ad_banner
މުޢާވިޔަތު ބިން ޔަޒީދު އާއި ޔަޒީދު ބިން މުޢާވިޔާގެ ތަފާތު

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

10 ޖުލައި 2026

މުޢާވިޔަތު ބިން ޔަޒީދަކީ، ޔަޒީދު ބިން މުޢާވިޔާގެ ޞާލިޙު ދަރިކަލުންނެވެ. އެއީ އުމަވީ ޚާންދާނުގެ ތިންވަނަ ޚަލީފާއެވެ. މުޢާވިޔަތު ބިން ޔަޒީދަކީ، އޭނާގެ ބައްޕައާއި މުޅީން ތަފާތު ޝަޚުޞިއްޔަތެކެވެ.

ހިޖުރައިން 64ވަނަ އަހަރު ޔަޒީދު ބިން މުޢާވިޔާ މަރުވުމަށް ފަހު، އޭނާގެ ދަރިކަލުން މުޢާވިޔަތު ބިން ޔަޒީދު ޚަލީފާއަކަށް އިސްކުރެވުނެވެ. އޭނާގެ ކުރު ޚިލާފަތުގައި ތާރީޚުގައި އެ ފަދަ މިސާލެއް ހޯދާން އުނދަގޫ އަދި ހިތްވަރުފުޅުގަދަ ނިންމެވުމެއް ނިންމެވިއެވެ.

އެ ދުވަސްވަރު އުމަވީ ޚިލާފަތުން ދިޔައީ ތިން ބައްރެއްގެ މައްޗަށް ވެރިކަންކުރަމުންނެވެ. އާރާއި، ބާރާއި، ޝުހުރަތާއި، މުއްސަނދިކަމާއި، ލަޝްކަރުތަކާއި، ހުރިހައި ފަސޭހަތަކެއް ވަނީ އޭނާގެ ފައިތިލަފުޅުގެ ދަށުގައެވެ. ދުޝްމަނުންގެ ބާރު ވަނީ ދަށްވެފައެވެ. އުމަވީ ދައުލަތަކީ އެ ވަގުތު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ އަމްބަރާޠޫރިއްޔަތެވެ. ފެންނަ ފެނުމުގައި ދުނިޔޭގައި ލެއްވި ހުރިހައި ނިޢުމަތެއް އޭނާއަށް ލިބިވަޑައިގެންފައިވެއެވެ.

މުޢާވިޔަތު ބިން ޔަޒީދު، ޚަލީފާކަން ކުރެއްވީ މަދު ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެންނެވެ. ބައެއް ރިވާޔަތްތަކަށް ބަލާ އިރު، މުޢާވިޔަތު ބިން ޔަޒީދުގެ ޚިލާފަތުގެ މުއްދަތަކީ 40 ދުވަހެވެ. އޭނާގެ ބައްޕަ ޔަޒީދުގެ އަނިޔާވެރި ޢަމަލުތަކާއި، ވަކީން ޚާއްޞަކޮށް ކަރުބަލާގެ ހިތާމަވެރި ހާދިސާއާއި، މަދީނާއަށް ޙަމަލާދިނުމުގެ ޙާދިސާއާއި، އޭނާގެ ސިފައިން މައްކާގައި ހިންގި ބޮޑެތި ޖަރީމާތައް އޭނާއަށް އެނގިވަޑައިގަތުމުން އޭނާގެ ޒަމީރު އެ ކަންކަން ގަބޫލުކުރައްވާން ދެކޮޅުހެއްދެވިއެވެ. އަދި އެ ކަމުގެ ސަބަބުން އޭނާއަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަނިޔާ ލިބިވަޑައިގަތެވެ.

މި ދެންނެވި ސަބަބުތަކާ ހުރެ، އެއް ދުވަހަކު، ދިމިޝްޤުގެ ބޮޑު މިސްކިތަށް އުމަވީ ދައުލަތުގެ ވެރީންނާއި، ރައްޔިތުން އެއްކުރައްވައި، މިންބަރުކޮޅަށް އަރައިވަޑައިގެން ތާރީޚީ ޚުޠުބާއެއް ދެއްވިއެވެ. މިސްކިތަށް އެއްވެފައިވާ މީހުންގެ ކުރިމަތީގައި ބައްޕަ ޔަޒީދާއި، ކާފާފުޅު އަމީރު މުޢާވިޔަތު رضي الله عنهގެ ނިންމެވުންތަކާ މެދު ހިތާމަފުޅުކުރައްވައި، އޭނާގެ މަޢުސޫމްކަން ފާޅުކުރައްވައި ސާފު ބަސްފުޅުތަކުން ވިދާޅުވިއެވެ. [އިސްލާމީ ޚިލާފަތަކީ އަހުރެންގެ ޙައްޤެއްނޫނެވެ. އެއީ، ރަސޫލު الله صلي الله عليه وسلّمގެ އަހުލުބައިތުންގެ ޙައްޤެކެވެ. އަޑުއަހާށެވެ! އަނިޔާވެރިކަމުގެ ބިންގަލުގެ މަތީގައި ޤާއިމުކޮށްފައިވާ ތަޚުތާއި، އަދި އެ ބާރެއްގެ ދަށުގައި ރަސޫލާ صلى الله عليه وسلمގެ އާލުންގެ ލޭފޮދު އޮހޮރުވައިފައިވާ ބާރަށް އަހުރެން ލަޢުނަތް ދެމެވެ. މިދައުލަތަކީ ތިޔަބޭފުޅުންގެ ދައުލަތެވެ. ބޭނުން މީހަކަށް ދެއްވާށެވެ! އެ ފަދަ ބާރެއް އަހުރެން ބޭނުމެއްނޫނެވެ.]

އަދި ޔަޒީދު ބިން މުޢާވިޔާގެ އަނިޔާވެރި ޢަމަލުތައް، ފާޅުގައި ކުށްވެރިކުރައްވައި، އެ ފާފަތަކުގެ ބުރަ އޭނާއަށް ނުއުފުއްލެވޭނެކަމަށް ވިދާޅުވިއެވެ. އަދި ޚުޠުބާ ނިންމަވައިލައްވަމުން ޚިލާފަތުން އިސްތިޢުފާ ދެއްވިކަން އިޢުލާންކުރައްވައި، އެކަހެރިވެ ވަޑައިގެން ގެކޮޅުގައި ހުންނެވިއެވެ. ޔަޒީދުގެ އަމިއްލަ ދަރިކަލުން އޭނާގެ ބައްޕަގެ އަނިޔާވެރި ޢަމަލުތަކަށް ލަޢުނަތްދެއްވުންވީ އުމަވީ ޚާންދާނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމަކަށެވެ.

އެ ޙަޤީޤަތްތައް ހާމަކުރެއްވުމާއި، އަދި ވެރިކަމުން ދުރުވެވަޑައިގަތްތާ މާ ގިނަ ދުވަހެއް ނުވެ، ހިޖުރައިން 64ވަނަ އަހަރު، ޢުމުރުފުޅުން އެންމެ 22 އަހަރުފުޅުގައި މުޢާވިޔަތު ބިން ޔަޒީދު އަވަހާރަވިއެވެ. ތާރީޚު ޢިލްމުވެރީންގެ ތެރެއިން ގިނަ މުވައްރިޚުން ޤަބޫލުކުރާ ގޮތުގައި އުމަވީންނަށް، އިސްލާމީ އުންމަތުގައި ލިބުނު ބަދުނާމާއި، ޚިލާފަތު ގެއްލިގެން ހިނގައިދާނެކަމުގެ ބިރަށް ޓަކައި، އޭނާއަށް ޒަހަރު ދެއްވައިގެން އަވަހާރަކޮށްލީއެވެ. އެއް ފަރާތުން ހުންނެވީ އޭނާގެ އުފަން ބައްޕަގެ އަނިޔާވެރި ޢަމަލުތަކާއި، ލާއިންސާނީ ޖަރީމާތަކާއި، ބޮޑެތި ފާފަތަކާ މެދު ނުރުހުންވެވަޑައިގެން ހަރުކަށިކަމާ އެކު، އެ ކަންކަމުން ބަރީއަވެވަޑައިގެން ހުންނެވި މުޢާވިޔަތު ބިން ޔަޒީދެވެ. އަނެއް ކޮޅުގައި ތިބީ ކޮންމެ ގޮތެއް ހަދައިފައި ވެސް، އުމަވީ ޚާންދާނުގެ ވެރިކަން ދިފާޢުކޮށް ދަމަހައްޓާން ބޭނުންވެފައިވާ އެ ޚާންދާނުގެ ވާރިސުންނެވެ.

