އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
13 ޖުލައި 2026
ޤިޔާމަތްދުވަހުގެ ބިރުވެރި މަންޒަރުތަކުގެ ތެރޭގައި މީސްތަކުންގެ އަތަށް ފަތް އަރާ މަންޒަރުވެއެވެ. އެ ދުވަހު ކޮންމެ އިންސާނަކަށް ވެސް އޭނާ ދުނިޔޭގައި ކުޅަ އެންމެހައި ޢަމަލުތަކާއި ބުނި ބަސްތައް ރެކޯޑުކުރެވިފައިވާ ފޮތެއް (ފަތެއް) ލިބޭނެއެވެ. މި ފޮތުގައި ރެކޯޑުނުކުރެވޭ އެއްވެސް ޢަމަލެއްނުވާނެތެވެ. މި ފޮތުގައި އޭނާ ކުޅަ ކުދި ކަންތައްތަކާއި ބޮޑެތި ކަންތައްތައް ލިޔުއްވައިފައިވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَوُضِعَ ٱلْكِتَٰبُ فَتَرَى ٱلْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيْلَتَنَا مَالِ هَٰذَا ٱلْكِتَٰبِ لَا يُغَادِرُ صَغِيرَةً وَلَا كَبِيرَةً إِلَّآ أَحْصَىٰهَا ۚ وَوَجَدُوا۟ مَا عَمِلُوا۟ حَاضِرًا ۗ وَلَا يَظْلِمُ رَبُّكَ أَحَدًا - އަދި (ކޮންމެ މީހަކުމެ ކޮށްފައިވާ ޢަމަލުތަކުގެ) ފަތް (އެ މީހަކަށް) ދެއްވާނެއެވެ. ފަހެ، އެ ފަތުގައިވާ ތަކެއްޗާ މެދު، ކުށްވެރީން ބިރުގެންފައިވާތީ ތިބާ ދެކޭނޫއެވެ. އަދި އެއުރެން ބުނާނެއެވެ. އޭ ތިމަންމެންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މި ފަތަށް މި ވެފައިވަނީ ކީއްހެއްޔެވެ؟ ކިތަންމެ ކުޑަކަމެއް ވެސް، އަދި ބޮޑުކަމެއް ވެސް، މި ފަތުގައި ނުހިމަނައި ދޫކޮށްލައިފައެއް ނުވެތެވެ. އަދި އެއުރެން ކުޅަ އެންމެހައި ޢަމަލުތައް އެ ފަތުގައި ވާތީ، އެއުރެން ދެކޭނެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވަތެވެ.))
އިންސާނުންގެ ފަތްތައް އިންސާނުންގެ އަތަށް އަރަމުންދާ މަންޒަރަކީ ކަޅިހުއްޓިގެންދާނެ ބިރުވެރި މަންޒަރެކެވެ. ހިތްތަކަށް ބިންހެލުން އައިސް، ގައިން ހީބިހިނަގާނެ ކަމެކެވެ. ބިރުވެރިކަމުން ފިތްކަނޑައިގެންދާނެއެވެ. މިއީ ކޮންމެ މީހެއްގެ ނިމުން ހުރި ގޮތް އަންގައިދޭ އިޢުލާނެވެ. މާތްﷲއަށް އީމާންވެ އިޙުސާންތެރިވި މީހާއަށް މާތް ﷲ ރައްކައުތރިކަން ދެއްވާނެއެވެ. އޭނާ ރައްކައުތެރިކުރައްވާނެއެވެ. އޭނާގެ ރިޕޯޓު ލިބޭނީ އޭނާގެ ކަނާތަށެވެ. އެހެނަސް އެކަލާނގެއަށް ފުރަގަސްދީ ބޮޑާވެގަތް މީހާއަށް ފަތް ލިބޭނީ ވާތުންނެވެ. ނުވަތަ ފުރަގަހުންނެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ ﴿٧﴾ فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا ﴿٨﴾ وَيَنقَلِبُ إِلَىٰٓ أَهْلِهِۦ مَسْرُورًا ﴿٩﴾ وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ وَرَآءَ ظَهْرِهِۦ ﴿١٠﴾ فَسَوْفَ يَدْعُوا۟ ثُبُورًا ﴿١١﴾ وَيَصْلَىٰ سَعِيرًا ﴿١٢﴾ إِنَّهُۥ كَانَ فِىٓ أَهْلِهِۦ مَسْرُورًا - ފަހެ، އެ މީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނު މީހާ ދަންނާށެވެ! (7) ފަހެ، ލުއިފަސޭހަވެގެންވާ حساب ބެއްލެވުމަކުން، ނިކަން ހުރެ، އެ މީހަކާ މެދު حساب ބައްލަވާނެތެވެ. (8) އަދި އުފަލުންހުރެ، އޭނާގެ أهل ވެރީންގެގާތަށް (ސުވަރުގެޔަށް) އެނބުރިދާނެތެވެ. (9) އަދި އެމީހެއްގެ ފަތް، އެމީހެއްގެ ފުރަގަހުން (ވާތަށް) ލިބުނުމީހާ ދަންނާށެވެ. (10) ފަހެ، ނިކަންހުރެ އެމީހަކު ގޮވާނެތެވެ. އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! (11) އަދި އަނދައަނދާ ހުންނަ ނަރަކަޔަކަށް އޭނާ ވަންނާނެތެވެ. (12) ހަމަކަށަވަރުން، އޭނާގެ أهل ވެރީންގެ ގާތުގައި އުފާވެރިވެގެންވާ މީހަކުކަމުގައި (ދުނިޔޭގައި) އޭނާވިއެވެ.))
