ޑރ. މޫސާ އަންވަރު ޙަސަން
9 ޖުލައި 2026
الإمام الحارث بن أسد المحاسبي (ت 243هـ) ހިމެނިވަޑައިގަންނަވަނީ، އިންސާނާގެ އެތެރެހަށި ބިނާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވި، އީމާނީ ތަރުބިއްޔަތުގެ ޢިލްމުވެރީންގެ ތެރެއިން އެންމެ ކުރީގެ ބޭފުޅުންގެ ތެރޭގައެވެ. އެ ބޭފުޅުން ހިތް އިޞްލާޙުކުރުމަކީ އަޚުލާޤާއި އުޅުން އިޞްލާޙުވުމުގެ އަސާސްކަމުގައި ހެއްދެވިއެވެ. އަދި ނަފްސު ހިސާބުކުރުމަކީ ރޫޙު ތަޒުކިޔާކުރުމަށް އޮތް މަގެއްކަމުގައްޔާއި، މާތްﷲ ބައްލަވައިވޮޑިގެންވާކަން ހަނދުމަކުރުމަކީ މުސްލިމް ޝަޚުޞިއްޔަތެއް ބިނާކުރުމުގެ މޫލުންކަމުގައި ހެއްދެވިއެވެ.
އެ ކަލޭގެފާނުގެ މަންހަޖު މަޝްހޫރުވެފައިވަނީ އިންސާނީ ނަފްސުގެ ފުންމިނާއި، އޭގެ ހިތްވަރާއި، އޭގެ ނުބައިކަމާއި، އެ ނަފްސު ތަހުޒީބުކުރާނެ ވަސީލަތްތައް ވަރަށް ފުރިހަމައަށް ދިރާސާކުރައްވައި ތަޙުލީލުކުރައްވައިފައިވާލެއް ފުރިހަމަކަމުންނެވެ. އެހެންކަމުން ބައެއް ދިރާސާވެރީން އެކަލޭގެފާނަކީ މިއަދު މިކިޔާ "އިސްލާމީ ތަރުބަވީ ނަފްސާނީ ޢިލްމު" (Islamic Educational Psychology)ގެ އެންމެ ފުރަތަމަ މުއައްސިސުންގެ ތެރެއިން ބޭފުޅެއްކަމުގައި ބަލައެވެ. މި މަންހަޖުގެ ސިފަތައް ނެގިފައިވަނީ އެކަލޭގެފާނުގެ އަގުހުރި ފޮތްތަކުންނެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އުޅެނީ (الرعاية لحقوق الله، وآداب النفوس، والتوهم، وفهم القرآن) އެވެ. މި ހުރިހައި ފޮތްތަކެއް ވެސް އެނބުރެނީ މުރާޤަބާއާއި މުޙާސަބާއާއި ނަފްސު ތަޒުކިޔާކުރުމާއި ހިތް ދިރުވުމުގެ މައްޗަށެވެ. ނަމާދާ މެދު އެކަލޭގެފާނު ގެންގުޅުއްވި ތަޞައްވުރަށް ފުންކޮށް ބަލާ އިރު، ނަމާދަކީ ހަމައެކަނި ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރެވޭ އަޅުކަމެއް ނޫންކަން އެނގެއެވެ. އެއީ އިންސާނާ ނަފްސާނީ ގޮތުންނާއި، ރޫޙާނީ ގޮތުންނާއި، އަޚުލާޤީ ގޮތުން އަލުން ބިނާކޮށްދޭ ފުރިހަމަ ތަރުބަވީ މަޝްރޫޢެކެވެ. މީގެ އެއް ހާސް އަހަރެއްހައި ކުރީން އަލްމުޙާސިބީ ދެއްކެވި ގިނަ ވާހަކަފުޅުތަކަކީ، މިއަދުގެ ޒަމާނީ ނަފްސާނީ އަދި ތަރުބަވީ ދިރާސާތަކުގެ މައިގަނޑު މައުޟޫޢުތަކަށް ވެފައިވާ ކަމެކެވެ. އޭގެ ތެރޭގައި އަމިއްލަ ނަފްސު ކޮންޓުރޯލުކުރުން (Self-Regulation)، އަމިއްލަ ނަފުސަށް ހޭލުންތެރިވުން (Self-Awareness)، އަމިއްލަ ނަފްސު މުރާގަބާކުރުން (Self-Monitoring)، ޖަޒުބާތުތައް ކޮންޓުރޯލުކުރުން (Emotional-Regulation)، އަދި މާނަ ބިނާކުރުން (Meaning-Making) ހިމެނެއެވެ.
