ad_banner
ބިރުވެރިކަމާއި ނުރައްކަލުން ސަލާމަތްވުމުގައި ދުޢާއާއި اللهއަށް އޮންނަ ޔަގީންކަމުގެ ދައުރު.

ޑރ. މޫސާ އަންވަރު ޙަސަން

21 ޖުލައި 2026

ނަބީބޭކަލުންގެ ވާހަކަތަކުން، ޒަމާނާއި ތަނުގެ އިމުން ބޭރުވާ ފަދަ އީމާނީ ތަރުބިއްޔަތުގެ ސިފަތަކާއި ޙަގީގީ ދިރިއުޅުމުގެ ފިލާވަޅުތައް ފާޅުވެގެންދެއެވެ. މޫސާ ޢަލައިހިއްސަލާމް މިޞްރުން މަދުޔަނަށް ކުރެއްވި ހިޖުރައިގެ މަންޒަރަކީ، އިންސާނީ ތަބީޢީ އިޙުސާސްތަކާއި ބިރުވެރިކަމުގެ ޣަރީޒާ، ސާބިތު އީމާންކަމާއި އަގީދާގެ ޔަގީންކަމުގެ އިތުރަށް الله تعالىއަށް އޮންނަ ހެޔޮ ހީއާ ގުޅިލާމެހިގެންދާ ގޮތް ދައްކުވައިދޭ ތަފާތު މިސާލެކެވެ. މޫސާގެފާނު މިޞްރުން ނުކުމެވަޑައިގަންނާން ނިންމެވި ނިންމެވުމާއި، އެކަލޭގެފާނު ކުރެއްވި ދުޢާތައް ބަޔާންކުރާ އާޔަތްތަކަށް ފުންކޮށް ބަލައިލުމުން، ތަބީޢީ ބިރުވެރިކަން اللهއަށް ވަކީލުކުރުމުގެ ބާރަކަށް ބަދަލުވާ ގޮތް އެނގިދެއެވެ. އަދި ޚާލިޤުވަންތަ ރަސްކަލާނގެ ޙަޟުރަތަށް ދަންނަވައި، އިޚުލާޞްތެރިކަމާ އެކު ކުރާ ދުޢާއަކީ ދިރިއުޅުމުގެ މާއްދީ އަދި މައުނަވީ މަގުތަކުގައި ސަލާމަތާއި ހިދާޔަތް ލިބޭ ދެ ދޮރުކަން ހާމަވެއެވެ. މާތް الله ވަޙީކުރެއްވިއެވެ: ﴿فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ قَالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ﴾ (سورة القصص: 21)  މާނައީ: "ފަހެ، އެކަލޭގެފާނު ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!" އެކަލޭގެފާނު ރަށުން ނުކުމެވަޑައިގަތީ ބިރުވެރިކަމުގެ ޙާލަތުގައެވެ. އޭގެ ކުރިންވެސް ހުންނެވީ ބިރުންނެވެ. އެރަށުގައި އެކަލޭގެފާނުގެ ޙާލަތު ބަޔާންކުރާ ތިން އާޔަތެއްގެ މެދުގައި ވަރަށް ބޮޑު ގުޅުމެއްވެއެވެ. ﴿وَدَخَلَ الْمَدِينَةَ عَلَى حِينِ غَفْلَةٍ مِنْ أَهْلِهَا﴾ (سورة القصص: 15) މާނައީ: "އަދި އެރަށުގެ أهل ވެރިން، غافل ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވެދެވަޑައިގަތެވެ." ﴿فَأَصْبَحَ فِي الْمَدِينَةِ خَائِفًا يَتَرَقَّبُ﴾ (سورة القصص: 18) މާނައީ: "ފަހެ، އެކަލޭގެފާނު އެރަށުގައި ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކޮށްކޮށް ހުންނެވިއެވެ." ﴿فَخَرَجَ مِنْهَا خَائِفًا يَتَرَقَّبُ﴾ (سورة القصص: 21) މާނައީ: "ފަހެ، އެކަލޭގެފާނު ބިރުވެރި حال ގައި (އަތުވެދާނެ ނުރައްކަލަކަށް) انتظار ކުރައްވަމުން އެރަށުން ނުކުމެވަޑައިގެންނެވިއެވެ." 

