އައްޝައިޚު އިބްރާހީމް އަޙުމަދު
14 ޖުލައި 2026
(2026 ޖުލައި 04ގެ ޢަދަދާ ގުޅޭ)
އިސްވެ ދިޔަ މީހުންނާއި ފަހުގެ މީހުންނާއި އަދި މި ޒަމާނުގެ މީހުން ކުރެ އެއްވެސް ބަޔަކު އިޚުތިލާފުނުވާކަމަކީ ﷲ ބާވައިލެއްވި ޙުކުމްނުކޮށް ވަޟުޢީ ޤާނޫނަށް ނުވަތަ ޖާހިލިއްޔަތުގެ ޙުކުމަށް ޙުކުމްކުރާ ފަރާތަކީ ޝަރުޢީ ރައްބާނީ ޙުކުމް ވާޖިބުކަމަށް އިންކާރުކުރާ ނުވަތަ ނުވަތަ މި ޒަމާނާ ނުގުޅޭ ޙުކުމެއްކަމަށް ދެކޭފަރާތެއް ނަމަ، ނުވަތަ އެ ޙުކުމާ މި ޙުކުމާ އެއްވެސް ތަފާތެއްނުވާކަމަށް ދެކޭ ނަމަ އެ ފަރާތެއް އިސްލާމްދީނުން ބޭރުވެއްޖެއެވެ. ބައެއް މީހުން ހީކުރާ ގޮތުގައި ﷲ ބާވައިލެއްވި ގޮތާއި ޚިލާފަށް އެއްވެސް ދެކޮޅު ވެރިކަމެއްނެތި ޙުކުމްކުރާ މީހަކީ އަހުލުއްސުންނާއިންގެ ޢިލްމުވެރީންގެ އަރިހުގައި ކާފިރެއްކަން ކަނޑައެޅުމުގައި އިޚުތިލާފު ތަކެއް ހުރި ކަމެއްކަމަށް ބުނެވޭ ބުނުން އިސްވެ ގޮސްފައި ވެއެވެ. އެކަމަކު އޭގެ ޙައްޤު ގޮތަކީ މިއީ އެބައިމީހުންގެ ތެރޭގައި އިޚުތިލާފު އޮތް މަސްއަލައެއް ނޫނެވެ. ﷲ ބާވާލެއްވި ގޮތަށް ޙުކުމް ކުރުމަށް ދެކޮޅުހަދައި އެ ގޮތް ރަނގަޅުކަމަށް ބުނާ މީހުންނަކީ ކާފިރުންކަމަށް އިޖުމާޢުވީ ފަދައިން ﷲ ބާވައިލެއްވި ޙުކުމް ނޫން ގޮތަށް ޙުކުމުން ޙުކުމްކުރާ އިރު ﷲ ބާވައިލެއްވި ޙުކުމަށް އެއްވެސް ދެކޮޅެއް ނުހަދާ ނަމަ އެ މީހަކީ ކާފިރެއްނޫންކަމަށް ހަތަރު ގޮތަކުން ސާބިތުވާކަމަށް ކަނޑައަޅައިފައި ވެއެވެ. އަދި ޞައްޙަ މަގުން ސާބިތުވަނީ ﷲ ބާވައިލެއްވި ޙުކުމް ނޫން ޙުކުމެއްކުރާ ހުރިހައި ޙާލަތެއްގައި އެއްވެސް ތަފުޞީލަކާ ނުލައި އެ ފަރާތެއް ﷲގެ ޙުކުމާ ދެކޮޅު ހެދިޔަސް އަދި ނުހެދިޔަސް ކާފިރުވާނެއޭ ބުނެ އުޅޭ ބުނެއުޅުމަކީ ޚަވާރިޖުންގެ ބުނުމެކެވެ.
އަލްޖައްޞާޞު ވިދާޅުވެފައި ވެއެވެ. "އިސްވެދިޔަ އާޔަތް ތައުވީލުކޮށް ޚަވާރިޖުންވަނީ ދެކޮޅުވެރިވުމެއް ނެތި ވެސް މާތްﷲ ބާވައިލެއްވި ޙުކުމުން ޙުކުމްނުކުރާ މީހަކީ ކާފިރެއްކަމަށް ބުނެފައެވެ." މި ބުނުން ޚަވާރިޖުންނަށް ރައްދުކުރާ މީހުންގެ ތެރޭގައި އަބޫބަކުރު މުޙައްމަދު ބުނުލްޙުސައިނު އަލްއާޖިރީ، އަދި އަބޫ ޢުމަރު ބިން ޢަބްދުލްބައްރު އަދި އަލްޤާޟީ އަބޫޔަޢުލާ ފަދަ ބޭބޭކަލުން ހިމެނެއެވެ."