ފުރަތަމަ: ނަމާދަކީ މުރާޤަބާގެ (Self-Monitoring) މަދަރުސާއެކެވެ. އަލްމުޙާސިބީ ދެކެވަޑައިގަންނަވާ ގޮތުގައި މާތް ﷲގެ މަގަށް ދިއުމުގެ އަސާސަކީ ދާއިމީ މުރާޤަބާއެވެ. އެބަހީ، ކޮންމެ ޙާލަތެއްގައި ވެސް އަޅާގެ މައްޗަށް މާތްﷲ ބައްލަވައިވޮޑިގެންވާކަން ހިތަށް ގެނައުމެވެ. ނަމާދަކީ މި މާނަ ތަރުބިއްޔަތުކޮށްދޭ އެންމެ ބޮޑު ޢަމަލީ މަދަރުސާއެވެ. ސަބަބަކީ މުސްލިމަކު އޭނާގެ ވެރިރަސްކަލާނގެ ކުރިފުޅުމަތީގައި ކޮޅަށް ހުންނަ އިރު، މާތް ﷲގެ މި ވަޙީބަސްފުޅު އިޙްސާސްކުރާތީއެވެ. ﴿أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى﴾ (سورة العلق: 14) މާނައީ: "ހަމަކަށަވަރުން، اللَّه ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީހެއްޔެވެ؟"
ޒަމާނީ ތަރުބަވީ ނަޒަރަކުން ބަލާއިރު، މުރާޤަބާއަކީ "އަމިއްލަ ނަފްސު މޮނިޓަރކުރުން" (Self-Monitoring) ކަމަށް ބުނާ ސިފައެވެ. އެއީ އިންސާނާއަށް އޭނާގެ އުޅުމަށް ފާރަވެރިވެ، ދާއިމީކޮށް އެކަން އިޞްލާޙުކުރުމުގެ ކުޅަދާނަކަން ލިބުމެވެ. މުސްލިމެއްގެ ހިތުގައި މާތްﷲ އަށް އޮތް ބިރުވެތިކަމާއި ފާރަވެރިކަން ފުންވި ވަރަކަށް، އޭނާ ބޭރުގެ ނުފޫޒުތަކަށް ބޯލެނބުން ކުޑަވެ، އޭނާގެ އަގުތަކާއި އުޞޫލުތަކަށް ބޮޑަށް ސާބިތު ވާނެއެވެ.
