ޑރ. މޫސާ އަންވަރު ޙަސަން
30 ޖޫން 2026
އަޅުގަނޑުމެންގެ މަޖިލިސްތަކާއި، ނޫސްތަކާއި، އަދި ދެކެވޭ ވާހަކަތަކުގައި އެންމެ ގިނައިން އިވޭ އެއް އަޑަކީ، އިރުމަތީގެ ޤައުމުތައް އަޅުގަނޑުމެންނަށް ވުރެ ކުރިއަރައިފިކަމާއި، ހުޅަނގުގެ ބާރުތައް އަޅުގަނޑުމެންގެ މައްޗަށް ކުރިހޯދައިފިކަމުގެ ވާހަކައެވެ. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ އުންމަތްތައް، ބާރާއި އިލްމާއި ސިޔާދަތުގެ މަގުގައި ހަލުވިކަމާ އެކު ކުރިއަށްދާ އިރު، އަޅުގަނޑުމެން ތިބީ އެ މީހުންގެ ފަހަތުން ފިޔަވަޅުތައް ގުނާންކަމުގެ ވާހަކައެވެ. މި ކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައިވަނީ، އަޅުގަނޑުމެން ބަލިކަށިވުމުގެ ސިއްރަކީ އެ މީހުންގެ ވަރުގަދަކަންކަމަށެވެ. އަދި އަޅުގަނޑުމެން ފަހަތަށް ދިއުމުގެ ސަބަބަކީ އެމީހުން ކުރިއެރުންކަމަށާއި، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމަކީ އެ މީހުން ހޯދި ބާރުވެރިކަމުގެ ސީދާ ނަތީޖާއެއްކަމަށެވެ.
ނަމަވެސް، އަޅުގަނޑުމެން ބަލާން ބޭނުންނުވާ، އަދި ބަލިމީހަކު އޭނާގެ ބަލި ފެނިދާނެތީ ލޯގަނޑަށް ބަލާން ބިރުގަންނަ ފަދައިން އަޅުގަނޑުމެން ފިލާން އުޅޭ ހަގީގަތަކީ މިއެވެ: އަޅުގަނޑުމެން ފަހަތަށް ދިޔައީ އެހެން ބަޔަކު ކުރިއަށް ދިޔުމަކުން ނޫނެވެ.
އަޅުގަނޑުމެން ޢިލްމަށް އިހުމާލުވެ، ޖާހިލުކަމުގެ ތެރެއަށް ވެއްޓުނީ ހުޅަނގުގެ ސަބަބަކުން ނޫނެވެ. އަދި އަޅުގަނޑުމެންގެ އުފެއްދުންތެރިކަމަށް ފަރުވާކުޑަކޮށް، ސިނާއަތްތައް ހީނަރުވީ އިރުމަތީގެ ސަބަބަކުން ވެސް ނޫނެވެ. ހަމައެހެންމެ، އިހުމާލާއި، ކޮރަޕުޝަނާއި، އަދި އިދާރީ ހިންގުންތެރިކަން ދަށްވުމުގެ ސަބަބުން އަޅުގަނޑުމެންގެ މުއައްސަސާތައް ބަލިކަށިވެގެން ދިޔައީ ކުރިއަރުފައިވާ އުންމަތްތަކުގެ ސަބަބަކުންނޫނެވެ.