ދެ ބާވަތެއްގެ މީހުން ފެންނާނެ މަންޒަރެކެވެ. އަލިވެގެންވާ މޫނުތަކެއްގެ ވެރި ބަޔަކާއި ކަންބޮޑުވެ ހާސްވެފައިވާ މޫނުތަކެއްގެ ވެރި ބައެކެވެ. އުފާވެރިކަމުގެ ތެރެއަށް ގެނބިފައިވާ ބަޔަކާއި ހިތާމައިގެ ތެރެއަށް ގެނބިފައިވާ ބަޔެކެވެ. މުއުމިނު އަޅާގެ އަތަށް އޭނާގެ ފަތް އެރުމުން އުފަލުން މީސްތަކުންނަށް ގޮވައި ބުނާނެއެވެ. ((فَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِيَمِينِهِۦ فَيَقُولُ هَآؤُمُ ٱقْرَءُوا۟ كِتَٰبِيَهْ ﴿١٩﴾ إِنِّى ظَنَنتُ أَنِّى مُلَٰقٍ حِسَابِيَهْ ﴿٢٠﴾ فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴿٢١﴾ فِى جَنَّةٍ عَالِيَةٍ ﴿٢٢﴾ قُطُوفُهَا دَانِيَةٌ ﴿٢٣﴾ كُلُوا۟ وَٱشْرَبُوا۟ هَنِيٓـَٔۢا بِمَآ أَسْلَفْتُمْ فِى ٱلْأَيَّامِ ٱلْخَالِيَةِ - ފަހެ، އެމީހެއްގެ ފަތް، އެމީހެއްގެ ކަނާތަށް ލިބުނުމީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. މި އޮތީއެވެ. ތިޔަބައިމީހުން ތިމަންގެ ފަތް ކިޔައިބަލާށެވެ! (19) ހަމަކަށަވަރުން، ތިމަންގެ حسابކުރިމަތިލާންޖެހޭނެކަން ތިމަންނާއަށް يقينވިއެވެ. (20) ފަހެ، އޭނާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ. (21) މަތިވެރިވެގެންވާ ސުވަރުގެޔެއްގައެވެ. (22) އެތާނގެ މޭވާތައް ކައިރިވެގެންވެއެވެ. (23) (އަންގަވާނެތެވެ.) އަރާމުލިބެނިވިގޮތުގައި، ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! ދުނިޔޭގައި ތިޔަބައިމީހުން ހޭދަކުރި ދުވަސްތަކުގައި ތިޔަބައިމީހުންކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުންނެވެ.))
އޭނާ މި ފަތް ލިބުމުން ޚަލްޤުތަކުންގެ ކުރިމަތީގައި ފަޚުރުވެރިކަމާ އެކު މި ފަތް ނިކަން ކިޔައިބަލާށޭ ބުނާނެއެވެ. އެއީ ރަން ވަނަވެރިއެކެވެ. މި ފަތުގައި އޭނާގެ ޢަމަލުތަކުގެ ބަރަކާތް ވާނެއެވެ. އޭނާގެ ކިޔަމަންތެރިކަމުގެ މާކުސް އޮންނާނެއެވެ. އޭނާގެ ކުށްފާފަތައް ﷲ ވަނީ ފުއްސަވަދެއްވައިފައެވެ. އެނާގެ ހެޔޮއަމަލުތައް ގިނަކަމުންނެވެ.
