ފާޠިމަތު އަފާޝާ
7 ޖުލައި 2026
ސުރުޚީ ފެނިވަޑައިގަތުމުން ބައެއް ބޭފުޅުންނަށް ހީފުޅުވެދާނެއެވެ. ރިޒުޤު ހޯދާން ވީހައި ގިނަ ބަޔަކާ ކޮންމެ މީހަކު ވެސް ކާވެނިކުރާންވީއެވެ. އިނދެ ވަރިކުރަމުން ގެންދާންވީއެވެ. ނުވަތަ އެންމެ ކުޑަމިނުން އިސްލާމް ދީނުގައި އެއް ފަހަރާ ކާވެނިކުރެވޭނެ އެންމެ ގިނަ ޢަދަދުކަމަށްވާ ހަތަރު މީހުންނާ އަވަހަށް ކާވެނިކުރާންވީއެވެ. ނޫނެކެވެ. އެއީ އެ ގޮތަށް ކުރުން ހުއްދަވާނެ ކަމެއް ނޫނެވެ.
ކީރިތި ޤުރުއާނަށް ބަލާ އިރު، އެކަކަށް ވުރެ، ގިނަ މީހުންނާ ކާވެނިކުރާން އެންމެ ޝަރުޠެއް ނޫނީ ނުވެއެވެ. އަދި އެކަކަށް ވުރެ ގިނަ މީހުންނާ އިނުން މަނާކުރާ ވެސް އެންމެ ކަމެއް ނޫނީ ނުވެއެވެ.
ކާވެނިކުރާން އޮންނަ ޝަރުޠަކީ: ތިބާއަށް އެ އަންހެނާ ކަމުގޮސް ހިތްރުހި ރަނގަޅުވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: )فَٱنكِحُوا۟ مَا طَابَ لَكُم مِّنَ ٱلنِّسَاۤءِ مَثۡنَىٰ وَثُلَـٰثَ وَرُبَـٰعَۖ - [ފަހެ، އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ.]( (النساء: ٣)
މީހަކު ހިތްރުހި ކަމުގޮސް ރަނގަޅުވާ ކަންކަން އެކަކު އަނެކަކާ ތަފާތުވެއެވެ. ބުއްދިއާއި ފިކުރުހުރި އަންހެނުން ކަމުދާ މީހުން ތިބެދާނެއެވެ. އަނެކަކަށް ކަމުދަނީ ޅަފުރައިގެ ބިކުރުވެރި ރީތި އަންހެން ކުއްޖާއެވެ. އެއީ އެ ކުއްޖާއާ ސަމާސާކޮށް އެ ކުއްޖާ ވެސް އޭނާއާ ސަމާސާކޮށް މަޖާކޮށް ކުޅެއުޅުމަށެވެ. އަނެކަކަށް ކަމުދަނީ އުފުލާންޖެހޭ ޒިންމާތައް ކުޑަ އަންހެނާއެވެ. އެއީ އެކަނބުލޭގެ ނަފުސަށް ފުދޭނެ ވަރަށް މުދާހުރި، އަދި އުޅޭނެ ތަން ހުރި އަންހެނެކެވެ. ތަނަވަސްކަމުގެ އަހުލުވެރިއެވެ.
އެހެންކަމުން «ما طاب» (ހިތްރުހި ކަމުގޮސް ރަނގަޅުވާ) މި ކަލިމަ އެ ވަނީ ފުރުސަތު ތަނަވަސްކޮށް ހުޅުވައިލައްވައިފައިއެވެ. ފިރިހެންމީހާގެ ކުޅަދާނަކަމާއި، ޙާލަތާއި، އޭނާގެ ރަހަޔަށް ކަމުދާ ކަހަލަ މީހަކު އިޚުތިޔާރުކުރުމަށް ހުއްދަދެއްވައިފައެވެ.
ދެންފަހެ، އެކަކަށް ވުރެ ގިނަ މީހުންނާ އިނުން މަނާކުރާކަމެއްގެ ގޮތުގައި ޤުރްއާނުގައި ޒިކުރުކުރެވިގެންވަނީ ﷲ ތަޢާލާގެ މި ބަސްފުޅުގައިވާ ކަންތަކެވެ. ކުރީން ދެންނެވި އާޔަތުގެ ދެން ޖެހުނު ބައެވެ. )فَإِنۡ خِفۡتُمۡ أَلَّا تَعۡدِلُوا۟ فَوَاحِدَةً – [ފަހެ ޢަދުލުވެރިނުވެވިދާނެކަމަށް ތިޔަބައިމީހުންނަށް ބިރުހީވާ ނަމަ އެކަކާއެވެ.]( (النساء: ٣) މި ބިރުގަތުމުގެ އަސާސަކީ ﷲ ޢައްޒަ ވަޖައްލަ ދެކެ ބިރުވެތިވާ ބިރުވެތިވުމެވެ.
