ad_banner
ސިޔާސާ ޝަރުޢިއްޔާއާއި އޭގެ މަފުހޫމު (25)

އައްޝައިޚު އިބްރާހީމް އަޙުމަދު

25 ޖުލައި 2026

(2026 ޖުލައި 14ގެ ޢަދަދާ ގުޅޭ)

އައްޝައިޚުލްޢައްލާމާ އައްޝަންޤީޠީ ވިދާޅުވެފައިވެއެވެ. މި ބަޙުޘްގައި މި ވާހަކަދެކެވެނީ ކާފިރުކަމާއި އަނިޔާވެރިކަމާއި ފާސިޤުކަމުގެ މައްޗަށެވެ. މިއިންކޮންމެ ބަހެއްގެ މުރާދަކަށް ބައެއްފަހަރު އެއީ އުރެދުން ކަމުގައިވެއެވެ. އަދި ކާފިރުކަމަކީ މިއްލަތުން ނުވަތަ ދީނުން ބޭރުވުމެވެ.

-         وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ[1] މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!)" ރަސޫލުންނާ ދެކޮޅު ހެދުމެވެ. އަދި ﷲގެ ޙުކުމް ބާޠިލު ކުރުމެވެ. ފަހެ އޭރުން އޭނާ އަނިޔާވެރިއަކަށްވެ ފާސިޤަކަށްވެ ކާފިރަކަށްވުމުން އޭނާ އެ ވަނީ މިއްލަތުން ބޭރުވެފައެވެ.

-         وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ[2] މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!)" އޭނާ ޤަބޫލު ކުރަނީ ހަމަކަށަވަރުން އޭނާ ޙަރާމްކަމަކަށް އަރައިގަންނަކަމަށެވެ. އޭނާ އެ ކުރަނީ ހުތުރުކަންބޮޑު ޢަމަލެކެވެ. ފަހެ އޭރުން އޭނާގެ ކާފިރުކަމާއި އަދި އަނިޔާވެރިކަމާއި ފާސިޤުކަމަކީ މިއްލަތުން ބޭރުވުމެއްނޫނެވެ.[3]

އަލްޢައްލާމާ އައްސުޢުދީ ވިދާޅުވެފައިވެއެވެ. ﷲ އެންގެވި ގޮތާއި ޚިލާފަށް ޙުކުމްކުރުމަކީ އަމިއްލައަށް ހުއްދަކޮށްގަންނަ އެންމެ ބޮޑު އަނިޔާވެރިކަމެވެ. އަދި  އެ ކަން ކުރާ ހިނދު އޭނާއަށް ހުއްދަކޮށްނުގަނެވޭނެ  އެންމެ ބޮޑު ފާފައެވެ."[4]

 އައްޝައިޚުލްޢައްލާމާ މުޙައްމަދު ބިން އިބްރާހީމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ވަޟުޢީ ޤާނޫނާ އެއް ގޮތަށް ޙުކުމްކުރާ މީހާ ނުވަތަ އެ ޙުކުމް ޞައްޙަކަމަށް ބަލައި އެ ގޮތް ހުއްދަކުރާ މީހާ އެއީ ކުފުރުވެފައިވާ، މިއްލަތުން ބޭރު މީހެކެވެ. އެކަމަކު އެ ކަން އެ ގޮތަށް ކުރީ އެ ކަން ޤަބޫލުނުކޮށް އަދި އެއީ ހުއްދަ ކަމެއްކަމަށް ޤަބޫލުނުކޮށްކަމަށްވާ ނަމަ، އެއީ ޢަމަލީ ގޮތުން ކާފިރެކެވެ. އެކަމަކު މިއްލަތުން ބޭރުވެފައިވާ މީހެއް ނޫނެވެ.[5]

އަލްޢައްލާމާ އިބްނު ބާޒު ވިދާޅުވެފައި ވެއެވެ. ﷲ ބާވައިލައްވައިފައިވާ ޙުކުމް ނޫން ގޮތަކަށް ޙުކުމްކުރާ މީހުން ހަތަރުކަމަކުން ބޭރުވެފައެއް ނުވެއެވެ.