މި އާޔަތުގައި އެބަޔާންކުރާ ބިރަކީ ފިރުޢައުނުގެ ސިފައިންދެކެ ގަންނަ ބިރެވެ. އެހެނީ އެކަލޭގެފާނު ހައްޔަރުކޮށް ގަތުލުކުރުމުގެ އަމުރު ސިފައިންނަށް އޮތީ ދީފައެވެ. އެހެންކަމުން ފިރުޢައުނުގެ ސިފައިންގެ މީހަކާ ކުރިމަތިނުލުމަށްޓަކައި އެކަލޭގެފާނު ވަޑައިގަތީ އެކިފަރާތްފަރާތަށް ބައްލަމުންނެވެ. ދުރުން ސިފައިންގެ މީހަކު ފެނިވަޑައިގަތަސް އަވަހަށް ފިއްލަވައި، ވީހާވެސް އަވަހަކަށް ރަށުން ނުކުމެވަޑައިގަތުމަށް ހިންގެވުން އަވަސްކުރެއްވިއެވެ.

މޫސާގެފާނުގެ މި ބިރުވެރިކަމަކީ އިންސާނީ ތަބީޢީ ބިރެކެވެ. އެއީ މަލާމާތް ކުރެވޭނެ ނުވަތަ ކުށްވެރިކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ފިނޑިކަމެއް ނުވަތަ ބަލިކަށިކަމެއްވެސް ނޫނެވެ. ހައްޔަރުކޮށް މަރާލަން ހޯދާ މީހަކު އެކަމާ ބިރުގަތުމަކީ އިންސާނީ ގޮތުން ވާނެ ކަމެއް ނޫންތޯއެވެ؟ ނަމަވެސް، ފިރުޢައުނުގެ ފަރާތުން ކުރިމަތިވެފައިވާ މި ބޮޑު ނުރައްކަލުގެ ސަބަބުން އެކަލޭގެފާނުގެ އީމާންކަމާއި، اللهއަށް ކުރައްވާ ވަކީލާއި އިތުބާރަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެކަލޭގެފާނުގެ މުޅި ހަޔާތްޕުޅުވެސް އޮތީ އެފަދައިންނެވެ. ކުރިމަތިވި ކޮންމެ ހާދިސާއެއްގައި اللهގެ ފަޟުލުވަންތަކަމާއި ރައްކާތެރިކަން ދެކެވަޑައިގަތެވެ. އެހެންކަމުން ބިރުން ހުންނެވި ޙާލު ރަށުން ނުކުމެވަޑައިގަތްއިރުވެސް ހިތްޕުޅު އޮތީ اللهއަށް އޮތް ޔަގީންކަމާއި ތަވައްކުލުން ފުރިގެންނެވެ.

﴿رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ﴾ (سورة القصص: 21) މާނައީ: "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އަނިޔާވެރިވި މީހުންގެ ކިބައިން މިއަޅާ ސަލާމަތްކުރައްވާނދޭވެ!" ފިރުޢައުނާއި އޭނާގެ ސިފައިންނަކީ އަނިޔާވެރި ބައެކެވެ. އެބައިމީހުން ތިބީ އެކަލޭގެފާނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށް، ބާރާއި ނުފޫޒުގެ ހުރިހާ ވަސީލަތްތަކެއް މިލްކުކޮށްގެންނެވެ. ނަމަވެސް، ހަގީގީ ބާރުވެރިކަން ވަނީ اللهއަށްކަން އެކަލޭގެފާނު ޔަގީންކުރެއްވިއެވެ. އަދި އެބައިމީހުންގެ މަކަރާއި ރޭވުންތަކުން الله އެކަލޭގެފާނު ސަލާމަތްކުރައްވާނެކަން ދެނެވަޑައިގެން، ސަލާމަތްކޮށްދެއްވުން އެދި ދެންނެވިއެވެ.

މޫސާގެފާނު އަޅުގަނޑުމެންނަށް ދަސްކޮށްދެއްވަނީ ނުރައްކާތަކާ ކުރިމަތިވާހިނދު اللهގެ ޙަޟުރަތުން ވާގި އެދުމަށެވެ. އަދި އަނިޔާވެރި ތާޣޫތުންގެ ކިބައިގައި ކިތަންމެ ބޮޑު ބާރެއް ހުއްޓަސް އެބައިމީހުންދެކެ ބިރުނުގަތުމަށެވެ. اللهއަށް އޮންނަ އީމާންކަމާއި ތަވައްކުލުން ހިތްތައް ފުރާލައި، ދުޢާކުރުމުގައި ދެމިތިބުމަށެވެ. އެހެނީ ހިތާމަތަކާއި ދަތިތައް ފިއްލަވައިދެއްވާނެ އެހެން ފަރާތެއް ނުވެއެވެ.