ކޮންމެ އުޞޫލަކަށް ބެލިނަމަވެސް މި މައްސަލައިގައި ޢިލްމުވެރީން ބަޙުސްކޮށް ހެދި ހެދުން ބިނާވެފައިވަނީ ދެ ޤާޢިދާއެއްގެ މައްޗަށް ބިނާވެފައެވެ. އަދި އެ ދެ ޤާޢިދާގެ ބިންގާ ބިނާވެފައިވަނީ ﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތާއި ސަލަފުންގެ ބުނުންތަކަށެވެ.
ފުރަތަމަ ޤާޢިދާ:
މި ޤާޢިދާއިން ލާޒިމުކުރަނީ ޙާކިމާ އިސްލާމީ ޝަރީޢަތަށް އިންކާރުނުކުރާހައި ހިނދަކު އޭނާ ކާފިރެއްކަމަށް ނުބެލުމަށެވެ. އެކަމަކު ހަމަ ޤަޞްދުގައި އިސްލާމީ ޝަރީޢަތާ އެއް ގޮތަށް ޙުކުމްކުރާން ދެކޮޅު ހަދާ ނަމަ، ނުވަތަ މި ދެ ވައްތަރު ޙުކުމް އެއީ އެއް ގޮތްކަމަށް ބުނެފި ނަމަ، ނުވަތަ ﷲ ބާވައިލެއްވި ޙުކުމް މި ޒަމާނާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނާ ނަމަ އެ ފަދަ މީހަކު އެ ހުރީ ދީނުން ބޭރުވެފައެވެ.
ޢިލްމުވެރީން ކުރެ ސަލަފުންނާއި ޚަލަފުން ވަނީ މި ޤާޢިދާއަށް ޢަމަލު ކޮށްފައެވެ. އެހެންވެ އިސްވެ ސިފަކުރެވުނު ގޮތަށް ކަންކަން ނުކުރާ މީހަކު ކާފިރެއް ނުކުރެއެވެ. މި ބޭކަލުންގެ މިބުނުންތައް ބިނާކޮށްފައި ވަނީ މި އުޞޫލުގެ މައްޗަށެވެ.
ޢަލީ ބިން އަބީ ޠަލްޙާ، އިބްނު ޢައްބާސްގެ އަރިހުން މި އާޔަތުގެ ތަފުސީރާ މެދު ވާހަކަދެއްކުމުގައި ރިވާކުރައްވައި ބަޔާންކުރެއްވިއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ [1] މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ كافرންނެވެ." މި މައްސަލައިގެ އަޞްލަކީ ﷲ ބާވައިލެއްވި ޙުކުމާ ދެކޮޅުހަދާ ނަމަ، އެ މީހަކީ ކާފިރެކެވެ. އަދި ﷲ ބާވައިލެއްވި ޙުކުމަށް އިޤްރާރުވެ އެކަމަކު އެޙުކުމާ އެއް ގޮތަށް ޙުކުމްނުކުރާ މީހަކީ ޒާލިމެކެވެ. އަދި ފާސިޤެކެވެ."
މުފައްސިރުންގެ ޝައިޚުކަމުގައިވާ އައްޠަބަރީ ވިދާޅުވެފައިވެއެވެ. "ހަމައެފަދައިން ﷲ ބާވައިލެއްވި ޙުކުމަށް ދެކޮޅުހަދައި އެ ގޮތަށް ޙުކުމްނުކުރާ މީހުންނަކީ އިބްނު ޢައްބާސް ވިދާޅުވެފައިވާ ފަދައިން ﷲއަށް ކާފިރުވެފައިވާ މީހުންނެވެ."
