ad_banner
އަޅުގަނޑުމެންގެ އިޖުތިމާއީ ދިރިއުޅުން ... ޢަދުލުވެރިކަމާއި އިޙުސާންތެރިކަމުގެ މެދުގައި!!

ޑރ. މޫސާ އަންވަރު ޙަސަން

25 ޖުލައި 2026

ޢަދުލުވެރިކަމަކީ އިންސާނާގެ ފިޠުރަތާ މުނާސިބު، މަތިވެރި އަގުހުރި ސިފައެކެވެ. އިންސާނާ އޭނާގެ ތަބީޢަތުގައި އަނިޔާވެރިކަމާއި ބޭއިންސާފަށް އިންކާރުކުރެއެވެ. އަދި އަނިޔާވެރިކަން ނައްތައިލުމަށް ޓަކައި ފައިސާ ހޭދަކޮށް، ފުރާނަވެސް ގުރުބާންކުރެއެވެ. އެހެންނަމަވެސް، އެއާ އެކު ވެސް އޭނާ އަނެކުންނަށް އަނިޔާވެރިވުމަށް ރުހިދާނެއެވެ. އަދި މީސްތަކުންނަށް ކުރާ އަނިޔާ ދިފާޢުކޮށް، އެއީ ރީތި ކަމެއްގެ ގޮތުގައި ދައްކައިފާނެއެވެ. ޅެންވެރިޔާ ޒުހައިރު ބިން އަބީ ސަލްމާ ބުނެފައިވާ ފަދައިންނެވެ: "މީސްތަކުންނަށް އަނިޔާވެރިނުވާ މީހާއަށް (އެހެން މީހުންގެ ފަރާތުން) އަނިޔާ ލިބޭނެއެވެ."

ޢަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވޭނީ ބޭރު ފުށުންނާއި އެތެރެ ފުށުން އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ބޯލަނބައިގެންނެވެ. އެހެނީ ޝަރީޢަތަކީ މުޅީން ވެސް ޢަދުލެވެ. އޭގެ މަޞްދަރަކީ އެންމެ ޢަދުލުވެރި، ޙުކުމްކުރައްވާ ރަސްކަލާނގެއެވެ. ނަމަވެސް އިންސާނުން ހަދާ ޤާނޫނުތަކުގެ މަޞްދަރަކީ އިންސާނާއެވެ. އިންސާނާގެ ތަބީޢަތަކީ އޭނާގެ އަމިއްލަ މަޞްލަޙަތަށް، ނުވަތަ އޭނާގެ ގައުމުގެ މަޞްލަޙަތަށް، ނުވަތަ ވެރިޔާގެ މަޞްލަޙަތަށް ލެނބުމެވެ. އަދި އިންސާނުން ހަދާ ޤާނޫނުތަކަށް އިންސާނީ ތާރީޚާއި، އާދަކާދަތަކުގެ އަސަރު، އެ ކަންކަމުގެ ޢަދުލުވެރިކަމަށް ބެލުމެއްނެތި ފޯރައެވެ. ޤާނޫނު ހަދާ މީހާއަށް އޭނާގެ އިންސާނީ ބަލިކަށިކަމުން އެއްކިބައެއް ނުވެވޭނެއެވެ.

އެހެނަސް އުފެއްދެވި ރަސްކަލާނގެ މަޚުލޫޤުންނަށް އެންމެ ފައިދާހުރި ގޮތް މާ ރަނގަޅަށް ދެނެވޮޑިގެންވެއެވެ. މާތް الله ވަނީ އެކަލާނގެ ޒާތުފުޅުން އަނިޔާވެރިކަން މުޠުލަޤަށް ނަފީކުރައްވައިފައެވެ. މާތް الله ވަޙީކުރެއްވިއެވެ. (إِنَّ اللّهَ لاَ يَظْلِمُ مِثْقَالَ ذَرَّةٍ) މާނައީ: "اللَّه، (އެއްވެސް މީހަކަށް) ޒައްރެއްގެ މިންވަރުވިޔަސް ބޭއިންސާފެއް ނުކުރައްވާނެކަން ކަށަވަރެވެ." (سورة النساء 40) އަދި (وَلَا يَظْلِمُ رَبُّكَ أَحَداً) މާނައީ: "އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަކަށް ވެސް ބޭއިންސާފެއް ނުކުރައްވާނެއެވެ." (سورة الكهف 49). 