އެއްވެސް އުންމަތަކަށް އެހެން އުންމަތެއްގެ ވިސްނުމާއި ބުއްދިއެއް ފޭރިއެއް ނުގަނެވޭނެއެވެ. އަދި އެ ބަޔެއްގެ ކިބައިގައިވާ އަޒުމާއި އިރާދަ އަތުލައި، އުނގެނުމާއި، މަސައްކަތްކުރުމާއި، އައު އީޖާދުތައް ކުރުމުން އެބަޔަކު ހުއްޓުވައެއް ނުލެވޭނެއެވެ. ކޮންމެ އުންމަތެއްގެ ވެސް ނަސީބާއި މުސްތަގުބަލު ބިނާވެފައިވަނީ، އެ ބަޔެއްގެ ކިބައިގައި ހުރި ތަސައްވުރާއި، ސާބިތުކަމާއި، އަދި ކެތްތެރިކަމެއްގެ މައްޗަށެވެ. އެހެންކަމުން، އުންމަތެއް ބާރުވެރިކަމުގެ ސިޑީން މައްޗަށް އަރައިގެންދާ ތަން ފެނުމުން، އެ މީހުން އެހައި މައްޗަށްއެރީ ކިހިނެއްތޯ ސުވާލުނުކުރާށެވެ. އޭގެ ބަދަލުގައި، ތިޔަބައިމީހުންގެ އުންމަތް އެއްވެސް ކުރިއެރުމެއް ނެތި އޮތް ތަނުގައި އޮތީ ކީއްވެގެންތޯ ސުވާލުކުރާށެވެ.
އަޅުގަނޑުމެންގެ ހާލަތު ގިނަ ފަހަރަށް ހުންނަނީ ފަރުބަދައެއްގެ މަތީގައި ހުރި މީހަކު، އެހެން މީހަކު އެ ފަރުބަދައިގެ ކުރިއަށް އަރާ ތަން ބަލާން ހުރެފައި، އޭނާ މަތީގައި ހުންނާން ޖެހުނު ސަބަބަކީ ކުރީން އެރި މީހާގެ ސަބަބުންކަމަށް ހީކުރާ ހީކުރުމާ އެއް ފަދަ ގޮތަކަށެވެ. އެ ފަރުބަދައިގެ ކުރީގައި އެކަކަށް ވުރެ ގިނަ މީހުންނަށް ޖާގަ އޮތްކަމާއި، އެ މީހާގެ ކުރިމަތީގައި މަގު ބަންދުވެފައި ނެތްކަން އޭނާއަށް ނޭނގެނީއެވެ. އޭނާ މައްޗަށް އެރުމަށް ހުރަސްއެޅީ އެހެން މީހުންގެ ފިޔަވަޅުތަކެއް ނޫނެވެ. އޭގެ ބަދަލުގައި އޭނާގެ އަމިއްލަ ފަސްޖެހުމާއި، ކަންނެތްކަމާއި، އަދި މައްޗަށް އަރާން ފެށުމުގެ ބަދަލުގައި، މައްޗަށް އަރާ މީހުންނަށް ބަލާން ހުރުމަށް ހުސްވެފައި ހުރި ހުރުމެވެ.
ޢިލްމީ މައިދާނަށް ނަޒަރު ހިންގަވައިލައްވާށެވެ. އުންމަތްތައް ކުރިއަރައިފައިވަނީ އެހެން ބަޔަކަށް ލިބިފައިނުވާ ފަދަ ޚާއްޞަ ސިކުނޑިތަކެއް އެބައިމީހުންނަށް އުޑުން ދެއްވައިފައިވުމުންހެއްޔެވެ؟ ނޫނީ، އެބައިމީހުން މަދަރުސާތަކަކީ ސިކުނޑިތައް ބިނާކުރާ ކާރުޚާނާތަކަކަށް ހަދައި، ޔުނިވަރސިޓީތަކަކީ ދިރާސާކުރުމުގެ މަރުކަޒުތަކަކަށް ހަދައި، އަދި ލެބޯޓްރީތަކަކީ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ މަސައްކަތްތެރިކަމުގެ ބިނާތަކަކަށް ހެދުމުންހެއްޔެވެ؟ މި އުންމަތްތަކަށް ވިސްނިފައިވާ ޙަޤީޤަތަކީ، އަސްލު މުއްސަނދިކަމަކީ ބިމުގެ އަޑީގައިވާ އެއްޗެއް ނޫންކަމާއި، އެއީ އިންސާނާގެ ސިކުނޑީގައިވާ އެއްޗެއްކަމެވެ. އެއީ މައުދަނު ނަގާ ކޮނޑުތަކެއްގައި ހުރި އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ހިލައިން ޢިލްމު އުފަންކުރުވާ، ޢިލްމުން ބާރުވެރިކަން ހޯދާ، އަދި އެ ބާރުވެރިކަމުން މަތިވެރި ތަހުޒީބެއް ބިނާކުރާނެ ގޮތް ދަންނަ ސިކުނޑިތަކެވެ.