އަލްއިމާމު އަލްޤުރުޠަބީ ވިދާޅުވެފައި ވެއެވެ. "މީގެ މާނައަކީﷲ ބާވައިލެއްވި ގޮތަށް ނޫން ގޮތަކަށް ޙުކުމްކުރުމަށް ޤަބޫލުކޮށް އެ ގޮތް ހުއްދަކަމަށް ދުށުމެވެ. އެހެންނަމަވެސް އޭނާ އެ ކަން ކުރާ ޙާލުގައި އޭނާ ދެކެނީ ޙަރާމްކަމަކަށް އަރައިގަނެވެނީކަމަށްކަމަށްވާ ނަމަ އޭނާއަކީ މުސްލިމުން ކުރެ ފާސިޤެކެވެ. އޭނާގެ ކަންތައް ވަނީ ﷲއާ ޙަވާލު ވެފައެވެ. އެކަލާނގެ އިރާދަކުރައްވާ ނަމަ އެ މީހަކަށް ޢަޒާބުދެއްވާނެއެވެ. ނުވަތަ އެކަލާނގެ އެ މީހަކަށް ފާފަފުއްސަވައިދެއްވައެވެ."
އަދި އަބުއްސުޢޫދު ވިދާޅުވެފައި ވެއެވެ. [އެ ގޮތަށް ﷲ ބާވާލެއްވި ޙުކުމުން ޙުކުމް ނުކުރަނީ އެކަމަށް އިހާނެތި ކޮށް ހިތާ އިންކާރު ކުރުމަށް ކަމަށްވާ ނަމަ فَأُولَـٰئِكَ هُمُ الْكَافِرُونَ [2] މާނައީ: "ފަހެ، އެއުރެން އެއީ، ހަމަ كافرންނެވެ." އެ މީހަކީ ހަމަ ކާފިރެކެވެ. އެއީ އޭނާ އެ ކަމަށް އިހާނާތްތެރިވުމުންނެވެ.]
އަދި އަލްބައިޟާވީ ވިދާޅުވެފައިވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ މާނައީ: "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!)" ﷲ ބާވައިލެއްވި ގޮތަށް ހުކުމްނުކުރަނީ އެ ކަމަށް އިންކާރުކޮށް އިހާނާތްތެރިކޮށް ހިތުމަށް ނަމަ فَأُولَـٰئِكَ هُمُ الْكَافِرُونَ [3] މާނައީ: "ފަހެ، އެއުރެން އެއީ، ހަމަ كافر ންނެވެ." އެކަމަށް އޭނާ އިހާނެތިކޮށް ހިތުމުގެ ސަބަބުން އޭނާއަކީ ކާފިރެކެވެ. [4]
އައްޠަޙާވިއްޔާގެ ޝާރިޙު ވިދާޅުވިއެވެ. [މިތާގައި މިވާ އަމުރާމެދު ވިސްނާ ބަލާލުން ވާޖިބުވެގެން ވެއެވެ. އެއީ ﷲ ބާވާލެއްވި ގޮތާ ޚިލާފަށް ޙުކުމް ކުރުމަކީ ކާފިރަކަށްވެ މިއްލަތުން ބޭރުވާ ކަމަކަށްވުމެވެ. ނުވަތަ ބޮޑުފާފައަކަށް ނުވަތަ ފާފައަކަށް އަރައިގަތުމަކަށް ވުމެވެ. ފަހަރެއްގައި އެއީ މަޖާޒީ ގޮތުން ކުފުރަކަށް ވުމެވެ. ނުވަތަ ކުޑަކުފުރަކަށް ވުމެވެ. އެއީ އެވެރިޔެއްގެ ޙާލުގެ މައްޗަށް ބުރަވެ ހުރެ ކަނޑައެޅޭ ކަނޑައެޅުމެކެވެ.
· ފަހަރެއްގައި ޙާކިމުގެ އިޢުތިޤާދުގައި ވަނި ﷲ ބާވާލެއްވި ޙުކުމް ކުރުމަކީ ވާޖިބެއް ނޫން ކަމަށެވެ. އޭނާއަށް އިޚުތިޔާރު އޮތްކަމެއް ކަމަށެވެ. ނުވަތަ އެޙުކުމަށް އޭނާ އިހާނެތިކޮށް ހިތީ ޔަޤީނުންވެސް އެއީ ﷲގެ ޙުކުމްކަން އެގޭ ޙާލުގައެވެ. އެހެންކަމަށްވާނަމަ މިއީ ބޮޑުވެގެންވާ ކުފުރެވެ.