ޔަޒީދު ބިން މުޢާވިޔާގެ އަސްލު އަދި ޙަޤީޤީ ދަރިކަލުން، އޭނާގެ ބައްޕައަށް ލަޢުނަތް ދެއްވުމަށްފަހު، ޚަލީފާކަން ދޫކުރައްވައި ވަޑައިގަތް އިރު، އޭގެ 1400 އެތައް އަހަރެއް ފަހުން ދުނިޔެއަށް އުފަންވެފައިވާ މިހާރުގެ ޔަޒީދީންނަށް، ޔަޒީދު ބިން މުޢާވިޔާގެ ކިބައިން މާތްކަމާއި، ތަޤުވާވެރިކަމާއި، ހެޔޮކަން ފެންނަކަމީ އަޖާއިބުވާންޖެހޭ ކަމެއް ނޫންހެއްޔެވެ؟

މުޢާވިޔަތު ބިން ޔަޒީދު އުމަވީ ދައުލަތުގެ ތަޚުތުގައި އިށީނދެވަޑައިގަތީ ޢުމުރުފުޅުން އެންމެ 22 އަހަރުފުޅުގައެވެ. އޭނާ ވެރިކަން ކުރެއްވީ އެންމެ 40 ދުވަހުއެވެ. ނިކަން ވިސްނައިލަބަލާށެވެ. އުމަވީ ދައުލަތުން ދިޔައީ ތިން ބައްރެއްގައި ވެރިކަން ކުރަމުންނެވެ. ވެރިކަމުގެ އާރާއި، ބާރާއި، ޝަރަފާއި، މުއްސަނދިކަމުގެ ޚަޒާނާތައް ވަނީ އޭނާގެ ބާރުގެ ދަށުގައެވެ. އެކަމަކު، އެ ޒުވާނާ ހުރިހައި ކަމެއް ދޫކޮށްލައްވައި، ޙައްޤުގެ މަގަށް ރުޖޫޢަވެވަޑައިގަތެވެ. އޭނާ، ރަސްކަމާއި، ތާޖާއި، ތަޚުތުގައި ކޮޅުފައިން ޖައްސަވައި އަނިޔާވެރިކަމުގެ މަގުން އެއްކިބާވެ ވަޑައިގަތެވެ.

އެއީ އަސްލު ފިލާވަޅެވެ. ތެދު ބުނާށެވެ! ހުރިހައި ޙާލަތެއްގައި ވެސް ތެދުބަހުން ވާހަކަދައްކާށެވެ! ހަމައެކަނި މަދު ފައިސާކޮޅެއްގެ ބޭނުމުގައި ދޮގުނުހަދާށެވެ. ހަމައެކަނި ވަޒީފާއާއި، ޕާޓީއަށް ޓަކައި ދޮގުނުހަދާށެވެ! އަމިއްލަ މަންފާއަށް ޓަކައި ތެދުވެރިކަމުގެ މަގު ދޫކޮށްނުލާށެވެ! މުސްލިމެއްގެ ހުވިއްޔަތަކީ އޭނާ ލާ ހެދުމެއްނޫނެވެ. އޭނާގެ އެންމެ މަތިވެރި ހުވިއްޔަތަކީ ޙައްޤާއި، ބާޠިލު ވަކިކޮށް ދެނެގަތުމާއި، އަމާނާތްތެރިކަމެވެ. މީސްތަކުން ތިބާއާ މެދު މި ފަދައިން ބުނާނެ ޝަޚުޞިއްޔަތެއް އުފައްދާށެވެ! [އޭނާއަކީ މުސްލިމެކެވެ. އޭނާ ދޮގެއް ނުހަދާނެއެވެ.] ހަނދާންކުރާށެވެ! ބާރަކީ ނިމުމެއްވާ އެއްޗެކެވެ. ނަމަވެސް ތެދު އަބަދު ވެސް ނިމުމެއް ނެތި، ދެމިއޮންނާނެއެވެ.

 

ލަފުޒެއްގެ މާނަ:

ހުވިއްޔަތު    ނ.     (1) މީހާގެ ޙަޤީޤަތާއި ޚާއްޞަ ސިފަތައް. (2) މީހާގެ ޝަޚްޞިއްޔަތާއި ޚައްޞަ މަލަތައް. (3) ކަކުކަން ބުނެދޭ ބުނެދިނުން. identity

ކޮމެންޓު