ހުސައިން ނައުޝާދު
2 ޖުލައި 2026
ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ފަތުރުވެރިކަމާއި އިގުތިސާދު ފުޅާކުރުމަށް ޓަކައްޔާއި އިޖުތިމާޢީ ފަސޭހައަށް ޓަކައި ސަރަޙައްދީ އެއަރުޕޯޓުތައް އެޅުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތު ކަނޑައެޅުއްވުމުގެ ކުރީއްސުރެ، ލ. އަތޮޅުގައި (މިހާރު ވެސް ކައްދޫގައި) އެއަރުޕޯޓެއް އެބަ އޮތެވެ. ނަމަވެސް، އަތޮޅުގެ ދެވަނަ އެއަރުޕޯޓެއް އެޅުމަށް ގިނަ ދުވަސްތަކެއް ވަންދެން ގޮތެއް ނުނިންމި އޮތުމަށް ފަހު، އެންމެ ފަހުން އިސްދޫގައި އެއަރުޕޯޓު އަޅާން ވަނީ ނިންމަވައިފައެވެ. މި ގޮތަށް ނިންމުމުގައި ލަސްވި އެއް ސަބަބކީ، އެ ކަމަށް ދިރާސާ ކުރައްވާން ހޭދަވި މުއްދަތުގެ އިތުރަށް މާވަށު ރައްޔިތުންގެ އިޙުސާސްތަކަށް ސަރުކާރުން އިޙުތިރާމްކުރައްވާތީއެވެ. ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަބަދާއި އަބަދު ސަރުކާރަށް ބާރުއަޅުއްވަމުން ގެންދެވިޔަސް މި ކަން މި ހައި ލަސްވި ސަބަބަކީ، އެހައި އަބާދީ ބޮޑު، އަދި ސަރުކާރަށް ވަފާތެރި ރައްޔިތުންތަކެއް މާޔޫސްކޮށްލާން ވެސް ސަރުކާރުން ބޭނުންފުޅު ނުވާތީކަމަށް ފެނެއެވެ. އެހެންނަމަވެސް ރިޔާސީ ދައުރުގެ ދެބައިކުޅައެއްބައި ހޭދަވެދާ އިރު، މި ކަން ވަކި ގޮތަކަށް ނުނިންމައި ބޭއްވެވުމަކީ ވެސް ސަރުކާރަށް ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެހެންކަމުން އެންމެ ފަހުން ނިހާއީ ނިންމެވުމެއް މި އޮތީ ނިންމަވައިފައެވެ. މި ނިންމެވުމަކީ ހަމައެކަނި ސިޔާސީ ނިންމުމެއްކަމަކަށް ގަބޫލެއްނުކުރެވެއެވެ. މީގެ ފަހަތުގައި ސިޔާސީ ސަބަބުގެ އިތުރަށް ޖޯގުރަފީ، އިގުތިސާދީ، އިޖުތިމާޢީ ގިނަ ސަބަބުތަކެއް އެބަ ހުރިކަމަށް އަޅުގަނޑަށް ވިސްނެއެވެ. މި ކަމާ ބެހޭ ގޮތުން އިސްތިރާޖީ ހަގީގަތްތަކާއި، ވަށައިގެންވާ ކަންތައްތަކަށް ބަލައި އަޅުގަނޑު އަމިއްލައަށް ހެދި ދިރާސާއިން ދެއްކި ނަތީޖާ [ފަރަގު]ގެ އަހުލުވެރީންނާ މި ހިއްސާކޮށްލަނީއެވެ.
އިސްދޫގައި އެއަރުޕޯޓު އަޅުއްވާން ނިންމެވި މައިގަނޑު ސަބަބުތައްކަމަށް ބެލެވޭ ކަންތައްތައް:
1. ޖޯގުރަފީ ގޮތުން އަތޮޅުގެ އެހެން ރަށްތަކާ ހުރި ދުރުމިން: ލ. އަތޮޅުގައި މިހާރު އޮތް ހަމައެކަނި އެއަރުޕޯޓުކަމަށްވާ ކައްދޫ އެއަރުޕޯޓު އޮންނަނީ އަތޮޅުގެ ގުޅިފައިވާ ބޮޑު ބައިގައެވެ. އިރުމަތީ ބިތުގެ މެދު ސަރަހައްދުގައެވެ. އެ ސަރަހައްދުގައި، އަތޮޅުގެ އެންމެ މީސް ގިނަ ގަމާއި ފޮނަދޫ އޮންނަނީ އެއްގަމު މަގުން ކައްދުވާ ގުޅުވައިފައެވެ. ނަމަވެސް، އިސްދޫ-ކަލައިދޫ ސަރަޙައްދަކީ އަތޮޅުގެ އިރުއުތުރު ބިތުގައި، ކައްދޫ އޮންނަ ސަރަހައްދާ ދެ ކަނޑުއޮޅިއަކުން ވަކިވެފައި އޮންނަ އާބާދީ ބޮޑު ސަރަޙައްދެކެވެ. ނަމަވެސް ދަނބިދޫން ފެށިގެން ގަމުތުނޑީ ބަނދަރަށް ފަންސަވީހަކަށް މިނިޓުން އާދެވެއެވެ. މިއީ ސަރުކާރުގެ ސިޔާސަތުގައި ކަނޑައަޅައިފައިވާ 35 މިނިޓަށް ވުރެ ތަންކޮޅެއް މަދު ވަގުތުކޮޅެކެވެ. އަނެއްކޮޅުން