ޤުދުސިއްޔަ ޙަދީޘެއްގައި ބަޔާންވެގެންވެއެވެ. "އޭ ތިމަންރަސްކަލާނގެ އަޅުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ޒާތުފުޅަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް އެއްޗެއްކަމުގައި ލައްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރިނުވާށެވެ." އަދި އެކަލާނގެ ޒާތުފުޅަށް މުޠުލަޤު ޢަދުލުވެރިކަން ސާބިތުކޮށްދެއްވިއެވެ. ވަޙީކުރެއްވިއެވެ. (وَقُضِيَ بَيْنَهُم بِالْقِسْطِ وَهُمْ لاَ يُظْلَمُونَ) މާނައީ: "އަދި ޢަދުލުވެރިކަމާ އެކު އެއުރެންގެ މެދުގައި ޙުކުމްކުރެވޭނެއެވެ. އަދި އެއުރެންނަށް ބޭއިންސާފެއްނުކުރެވޭނެއެވެ." (سورة يونس 54)

އިންސާނުން ހަދައިފައިވާ ޤާނޫނުތަކަށް އިންޞާފުވެރިކަމާ އެކު ބަލައިފި ނަމަ، އެ ޤާނޫނުތަކުން ޢަދުލުވެރިކަމުގެ މަފުހޫމަށް ހީނަރުކަން އަންނަ ނުވަތަ އެއާ އިދިކޮޅު ގިނަ ރޫޅުންތަކެއް ފެންނާނެއެވެ. ކިތަންމެ ބޮޑެތި ކުށްތަކެއްގެ އަދަބަކީ ދެރަވަރުގެ އަދަބެއްކަމުގައި ވެދާނެއެވެ! އަދި ކިތަންމެ ކުޑަ ކުށެއްގެ އަދަބަކީ ހަރުކަށި އަދަބެއްކަމުގައި ވެދާނެއެވެ! އަދި އަމިއްލަ މިނިވަންކަމުގެ ތެރެއަށް ވަންނަ، ހުއްދަ ކަންތައްތައް ޤާނޫނުގައި ކުށެއްގެ ގޮތުގައި ކަނޑައަޅައިފައި ހުރެދާނެއެވެ! އަދި މުޖުތަމަޢަށް ގެއްލުންހުރި ކިތަންމެ ކަމެއް ކުށެއްކަމުގައި ނުބަލައި، އަމިއްލަ މިނިވަންކަމެއްގެ ގޮތުގައި ދޫކޮށްލައިފައި ހުރެދާނެއެވެ!

އެހެނަސް، އިލާހީ ޤާނޫނުތައް ހުންނަނީ ފުރިހަމަ ޢަދުލުވެރިކަމުން ފާހަގަވެފައެވެ. ޝަރުޢީ ޙުކުމްތަކަކީ ޢަދުލެވެވެ. އަދި ޢަދުލަކީ ޝަރުޢީ ޙުކުމްތަކެވެ. ޝަރުޢީ ޤާނޫނުގެ ގަވާއިދުތައް ރައްޔިތުންގެ މަޞްލަޙަތާ ދެކޮޅަށް ވެރިޔާގެ ކޮޅަށް ބުރައެއްނުވެއެވެ. އަދި އަންހެނުންނަށް އަނިޔާ ލިބޭ ގޮތަށް ފިރިހެނުންނަށް ޙައްޤުތަކެއް ނުދެއެވެ. އަދި ކުށާ އެކަށީގެންވާ މިންވަރު ކަނޑައެޅުމުގައި ދުވަހަކު ވެސް ނުބައެއް ނުހަދާނެއެވެ. އެހެނީ އެ ޤާނޫނު ބާވައިލެއްވި ފަރާތަކީ މުޠުލަޤު، ފުރިހަމަ ޢިލްމު މިލްކުވެވޮޑިގެންވާ ރަސްކަލާނގެއެވެ.

