ޑރ. މޫސާ އަންވަރު ޙަސަން
11 ޖުލައި 2026
ނަމާދާ މެދު ވިސްނައި ފިކުރުކުރާ މީހަކަށް، ޝަހާދަތުގެ ދެކަލިމަ އިޤުރާރުވުމަށްފަހު، އިސްލާމްކަމުގެ ބާކީ ހުރި ރުކުނުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ ނަމާދުކަން އެނގޭނެއެވެ. އަދި އަޅާގެ ހުރިހައި ޢަމަލުތަކެއް ރަނގަޅުވުން ބިނާވެގެންވަނީ ނަމާދުގެ މައްޗަށެވެ. އެއީ ރަސޫލާ صلى الله عليه وسلمގެ މި ޙަދީޘްފުޅުން ސާބިތުވާ ފަދައިންނެވެ. ﴿أول ما يحاسب به العبد يوم القيامة الصلاة﴾ މާނައީ: "ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ކަމަކީ ނަމާދެވެ."
އެއީ ނަމާދުގެ މުހިންމުކަން ބޮޑުކަމުން، އެއްވެސް ޙާލަތެއްގައި އެ ނަމާދުގެ ފަރުޟުކަން ކެނޑިގެން ނުދާތީއެވެ. ނަމާދާ ޚިލާފަށް ޒަކާތާއި، ރޯދައާއި، ޙައްޖަކީ ފިޤުހު ފޮތްތަކުގައި ތަފުޞީލުކޮށް ބަޔާންވެގެންވާ ފަދައިން، އެ ކަންކަން ކުރުމަށް ނުކުޅެދިގެންވާ ޙާލަތުގައި އަޅާގެ ކިބައިން ކެނޑިގެންދާ ކަންކަމެވެ. ނަމަވެސް ނަމާދަކީ ހުރިހައި ޙާލަތެއްގައި ވެސް ކުރުން ލާޒިމުވެގެންވާ އަޅުކަމެކެވެ. އެއީ އޭގެ ސަބަބުތަކާއި ޢިއްލަތްތައް ހޯދާންނުޖެހޭ، ހަމައެކަނި އިލާހީ އަމުރުފުޅަކަށްވާތީ އަދާކުރާންޖެހޭ ތަކުލީފެކެވެ. އެހެންކަމުން ނަމާދަށް ވާޖިބު ވަގުތުތަކެއް ކަނޑައެޅިގެންވެއެވެ. އަދި ޒަރޫރީ ޙާލަތެއްގައި މެނުވީ ނަމާދު ފަސްކުރުމެއް ވެސް ނުވެއެވެ. ހަމައެހެންމެ، ނަމާދަކީ ދުނިޔެއާއި އާޚިރަތުގައި ވެސް އަޅާއަށް އޭގެ ފައިދާތައްކުރާނެ ކަމެކެވެ.
ނަމާދުގެ ވަގުތު ފަސްކުރުން ހުއްދަވެގެންނުވާ ވަގުތާ ބެހޭ ގޮތުން ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا﴾ (سورة النساء 103) މާނައީ: "ހަމަކަށަވަރުން، ނަމާދަކީ مؤمنތަކުންގެ މައްޗަށް وقت ކަނޑައެޅިގެން އޮތް فرضއެއްކަމުގައި ވެއެވެ." އަދި ކީރިތި ރަސޫލާގެ ސުންނަތުން ވަނީ ނަމާދުގެ ވަގުތުތައް ފުރިހަމައަށް ތަފުޞީލުކޮށްދީ، ނަމާދު ކުރާނެ ގޮތް ބަޔާންކޮށްދީފައެވެ. އަދި ނަމާދު ޤާއިމުކުރުމުން ދުނިޔެއާއި އާޚިރަތުގައި ލިބޭނޭ ބަދަލުތައް (ސަވާބު) ކަނޑައަޅުއްވައި، ނަމާދު ދޫކޮށްލުމަކީ އިސްލާމްދީނުގެ ދާއިރާއިން ބޭރުވެދާނެ ފަދަ އިންޒާރުތަކުން ނަމާދު ވަށައިލައްވާފައެވެ.
ނަމާދު އަދާކުރުމުގެ ދަރަޖަތައް:
ނަމާދު އަދާކުރާނެ ގޮތުގެ ފެށުމެއްވެއެވެ. ނަމަވެސް އޭގެ ނިމުމެއް ނެތެވެ. އަދި މި ދެ ކަމުގައި މީސްތަކުން ތަފާތުވެގެންވެއެވެ.
މުސްލިމު މުބުތަދީގެ ދަރަޖަ (ފަށާ މީހާގެ މަޤާމު):
ނަމާދުގެ ފެށުމަކީ ހިތުގެ ހާޒިރުވުން (ޚުޝޫޢަތްތެރިކަން) ހުރި މިންވަރަކަށް ބެލުމެއް ނެތި، ނަމާދުގެ ޝަރުޠުތަކާއި، ފަރުޟުތަކާއި، ސުންނަތްތަކާއި މުސްތަޙައްބުތަކާ އެކު ނަމާދު ޤާއިމުކުރުމެވެ. އެހެނީ ހިތްތަކުގެ ސިއްރުތައް ދެނެވޮޑިގެންވަނީ ހުސްޠާހިރުވަންތަ މާތްﷲއެވެ. މި ފަދަ ނަމާދަކީ ޝަރުޢީ ގޮތުން ޞައްޙަ ނަމާދެކެވެ. އަދި އެ ނަމާދު ޤަބޫލުކުރެއްވުން ބިނާވެގެންވަނީ އަޅާގެ އިޚުލާޞްތެރިކަމުގެ މައްޗަށެވެ. މި ދަރަޖައިގައި އޭނާ ހިތް މާތްﷲ ގެ ޙަޟުރަތަށް ޙާޒިރުކުރަން ތަމްރީނުވެ، ﷲ ހަނދުމަކުރުމުން ހިތްތަކަށް ހަމަޖެހުން ލިބޭ ވަރުގަދަ އީމާންކަމަކަށް ވާޞިލުވެއެވެ. ﴿أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ (سورة الرعد 28) މާނައީ: "ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"
މުއުމިނެއްގެ ދަރަޖަ:
ހިތުގެ ހާޒިރުވުން އިތުރުވި ވަރަކަށް، އަޅާގެ ނަމާދު ރަނގަޅުވުމަށާއި ޤަބޫލުކުރެއްވުމަށް ގާތްވެއެވެ. ހަދީޘްގައިވެއެވެ. (أقرب ما يكون العبد من ربه وهو ساجد) މާނައީ: "އަޅާ އޭނާގެ ވެރިރަސްކަލާނގެއާ އެންމެ ކައިރިވަނީ ސަޖިދައިގައި އޮންނަ ހިނދެވެ." މިއީ މާތްﷲއަށް ބިރުވެތިވެ، ނަމާދުގައި ޚުޝޫޢަތްތެރިވާ މުއުމިނާގެ މަޤާމެވެ. ﴿وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ﴾ (سورة البقرة 45) މާނައީ: "ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)
މުޙްސިނެއްގެ ދަރަޖަ (އިޙްސާންތެރިޔާގެ މަޤާމު):
އަޅާ ޚުޝޫޢަތްތެރިކަމަށް ތަމްރީނުވެ، އޭނާގެ ހިތް މާތްﷲއާ އެކު ސާބިތުވެއްޖެ ނަމަ، ނަމާދުގެ ހުރިހައި ޙަރަކާތްތަކެއްގައާއި ހިމޭންވުންތަކުގައި އޭނާ ކަލާނގެ ދެކެދެކެ ހުރެ، އަޅުކަންއަދާކުރާ މީހަކު ފަދައިން ބިރުވެތި ކަމާއެކު އެ އަޅުކަން އަދާކުރާނެއެވެ. މިއީ މުޙްސިނާގެ ނަމާދެވެ. އެއީ ޙަދީޘްގައިވާ ފަދައިންނެވެ. ﴿أن تعبد الله كأنك تراه فإن لم تكن تراه فإنه يراك﴾ މާނައީ: "އިޙްސާންތެރިކަމަކީ ތިބާއަށް މާތްﷲ ފެންނަ ފަދައިން އެކަލާނގެއަށް އަޅުކަން ކުރުމެވެ. ފަހެ، ތިބާއަށް އެކަލާނގެ ނުފެނުނު ކަމުގައި ވިޔަސް، ހަމަކަށަވަރުން އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ." މިއީ ނަމާދުން ވާޞިލުވާންޖެހޭ ޙަޤީޤީ މަޤްޞަދެވެ. އޭރުން މާތްﷲ ގެ މި ވަޙީބަސްފުޅު ޙަޤީޤަތަކަށް ވެދެއެވެ. ﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ﴾ (سورة العنكبوت 45) މާނައީ: "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ."
ނަމާދުގައި އިހުމާލުވުމުގެ ނިޝާންތައް:
ނަމާދުގައިވާ އިހުމާލުވުންތައް ދެނެގަތުމަށްޓަކައި، ނަމާދުގެ ފައިދާތައް ދެ ކަލިމައަކުން ޚުލާޞާކޮށްދޭ މި މާތް އާޔަތުގެ މަޤްޞަދު އަހަރެމެންނަށް ޙާޞިލުކުރެވުނީ ކިހާވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކުރާންޖެހެއެވެ. މާތްﷲ ވަޙީކުރައްވައެވެ. ﴿إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ﴾ (سورة العنكبوت 45) މާނައީ: "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ." "الفحشاء" (ހުތުރުކަން ބޮޑު ފާފަ) އަދި "المنكر" (މުންކަރާތް)އަކީ ނިޔަތާއި، ބަހާއި، ޢަމަލުގެ ގޮތުން ކުރެވޭ ހުރިހާ ނުބައިކަމެއް ޝާމިލުވާ ދެ ކަލިމައެވެ.
އިސްލާމީ މުޖުތަމަޢެއް ނަމާދުގައި ހިފަހައްޓައިފައިވާ މިންވަރު ފެންނާން އޮތީ މިސްކިތްތައް ފުރިބާރުވުމަކުން ނުވަތަ ހެނދުނާއި ހަވީރު މިސްކިތްތައް ނަމާދަށް އަރާ މީހުންގެ ސަބަބުން ފުރި ބާރުވުމަކުން ނޫނެވެ. އޭގެ ބަދަލުގައި އެ މުޖުތަމަޢެއްގައި ފާފަތަކާއި މުންކަރާތްތައް މަދުވުމުންނެވެ. އެހެނީ ނަމާދުގެ ފައިދާތަކުގެ ތެރޭގައި މުޖުތަމަޢު އަނިޔާވެރިކަމާއި، ފާސިޤުކަމާއި، ފާޙިޝްކަމުން ޠާހިރުކުރުން ހިމެނެއެވެ. ނަމަވެސް މިއަދު އިސްލާމީ ގިނަ ޤައުމުތަކުން މި ބުނި ނުބައިކަންތައްތައް ފެންނަމުންދެއެވެ. އެހެންވީމާ، ނަމާދުގެ އަސަރު ކޮބައިހެއްޔެވެ؟ އެއީ އެބައިމީހުން ނަމާދަށް ދޭންޖެހޭ ޙައްޤު (ހިތުގެ ޙާޒިރުވުން) ދިނުމުގައި އިހުމާލުވާތީއެވެ. ވަކިވަކި ފަރުދުންގެ ގޮތުންނާއި ޖަމާޢަތުގެ ގޮތުން ވިޔަސް، ހިތުގެ ޙާޒިރުވުން އެންމެ ބޮޑު މީހަކީ ފާފަތަކާއި މުންކަރާތްތަކަށް އެންމެ ދުރުމީހާއެވެ. މިއީ ނަމާދުކޮށް، ނަމަވެސް އޭގެ ޙައްޤު އަދާނުކުރާ ގިނަގުނަ މީހުންގެ ޙާލަތެވެ. އެހެނީ ނަމާދަކީ ހަމައެކަނި ކޮޅަށް ހުރުމާއި، ރުކޫޢުކުރުމާއި، ސަޖިދަކުރުމުގެ ޙަރަކާތްތަކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އިލާހީ ޙަޟުރަތަށް ހިތް ދަތުރުކުރުވުމެކެވެ. ދުވާލަކު ފަސް ފަހަރު މި ފުރުޞަތު ތަކުރާރުވުމުން، ނަމާދުކުރާ މީހާގެ ފާފަތަކާއި މުންކަރާތްތަކުން ދުރުވުމަށް ތަމްރީނުވެއެވެ. އެއީ ރާބޯ މީހާ، ނަމާދު ވަގުތު ކައިރިވުމުން ރާބުއިން ހުއްޓާލުމުން، މުޅިން ރާބުއިން ދޫކޮށްލުމަށް އަމިއްލަ ނަފްސު ތައްޔާރުކުރާ ފަދައިންނެވެ. ﴿ لَا تَقْرَبُوا الصَّلَاةَ وَأَنتُمْ سُكَارَىٰ حَتَّىٰ تَعْلَمُوا مَا تَقُولُونَ... ﴾ (سورة النساء 43) މާނައީ: "ތިޔަބައިމީހުން (ނަމާދުގައި) ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގިއްޖައުމަށް ދާނދެން، ތިޔަބައިމީހުން މަސްތުވެގެން ތިބޭ حال ތިޔަބައިމީހުން ނަމާދާ ގާތްނުވާށެވެ!" އެހެންކަމުން ނަމާދަށް އާދަވާންވީ ހުތުރު ބަސްތަކާއި ނުބައި ޢަމަލުތަކުން މުޅިން ދުރުވުމަށް ޓަކައެވެ. އެހެން ނޫން ނަމަ، މުސްލިމެއްގެ ކިބައިގައި ނަމާދުގެ އަސަރަކީ ކޮބައިހެއްޔެވެ؟ އެހެންނަމަވެސް، އިސްލާމީ މުޖުތަމަޢުތަކުގައި ފާފަތަކާއި މުންކަރާތްތައް ފެތުރިފައިވާ މިންވަރު ބިރުވެރި ދަރަޖައަކަށް ފާޅުވާން އެބަ އޮތެވެ. އެއީ ކުރީން ބަޔާންކުރި ފަދައިން ނަމާދުގައި އިހުމާލުވުމުގެ ސަބަބުންނެވެ.
ދާޢީންގެ ޒިންމާއާއި މުޖުތަމަޢުގެ މަޞްލަޙަތު:
އިސްލާމީ ގިނަ ޤައުމުތަކުގައި، ޚާއްޞަކޮށް ޒުވާން ފިރިހެނުންނާއި އަންހެނުންގެ މެދުގައި ނަމާދަށް ކުރިމަތިލުމުގެ މަންޒަރު ފެނުނު ކަމުގައިވިޔަސް، އޭގެ ތެރެއިން ގިނަ ބަޔަކު ނަމާދަށް އަންނަނީ ހަމައެކަނި އެމީހުންގެ ކާބަފައިން ނަކަލުކޮށްގެން (ތަޤުލީދުކޮށްގެން) ނެވެ. ﴿قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا ۚ أَوَلَوْ كَانَ آبَاؤُهُمْ لَا يَعْلَمُونَ شَيْئًا وَلَا يَهْتَدُونَ﴾ (سورة المائدة 104) މާނައީ: "އެއުރެން ބުނެތެވެ. ތިމަންމެންގެ ކާބަފައިން އުޅުނީތީ ތިމަންމެންނަށް ފެނުނު ގޮތް ތިމަންމެންނަށް ފުދެއެވެ. ފަހެ، އެއުރެންގެ ކާބަފައިންނީ، އެއްވެސް އެއްޗެއް ނުދަންނަ، އަދި ތެދުމަގު ލިބިގެންނުވާ ބަޔަކުކަމުގައި ވީނަމަވެސްހެއްޔެވެ؟" އެހެންކަމުން، ޠަހާރަތާއި ނަމާދުގެ ފިޤުހީ ޙުކުމްތަކަށް އެބައިމީހުން ހޭލުންތެރިކުރުވާނޭ ބަޔަކަށް ބޭނުންވެއެވެ. އެހެނީ އެބައިމީހުންގެ ތެރެއިން ގިނަ މީހުން ނަމާދުކުރަނީ އޭގެ ޙުކުމްތައް ނޭނގި ތިބެ، ހަމައެކަނި އެހެން މީހުން ކުރާތީ ފެނިގެންނެވެ.
ދެނެގަންނަންޖެހޭ ކަމަކީ، އަޙުކާމުތަކުގެ ތެރޭގައި ނަމާދާއި، ޠަހާރަތާއި، ރޯދައިގެ އަޙުކާމުތައް ފަދަ ކޮންމެ މުސްލިމެއްގެ މައްޗަށް އުނގެނުން ފަރުޟުޢައިން ވެގެންވާ ކަންކަން ހިމެނެއެވެ. މިއީ ދާޢީން (ދީނަށް ގޮވައިލާ މީހުން)، މުސްލިމުންގެ މި ގުރޫޕަށް ނަޞޭޙަތްދީ، ހޭލުންތެރިކަން އިތުރުކުރުމަށް މާބޮޑަށް ސަމާލުކަން ދޭންޖެހޭ ކަމެކެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ މާއްދީ އަދި މައުނަވީ ކުޅަދާނަކަން ހުރި މިންވަރަކުންނެވެ. ހޭލުންތެރިކުރުވުމާއި އުނގަންނައިދިނުމުގެ ވާޖިބު އަދާނުކުރުމަކީ ވެސް ނަމާދުގެ ކަންކަމުގައި އިހުމާލުވުމުގެ ތެރެއިންވާ ކަމެކެވެ.
މި ހުރިހައި ކަމަކަށްވުރެ ނުބައިވެގެންވާ ކަމެއް އެބަ އޮތެވެ. އެއީ ނަމާދު ވާޖިބުކަމަށް ޤަބޫލުކުރާ ޙާލު، ނަމާދަށް ފަރުވާކުޑަކޮށް، މުޅީން ނަމާދު ދޫކޮށްލާ ހިސާބަށް ދިއުމެވެ. މިއީ އިސްލާމީ މުޖުތަމަޢަށް ކުރިމަތިވާ އެންމެ ބޮޑު މުޞީބާތެވެ. މީގެ ނުބައި އަސަރުން އިސްލާމީ މުޖުތަމަޢުގެ އެއްވެސް ފަރުދަކަށް ސަލާމަތެއް ނުވެވޭނެއެވެ. އެހެނީ މުޖުތަމަޢު ބިނާވެގެންވަނީ އާއިލާތަކުގެ މައްޗަށެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا﴾ (سورة طه 132) މާނައީ: "އަދި ކަލޭގެފާނުގެ أهل ވެރީންނަށް ނަމާދުކުރުމަށް أمرކުރައްވާށެވެ! އަދި އެ ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ!"
އިސްލާމްދީނުގައި އާއިލާއެއް ނެތް ފަރުދަކު ހުންނާނެކަމަށް ތަޞައްވުރުނުކުރެވޭ ފަދައިން، ފަރުޟު ނަމާދުނުކުރާ މުސްލިމަކު ހުންނާނެކަމަށް ވެސް ތަޞައްވުރެއްނުކުރެވެއެވެ. އެހެންކަމުން ސުންނަތުން ބަޔާންވެގެންވަނީ އިސްލާމްކަމާއި ކުފުރާ ދެމެދުގައިވަނީ ނަމާދު ދޫކޮށްލުންކަމަށެވެ. އަދި ނަމާދު ދޫކުރާ މީހާ ތިން ފަހަރު ތައުބާވުމަށް ގޮވައިލެވޭނެއެވެ. ނަމާދުކޮށްފި ނަމަ ސަލާމަތްވީއެވެ. ނޫންނަމަ އޭނާއަކީ މުރުތައްދުވި (ދީނުން ބޭރުވި) މީހެއްގެ ގޮތުގައި ބެލެވޭނެއެވެ. މިއީ މިއަދު ގިނަ މުސްލިމުންނަށް ނޭނގޭ ކަމެކެވެ. މިއިން ދޭހަވަނީ މުސްލިމުންގެ އަދަދު ގިނަވީ ނަމަވެސް، ގިނަ ބަޔަކު އަދިވެސް އެ މީހުންގެ ދީން ނޭނގި ތިބިކަމެވެ. އަދި މިއީ ދާޢީންގެ ފަރާތުން ވެސް އިހުމާލުވުމެއް ވާކަމުގެ ހެތްކެކެވެ. މުސްލިމް އުންމަތުގެ ފަރުދުންނަށް އުނގަންނައިދީ، ހޭލުންތެރިކުރުވައި، ނަޞޭޙަތްތެރިވުމުގައި ދާޢީންގެ މައްޗަށް ބޮޑު މަސްއޫލިއްޔަތެއްވެއެވެ.
ނިންމުން
މާއްދީ އަދި މަޢުނަވީ ކުޅަދާނަކަމުގެ ގޮތުން، އެކަކާ އަނެކަކާއި އެއް މުއައްސަސާއާ އަނެއް މުއައްސަސާގެ މަސްއޫލިއްޔަތުތައް ތަފާތުވެގެންވެއެވެ. މި ދެ ބައިން ވެސް އިސްލާމީ ދަޢުވަތުގެ ލަނޑުދަނޑިތައް ޙާޞިލުކުރެވެއެވެ. އިސްލާމްދީނަށް ޚިދުމަތްކުރާން ބޭނުންވާ ކޮންމެ މީހަކު ވެސް ދަޢުވަތުގެ މަސައްކަތް ކާމިޔާބުކުރުމުގައި ބައިވެރިވުމަށް އެ މީހެއްގެ ފުރިހަމަ ހިތްވަރުލާންޖެހެއެވެ. ތަނަވަސްކަން ހުރި މީހުން އެ މީހުންގެ މުދަލުން ހޭދަކޮށް، ޚައިރާތު ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް އެހީތެރިވާންޖެހެއެވެ. އަދި އެ މުއައްސަސާތަކުން މުޖުތަމަޢުގައި އިސްލާމްދީނާއި އޭގެ ތަޢުލީމުތައް ފެތުރުމުގެ ވާޖިބު އަދާކުރުމަށް ޓަކައި ބޭނުންވާ ތަކެތި ބެހުމާއި ފަންޑުކުރުމުގެ މެދުވެރިއެއްގެ ދައުރު އަދާކުރެއެވެ. ﴿وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ ۖ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ ﴾ (سورة المائدة 2) މާނައީ: "އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިނުވާށެވެ!"
އެންމެ ފުރަތަމަ ދަޢުވަތުގެ މަރުކަޒެއްގެ ގޮތުގައި އަލްއަރްޤަމް ބިން އަބީ އަލްއަރްޤަމްގެ ގެކޮޅުން ފެށުނު ފެށުމަކީ، ބަރަކާތްތެރި އަދި ވަރުގަދަ ފެށުމެކެވެ. އޭގެ ސަބަބުން ލިބުނު ފާހަގަކޮށްލެވޭ ނަތީޖާތަކަށް ޓަކައި އެ މަގުން ކުރިއަށްދާންޖެހެއެވެ. (الصلاة عماد الدين فمن أقامها فقد أقام الدين ، ومن تركها فقد هدم الدين) މާނައީ: "ނަމާދަކީ ދީނުގެ ތަނބެވެ. ފަހެ، އެ ނަމާދު ޤާއިމުކޮށްފި މީހާ ދީން ޤާއިމުކޮށްފިއެވެ. އަދި އެ ނަމާދު ދޫކޮށްލައިފި މީހާ ދީން މުގުރައިލައިފިއެވެ." މިއީ ޢާންމު މުސްލިމުންނަށް އެނގިފައިވާ ކަމެއް ނޫނެވެ. އުންމަތުގެ ޢިލްމުވެރިންގެ ދައުރަކީ އުންމަތުގެ ދަރީންނަށް އުނގަންނައިދީ، މަގުދެއްކުމެވެ. (إنما بعثت معلما) މާނައީ: "ހަމަކަށަވަރުން، ތިމަންކަލޭގެފާނު ފޮނުއްވުނީ މުޢައްލިމެއް (އުނގަންނައިދޭ ބޭކަލަކު) ކަމުގައެވެ."
މަރުޖާ:
އަޙްމަދު ބައްކާރު އަޙްމަދު އައްޝައިޚް އިންޔާންގް ދަކާރު، ޛުލްޙިއްޖާ 1445ހ. (13 ޖޫން 2024މ.)