1-     އެމީހަކު ބުނެއެވެ. އަހަރެން ޙުކުމްކުރާނީ ވަޟުޢީ ޤާނޫނަށެވެ. ސަބަބަކީ އެއީ އިސްލާމީ ޝަރީޢާއަށް ވުރެ ފުރިހަމަ އެއްޗެކެވެ. ފަހެ އެއީ ބޮޑުކާފިރުކަމުން ކާފިރުވެފައިވާ މީހެކެވެ.

2-     އެމީހަކު  ބުނެއެވެ. ތިމަން  ޙުކުމްކުރާނީ މި ގޮތަށެވެ. އެއީ އިސްލާމީ ޝަރީޢަތާ އެއް ފަދަ އެއްޗެކެވެ. ފަހެ އެ ގޮތަށް ޙުކުމްކުރުން ހުއްދައެވެ. ފަހެ އެއީ ބޮޑު ކާފިރުކަމުން ކާފިރުވެފައިވާ  މީހެކެވެ.

3-     އެ މީހަކު ބުނެއެވެ. ތިމަން ޙުކުމްކުރާނީ މި ގޮތަށެވެ. އެކަމަކު ޝަރީޢަތާ އެއް ގޮތަށް ޙުކުމްކުރުން މާތްކަން ބޮޑެވެ. ނުވަތަ މާރަނގަޅެވެ. އެހެނަސް ﷲ ބާވައިލެއްވި ޙުކުމް ނޫން ޙުކުމެއްކުރުން ހުއްދައެވެ. ފަހެ އެއީ ބޮޑުކާފިރުކަމުން ކާފިރުވެފައިވާ މީހެކެވެ.

4-     އެ މީހަކު ބުނެއެވެ. ތިމަން ޙުކުމްކުރާނީ މި ގޮތަށެވެ. އެކަމަކު އޭނާ ޤަބޫލުކުރަނީ ﷲ ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމްކުރުމަކީ ހުއްދަ ކަމެއްނޫނެވެ. އަދި އޭނާ ބުނަމުންދަނީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށް ޙުކުމްކުރުމަކީ މާ ފުރިހަމަ ގޮތެއްކަމަށެވެ. އަދި އެ ނޫން ގޮތަކަށް ޙުކުމްކުރުން ހުއްދަވެގެން ނުވެއެވެ. އެހެނަސް އޭނާ އެ ކަމުގައި ކަންފަސޭހަކޮށްލިއެވެ. ނުވަތަ ޤައުމުގެ ވެރިޔާގެ ފަރާތުން ނެރެވުނު  ޙުކުމަކަށްވާތީ އެ ގޮތަށް އޭނާ ޙުކުމްކުރީއެވެ. އޭނާ ވާނީ މިއްލަތުން ބޭރުނުވާ ކާފިރަކަށެވެ.  އަދި ބޮޑުފާފަތަކުން ފާފައެކެވެ.

މި ކަމާ މެދު އަޅުގަނޑުމެންގެ ޝައިޚު އަލްޢައްލާމާ މުޙައްމަދު  ނާޞިރުއްދީނު އަލްއަލްބާނީގެ ބަސްފުޅަކީ މަޝްހޫރުވެފައިވާ ބަސްފުޅެކެވެ. ވިދާޅުވެފައިވެއެވެ. "މީސްތަކުން ކުރެ އެއްވެސް މީހަކަށް މީހަކު ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރުމުން އޭނާގެ ހިތުން އެ ކަން ޙަލާލުކޮށްފިކަން ދެނެނުގަނެ އެ މީހާ އެ ކުރި ކަމަކަށް ބަލައިފައި އޭނާއަކީ ކާފިރެކޭ ބުނުން ހުއްދަވެގެންނެއްނުވެއެވެ." މި ކަމުގެ ދަލީލަކީ އިބްނު ޢައްބާސާއި ސަލަފުންގެ ބަސްފުޅުތަކެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި އަލްބާނީގެ އެ ބަސްފުޅަކީ ﷲ ތަޢާލާގެ މި ބަސްފުޅުތަކުގެ  ތަފުސީރާ މެދު ދެއްވައިފައިވާ ޖަވާބެކެވެ. ފަހެ މާތްﷲ ވަޙީކުރައްވައިފައި ވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ [6]  މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ كافرންނެވެ."  އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ [7] މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ އަނިޔާވެރީންނެވެ." އަދިވެސް އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْفَاسِقُونَ[8]  މާނައަކީ "އަދި اللَّه  ބާވައިލެއްވި حكم ން حكم ނުކުރާ މީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ فاسق ންނެވެ." ޞައްޙަ ގޮތަކީ މިއީއެވެ.  އެކަލޭގެފާނު އިތުރަށް ސާފުކޮށްދެއްވައި ވިދާޅުވަނީ "ހަމަކަށަވަރުން ކުފުރު ބެހިފައިވަނީ ދެ ބަޔަކަށެވެ. ބޮޑު ކުފުރާއި ކުޑަ ކުފުރެވެ. ހަމަ އެ ފަދައިން އަނިޔާވެރިކަން ބެހިފައިވަނީ ވެސް ދެބަޔަކަށެވެ. އަދި ފާސިޤުކަން ވެސް ބެހިފައިވަނީ ދެ ބަޔަކަށެވެ. ބޮޑު ފާސިޤުކަމާއި ކުޑަ ފާސިޤުކަމެވެ.  ﷲ ބާވައިލެއްވި ގޮތަށް ނޫން ގޮތަށް ޙުކުމްކުރުން ހުއްދައޭ ބުނާ ނަމަ ނުވަތަ  ޒިނޭކުރުމާ މި ނޫނަސް ﷲ ޙަރާމްކުރެއްވި މި ފަދަ ކަންކަމަކީ ހުއްދަ ކަންތައްކަމަށް ބުނެފި ނަމަ އެ މީހަކު ބޮޑުވެގެންވާ ކުފުރަކުން ކުފުރުވެރިވެއްޖެއެވެ. އަދި ބޮޑުވެގެންވާ އަނިޔާވެރިކަމަކުން އަނިޔާވެރިވެއްޖެއެވެ. އަދި ބޮޑުވެގެންވާ ފާސިޤުކަމަކުން ފާސިޤުވެއްޖެއެވެ.  އެކަމަކު މި ފަދަ ގޮތަކަށް ޙުކުމްކުރީ ޙަލާލު ކަމެއްކަމަށް ނުބަލާ ނަމަ، އޭނާގެ ކުފުރުވެރިކަމަކީ ކުޑަ ކުފުރެކެވެ. އަނިޔާވެރިކަމަކީ ކުޑަ އަނިޔާވެރި ކަމެކެވެ. އަދި ފާސިޤުކަމަކީ ކުޑަ ފާސިޤުކަމެކެވެ. އެއީ އިބްނު މަސްޢޫދު ރިވާކުރައްވާ ރަސޫލާ rގެ ޙަދީޘް ބަސްފުޅުގައިވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވައިފައި ވެއެވެ.  عَنْ عَبْدِ اللهِ بْنِ مَسْعودٍ أَنَّ النَّبِيّ صلى الله عليه وسلم قَالَ: سِبَابُ الْمُسْلِم فُسُوقٌ وَقِتالُهُ كُفْرٌ. [9] މާނައީ: "ޢަބްދުﷲ ބިން މަސްޢޫދު ރަސޫލާ rގެ އަރިހުން ރިވާކުރައްވައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މުސްލިމަކާ ދިމާއަށް ހުތުރުބަހެއް ބުނެ ލަޢުނަތް ދިނުމަކީ ފާސިޤު ކަމެކެވެ. އަދި މުސްލިމަކާ ހަނގުރާމަކުރުމަކީ ކާފިރު ކަމެކެވެ." މި ތާނގައި ރަސޫލާ މި އިޝާރާތްކުރައްވަނީ  މިއީ ކުޑަ ފިސްޤުކަމަށެވެ. ނުވަތަ ކުޑަ ކުފުރުކަމަށެވެ. އަދި މިބަސް ބޭނުންކުރުމުގެ މާނައަކީ މި ފަދަ މުންކަރާތް އެކުލެވޭ ޢަމަލަކުން ސަލާމަތްވުން އަވަސްކުރެއްވުމެވެ. އަދި މިމޭރުމުން ޙަދީޘްކުރައްވައިފައި ވެއެވެ. عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " اثْنَتَانِ فِي النَّاسِ هُمَا بِهِمْ كُفْرٌ: الطَّعْنُ فِي النَّسَبِ وَالنِّيَاحَةُ عَلَى الْمَيِّتِ [10]"މާނައީ: "އަބޫހުރައިރާ ރަސޫލާ rގެ އަރިހުން ރިވާކުރިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.  މީސްތަކުންގެ ތެރެއިން ދެމީހަކު އެ ކުރާ ދެކަމަކުން ކާފިރުވެދެއެވެ. އެއީ ނަސަބުގައި ޠަޢުނު ކުރުމާއި  މައްޔިތުންގެ މައްޗަށް ބާރަށް ރުއިމެވެ. " އަދިވެސް ރަސޫލާ r ޙަދީޘް ކުރައްވައިފައި ވެއެވެ. "لاَ تَرْجِعُوا بَعْدِي كُفَّارًا يَضْرِبُ بَعْضُكُمْ رِقَابَ بَعْضٍ‏". [11] މާނައީ: "ތިމަންކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު އެކަކު އަނެކަކަށް އަނިޔާކޮށް ޤަތުލުކޮށް ތަޅާފޮޅާ ކާފިރުން ކަމުގައި ތިޔަބައިމީހުން ނުވާހުށިކެމެވެ." ދެން އަލްއިމާމު އަލްބާނީއާއި އިބްނު ބާޒުގެ ވާހަކަފުޅުތައް ބަޔާންކުރައްވައި އެޔަށް އިޤްރާރުވިއެވެ.[12]

