ފާޠިމަތު އަފާޝާ
8 ޖުލައި 2026
ޢައްބާސީ ޚިލާފަތުގެ މަޝްހޫރު ޚަލީފާ [ހާރޫނުއްރަޝީދު]ގެ ދަރިކަލުން މައުމޫނު ތުއްޕުޅުއިރުގައި ކިޔަވައިވިދާޅުވާން އުޅުއްވަނިކޮށް، މުދައްރިސް ގެންގުޅުއްވާ އަސާއިން އެއް ދުވަހަކު މައުމޫނުގެ ގައިކޮޅުގައި އެއްވެސް ސަބަބަކާ ނުލައި ޖެއްސެވިއެވެ. އެ ހިނދު، ތިމަންގެ ގައިކޮޅުގައި ތިޔަ ޖެއްސެވީ ކީއްވެތޯ މައުމޫނު ސުވާލުކުރެއްވިއެވެ.
ޖަވާބުގައި މުދައްރިސް ބުނުއްވިވެ. [ހިމޭނުން ހުންނާށެވެ!]
އޭގެ 20 އަހަރު ފަހުން މައުމޫނު ޚަލީފާކަމަށް އިސްވެވަޑައިގަތުމަށް ފަހު، ޚަލީފާގެ ދަރުބާރަށް މުދައްރިސް ހާޒިރުކުރައްވައި ސުވާލުކުރެއްވިއެވެ. [ތިމަންމަނިއްޕުޅު ތުއްޕުޅު އިރު އެއްވެސް ހައްގުން ކަމަކާ ނުލައި ޖެއްސެވީ ކީއްވެގެންތޯއެވެ؟]
އެ ހިނދު މުދައްރިސް ހިނިތުންވެލައްވައިފައި ދެންނެވިއެވެ. [އެ ހަނދުމަފުޅު އަދިވެސް ނުފިލައިތޯއެވެ؟]
ޖަވާބުގައި ޚަލީފާ މައުމޫނު ވިދާޅުވިއެވެ. [ލައްބައެވެ! ﷲ ގަންދީ ނަންގަންނަމެވެ. އަދި ވެސް އެ ހަނދާނެއް ނުނެތެއެވެ."
އެ ހިނދުގައި މުދައްރިސް ޚަލީފާ މައުމޫނަށް ދެންނެވިއެވެ. [އެއީ އަނިޔާލިބޭ މީހާ، އެ ކަން ހަނދާނުން ފިލައިނުދާނެކަން މަނިކުފާނު ދެނެވަޑައިގަތުމަށް ޓަކައެވެ.]
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ދަރީންނަށް ދެމުން އައި އިސްލާމީ ތަރުބިއްޔަތު، ދަރީންނާއި ދަރިވަރުން ތަރުބިޔަތު ކުރުމުގެ އުޞޫލު މި ވަނީ ހުޅަނގުން ފޭރިގަންފައެވެ. އަދި މި ތަރުބިއްޔަތަށް ހުރަސްއަޅާ އެންމެ ބޮޑު އެއްޗަކީ އިންސާނީ ޙައްޤުތަކާއި ކުޑަކުދީންގެ ޙައްގުތަކުގެ ނަމުގައި ގެންގުޅޭ ހަންފެތުރުމެވެ.
މި ނުބައި ބަދަލުގެ ނަތީޖާ މުޖުތަމަޢުން ފެންނަކަން ހިތާމައާ އެކު ޖެހެނީ ގަބޫލުކުރާށެވެ. ކުރީގެ ޖީލުތަކާއި އަދުގެ ޖީލުތަކުގެ ސުލޫކުން މި ތަފާތު ފެންނަނީ ވަރަށް ބޮޑަށެވެ. އިލޮށިފައްޗާއި ގޯނިބުރީން ތަރުބިޔަތު ކުރި ޖީލުތަކުގެ ދަރީން މައިންބަފައިންނަށް އިޙުތިރާމުކުރިއެވެ. ވެރީންނަށް ކިޔަމަންތެރިވިއެވެ. ޙަރާމް ކަންކަން ކުރާން ބިރުގަތެވެ. ނަމަވެސް އެއީ އެ ދުވަހެވެ. އަޅުގަނޑުމެން މި ތިބީ ޑިމޮކުރެސީއާއި އިންސާނީ ހައްގުތަކަށް އިޙުތިރާމު ނުކުރާ ބަޔަކު އަޅުގަނޑުމެންނާ ފާކުރި ޑިމޮކުރެސީއަކާއި އިންސާނި ހައްގެއްގައި ޖެހިފައެވެ. ކުޑަކުދީންނަށް އަނިޔާކޮށް މެރުމަކީ އެއްވެސް ކަމެއް ނޫންކަމަށް ގަބޫލުކުރާ ބަޔަކު ދެއްކި [ކުޑަކުދީންގެ ހައްގު]ގެ އަވައިގައި ޖެހިފައެވެ.
ނަރަކައިގެ ވާހަކަ ދެއްކުމަކީ ކުޑަކުދީން ނަފުސާނީވެދާނެ ކަމެއްކަމަށް ބަޔަކު ގަބޫލުކޮށްގެން ތިބި އިރު، ކުރީން އެ [ބިރު] ދައްކައިގެން ތަރުބިޔަތު ކުރި ޖީލު، ނަފުސާނީއެއް ނުވެއެވެ. މިއަދު ނަފުސާނީ ބަލިމަޑުކަން މާ ބޮޑަށް އާންމުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މާތް ﷲއާ ވަކީލެވެ!!