އަދި الله، މޫސާގެފާނު އެ އަނިޔާވެރިންގެ ކިބައިން ސަލާމަތްކުރެއްވިއެވެ. އެބައިމީހުންނަށް އެކަލޭގެފާނާ ހަމައަކަށް ނުދެވުނެވެ. އެކަލޭގެފާނު ރަށުން ނުކުމެވަޑައިގަތީ اللهގެ ރައްކާތެރިކަމާއި ތައުފީގާއެކު ސަލާމަތުންނެވެ. (އަލްޚާލިދީ، 2/324) ކުށްވެރިންގެ އަތްދަށުން ސަލާމަތްވުމަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެނީ އަނިޔާވެރިންގެ ގާތުގައި ހިފަހައްޓާނޭ އެއްވެސް ޤާނޫނެއް، ނުވަތަ އިޙުތިރާމްކުރާނޭ ޝަރީޢަތެއް، ނުވަތަ އިންސާނީ ޙައްޤެއް ނޯވެއެވެ. (ނައުފަލް، ޞ. 255)

މުއުމިނަކު اللهއާ ކުއްތަންވެ، އެކަލާނގެ ޙަޟުރަތަށް ދަންނަވައިފިނަމަ ދުޢާ އިޖާބަކުރައްވައެވެ. އަނިޔާވެރިޔާގެ އަތުގައި ކިތަންމެ ޒަމާނީ ހަތިޔާރާއި، ޓެކްނޮލޮޖީއާއި، ގާބިލުކަމާއި ސިފައިން ތިއްބަސް، الله މީހަކު ރައްކާތެރިކުރައްވަން އިރާދަކުރައްވައިފިނަމަ، އެމީހަކަށް ކުޑަވެސް ގެއްލުމެއް ދިނުމަށް އެ އަނިޔާވެރިޔާއަކަށް ކުޅަދާނަވެގެންނުވެއެވެ.

މާތް الله ވަޙީކުރެއްވިއެވެ. ﴿وَلَمَّا تَوَجَّهَ تِلْقَاءَ مَدْيَنَ قَالَ عَسَى رَبِّي أَنْ يَهْدِيَنِي سَوَاءَ السَّبِيلِ﴾ (سورة القصص: 22) މާނައީ: "އަދި އެކަލޭގެފާނު مدين އާ ދިމާއަށް ވަޑައިގެންނެވިހިނދު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާނގެ މިއަޅާއަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށިއެވެ!"

މި މަންޒަރުން ފެންނަނީ މޫސާގެފާނު އެކަނިވެރި ހާލުގައި، ސަހަރާގެ މަގުތަކުން ޝާމްގެ ހުޅަކުން އަދި ޙިޖާޒްގެ އުތުރުގައިވާ މަދުޔަނާ ދިމާއަށް ވަޑައިގަންނަވާ ތަނެވެ. އެއީ ދުރު، ބޮޑު ރާސްތާއެކެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި އެއްވެސް ކާބޯއެއްޗެއް ނުވަތަ ތައްޔާރީއެއް ނެތެވެ. އެކަލޭގެފާނު ނުކުމެވަޑައިގަތީ ބިރުން ހުންނަވައި، ނަޞޭޙަތްތެރިޔާގެ ބަހަށް އަވަސް އަވަހަށް ރަށުން ބޭރުވެވަޑައިގަތުމަށެވެ. މަޑުކޮށްލާނެ ވަގުތެއް، ކާނާ ހޯދާނެ ވަގުތެއް ނުވަތަ މަގުދައްކާނެ މީހަކު ހޯދާނެ ފުރުޞަތެއް ނުލިބުނެވެ. ނަމަވެސް، މި ހުރިހާ ކަމަކާއެކުވެސް އެކަލޭގެފާނުގެ ހިތްޕުޅު އޮތީ اللهއާ ދިމާއަށް އެނބުރި، އެކަލާނގެއަށް ބޯލަނބައި، ހިދާޔަތަށް އެދިގެންނެވެ. އެކަލޭގެފާނު އެހުންނެވީ ދުނިޔަވީ ހުރިހާ ބާރުތަކަކުން އެކަހެރިވެ، ބިރުވެރިކަމުގެ ތެރޭގައެވެ. ފިރުޢައުނާއި އޭނާގެ ސިފައިން ދިއައީ އެކަލޭގެފާނު ހޯދަމުންނެވެ. ނަމަވެސް الله އެކަލޭގެފާނު ބައްލަވައި، ރައްކާތެރިކުރައްވައި، މަގުދެއްކެވިއެވެ. އެ ދުރު މަގު ކަޑަތުކުރައްވައި، އަނިޔާވެރިންގެ އަތް ފޯރާފަށުން ބޭރަށް ވަޑައިގަނެވުނެވެ. (ސައްޔިދު ޤުޠުބު، 5/2685).