ސިޔާސީ މައިދާނަށް ބަލައިލަމާ ހިނގާށެވެ! މިއަދު އަޅުގަނޑުމެންނަށް ފެންނާން އޮތް ނުފޫޒަކީ އިއްތިފާގަކުން ލިބިފައިވާ އެއްޗެއް ނޫނެވެ. އަދި އެއީ ވަގުތުތަކުގެ ތެރެއިން މީހަކު ބޭނުންވުމުން ހަދިޔާއަކަށް ލިބޭ އެއްޗެއް ވެސް ނޫނެވެ. އެއީ ވަރުގަދަ މުއައްސަސާތަކާއި، ހަރުދަނާ ހިންގުމާއި، އަދި ރައްޔިތުންގެ ކިބައިން އިޙުތިރާމްކުރުމަށް އެދުމުގެ ކުރީން ދައުލަތުން އިޙުތިރާމްކުރާ ޤާނޫނުތަކުގެ ނަތީޖާއެވެ. ޒަމާނީ ދައުލަތެއް ހަމައެކަނި ފޮނި ވާހަކަތަކެއްގެ މައްޗަކަށް ބިނައެއް ނުކުރެވޭނެއެވެ. އެއީ އިމާރާތެއްގެ ރީތިކަން ހަމައެކަނި އޭގައި ކުރަހައިފައި ހުންނަ ކުރެހުންތަކަށް ބިނާނުވާ ފަދައިންނެވެ. ދައުލަތް ބިނާވެގެންވަނީ ވަރުގަދަ ބިންގަލެއްގެ މައްޗަށެވެ. އެއީ ބޮޑު ގަހެއްގެ މޫތައް ބިމުގެ އަޑިއަށް ފުންކޮށް ފެތުރިފައިވާ ފަދައިންނެވެ.
ޢަސްކަރީ ބާރުވެރިކަމުގެ މައިދާނަށް ބަލާ އިރު، އެއް ދުވަސްވަރެއްގައި ބާރުވެރިކަމުގެ ނިޝާނަކީ ކަނޑިއެވެ. އޭގެ ފަހުން ބޮޑުބަޑިއެވެ. ނަމަވެސް މިއަދު ބާރުވެރިކަން އުފަންވަނީ ހަނގުރާމައިގެ މައިދާނަށް ނުކުތުމުގެ ކުރީން ލެބޯޓްރީތަކުގެ ތެރެއިންނެވެ. ޔުނިވަރސިޓީތަކަކީ ދިފާޢީ ނިޒާމުގެ މުހިންމު ބަޔަކަށް ވެއްޖެއެވެ. ދިރާސާވެރިޔާއަކީ ޤައުމުގެ ސިފައިންގެ މީހަކަށް ވެއްޖެއެވެ. އަދި ޢިލްމީ ފޯމިއުލާތަކަކީ ހަނގުރާމަމަތީ ބޯޓުފަހަރާއި، މަތިންދާބޯޓާއި، މިސައިލަށް ވުރެ ކުޑަ ނޫން ނުފޫޒެއް ފޯރުވާ އެއްޗަކަށް ވެއްޖެއެވެ. މި ޒަމާނުގައި ބާރުވެރިވާން އެދޭ މީހާ، ހަމައެކަނި ހަތިޔާރު ގަތުމުން ފުދޭކަށް ނެތެވެ. އޭގެ ބަދަލުގައި، އެ ހަތިޔާރު އުފައްދާނެ ސިކުނޑީގެ މިލްކުވެރިޔާއަށް އޭނާ ވާންޖެހެއެވެ.
އިގުތިސާދަށް ނަޒަރު ހިންގަވައިލައްވާށެވެ! ދުނިޔޭގެ ކުރީ ސަފުގައި ތިބި އުންމަތްތައް އެ ހިސާބަށް ދިޔައީ އެބައިމީހުންނަކީ އެންމެ ވަސީލަތްތައް ގިނަ ބަޔަކަށް ވީތީއެއް ނޫނެވެ. ނަމަވެސް، އެބައިމީހުންނަކީ ޢިލްމާއި، ތަރުތީބާއި، އަދި އަޚުލާޤީ ސާދާކަމުގެ ގޮތުން އެންމެ މުއްސަނދި މީހުންކަމުގައި ވީތީއެވެ. ވަސީލަތްތައް މަދު ކިތަންމެ ޤައުމެއް، އެ ޤައުމުގެ ދަރިންގެ ސިކުނޑީގެ ބޭނުން ހިފައިގެން މުއްސަނދިވެފައި އެބަހުއްޓެވެ. އަދި ޚަޒާނާތަކުން ފުރިފައިވާ ކިތަންމެ ޤައުމެއް، ހިންގުންތެރިކަން ނެތުމާއި ދުރުވިސްނުމެއް ނެތުމުގެ ސަބަބުން ފަޤީރުވެފައި އެބަހުއްޓެވެ. މި ޒަމާނުގައި މުއްސަނދިކަމަކީ ހަމައެކަނި ބިމުން ނަގާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޢިލްމާއި، އައު އީޖާދުތަކާއި، އަދި އުފެއްދުންތެރިކަމުގެ ތެރެއިން ހޯދައިގަނެވޭ އެއްޗެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ހާލަތު ސިފަކުރެވެނީ، ދިގު މުއްދަތަކަށް އޭނާގެ ދަނޑަށް އަޅައިނުލައި ދޫކޮށްލި ދަނޑުވެރިއެއްގެ މިސާލުންނެވެ. އޭގެ ސަބަބުން އެ ބިން ހިކި، ގަސްތައް މޯޅިވެފައި ވަނިކޮށް، އަވަށްޓެރީންގެ ފެހިކަން ގަދަ ބަގީޗާތަކަށް ބަލައި އޭނާ ސުވާލުކުރެއެވެ: [އެމީހުންގެ ބަގީޗާތަކުން މޭވާ ލިބިފައި، އަހަރެންގެ ބަގީޗާއިން މޭވާ ނުލިބުނީ ކީއްވެހެއްޔެވެ؟] ނަމަވެސް، މައްސަލައަކީ އެހެން މީހުންގެ ބިންތަކުގެ މޮޅުކަން ނޫންކަމާއި، އޭނާގެ އަމިއްލަ ބިން ކޮށައި، ފެންދީ، ބަލަހައްޓައިފައި ނުވުންކަން އޭނާގެ ހިތުގެ އަޑީން ގަބޫލުކުރެއެވެ.
އަޅުގަނޑުމެންގެ ނާކާމިޔާބީގެ ސަބަބުތައް އަމިއްލަ ނަފްސުގެ ބޭރުން ހޯދާތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ބައެއް ފަހަރު އެހެން މީހުންގެ ރޭވުންތަކާއި މަކަރުވެރިކަމަށް އިނގިލި ދިއްކުރާ އިރު، އަނެއްބައި ފަހަރު ދިމާވަނީ ހަތުރުންގެ ބާރުގަދަކަމާއެވެ. އަދި ބައެއް ފަހަރު ދުނިޔެއަށް އަންނަ ބަދަލުތަކުގެ ވާހަކަ ދައްކަމެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، އުންމަތްތަކުގެ މެދުގައި ވާދަވެރިކަން އޮންނާނެއެވެ. މަސްލަހަތުތައް ފުށުއަރާނެއެވެ. ބާރުގަދަ މީހުން އެމީހުންގެ ބާރު އިތުރުކުރާން މަސައްކަތްކުރާނެއެވެ. ނަމަވެސް، ދިރިހުރި އުންމަތްތަކުން އެ ކަންކަމަކީ ކަންނެތްވުމަށް ދައްކާ އުޒުރަކަށް ނުވަތަ ފަސްޖެހުމަށް ދައްކާ ބަހަނާއަކަށް ނުހަދައެވެ. އެ ފަދަ އުންމަތްތަކުން ހަގީގަތާ ކުރިމަތިލައި، އަމިއްލަ ނަފުސާ ސުވާލުކުރެއެވެ: [އަހަރެމެންނަށް ކުރެވޭނީ ކޮން ކަމެއްހެއްޔެވެ؟] އެއީ [އެހެން މީހުން އަހަރެމެންނަށް ކުރީ ކީއްހެއްޔެވެ؟] މި ސުވާލުގެ ބަދަލުގައެވެ.
އުންމަތަކަށް ކުރިމަތިވާނެ އެންމެ ނުރައްކާތެރި ކަމަކީ، އެ ބަޔެއްގެ މުސްތަގުބަލާ މެދު އޮންނާންޖެހޭ ޒިންމާދާރުކަމުގެ އިހުސާސް ގެއްލުމެވެ. އެ ހިސާބުން، އެ އުންމަތަކީ ތާރީޚު ބައްޓަންކުރާ ބަޔެއްގެ ބަދަލުގައި، ތާރީޚު ހިނގަމުންދާ ގޮތް ބަލާން ތިބޭ ބަޔަކަށް ބަދަލުވެއެވެ. އަދި ކަންކަން ހިންގާ ބަޔެއްގެ ބަދަލުގައި، ކަންކަން ކުރެވޭ ބަޔަކަށް ވެދެއެވެ. އެހެންނަމަވެސް، އެ ބަޔެއްގެ މުސްތަގުބަލު ބިނާވެފައިވަނީ އަމިއްލަ އަޒުމުގެ މައްޗަށްކަމަށް ގަބޫލުކުރާ އުންމަތްތަކުން، އެހެން މީހުންގެ ކުރިއެރުމަކަށް ބިރެއްނުގަންނާނެއެވެ. އެއީ ކުރިއެރުމުގެ މަގު އަދި ވެސް އޮތީ އެ މީހުންގެ ކުރިމަތީގައި ހުޅުވިފައިކަން އެމީހުން ދަންނާތީއެވެ.
މީގެ މާނައަކީ އެހެން އުންމަތްތަކުން ހޯދައިފައިވާ ކާމިޔާބީތަކަށް ލޯމަރައިލުމެއްނޫނެވެ. ނުވަތަ އެ މީހުންގެ ތަޖުރިބާތަކުން ދަސްކުރުމަށް ފަސްޖެހުމެއް ވެސް ނޫނެވެ. އޭގެ ބަދަލުގައި، އެހެން މީހުންނާ މެދު ޙަސަދަވެރިވާ މީހެއްގެ ނަޒަރުން ބެލުމުގެ ބަދަލުގައި، ދަރިވަރަކު ފިލާވަޅަކަށް ބަލާ ފަދައިން ބަލާންޖެހެއެވެ. ހިކުމަތަކީ ވަކި ގައުމަކަށް ނިސްބަތްވާ އެއްޗެއް ނޫނެވެ. އިލްމަކީ ވަކި ނަސްލެއްގެ މިލްކެއް ނޫނެވެ. އަދި ތަރައްގީއަކީ ވަކި ބަޔަކަށް އެކަނި ޚާއްޞަވެފައިވާ އެއްޗެއް ވެސް ނޫނެވެ. އެއްވެސް އުންމަތަކަށް އާރޯކަމެއް ލިބިފައިވަނީ، އުފެއްދުންތެރިވުމުގެ ކުރިން ނަކަލުކުރާން ދަސްކޮށްގެންނާއި، އުނގަންނައިދިނުމުގެ ކުރިން ރަނގަޅަށް އުނގެނުމުގެ ސަބަބުންނެވެ.
އަޅުގަނޑުމެންގެ ތެރޭގައި އެތައް ޒަމާނަކަށް ބަހުސްކުރެވި، އޭގެ ސަބަބުން މަގުއޮޅިފައިވާ މައިގަނޑު ސުވާލަކީ [އެހެން މީހުން ކުރިއަރައިގެން ދިޔައީ ކީއްވެގެންތޯ؟] މިއެވެ. ނަމަވެސް، އަޅުގަނޑުމެން ކުރާންވީ އަސްލު ސުވާލަކީ [އަޅުގަނޑުމެން ފަހަތަށް ޖެހުނީ ކީއްވެގެންތޯ؟] މިއެވެ.