· އޭނާ ޤަބޫލުކުރަނީ ﷲ ބާވާލެއްވި ޙުކުމް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ޢިލްމުވެސް އޭނާއަށް ލިބިފައިވެއެވެ. އެޔާއެކު އެހެން ޙުކުމެއް ގެނެސްގަތީއެވެ. އެއީ އެކުށަށް އެ ޢުޤޫބާތް ރަގަޅުކަމަށް ޤަބޫލު ކުރުމާއެކުއެވެ. މިފަދަ މީހަކީ އުރެދިފައިވާ މީހެކެވެ. މިއީ މަޖާޒީ ކުފުރެކެވެ. ނުވަތަ ކުޑަ ކުފުރެވެ.
· އިބްނުލްޖައުޒީ ވިދާޅުވެފައި ވެއެވެ. " ހަމަކަށަވަރުން ﷲ ބާވާލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާ ޔަހޫދީން ޢަމަލުކުރި ފަދައިން އެއީ ﷲ ބާވާލެއްވި ޙުކުމް ކަން ދެނެހުރެ އެކަމަށް ޤަޞްދުގައި ދެކޮޅު ހަދައިފިނަމަ އެމީހާ ކާފިރުވާނެއެވެ."
· އެއްވެސް ޙާލެއްގައި ﷲ ބާވާލެއްވި ޙުކުމަށް ދެކޮޅު ހެދުމެއް އިންކާރު ކުރުމެއްނެތި ހަވާނަފުސަށް ތަބާވުމުގެ ގޮތުން ﷲ ބާވާލެއްވި ގޮތަށް ޙުކުމްނުކުރާނަމަ އެފަދަ މީހަކީ އަނިޔާވެރި ފާސިޤެކެވެ."
ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ. " އެބައިމީހުންނަށް ﷲ ބާވާލެއްވި ގޮތާއި ޚިލާފަށް ޙުކުމް ކުރުން ހުއްދަނޫންކަން އެގޭނަމަ އެކަން އެމީހުން ލާޒިމު ނުކުރީހެވެ. އެހެނެއްކަމަކު އެ މީހުން އެ ކަން ހުއްދަކުރުމުން އެ މީހުން ކާފިރުންކަމުގައި ވެއްޖެއެވެ. އެހެންނޫން ނަމަ އެބައިމީހުން ވާނީ ޖާހިލުންނަށެވެ."
އަލްޙާފިޡު އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ [5] މާނައަކީ "އަދި اللَّه ބާވައިލެއްވި حكم ން حكم ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ، ހަމަ كافر ންނެވެ." ސަބަބަކީ އެބައިމީހުން ﷲގެ ޙުކުމަށް ޤަޞްދުގައި ދެކޮޅުވެރިވެ ބޮޑާވުމުގެ ސަބަބުންނެވެ.[6]
ޞާޙިބުލްމަނާރު ވިދާޅުވިއެވެ. "ވައްކަމުގެ ޙައްދަށް ދެކޮޅުވެރިވެ ޙުކުމް ނުކުރަން އުޅުމާއި ނުވަތަ ޤަޛްފުގެ ނުވަތަ ޒިނޭގެ ޙައްދަށް ދެކޮޅު ހެދުމާއި މި ފަދަ ކަންކަމުގެ ނުބައިކަން އެނގި ހުރެ ވެސް އެ ކަންކަމަށް ﷲ ބާވާލެއްވި ޙުކުމް ޤަބޫލުނުކުރާ ނަމަ އެ ފަދަ މީހަކީ ކަނޑައެޅިގެން ހުރި ކާފިރެކެވެ." އެހެންނަމަވެސް އާޔަތުގެ ބޭރުފުށުގެ މާނައާއި މެދު ފިޤްހު ޢިލްމުވެރީން ކުރެ މަޝްހޫރު އެއްވެސް ބޭކަލަކު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އަދި ކީއްތޯ އެ ކަމާ މެދު އެއްވެސް މީހަކު އެއްވެސް ބަސްފުޅެއް ވިދާޅުވެފައެއް ނުވެއެވެ.[7] (ނުނިމޭ)
މަރުޖާ: