ad_banner
ހަނުހުރުން- ބުއްދިވެރިޔާގެ ތާޖު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

6 ޖުލައި 2026

ހަނުހުރުން U ލައްވައިފައިވަނީ ހިތުގެ ހިތްހަމަޖެހުމަކަށެވެ. ބަސްބުނުން ލައްވައިފައިވަނީ ސިކުނޑީގެ ޒަކާތަކަށެވެ. سبحانه وتعالى  އެކަލާނގެ އިޚުލާޞްތެރި އަޅުންނާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ. (وَإِذَا سَمِعُوا اللَّغْوَ أَعْرَضُوا عَنْهُ وَقَالُوا لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ سَلَامٌ عَلَيْكُمْ لَا نَبْتَغِي الْجَاهِلِينَ  - އަދި އެއުރެންނަށް ބޭކާރު ވާހަކަ އިވޭ ހިނދު، އެއުރެން އެއިން އެއްކިބާވެގަނެތެވެ. އަދި އެއުރެން ބުނެތެވެ. ތިމަންމެންނަށް، ތިމަންމެންގެ عمل ތަކެވެ. އަދި ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ عمل ތަކެވެ. ތިމަންމެންނާ ތިޔަބައިމީހުންނާ ވަތްކެވެ. (އެހެނީ) ތިމަންމެން جاهل ންނާ އެކު އުޅުމަކަށް ނޭދެމުއެވެ.)) 

ބޭކާރު ވާހަކަނުދައްކައި ހަނުހުރުން މާތް ލައްވައިފައިވަނީ ކަރާމަތްތެރިކަމުގެ (ނަފުސުގެ ޢިއްޒަތުގެ) ފޭރާމެއްކަމުގައެވެ. ބޭކާރު ވާހަކަތައްދެއްކޭ ހިނދު މުސްލިމުން އެ ކަމަށް ފުރަގަސްދޭނެއެވެ. ކަނޑި ދުރަށްލުމުން އެކުވެރިޔާ ޒަޚަމު ނުވާނެތީއެވެ. މާތް ރުއްސުންލެއްވި ޢަލީ ބުނު އަބީ ޠާލިބުގެފާނު ވިދާޅުވިއެވެ. "إذا تمّ العقلُ نقص الكلامُ  - ސިކުނޑި ފުރިހަމަވެއްޖެ ނަމަ، ވާހަކަ މަދުވާނެއެވެ." އެކަލޭގެފާނުގެ އެހެން ބަސްފުޅެއްގައި ވެއެވެ. "ބުއްދިވެރިޔާގެ ދޫ ވަނީ އޭނާގެ ހިތުގެ ފަހަތުގައެވެ. މޮޔަމީހާގެ ހިތް ވަނީ އޭނާގެ ދުލުގެ ފަހަތުގައެވެ." މި މައުޟޫޢުގައި ވާހަކަފުޅު ދައްކަވަމުން ޢަލީގެފާނު ވިދާޅުވި އެހެން ބަސްފުޅެއްގައި ވެއެވެ. "ހަނުހުރުން ގިނަ މީހާގެ ހައިބަތު ބޮޑުވާނެއެވެ." 

މި ފަދަ ބަސްފުޅުތަކުން އެނގެނީ ހަނުހުރުމަކި ބުއްދިވެރިޔާގެ ތާޖެއްކަމެވެ. ދުލަކީ ހަށިގަނޑުގައިވާ ކުޑަކުޑަ ސިފައިންގެ މީހެކެވެ. ތިބާ މި ސިފައިންގެ މީހާއަށް ވަރަށް ފާރަވެރިވާން ޖެހޭނެއެވެ. އޭނާގެ ސަބަބުން ތިބާއަށް ނަޞްރު ލިބޭ ގޮތަށް އޭނާގެ ސަބަބުން ތިބާއަށް ނާކާމިޔާބު ވެސް ލިބިދާނެއެވެ.

 المصطفى صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((من كان يؤمنُ باللهِ واليومِ الآخرِ فليقُلْ خيرًا أو ليصمُتْ  - ﷲއަށާއި އާޚިރަތްދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮބަސް ބުނާހުށިކަމެވެ. ނުވަތަ ހަނުހުންނަހުށިކަމެވެ.)) ކީރިތި ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންގެ ކުރިމަތީގައި މި ބަހައްޓަވައިދެއްވީ ރަން ތަރާދެކެވެ. ތިބާގެ އަނގައިން ރަންމުތީތައް ނެރޭށެވެ! ނޫނީ ތިބާގެ އަނގަ ބަންދުކޮށް ތިބާގެ ނުބައިކަމުން މީސްތަކުން ރައްކައުތެރިކުރާށެވެ! މީސްމީޑިއާގެ އޮޅިތަކުގައި ގިނަ ބަޔަކު ޗެޓުކުރަމުން ވަގުތު ނަގައިލާ ޒަމާނެއްގައި ދޫ ހިފެހެއްޓުން މި ވަނީ ވަރަށް މުހިންމު ކަމަކަށް ވެފައެވެ. 

ތިބާގެ  ދުލަކީ ތިބާގެ ސަވާރީގެ ލަގަނެވެ.މި ލަގަނުގައި ހިފައިގެން ތިބާގެ ދޫ ކޮންޓުރޯލުކޮށްފި ނަމަ، ތިބާއަށް ތިން ފައިދާއެއް ލިބޭނެއެވެ. ތިބާގެ ނަފުސުގެ ޢިއްޒަތްތެރިކަން އިހާނަތްތެރިކަމުން ސަލާމަތްކުރެވޭނެއެވެ. ތިބާގެ ދުލުން އެހެން މީހުން ޒަޚަމުކުރުން ހުއްޓުވޭނެއެވެ. ތިބާ އެ ކަމާ މެދު ހިތާމަކުރާން ޖެހޭ ބަސްތަކާ ދުރުހެލިވެވޭނެއެވެ.