އާޔަތުގެ މި ބައިން އެނގެނީ މޫސާގެފާނު މިޞްރުން ނުކުމެވަޑައިގަތީ ހަމައެކަނި ފިރުޢައުނުގެ ބާރުން ސަލާމަތްވުމަށްޓަކައި ކަމެވެ. ދަތުރުގެ ބައިވެރިޔަކު ހޯދުމުގެ ފުރުޞަތެއް ނެތެވެ. އެކަލޭގެފާނު ހިންގަވާފައި ވަޑައިގަތީ އެކަނިމާ އެކަންޏެވެ. ސަވާރީއެއް، ކާބޯއެއްޗެއް، ނުވަތަ ފެންފޮދެއްވެސް އަތްޕުޅަކު ނެތެވެ. ހުރީ ހަމައެކަނި ހަށިކޮޅުގައި އޮތް ފޭރާން އެކަންޏެވެ. (އަލްވަދްޢާން، ޞ. 6) އަލްޢުލައިމީ ވިދާޅުވިއެވެ. "މޫސާގެފާނު ނުކުމެވަޑައިގަތީ ފިއްލަވައިގެންނެވެ. ކާނާއަކަށް ފަތްޕިލާވެއްޔާއި ގަސްގަހުގެ ފަތް މެނުވީ ނުވެއެވެ. (އަލްޢުލައިމީ، 5/183)

މިއާޔަތުން މޫސާގެފާނު މަދުޔަން ބިމަށް ކުރެއްވި ހިޖުރަ ސާބިތުވެއެވެ. ބުނެވޭގޮތުގައި "މަދުޔަން" އަކީ މޫސާގެފާނު ފެން ދެއްވި ވަޅު ހުރި ތަނުގެ ނަމެވެ. ނުވަތަ އެއީ އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކޮޅުގެ ބައެކެވެ. މޫސާގެފާނު މަދުޔަނަށް ވަޑައިގަތީ އެތަނަކީ ފިރުޢައުނުގެ ބާރު ހިނގާ ތަނަކަށް ނުވާތީއެވެ. އެތަނުގެ ވެރިޔާ މޫސާގެފާނަށް ދެންނެވި ބަހުން އެކަން އެނގެއެވެ: ﴿لَا تَخَفْ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ﴾ މާނައީ: "ކަލޭގެފާނު ބިރުނުގަންނަވާށެވެ! އަނިޔާވެރި މީސްތަކުންގެ ކިބައިން ކަލޭގެފާނު ސަލާމަތްވެއްޖެއެވެ." (އަލްވަރްޘާން، ޞ. 220)

އެކަލޭގެފާނު އެދިވަޑައިގަތީ ހަމައެކަނި "މަގު" ދެއްކެވުމަކަށް ނޫނެވެ. އެއަށްވުރެ އިތުރު ފުރިހަމަކަމަކަށް އެދިވަޑައިގެން ﴿سَوَاءَ السَّبِيلِ﴾ (ސީދާވެގެންވާ ތެދުމަގު) ދެއްކެވުމަށް އެދިވަޑައިގަތެވެ. އޭގެ މާނައަކީ އެންމެ ސީދާ، ރަނގަޅު މަގެވެ. (އަލްވަދްޢާން، ޞ. 6)