ދެވަނަ ޤާޢިދާ:

 މި ޤާޢިދާ ވެސް ބިނާވެފައިވަނީ ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ސުންނަތުން ސާބިތުވާ ޝަރުޢީ ދަލީލުތަކުގެ މައްޗަށާއި ސަލަފުންގެ ބަސްފުޅުތަކުގެ މައްޗަށެވެ. މި ކަންކަން ސާބިތުކުރެވޭން އޮތް އެންމެ މަތީ ދަރަޖައެއްގައި ސާބިތުކޮށްގެންނެވެ. އެއީ އިންކާރުކުރުމެއް ނެތި، ނުވަތަ އެ ގޮތަށް ޙުކުމްކުރުން ޙަލާލު ކަމަށް ބުނުމެއް ނެތި، ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރުމަކީ ދީނުން ފުރިހަމައަށް ބޭރުވާނެ ކަމެއްހެއްޔެވެ؟ ނުވަތަ އަދި އެއީ ޢަމަލީ ގޮތުން ކުފުރުވެ އިސްލާމްދީނުގެ ދާއިރާއިން ބޭރުވާނެ ކަމެއްހެއްޔެވެ؟ (އަދި ނުނިމޭ)

 

މަރުޖާ:

[1]  އަލްމާއިދާ: 44

[2]  އަލްމާއިދާ: 44

[3]  އައްޝަންޤީޠީ، އަޟުވާއުލްބަޔާން : ޖ2/ ޞ104

[4]  އައްސުޢުދީ ، ތައިސީރުލްކަރީމުއްރަޙްމާނު: ޖ2/ ޞ 296-297

[5]  މުޙައްމަދު ބިން އިބްރާހީމް، މަޖުމޫޢުލްފަތާވާ: ޖ1/ޞ80

[6]  ސޫރަތުލްމާއިދާ 44

[7]  ސޫރަތުލްމާއިދާ 45

[8]  ސޫރަތުލްމާއިދާ 47

[9]  މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ، ޞަޙީޙުލްބުޚާރީ

[10]   މުސްލިމް ބިން އަލްޙައްޖާޖު، ޞަޙީޙު މުސްލިމް : ހަދީޘް ނަންބަރު 67

[11]  މުޙައްމަދު ބުނު އިސްމާޢީލު އަލްބުޚާރީ، ޞަޙީޙުލްބުޚާރީ

[12]  އައްތަޙްޒީރު މިން ފިތުނަތިއްތަކްފީރި:

ކޮމެންޓު