އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
23 ޖޫން 2026
ޕެލޭއާއި މެރަޑޯނާއަށް ފުޓުބޯޅައިގެ ރަސްގެފާނުގެ ލަގަބު ދެމުން އައި ނަމަވެސް މިއަދު ފުޓުބޯޅައިގެ ރަސްގެފާނަކީ ހަގީގަތުގައި ކޮބައިކަން އާޖެންޓީނާގެ ކައްޕި ލިއޮނަލް މެއްސީ ވަނީ ދުނިޔެއަށް ދައްކައިދީފައެވެ. ފީފާ ވޯލްޑު ކަޕު ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރައިލައި، ފުޓުބޯޅައިގެ އާ ތާރީޚެއް އޭނާ ވަނީ އަލުން ލިޔެދީފައެވެ. ރޮނާލްޑޯއަށް ނުވަތަ ލުކާކޫއަށް ނޫނީ މުޙަންމަދު ޞަލާޙަށް ނުވަތަ އެހެން ކުޅުންތެރީންނަށް ތާއީދުކުރާ މީހުން އުޅުނަސް މި ހަގީގަތް ގަބޫލުކުރާން އެންމެންނަށް ވެސް މަޖުބުރުކޮށްފިއެވެ.
މެއްސީ މި ބޮޑު ޝަރަފު ހޯދީ 2026ގެ ވޯލްޑް ކަޕުގެ ގުރޫޕު އިސްޓޭޖުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި 2 ލަނޑު ޖަހައި، އާޖެންޓީނާ 2-0 އިން މޮޅުކޮށްދިން މެޗުގައެވެ.
މި މެޗަށް ނުކުތްއިރު މެއްސީ ހުރީ ޖަރުމަނުގެ ކުރީގެ ފޯވާޑު މިރޮސްލާވު ކުލޯޒާ ހަދައިފައިވާ 16 ލަނޑުގެ ރެކޯޑާ އެއްވަރުކޮށްގެންނެވެ. ނަމަވެސް، އޮސްޓުރިއާ މެޗުގެ 38ވަނަ މިނެޓުގައި މެއްސީ ޖެހި ލަނޑާ އެކު، އޭނާ ވަނީ 17 ލަނޑު ޖަހައިގެން ދުނިޔޭގެ ރެކޯޑު މުގުރައިލައިފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ދެވަނަ ލަނޑެއް ޖަހައި، ވަރލްޑު ކަޕުގައި އޭނާ ޖެހި ޖުމުލަ ލަނޑުގެ އަދަދު ވަނީ 18އަށް މަތިކޮށްފައެވެ.
2026 ވާރލްޑު ކަޕުގައި މެއްސީ ދައްކަމުންދާ ކާމިޔާބު ކުޅުން
މި ފަހަރުގެ މުބާރާތް މެއްސީ ފެށީ ވަރަށް ވަރުގަދަކޮށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ހެޓުރިކެއް ހެދުމަށް ފަހު، ދެވަނަ މެޗުގައި އޮސްޓުރިއާ ކޮޅަށް ދެ ލަނޑު ޖަހައި، މިހައި ތަނަށް ކުޅުނު ދެ މެޗުން އޭނާ ވަނީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި މެއްސީއަށް ޖަހާން ލިބުނު ޕެނަލްޓީއެއް ނާކާމިޔާބުވި ނަމަވެސް، އޭނާ ވަނީ ހިތްވަރު އެލުވައިނުލައި މޮޅު ކުޅުމެއް ދައްކައި، އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރަށް ގެންގޮސްދީފައެވެ. އެ ބުރަށް ދާނީ އެންމެ ގަދަ 32 ޓީމެވެ. މި ކާމިޔާބީއާ ގުޅިގެން މެއްސީ ބުނެފައިވެއެވެ. [މިއީ ވަރަށް ޚާއްޞަ އިހުސާސެކެވެ. އަހަރެން އަބަދުވެސް ބަލަނީ ދަނޑުމަތީގައި ކުޅުން އުފާވެރިކަމާ އެކު ކުރިއަށް ގެންދެވޭތޯއެވެ. އެންމެ މުހިންމީ ޓީމަށް ލިބުނު ތިން ޕޮއިންޓެވެ.]