މި އާޔަތުގައި އުންމީދާއި، މުސްތަގުބަލަށް އޮތް ހެޔޮ އުންމީދު އެކުލެވިގެންވެއެވެ. އުންމީދަކީ މުޞީބާތްތައް ކުރިމަތިވާ މީހާއަށް اللهއަށްފަހު އޮތް ހިތްހަމަޖެހުމެވެ. ދިރިއުޅުމުގައި އުންމީދެއް ނެތްނަމަ، ދިރިއުޅުމުގެ އެއްވެސް ރަހައެއް ނުހުންނާނެއެވެ. ޢަރަބިބަހުގައި "عسى" ގެ މާނައަކީ ކަމަކަށް އެދުމާއި އުންމީދުކުރުމެވެ. ނަމަވެސް، އިލާހީ ބަސްފުޅުގައި މި ލަފްޒު އައުމުން އޭގެ މާނައަކީ އެކަމެއް ކަށަވަރުވުމެވެ. އިބްނު ޖަރީރް އައްޠަބަރީ ވިދާޅުވިއެވެ. "اللهގެ ޙަޟުރަތުން އަންނަ "عسى" އަކީ ޙަގީގަތެކެވެ. މުފައްސިރުން އެއްބަސްވާގޮތުގައި اللهގެ ބަސްފުޅުގައިވާ މިފަދަ ލަފްޒުތަކުން ދޭހަކޮށްދެނީ ކަންކަން ފުރިހަމަވާނެކަމުގެ ކަށަވަރުކަމެވެ. އެހެނީ اللهއީ އަޅަކަށް އުންމީދެއް ދެއްވުމަށްފަހު އެކަމުން މަޙުރޫމްކުރެއްވުމަށްވުރެ މާ ދާއިމީ، މާތް ރަސްކަލާނގެއެވެ. (އަލްވަދްޢާން، ޞ. 7).

ޑރ. އަޙުމަދު ނައުފަލް ވިދާޅުވިއެވެ. "މޫސާގެފާނު ނުކުމެވަޑައިގަތުމުގެ ކުރިންވެސް ވަޑައިގަންނަވާނެ މިޞްރާބު ދެނެވަޑައިގަންނަވާ ކަހަލައެވެ. އެކަލޭގެފާނު ހުންނެވީ މިފަދަ ދުވަހަކަށް ތައްޔާރުވެ، ދާނެ ދިމާ ކަނޑައަޅުއްވައިގެންނެވެ. އެއީ ޞަޙާބީން ޙަބުޝާއަށް ހިޖުރަކުރެއްވުމަށް ރޭއްވެވި ފަދައިންނެވެ. މަދުޔަން އޮންނަނީ އުރުދުންގެ ދެކުނުގައި، ޖަޒީރާގެ އުތުރުގައެވެ. އެއީ މިޞްރާ ނިސްބަތުން ކައިރި ތަނެކެވެ. މޫސާގެފާނުގެ ދުޢާ ﴿عَسَى رَبِّي أَنْ يَهْدِيَنِي سَوَاءَ السَّبِيلِ﴾ އިން އެނގެނީ، ދިރިއުޅުމުގެ މަގުތަކުގައި އަޅުގަނޑުމެން ހިދާޔަތަށް ބޭނުންވާ މިންވަރެވެ. އެއީ ތަންތަނަށް ދެވޭ މާއްދީ މަގުތައް ކަމުގައިވިޔަސް، ނުވަތަ ސުވަރުގެއަށް ވާޞިލުކޮށްދޭ މައުނަވީ މަގުތައް ކަމުގައިވިޔަސްމެއެވެ. (ނައުފަލް، ޞ. 256)

(މިއީ ޑރ. ޢަލީ މުޙައްމަދު އައްޞައްލާބީ ލިޔުއްވައިފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާއެކެވެ. ތަރުޖަމާކުރެއްވީ ޑރ. މޫސާ އަންވަރު ޙަސަނެވެ.)

 

 

 المصادر والمراجع:

1.  الخالدي، صلاح. القصص القرآني؛ عرض وقائع وتحليل أحداث، دمشق، دار القلم، ط4، 2016م.

2.   نوفل، أحمد. تفسير سورة القصص، عَمان، جمعية المحافظة على القرآن الكريم، ط1، 2015م.

3.   سيد قطب. في ظلال القرآن، القاهرة، دار الشروق، ط32، 1423ه/ 2003م.

4.   الودعان، إبراهيم بن فهد. وقفة تأمل مع موسى عليه السلام في مدين (أكثر من 200 فائدة)، السعودية، مراجعة: عبد الرحمن بن فهد الودعان، 1438ه/ 2017م.

5.   العليمي. مجير الدين الحنبلي. فتح الرحمن في تفسير القرآن، دار النوادر للنشر والتوزيع، 2012م.

6.   الورثان، نورة بنت عبد الله. الجانب الخلقي في قصة موسى عليه السلام والمرأتين، السعودية، مجلة جامعة أم القرى لعلوم الشريعة واللغة العربية وآدابها، مج17/ع33، 1426ه/ 2005م.

ކޮމެންޓު