މީސްތަކުންގެ ތެރޭގައި ޢިއްޒަތްތެރިކަމާއެކު އުޅެން ބޭނުންވާ ނަމަ ތިބާގެ ހަނުހުރުމުން ބަސްބުނަން ދޫކޮށްލާށެވެ! ތިބާގެ ބަސްތައް ހަނުބަހައްޓާށެވެ!

މާތް ﷲ ރުއްސުންލެއްވި ޢުމަރު ބުނުލް ޚައްޠާބު ވިދާޅުވިއެވެ. ((ބަސް ގިނަ މީހާގެ ކުށް ގިނަވާނެއެވެ. ކުށް ގިނަ މީހާގެ ލަދު މަދުވާނެއެވެ. ލަދު މަދު މީހާގެ ވަރަޢުވެރިކަން ކުޑަވާނެއެވެ. ވަރަޢުވެރިކަން ކުޑަ މީހާގެ ހިތް މަރުވެދާނެއެވެ.))

އެއްވެސް މީހަކު ހެޔޮ އެއްޗެއް މެނުވީ ނުބުނާށެވެ! އޭނާގެ ޢަމަލުތައް ރެކޯޑުކުރައްވާ ދެ މަލާއިކަތަކު އޭނާއާ އެކުގައިވާ ކަން ހަނދާން ބަހައްޓަން ވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((إِذْ يَتَلَقَّى ٱلْمُتَلَقِّيَانِ عَنِ ٱلْيَمِينِ وَعَنِ ٱلشِّمَالِ قَعِيدٌ ﴿١٧﴾ مَّا يَلْفِظُ مِن قَوْلٍ إِلَّا لَدَيْهِ رَقِيبٌ عَتِيدٌ  - (އެއީ އޭނާގެ) ކަނާތްފަރާތުގައްޔާއި، ވާތްފަރާތުގައި ތިއްބަވާ ދެ ملائكة ން (އޭނާ ކުރާ ކަންތަކާއި، ބުނާ ބަސްތައް) ލިޔުއްވާ ހިނދުގައެވެ. (ކުރާ عمل ތައް) ބަލަހައްޓަވާން އޭނާގެ ކައިރީގައި حاضرވެ ملائكة އަކު ނެތި، އޭނާޔަކަށް އެއްވެސް ބަހެއް ނުބުނެވެތެވެ.)) މަލާއިކަތުން މި ރެކޯޑުކުރައްވައި ބަލަހައްޓަވާ ފައިލުތައް (ފަތްތައް) ހުޅުވައިލެވޭ އިރު އޭގައި ހެޔޮ ބަހެއް ނެތް ނަމަ ލަދުގަންނާން ޖެހޭނެއެވެ. ދެރަވެ ހިތާމަކުރާން ޖެހޭނެއެވެ. މި ކަމަށް އިންޒާރުދެއްވައި ކައު ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إنَّ أحَبَّكم  إليَّ  وأقرَبَكم منِّي في الآخرةِ  أحاسِنُكم أخلاقًا  وإنَّ أبغَضَكم  إليَّ وأبعَدَكم منِّي في الآخرةِ  أسوَؤُكم أخلاقًا المُتشدِّقونَ المُتفيهقونَ الثَّرثارونَ  - ހަމަކަށަވަރުން އާޚިރަތްދުވަހުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއިން އެ މީހަކު ދެކެ އެންމެ ލޯބިފުޅުވާ މީހަކުކަމުގައި އަދި ތިމަންކަލޭގެފާނާ އެންމެ އަރިސް މީހަކުކަމުގައި ވާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ރިވެތި މީހާއެވެ.  އަދި ހަމަކަށަވަރުން އާޚިރަތްދުވަހުން ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރއިން އެމީހަކު ދެކެ އެންމެ ރުހިވަޑައިނުގަންނަވާ މީހަކުކަމުގައި އަދި ތިމަންކަލޭގެފާނާ އެންމެ ދުރުގައިވާ މީހަކުކަމުގައި ވާނީ ތިޔަބައިމީހުންގެ ތެރެއިން އެންމެ އަޚުލާޤު ނުބައި މީހާއެވެ. އެއީ ރިވެތި ބަސްތައް އަމުނައިގެން ފޮނި ބައިސާކަނޑާ އަނގަގަދަ މީހުންނެވެ.))

މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެފާނު ވިދާޅުވިއެވެ. "ބަސްމަދުކަމަކީ އޭނާގެ ޢިލްމުވެރިކަމުގެ ޢަލާމާތެކެވެ."

ވާހަކަދައްކަން ޖެހޭ ޙާލަތްތަކުގައި ވާހަކަދެއްކުމާއި، ބޭކާރު ވާހަކަދެއްކުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. ވާހަކަދެއްކުން ގިނަ މީހާއާ ބެހޭ ގޮތުން އިޔާސް ބުނު މުޢާވިޔަތާ ސުވާލުކުރުމުން ވިދާޅުވިއެވެ. "އޭނާ ވާހަކަދެއްކުން ގިނަވެފައިވަނީ ރަނގަޅު ކަމެއްގައި ނަމަ އެއީ އެދެވިގެންވާ ކަމެކެވެ. ނުބައި ކަމެއްގައި ނަމަ އެއީ ދުރުހެލިވާން ޖެހޭ ކަމެކެވެ."  

ކޮމެންޓު