އޭނާ އެހެން ބުނި ނަމަވެސް ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބި ދުނިޔޭގެ ރެކޯޑެއް މުގުރައިލުމަކީ ޝަޚުޞީ ގޮތުން އޭނާ އުފާކުރާނެ އަދި އޭނާއަށް މުހިންމު ކާމިޔާބީއެކެވެ.
މެއްސީގެ މި އާދަޔާޚިލާފު ކާމިޔާބީއާ އެކު، އޭނާ މި ވަނީ ދުނިޔޭގެ ފުޓުބޯޅައިގެ ތާރީޚުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އިތުރަށް ވަރުގަދަކޮށް، ސަޕޯޓަރުންގެ ހިތްތަކުން ދުވަހަކު ވެސް ފަނޑުނުވާނެ ފަދަ ރެކޯޑެއް ގާއިމުކޮށްފައެވެ. އުމުރުން 38 އަހަރުގައި ވެސް މެއްސީ ދައްކަމުންދާ މި އާދަޔާ ޚިލާފު ކުޅުމަކީ މުޅި ދުނިޔެ ހައިރާންކޮށްލި ކަމެކެވެ.
ވާރލްޑު ކަޕުގެ ތާރީޚުގައި އެންމެ ކުރީގައިވާ ކުޅުންތެރީން:
|
ދަރަޖަ (ރޭންކު) |
ކުޅުންތެރިޔާގެ ނަން |
ގައުމު |
ޖެހި ލަނޑުގެ އަދަދު |
|
1 |
ލިއޮނަލް މެއްސީ |
އާޖެންޓީނާ |
18 |
|
2 |
މިރޮސްލާވް ކުލޯޒާ |
ޖަރުމަނުވިލާތް |
16 |
|
2 |
ކީލިއަން އެމްބާޕޭ |
ފަރަންސޭސިވިލާތް |
16 |
|
4 |
ރޮނާލްޑޯ (ލީމާ) |
ބުރެޒީލް |
15 |
ފުޓުބޯޅައިގެ ތާރީޚުގައި މެއްސީ
މެއްސީގެ މި ކާމިޔާބީއާ ގުޅިގެން އޭނާގެ ފުޓުބޯޅައިގެ އިހާއި ފަހުގެ ތާރީޚަށް ވެސް ބަލައިލުން މުހިންމެވެ. އާދޭހެވެ! ލިއޮނަލް މެއްސީއަކީ ހަމައެކަނި މޮޅު ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ފުޓުބޯޅައިގެ ތާރީޚުގައި މިހައި ތަނަށް ފެނުނު އެންމެ ނުފޫޒުގަދަ އަދި އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. އާޖެންޓީނާގެ ރޮސާރިއޯއަށް އުފަންވި މެއްސީގެ ފުޓުބޯޅަ ހަޔާތަކީ ހިތްވަރާއި، ގުރުބާނީއާއި، އާދަޔާޚިލާފު ހުނަރުން ފުރިފައިވާ ޝައުޤުވެރި ދަތުރެކެވެ.
މެއްސީއާއި ބާސެލޯނާ:
މެއްސީގެ އުމުރުން އެންމެ 11 އަހަރުގައި އޭނާއަށް ވަނީ ހޯމޯން ގުރޯތު ޑެފިޝިއެންސީ ކިޔާ ބައްޔެއް ޖެހިފައެވެ. މި ބައްޔަކީ، މި ނަމުން ވެސް އެނގޭ ފަދައިން، ހަށިގަނޑު ހެދިބޮޑުވުމަށް އެހީވާ ހޯމޯން މަދުކޮށްލާ ބައްޔެކެވެ. މި ބަލީގެ ފަރުވާއަކީ ވަރަށް އަގުބޮޑު ފަރުވާއެއްކަމަށް ވެއެވެ. އެހެންކަމުން އާޖެންޓީނާގެ އެއްވެސް ކުލަބަކަށް މި ޚަރަދުގައި ހިފާކަށް ނުކެރުނެވެ. ނަމަވެސް މެއްސީގެ ހުނަރު ދެނެގަނެވިފައިވާތީ އިސްޕޭންގެ ބާސެލޯނާއިން، އޭނާއާ އެއްބަސްވުމެއް ހަދައި އޭނާގެ ބޭސްފަރުވާގެ ޚަރަދާ ޙަވާލުވިއެވެ. މިއާ އެކު ބާސެލޯނާގެ މަޝްހޫރު "ލަމާސިއާ" އެކަޑަމީއާ މެއްސީ ގުޅުނެވެ.