ކައްދޫ އެއަރުޕޯޓުން ބިމުން ގުޅިފައި އޮންނަ ފޮނަދޫން ފުރައިގެން އަތޮޅުގެ ހުޅަނގު ބިތުގައި އޮންނަ މާވަށަށް ދަތުރުކުރެވެނީ އިސްޕީޑު ލާންޗުގައި ސާޅީހަކަށް ފަންސާހަކަށް މިނިޓުންނެވެ. ހައްދުންމަތީ ދެވަނަ އެއަރުޕޯޓެއް ގާއިމުކުރާނެ ރަށެއް ނިންމެވުމުގައި ގޮތެއް ނުނިންމެވި ލަސްވި އެއް ސަބަބަކީ މިއީކަމަށް ލަފާކުރެވެއެވެ. ކައިރި-ދުރުމިނާއި ވަގުތުގެ ގޮތުން އިސްދޫ ސަރަހައްދު މާވަށަށް ވުރެ، ކައިރިކަމަށް ވިޔަސް ހައްދުންމަތީ ދެވަނަ އެއަރުޕޯޓު އިސްދޫގައި ގާއިމުކުރައްވާން ނިންމުމުގެ އެއް ސަބަކީ ޖޯގުރަފީ ހާލަތުކަމަށް ލަފާކުރެވެއެވެ. އަދި އެ އަތޮޅު ދަނބިދޫ، ފާލަމަކުން އިސްދުވާ ގުޅައިލުމުގެ މަޝްރޫޢެއް ރޭވިފައިވާތީ އިސްދުވާއި ކަލައިދުވާއި ދަނބިދޫގެ ޖުމުލަ އާބާދީ ގާތްގަނޑަކަށް 2500އަށް ވުރެ އިތުރުވެއެވެ. މާވަށުގެ އާބާދީއަކީ ގާތްގަނޑަކަށް 2300އެވެ. މާވަށާ ފަޅުގެ ގޮތުން ހިތަދުވާއި ކުނަހަންދޫ ގުޅިފައި ވިޔަސް އެއީ ވަރަށް ދުރެވެ. ވަކީން އޮންނަ މާމެންދޫ ވެސް އޮންނަނީ ގާތްގަނޑަކަށް މާވަށާއި ފޮނަދުވާ ދޭތެރޭ މެދެއްހައި ހިސާބުގައި ފޮނަދުވާ ތަންކޮޅެއް ކައިރީގައެވެ. ނަމަވެސް ވިއްސާރަވެ ގަދަވާ ދުވަސްވަރު ކައްދުވަށް ދިޔުމަށް ވުރެ، މާވަށަށް ދާން ހިތަދުވާއި ކުނަހަންދުވާއި މާމެންދޫ މީހުންނަށް ފަސޭހަވާނެއެވެ.
އިސްދޫގައި އެއަރުޕޯޓެއް އެޅުމުން، އެ ސަރަޙައްދުގެ ރަށްތައްކަމަށްވާ އިސްދޫއާއި ކަލައިދޫއާއި، ދަނބިދުވަށް ދަތުރުފަތުރުގެ ފަސޭހަކަން ލިބި، އަތޮޅުގެ މެދުތެރެއަށާއި އުތުރަށް ހަމަހަމަކަމާ އެކު ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. ނަމަވެސް މި އެއަރުޕޯޓުގެ ސަބަބުން މާބައިދުވާއި މުންޑޫއަކަށް އެއްވެސް ފަސޭހައެއްވާނެކަމަކަށް ނުފެނެއެވެ. އެއީ ގަމު ތުނޑިއަށް ދަތުރުކުރުމަށް ވުރެ އިސްދުވަށް ދިޔުން އެ ރަށްރަށަށް ވަކި ފަސޭހަނުވާނެތީއެވެ. އަދި ޢަމުދުން، މި އެއަރުޕޯޓު ގާއިމުކުރުމަކުން ހުޅަނގުބިތުގައި އޮންނަ މާވަށުގެ ރައްޔިތުންނަށް ލިބޭނެ ހަމ އެއްވެސް ފައިދާއެއް ނެތެވެ. ތިންވަނަ އެއަރުޕޯޓެއް އެ ރަށުގައި ގާއިމުކުރާންޖެހޭނެކަމަށް އެ ރަށު މީހުން ވަކާލާތުކުރާ އެއް ސަބަބަކީ އެއީއެވެ. ކައްދޫ އެއަރުޕޯޓުން މާވަށަށް ދާން، އިސްދުވަށް ދާން ހޭދަވާ ވަގުތަށް ވުރެ 10 މިނިޓު އިތުރުވާތީއެވެ. ނަމަވެސް ސަރުކާރުން ކަމާ ބެހޭ ވުޒާރާއިން ކުރެއްވި ދިރާސާގައި ދުރުމިން ބައްލަވައިފައިވަނި އިސްދޫން ފެށިގެން ކައްދުވަށް އާދެވޭނެ ދުރުމިނެވެ. މިއީ ރަނގަޅު ބެއްލެވުމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ އެ އަތޮޅު ގަން އޮންނަނީ އެއްގަމު މަގުން ކައްދުވާ ގުޅިފައެވެ. އިސްދުން އަންނަ މީހުން އަންނާނީ އެއްގަމު މަގުން ކަލައިދޫއަށް އައިސް ކަނޑުމަގުން ގަމު ތުނޑިއަށެވެ. އެހެންކަމުން ކަނޑުމަގުން ކުރާންޖެހޭ ދަތުރުގެ ދިގުމިނަކީ 20 މިނިޓެވެ. ގަމުން ކައްދުވަށް ދާނީ އެއްގަމު މަގުންނެވެ. އަދި ދަނބިދުވާ ކަލައިދޫ ފާލަމަކުން ގުޅައިލުމުގެ މަޝްރޫޢު ނިމުމުން ކަނޑު ދަތުރުކުރާންޖެހޭ ދުރުމިން މާ ކުޑަވީއެވެ. އެހެންނަމަވެސް މި ދުރުމިނަށް ވުރެ ބޮޑަށް ރިޢާޔާތްކުރެއްވި އެހެން ސަބަބުތަކެއް ހުރިކަމަށް ގަބޫލުކުރެވެއެވެ. މީގެ އެއް ސަބަބަކީ އިސްދުވާއި ކަލައިދުވާއި ދަނބިދޫގެ އާބާދީ އެއްކޮށްލުމުން މާވަށުގެ އާބާދީއަށް ވުރެ އިތުރުވުމެވެ. ދާދި އަވަހަށް ފާލަމަކުން ކަލައިދުވާއި ދަނބިދޫ ގުޅައިލެވޭނެތީއެވެ.
2. ބިމުގެ ތަނަވަސްކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް: އިސްދޫ-ކަލައިދޫއަކީ އެހެން ރަށްރަށުގެ ނިސްބަތުން ބިމުގެ ގޮތުން ބޮޑު، އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ ފަދަ ދަނޑުވެރިކަމުގެ ބޮޑު ސަރަޙައްދެކެވެ. އެއަރުޕޯޓެއް ބިނާކުރުމަށް ބޭނުންވާ ބޮޑު ބިން، ހިއްކުމަކާ ނުލައި އެ ކަމަށް ލިބޭން އޮތުމަކީ މަޝްރޫޢުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމެކެވެ. މާވަށުގައި އެއަރުޕޯޓު ގާއިމުކުރާ ނަމަ، އެ ކަންކުރެވޭނީ ބިން ހިއްކައިގެންނެވެ. އެހެންކަމުން މި ކަމަށް ހިނގާ ޚަރަދު އިތުރުވުމަކީ ވެސް މާވަށަށް ވުރެ އިސްދުވަށް އިސްކަންދެއްވި ސަބަބެއްކަމަށް ގަބޫލުކުރެއެވެ. މީގެ އިތުރަށް، އެއަރުޕޯޓެއް ގާއިމުކުރުމުން އެ ރަށުގައި ކުރާ ދަނޑުވެރިކަމުން ލިބޭ މޭވާއާއި ތަރުކާރީގެ ބާވަތްތައް އަވަހަށް މާލެއަށާއި ފަތުރުވެރި ރަށްތަކަށް "ކާގޯ"ގެ ގޮތުގައި ސަޕުލައިކުރުމުގެ ފުރުޞަތު ފަހިވާނެއެވެ. މާވަށަކީ އިސްދުވާ އަޅައި ބަލާ އިރު، ބިމުގެ ގޮތުން ކުޑަ ރަށަކަށްވާތީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާނެ ބިމެއް އެ ރަށަކު ނެތެވެ. މި ފަދަ ފުރުޞަތެއް ވެސް އެ ރަށަކު ނެތެވެ. މިއީ ވެސް އިސްދުވަށް އިސްކަންދެއްވި ސަބަބަކަށް ވެދާނެއެވެ.
3. ފަތުރުވެރިކަން ފުޅާކުރުމުގެ ފުރުޞަތު: ލ. އަތޮޅަކީ ފަތުރުވެރިކަމުގެ ބޮޑު މަންޒިލަކަށް ހެދުމަށް ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ އަތޮޅެކެވެ. އިސްދޫ ސަރަޙައްދާ ކައިރީގައި ހުރި ފަޅުތަކާއި ރަށްތައް ރިސޯޓުތަކުގެ ގޮތުގައި ތަރައްޤީކުރުމަށް، އެއަރުޕޯޓެއް ކައިރީގައި އޮތުމަކީ ވުނޭރުންގެ ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ. ނަމަވެސް މި ފުރުޞަތު ބޮޑަށް ފަހިކަމަށް ބެލެވެނީ މާވަށު ސަރަހައްދެވެ. އެހެނީ މާވަށު ފަޅުތެރޭގައްޔާއި މާވަށާ ކައިރި ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގިނަ ފަޅުރަށްތަކެއް އެބަ ހުއްޓެވެ. އަދި މާވަށް ފިޔަވައި މާވަށު ފަޅަކީ ވެސް ގިނަ ރަށްތަކެއް ހިއްކައިގެން ފަތުރުވެރިކަން ތަރައްގީކުރެވިދާނެ ސަރަހައްދެކެވެ. ނަމަވެސް މި ކަމަށް ހޭދަވާނެ ވަގުތާއި ޚަރަދަށް ބަލާ އިރު، ސަރުކާރުން ވިސްނެވީ މި ފަދަ ޚަރަދުތަކެއް މި ވަގުތު ނުކުރައްވައި މި ކަން އަވަހަށް ކުރެއްވޭނީ އިސްދޫ ސަރަހައްދުގައިކަމަށެވެ. މިއީ އިސްދުވަށް އިސްކަންދެއްވި ސަބަބަކަށް ވެދާނެއެވެ.
4. ސިޔާސީ ސަބަބު: ސަރުކާރުން ސީދާ ވިދާޅު ނުވިޔަސް ކޮންމެ ކަމެއް ނިންމުމުގައި މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި ނަމަ، ސިޔާސީ މަސްލަހަތު ވެސް އޮންނާނެކަމަށް ގަބޫލު ކުރާންޖެހެއެވެ. އިސްދުވަކީ ޒަމާނުއްސުރެ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރަށަކަށް ވިޔަސް އެއަރުޕޯޓުގެ ބޭނުމުގައި ރައްޔިތުން އެއްބައިވެ، ވެރިކަން ހިންގާ ޕާޓީއަށް ބޮޑު މެޖޯރިޓީއެއް ހޯދައިދިނެވެ. އިސްދޫ ދާއިރާގެ މެންބަރަކީ ވެރިކަންކުރާ ޕީއެންސީގެ މެންބަރެކެވެ. އަދި ލޯކަލް ކައުންސިލު އިންތިޚާބުގައި ވެސް އެންމެ ގިނަ ގޮނޑި ހޯދައިދިން އެއް ރަށަކީ ވެސް އިސްދޫއެވެ. މާވަށަކީ އެމްޑީޕީ ފިކުރާ ދުރު އަޣުބިއްޔަތެއް އޮންނަ ރަށަކަށް ވިޔަސް އަދި ޕީއެންސީ އަޣުލަބިއްޔަތު ބޮޑު ނަމަވެސް ޒާތީ ސަބަބުތަކާ ހުރެ، ބައިބައިވުން އުފެދި، މާވަށު ދާއިރާއިން ޕްރައިމަރީގައި ގޮތް ދޫނުކޮށް ގިނަ ކެންޑިޑޭޓުންތަކެއް ކުރިމަތިލިއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހަށް އެ ދާއިރާއިން ޕުރައިމަރީގައި ކާމިޔާބުކުރީ ހިތަދޫ ކެންޑިޑޭޓެކެވެ. މި ކެންޑިޑޭޓަކީ މާވަށުގެ އަޣުލަބިއްޔަތު ބަލައިގަންނަ ފަދަ ކެންޑިޑޭޓަކަށް ނުވުމުން، އެ ދާއިރާއަށް އެމްޑީޕީއިން، މާވަށުގެ މަންމައަކަށް އުފަން މާލޭ މީހަކު ވާދަކުރިއެވެ. ރަށުގައި އުފެދުނު ޚިޔާލު ތަފާތުވުމުގެ ތެރެއިން މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރީ ސަރުކާރާ ވާދަވެރި އެމްޑީޕީއެވެ. އެހެންކަމުން ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރާން މާވަށު ދާއިރާގެ މެންބަރެއް ނުހުންނާނެއެވެ. ނަމަވެސް އިސްދޫ ދާއިރާގެ މެންބަރަށް މި ފުރުޞަތު އޮންނާނެއެވެ.
ޖެހިގެން އައި ރަށު ކައުންސިލުގެ އިންތިޚާބުގައި ވެސް ކައުންސިލުގެ ރައީސާ ދެކޮޅަށް ޕީއެންސީގެ ތެރެއިން އެމްޑިޕީއާ ގުޅިގެން ބަޔަކު ނުކުމެ ކުރި މަސައްކަތުގެ ނަތީޖާއިން ރަށު ކައުންސިލުގެ އެއް ގޮނޑި، ވެރިކަންކުރާ ޕީއެންސީއަށް ގެއްލުނެވެ. ވީމާ، މާވަށަކީ އިސްދުވަށް ވުރެ ބޮޑަށް ވެރިކަންކުރާ ޕާޓީއަށް ތާއީދުކުރާ ބަޔަކު ދިރިއުޅޭ ރަށެކޭ ބުންޏަސް އެ ކަން ސާބިތުކޮށްދެވޭކަށް މިއަދަކު ނެތެވެ. ކައުންސިލުގެ ރައީސަކީ ޕީއެންސީގެ ވަރަށް ޙަރަކާތްތެރި، އަދި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް އިޚުލާޞްތެރި ބޭފުޅެއް ނަމަވެސް އިސްދޫ ދާއިރާގެ މެންބަރަށް އޮންނަ ފުރުޞަތުތަކެއް ރަށެއްގައި ހުންނަވާ، ކައުންސިލުގެ ރައީސަކަށް ނޯންނާނެކަން ޖެހެނީ ގަބޫލުކުރާށެވެ. ހަގީގަތަކީ އެއީއެވެ.
ލޯކަލް އިންތިޚާބުގެ ދުވަސްވަރު، [ކޮންމެވެސް ބޭފުޅަކު] ވާހަކަފުޅުދައްކަވަމުން، އެ ރަށުން ހުރިހައި ގޮނޑިއެއް ޕީއެންސީއަށް ހޯދައިދީފި ނަމަ، މާވަށުގައި އެއަރުޕޯޓު އަޅާނެކަމުގެ ޔަގީންކަން ދެއްވިކަމަށް ވެސް ބައެއް މީހުން ބުނެއެވެ. މިއީ އެ ބޭފުޅެއްގެ ބާރުގައި އޮތް ކަމަކަށް ވިޔަސް ނުވިޔަސް ހުރިހައި ގޮނޑިއެއް ހޯދުނު ނަމަ، އެ ވާހަކަދައްކައި އެހެން ވިދާޅުވި ބޭފުޅެއް ބަދުނާމުކުރުމުގެ ފުރުޞަތު މާވަށު މީހުންނަށް އޮތީހެވެ. ނަމަވެސް ރަށުގައި އުފެދުނު ފިތުނައެއްގެ ސަބަބުން ޕީއެންސީގެ ބަޔަކު އެމްޑީޕީއަށް ބަދަލުވެ، ކުރި މަސައްކަތުން ކައުންސިލުގެ އެންމެ ޚިދުމަތްތެރި، އެއް މެންބަރުގެ މެންބަރުކަން ގެއްލި، އެމްޑީޕީއަށް ކައުންސިލުގެ އެއް ގޮނޑި ލިބުނީއެވެ. އެހެންވީމާ މި ކަމެއް ވެސް ނުވިއެވެ. ސިޔާސީ ގޮތުން ވިސްނާ އިރު، މި ސަބަބުތަކަކީ ވެސް މާވަށަށް ވުރެ އިސްދުވަށް އިސްކަންދެއްވި ސަބަބަކަށް ވެދާނެކަމަށް ހަމަ ގައިމު ވެސް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. ނަމަވެސް އިސްދޫގައި އެއަރޕޯޓު ގާއިމުކުރާން ނިންމީ ހަމައެކަނި މި ސަބަބުތަކާ ހުރެ ކަމަކަށް ގަބޫލެއްނުކުރެވެއެވެ. އަޅުގަނޑު މި ދަންނަވައިލީ އަޅުގަނޑު ކުރި ދިރާސާއިން ފާހަގަވި ބައެއް ސަބަބުތަކެވެ. ދިރާސާއަކީ ސައްތައިން ސައްތަ ސައްހަ އެއްޗަކަށް ނުވެދާނެއެވެ.
ފައިދާތަކާއި ގޮންޖެހުންތައް:
އިގުތިސާދީ ފައިދާއާއި އިޖުތިމާޢީ ސަގާފީ ގެއްލުން: އިސްދޫގައި އެއަރުޕޯޓު ގާއިމުކުރުމުގެ މަޝްރޫޢުގެ ސަބަބުން ވަޒީފާގެ އައު ފުރުޞަތުތައް ހުޅުވި، ގެސްޓުހައުސް ވިޔަފާރި އިސްދޫ ބިތުގައި ހަލުވިކަމާއެކު ފެތުރި އާލާވާނެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ފެތުރުމަކީ އިގުތިސާދީ ފައިދާތައް އެ ރަށަށް ކުރާކަމަށްވެއެވެ. ނަމަވެސް އެ ކަމުން އިޖުތިމާޢީ ގޮތުންނާއި އަޚުލާގީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމަށް ބެލެވެއެވެ. ކޮންމެއަކަސް އެއަރުޕޯޓަކީ އެ ސަރަހައްދުގެ އިގުތިސާދީ މައިނާރަކަށް ވެގެންދާނެއެވެ.
އިސްދޫގައި އެއަރޕޯޓެއް އެޅުމަށް ބިން ސާފުކުރާ އިރު ނުވަތަ ބިން ހިއްކާ ނަމަ، ބިން ހިއްކާ އިރު، އެ ރަށުގެ ޤަދީމީ އަދި ޤުދުރަތީ ވެށީގެ ރީތިކަމަށް އަސަރުކޮށްފާނެއެވެ. ޚާއްޞަކޮށް އިސްދޫގައި ހުރި ތާރީޚީ އާސާރުތަކާއި ބޭސްކުޅިއާއި ފާ ފަދަ ތަންތަނަށް ގެއްލުން ނުވާނެހެން މަޝްރޫޢު ކުރިއަށް ގެންދާންޖެހެއެވެ.
ޚަރަދާއި މަންފާގެ ނިސްބަތް: އެއް އަތޮޅެއްގައި ގިނަ އެއަރުޕޯޓު ހިންގުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމެކެވެ. ކައްދޫ އެއަރުޕޯޓާއި އިސްދޫ އެއަރޕޯޓާ ދެމެދު ދަތުރުކުރާނެ ފަސިންޖަރުންގެ އަދަދުގެ ތަވާޒުނު ހިފެހެއްޓުމަކީ ސަރުކާރަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ. އިސްދޫގައި އެއަރުޕޯޓެއް ގާއިމުކުރުމުން، އިސްދޫ ސަރަހައްދުން ކައްދުވަށް އަންނަ ދަތުރުވެރީން ވަރަށް ބޮޑަށް މަދުވާނެއެވެ. ނުވަތަ ކުއްލި ހާލަތެއްގައި ނޫނީ ނުވެސް އަންނާނެއެވެ. އަދި މޯލްޑިވިއަންގެ ޓިކެޓުގެ އަގުބޮޑުކަމުން މާމެންދޫ ކައިރީގައި އޮން ސިކުސް ސެންސަސް ރިސޯޓުން އައިސް ގޮސްވާ ފަތުރުވެރީން އެއާރޓެކުސީއަށް ބޮޑަށް ބަރޯސާވުމަކީ ވެސް ވަރަށް ބޮޑު ގޮންޖެހުމެކެވެ. މި ކަން ޙައްލުކުރުމަށް ޓަކައި ފަތުރުވެރީންނަށް ޓިކެޓުވިއްކާ އަގާމެދު ވިސްނާން ޖެހެއެވެ. އަދި ކައްދޫ އެއަރުޕޯޓު ބައިނަލްއަގުވާމީކުރާން ވެސް ވިސްނާންޖެހެއެވެ.
މާވަށަށް ދެން ފުރުޞަތެއް ނެތްތަ؟
ނޫނެކެވެ! ސަރުކާރުން ކަނޑައަޅުއްވައިފައިވާ ދުރުމިނުގެ ސިޔާސަތަށް ބަލާ އިރު، މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރުމަކީ ޒަރޫރަތެކެވެ. ކަނޑުމަގުން 35 މިނިޓުން އިސްޕީޑު ލާސްޗުގައި ދަތުރުނުކުރެވޭ ހަމައެކަނި ރަށަކީ މާވަށެވެ. މި މިންގަނޑުން ބަލާ އިރު، މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރުމަކީ ލާޒިމު ކަމެކެވެ. އެހެން އަތޮޅުތަކުގައި ވެސް ދެ އެއަރުޕޯޓަށް ވުރެ ގިނަ އެއަރުޕޯޓު ހިންގަމުން ގެންދާތީ، މާވަށާ ކައިރި ރަށްރަށުގައި ޓޫރިސްޓު ރިސޯޓުތައް ހުޅުވުމުން މާވަށުގައި އެއަރުޕޯޓެއް ގާއިމުވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މި ކަން މާ ލަސްތަކެއް ނެތި ވާނެކަމަށް ވެސް ގަބޫލުކުރެވެއެވެ.
އަތޮޅެއްގައި ގިނަ އެއަރުޕޯޓުތަކެއް ގާއިމުކުރުކަމަކީ އިގުތިސާދީ ގޮތުން ދައުލަތަށް ގެއްލުން ހުރި ކަމަކަށް ވާތީ، ގިނަ އެއަރުޕޯޓުތައް ހެދުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އިގުތިސާދީ ބޭފުޅުން ވިދާޅުވެއެވެ. އެ ނަޒަރުން އެއީ ތެދަކަށް ވެދާނެއެވެ. ނަމަވެސް އެ ފަދަ ބޭފުޅުންނަށް ދަންނަވައިލާން އޮތީ، 35 މިނިޓުން ލާންޗުގައި ނުދެވޭ ހިސާބު ދުރުގައި ހުންނަ ރަށްރަށުގައި އެއަރުޕޯޓު ގާއިމުކުރަނީ އިގުތިސާދީ ފައިދާ ހޯދަކަށް ނޫނެވެ. އެއީ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ޓަކައި ސަރުކާރުން ދޭ އިޖުތިމާޢީ ޚިދުމަތެކެވެ. މިހާރު ވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބ. ދަރަވަންދޫ އެއަރުޕޯޓާއި ނ. މާފަރު އެއަރުޕޯޓުން ނޫނީ އެއްވެސް ޑޮމެސްޓިކު އެއަރުޕޯޓަކުން މާލީ ފައިދާއެއް ނުވެއެވެ. މާލީ ގޮތުން އެ ލިބޭ ގެއްލުން ވެލާނާ އިންޓަރނޭޝަނަލް އެއަރުޕޯޓުން ލިބޭ އާމްދަނީއިން ފޫބައްދަނީކަމަށް ބެލެވެއެވެ. ނަމަވެސް އެއަރުޕޯޓުތައް ގާއިމުކުރުމަކީ ރައްޔިތުންގެ އިޖުތިމާޢީ އަދި އިގުތިޞާދީ ކުރިއެރުމަށް ޓަކައި ނުހަނު ބޭނުންތެރި ކަމެކެވެ. އެހެންވީމާ މާވަށުގައި އެއަރުޕޯޓެއް ގާއިމުކުކުރާންވީ ސަބަބެއް ނެތެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ދެއްވި ނޫސްކޮންފަރެންސެއްގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ހައްދުންމަތީގައި ތިންވަނަ އެއަރުޕޯޓެއްގެ ވިސްނުންފުޅެއް ނެތޭ ވިދާޅުވީ ކޮންމެވެސް ޖަޒުބާތީ ސަބަބަކާ ހުރެކަމަށް އެ މަނިކުފާނުގެ މޫނުފުޅުމަތީން އަޅުގަނޑަށް ދޭހަވިއެވެ. އެއީ އިސްދޫގައި އެއަރުޕޯޓެއް ގާއިމުކުރައްވާން ސަރުކާރުން ނިންމެވުމުން މާވަށުގައި ތިބި އިދިކޮޅު ފަރާތްތަކުން ހިންގި ހުތުރު ޙަރަކާތްތަކާއި އިއްވި ހުތުރު ބަސްތަކުން އެ މަނިކުފާނަށް މާ ބޮޑަށް އަސަރުކުރީކަމަށް ވެދާނެއެވެ.
އަދި އިސްދޫގައި އެއަރޕޯޓު އަޅާން ސަރުކާރުން ނިންމެވީތީ މާވަށު ކައުންސިލުގެ ރައީސުގެ އިސްތިޢުފާއަށް ވެސް ބަޔަކު ގޮވިއެވެ. އެއީ މިހާރުގެ ރައީސް އަޙުމަދު މޫސާ ހޮވުނަ ނުދޭން މަސައްކަތްކުރި މީހުންކަން މާވަށު ރައްޔިތުންނަށް އެނގުނަސް ރައީސުލްޖުމްހޫރިއްޔާއަށް އެ ކަން އެނގިވަޑައެއް ނުގަންނަވާނެތާއެވެ.
ހަގީގަތުގައި އެ ގޮތަށް ޣައިރު ސުލޫކީ ޢަމަލުތައް ހިންގުމަކީ މާވަށު ރައްޔިތުންގެ އުސޫލެއް ނޫނެވެ. ނަމަވެސް ކައުންސިލުގެ ރައީސާ ޚިޔާލު ތަފާތު، އަދި ސަރުކާރާ ޚިޔާލުތަފާތު ބަޔަކު ސިޔާސީ ސަބަބަކަށް ޓަކައި އެ ކަން އެ ގޮތަށް ކުރީކަމަށް ވެދާނެއެވެ.
މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރުމަކީ ކަނޑުމަގުން ކުރާ ދަތުރުގެ ދިގުމިނަށް ބަލާ އިރު، ލާޒިމު ކަމެއްކަމަށް ވިޔަސް ލ. އަތޮޅުގައި ތިންވަނަ އެއަރުޕޯޓެއް ދެން ގާއިމުކުރެވޭނީ މާވަށާ ކައިރީގައި ގިނަ ރިސޯޓުތަކެއް ހުޅުވިގެންކަމަށް ގަބޫލުކުރެވެއެވެ. މިހާރު ބައެއް ރަށްރަށް އެ ކަމަށް ދޫކުރައްވައިފައި ވިޔަސް އަދި ޢަމަލީ މަސައްކަތް ފެށިފައިނުވުމަކީ ވެސް މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރައްވާން ސަރުކާރުން ނުނިންމެވި ސަބަބެއްކަމަށް ވެދާނެއެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތު ބަދަލުނުކުރައްވާ ހައި ހިނދަކު، މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރައްވާން ލާޒިމެވެ. ނުވަތަ ގަވާއިދުން އެއަރޓެކުސީގެ ޚިދުމަތް ނަމަވެސް މާވަށަށް ފޯރުކޮށްދެއްވާން ޖެހެއެވެ.
އާދޭހެވެ! ހައްދުންމަތީގައި ދެވަނަ އެއަރުޕޯޓު ގާއިމުކުރާނީ އިސްދޫގައިކަމަށް ނިންމެވި ނިމްމެވުމަކީ ގިނަ ދުވަސްތަކެއްގެ ދިރާސާތަކަށްފަހު، އެ ސަރަޙައްދުގެ ބިމުގެ ބޮޑުކަމާއި އިގުތިސާދީ ދިރުމާއި ޒިރާޢީ ޚިދުމަތާއި ދަތުރުފަތުރުގެ ހަމަހަމަކަމަށް ބައްލަވައިގެން ނިންމެވި ހަރުދަނާ ނިންމެވުމެއްކަމަށް ގަބޫލުކުރެވެއެވެ. މިއީ އިސްދޫ ސަރަހައްދުގެ ރައްޔިތުންގެ ޒަމާންވީ އުންމީދުތަކުގައި ކުލަޖެހިގެންދާނެކަމެކެވެ. މި މަޝްރޫޢު ހިންގާން މާވަށާއި އިސްދޫ އަޅައި ބަލާ އިރު، ދަތުރުފަތުރުގެ ގޮތުން ކުޑަ ތަންކޮޅެއް މާވަށް ދުރުވާ ދުރުމިން ފިޔަވައި އެހެން ހުރިހައި ސަބަބުތައް މި ވަގުތު ބުރަވަނީ އިސްދޫ ކޮޅަށެވެ. ނަމަވެސް، މި މަޝްރޫޢު ކާމިޔާބުވާނީ ތިމާވެށްޓަށް ބަލައި، އަދި ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތާ ގުޅުވައިގެން އިސްތިރާޖީ ތަދުބީރެއްގެ ދަށުން މަސައްކަތް ކުރެވިގެންނެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމާ އެކު، ތިންވަނަ އެއަރުޕޯޓެއް މާވަށުގައި ގާއިމުކުރުމަކީ ލާޒިމުކަމެކެވެ. ސަބަބަކީ 35 މިނިޓުން ކަނޑުމަގުން ދަތުރުކޮށްފައި ނުދެވޭ ސަރަހައްދެއް ނޯންނަ ދުރުމިނުގައި އެއަރުޕޯޓު ގާއިމުކުރުމަށް ސަރުކާރުން ސިޔާސަތެއް ކަނޑައަޅުއްވައިފައިވާތީއެވެ. އެހެންކަމުން މި ކަމަށް މަގު ފަހިކުރުމަށް ޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން މާވަށާ ކައިރި ސަރަހައްދުގެ ރަށްރަށުގައި ރިސޯޓުތައް ގާއިމުކުރާން އެބަ ޖެހެއެވެ. އަދި ގެސްޓުހައުސް ވިޔަފާރިއަށް ފަހި މާހައުލެއް މާވަށުގައި ވެސް ގާއިމުކުރާން އެބަޖެހެއެވެ. އޭރުން މާ ދުރުނޫން މުސްތަގުބަލެއްގައި މާވަށުގައި އެއަރުޕޯޓެއް ގާއިމުކުރުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. މި ކަމަށް ޓަކައި މާވަށު މީހުން ބޭނުންކުރާންޖެހޭނެ އިސްތިރާޖެއްކަމަށް އަޅުގަނޑަށް ފެންނަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއި ކެތްތެރިކަމެވެ. ދެކޮޅުވެރިކަމާއި ނޭއްގާނީ ކަމަކީ ކަންކަން ހާޞިލުވާނެ މާގައެއް ނޫނެވެ. މައްކާގެ މުޝްރިކުން މުސްލިމުންނަށް ކުރަމުންދިޔަ އަނިޔާތަކާ އެކު ވެސް ކައު ރަސޫލާ މުސްލިމުންނަށް ދެއްވި އިރުޝާދަކީ [ތިޔަބައިމީހުންގެ އަތްތައް ނުބައި ކަންކަމުން ފޭކުރާށޭ، ﷲ ކާމިޔާބުދެއްވާނީ އޭރުންނޭ]އެވެ.
މާފުކުރެއްވުން އެދެމެވެ. މިއީ ހަމަ އެއްވެސް ވަރަކަށް ސަރުކާރުގެ ޚިޔާލު އެނގިގެން ނުވަތަ ސަރުކާރުން އެއްވެސް މަޢުލޫމާތެއް ހޯދައިގެން ލިޔުނު މަގާލެއް ނޫނެވެ. އަދި މިއީ މާވަށު އެއްވެސް މީހެއްގެ ޚިޔާލު ވެސް އެނގިގެން ލިޔުނު މަގާލެއް ވެސް ނުމެ ނޫންމެއެވެ. މިއީ މި ކަންކަމުގެ ވަށައިގެން ހުރި ސަބަބުތައް ދިރާސާކޮށް ތަހުގީގީ ނަޒަރަކުން ބަލައި ތަހުލީލުކޮށްގެން އަޅުގަނޑަށް ފެންނާން ހުރި ނަތީޖާތަކަށް ރިޢާޔަތްކޮށް ވަކި އަތަކަށް ނުޖެހި، އިޚުލާސްތެރިކަމާ އެކު، ލިޔެފައިވާ މަގާލެކެވެ. ހަގީގަތާ ޚިލާފު އެއްވެސް ވާހަކައެއް އަދި އެއްވެސް ފަރާތަކަށް ކުޑައިމީސް ބަހެއް ރައްދުވެފައިވާ ނަމަ، އެއީ އަޅުގަނޑުގެ ނާގާބިލުކަންކަމަށް ގަބޫލުފުޅުކުރައްވައި އަޅުގަނޑަށް މާފުކުރައްވާނެކަމަށް އުންމީދުކުރަމެވެ. މިއީ [ފަރަގު މީޑިއާ]ގެ އެދުމަކަށް ލިޔުނު މަގާލެއްކަން ވެސް މައުލޫމާތަށް ޓަކައި ދަންނަވައިލަމެވެ.
ބައެއް ލަފުޒުގެ މާނަ:
ނިހާއީ ނ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final
އިސްތިރާޖީ ނއ. މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategy
ވުނޭރު ނ. ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާ ވާ މީހާ. investor
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. article (written)
މާގަ ނ. މައްސަލައެއް ޙައްލުކުރުމުގައި ނުވަތަ ކަމެއް ކުރުމުގައި ވިސްނުން ބަހައްޓާ ނުވަތަ ޢަމަލުކުރާ ގޮތް. approach
ތަވާޒުނު ނ. ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance
ތަދުބީރު ނ. ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާ ރޭވުން. plan ޙިކުމަތް.
ލާޒިމު ނ. ކޮންމެހެން ކުރަންޖެހިފައިވާ. ނުކޮށް ދޫކޮށްލައިގެން ނުވާ. compulsory
ސިނާއަތު ނ. ރޯމާއްދާ ނުވަތަ ގުދުރަތީ ވަސީލަތް ބޭނުންކޮށްގެން ވިޔަފާރި އުސޫލުން ތަކެތި އުފެއްދުމުގެ ނުވަތަ ޚިދުމަތެއް ދިނުމުގެ މަސައްކަތް. industry
ޒިރާއީ ނ. ދަނޑުވެރިކަމާ ގުޅޭ. agricultural