ad_banner
ކިސްވާ ޖަމާޢަތާއި ތ. ގުރައިދޫ – ރައްޔިތުންނަށް އާ އުންމީދަކާއި ބޮޑު ހިތްހަމަޖެހުމެއް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

3 ޖުލައި 2026

ކޮޅުމަޑުލު ގުރައިދޫ އޮންނަނީ ކޮޅުމަޑުލުގެ ދެކުނު ބިތުގައެވެ. ވެރިރަށް މާލެއާ ގާތްގަނޑަކަށް 200 އެއްހާ ކިލޯމީޓަރު ދުރުގައި އޮންނަ މި ރަށަކީ ޖޯގުރަފީ ގޮތުން ބަލާ އިރު ވަރަށް ހިތްގައިމު ސަރަހައްދެއްގައި އޮތް ރަށެކެވެ. މާލެއިން ފުރައިގެން ދެކުނަށް ދާ ގިނަ އުޅަނދުފަހަރު މި ރަށުގައި ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ބަނދަރުކުރާކަމީ މި ރަށުގެ އިގުތިޞާދީ ހާލަތު ރަނގަޅުކަމުގެ ހެތްކެކެވެ. މި ރަށުގައި ބަނދަރުނުކުރިޔަސް ގިނަ އުޅަނދުތައް ހައްދޫކަނޑަށް ނުކުންނާނީ ގުރައިދޫ ކަނޑޭ ކިޔާ ކަނޑުއޮޅީންނެވެ. އެހެންކަމުން ގުރައިދުވަކީ ޖުޣުރާފީ ގޮތުން މުހިންމު ނުކުތާއެއްގައި އޮންނަ ރަށެކެވެ.

ރަށުގެ ބޮޑުމިނަށް ބަލާ އިރު، ގުރައިދޫއަކީ ފަޅުބޮޑު، އަދި ފަހަކަށް އައިސް ހިންގުނު ބިން ހިއްކުމުގެ މަޝްރޫއުތަކާ އެކު ބިމުގެ ބޮޑުމިން ވަރަށް ބޮޑަށް އިތުރުވެފައިވާ ރަށެކެވެ. މިހާރު ރަށުގެ ޖުމްލަ ބޮޑުމިން ގާތްގަނޑަކަށް 90 ހެކުޓަރަށް ވުރެ އިތުރުވާނޭކަމަށް ލަފާކުރެވެއެވެ. ބިން ހިއްކުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށާއި ސިނާއީ ބޭނުންތަކަށް ބޭނުންވާނޭ ބިން ވަނީ ތަނަވަސްވެފައެވެ. އަދި އެއަރުޕޯޓު ބިނާކުރުމަށް ޓަކައި ހިއްކާން ބޭނުންވާ ބިން ވެސް ވަނީ ހިއްކައި ނިމިފައެވެ.

ތ. ގުރައިދޫއަކީ އަތޮޅުގެ ނިސްބަތުން ބޮޑު އާބާދީއެއް ދިރިއުޅޭ ރަށެކެވެ. ރަށުގެ ރަޖިސްޓްރީވެފައިވާ އާބަދީ 2300އަށް ވުރެ މައްޗެވެ. ރަޖިސްޓަރީ އާބާދީ މިއަށް ވުރެ ބޮޑެތި ރަށްރަށް މި އަތޮޅުގައި ހުއްޓަސް ރަށުގައި ދިރިއުޅޭ އާބާދީ އެންމެ މަތި ރަށަކީ ގުރައިދޫއެވެ. މިއީ ރަށް ދެކެ ލޯބިވާ ވަޠަނީ ފިކުރުގެ އެކުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. ރަށުގެ އާބަދީގެ ބޮޑު ބަޔަކީ ޒުވާނުންނާއި މަސައްކަތްތެރި އުމުރުފުރާގެ މީހުންނެވެ. ރަށަކީ ދީންވެރި، އެކުވެރި ބަޔަކު ދިރިއުޅޭ ރަށެކެވެ. ގުރައިދޫގެ ރައްޔިތުންނަކީ ގުޅުންތެރި، އަދި މެހެމާންދާރީ އަދާކުރުމުގައި ލާމަސީލު ބަޔެކެވެ.