މި ސުވާލަށް އިޚުލާޞްތެރިކަމާއެކު ޖަވާބުދީ، ހަގީގަތާ ކުރިމަތިލާން ކެރޭ ހިތްވަރުގަދަ ބަޔެއްގެ ގޮތުގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސާ ކުރިމަތިލައިފި ނަމަ، ތަހުޒީބާއި ކުރިއެރުމުގެ މަގަކީ ފޮރުވިފައިވާ ސިއްރެއް ނޫންކަމާއި، އަދި އެއީ ކުރާން ނުކުޅެދޭ ފަދަ މުޢުޖިޒާތެއް ނޫންކަން ވެސް އެނގޭނެއެވެ. އޭގެ ބަދަލުގައި، އެއީ ޢިލްމާއި، ޢަމަލާއި، އަޚުލާޤީ ހަމަތަކާއި، ކެތްތެރިކަމުގެ އިތުރަށް ބުއްދީގެ ބޭނުންކުރުމަށް ދެވޭ އިޙުތިރާމެވެ. ޤައުމުތައް ބިނާކުރެވެނީ ހަމައެކަނި ހުވަފެންތަކަކުން ނޫންކަމާއި، ކަނޑުގެ ރާޅުތަކުގެ މަތީގައި ނާފަހަރު ބިނާނުކުރެވޭ ފަދައިން، ތަހުޒީބީ އުންމަތްތައް ބިނާވަނީ ޢިލްމީ މަރުކަޒުތަކާއި، ދިރާސާކުރާ ލެބޯޓްރީތަކާއި، ދައުލަތުގެ ވަރުގަދަ މުއައްސަސާތަކުގެ ތެރެއިންކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހެއެވެ.
ކުރިއެރުމުގެ މަގުގައި އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅަކީ، [އަޅުގަނޑުމެން ފަހަތަށް ދިޔައީ އެހެން މީހުން ކުރިއަރައިގެން ދިއުމުގެ ސަބަބުން]ކަމަށް ބުނެ ޒަމާނުއްސުރެ ދެކެމުން އައި ކުށް ހީއިން އަޅުގަނޑުމެން ސަލާމަތްވުމެވެ. އަޅުގަނޑުމެން ފަހަތަށް ޖެހުނީ އެހެން ބަޔަކު ކުރިއަރައިގެން ދިއުމަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކުރިއެރުމުގެ ވަސީލަތްތަކާ އަޅުގަނޑުމެން ދުރުވުމުގެ ނަތީޖާއެވެ. އަދި އަޅުގަނޑުމެން ބަލިކަށިވީ އެހެން ބަޔަކު ވަރުގަދަވުމަކުން ނޫނެވެ. ނަމަވެސް އެއީ އަޅުގަނޑުމެންގެ ކިބައިގައި ހުންނާންޖެހޭ ޢަޒުމާއި، ޢިލްމާއި، އިންތިޒާމުތަކުގެ ބަލިކަށިކަމުންނެވެ.
މި ޙަޤީޤަތް ގަބޫލުކުރެވިއްޖެ ނަމަ، މުޅި ދުނިޔެ ކުށްވެރިކުރުން ދޫކޮށްލައި، އަމިއްލަ ނަފްސު އިޞްލާޙުކުރުމަށް އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެއެވެ. އަދި އެހެން ޤައުމުތަކަށް ބަލާން ތިބުމުގެ ބަދަލުގައި އެ މީހުންނާ ވާދަކުރުމަށާއި، ތާރީޚާ މެދު ޝަކުވާކުރުމުގެ ބަދަލުގައި ތާރީޚު ބަދަލުކުރާ ބަޔަކަށް އަޅުގަނޑުމެން ވާނެއެވެ.
މަރުޖާ:
محمد أكرم الندوي އޮކްސްފޯޑް، 18 ޖޫން 2026 މ.
https://iumsonline.org/archives/132739