ދެވަނަ: ނަމާދަކީ ނަފްސު ހިސާބުކުރުމުގެ (Self-Reflection) ދުވަހީ ތަމްރީނެކެވެ. އަލްމުޙާސިބީ ދެކެވަޑައިގަތީ، ނަފްސަކީ ޣާފިލުކަމާއި އެދުންތަކުގެ ދަށުނުވެ ސަލާމަތްވުމަށް ޓަކައި ދާއިމީ މުރާޖަޢާ ބޭނުންވާ އެއްޗެއް ކަމަށެވެ. ނަމާދުގެ ތެރޭގައި ހިމެނޭ ފާފަފުއްސެވުމަށް އެދުމާއި ދުޢާކުރުމާއި، މާތްﷲ ގެ ކުރިފުޅުމަތީގައި މަޑުމޮޅިވެ ހުރުމުގެ ސަބަބުން، މުއުމިނާއަށް ދުވާލަކު ފަސް ފަހަރު އަމިއްލަ ނަފްސު މުރާޖަޢާކުރުމުގެ ފުރުޞަތު ތަކުރާރުކޮށް ލިބިދެއެވެ. މިއީ ޒަމާނީ ނަފްސާނީ ދިރާސާތަކުން "އަމިއްލަ ނަފްސާ މެދު ފުންކޮށް ވިސްނުން" (Self-Reflection)ކަމަށް ކިޔާ ކަމާ ވަރަށް ގާތް ކަމެކެވެ. މިއީ ނަފްސާނީ ކުރިއެރުމާއި ޝަޚުޞިއްޔަތު ތަރައްޤީކުރުމުގެ އެންމެ މުހިންމު އެއް ގޮތެވެ. ނަމާދުކުރާ މީހާ އަމިއްލަ ނަފްސާ އަބަދުވެސް ސުވާލުކުރެއެވެ. ތިމަންނާ އިސްކުރީ ކޮންކަމެއްހެއްޔެވެ؟ ތިމަންނާއަށް އިހުމާލުވެވުނީ ކޮންކަމަކަށްހެއްޔެވެ؟ އަދި ކުށްތައް އިޞްލާޙުކުރާނީ ކިހިނެއްހެއްޔެވެ؟ އެހެންކަމުން ނަމާދު ބަދަލުވެގެންދަނީ އުޅުމާއި ނިންމުންތައް މުރާޖަޢާކުރާ ދުވަހީ ގިމަތައަކަށެވެ.
ތިންވަނަ: ނަމާދަކީ ޣާފިލުކަމުގެ ފަރުވާއެކެވެ. އަދި ހިތުގެ ހޭލުންތެރިކަން (Mindful Awareness) ބިނާކޮށްދޭ އެއްޗެކެވެ. އަލްމުޙާސިބީގެ ނަޒަރުގައި ޣާފިލުކަމަކީ ހަމައެކަނި ހަނދާންނެތުމެއްނޫނެވެ. އެއީ އިންސާނާގެ ވުޖޫދުގެ ހަގީގަތާއި ދިރިއުޅުމުގެ ރިސާލަތު ދެނެގަތުމުން ހިތް ވަކިވެގެންދިއުމެވެ. އެހެންކަމުން، އަޚުލާޤީ އަދި ޖަޒުބާތީ ގިނަ ގޯސްތައް އުފެދެނީ ދިރިއުޅުމުގެ މާނަ ގެއްލުމާއި، ބޭރުގެ ނުފޫޒުތަކަށް އަބަދު ސަމާލުކަންދެވޭތީއެވެ. ނަމާދު އައިސްފައިވަނީ މި ޣާފިލުކަމުން ހިތް ހޭލައްވައިލުމަށެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَأَقِمِ الصَّلَاةَ لِذِكْرِي﴾ (سورة طه: 14) މާނައީ: "އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށް ޓަކައި، ނަމާދު قائم ކުރައްވާށެވެ!"
މި ހިސާބުން އިސްލާމީ "ހިތުގެ ހޭލުންތެރިކަން" މި މަފްހޫމާއި، ނަފްސާނީ ޢިލްމުގައި ކިޔާ "މައިންޑްފުލް އެވެއަރނަސް" (Mindful Awareness) ނުވަތަ ޛިހުނީ ހޭލުންތެރިކަމާ ބައްދަލުވެއެވެ. ނަމަވެސް އަސާސީ ބޮޑު ތަފާތަކީ، އިސްލާމީ ތަޞައްވުރުގައި މި ހޭލުންތެރިކަން ގުޅިފައިވަނީ މާތްﷲ އާއި އެކަލާނގެއަށް އަޅުވެތިވުމާއެވެ. އެއީ ހަމައެކަނި ޖަޒުބާތުތަކާއި ޚިޔާލުތަކަށް ފާރަވެރިވުމެއް ނޫނެވެ.