ބާސެލޯނާގެ ރަން ޒަމާން
ބާސެލޯނާގެ ސީނިއަރ ޓީމަށް 2004ވަނަ އަހަރު މެއްސީ ރަސްމީ ގޮތުން ކުޅޭން ފެށިއެވެ. އޭނާ ބާސެލޯނާއަށް ކުޅޭން ފެށި ގޮތަށް 2021ވަނަ އަހަރާ ހަމައަށް އެ ކުލަބުގައި އޭނާ ދެމިހުއްޓެވެ. އެ ކުލަބުގައި އޭނާ ހޭދަކުރި، ގާތްގަނޑަކަށް 17 ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ވަނީ ޢަދަދުކުރާން ނޭނގޭހައި ގިނަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައެވެ.
ތަފާސްހިސާބަށް ބާލާ އިރު، ބާސެލޯނާއަށް ކުޅުނު 778 މެޗުގައި 672 ލަނޑު ޖަހައި، އެއް ކުލަބަކަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ދުނިޔޭގެ ރެކޯޑު ހެދިއެވެ. މި މުއްދަތުގައި ލަލީގާ މުބާރާތާއި ޔޫއެފާ ޗެމްޕިއަންސް ލީގު ހިމެނޭހެން 35 ތަށި ބާސެލޯނާއަށް އޭނާ ވަނީ ހޯދައިދީފައެވެ. އެހެންކަމުން [ބާސެލާނޯ]އަކީ މުޅި ދުނިޔޭގެ އެންމެން ދަންނަ މަޝްހޫރު ނަމަކަށް ވިއެވެ.
ގައުމީ ޓީމާ އެކު މެއްސީ ހޯދި ކާމިޔާބީތައް
ގައުމީ ޓީމާއެކު ކުރީކޮޅު ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، އާޖެންޓީނާގެ ތާރީޚުގައި މެއްސީ ވަނީ އެންމެ ކާމިޔާބު ކެޕްޓަނަށް ވެފައެވެ. ގިނަ އަހަރުތަކެއްގެ ދިގު އިންތިޒާރަކަށް ފަހު، 2021ވަނަ އަހަރާއި 2024ވަނަ އަހަރު ކޮޕާ އެމެރިކާ (އެމެރިކަން ކަޕު) އާޖެންޓީނާއަށް ހޯދައިދިނެވެ. 2022ވަނަ އަހަރު ޤަޠަރުގައި ބޭއްވި ވަރލްޑްކަޕް ކާމިޔާބުކޮށް އާޖެންޓީނާގެ ޤަދަރު އުފުލައިލަދިނެވެ.
ލިއޮނަލް މެއްސީއަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ އަހަރުތަކުގައި ހޯދައިގެން ތާރީޚުގެ ތެރެއަށް ވަދެފައިވާ އެންމެ މަޝްހޫރު ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެލޮންޑިއޯރ (Ballon d'Or) ، އަށް ފަހަރު ޙާޞިލުކޮށް އޭނާވަނީ އެއީ ފުޓުބޯޅާއިގެ ހަގީގީ ތަރިކަމުގައި ސާބިތުކޮށްދީފައެވެ.
އެއް އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް އޮތީ އޭނާއަށެވެ. 2012ވަނަ އަހަރު ޖެހި 91 ލަނޑުގެ ސަބަބުން [ގިނިސް] (ދުނިޔޭގެ) ރެކޯޑު ފޮތުން އޭނާ ޖާގަ ހޯދިއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ޔޫރަޕުން ދޭ ރަންބޫޓު ހަ ފަހަރު އޭނާ ޙާޞިލުކޮށްފައިވެއެވެ.
އަދި ވާރލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު (ވޯލްޑްކަޕު ގޯލްޑަންބޯލް) 2014ވަނަ އަހަރާއި 2022ވަނަ އަހަރު އޭނާ ވަނީ ޙާޞިލުކޮށްފައެވެ.