މި ރަށަށް އުފަން ރައްޔިތުންގެ އިތުރަށް ތަފާތު މަސައްކަތްތަކުގައްޔާއި ޚިދުމަތްތައް ހޯދުމަށް ޓަކައި އެހެން ރަށްރަށުގެ މީހުންނާއި އެހެން ގައުމުތަކުގެ މީހުން ވެސް މި ރަށުގައި ދިރިއުޅެއެވެ. ބިދޭސީންގެ ތެރޭގައި ގިނައިން ފެންނަނީ ބަނގުލާދޭޝްގެ ރައްޔިތުންނާއި ނޭޕާލުގެ ރައްޔިތުންނާއި އިންޑިއާ ރައްޔިތުންނެވެ.

މި ހަގީގަތްތަކާ އެކު، އަތޮޅުގެ މެދުތެރޭގެ ހަބެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ގުރައިދޫން އަސާސީ ގިނަ ޚިދުމަތްތަކެއް ލިބޭން ހުރެއެވެ.

ރަށުގެ އާންމު ހާލަތާއި އިގުތިސާދު

ތ. ގުރައިދޫގެ އާންމު ހާލަތަކީ އަމާން، ސުލްހަވެރި އަދި އިގުތިސާދީ ގޮތުން ދިރިއުޅުމަށް ފަހި ހާލަތެކެވެ. ރަށުގެ އިގުތިސާދު މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ މަސްވެރިކަމާއި، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި އާންމު ވިޔަފާރިއާއި ޢިމާރާތްކުރުމުގެ މަސައްކަތްތަކުގެ މައްޗަށެވެ.

ގުރައިދޫއަކީ ފުޅާ ދާއިރާއެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ރަށެކެވެ. ރަށުގައި ޒަމާނީ ބޮޑެތި މަސްދޯނިފަހަރު އެބަ ހުއްޓެވެ. ރަށުގެ ރީތި ގޮނޑުދޮށާއި ފަޅުގެ ސަބަބުން ފަތުރުވެރީންގެ ޝައުގުވެރިކަން މި ރަށަށް ލިބޭނެއެވެ. އެހެންކަމުން މި ރަށުގައި ވެސް ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ރަށުގައި ގިނަ ވިޔަފާރިތަކާއި، ފިހާރަތަކާއި ކެފޭތައް ހިންގަމުން ގެންދެއެވެ.

.

ރަށުން ލިބޭން ހުރި ބައެއް ޚިދުމަތްތައް

ތަޢުލީމީ ޚިދުމަތަށް ބަލާ އިރު، ތުއްތުކުދީންގެ ތަޢުލީމުގެ މަރުޙަލާއިން ފެށިގެން މަތީސާނަވީ ފެންވަރަށް (ގްރޭޑް 12ގެ ނިޔަލަށް ހުރިހައި މަރުޙަލާއަކަށް) އަންނަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޞިއްޙީ ޚީދުމަތަށް ވިސްނާ އިރު، ރަށުގައި ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒުން އާންމު ބަލިތަކަށް ފަރުވާ ދިނުމާއި، ލެބޯރެޓަރީގެ ޚިދުމަތާއި، މައިންނާއި ކުޑަކުދިންގެ ސިއްހަތަށް ޚާއްސަ ޚިދުމަތްތައް ލިބެއެވެ. ދާދި ފަހުން މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި މި ރަށުގެ ސިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރައްވާން ސަރުކާރުންވަނީ ނިންމަވައިފައެވެ.