އެއީ އިންސާނާ އޭނާގެ އަނބީން ކުރެ އެކަކަށް މާބޮޑަށް ލެނބިދާނޭކަމަށް ވަރަށް ބޮޑަށް ބިރުގަތުމެވެ. ޢަދުލުވެރިނުވެވިދާނެކަމަށް ޓަކައި ގަންނަ ބިރެވެ. ﷲއަށް ޓަކައި ގަންނަ ބިރެކެވެ.
އެއީ އެކަލާނގެ ވަޙީކުރެއްވި ގޮތަށެވެ: (وَلَن تَسۡتَطِیعُوۤا۟ أَن تَعۡدِلُوا۟ بَیۡنَ ٱلنِّسَاۤءِ وَلَوۡ حَرَصۡتُمۡۖ فَلَا تَمِیلُوا۟ كُلَّ ٱلۡمَیۡلِ فَتَذَرُوهَا كَٱلۡمُعَلَّقَةِۚ) – [ތިޔަބައިމީހުން ކިތަންމެ ވަރަކަށް އެދި ދަހިވެތިވިޔަސް، އަނބިންގެ މެދުގައި (ލޯބީގެ ގޮތުން) عدلވެރިވުމަކަށް ތިޔަބައިމީހުންނަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ. ފަހެ، ތިޔަބައިމީހުން (އެކެއްގެ ފަރާތް ދޫކޮށް) މުޅިން ލެނބުމަކުން ނުލެނބޭށެވެ! އެލުވައިފައިވާ މީހެއް ފަދައިން އެ ކަނބުލޭގެ ދޫކޮށްލާ ގޮތުގައެވެ. (އެބަހީ: ވަރިވެސް ނުކޮށް، صلحވުމެއްވެސްނެތި އިނދެގެންމެ، ނީނދެ އުޅޭ ގޮތަށް އެއް އަތްނބަކާ އަޅައިނުލައި، އަނެއް އަތްނބެއްގެ ފަރާތަށް މުޅިން ލެނބިގެން ނުދާށެވެ!)] (النساء: ١٢٩) މި އާޔަތުގައި މި އޮތް ބަސްފުޅާ މެދު ވަރަށް ބޮޑަށް ސަމާލުވެ ޚަބަރުދާރުވާން ޖެހެއެވެ. އެ އޮތީ ﷲގެ މަތިވެރި ބަސްފުޅެވެ. އަޅުގަނޑުމެން ކިޔާނީ ކީކޭތޯއެވެ؟
ދެންފަހެ އިންސާނަކު އޭގައި ނުޖެހި ނުދާނޭ، ބައެއް ކަހަލަ ލެނބުންތަކަކީ ފަހެ ޢަފޫކުރެވިގެންވާ ކަމެކެވެ. އެއީ އާޔަތުގެ މަފުހޫމުގެ މުޚާލަފާގެ ދަލީލުންނާއި، އަދި އަނެއް އާޔަތުގައި ﷲ ތަޢާލާ ވަޙީކުރެއްވި ބަސްފުޅުންނެވެ: )وَإِن تُصۡلِحُوا۟ وَتَتَّقُوا۟ فَإِنَّ ٱللَّهَ كَانَ غَفُورࣰا رَّحِیمࣰا - [އަދި، ތިޔަބައިމީހުން (އެ ކަން) إصلاحކޮށް تقوىވެރިވާ ނަމަ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.]( (النساء: ١٢٩)
މިއަދު ކަންތައް އޮތް ގޮތް ސާބިތުކޮށްދެނީ މިއަދު މި ގަނެގެން އުޅޭ ބިރަކީ އަޞްލު ޢަދުލުވެރި ނުވެވިދާނޭތީ، ގަނެގެން އުޅޭ ބިރެއް ނޫންކަމެވެ. އެކަމަކު އެއީ އަނބިމީހާ ދެކެ (ދޮށީ އަނބިދެކެ) ގަނެގެން އުޅޭ ބިރެއްކަމެވެ! ބައެއް މީހުން، ނަން ދޭ ގޮތަށް «ދާޚިލީ ކަންކަމާ ބެހޭ ވަޒީރު (ހޯމް މިނިސްޓަރު) ދެކެ ގަންނަ ބިރެވެ.»
ދެން ފަހެ، މީސްތަކުން މިއަދު ކިޔައި އުޅޭ އިތުރު ބައެއް ޝަރުޠުތައް، (މިސާލަކަށް ކުޅަދާނަކަން،) މިއީ ފިރިހެނާގެ ޙާލަތާއި އޭނާގެ ދިރިއުޅުމުގެ ފެންވަރާއި ކަންކަމުގެ މައްޗަށް ތަފާތުވާނެ ކަމެކެވެ.
މި ނަޒަރުން ބަލާ އިރު، އެންމެ އެޕާޓުމަންޓަކުން ފުދޭ މީހުންވެއެވެ. އަދި އޭނާގެ ދެ އަނބިން އެ ތަން ބަހައިލައިގެން އުޅޭން ހަމަ ހިތުން ރުހުމުން ގަބޫލުވެގެން އުޅުމެވެ. އެހްނަކަމަށްވާ ނަމަ، އެ ކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: )ذَ ٰلِكَ أَدۡنَىٰۤ أَن تَقَرَّ أَعۡیُنُهُنَّ وَلَا یَحۡزَنَّ وَیَرۡضَیۡنَ بِمَاۤ ءَاتَیۡتَهُنَّ كُلُّهُنَّۚ ) - އެކަނބަލުންގެ ލޯތަކަށް ފިނިކަން ލިބުމަށާއި، އެކަނބަލުން ހިތާމަނުކުރުމަށާއި، ތިބާ އެކަނބަލުންނަށް ދިން ތަކެއްޗާ މެދު، އެކަނބަލުން އެންމެން ރުހުމަށް އެ ގޮތް ގާތްކަން ބޮޑެވެ.( (الأحزاب: ٥١)
އެހެންކަމުން އަންހެނާ ރުހި، އަދި ހުށަހެޅުނު ގޮތަށް ހިތްހަމަޖެހި ބަލައިގަނެފި ނަމަ، ދެން ﷲ ތަޢާލާ ތަނަވަސްކުރައްވައި ފުރުސަތު ދެއްވިކަމެއް އަހަރުމެން، މީސްތަކުންނަށް ހަނިކޮށް ދަތިކުރާންވީ ކީއްވެހެއްޔެވެ؟
އަދި އެކަކަށް ވުރެ ގިނަ މީހުންނާ އިނުމަކީ ރިޒުޤު ލިބުމުގެ ބާބުތަކުން ބާބެކެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށް ރިވާކުރެވޭ ގޮތަށެވެ: [ތިޔަބައިމީހުން ކައިވެނި މެދުވެރިކޮށް ރިޒުޤު ހޯދާން އުޅޭށެވެ.“ އެހެން ނަމަވެސް ހަނދާންކުރާންވީ ކަމަކީ، ނިސާ ސޫރަތުގެ ފުރަތަމަ ބައި ކިޔައިލުމަށް ފަހު، ކޮންމެ މީހަކު ވެސް ދެ އަނބީންނާ ނުވަތަ ގިނަ އަނބީންނާ އިންނާން ޖެހޭނެކަމަށް ނިންމައިގެން ނުވާނެކަމެވެ. އެ އާޔަތުގެ ދެން އޮތް ބައި ވެސް ކިޔައި ﷲއަށް ބިރުވެތިވާން ޖެހޭނެކަމެވެ. ޢަދުލުވެރި ނުވެވިދާނެތީއެވެ. އެހެންވެއްޖެ ނަމަ، ﷲގެ ކޯފާއަށް ތިމާ ހުށަހެޅިދާނެތީއެވެ. އަދި އާޔަތުގެ ފަހުބައި ވެސް ކިޔައި ތިމާ އިސްލާޙުވެ ﷲއަށް ތަޤުވާވެރިވާން ޖެހޭނެކަން ވެސް ހަނދާންކުރާންޖެހޭނެއެވެ. ދޮށީ އަނބި މީހާ ދެކެ ބިރުން، ލަންކާއަށް ގޮސް ވަގަށް ކާވެނިކުރުމަކީ މި އަސާސްތަކާ ޚިލާފު ކަންކަމެވެ. މި ކަންކަމަށް އަޅުގަނޑުމެން ސަމާލުވާން އެބަ ޖެހެއެވެ.