މެއްސީއާއި މިއަދު:
ބާސެލޯނާއަށް ފަހު ފްރާންސްގެ ޕީއެސްޖީ (PSG) އަށް ދެ އަހަރު ކުޅުމަށް ފަހު، މެއްސީ މިހާރު ކުޅެމުންދަނީ އެމެރިކާގެ އިންޓަރ މިއާމީ އަށެވެ. އެމެރިކާއަށް ބަދަލުވެ، އެ ކުލަބަށް ފުރަތަމަ ފަހަރަށް ތަށްޓެއް ހޯދައިދީ، އެމެރިކާގައި ފުޓުބޯޅައަށް އޮތް މަގުބޫލުކަން އޭނާ ވަނީ މުޅީން ބަދަލުކޮށްލައިފައެވެ. މި ފަހަރުގެ ވާރލްޑުކަޕުގައި އެމެރިކާ ހޯދަމުންދާ ނަތީޖާއިން ވެސް މި ހަގީގަތް ހާމަވާނެއެވެ.
އުމުރުން ދުވަސްވީ ނަމަވެސް، ދަނޑުމަތީގައި އޭނާ ދައްކާ ވިސްނުންތޫނު ކުޅުމާއި، ހިލޭ ޖެހުންތަކުން ވައްދައިލާ ރީތި ގޯލުތަކުގެ ސަބަބުންނާއި ހަލުވި ޙަރަކާތްތަކާއި، ހަމަޖެހިގެން ކުޅޭ ކުޅުމުގެ ސަބަބުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މެއްސީއަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ.
މި ވާހަކަ މިހެން މި ލިޔުނީ އަޅުގަނޑުގެ [ފޭވަރިޓު] ކުޅުންތެރިޔަކީ މެއްސީކަމަށްވާތީކީ ނޫނެވެ. ނަމަވެސް ހަގީގަތް ހާމަކޮށްލުމަށް ޓަކައެވެ. 2026ގެ ވާރލްޑުކަޕުގައި އަޅުގަނޑު ތާއީދުކުރަނީ އީރާނުގެ ޓީމަށެވެ. ނަމަވެސް އެންމެ [ފޭވަރިޓު] ކުޅުންތެރިއަކީ މިޞްރުގެ މުޙަންމަދު ޞަލާޙެވެ.
ނިންމައިލަމުން ދަންނަވައިލާނަމެވެ. އާންމުކޮށް މީހުން ކިޔާ ގޮތަށް [މެސީ]އޭ ނުލިޔެ [މެއްސީ]އޭ ލިޔުނީ އަޅުގަނޑަށް އޮޅިގެންނެއް ނޫނެވެ. އަދި ލެޓިންއަކުރުން ލިޔާ އިރު ދެ އެސް އަކުރު އޮންނާތީކީ ވެސް ނޫނެވެ. އެ ރަށު މީހުން އޭނާއަށް ގޮވައި އުޅެނީ އެހެންކަމަށްވާތީ، އަސްލު ގޮތަކީ [މެއްސީ]ކަމަށް ގަބޫލުކުރެވޭތީއެވެ.
ދެ ލަފުޒެއްގެ މާނަ:
ކައްޕި ނ. (1) ކައްޕިތާނަށް ކުރުކޮށް ކިޔާ ގޮތް. captain (2) ކުޅިވަރުކުޅޭ ޓީމެއްގައި ނުވަތަ އިސްކޫލުގެ ބައިތަކުގެ ތެރެއިން ބަޔެއްގައި އެންމެ އިސްކޮށް ހުންނަ ކުޅުންތެރިޔާ ނުވަތަ ދަރިވަރު. captain (3) ވަލާއި ނަނު ފަދަ ތަކެތި ފިރުކާން ފުރޮޅުލައި ހަދައިފައި އޮންނަ އާލަތެއް.
ކައްޕިތާނު ނ. ވައިގެތެރޭގައި ނުވަތަ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރުގައި ދަތުރާ ބެހޭ ގޮތުން ހުންނަ އެންމެ އިސް މީހާ. captain (2) ކުޅިވަރުކުޅޭ ޓީމެއްގައި ނުވަތަ އިސްކޫލުގެ ބައިތަކުގެ ތެރެއިން ބަޔެއްގައި އެންމެ އިސްކޮށް ހުންނަ ކުޅުންތެރިޔާ ނުވަތަ ދަރިވަރު. captain