްޗެހިން އިންސާނާ އުފެއްދުމުގެ ކުރިންނެވެ. ޤާނޫނު ހަދައި، މުއައްސަސާތައް ބިނާކޮށް، އިޤްތިޞާދު ކުރިއަރުވަނީ އިންސާނާގެ މަސައްކަތް ކަމުގައިވާނަމަ، އިންސާނާ އަމިއްލައަށް ބިނާކޮށްދެނީ ކާކު ހެއްޔެވެ؟ އަދި ދުނިޔެއަށް އޭނާ ބަލާ ބެލުމާއި، އޭނާގެ ގިޔަމުތަކުގެ ނިޒާމާއި، އޭނާގެ އަޒުމާއި، އޭނާގެ ضمير (conscience) އަދި އޭނާގެ ދިރިއުޅުމުގެ މާނަ ބައްޓަންވަނީ ކޮންތާކުން ހެއްޔެވެ؟
މި ހިސާބުން ކީރިތި ޤުރްއާން މި ސުވާލު ގެންގޮސްދެނީ ބިނާކުރުމުގެ ހުރިހާ ނަޒަރިއްޔާތަކަށްވުރެ ފުން ފަންތިއަކަށެވެ. ޤުރްއާން ފަށަނީ ބިނާކުރުމަކުން ނޫނެވެ، ދައުލަތަކުން ނޫނެވެ. ބާޒާރަކުން ނޫނެވެ. އަދި މުއައްސަސާތަކަކުންވެސް ނޫނެވެ. އެހެނެއްކަމަކު، ޤުރްއާން ފަށަނީ އިންސާނާގެ ކިބައިންނެވެ. ސަބަބަކީ ކޮންމެ ބިނާކުރުމަކީ އެކަމެއް އުފެއްދި އިންސާނާގެ ބޭރު ފުށުގެ ސޫރައަށް ވާތީއެވެ. އިންސާނާގެ ވިސްނުމާއި، އޭނާގެ ގިޔަމުތަކާއި، އޭނާގެ ވެރިރަސްކަލާނގެއާ އޮތް ގުޅުމާއި، އޭނާގެ އަމިއްލަ ނަފްސާއި އަދި ކައުނާ އޮތް ގުޅުން ހަލާކުވެ ގަޑުބަޑުވެފައިވާނަމަ، އެ ގަޑުބަޑުކަން އޭނާ ބިނާކުރާ ކޮންމެ ނިޒާމަކަށާއި، މުއައްސަސާއަކަށާއި ޙަޟާރާތަކުން ހާމަވެގެންދާނެއެވެ. އެހެންކަމުން، ޤުރްއާން ބިނާކުރުމުގެ ބޭރުފުށުގެ ސިފަތަކަށް ފަރުވާދިނުމުގެ ކުރިން އޭގެ އަސްލަށް ފަރުވާދެއެވެ. ފެންކަނޑު އިޞްލާޙުކުރުމުގެ ކުރިން އޭގެ ފެށޭ ފެންއާރު އިޞްލާޙުކުރެއެވެ. ސަބަބަކީ މޭވާ ހަލާކުވާން ފަށަނީ އޭގެ މޫ ހަލާކުވުމުންކަން އެނގޭތީއެވެ.