އަނެއްކޮޅުން ބަލާ އިރު ވާތަށް ފަތް ލިބުނު މީހާއަކީ ﷲގެ އަމުރުފުޅުތަކަށް ފުރަގަސްދީ އޭނާގެ ހަވާނަފުސަށް ތަބާވި މީހެކެވެ. އޭނާ ހަރުއަޑުން ހިތާމަ ފާޅުކުރާނެވެ. އޭނާ ބުނާނެއެވެ. ((وَأَمَّا مَنْ أُوتِىَ كِتَٰبَهُۥ بِشِمَالِهِۦ فَيَقُولُ يَٰلَيْتَنِى لَمْ أُوتَ كِتَٰبِيَهْ ﴿٢٥﴾ وَلَمْ أَدْرِ مَا حِسَابِيَهْ ﴿٢٦﴾ يَٰلَيْتَهَا كَانَتِ ٱلْقَاضِيَةَ ﴿٢٧﴾ مَآ أَغْنَىٰ عَنِّى مَالِيَهْ ۜ ﴿٢٨﴾ هَلَكَ عَنِّى سُلْطَٰنِيَهْ - އަދި އެ މީހެއްގެ ފަތް، އެ މީހެއްގެ ވާތަށް ލިބުނު މީހާ ދަންނާށެވެ! ފަހެ، އެމީހާ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވި ނަމަ ކިހައި ރަނގަޅުވީސްހެއްޔެވެ؟ (25) އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނު ނަމަ ކޮންފަދަހެއްޔެވެ! (26) އޭ ސަހަރޯއެވެ! އެ މަރު އެއީ، ތިމަންނާގެ ނިމުންކަމުގައިވީ ނަމަ، ކޮންފަދަހެއްޔެވެ! (27) ތިމަންގެ މުދާ، ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. (28) ތިމަންގެ އާރާއި ބާރު، ތިމަންގެ ކިބައިން ފިލައިހިނގައްޖެއެވެ.))
އޭނާގެ ނަފުސު ނަގައިލެވިފައިވާކަން އެނގޭނެއެވެ. އޭނާއަށް މިއަދު ސަލާމަތްވާނެ މަގެއް ނެތެވެ. މާތްﷲއަށް ކާފިރުވުމުގެ ސަބަބުންނެވެ. ﷲއަށް އުރެދުމުގެ ސަބަބުންނެވެ.
ފަތް އަތަށް އަރާ ދުވަހަކީ ސިއްރުތައް ބޭޒާރުވާ ދުވަހެވެ. ޢަމަލުތައް ބޭޒާރުވާ ދުވަހެވެ. ދުނިޔޭގައި ތިބާ ހޭދަކުރާ މަދު ދުވަސްކޮޅުގައި މީހުން ފަޟީޙަތްކުރާން މަސައްކަތްނުކުރާށެވެ! ތިބާ ފަޞީޙަތްވާނެ ދުވަހެއް އެބަ އާދެއެވެ. ތިބާ މީހުންނަށް އަނިޔާވެރިނުވާށެވެ! ތިބާ ކުރި އަނިޔާތައް ވާނީ ތިބާގެ މައްޗަށް ހުރި އަނދިރިތަކަކަށެވެ. ތިބާއަށް މި ދުނިޔޭގައި ބާރާއި އާރު ލިބިފައިވާތީ ތިބާ އަނިޔާވެރިނުވާށެވެ! ތިބާގެ މުދަލާއި އާރާއި ބާރު ނެތިގެންދާނެ ދުވަހެއް އެބަ އަންނަކަން ހަދާންކުރާށެވެ!