މާލީ މުޢާމަލާތްތަކާއި، ބައިނަލްއަޤްވާމީ ގުޅުންތަކާއި، އެހެނިހެން ޙުކުމްތައް މިނެކިރާ މިންގަނޑަކީ ޢަދުލުވެރިކަމެވެ. މާތް الله ވަޙީކުރެއްވިއެވެ. (وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ)  (سورة النساء 58)   މާނައީ: "އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާ ނަމަ، ޢަދުލުވެރިކަމާ އެކު ޙުކުމްކުރުމަށެވެ." 

ނަމަވެސް، މީސްތަކުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތަކުގައި، އިސްލާމްދީން ވަނީ ޢަދުލުވެރިކަމަށް ވުރެ، މަތީ އަދި މާ ހެޔޮ މިންގަނޑަކަށް ބާރުއަޅައިފައެވެ. އެއީ "އިޙުސާންތެރިކަން"އެވެ. އަޅުގަނޑުމެންނަށް ޢަދުލުވެރިވުމަށް އަމުރުކުރެއްވި ފަދައިން އިޙުސާންތެރިވުމަށް ވެސް އަމުރުކުރެއްވިއެވެ. މާތް الله ވަޙީކުރެއްވިއެވެ: (إِنَّ اللّهَ يَأْمُرُ بِالْعَدْلِ وَالإِحْسَانِ) (سورة النحل 90) މާނައީ: "ހަމަކަށަވަރުން، عدلވެރިވުމަށާއި، إحسانތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ." 

އިމާމު އައްރާޣިބު ވިދާޅުވިއެވެ. "އިޙުސާންތެރިކަން ވަނީ ޢަދުލުވެރިކަމަށް ވުރެ މަތީގައެވެ. އެހެނީ ޢަދުލަކީ ތިމާގެ މައްޗަށް ވާޖިބުވާ އެއްޗެއް ދިނުމާއި، ތިމާއަށް ލިބޭންޖެހޭ އެއްޗެއް ހޯދުމެވެ. ނަމަވެސް އިޙުސާންތެރިކަމަކީ ތިމާގެ މައްޗަށް ވާޖިބުވާ މިންވަރަށް ވުރެ އިތުރަށް ދިނުމާއި، ތިމާއަށް ލިބެންޖެހޭ މިންވަރަށްވުރެ މަދުން ހިފުމެވެ. (އަމިއްލަ ޙައްޤުން ބައެއް ދޫކޮށްލުމެވެ.) އެހެންކަމުން އިޙުސާންތެރިކަމަކީ ޢަދުލުގެ މައްޗަށް އިތުރުކުރެވޭ އިތުރުވުމެކެވެ. ޢަދުލުވެރިވުމަކީ ވާޖިބެކެވެ. އަދި އިޙުސާންތެރިވުމަކީ ސުންނަތް (މުސްތަޙައްބު) ކަމެކެވެ. މާތް الله ވަނީ އިޙުސާންތެރިންގެ ސަވާބު ބޮޑުކުރައްވައިފައެވެ. (إِنَّ اللَّهَ لَمَعَ الْمُحْسِنِينَ) މާނައީ: "ހަމަކަށަވަރުން الله ވޮޑިގެންވަނީ އިޙުސާންތެރީންނާ އެކުގައެވެ."

ކީރިތި ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ދުނިޔެއާއި އާޚިރަތުގެ އެންމެ މާތް އަޚުލާޤު ތިމަންކަލޭގެފާނު ކަލޭގެފާނަށް ދައްކަވަންތޯއެވެ؟ އެއީ ތިބާއަށް އަނިޔާވެރިވި މީހާއަށް މަޢާފުކުރުމާއި، ތިބާއާ ގުޅުންކަނޑައިލި މީހާއާ ގުޅުން ބޭއްވުމާއި، ތިބާއަށް (އެއްޗެއް ނުދީ) މަޙުރޫމުކުރި މީހާއަށް ދިނުމެވެ." އަލްޙަރާލީ ވިދާޅުވިއެވެ. "ނަބިއްޔާ صلى الله عليه وسلم އެ ކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ޚާއްޞަ ބޭފުޅުންނަށް، ޙައްޤުގެ ބަދަލުހިފުން ދޫކޮށްލުމަށާއި އިޙުސާންތެރިކަން އިސްކުރުމަށް ބާރުއަޅުއްވައެވެ. އެއީ ބުނެވޭ ބަސް އަޑުއަހައި އެއިން އެންމެ ރީތި ގޮތަށް ތަބާވާ މީހުންގެ ތެރެއިން އެ ބޭކަލުން ވުމަށެވެ. ތިރީގައި މި ވަނީ އިޙުސާންތެރިކަން މެނުވީ އެހެން އެއްވެސް ގޮތެއް ރީތިނުވާނޭ ބައެއް ޙުކުމްތަކެވެ.

1.   ޔަތީމުންގެ މުދަލާ މުޢާމަލާތްކުރުން:

މުދަލަކީ ފުރާނައިގެ ބައިވެރިޔާކަމުގައިވާތީ، ބޭއިންސާފުން މުދާ ކެއުން ވަނީ ނަހީކުރައްވައިފައެވެ. ޔަތީމުންގެ ބަލިކަށިކަމާއި އެހީތެރިން މަދުކަމުން، އެ ކުދީންގެ މުދާ ވަނީ ރައްކާތެރިކުރެވިފައެވެ. އެ މުދަލާ ގާތްވުން ވެސް ވަނީ މަނާކުރައްވައިފައެވެ. މާތް الله ވަޙީކުރެއްވިއެވެ. (وَلاَ تَقْرَبُواْ مَالَ الْيَتِيمِ إِلاَّ بِالَّتِي هِيَ أَحْسَنُ حَتَّى يَبْلُغَ أَشُدَّهُ) (سورة الأنعام 152) މާނައީ: "ރަނގަޅު ގޮތުން މެނުވީ، ތިޔަބައިމީހުން ޔަތީމުންގެ މުދަލާ ގާތްނުވާށެވެ!" ފަހެ، ޔަތީމުގެ ބަލަދުވެރިޔާއަށް އެ މުދަލުން މުޢާމަލާތްކުރުން ހުއްދަވެގެންވަނީ ހަމަ އެކަނި އެންމެ ހެޔޮ ގޮތުގައެވެ. ނުރައްކަލެއް ނެތް ގޮތުގައި މުދާ އިތުރުކޮށް ވުނަކޮށްދިނުމެވެ. އެ ކުދީން ބޮޑުވުމުން، އެ މުދަލާ ޙަވާލުވާންވާނީ އެ ކުދިންގެ ބުއްދި ސަލާމަތުން ހުރިކަން ޔަގީންކުރުމަށް ފަހު ހެކިންގެ ކުރިމަތީގައެވެ. އެއީ ޚިޔާނާތްތެރިވުމުން ދުރުހެލިވުމަށެވެ.

2.   މައިންބަފައިންނާ މުޢާމަލާތްކުރުން:

މައިންބަފައިންނަށް އިޙުސާންތެރިވުމަށް އަމުރުކުރައްވައި ގިނަގުނަ އާޔަތްތަކާއި ޙަދީޘްތައް އައިސްފައިވެއެވެ. އޭގެ ތެރެއިން ބައެއް އާ ޔަތްތައް އައިސްފައިވަނީ ތައުޙީދާ (الله އެއްކައުވަންތަކުރުމާ) ގުޅުވައިގެންނެވެ. (وَاعْبُدُوا اللَّه ގެ މާނައީ: الله އަށް އަޅުކަންކުރާށެވެ، އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ. އަދި މައިންބަފައިންނަށް އިޙުސާންތެރިވާށެވެ!) އަދި ބައެއް ފަހަރު اللهއަށް ޝުކުރުވެރިވުމާ ގުޅުވައިގެންނެވެ. އަދި ޙަދީޘްގައިވެއެވެ: "މާތް ގެ ރުހިވޮޑިގަތުންވަނީ މައިންބަފައިންގެ ރުހުމުގައެވެ. އަދި ރުހިވޮޑިނުގަތުންވަނީ މައިންބަފައިންގެ ނުރުހުމާއެވެ." ދަރީންގެ ކިބައިން ބޭނުންވަނީ މައިންބަފައިންނަށް އިންތިހާއަށް އިޙުސާންތެރިވުމެވެ. މާތް الله ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ. "އެ ދެ މީހުން ކުރެ އެކަކު ނުވަތަ އެ ދެ މީހުންމެ ކަލޭގެފާނުގެ ގާތުގައި ތިބެ، މުސްކުޅިކަމުގެ ދުވަސްތަކާ ހަމައަށް ފޯރައްޖެ ނަމަ، އެ ދެ މީހުންނަށް "އުއްފު" ވެސް ނުބުނާށެވެ. އަދި އެ ދެ މީހުންނަށް މޫނުކަޅުނުކުރާށެވެ. އަދި އޯގާތެރި ބަހަކުން އެ ދެ މީހުންނާ ވާހަކަދައްކާށެވެ."

3.   ކައިވެނީގެ ގުޅުންތައް:

ނަބިއްޔާ صلى الله عليه وسلم އަނބިދަރީންނަށް ހޭދަކުރުމަކީ އެންމެ މަތިވެރި ހޭދަކަމުގައި ލައްވައިފައިވެއެވެ. އަދި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރުމުގެ ހަމައެކަނި މަގަކީ އިޙުސާންތެރިކަންކަމުގައި ލެއްވިއެވެ. މާތް الله ވަޙީކުރެއްވިއެވެ: (وَعَاشِرُوهُنَّ بِالْمَعْرُوفِ) - މާނައީ: "އަދި ހެޔޮ ގޮތުގައި އެ ކަނބަލުންނާ އެކު އުޅޭށެވެ." އަދި ޙުކުމްތަކުގެ ޙައްލަކީ ވަރިކަމުގައި ވީ ނަމަ ވެސް، އެ ކަން ވެސް ވާންޖެހޭނީ އިޙުސާންތެރިކަމާ އެކުގައެވެ. (فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ) (سورة البقرة 229) މާނައީ: " ދެން އޮތީ ހެޔޮ ގޮތުގައި (އެ ކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށްހިތުމާ އެކު (އެ ކަނބަލުން) ދޫކޮށްލުމެވެ." ވަރިވުމަށް ފަހު ވެސް އިޙުސާންތެރިކަން ބާއްވާންޖެހެއެވެ. މާތް الله ވަޙީކުރެއްވިއެވެ: (وَلَا تَنسَوُا الْفَضْلَ بَيْنَكُمْ) (سورة البقرة 237)  މާނައީ: "އަދި ތިޔަބައިމީހުންގެ މެދުގައިވާ މާތްކަމާއި ހެޔޮކަން ހަނދާންނައްތައިނުލާށެވެ." ކީރިތި ރަސޫލާގެ ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ. "ހަމަކަށަވަރުން މާތް الله ވަނީ ކޮންމެ ކަމެއްގެ މައްޗަށް އިޙުސާންތެރިވުން ލިޔުއްވައި (ވާޖިބުކުރައްވައި)ފައެވެ. ފަހެ، ތިޔަބައިމީހުން (ހަނގުރާމައެއްގައި) މަރާ ނަމަ ވެސް ރީތި ގޮތުގައި މަރާށެވެ. އަދި ކަތިލާ ނަމަ ވެސް ރީތި ގޮތުގައި ކަތިލާށެވެ..." ފަހެ، އެއް ފުރާޅެއްގެ ދަށުގައި އެކުގައި ދިރިއުޅޭ މީހުންނަށް އިޙުސާންތެރިވުން މާ އައުލާކަން ބޮޑެއް ނޫންތޯއެވެ؟

 

ލަފުޒެއްގެ މާނަ:

ވުނަކުރުން    މ.         ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest

ކޮމެންޓު