ހަތަރުވަނަ: ހިތް ހާޒިރުވުމަކީ ނަމާދުގެ ނަފްސާނީ އަސަރުގެ އަސާސެވެ (Focused Attention) އަލްމުޙާސިބީ ނަމާދަށް ބެއްލެވީ ހަމައެކަނި ހަށިގަނޑުން ކުރާ ޙަރަކާތްތަކެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ބާރުއެޅުއްވީ ނަމާދުގެ ޙަޤީޤީ އަގު ފެންނާނީ ހިތް ހާޒިރުވެ، ޚުޝޫޢަތްތެރިވުމުންކަމަށެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿قَدْ أَفْلَحَ الْمُؤْمِنُونَ * الَّذِينَ هُمْ فِي صَلَاتِهِمْ خَاشِعُونَ﴾ (سورة المؤمنون1-2) މާނައީ: "مؤمنން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ." ޒަމާނީ ދިރާސާތަކުން ދައްކާ ގޮތުގައި، ކަމަކަށް ސަމާލުކަންދިނުން (Focused Attention) އެއީ ހާސްކަން ކުޑަކޮށްދީ، ނަފްސާނީ ހަމަޖެހުން އިތުރުކޮށްދޭ މުހިންމު ކަމެކެވެ. ނަމާދުގައި ހިތް ހާޒިރުވާ މިންވަރު އިތުރުވި ވަރަކަށް، ނަފްސު މައިތިރިކޮށްދީ، ރޫޙު ވަރުގަދަކޮށްދޭ އަސަރުތައް އިތުރުވެދެއެވެ.
ފަސްވަނަ: ނަމާދާއި ހިތް ހަމަޖެހުމަށްފަހު (Spiritual Renewal) އަލްމުޙާސިބީ ކަނޑައަޅުއްވަނީ، ހަށިގަނޑު ބަލިތަކުން ބަލިވާ ފަދައިން، ހިތްވެސް ޣާފިލުކަމުން ބަލިވާ ކަމަށެވެ. އަދި ޒިކުރުކުރުމާއި ނަމާދަކީ ހިތް ދިރުވުމުގެ އެންމެ ބޮޑު ސަބަބުތައް ކަމަށެވެ. މާތްﷲ ވަޙީކުރައްވައިފައިވެއެވެ. ﴿أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ﴾ (سورة الرعد: 28) މާނައީ: "ހިތްތައް ހަމަޖެހުންލިބެނީ، މާތްﷲ ހަނދުމަކުރުމުންނޫންހެއްޔެވެ؟" ނަމާދަކީ ހަމައެކަނި ވަގުތީ އަރާމެއް ނޫނެވެ. އެއީ ހިތުގެ ސާފުކަމާއި، ނަފްސުގެ ހަމަޖެހުމާއި، އުންމީދާއި މާނައާ އެކު ދިރިއުޅުމާ ކުރިމަތިލުމުގެ ބާރު އިންސާނާއަށް އަލުން ހޯދައިދޭ ދާއިމީ ރޫޙާނީ އާކުރުމެކެވެ. (Spiritual Renewal)
ހަވަނަ: ބޭރުފުށް އިޞްލާޙުކުރުމުގެ ކުރީން އެތެރެފުށް އިޞްލާޙުކުރުން (Inner Transformation) އަލްމުޙާސިބީގެ އެންމެ މުހިންމު ތަރުބަވީ އުޞޫލަކީ، ހިތް ފުރަތަމަ އިޞްލާޙުވެގެން މެނުވީ ބޭރުފުށުގެ ޢަމަލުތައް ސީދާނުވާނެކަމެވެ. އެހެންކަމުން އެކަލޭގެފާނު ތަރުބިއްޔަތުގެ މައިގަނޑު ހަކަތައަކަށް ހެއްދެވީ ނިޔަތާއި، ހިތްވަރާއި، މަޤްޞަދު އިޞްލާޙުކުރުމެވެ. މިއީ އުޅުން ބަދަލުކުރުމުގެ ޒަމާނީ ތިއަރީތަކާ ދިމާވާ ކަމެކެވެ. އެ ތިއަރީތައް ބުނާ ގޮތުގައި ދާއިމީ ބޭރުފުށުގެ އުޅުން އަންނަނީ އެތެރެއިން އަންނަ ބަދަލަކުންނެވެ. (Inner Transformation). އެއީ ވަގުތީ ބޭރުގެ ނުފޫޒުތަކަކުން އަންނަ އެއްޗެއް ނޫނެވެ. އެހެންކަމުން ނަމާދަކީ އެތެރެހަށި އަލުން ބިނާކުރާ ދާއިމީ މަޝްރޫޢެކެވެ. ކޮންމެ ރަކުޢަތަކުން އަޅާއަށް އޭނާގެ ޙަޤީޤަތް ހަނދާންކޮށްދެއެވެ. ކޮންމެ ސަޖިދައަކުން މަޑުމޮޅިކަމުގެ އޮށް އިންދައިދެއެވެ. އަދި ކޮންމެ ދުޢާއަކުން ބާރާއި ހިދާޔަތުގެ އަޞްލާ އޭނާ ގުޅުވައިދެއެވެ.