މި ފަތުން އަޅާއަށް އޭނާ އެޅި ކޮންމެ ފިޔަވަޅެއް ފެންނާނެއެވެ. ބުނި ކޮންމެ ލަފުޒެއް އިވޭނެއެވެ. އެޅި ކޮންމެ ކަޅިއެއް ފެންނާނެއެވެ. އޭނާ ހުންނާނީ ﷲގެ ދަރުބާރުގައެވެ. އޭނާ ވަށައިލައިފައިވާނީ އޭނާގެ ކުށްފާފަތަކެވެ. ﷲގެ ޙަޟުރަތުން މެނުވީ ސަލާމަތްކަމެއް ނަޖާވުމެއް ނެތެވެ. ވީޑިއޯކޮށްގެންނާއި އޯޑިއޯކޮށްނެވެ. އެދުވަހުގައި މުއުމިނުންނަށް ﷲގެ ރަޙްމަތް ތަނަވަސްވެގެންވެއެވެ. ކައުރަސޫލާ r ޙަދީސްކުރެއްވިއެވެ. ((يدنو المُؤمِنُ مِن ربِّه يومَ القيامةِ حتّى يضَعَ عليه كتِفَه ثمَّ يُقرِّرُه بذُنوبِه فيقولُ: هل تعرِفُ؟ فيقولُ: ربِّ أعرِفُ حتّى إذا بلَغ ما شاء اللهُ أنْ يبلُغَ قال: فإنِّي قد ستَرْتُها عليكَ في الدُّنيا وأنا أغفِرُها لكَ اليومَ ثمَّ يُعطى صحيفةَ حسَناتِه - ޤިޔާމަތްދުވަހުން މުއުމިނާ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތާ ކުއްތަންކުރެއްވޭނެއެވެ. އަދި އޭނާގެ ކުށް ފާފަތައް އެހެން މީހުންނަށް ވަންހަނާކުރައްވާނެއެވެ. އެއަށްފަހު އޭނާ މި ކުށްތަކަށް އިޢުތިރާފުވާނެއެވެ. އެ ހިނދު އެކަލާނގެ ވަޙީކުރައްވާނެއެވެ. ތިބާއަށް އެނގޭހެއްޔެވެ؟ ފަހެ އޭނާ ދަންނަވާނެއެވެ. އާދޭހެވެ! އަޅުގެ ވެރިރަސްކަލާކޮ! ﷲ އިރާދަކުރައްވާ ހިސާބަކަށް އޭނާ ގެންދަވާނެއެވެ. އެއަށްފަހު ވަޙީކުރައްވާނެއެވެ. ފަހެ ތިމަންރަސްކަލާނގެ ދުނިޔެމަތީގައި އެ ކަންކަން ވަނީ ތިބާއަށް ވަންހަނާކޮށްދެއްވައިފައެވެ. މިއަދު ތިމަންރަސްކަލާނގެ ތިބާއަށް އެ ފާފަތައް ފުއްސަވައިދެއްވާނަމެވެ. އެއަށް ފަހު އޭނާގެ ހެޔޮޢަމަލުތަކުގެ ފަތް އެނާއަށް ދެއްވޭނެއެވެ.)) ﷲގެ ފުއްސެވުން ކިހައި ބޮޑުތޯއެވެ! ﷲގެ އޯގާވަންތަކަން ކިހާ ތަނަވަސްތޯއެވެ!
މާތްﷲ އަހުރެމެންނަށް އަންގަވަނީ އަހުރެމެންނަށް ކުރެވޭ ހަޑިހުތުރު ޢަމަލުތައް ވަންހަނާކުރުމަށެވެ. އެ ކަމުގެ މޮޅު ވާހަކަދައްކައި އެ ކަން މީސްތަކުންނަށް ހާމަނުކުރުމަށެވެ. އެ ފަދަ ކަމެއް ކުރެވިއްޖެ ނަމަ އަވަހަށް ތައުބާވުމަށެވެ. އެ ކަމަށް ތައުބާނުވި މީހާ ޤިޔާމަތްދުވަހުން މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތްކުރައްވާނެއެވެ. އޭނާގެ ފަތް މަލާއިކަތުންނާއި މީސްތަކުން ކިޔާނެއެވެ. އެ ފަތް ވާނީ އޭނާއާ ދެކޮޅަށް ހެކިދޭ ހެކިވެރިއަކަށެވެ.
ކީރިތި ޤުރްއާން ޚަބަރުދޭ ގޮތުގައި އެ ފަތުގައި އޭނާގެ ހުރިހާ ޢަމަލުތަކެއް ލިޔެވި ރެކޯޑުކުރެވިފައިވާނެއެވެ. އެއްވެސް ކަމެއް ނެތިއެއް ނުދާނެތެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَكُلَّ إِنسَٰنٍ أَلْزَمْنَٰهُ طَٰٓئِرَهُۥ فِى عُنُقِهِۦ ۖ وَنُخْرِجُ لَهُۥ يَوْمَ ٱلْقِيَٰمَةِ كِتَٰبًا يَلْقَىٰهُ مَنشُورًا ﴿١٣﴾ ٱقْرَأْ كِتَٰبَكَ كَفَىٰ بِنَفْسِكَ ٱلْيَوْمَ عَلَيْكَ حَسِيبًا - އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حالގައި، އޭނާ ދެކޭނެތެވެ.(އަދި އަންގަވާނެތެވެ.) ތިބާގެ ފޮތް ތިބާ ކިޔާށެވެ! މިއަދު ތިބާގެ މައްޗަށް حسابކުރާ މީހަކަށް، ތިބާގެ އަމިއްލަ نفس ފުދެއެވެ.)) ތިބާގެ ފަތް ކިޔައިފައި ތިބާގެ ނަފުސުގެ މައްޗަށް ނިޔާއިއްވާށެވެ!