ގުރައިދޫ ސިއްހީ މަރުކަޒުގެ އަސްލަކީ 1990ގެ އަހަރުތަކުގައި އެ ރަށު ރައްޔިތުން އަމިއްލައަށް އަމިއްލަ ޚަރަދުގައި ބިނާކުރި ދެބުރި އިމާރާތެއްގައި އަމިއްލައަށް ހިންގާން ފެށި ގުރައިދޫ ރައްޔިތުންގެ ކުލިނިކެވެ. ރާއްޖޭން ބޭރުން ޑަކުޓަރުން ގެނެސްގެން މި ކުލިނިކު އަހަރުތަކެއްގައި ހިންގުމަށް ފަހު، މުޅި ޢިމާރާތާއި އެ ތަނުގެ އިދާރިއްޔަތު (މުޅި ކުލިނިކު ހުރި ގޮތަށް) ސަރުކާރާ ޙަވާލުކުރީއެވެ. އެހެންކަމުން ސިއްހީ ޚިދުމަތަށް ޓަކައި މި ވަރުގެ ހޭދައެއް ރަށެއްގެ ރައްޔިތުން ކުރި އެހެން ރަށެއް ހަމަގައިމު ވެސް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. އެހެންކަމުން ރައްޔިތުންގެ މި މަތިވެރި ޚިދުމަތުގެ އަގު ވަޒަންކުރުމަށް ޓަކައި ވެސް މި ސިއްޙީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

މަސްވެރީން އެންހިފާން ފީނާން އުޅުމުގެ ތެރޭގައި ބައެއް އެކުސިޑެންޓު ދިމާވެގެން ކުރިމަތިވާ ނުރައްކާތަކަށް ފަރުވާދޭނެ މުހިންމު މަރުކަޒެއް ވެސް ދިފާޢީ ވުޒާރާއިން މި ރަށުގައި ގާއިމުކޮށްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަމެވެ.

ރާއްޖޭގެ އެހެން ރަށްރަށެކޭ އެއް ފަދައިން ރަށުގައި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތާއި، ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމު ވަނީ ގާއިމުކުރެވިފައެވެ. ކަރަންޓުގެ ޚިދުމަތުގައި ވެސް މި ރަށަކީ ފާހަގަކޮށްލެވޭ ރަށެކެވެ. ސަރުކާރުން ހުރިހައި ރަށަކަށް 24 ގަޑިއިރުގެ ޚިދުމަތް ފޯރުކޮށްދެއްވާން ފެއްޓެވުމުގެ މާ ކުރީން ގުރައިދޫ ރައްޔިތުންވަނީ ރައްޔިތުންގެ ޚަރަދުގައި މި ޚިދުމަތް ވެސް ގާއިމުކޮށްފައެވެ. ނަމަވެސް މިހާރު މި ޚިދުމަތް މި ރަށުގައި ވެސް ދެނީ ސަރުކާރުގެ ކުންފުންޏަކުންނެވެ.

ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްގެ ޚިދުމަތްތަކާއި، ދިރާގާއި އުރީދޫގެ ހައި-ސްޕީޑް އިންޓަނެޓް ޚިދުމަތްތައް މި ރަށުން ލިބޭން ހުރެއެވެ.

ރަށުގައި ޒަމާނީ ފެންވަރުގެ ބަނދަރެއް އޮތުމާ އެކު، އަދި ރަށް އޮންނަ އިސްތިރާޖީ ނުކުތާގެ ސަބަބުން އަތޮޅުތެރޭގެ އެއް ރަށް އަނެއް ރަށާ ދެމެދުގައްޔާއި ގުރައިދުވާއި މާލެއާ ދެމެދު ދަތުރުކުރާ ލޯންޗު ފެރީގެ ޚިދުމަތް ގަވާއިދުން ލިބެއެވެ. މާ ލަސްތަކެއް ނުވެ މި ރަށުގައި ވައިގެބަނދަރެއް ގާއިމުކުރައްވާން ވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޚާއްޞަ ޚިދުމަތެއް – ޙައްޖާއި ޢުމުރާ:

ދިވެހިރާއްޖޭގައި އެއް ރަށަކުން އެންމެ ގިނައިން ޙައްޖާއި ޢުމުރާއަށް ދަނީ ތ. އަތޮޅު ގުރައިދޫ ރައްޔިތުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެ ރަށުގެ ރައްޔިތުންގެ ތެރޭގައި ޢުމުރާއަކަށް ނުދާ މީހުންގެ ޢަދަދު އަތުގެ އިނގިލިތަކުން ވިޔަކޮށްލެވޭނެއެވެ. މި ފަދަ މީހުންނަށް ވެސް ފުރުޞަތު ފަހިކޮށްދެއްވުމަށް ޓަކައި ގުރައިދޫ ކައުންސިލުގެ ރައީސް ތައުފީޤު ޢަލީއާއި އަމިއްލަ ޖަމާޢަތަކުން ވަނީ މަސައްކަތް ފައްޓަވައިފައެވެ.

.

މި ރަށު މީހުންނަކީ ދިނީ ކަންކަމަށް ސަމާލުކަންދޭ، ޚުލުޤު ހެޔޮ ބަޔަކަށް ވެފައި އެހައި ގިނަ މީހުން ޙައްޖަށާއި ޢުމުރާއަށް ދާ ރަށަކަށްވާތީ، ޢުމުރާއަށް މީހުން ގެންދިޔުމުގެ ޚިދުމަތް ރަށުން ލިބޭނެ މަގު މިހާރު ވަނީ ފަހިކޮށްދީފައެވެ. ތ. ގުރައިދުވަށް އުފަން (ކުރީން އެ ރަށު ދެކުނުގޭ ނުވަތަ ހިންމިޔަ) އަލްއުސްތާޒު ޢަލީ ނަޖީބުގެ އިސްނެންގެވުމުގެ މަތީން ގުރައިދުވަށް ނިސްބަތްވާ ބޭފުޅުންކޮޅެއް މި ވަނީ [ކިސްވާ ޙައްޖު އެންޑް ޢުމްރާ މޯލްޑިވްސް]ގެ ނަމުގައި ޖަމާޢަތެއް އުފައްދަވައި، މި މަހު ދެވަނަ ދުވަހުގެ ރޭ ގުރައިދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޖަމާޢަތް ރަސްމީކޮށް އިފުތިތާޙުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދިނުމާ އެކު، މި ޖަމާޢާތް ރަސްމީކޮށް އިފުތިދާޙުކޮށްދިނުމުގެ ޝަރަފު ލިބުނީ ފަރަގު އެކެޑަމީގެ ޗެއަރމަންގެ ހައިސިއްޔަތުންނާއި ފަރަގު މީޑިއާގެ ސީއީއޯގެ ހައިސިއްޔަތުން އަޅުގަނޑަށެވެ. މި ޝަރަފު ދެއްވިކަމަށް ޓަކައި އަޅުގަނޑުގެ އަޚު އަލްއުސްތާޒު ޢަލީ ނަޖީބަށް ވަރަށް އިޚުލާސްތެރިކަމާ އެކު ޝުކުރުދަންނަވަމެވެ.

ޚާއްޞަ ޙައިރާންކަމެއް

:.

ގުރައިދޫއަކީ، އެ ރަށުގައި ހުންނަ ތ. އަތޮޅު މަދަރުސާގައި ހަތަރުވަރަކަށް އަހަރު ވަންދެން އަޅުގަނޑު ޚިދުމަތްކުރި ރަށެކެވެ. އެއީ އަޅުގަނޑުގެ އެންމެ ޒުވާން ދުވަސްވަރެވެ. އެ ދުވަސްވަރު މަދަރުސާގައި އިސްކޮށް އުޅުނު ދަރިވަރުންނަކީ މިއަދު ރަށުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ޚިދުމަތްތެރި އިސް ބޭފުޅުންނެވެ. ރަށު ކައުންސިލުގެ މެންބަރުކަމުގައްޔާއި އަތޮޅު މަދަރުސާގެ ޕްރިންސިޕަލްގެ މަގާމުގައްޔާއި މުދައްރިސުންނަށް ވެސް ތިއްބެވީ އެ [ކުދީން]ނެވެ. ރަށުގައި ހުރި އެހެން މުއައްސަސާތަކުގައްޔާއި ފުލުސް އިސްޓޭޝަނުގައި ވެސް އިސްކޮށް ތިއްބެވީ އޭރުގެ [ކުދީން]ނެވެ. މިހާރު އެއީ ޒިންމާދާރު ބޭފުޅުންނެވެ. 2026 ޖުލައި ދެވަނަ ދުވަހު އަޅުގަނޑު އެ ރަށަށް ދިޔުމުން އެ ހުރިހައި (ކުރީގެ) ދަރިވަރުންގެ ފަރާތުން އަޅުގަނޑަށް ވިދާޅުވި ޚާއްޞަ މަރުޙަބާއާއި ބެހެއްޓެވި ގާތްކަމާއި، އަޅުގަނޑަށް އެ ރޭ ހުރިހައި [ކުދީން] (މިހާރު ޒިންމާދާރު ބޭފުޅުން) ދެއްވި ޚާއްޞަ ކޮފީއަށް ޓަކައި އެ ހުރިހައި [ކުދީން]ނަށާއި ރައްޔިތުންނަށް ވަރަށް ލޯތްބާ އެކު ޝުކުރު ދަންނަވަމެވެ. ގުރައިދުވަށް އާދެވުމުން އަޅުގަނޑަށް އިޙުސާސްކުރެވެނީ ހަމަ އަމިއްލަ އުފަން ފަސްގަނޑަށް އާދެވުމުން ކުރެވޭ ފަދަ އުފާވެރި އިޙުސާސެކެވެ.

ކުރުކޮށް ދަންނަވާ ނަމަ، ކޮޅުމަޑުލު ގުރައިދޫއަކީ ގުދުރަތީ ގޮތުން ލިބިފައިވާ މުއްސަނދިކަމާ އެކު، ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި ހުނަރާއި މުރާލިކަމާއި ބުރަ މަސައްކަތުން ތަރައްގީގެ ރޭހުގައި ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ އުންމީދީ ރަށެކެވެ. އަސާސީ ޚިދުމަތްތައް ޚިދުމަތްތައް ފުރިހަމަވުމާ ދާދި ކައިރީގައި އޮތުމާއި މި ރަށުގައި އެއަރުޕޯޓު ގާއިމުކުރެވި ހޮސްޕިޓަލު ފެންވަރަށް ސިއްޙީ ޚިދުމަތް ތަރައްގީވެ ނިމުމުން ކުރިމަގުގައި މި ރަށަކީ މުޅި އަތޮޅަށް ވެސް އަދި ރާއްޖެއަށް ވެސް ނަމޫނާ، އަދި އިގުތިސާދީ ހަބަކަށްވާނެ ރަށެއްކަން ކަށަވަރެވެ. ގުރައިދޫއާއި ގުރައިދޫގެ އެކުވެރި ރައްޔިތުންނަށް އަޅުގަނޑު އެދެނީ ހަލުވި ކުރިއެރުމާއި ތަރައްގީއާއި ކާމިޔާބީއެވެ.

ބައެއް ލަފުޒުގެ މާނަ:

ހަބު       ނ.     (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި.

ނަމޫނާ      ނ.     އެއްވައްތަރު އެތި. (2) އެއް ގޮތް އެތި.

ނަމޫނާ.     ނއ.    (1) އެއް ވައްތަރު. (2) އެއް ގޮތް.

އަސާސީ     ނއ.    (1) މައިގަނޑު. (2) ބިންގާ. (3) ކޮންމެހެން ބޭނުންވާ

ކޮމެންޓު
ކޮމެންޓުތައް
ޢަލީ
5 ޖުލައި 2026 23:44
ުމަޢުލޫމާތުން ފުރިގެންވާ ޝައުގުވެރި ލިޔުމެއް. ޝުކުރަން، އުސްތާޒ
މަޖޫ
3 ޖުލައި 2026 20:13
ވވ ފުރިހަމަ ލިޔުމެއް…. ޝުކުރިއްޔާ އުސްތާޒު🥰