އިމާމް އަލްމުޙާސިބީގެ މަންހަޖު ކިޔައިލުމުން އެނގެނީ ނަމާދަކީ ހަމައެކަނި އަދާކޮށްލެވޭ ފަރުޟެއް ނޫންކަމެވެ. އެއީ އަމިއްލަ ނަފްސަށް ހޭލުންތެރިވުމާއި، އެތެރޭގެ ފާރަވެރިކަން ވަރުގަދަކުރުމާއި، ނަފްސު ހިސާބުކުރުމާއި، ޖަޒުބާތުތައް ކޮންޓުރޯލުކުރުމާއި، އީމާންކަމުން ހިތް ދިރުވުމަށް އަމާޒު ހިފައިފައިވާ ފުރިހަމަ ތަރުބަވީ އަދި ނަފްސާނީ ނިޒާމެކެވެ. މި ހިސާބުން ކީރިތި ރަސޫލާ صلى الله عليه وسلمގެ މި ޙަދީޘްފުޅުގެ ސިއްރު އަހަރެމެންނަށް އެނގިދެއެވެ. «أرحنا بها يا بلال» (العراقي، تخريج الإحياء للعراقي (١/٢٢٤)، إسناده صحيح، أخرجه الدارقطني في ((علله)) (٤/١٢٢)، والخطيب في ((تاريخ بغداد)) (١٠/٤٤٢) މާނައީ: "އޭ ބިލާލްގެފާނެވެ! ނަމާދުގެ (ބަންގީން) އަހަރެމެންނަށް ހިތްހަމަޖެހުން ދެއްވާށެވެ!" ނަމާދަކީ ނަފްސަށް އޮތް ބުރައެއްނޫނެވެ. އެއީ އޭގެ އަރާމުގެ އެންމެ ބޮޑު ސަބަބެވެ. އެއީ ދިރިއުޅުމުން ވަކިވުމެއްނޫނެވެ. އެކަމަކު ދިރިއުޅުމުގެ މާނައާއި، ބާރާއި، އަލީގެ އަޞްލަށް އެނބުރި ދިއުމެވެ. އެއީ އެތެރެއިން އިންސާނާ އުފައްދާ، ދިރިހުރި ހިތަކާއި، ހަމަޖެހޭ ނަފްސަކާއި، ދުނިޔޭގައި މާތްﷲ ގެ މަގުގައި ހިނގައި، އާޚިރަތުގައި އެކަލާނގެ ރުއްސެވުން ހޯދާނެ ސީދާވެގެންވާ ޝަޚުޞިއްޔަތެއް ބިނާކޮށްދޭ ދުވަހީ މަދަރުސާއެވެ.
މަޞްދަރު: غزالة الحجار،06/18/2026 (https://iumsonline.org/archives/132707)
(ނޯޓު: މިއީ ޑރ. މޫސާ އަންވަރުކުރައްވައިފައިވާ ތަރުޖަމާއެކެވެ.)