މި ވާހަކައަކީ ހަމައެކަނި ކިޔާލެވޭ ޚަބަރަކަށް ނަހަދާށެވެ! އެއީ ﷲ ބާވައިލެއްވި ނޫރެކެވެ. އެއީ ތައްޔާރުވުމަށް އަންގަވާ އެންގެވުމެކެވެ. އޭނާ ކުރި ޢަމަލުތައް ކިޔާންޖެހޭ ފަތެއް އޭނާގެ އަތަށް އަރާނެކަން އެނގޭ މީހާ އޭނާގެ ޢަމަލުތަކަށް ރަނގަޅަށް ވިސްނާނެއެވެ. އޭނާގެ ނިޔަތް ރަނގަޅުކުރާނެއެވެ. އޭނާ މިއަދު ލިޔާ އެއްޗެއް މާދަމާ ކިޔާންޖެހޭނެކަން އެނގޭ މީހާ އެ ލިޔާ އެއްޗެއް ކުށެއްނުލައި ރަނގަޅަށް ލިޔާން މަސައްކަތް ކުރާނެއެވެ.
އޭނާގެ ކަނާތަށް ފަތް ލިބި ((ادْخُلُوهَا بِسَلَامٍ آمِنِينَ - ތިޔަބައިމީހުން ސަލާމަތްކަމާއެކު، އަމާންކަން ލިބިގެންވާ حال އެ ތަނަށް ވަންނާށެވެ!)) ބުނެވޭ މީހުންގެ ތެރޭގައި އަޅަމެން ލައްވާނދޭވެ! އާމީން!
ބައެއް ލަފުޒުގެ މާނަ:
ވަނަވެރިޔާ ނ. ވަކި ކަމެއްގައި އެންމެ މޮޅު ނަތީޖާ ހާސިލުކޮށްގެން، އެ ކަމުގައި އެންމެ މަތީ ދަރަޖައަށް ވާސިލުވެފައިވާ މީހާ ނުވަތަ ފަރާތް.
މާކުސް ނ. (1) އިމްތިޙާނެއްގެ ސުވާލަކަށް ދޭ ރަނގަޅު ޖަވާބަށް ކަނޑައަޅައިފައި އޮންނަ ޕޮއިންޓު އަދަދު. (2) ދަރިވަރެއްގެ ކިޔެވުމުގެ ފެންވަރު ހުރި ގޮތެއް ބެލުމަށް ކުރާ އިމްތިޙާނުން އޭނާ ހޯދާ ޕޮއިންޓުގެ އަދަދު. (3) ކިޔަވާ ކުއްޖެއްގެ މަސައްކަތުގެ ނުވަތަ އަޚުލާގު ނުވަތަ ފެންވަރު ލަފާކުރުމަށް މުދައްރިސަކު ދޭ ނަންބަރު.
ފަތް ނ. (1) ދީނީ ގޮތުން ނުވަތަ ޤާނޫނީ ގޮތުން ލިޔެވޭ ބައެއް ޒާތުގެ ލިއުން. (2) ބައެއް ގަސް އުފެދިފައި ހުންނައިރު ގަސްގަނޑެއް ނެތި ބުޑުން ފަޅައިފައި ހުންނަ ތަފާތު ކުލަކުލައިގެ އެކި ސިފަޔަށް ހުންނަ އެއްޗެހި. (3) ގަހާއި ވެޔޮ ހެދެމުންދާ އިރު، އޭގެ އަރިމަތީން ނުކުންނަމުން ދާ ތަނޑެއް ހުންނަ އެއްޗެއް. ގަސްގަހުގެ ހިޔާ އޮންނަނީ މީގެ ސަބަބުންނެވެ. މި ވަރަށް ތަފާތު ގޮތްގޮތަށް ތަފާތު ކުލަކުލައިގައި ހުރެއެވެ. އާންމުކޮށް ހުންނަނީ ފެހިކުލައިގައެވެ.