މިތަނުން ކީރިތި ޤުރްއާނުގައި "އަޅުކަން" އަންނަނީ ދިރިއުޅުމާ ވަކިވެފައިވާ ހަމައެކަނި އަޅުކަމުގެ ޝިޢާރުތަކެއްގެ ގޮތުގައެއް ނޫނެވެ. އަދި ކިއެއްތަ، އެއީ އިންސާނާގެ އެތެރެފުށް އަލުން ބިނާކުރުމަށްޓަކައިވާ އިލާހީ މަޝްރޫޢެކެވެ. ޤުރްއާން އަޅުކަން އިންސާނާގެ ދިރިއުޅުމުގެ އެއްފަރާތެއްގައިވާ ކަމެއްގެ ގޮތުގައި ހަދާފައެއް ނުވެއެވެ. ނުވަތަ ހަމައެކަނި އާޚިރަތަށް ތައްޔާރުވުމުގެ ވަސީލަތެއްގެ ގޮތަށް ވެސް ހަދާފައެއް ނުވެއެވެ. އެހެނެއްކަމަކު، އެއީ އިންސާނާ އަސްލު އުފެއްދެވި މަޤްޞަދު ކަމުގައި ލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ (سورة الذاريات: 56) މާނައީ: "ތިމަންރަސްކަލާނގެ އަޅުކަންކުރުމަށް މެނުވީ ޖިންނީންނާއި، އިންސާނުން ތިމަންރަސްކަލާނގެއަށް ނުހައްދަވމެވެ." މި އާޔަތަކީ އޭގެ މާނަ ވިސްނުމުގައި އެންމެ ބޮޑަށް ކުރުކޮށްލެވޭ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. ގިނަ ފަހަރަށް މިއީ ހަމައެކަނި އަޅުކަމުގެ ޝިޢާރުތައް ގިނަކުރުމަށް ގޮވައިލެވޭ ގޮވައިލުމެއްގެ ގޮތުގައި ކިޔުނު ނަމަވެސް، ޙަޤީޤަތުގައި މިއީ މުޅި ޤުރްއާނީ މަޝްރޫޢު ބިނާވެފައިވާ ވުޖޫދީ ފަލްސަފާ އިޢުލާންކޮށްދޭ އާޔަތެކެވެ. މިތަނުގައި އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި، ރޯދަހިފުމާއި، ޒަކާތްދިނުމާއި އަދި ޙައްޖުވުމެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އިންސާނާ މާތްﷲއަށް ބޯލަނބައި، އެކަލާނގެ ޙިކްމަތްވަންތަކަމަށް ކިޔަމަންވެ، އެކަލާނގެ ފަރާތުން ޙައްޤާއި، ހެޔޮކަމާއި، ރީތިކަމާއި އަދި ޢަދުލުވެރިކަމުގެ މިންގަނޑުތައް ބަލައިގަނެގެން އުޅޭ ވުޖޫދީ ޙާލަތެވެ. އެގޮތުން މާތްﷲގެ އިރާދަފުޅަކީ އިންސާނާގެ މުޅި ދިރިއުޅުން އެކަމެއްގެ ވަށައިގެން އެތުރޭ އެންމެ މަތީ މަރުޖިޢު ކަމުގައި ވެގެންދެއެވެ.
ފުރަތަމަ ބައި: އަޅުކަމާއި އިންސާނާ އަލުން މާނަކުރުން
ޙަޟާރާތް ބިނާކުރާ އިންސާނަކީ ކާކުހެއްޔެވެ؟ ޤުރްއާން ބިމުގެ ބިނާކުރުމުގެ ވާހަކަދެއްކުމުގެ ކުރީން، ދެއްކެވީ އިންސާނާ ބިނާކުރުމުގެ ވާހަކައެވެ. ސަބަބަކީ ކޮންމެ ތަރައްޤީއަކާއި ބިނާކުރުމަކީ އިންސާނާގެ އެތެރެފުށުގައިވާ ތަޞައްވުރުތަކާއި، ގިޔަމުތަކާއި، މަޤުޞަދުތަކުގެ ބޭރުފުށުގެ ދެމިގެންދިއުންކަމުގައިވާތީއެވެ. ރަށްތަކާއި، މުއައްސަސާތަކާއި، އިޤުތިޞާދުތަކާއި، އަދި ސިޔާސީ ނިޒާމުތަކަކީ އިންސާނާއާ ވަކީން ހުންނަ އަމިއްލަ ފުރާނައެއްލީ ކަންތައްތަކެއް ނޫނެވެ. އެހެނެއްކަމަކު، އެއީ އިންސާނާގެ ފިކުރުތަކުގެ މާއްދީ ސޫރައެވެ. އަދި އޭގެ އަޚުލާޤީ ނިޒާމުގެ ޢަމަލީ ސިފައެވެ. އަދި އޭނާގެ އަމިއްލަ ނަފްސަށާއި ދުނިޔެއަށް ބަލާ ބެލުމުގެ ދުރުމީއެވެ. އެހެންކަމުން ބިނާކުރުމުގެ ވާހަކައިގެ ކުރިން އިސްކުރާންޖެހޭ ސުވާލަކީ "ޙަޟާރާތް ބިނާކުރާނީ ކިހިނެއް ހެއްޔޭއެއް" ނޫނެވެ. އެހެނެއްކަމަކު "މި ޙަޟާރާތް ބިނާކުރާނެ އިންސާނަކީ ކާކުހެއްޔެވެ؟" މިއެވެ.
މިއީ ޤުރްއާނީ ތަޞައްވުރާއި އެހެނިހެން އިންސާނީ ނަޒަރިއްޔާތަކާ ދެމެދުގައިވާ އަސާސީ ތަފާތެވެ. ގިނަ ނަޒަރިއްޔާތައް ފަށަނީ މުޖުތަމަޢު، އިޤުތިޞާދު ނުވަތަ ބާރު ދިރާސާކުރުމުންނެވެ. ނަމަވެސް ޤުރްއާން ފަށަނީ އިންސާނާ އަމިއްލައަށް ދިރާސާކުރުމުންނެވެ. ސަބަބަކީ އިންސާނަކީ އަސްލެވެ. މުޖުތަމަޢަކީ އިންސާނުންގެ އުފެއްދުމެކެވެ. އެއްވުމެކެވެ. އަދި ޙަޟާރާތަކީ އެ މީހުންގެ ބުއްދިއާއި ހިތްތަކުގައި އުފުލައިގެން އުޅޭ ކަންތައްތަކުގެ ނަތީޖާއެވެ.
ދެވަނަ ބައި: އަޅުކަމާއި ގިޔަމުތަކުގެ ނިޒާމު އަލުން ބިނާކުރުން
އިންސާނަކީ ބިނާކުރުމުގެ ފުރަތަމަ މާއްދާކަމުގައިވާ ނަމަ، ގިޔަމުތަކުގެ ނިޒާމަކީ (System of Values) އެ އިންސާނާއަށް މިޞްރާބު ދައްކައިދޭ، އަދި ދުނިޔޭގައި އޭނާ އުޅޭނެ ގޮތް ކަނޑައަޅައިދޭ ފުރާނައެވެ. އިންސާނާ ހުސްކަމެއްގެ ތެރެއަކު ނޫޅެއެވެ. އެހެނެއްކަމަކު އޭނާ ޙަރަކާތްތެރިވަނީ އެންމެ މަތީ ކަމަކީ ކޮބައިކަމާއި، ދަށް ކަމަކީ ކޮބައިކަމާއި، މަޤްޞަދަކީ ކޮބައިކަމާއި، ވަސީލަތަކީ ކޮބައިކަން ކަނޑައަޅައިދޭ އެތެރެފުށުގެ ތިލަފަތެއްގެ މައްޗަށެވެ. މި ގިޔަމުތަކުގެ ތިލަފަތަކީ އަމިއްލަ އަދި ޖަމާޢީ ހުރިހައި ނިންމުންތަކެއް ބައްޓަންކޮށްދޭ އެއްޗެވެ. އަދި މި ނިންމުންތަކުގެ ޖުމުލައިން މުޖުތަމަޢުގެ ސޫރަ ކުރެހި، ޙަޟާރާތް އުފެދިދެއެވެ.
އެހެންކަމުން ބިނާކުރުމުގެ ޙަޤީޤީ މާނައަކީ، އުންމަތަކުން ޤަބޫލުކުރާ ގިޔަމުތަކުގެ ނިޒާމު ޢަމަލީ ގޮތުން ދައްކައިދިނުމެވެ. ބާޒާރުތަކުންނާއި، މުއައްސަސާތަކުންނާއި، ކޯޓުތަކުންނާއި، ޔުނިވަރސިޓީތަކުންނާއި، ދިރާސާކުރާ މަރުކަޒުތަކުންނާއި، މީޑިއާއިން އަދި އިޤުތިޞާދީ ސިޔާސަތުތަކުން ފެންނަ ފެނުމަކީ، އިންސާނާގެ ضميرގައި ތަކެއްޗާ މެދު ޙުކުމްކުރުމަށް އެންމެ ފުރަތަމަ ހަރުލައިފައިވާ މިންގަނޑުތަކުގެ ބޮޅުތަކެވެ. ޙަޟާރާތް ބިނާވެގެންވަނީ ހަމައެކަނި ހިލައިންނެއް ނޫނެވެ. އަދި ކިއެއްތަ، އެއީ ގިޔަމުތަކުންނެވެ. ސަބަބަކީ ހިލައަކަށް އެއީ ކޮން މިޞްރާބެއްކަމެއް ނޭނގޭނެއެވެ. އެއަށް މިޞްރާބު ދައްކަނީ އިންސާނާއެވެ. އަދި އިންސާނާއަށް މިޞްރާބު ދައްކަނީ އޭނާ އެއީ ޙައްޤު، ހެޔޮ އަދި ރީތި އެއްޗެއްކަމަށް ޤަބޫލުކުރާ ކަންތައްތަކެވެ. ގިޔަމުތަކެވެ.
(މި މަގާލު ލިޔުއްވީ: ޢުމަރު އިސްމާޢީލް ރަޙީމް، ތަރުޖަމާކުރެއްވީ: ޑރ. މޫސާ އަންވަރު ޙަސަން.)
ލަފުޒެއްގެ މާނަ:
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values